‏ ‏ޒުވާން ވިޔަފާރިވެރިން އުފެއްދުމަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ‏‏ޒުވާނުން އަހުލުވެރިކުރުމަށްޓަކައި ސަރުކާރުން ލޯންޗްކޮށްފައިވާ ‏‏ގެޓްސެޓް ޕްރޮގްރާމުގެ ދަށުން، ލޯނަށް ‏‏އެޕްލައި ކުރުމުގެ ފުރުޞަތު އަންނަ އަހަރު ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު ހުޅުއްވާލައްވާނެކަމަށް ‏‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ‏ރައީސުލްޖުމްހޫރިއްޔާ މިކަން ‏‏ޢިއުލާނުކުރެއްވީ، ‏ ޒުވާނުންގެ ދުވަހާއި ގުޅިގެން ބޭއްވި ޚާއްސަ ހަފްލާއެއްގައި ‏‏ވާހަކަފުޅު ‏‏ދައްކަވަމުންނެވެ.‏

‏މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ‏5 އަހަރުގެ ‏‏ރާސްތާއަކަށް ދެމިގެންދާނެ މި ލޯން ސްކީމުގެ ދަށުން، 200 މިލިޔަން ރުފިޔާގެ ލޯން ޒުވާން ‏‏ވިޔަފާރިވެރިންނަށް ދޫކުރުމަށް ބަޖެޓުކުރެވިފައިވާކަމުގައި ވިދާޅުވިއެވެ. އަދި، ހަމައެކަނި މިއަންނަ ‏‏އަހަރު 40 މިލިޔަން ރުފިޔާގެ ޢަދަދެއް ބަޖެޓުކުރެވިފައިވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ‏‏ފާހަގަކުރެއްވިއެވެ.‏

‏މިމޭރުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިފަދަ ލޯން ސްކީމަކުން ‏‏ލިބިގެންދާނެ ފައިދާތަކުގެ މައްޗަށްވެސް އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، ‏ލޯނު ނެގުމުގައި އެއްވެސް ‏‏ފަރާތަކުން ރަހުނެއް ބަހައްޓަން ނުޖެހޭނެކަމަށާއި، ލޯނު ނަގައިގެން ފަށާ ވިޔަފާރިއެއް ނާކާމިޔާބު ‏‏ވެއްޖެނަމަ، އިތުރަށް އެކުދިން ދަރަނިވެރިވާކަށްވެސް ނުޖެހޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ‏

‏މީގެއިތުރަށް، ލޯނު ދޫކުރެވޭ ޒުވާނުންނަށް އިންކިއުބޭޝަން ސަރވިސް ނުވަތަ ‏‏ފަންނީ އެހީތެރިކަން ފޯރުކޮށްދެވޭނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ‏‏ފާހަގަކުރެއްވިއެވެ. މިދެންނެވި އިންކިއުބޭޝަން ‏‏ސަރވިސްގެ ތެރެއިން، ވިޔަފާރި ހިންގުމަށްޓަކައި ‏‏ބޭނުންވާ އިދާރީ ހުރިހާ ފަސޭހަތަކެއް، ނުވަ މަސްދުވަސް ވަންދެން ފޯރުކޮށްދިނުމަށް ‏‏ހަމަޖެހިފައިވާކަމުގައި އެމަނިކުފާނު ބަޔާންކުރެއްވިއެވެ. މިގޮތުން، ވިޔަފާރީގެ ޚިޔާލު ހިފައިގެން އަންނަ ‏‏ޒުވާނުންނަށް ފީސިބިލިޓީ ހެދުމަށާއި، ‏‏ކޮންސަލްޓަންސީ ދިނުމުގެ އިތުރުން، މަސައްކަތަށް ބޭނުންވާނެ ‏‏ކޮންސަލްޓަންޓުން ހޯދުމަށާއި، ވިޔަފާރިއަށް މީހުން ޢައްޔަނު ކުރުމުގައިވެސް އެހީތެރިވެދެއްވާނެކަމުގައި ‏‏ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.‏

‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން މިކުރައްވާ މަސައްކަތްތަކަކީ ‏‏ދިވެހި ޒުވާނުންނަކީ ‏‏ފަންނުވެރި ހުނަރުވެރި ވިޔަފާރިއަށް ނުކުންނަން ކެރޭ އަދި ‏‏މުޖުތަމަޢުގައި ހިމެނޭ ‏‏ނުބައި ކަންތައްތަކުން ދުރުވެ ‏‏ތިބި ބަޔަކަށް ހެދޭތޯ ކުރާ މަސައްކަތް‏ކަމުގައި ފާހަގަކުރެއްވިއެވެ. އަދި ‏‏ޒުވާނުން ބާރުވެރިކުރެވޭނެ އެންމެ ރަނގަޅު ގޮތެއްކަމަށް ސަރުކާރުން ޤަބޫލުފުޅުކުރައްވަނީ، ވިޔަފާރީގެ ‏‏ޚިޔާލު‏‏ ހުރި ފަންނުވެރި ކުދިންތަކެއް އެކުދިންގެ މަސައްކަތުން ވިޔަފާރިއަށް ނުކުމެވޭނެ ގޮތްތަކެއް ‏‏ތަނަވަސްކޮށްދެއްވުން ‏‏ކަމުގައިވެސް އެކަމަނިކުފާނު ބަޔާންކުރެއްވިއެވެ. ‏ މީގެއިތުރަށް، "‏ހިތްވަރާއެކީ ‏‏މަސައްކަތް ކުރަން ‏‏ބޭނުންވާ ކޮންމެ ކުއްޖަކަށް، ކޮންމެ ޒުވާނަކަށް އެކުއްޖާ އުދުހެން ‏‏ބޭނުންވަނީ މެދު ‏‏އުޑުގައި ކަމުގައި ވަންޏާ ފިޔަފަތް ‏‏އެހިސާބަށް ފަތުރާލެވޭ ހިސާބަށް ދެވޭ ވަރުގެ ޖާގައެއް ‏‏މިދެންނެވި ‏‏ލޯނު ސްކީމުގެ ދަށުން، ގެޓް ސެޓް ޕްރޮގްރާމްގެ ދަށުން ‏‏ހަދައިދޭނަން‏" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ‏‏ވިދާޅުވިއެވެ.‏