‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް، އެމެރިކާ ‏‏ސަރުކާރުން ރާއްޖެއަށް ‏‏ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިޝެލް ޖޭ. ސިސޯން ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.‏

ރައީސުލްޖުމްހޫރިއްޔާގެ‏‎ ‎‏އޮފީހުގައި އަންގާރަ ދުވަހު ހެނދުނު އޮތް ‏‏‏މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމެރިކާއިން ރާއްޖެއަށް ‏‏ކަނޑައެޅުއްވި ސަފީރުކަމުގެ މަޤާމުގައި ހުންނަވައިގެން، ރާއްޖެއަށް ‏‏އެކި‏‎‎‏ގޮތްގޮތުން ދެއްވި ‏‏އެއްބާރުލެއްވުމާއި ބެހެއްޓެވި ގާތްކަމަށްޓަކައި އެކަމަނާއަށް ޝުކުރު ‏‏‏އަދާކުރެއްވިއެވެ.‏

ދިވެހިރާއްޖެއާއި އެމެރިކާއާ ދެޤައުމުގެ ދެމެދުގައިވާ ގާތް ގުޅުމުގެ މައްޗަށާއި، މިގުޅުން ‏‏އިތުރު ދާއިރާތަކުގައި ފުޅާކުރެއްވުމާ ބެހޭގޮތުންވެސް މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާ ‏‏ކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް، ތަޢުލީމީ ދާއިރާއާއި، މީހުން ބިނާކުރުމުގެ ދާއިރާގެ އިތުރުން، ‏‏ބައިނަލްއަޤްވާމީ މަޝްރަހުގައި ދެޤައުމުގެ ޚާރިޖީ ގުޅުން އިތުރަށް ބަދަހިކުރެއްވިދާނެ ގޮތްތަކާ ‏‏ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އަދި، ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ގުޅުންތައް ‏‏މިހާރަށްވުރެ ބޮޑަށް ހަރުދަނާ ކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ބައްލަވައިލެއްވިއެވެ.‏

އެމެރިކާގެ ސަފީރުގެ ވާހަކަފުޅުގައި، ‏ އެމެރިކާއިން ރާއްޖެއަށް ކަނޑައެޅުއްވި ‏‏ސަފީރުގެ މަޤާމުގައި ހުންނަވައިގެން، ޚިދުމަތް ކުރެއްވުމަކީ، އެކަމަނާއަށް ލިބިވަޑައިގެންނެވި ވަރަށް ‏‏ބޮޑު ޝަރަފަކާއި ފަޚުރެއްކަމުގައި ވިދާޅުވިއެވެ. އަދި މި ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި، ރާއްޖެއާއި ‏‏އެމެރިކާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާ ކަމުގައިވެސް އެކަމަނާ ‏‏ފާހަގަކުރެއްވިއެވެ. މީގެއިތުރަށް، މިސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ހޯއްދަވާފައިވާ ބޮޑެތި ‏‏ކާމިޔާބީތައް ފާހަގަކުރައްވައި، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ތަހުނިޔާ ވިދާޅުވިއެވެ.‏

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ޙުސައިން ޝަރީފާއި، ފޮރިން ސެކްރެޓެރީ ‏‏ޑޮކްޓަރ ޢަލީ ނަޞީރު މުޙަންމަދު ބައިވެރިވެވަޑައިގެންނެވިއެވެ.‏