‏ ‏މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ފަރާތުން ބާއްވަވާ ޖިނާޢީ ޢަދުލުގެ ‏‏ނިޒާމް ހަރުދަނާކުރުމާ ގުޅޭ މަހާސިންތާ‏، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙައްމަދު ‏‏ޖަމީލް އަޙްމަދު ހުޅުއްވައިދެއްވައިފިއެވެ. ‏

މި މަހާސިންތާ ހުޅުއްވައިދެއްވުމަށް ހޮނިހިރު ދުވަހު ހެނދުނު ޓްރޭޑަރސް ‏‏ހޮޓެލުގައި ބޭއްވުނު ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ‏ ‏‏ރާއްޖޭގެ ހާލަތަށާއި، އިޖްތިމާޢީ ގޮތުންނާއި ‏‏އިޤްތިޞާދީގޮތުން ރާއްޖެއަށް އެންމެ ‏‏ބޮޑުބަދަލެއް ‏‏އައިސްފައިވާ އެއްދާއިރާއަކީ ރާއްޖޭގެ ޝަރުޢީ ނިޒާމުކަމުގައި ފާހަގަކުރެއްވިއެވެ. މިގޮތުން، ‏‏ރާއްޖެއަކީ ‏އިސްލާމީ އަސާސްތަކުގެ މަތީގައި ޤާއިމްވެފައިވާ، މިނިވަން ޑިކޮމްރެޓިކް ޤައުމަކަށް ‏‏ހެދުމަށްޓަކައި، 2008 ވަނަ އަހަރު ތަންފީޒުކުރަން ފެށުނު ގާނޫނު އަސާސީއަކީ ރައްޔިތުން ‏‏ދެކުނު ހުވަފެނެއްކަމުގައި ބަޔާންކުރެއްވިއެވެ.‏

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިމޭރުމުން ދެއްކެވި ވާހަކަފުޅުގައި، ‏ރައްޔިތުންގެ ‏‏މުދަލާއި ގޯތިގެދޮރުގެ ރައްކާތެރިކަން ކަށަވަރުކޮށްދީ، އަބުރުގެ ހިމާޔަތް ލިބިދޭނެ ގާނޫނީ ‏‏ވެއްޓެއް ‏‏ކަށަވަރު ވެފައި އޮތުމަކީ ކޮންމެ ރައްޔިތެއްގެ އުންމީދުކަމުގައި ވިދާޅުވިއެވެ. މީގެއިތުރަށް، ‏‏ވިޔަފާރިކުރާ ‏‏ފަރާތްތަކަށާއި، އިޤްތިޞާދު ކުރިއަރުވަން މަސައްކަތްކުރާ ‏‏ފަރާތްތަކަށް ރައްކާތެރިކަން ‏‏އިތުރުކޮށްދޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކޮށްދީ، ކުށްތައްކުރާ ފަރާތްތަކަށް ‏‏އެކަށީގެންވާ އަދަބު ‏‏ލިބި، އަދި ކުއްތަކުން އަނިޔާލިބޭ ‏‏ފަރާތްތަކުގެ ޙައްޤު ހިމާޔަތްކުރެވިފައިވާ ނިޒާމެއް ބައްޓަން ‏‏‏ވެފައިއޮތުމަކީވެސް ކޮންމެ ރައްޔިތެއްގެ އެދުން ކަމުގައި ފާހަގަކުރެއްވިއެވެ.‏

މިގޮތުން، 2008 ގެ ޤާނޫނު އަސާސީން ރާއްޖެއަށް ގެނެވުނު ބަދަލުތައް ‏‏ފުރިހަމަކުރުމުގައި ގިނަ މަސައްކަތެއް އަދިވެސް ކުރަންޖެހޭ ކަމުގައި ‏ރައީސުލްޖުމްހޫރިއްޔާގެ ނައިބު ‏‏ވިދާޅުވިއެވެ. އަދި، ޤާނޫނު އަސާސީގައި ‏‏ބަޔާންކޮށްފައިވާ އުޞޫލުތައް މާނަކުރުމުގައި، ‏އިންސާނީ ‏‏ކަރާމާތަށް ޙުރުމަތްތެރިކޮށް ހިތާ، މިނިވަން ތަހުޒީބީ މުޖުތަމަޢުތަކުގައި ޤަބޫލްކުރާ އުޞޫލުތަކަށް ‏‏ރިޢާޔަތްކޮށް، އެއުޞޫލުތަކުގެ މައްޗައް ޢަމަލުކުރެއްވުމަށް އެމަނިކުފާނު ނަސޭހަތްތެރިވެ ‏‏ވަޑައިގަތެވެ.‏

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ‏މުޖްތަމަޢުގެ އާންމު ‏‏ސަލާމަތްތެރިކަމަކީ ކޮންމެ ރައްޔިތެއްގެވެސް ޙައްޤެއް ކަމަށާއި، ތަހްޒީބީ މުޖްތަމަޢުއެއްގެ ‏‏މައިގަނޑު އެއްރުކުން ކަމުގައި ބަޔާންކުރެއްވިއެވެ. މިގޮތުން، ފިރިހެނަކަސް، އަންހެނަކަސް، ‏‏ޢުމުރުން ދުވަސްވީ މީހެއް ވިޔަސް ނުވަތަ ޒުވާނެއް ވިޔަސް ކުށެއް ކޮއްފިކަމުގައި ވާނަމަ، ‏‏އެކުށަކަށް ކަނޑައެޅިފައިވާ އަދަބު، ލިބިދޭން ޖެހޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ‏‏ކުށްތައް ތަކުރާރު ކުރާ ފަރާތްތަތަކަށް، ކުއްތަކަށް އަރައިގަތުން ހުއްޓުވޭފަދަ އަދަބުތައް ރާއްޖޭގެ ‏‏ޤާނޫނީ ނިޒާމުގެ ތެރޭގައި ކަނޑައެޅިފައި އޮންނަން ޖެހޭނެކަމުގައިވެސް އެމަނިކުފާނުގެ ‏‏ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.‏

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ‏‏ރާއްޖޭގެ މުޖްތަމަޢުގެ ‏‏ސަލާމަތްތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި، ޤާނޫނުހަދާ ހުރިހާ ‏‏‏ފަރާތްތަކުންވެސް ‏‏ގުޅިގެން މަސައްކަތްކުރެއްވުމަށް ގޮވައިލެއްވިއެވެ. މިގޮތުން، ރައްޔިތުންގެ ‏‏‏މަޖްލިހާއި، ‏‏ތަޙްޤީޤުކުރާ ފަރާތްތަކާއި، އަދި ޤާނޫނު ‏‏ހިންގުމުގައި ހަރަކާތްތެރިވާ ހުރިހާ ‏‏ފަރާތްތަކުންވެސް ‏‏ދިވެހި ‏‏މުޖުތަމަޢުގެ ސަލާމަތްތެރިކަމާއި، ‏‏ރައްކާތެރިކަމަށް އިސްކަންދެއްވައިގެން، ‏‏ހުރިހާ ފަރާތްތައް ‏‏ގުޅިގެން މަސައްކަތްކުރުމަކީ ޑިމޮކްރެޓިކް ‏‏‏މުޖުތަމަޢުއެއްގެ ހައިސިއްޔަތުން ‏‏އެބޭފުޅުންގެ ‏‏މަސްއޫލިއްޔަތެއް ކަމަށާއި، އިސްލާމީ މުޖުތަމަޢުއެއްގެ ‏‏‏ހައިސިއްޔަތުން އެބޭފުޅުންގެ ‏‏ޒިންމާއެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ‏