މިމަހުގެ 26 އިން 27 އަށް ނޭޕާލުގެ ކަތުމަންޑޫގައި އޮތް 18 ވަނަ ސާކް ސަމިޓުގެ ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރަހީމް، ނޭޕާލަށް ‏ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ބުރާސްފަތި ދުވަހު ރޭ މާލެ ‏‏ވަޑައިގެންފިއެވެ.‏

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، 18 ވަނަ ސާކް ސަމިޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ. މިގޮތުން، ދެކުނު އޭޝިޔާ ސަރަޙައްދުގެ ކުރިއެރުމަށްޓަކައި، ސާކް ޤައުމުތަކުން ދުނިޔޭގެ އެހެން ‏‏ޤައުމުތަކާއެކު، ވަކިވަކިން‏‎ ‎‏މަސައްކަތްކުރުމުގެ ބަދަލުގައި، އެއްޖަމާޢަތެއްގެ ގޮތުގައި ‏‏މަސައްކަތްކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

އަދި، ސާކް ސަމިޓުގެ ހަވާސާގައި، ސްރީލަންކާގެ ރައީސް މަހިންދަ ‏‏ރާޖަޕަކްސައާ، ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފުގެ އިތުރުން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައްދަލުކުރެއްވިއެވެ. ‏މިބައްދަލުކުރެއްވުންތަކުގައި ރާއްޖެއާ އެޤައުމުތަކާ ދެމެދުގައިވާ ގުޅުން އިތުރަށް ‏‏ބަދަހިކުރެއްވުމާއި، ‏‏ ސާކު އިތުރަށް ހަރުދަނާ ކުރެއްވުމާ ބެހޭގޮތުން ‏‏މަޝްވަރާ ކުރެއްވިއެވެ.‏

މީގެއިތުރަށް، ސަމިޓު ނިންމުމުގެ ރަސްމިއްޔާތުގައި އެއްޤައުމުން އަނެއް ޤައުމަށް ހަކަތަ ފޯރުކޮށްދިނުމާ ބެހޭ ގޮތުން މެންބަރު ޤައުމުތަކުގެ މެދުގައި ވެވުނު އެއްބަސްވުމެއްގައި ސާކުގެ ހާރިޖީ ވަޒީރުން ސޮއިކުރެއްވިއެވެ. އަދި 19 ވަނަ ސާކް ސަމިޓުގެ ޤަރާރުވެސް ފާސްކުރެވުނެވެ.