بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
 
މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޝިހާމް، ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޢިއްޒަތްތެރި މިނިސްޓަރ ޢަބްދުﷲ އަމީން، އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެހެނިހެން އިސްވެރިން، ތަޢުލީމީ ވުޒާރާގެ އިސްވެރިން، ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބައިނަލްއަޤްވާމީ އެކިއެކި ޖަމާޢަތްތަކުގެ އިސްވެރިން، އަދި މި އިޙްތިފާލުގައި ބައިވެރިވެވަޑައިގަންނަވާ އެންމެހައި ބޭފުޅުން.
 
الســّلام عليــكم ورحـمــة اللّـه وبـركاتـه
 
ސަރުކާރުން ކުރިއަށް ގެންދާ ޞިއްޙީ ސިޔތާސަތުގެ ތެރޭގައި ހިމެނޭ އެންމެ މުހއްމު އެއްބަޔަކީ، ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ރިޔާސަތާ ހަވާލުވެވަޑައިގަތުމަށްފަހުގައި ރާއްޖޭގެ ކޮންމެ ރައްޔިތަކީ، ފުރިހަމަ ޞިއްޙަތެއްގައި ދިރއުޅޭ ރައްޔިތެއްކަން ކަށަވަރުކޮށްދިނުން. އެ މަސައްކަތުގެ ތެރެއިން އެންމެ މުހިއްމު އެއް މަސައްކަތަކީ، ބަލިތަކުން ދުރާލާ ރައްކާތެރިވެވޭނެ ނިޒާމެއް ޤާއިމުކުރުން. އަދި އެފަދަ ނިޒާމަކަށްޓަކައި މަސައްކަތްކުރުން. މި މަސައްކަތް ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ވިސްނުންފުޅުގެ މަތިން އިބްތިދާއީ ގޮތުން މި މަސައްކަތް ފެށުމަށް އެންމެ ރަނގަޅުކަމަށް ބެލިފައި އޮތީ ރާއްޖޭގެ ތުއްތު ކުދިންނާ ހިސާބުން. މިއަދު އަޅުގަނޑުމެންނަށް މި ފާހަގަކުރެވެނީ، ރާއްޖޭގެ ސްކޫލްތަކުގެ މެދުގައި މިގޮތުން ކުރެވުނު ފުރަތަމަ މުޢާއިނާ ނުވަތަ ބެލިބެލުންތައް ބެލުމަށްފަހުގައި އެކަމުގެ ނަތީޖާ އަޅުގަނޑުމެންނާ ހަމައަށް އައިސް އެ ނަތީޖާ ހިއްސާ ކުރުމުގެ ވަގުތު.
 
އެނގިވަޑައިގަންނަވާނެފަދައިން ރާއްޖޭގެ ކޮންމެ ރައްޔިތަކީވެސް، ރައްޔިތުންގެ ތެރއިން ޚާއްޞަ ގޮތެއްގައި އަޅުގަނޑުމެންގެ އަންނަ އޮތް ޖީލުގެ ޞިއްޙަތާމެދު ވަރަށް ބުރަކޮށް މަސައްކަތް ކުރައްވައި އެކަމަށް ހެޔޮގޮތްތައް ހޯދަން އެދޭ ރައްޔިތެއް. އަދި ކޮންމެ ރައްޔިތަކީވެސް، ޞިއްޙީ ގޮތުން ރައްކާތެރި، ދުޅަހެޔޮ މާޙައުލެއްގައި އުޅެން ބޭނުންވާ ރައްޔިތެއް. އަޅުގަނޑު ދެކޭގޮތުގައި މިއަދު އަޅުގަނޑުމެންނާ ހަމައަށް މިއައި ނަތީޖާ، ވަރަށް ގިނަ ވާހަކަތަކެއް އެބަ އަންގައިދޭ. އެންމެ މުހިއްމު އެއްވާހަކައަކީ، އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި މިފަދަ މަސައްކަތުން ކުރިއެރުން ލިބިގެންދާނެކަން. ހަމައެއާއެކީގައި، ކުއްލި ގޮތަކަށް ނޭނގި ދިމާވާ ބޮޑެތި ބަލިތަކުން ސަލާމަތްވުމަށްޓަކައި ކުރަމުންދާ މަސައްކަތަށް އިތުރުކުރިއެރުމެއް އިރާދަކުރެއްވިއްޔާ މިފަދަ މަސައްކަތުގެ ތެރެއިން ލިބިގެންދާނެކަން. އަދި ހަމަ އޭގެއިތުރުން، ބަލިތަކުގެ އިބްތިދާއީ މަރުޙަލާގައި އެ ބަލިތައް ދަނެގަނެ، ބަލިތަކާ ދުރަށް ދިޔުމަށްޓަކައި މަސައްކަތްކުރެވުމަކީ، ޙަޤީޤަތުގައި ރާއްޖޭގައި ޞިއްހީ ގޮތުން، ޞިއްޙީ ދާއިރާއަށް އަޅުގަނޑުމެން ކުރަމުންދާ ހޭދަ ކުޑަވެ، ތަރުތީބު ކުރެވިގެން ބަލިތަކަށް ފަރުވާ ހޯދުމަށްޓަކައި، މަސައްކަތް ފެށިގެން ދިޔުމަށްޓަކައި ކުރެވޭނެ ވަރަށް މުހިއްމު މަސައްކަތްތަކެއް. އަދި އޭގެއިތުރުން، މިއަދުގެ މި މަސައްކަތުގެ އެންމެ މުހިއްމު އެއްކަމަކަށް ވެގެންދާނީ، ދުރާލާ ބަލިތަކުން ރައްކާތެރިވެވޭނެ ނިޒާމެއް އަޅުގަނޑުމެންގެ ތެރޭގައި ޤާއިމުވެގެން ދިޔުން. ހަމައެއާއެކީގައި، މިފަދަ ގޮތަކަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އަދި ހުރިހާ ސްކޫލެއްގެ ތެރޭގައި، ރާއްޖޭގެ ކުދިންނަށް އަމާޒުކޮށްގެން ބަލިތައް ދެނެގަތުމަށްޓަކައި ކުރެވުނު މުޢާއިނާއެއްގެ އެންމެ މުހިއްމު ނަތީޖާއަކަށްވެގެންދާނީ، ދެންމެ މިތާނގައި ފާހަގަކުރެވިގެން ދިޔަފަދައިން، ރާއްޖޭގެ ކުދިންނަށް ދިމާވެފައިވާ ބަލިތަކާއި އެ ބަލިތަކަކީ ކޮބައިކަން ފުރިހަމަގޮތުގައި އެއްކަމަކަށް ދެނެގަތުމާއެކީގައި، އަޅުގަނޑުމެންނަށް ޞިއްޙީ ގޮތުން ދިމާވެފައިވާ ކަންތައްތަކުގެ ފުރިހަމަ ރެކޯޑެއް، އިބްތިދާއީ މަރުޙަލާއިން ފެށިގެން ކުރިޔަށް އޮތްތާނގައި ރަނގަޅު ގޮތެއްގައި ރައްކާތެރިކަމާއެކީގައި ޤާއިމުވެގެން ދިޔުން. އަޅުގަނޑު ދެކޭގޮތުގައި، މިއީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި، ކޮންމެ ފަރުދަކުވެސް މިއަދު ސަމާލުކަން ދޭންޖެހޭ ކަމެއް.
 
މިއަދު އަޅުގަނޑުގެ އިލްތިމާސަކީ، މި މަސައްކަތަކީ ހަމައެކަނި ތުއްތުކުދިންނާ ހަމައިން އޮތް މަސައްކަތެއް ކަމުގައި ނިންމާނުލުން. އަޅުގަނޑުމެންގެ ރާއްޖޭގެ ބޮޑެތި މީހުންވެސް ހަމަ ކޮންމެ ރައްޔިތަކުވެސް ޞިއްޙީ ގޮތުން ދިމާވެފައިވާ ކަންތައްތައް ނުވަތަ ހުރި ކަންތައްތަކަކީ ކޮބައިތޯ ދެނެގަތުމަށްޓަކައި ކުރެވެން ހުރި ޓެސްޓްތައް މިފަދަ ގޮތެއްގައި ކުރުމަކީ މުހިއްމުކަމެއް. އަދި ޞިއްޙީ ގޮތުން ކޮންމެ ފަރުދެއްގެވެސް އަމިއްލަ ވާޖިބެއް އޮތްކަން ގަބޫލުކޮށް އަމިއްލަގޮތުން ކުރެވެން ހުރި ކަންތައްތައް ކުރުމަކީ، ޙަޤީޤަތުގައި ބަލިތަކާ ދުރަށް ދިޔުމަށްޓަކައި އެޅިގެންދާ ވަރަށް މުހިއްމު ފިޔަވަޅެއް. ހަމައެކަނި ހޮސްޕިޓަލްތަކަށް، ހަމައެކަނި ޑޮކްޓަރުންނަށް އަދި އަޅުގަނޑުމެންގެ ތެރޭގައި ވަސީލަތްތައް ޤާއިމުވެގެން އެ މައްޗަށް ބަރޯސާ ކޮށްގެން ބަލިތަކުން ރައްކާތެރިވެވިދާނެ ކަމަށް ގަބޫލުކުރުމުގެ ބަދަލުގައި ފުރިހަމަ ޞިއްޙަތެއްގައި، ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށްޓަކައި ތިމާގެ ދިރިއުޅުމަށް ތިމާ އަމިއްލަގޮތުން ކުރެވެން ހުރި ކަންތައްތައް ފުރިހަމަކުރުމަކީ، އަޅުގަނޑު ދެކޭގޮތުގައި ކޮންމެ ރައްޔިތެއްގެވެސް އަމިއްލަ މަސްއޫލިއްޔަތެއް. އެކަން އެގޮތަށް ކުރުމަށް އަޅުގަނޑު އިލްތިމާސްކުރަން.  
 
އެއާއެކީގައި މިއަދު މާތްﷲގެ ތަނަވަސް ރަޙްމަތާއެކީގައި، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަޢުލީމީ ދާއިރާއިންނާއި ޞިއްޙީ ދާއިރާއިންނާއި އަދި ހަމައެއާއެކީގައި، އަޅުގަނޑުމެންގެ ދިފާޢީ ވުޒާރާގެ ތެރެއިން ރާއްޖޭގެ ރައްޔިތުންނަށް ދުޅަހެޔޮ ޞިއްޙަތެއް ފޯރުކޮށްދިނުމަށްޓަކައި ހިންގަމުން ގެންދާ ތަފާތު ޕްރޮގްރާމްތަކުގެ އިތުރުން، ފުރިހަމަ ޞިއްޙަތަކީ ވަރަށް މަތިވެރި ނިޢުމަތެއް. އެއީ، މުސްލިމުންގެ ހައިސިއްޔަތުންވެސް އަޅުގަނޑުމެން އަމިއްލައަށް ވިސްނައި، އެ ނިޢުމަތުގެ ފައިދާ ހޯދައިގަތުމަށް ދީނީގޮތުން ވަރަށް މަތިވެރި އިރުޝާދެއް އައިސްފައިވާ މުހިއްމު ކަމެއް. ކީރިތި ރަސޫލާ ޙަދީޘްފުޅު ކުރައްވާފައިވަނީ، "نِعْمتانِ مغبونٌ فيهما كثير من الناس: الصحة والفراغ"މި ޙަދީޘްފުޅުގެ މާނައަކީ، ދެ ނިޢުމަތެއްގެ މަތިން މީސްތަކުން އެއާމެދު ވަރަށް ފަސޭހައިން، ކަން ފަސޭހަކޮށްލައެވެ. އެއް ނިޢުމަތަކީ، ޞިއްޙަތުގެ މަތިވެރި ނިޢުމަތެވެ. އަނެއް ނިޢުމަތަކީ، ހުސްވަގުތެވެ. އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، މި ދެ ކަމުގައިވެސް އަޅުގަނޑުމެން ރައްޔިތުން ފާރަވެރިވެ، މިކަމުން ފައިދާ ނެގުމަށްޓަކައި އަވަސްވެގަތުން.
 
މިއަދު ދެންމެ ނިމިގެންދިޔަ ރިޕޯޓުންވެސް އަޅުގަނޑުމެންނަށް އެނގިގެންދިޔަ ފަދައިން، ކުރިޔަށް އޮތް ދުވަސްތަކުގައިވެސް އިރާދަކުރެއްވިއްޔާ މިކަމަށްޓަކައި މުހިއްމު މަސައްކަތެއް ކުރެވިގެންދާނެ. މިއަދު މިއީ، އިބްތިދާއީ މަރުޙަލާގެ ވަރަށް އިބްތިދާއީ ކުދިންކޮޅަކަށް ނޫނިއްޔާ ވަރަށް ތުއްތު ކުދިންކޮޅަކަށް މި ސްކްރީނުގެ ފުރުޞަތު ލިބިގެންދިޔައީ. އެހެންނަމަވެސް، މީގެ އެންމެ މުހިއްމު މަސައްކަތްތަކެއް އަޅުގަނޑު ދެކޭގޮތުގައި ޞިއްޙީ ގޮތުން ހުރި ކަންތައްތައް ދެނެގަތުމަށްޓަކައި އަދި ޚަރަދުކުޑަކުރުމަށްޓަކައި ދުރާލާ ބަލިތަކުން ރައްކާތެރިވުމަކީ، މުހިއްމު ކަމަކަށްވާހިނދުގައި އަޅުގަނޑުމެންގެ ސާނަވީ މަރުޙަލާއަށް މި ފުރުސަތު ފަހިވެގެން ދިޔުމަކީ، ވަރަށް މުހިއްމު ކަމެއް.
 
އަޅުގަނޑު އުފަލާއެކީގައި ފާހަގަކުރަން، ﷲގެ ރަޙްމަތާއެކީގައި، ކުރިޔަށް މިއޮތް އަހަރު، ދިރާސީ އަހަރުގައި ގްރޭޑް 8 ން ފެށިގެން މި މަސައްކަތް ރާއްޖޭގެ ހުރިހާ ދަރިވަރުންގެ މެދުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފަށާނަން. އެކަމުގެ ފައިދާ، އިރާދަކުރެއްވިއްޔާ ރާއްޖޭގެ ދަރިވަރުންނަށް ލިބިގެންދާނެކަމަށް އަޅުގަނޑު އުއްމީދުކުރަން.
 
ހަމައެއާއެކީގައި، މި މަސައްކަތުގައި ހިމެނިވަޑައިގަންނަވާ ހުރިހާ ފަރާތްތަކުންވެސް، މިކަމަށް ބޭނުންވާ އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަކީ މުހިއްމު ކަމެއް. އަޅުގަނޑަށް ޚަބަރު ލިބިފައިވާ ގޮތުގައި މިހާރުވެސް މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ހެލްތާ ދެމެދު ވީ އެއްބަސްވުމުގެ އިތުރުން، މިކަމުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ސްކޫލްތަކުގެ ތެރޭގައި، ނަފްސާނީ އަދި އިޖުތިމާޢީ ގޮތުން ދިމާވާ ކަންތައްތަކުގެ ފަރުވާ ހޯދުމަށްޓަކައިވެސް ޙަރަކާތްތެރިވާ މުދައްރިސުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތަކެއް މާލޭގައި މިހާރުވެސް ވަނީ ހިންގިފައި. އަދި އޮސްޓްރޭލިޔާގެ ކޮންސަލްޓެންޓެއްގެ އެހީގައި އެކަމަށް ބޭނުންވާ މަސައްކަތްތައް މިހާރުވެސް ކުރިޔަށް އެބަދޭ. އޭގެ އިތުރުން، އޮންލައިންކޮށް އެމެރިކާގެ ޔުނިވަރސިޓީއަކާ ގުޅިގެން، މިހާރުވެސް ކުރު ކޯހެއްވަނީ މިފަދަ ކަންތައްތަކަށް ފަރުވާ ފޯރުކޮށްދިނުމަށްޓަކައި މި ކަމުގައި އުޅުއްވާ މުދައްރިސުން ފުރިހަމަކުރައްވާފައި.
 
އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالىރާއްޖޭގެ އެންމެހައި ރައްޔިތުންނަކީ، ދުޅަހެޔޮ ރައްޔިތެއް ކަމުގައި އެކަލާނގެ މިންވަރު ކުރެއްވުން. އަދި ރާއްޖޭގެ ދަރިވަރުންނަކީ، އަދި ރާއްޖޭގެ ތުއްތު ކުދިންނަކީ، ޚާއްޞަ ގޮތެއްގައި ފުރިހަމަ ޞިއްޙަތެއްގައި ދިރިއުޅޭ އަދި އެކަމުގެ މަތިވެރި ނިޢުމަތް اللّـه سبحـانـه وتعـالىމިންވަރު ކުރައްވާފައިވާ ބަޔަކު ކަމުގައި އެކަލާނގެ މިންވަރު ކުރެއްވުން. އަދި އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، އެކަލާނގެ ތައުފީޤާއި ބަރަކާތް މިންވަރު ކުރެއްވުން.
 
މިފަދަ ބުރަ މަސައްކަތްތަކެއް ކުރެއްވުމުގައި ވަރަށް ގިނަ ފަރާތްތަކެއް ގުޅިގެން ތަޢުރީފް ޙައްޤު މަސައްކަތްތަކެއް ވަނީ ކުރައްވާފައި. މި ކަމުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން އިސްނަންގަވައިގެން ކުރެއްވި މަސައްކަތާއި އޭގެއިތުރުން، މިނިސްޓަރ އޮފް ޑިފެންސް އަދި މިނިސްޓްރީ އޮފް ހެލްތް ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނަވައިގެން ވަރަށް ބުރަ މަސައްކަތްޕުޅުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރައްވަމުން ގެންދަވާ ޑިފެންސް މިނިސްޓަރ އޮނަރަބްލް ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމަށާއި، ހަމައެއާއެކީގައި ސްކޫލުތަކުގެ ހީވާގި ޕްރިންސިޕަލުންނަށް، އިސްވެރިންނަށް، މުދައްރިސުންނަށް، އަޅުގަނޑުމެންގެ ބެލެނިވެރިންނަށް މިކަމުގައި ހަރަކާތްތެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުން ކުރެއްވި ތަޢުރީފު ޙައްޤު މަސައްކަތް ފާހަގަކޮށް، އެ ހުރިހާ ބޭފުޅުންނަށް ޙައްޤު ޝުކުރު އަދާކުރަން. އާމީން
 
والســّلام عليــكم ورحـمــة اللّـه وبـركاتـه