‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމް، އިންޑިޔާގެ ބޮޑުވަޒީރު ‏‏ނަރެންދްރަ މޯދީއާ ބުދަ ދުވަހު ބައްދަލުކުރައްވައިފިއެވެ. ‏

18 ވަނަ ސާކް ސަމިޓުގެ ހަވާސާގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، ‏‏އިންޑިޔާއާއި ދިވެހިރާއްޖެއާ ދެމެދު އުފެދިފައިވާ ގާތް ގުޅުމާބެހޭގޮތުންނާއި، މި ގުޅުން އިތުރަށް ‏‏ބަދަހިކުރެއްވުމުގެ މައްޗަށް ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. ވަކިން ޚާއްޞަކޮށް، ރާއްޖޭގެ ޞިއްޙީ ‏‏ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި، އިންޑިޔާގެ އެހީތެރިކަން ރާއްޖެއަށް ހޯއްދެވުމާއި ބެހޭގޮތުން ‏‏ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.‏

‏ ‏މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިންޑިޔާ ‏‏ސަރުކާރުން ރާއްޖެއަށް އަބަދުވެސް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި ‏‏ޝުކުރު އަދާކުރެއްވިއެވެ. އިންޑިޔާގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައި، ރާއްޖެއަށް ބޭނުންވާ ކަންކަމުގައި، ‏‏އިންޑިޔާ ‏‏ސަރުކާރުން ރާއްޖެއަށް އެހީތެރިވުމަށް އަބަދުވެސް ތައްޔާރަށް އޮތް ކަމުގައި ވިދާޅުވިއެވެ.‏