ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމް، ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފާ ބުދަ ދުވަހު ބައްދަލުކުރައްވައިފިއެވެ.

18 ވަނަ ސާކް ސަމިޓުގެ ހަވާސާގައި ބޭއްވުނު މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތްގުޅުމާއި، އެގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ޙާއްޞަކޮށް، ވިޔަފާރިއާއި އިގްތިޞާދުގެ ދާއިރާއިންނާއި، މީހުން ބިނާކުރުމުގެ ދާއިރާގައި ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކުގެ މައްޗަށް ބައްލަވައިލެއްވިއެވެ. ‏

މީގެއިތުރަށް، ‏ސާކުގެ ޙަރަކާތްތައް މިހާރަށްވުރެ ފުޅާކޮށް، ސާކުގެ ހިންގުން ‏‏އިތުރަށް ‏‏ހަރުދަނާކުރެއްވުމަށްޓަކައި އެޅުއްވިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންވެސް ދެބޭފުޅުން ‏‏މަޝްވަރާކުރެއްވިއެވެ.‏

މިބައްދަލުކުރެއްވުމުގައި، ‏ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ ‏‏އޮންނަ ގާތް އަޚުވަންތަކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ރާއްޖޭގެ ތަރައްޤީއާއި ‏‏ކުރިއެރުމަށްޓަކައި، ޕާކިސްތާނު ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށާއި އެއްބާރުލެއްވުމަށްޓަކައި ‏‏ޝުކުރު އަދާކުރެއްވިއެވެ.‏

2013 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޙާބު ކާމިޔާބު ކުރައްވައި މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން، ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފު، ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމ‏ަށް މަރުޙަބާ ވިދާޅުވިއެވެ. މީގެއިތުރަށް، 1998 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އާ ޢިމާރާތް ހުޅުއްވައިދެއްވުމަށްޓަކައި އެމަނިކުފާނު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ކުރީގެ ރައީސް މަޢުމޫނު ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ބެހެއްޓެވި ފުރިހަމަ މެހްމާންދާރީގެ ހަނދާންތައް އާކުރައްވައި އެކަމަށްޓަކައި ޝުކުރުއަދާކުރެއްވިއެވެ.