‏ދެކުނު އޭޝިޔާ ސަރަޙައްދުގެ ކުރިއެރުމަށްޓަކައި، ސާކް ޤައުމުތަކުން ދުނިޔޭގެ އެހެން ‏‏ޤައުމުތަކާއެކު، ވަކިވަކިން‏‎ ‎‏މަސައްކަތްކުރުމުގެ ބަދަލުގައި، އެއްޖަމާޢަތެއްގެ ގޮތުގައި ‏‏މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ. ‏‏އެމަނިކުފާނު މިކަމަށް ގޮވައިލެއްވީ، ބުދަދުވަހު ނޭޕާލްގެ ކަތުމަންޑޫގައި ފެށުނު، ސާކުގެ އެންމެ ‏‏އިސްވެރިންގެ 18 ވަނަ ބައްދަލުވުން އިފްތިތާޙުކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ‏‏އެމަނިކުފާނުގެ ވާހަކަފުޅުގައި، ދުނިޔޭގެ އެހެން ސަރަޙައްދުތަކާ އެކު ސާކުން ޤާއިމްކޮށްފައިވާ ގުޅުން ‏‏ހަރުދަނާވަމުންދާކަން ފާހަގަ ކުރައްވައި، ކުރިއަށް އޮތްތާނގައި މި ގުޅުން އިތުރަށް ވަރުގަދަ ‏‏ވެގެންދާނެކަން ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ.‏

‏ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސާކުގެ ބާނީންގެ ތަޞައްވުރުގެ ‏‏މައްޗަށް އަލިއަޅުއްވައިލައްވަމުން، ސާކުގެ މެންބަރު ޤައުމުތަކުގެ މެދުގައި އޮތް ދޭދޭ ގުޅުން ‏‏ހަރުދަނާވުމުން މުޅި ސަރަޙައްދަށް އޭގެ ފައިދާ ކުރާނެ ކަމުގައި ވިދާޅުވިއެވެ. އަދި، ސާކަށް މިއަދު ‏‏ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ސާކް ޤައުމުތަކުގެ އަމަން އަމާންކަމާއި، ސަލާމަތާއި، ‏‏އިޤްތިޞާދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމާއި، ސާކުގެ ހުރިހާ ޤައުމެއްގެ ހުރިހާ ‏‏ރައްޔިތުންނަށްވެސް ފާގަތިކަން ކަށަވަރު ކޮށްދިނުމާއި، ސާކަކީ ތަޞައްވުރުތަކެއްގެ މައްޗަށް ‏‏ބިނާވެފައިވާ ޖަމްޢިއްޔާއެއްގެ ބަދަލުގައި ނަތީޖާ ނެރޭ، ބައިނަލްއަޤްވާމީ ދުނިޔޭގެ އިތުބާރު ލިބިފައިވާ ‏‏ޖަމްޢިއްޔާއަކަށްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.‏

‏ދެކުނު އޭޝިޔާގެ ތަރައްޤީއަށްޓަކައި ކުރެވޭ މަސައްކަތުގައި، ސާކުގެ ކޮންމެ މެންބަރު ‏‏ޤައުމަކުންވެސް ވަރަށް މުހިންމު ދައުރެއް އަދާކުރަމުން ގެންދާކަމުގައި ވިދާޅުވެ، ޖަމްޢިއްޔާއެއްގެ ‏‏ގޮތުން ސާކް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ރާއްޖެއިން ކޮށްފައިވާ މަސައްކަތްތައް ‏‏ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. އަދި، ވިޔަފާރިއާއި އިޤްތިޞާދަކީ، ރައްޔިތުންނަށް ފާގަތި ‏‏މުސްތަޤްބަލަކާއި، ސަރަޙައްދުގެ އަމަން އަމާންކަން ކަށަވަރު ކުރުމުގެ ތަޅުދަނޑިކަމުގައި ވިދާޅުވެ، ‏‏މިގޮތުން ލިބޭ ފުރުޞަތުތަކުގެ ފުރިހަމަ ބޭނުން ހިފުމަށް ސާކުގެ ހުރިހާ މެންބަރު ޤައުމުތަކަށް ‏‏ރައީސުލްޖުމްހޫރިއްޔާ ގޮވައިލެއްވިއެވެ.‏

‏ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކާމިޔާބު ޖަމްޢިއްޔާއަކަށް ސާކް ‏‏ހެދުމަށްޓަކައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި ކަންކަމަށް ‏‏ތަޢުރީފު ކުރައްވައި މަރުޙަބާ ވިދާޅުވިއެވެ.‏