‏މި ސަރުކާރުގެ ޞިއްޙީ ސިޔާސަތުގެ ދަށުން، ރާއްޖޭގެ ކޮންމެ ރައްޔިތަކީ ފުރިހަމަ ޞިއްޙަތެއްގައި ‏‏ދިރިއުޅޭ ‏‏ރައްޔިތެއްކަން ކަށަވަރުކޮށް ދިނުމަށްޓަކައި ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތަކީ ‏‏‏ބަލިތަކަށް ދުރާލާ ރައްކާތެރިވެވޭނެ ފަދަ ނިޒާމެއް ޤާއިމުކުރެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ‏‏ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ‏‏މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި މިނިސްޓްރީ އޮފް ހެލްތު ގުޅިގެން، ރާއްޖޭގެ ސްކޫލުތަކުގެ ގްރޭޑް ‏‏1 ގެ ދަރިވަރުންނަށް ޙާއްޞަކޮށްގެން ކުރިއަށް ގެންދެވި މެޑިކަލް ސްކްރީނިންގގެ ނަތީޖާ ‏‏ޢާންމުކުރެއްވުމަށް މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ‏‏ދައްކަވަމުންނެވެ.‏

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ކޮންމެ ދިވެހި ރައްޔިތަކީވެސް ‏‏ޞިއްޙީގޮތުން ރައްކާތެރި، ‏‏ދުޅަހެޔޮ މާޙައުލެއްގައި އުޅެން ބޭނުންވާނެ ރައްޔިތެއްކަމުގައި ‏‏ފާހަގަކުރެއްވިއެވެ. އަދި، ‏ގްރޭޑް 1 ގެ ދަރިވަރުންގެ މެޑިކަލް ސްކްރީނިންގ ޕްރޮގްރާމުގެ ‏‏ނަތީޖާއިން، ރާއްޖޭގެ ރައްޔިތުން ‏ދުޅަހެޔޮ ޞިއްޙަތެއް ބިނާކުރުމަށްޓަކައި ކުރަމުން އައި ‏‏މަސައްކަތްތަކަށް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ޔަޤީންކުރައްވާކަމުގައި ‏ރައީސުލްޖުމްހޫރިއްޔާގެ ‏‏ނައިބު‏ ބަޔާންކުރެއްވިއެވެ.‏

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، މިއަދު ޢާންމުކުރެވިގެން ދިޔަ ‏‏ރިޕޯޓުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން، ނޭނގި ދިމާވާ ބޮޑެތި ބަލިތަކުން ‏‏ސަލާމަތްވުމަށްޓަކައި ކުރަމުންދާ ‏‏މަސައްކަތަށް ކުރިއެރުން ލިބިގެންދާނެކަމުގައި އެމަނިކުފާނު ‏‏ވިދާޅުވިއެވެ. މީގެއިތުރަށް، ‏ބަލިތަކުގެ އިބްތިދާއީ މަރްޙަލާގައި އެބަލި ދަނެގަނެގަތުމަށް އެހީތެރިވެދޭނެ ‏‏ކަމުގައިވެސް ބަޔާންކުރެއްވިއެވެ. އަދި މި މަސައްކަތަކީ، ‏ރާއްޖޭގައި ޞިއްޙީ ދާއިރާއަށް ކުރަމުންދާ ‏‏ހޭދަ ކުޑަވެ، ތަރްތީބު ކުރެވިގެން ބަލިތަކަށް ފަރުވާހޯދުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމުގައިވެސް ‏‏އެމަނިކުފާނު ފާހަގަކުރެއްވިއެވެ.‏

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، މިއަހަރު ކުރިއަށްގެންދިޔަ ހެލްތު ‏‏ސްކްރީނިންގގެ ފައިދާ ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ލިބިގެންދިއުމަކީ ސަރުކާރުގެ އަމާޒުކަމުގައި ‏ ‏‏ވިދާޅުވިއެވެ. ‏މިގޮތުން، ސާނަވީ މަރުޙަލާގައި ކިޔަވަމުންދާ ދަރިވަރުންނަށް މިފަދަ ޕްރޮގްރާމެއް ‏‏މިއަންނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާނެ ކަމުގައި އެމަނިކުފާނު ބަޔާންކުރެއްވިއެވެ. ‏