ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމް، ސްރީލަންކާގެ ރައީސް މަހިންދާ ރާޖަޕަކްސާއާ އަންގާރަ ދުވަހު ބައްދަލުކުރައްވައިފިއެވެ.

18 ވަނަ ސާކް ސަމިޓުގެ ހަވާސާގައި ބޭއްވުނު މިބައްދަލުވުމުގައި ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމު ދެމެދުގައި އުފެދިފައިވާ ގާތްގުޅުމާއި، އެގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ސަރަހައްދުގައި ބާރުހުރި ޖަމާޢަތަކަށް ސާކް ހެދުމަށްޓަކައި، ސާކްގެ ހުރިހާ ޤައުމުތަކުގެ މެދުގައި ވިޔަފާރި އާއި އިޤްތިޞާދުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.
އަދި ބައިނަލްއަޤްވާމި މައިދާނުގައި ދިވެހިރާއްޖެ ފަދަ ކުދި ޤައުމުތައް ތަމްސީލު ކުރުމުގައި ސާކްގެ ދައުރު އިތުރަށް ފުޅާކުރަން ޖެހޭކަން ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. 


ސާކްއިން މިހާރު ކުރިއަށް ގެންދާ މުހިންމު މަޝްރޫޢުތަކުގެ މައްޗަށް ބައްލަވާލައްވަމުން، ސާކްގެ ޗެއަރޕާރސެންގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ސްރީލަންކާގެ ރައީސް ތަޢުރީފް ކުރެއްވިއެވެ.