ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 167 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން އުފައްދާފައިވާ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް، ޤާނޫނުއަސާސީގެ 168 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނު ނަންބަރު 2008/8 (އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން، ހުވަދު އަތޮޅު އުތުރުބުރި މާމެންދޫ އަލިވާގެ އަލްފާޟިލް އަމްޖަދު މުޞްޠަފާ، ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަނު ކުރައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އަލްފާޟިލް އަމްޖަދު މުޞްޠަފާ ޢައްޔަން ކުރެއްވުމުގެ ކުރިން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފުގެ ކުރިފުޅުމަތީގައި މެންބަރުކަމުގެ ޤާނޫނީ ހުވާ އެބޭފުޅާ ކުރެއްވިއެވެ.