ބިރު ދެއްކުމާއި، ތޫނު ހަތިޔާރާއި، ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ބިލަށް ސަރުކާރުން ހުށަހަޅުއްވާފައިވާ އިސްލާހުތައް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޗުއްޓީއަށް ވަޑައިގަތުމުގެ ކުރިން ފާސްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސް ކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ، ސަރުކާރުގެ ކާމިޔާބު 365 ދުވަސް ފާހަގަ ކުރުމަށްޓަކައި ރޭ ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން ބޭނުންވާ މިންވަރަށް ޤައުމީ ސަލާމަތް ހިމާޔަތްކުރުމަށާއި، ތޫނު ހަތިޔާރު ބޭނުން ކޮށްގެން އެހެން ދިވެހި ރައްޔިތުންނަށް ބިރު ދައްކާ އަނިޔާވެރި މުޖުރިމުންގެ އަތްތަކުން ދިވެހި ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި، ސަރުކާރުން މިހާރުވެސް ޤާނޫނީ އިސްލާހުތަކެއް މަޖިލީހަށް ހުށަހަޅުއްވާފައިވާނެކަން ފާހަގަ ކުރެއްވިއެވެ. އަދި، އެކަންކަން ކުރެއްވުމުގެ ބޭނުންފުޅަކީ، އަމާންކަމާއި ހަމަޖެހުން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދެއްވުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެއްވެސް ރަހުމެއް ނެތި ދިވެހި ރައްޔިތުން ކަތިލާ މީހުންނާ ދޭތެރޭ މި ސަރުކާރުގެ އެއްވެސް ރަޙުމެއް ނޯންނާނެ ކަމަށާއި، މަރުގެ ހުކުމް ތަންފީޒުކުރަންވެސް މި ސަރުކާރަށް ކެރޭނެ ކަމުގައި ވިދާޅުވިއެވެ. އަދި، މިކަން ކުރަނީ ސަރުކާރުން އިންސާނުންގެ ލޭ ބޭނުންވާތީކީ ނޫންކަމަށާއި، މިއީ އެހެން އިންސާނުންގެ ޙައްޤާއި، ކަރާމަތަށްޓަކައި ސަރުކާރުން ނިންމަވާފައިވާ ނިންމެވުމެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ދިވެހިރާއްޖެއަކީ ވަކި މީހެއްގެ ތަނެއް ނޫންކަމަށާއި، ދިވެހި ކޮންމެ ރައްޔިތަކަށްވެސް ހިތްހަމަޖެހުމާއެކީ ދިރިއުޅެވެންވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، އެކަކު އަނެކަކުގެ ޙައްޤުތަކަށް އަރައިގަނެގެން ނުވާނެ ކަމަށާއި، މި ސަލާމަތްތެރިކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ އިސް ވާޖިބަށް ވާންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ފުރަތަމަ ދައުލަތުގެ ސަލާމަތްކަން. ފުރަތަމަ ބޭނުންވަނީ ރައްޔިތުންގެ މަސްލަޙަތު، ރައްޔިތުންގެ ސަލާމަތްކަން. ދިވެހިރާއްޖެ މިކަހަލަ ޖަރީމާތަކުން ސަލާމަތްކުރުމަކީ މި ސަރުކާރުގެ އެންމެ ވަރުގަދަ އަޒުމް. އިރާދަކުރެއްވިއްޔާ އެކަން ކުރާނަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.