بســم اللّـه الرّحمـن الرّحيــم

      
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
 
ކުޅުދުއްފުށީގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، އަތޮޅު ކައުންސިލްގެ ކައުންސިލަރުން، ރަށު ކައުންސިލްގެ ކައުންސިލަރުން، އަޅުގަނޑާއެކީ ވަޑައިގެންނެވި އެންމެހައި ޢިއްޒަތްތެރި ބޭފުޅުން، މި ދާއިރާގެ، ކުޅުދުއްފުށީ ދެކުނު ދާއިރާގެ، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު، އަޅުގަނޑުމެންގެ އަޚު މުޙައްމަދު ނަޝީދު. އަދި ހަމައެހެންމެ، ހޯރަފުށީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު، އަޅުގަނޑުމެންނާއެކީ ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ މުޙަންމަދު އިސްމާޢީލް. އަދި އަޅުގަނޑުމެންގެ އަޑު، ދުރާއި ގާތުން އައްސަވަމުން ގެންދަވާ އެންމެހައި ދިވެހި ލޮބުވެތި އުޚުތުން، އަޚުން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه،
 
އާދެ، އަޅުގަނޑު ފުރަތަމަ އުފަލެއް ކަމުގައި ދެކެން، އަދި ވާޖިބެއް ކަމުގައިވެސް ދެކެން. އަޅުގަނޑުމެން މިރަށަށް އައުމުން، ތިޔަބޭފުޅުން ތިޔަ ވިދާޅުވި ހޫނު މަރްޙަބާ. އިޚްލާޞްތެރިކަމާއެކީ އަޅުގަނޑުމެންނަށް ތިޔަ ވިދާޅުވި މަރްޙަބާ. އެކަމަށްޓަކައި އަޅުގަނޑުގެ ނަމުގައި އަދި އަޅުގަނޑާއެކީ ދަތުރުކުރައްވާ ޓީމުގެ މެންބަރުންގެ ނަމުގައި، ކުޅުދުއްފުށީގެ އެންމެހައި އުޚުތުންނަށް، އަޚުންނަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
 
އަދި ހަމައެއާއެކީ ދަންނަވާލަން ބޭނުންވަނީ، ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ކުޅުދުއްފުށްޓަށް އެކިފަހަރު މަތިން އެ ކުރެވުނު ދަތުރުތަކުގައި، ކުޅުދުއްފުށްޓާއި އުތުރަށް، ޚާއްޞަކޮށް، ހދ.ގެ ދާއިރާއަށް އަޅުގަނޑުމެންގެ ސިޔާސީ އަދި އިޤްތިޞާދީ ތަޞައްވުރެއްވާކަމަށް ތަކުރާރުކޮށް ވާނީ ދެންނެވިފައި. އޭރު އަޅުގަނޑުމެން ބައެއް ވާހަކަތައް ދެންނެވިން. ހަމައެއާއެކީ އަޅުގަނޑުމެން ދެންނެވިން، އަޅުގަނޑުމެން ވިސްނާގޮތުން ވެއްޖިއްޔާ، ދިވެހިރާއްޖެއަށް އެންމެ ބޮޑަށް ބޭނުންވަނީ، ޒުވާނުންނަށް ހަމަޖެހުމެއް ގެންނާނެ ތަޞައްވުރެކޭ. ޒުވާނުންނަށް ހަމަޖެހުމެއް ގެންނަންޖެހޭ ތަޞައްވުރެއް ގެންނަން މިޖެހެނީ، އަޅުގަނޑުމެންގެ ބޯހިމެނުމުގެ ހިސާބު، މިއަހަރުގެ ނިޔަލަށްދާންވާއިރަށް، ޕްރޮސެސް ކުރެވިގެން އަޅުގަނޑުމެންނާ ހަމަޔަށް ފޮތްތަކުގެ ސިފައިގައި ލިބިގެންދާނެ. 8 އަހަރު ވެއްޖެ، ބޯހިމެނުމުގެ އެއްވެސް މަސައްކަތެއް ނުކުރެވޭތާ. ބޯހިމެނުމުގެ ނަތީޖާއިން އަޅުގަނޑުމެންނަށް ފެންނަގޮތުން އަޅުގަނޑުމެންނަށް އެނގޭނެ، އަޅުގަނޑުމެންގެ އާބާދީގެ ޒުވާންކަން އޮތް މިންވަރު. އަދި ދުވަސްވީ މީހުން ދުވަސްވަމުންދާ މިންވަރާއި، ދުވަސްވީ މީހުންގެ ގިންތީގައި ތިއްބެވީ ކިހާ ބައެއްތޯ އަޅުގަނޑުމެންނަށް އެނގިގެންދާނެ.
 
ކޮންމެ ސަރުކާރަކަށްވެސް، ސަރުކާރެއް އިންތިޚާބުވުމަށްފަހު ކޮށްދޭންޖެހޭ ކަންތައްތަކެއް މި ކޮށްދެވެނީ، ރައްޔިތުންގެ ހިތްހަމަޖެހުމަށް. ރައްޔިތުންގެ މަޞްލަޙަތަށް. ރައްޔިތުންގެ ކުރިއެރުމަށް. ރައްޔިތުންގެ ކުރިއެރުމަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި، ދެންމެ  މި ދާއިރާގެ މެންބަރުގެ ވާހަކަފުޅުގައި އެ ވިދާޅުވިގޮތަށް، އިޤްތިޞާދީ ގޮތުން ހަމަޖެހުމެއް ހޯދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ހުރޭ. ހަމައެޔާއެކު، އިޤްތިޞާދު، އަޅުގަނޑުމެން ދާން ބޭނުންވާ މިންވަރުގައި، އަޅުގަނޑުމެންނާ ފައިހަމަނުކުރެވުނު ކަމުގައިވީނަމަވެސް، ރައްޔިތުންނަށް ޟަރޫރީގޮތުން ބޭނުންވާ ކަންތައްތަކެއް ހުންނާނެ. އޭގެތެރޭގައި، ދަތިހާލުގައި އުޅެންޖެހިފައި ތިބި މީހުންނަށް ޚާއްޞަ ޢިނާޔަތްތަކެއް ދެވޭނެ ގޮތްތަކެއް ހުންނާނެ. އަދި ހަމައެހެންމެ، ޞިއްޙީ ދާއިރާގެ ޚިދްމަތަށް އެދިގެން ތިބި އެކިއެކި ރަށްރަށުގެ މީހުންނަށް، ޞިއްޙީ ދާއިރާގެ ޚިދްމަތްތައް ފޯރުކޮށްދެވޭނެ ގޮތްތަކެއް އޮންނަންވާނެ. ކުޅުދުއްފުށި ކަހަލަ، ދިހަހާހަށްވުރެ ބޮޑު އާބާދީއެއް އޮންނަ ރަށަކަށް ބޭނުންވާނެ މިކަހަލަ މެޓްރޮޕޮލިސްއަކަށް ބޭނުންވާނެ ހުރިހާ މުނިސިޕަލް ޚިދްމަތްތަކެއް ލިބުމުގެ މަސައްކަތްތައް ތަނަވަސްވެގެންދާންވާނެ.
 
މިވާހަކަ ދަންނަވާއިރު، ކުޅުދުއްފުށީގައި ހުރެގެން އުފަލާއެކީ ދަންނަވާލަން ބޭނުންވޭ، ކުޅުދުއްފުށްޓަކީ ޙަޤީޤަތުގައި މިދެންނެވި ކަހަލަ އިންފްރާސްޓްރަކްޗަރަށް ބަލާކަމަށްވަންޏާ، ރާއްޖޭގެ ގިނަ ރަށްރަށަށްވުރެ ކުރީގައި އޮތް ރަށެއް. މަގުތަކަށް ބެލިކަމުގައިވީ ނަމަވެސް، ހޮސްޕިޓަލްގެ ޚިދްމަތަށް ބެލިކަމުގައިވިނަމަވެސް، ނަރުދަމާއަށް ބެލިކަމުގައިވީނަމަވެސް، އަދި މިނޫން އެހެން ބައެއް ކަންތައްތަކަށް ބެލިކަމުގައިވީނަމަވެސް. އެހެންނަމަވެސް، ޠަބީޢީ ގޮތުންވެސް އިންސާނުންގެ ބޭނުންތަކަކީ، އެއްގޮތަކަށްވެސް ޙުދޫދު ކުރެވިގެންވާ ކަންތައްތަކެއް ނޫން. ރަށުގެ އާބާދީ ބޮޑުވެގެންދިޔަ މިންވަރަކަށް، ރަށުގެ ބޭނުންތައް އިތުރުވަމުންދާ މިންވަރަކަށް، ޠަބީޢީ ގޮތުންވެސް ބޭނުންވާނެ ކަންތައްތައް ހުންނާނެކަން އަޅުގަނޑު ގަބޫލުކުރަން. މިކަންކަމަށް އީޖާބީ ޖަވާބެއް ދިނުމުގެ ގޮތުން، އަޅުގަނޑު އޭރު ދަންނަވާލީ، އަޅުގަނޑު ޙަޤީޤަތުގައި ރިޔާސީ އިންތިޚާބެއްގެ ތެރޭގައި، މި ވާދަކުރަނީކީ އެއްގޮތަކަށްވެސް ރިޔާސީ ކެންޑިޑޭޓުންނަކާއެއް ނޫނޭ. އަޅުގަނޑުމެން ވާދަކުރަން ޖެހިފައި މިއޮތީ، ކޮންމެ ރައީސަކު ރައީސްކަމާ ޙަވާލުވި ކަމުގައިވީނަމަވެސް، އޭރު ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތަކަށް ޙައްލެއް ހޯދުމަށްޓަކައި އެ ރައީސަކު ކެނޑިނޭޅި މަސައްކަތް ކުރަން އެބަޖެހެޔޭ.
 
މިދިޔަ އަހަރު ރައީސްކަމާ ޙަވާލުވި ރައީސަކުވެސް އަދި ސަރުކާރެއްވެސް މަސައްކަތް ކުރަންޖެހުނީ، ބައްތިރީސްހާސް މިލިއަން ރުފިޔާގެ ދަރަންޏާއެކު. ބައްތިރީސް ބިލިއަން ރުފިޔާގެ ދަރަންޏާއެކު. ބައްތިރީސްހާސް މިލިއަން ރުފިޔާގެ ދަރަންޏަކީ ކުޑަ ޢަދަދެއް ނޫން. ބައްތިރީސްހާސް މިލިއަން ރުފިޔާގެ ދަރަންޏަކީ، އަޅުގަނޑުމެންގެ އެކަނި އުފެއްދުންތެރިކަމަށް ބަލާކަމަށްވަންޏާ ތިން އަހަރުގެ އުފެއްދުންތެރިކަމެއް. އަޅުގަނޑުމެންނަށް ލިބޭ އާމްދަނީއަށް ބަލާކަމަށްވަންޏާ ތިން އަހަރުގެ އާމްދަނީ. އަޅުގަނޑުމެންގެ ބަޖެޓުން ހޭދަކުރަން ފާސްކުރާ ބަޖެޓަށް ބަލާކަމަށްވަންޏާ ދެއަހަރުގެ ބަޖެޓުގެ އާމްދަނީ. މިރަށުގެ އާމްދަނީ އިތުރުވެގެން ހިނގައްޖެވެސްމެ. އެ ދިޔަ ސަބަބުތައް، މެންބަރު ނަޝީދު އަޅުގަނޑުމެންނަށް ވަރަށް ތިލަކޮށް އެންމެ އާދައިގެ ރައްޔިތަކަށްވެސް އެނގޭ މިންވަރަށް، ފަހުމްވާ މިންވަރަށް ދެންމެ އެ ވިދާޅުވެދެއްވީ. އެހެންވީމާ، އޮށެއް އިންދައިގެން، ގަހެއް ފަޅައިގެން، އެގަހަކުން މީރު ކާނާ ހޯދަން ބޭނުންވާއިރު، އަޅުގަނޑުމެންގެ ފަސްގަނޑުގެ ފަށަލަ ވަރަށްތިލަ. އެހެން ނަމަވެސް، އަޅުގަނޑުމެން މިއީ އިންދަންޖެހޭ އޮށެއް. އޭގެ ފައިދާ ހޯދުމަށްޓަކައި މި އިންދަންޖެހެނީ، ޚިޔާލަށް ގެންނަވާ، ބައްތިރީސްހާސް ފޫޓް އަޑީގައި ކަމަށް. ބައްތިރީސްހާސް ފޫޓް އަޑީގައި އިންދައިގެން، އެ ގަސް ސަރފަސް މައްޗަށް ނޫނީ ބިމާ ހަމަޔަށް އަންނައިރު ލައްކަ ޒަމާން ނަގާނެ.
 
އަޅުގަނޑު ރިޔާސީ އިންތިޚާބުގައި މަސައްކަތް ކުރަމުންދިޔަ ވަގުތު އަޅުގަނޑު ދެންނެވިން، މިހާރު ދިވެހިރާއްޖޭގެ އިޤްތިޞާދީ ޙާލަތު އޮތްގޮތުން، ދިވެހިރާއްޖޭގެ އިޤްތިޞާދީ ޙާލަތުން އަރައިގަނެ، އަލުން އާރާސްތު ކުރުމަށް ދުވަސްތަކެއް ނަގާނެއޭ. އޭރު އަޅުގަނޑު ދަންނަވާލިން، ގާތްގަނޑަކަށް ދެއަހަރާ ތިންއަހަރާ ދޭތެރޭގެ މުއްދަތެއް، ފުރަތަމަ ހަމަ ބިމާ ހަމައަށް އައުމަށްޓަކައި ވަގުތު ނަގާނެއޭ. އޭގެފަހުންނޭ، އާރާސްތު ކުރުމުގެ އިތުރު މަސައްކަތްތަކެއް ކުރެވެމުންދާނީ. މިވާހަކަ ދަންނަވާއިރުވެސް އޭރުވެސް އަދި މިރޭވެސް އަޅުގަނޑު ގަބޫލުކުރާ ޙަޤީޤަތަކީ، އަޅުގަނޑުމެންނަށް މި ހަމަބިމާ ހަމައަށް އާދެވެންދެން، އަދި ސަރުކާރުގެ މި މަސައްކަތް މި ހިސާބަށް ދަންދެންވެސް ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންތައްތަކަށް، ރައްޔިތުންގެ ކެތްމަދުވެފައިވާ މިންވަރު އަޅުގަނޑުމެން ގަބޫލުކުރަންޖެހެޔޭ. އެއަރޕޯޓް ބޭނުންވާ ތަންތަނަށް އެއަރޕޯޓް ބޭނުންވާނެ. ހޮސްޕިޓަލްގެ ޖާގަ އިތުރުކުރަން ބޭނުންވާ ތަންތަނަށް ހޮސްޕިޓަލްގެ ޖާގަ އިތުރުކުރަން ބޭނުންވާނެ. ކުޅުދުއްފުށީ ހޮސްޕިޓަލްގެ ޖާގަ އިތުރުކުރަން ބޭނުންވާކަން އަޅުގަނޑަށް އެނގޭ. އަދި ހަމައެހެންމެ، 2015 ވަނަ އަހަރުގެ ބަޖެޓުގައި އެ ފައިސާ ހިމެނިފައިވާކަން އަޅުގަނޑަށް ހަމަ ޔަޤީން، މެންބަރުންގެ ފަރާތްޕުޅުން ތިޔަ ޢިއްޒަތްތެރި ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ. އަދި މަގުހެދުމުގެ މަސައްކަތަކީ، މިދިޔަ އަހަރުވެސް ވަރަށްބޮޑު ހޭދައެއް ކޮށްގެން ކުޅުދުއްފުށީގައި ހިނގަމުންދާ މަޝްރޫޢެއް. އަދި މިއަހަރުގެ ބަޖެޓްގައިވެސް ހަމަ ކުޅުދުއްފުށީގެ މަގުހެދުމުގެ މަސައްކަތަށް އެވަނީ ފައިސާ އެކަށައެޅިފައި.
 
އަޅުގަނޑު ހިތަށްއަރާ، މިހުރިހާ ކަމަކާއެކުވެސް އަޅުގަނޑުމެން ޚިޔާލަށް ގެންނަންވީ، ދެން އަޅުގަނޑުމެންނަށް މިހާރު ތިބި ހިސާބުން އެހެން ހިސާބަކަށް ގެންދިޔުމަށްޓަކައި ކުރަންޖެހެނީ ކޮންކަހަލަ މަސައްކަތްތަކެއްތޯ. އަޅުގަނޑުމެންނަކީ އަޅުގަނޑުމެންނަށް ހަމައެކަނި އަޅުގަނޑުމެންގެ އުފެއްދުންތަކުން ލިބޭ އާމްދަނީން އުޅެވޭ ބައެއް ނޫން. އަދި ހަމައެހެންމެ، އަޅުގަނޑުމެން ބޭރު ދުނިޔޭގެ އެކިއެކި ހިސާބުތަކުން، ބޭންކްތަކުން އަދި އަޅުގަނޑުމެން ބައިވެރިވާ ޖަމްޢިއްޔާތަކުން، ނޫނިއްޔާ އެކިއެކި މުއައްސަސާތަކުން ފައިސާ ހޯދައިގެން މިހާތަނަށް މަސައްކަތް ކުރަމުން އައި ބައެއް. އެހެން ނަމަވެސް، މީގައި ދިމާވާ މައްސަލައަކީ، ދައުލަތަކަށްވެސް، ސަރުކާރަކަށްވެސް ހަމަ ދިމާވަނީ އަމިއްލަ ވިޔަފާރިވެރިއަކަށްވެސް ދިމާވާ މިސާލު. ލޯނު ނަގަމުން ގޮސް، ލޯނު އަދާނުކުރެވޭ މިންވަރަށް ލޯނުދޫކުރާ ބައެއްގެ ނަޒަރުގައި ލޯނުނަގާ މީހާގެ ޙާލަތު އެނގިއްޖެ ކަމަށްވަންޏާ، ލޯނު ދޫކުރުމަށް ބޭންކްތަކުން ފަސްޖެހޭނެ. އެއީ، ރަށުގައި ހުންނަ ކޮމާރޝަލް ބޭންކަށްވިނަމަވެސް، ނޫނިއްޔާ އަޅުގަނޑުމެންގެ ދުނިޔޭގެ ވަރލްޑް ބޭންކަށް ކަމުގައިވީނަމަވެސް، ނޫނިއްޔާ ޔޫރަޕްގެ އިއްތިހާދުގެ ބޭންކަކަށްވީ ނަމަވެސް އަދި ކޮންމެ ތަނެއްގެ ބޭންކަކަށް ކަމުގައިވީނަމަވެސް އެކަން އޮންނާނީ އެގޮތަށް.
 
އެހެންވީމާ، މުޅި ޤައުމުގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކެއް އެބަހުރޭ. އެ މަސައްކަތް ކުރުމުގައި، އަޅުގަނޑު ދެންނެވިން، ފުރަތަމަ ދެއަހަރަކީ ކޮންމެވެސް މިންވަރެއްގެ ދަތިތަކެއް އަޅުގަނޑުމެން ތަޙައްމަލްކޮށްލަންޖެހޭ ދުވަސްތަކެކޭ. އެ ދަތިތައް ތަޙައްމަލް ކުރަންޖެހެނީ މުޅި މުޖްތަމަޢުގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި. މުޅި ރާއްޖޭގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި. އަޅުގަނޑުމެންގެ މުޅި ޤައުމުގެ ބައިތުލްމާލުގެ ފައިސާގެ، ނޫނިއްޔާ ދަރަނި އަދާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތެއް. އަޅުގަނޑު އެއްގޮތަކަށްވެސް މިރޭ މިވާހަކަ މިދައްކަނީ އިޤްތިޞާދީ ވާހަކަ ދައްކާކަށެއްވެސް ނޫން. އަދި ބަޖެޓާބެހޭ ވާހަކަ ދައްކާކަށެއްވެސް ނޫން. އެހެން ނަމަވެސް، ދަންނަވާލަން މިއުޅެނީ، އަޅުގަނޑު މިދަންނަވާ ވާހަކަތައް، މިދެންނެވުމުގެ ބޭނުމަކަށްވަނީ، މިއީ ހަމަ އަޅުގަނޑު މިރޭ ކުޅުދުއްފުށީގައި، ޚާއްޞަ ގޮތެއްގައި، ހދ. އަށް އިޢުލާނު ކުރަންހުރި ބައެއް ކަންތައްތަކުގެ ދީބާޖާއެއްގެ ގޮތުން ދަންނަވާ ވާހަކަތަކެކޭ މިއީ.
 
އަޅުގަނޑުމެން މިހާރު މިއޮތް ޙާލަތުން އަރައިގަތުމަށްޓަކައި ވަރަށް ބޮޑެތި މަޝްރޫޢުތަކެއް ހިންގައިގެން ނޫނިއްޔާ، އަޅުގަނޑުމެން އެދޭ މިންވަރަކަށް އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނެ ޖާގައެއް، ފުރްޞަތެއް ނެތް. އަޅުގަނޑުމެން މި ދާއިރާ ތަރައްޤީ ކުރުމަށްޓަކައި، ކުޅުދުއްފުށި، ނޫނިއްޔާ ހދ. އަތޮޅު ތަރައްޤީ ކުރުމަށްޓަކައި، މީގެކުރީގެ ސަރުކާރުތަކުންވެސްވަނީ މަސައްކަތްތަކެއް ފަށްޓަވާފައި. ދެންމެ މިނިސްޓަރ އަދީބުގެ ވާހަކަފުޅުން އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެ، ހދ. ގައި ޓޫރިޒަމް ތަޢާރުފް ކުރުމުގެ ގޮތުން 2005 ވަނަ އަހަރު އެވަނީ ރިޒޯޓްތަކެއް ހުޅުވުމަށް ބިން ދޫކުރެވިފައި. ރިޒޯޓް ހެދުމަށް އެވަނީ ރަށް ދޫކުރެވިފައި. އެހެންނަމަވެސް، އަދު އޭގެ 8 އަހަރު، 9 އަހަރު ފަހުންވެސް ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، އެއްވެސް ރިޒޯޓެއް ހުޅުވި، އެ ރިޒޯޓަކުން ލިބެންވާ މަންފާއެއް، އެއްވެސް ރައްޔިތަކަށް، ނޫނިއްޔާ މިއަތޮޅަކަށް، ނޫނީ ކުޅުދުއްފުށްޓަކަށް ލިބިފައެއްނުވެޔޭ.
 
އެހެންވީމާ، މިއީ މީގެ އަނެއްކޮޅަށް ބަދަލުކުރަން ޖެހިފައި އޮތް ކަމެއް. ކޮންމެ ބޭފުޅަކުވެސް ވާހަކަފުޅު ދައްކަވާއިރު، ޒިންމާދާރު ބޭފުޅެއް ކަމަށްވަންޏާ، އެބަ ވިދާޅުވޭ، އުތުރުގެ ސަރަޙައްދީ ނާރެހަކަށްވާން މިޖެހެނީ، އިޤްތިޞާދީ ތަރައްޤީއަށް ބެލިކަމުގައިވީނަމަވެސް އަދި އެނޫން ތަރައްޤީއަށް ބެލިކަމުގައިވީނަމަވެސް، އުތުރުގެ ސަރަޙައްދީ ނާރެހަކީ ކުޅުދުއްފުށްޓޭ. ރައީސް މައުމޫންގެ ސަރުކާރުގައި، އެންމެ ފުރަތަމަ މަސައްކަތްތަކެއް ފަށައިގެން އައިއިރު، އެއްފަހަރާ 192 ރަށް، ނޫނިއްޔާ މީހުން އުޅޭ 200 ވަރަކަށް ރަށް ތަރައްޤީ ނުކުރެވޭނެތީ، ހޮވާލެވިފައިވާ ރަށްތަކެއް ތަރައްޤީ ކުރުމުގެ މަޝްރޫޢުތަކެއް އެކުލަވައިލެވުނު. ސެލެކްޓަޑް އައިލެންޑް ޑިވެލޮޕްމަންޓްގެ ނަމުގައި މަޝްރޫޢުތަކެއް އެކުލަވައިލެވި، މަސައްކަތްތަކެއް ކުރި. އެ ލިސްޓްގައިވެސް އުތުރުގައި، އެންމެ ކުރީގައި، ލިސްޓްގައި މިއޮންނަނީ ކުޅުދުއްފުށި. ޝައްކެއްވެސްނެތްގޮތުގައި، ކުޅުދުއްފުށްޓަށް އަންނަންޖެހޭ ތަރައްޤީ، އެހެން ރަށްރަށަށް އަންނަންޖެހޭ ތަރައްޤީއަށްވުރެ އެ 30 އަހަރުގެ ތެރޭގައި އިތުރަށް އައިސްފައި އޮތްކަންވެސް އަޅުގަނޑުމެން ހަމަ ގަބޫލުވެސް ކުރަންޖެހޭ. އެހެންނަމަވެސް، އެ ތަރައްޤީ އެހިސާބުން ހުއްޓާލެވެން ނެތްކަންވެސް، ހަމަ އެއީވެސް ގަބޫލުކުރަންޖެހޭ ޙަޤީޤަތެއް. އެއާއެކީ ކުރިއަށް ގޮސްގެން އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކެއް އެބަ ހޯދަންޖެހޭ.
 
ދެންއޮތީ ތަފާސްހިސާބުގެ ވާހަކަ، އަޅުގަނޑު ދަންނަވާލީ، ކޮން ބޭނުމެއްގައިތޯ ދަންނަވާލުން. ބޯހިމެނުމަކީ ނޫނިއްޔާ ތަފާސްހިސާބު ނެގުމަކީ، އަޅުގަނޑުމެންގެ ޙާލަތު ދެނެގަނެވޭނެ އެންމެ ރަނގަޅު މިންގަނޑު. އެއީ އަޅުގަނޑުމެންނަށް އެވްރެޖްކޮށް ހައުސްހޯލްޑަކަށް، ނޫނިއްޔާ ބިސީއަކަށް އާމްދަނީ ލިބެނީ ކޮން ވަސީލަތަކުންތޯ، އާމްދަނީ ލިބެނީ އެވްރެޖްކޮށް ބޮލަކަށް ކިހާވަރެއްތޯ އަދި ހޭދަކުރެވެނީ ބޮލަކަށް ކިހާވަރެއްތޯ، އެހެންކަމަށްވަންޏާ އެ ޢާއިލާއެއްގައި ދުވަސްވީ މީހުން ތިބޭ ކަމަށްވަންޏާ، ނޫނިއްޔާ ޢާއިލާގައި ތިބީ 10 މީހުން ކަމަށްވަންޏާ،  10 މީހުންގެ ތެރެއިން ހަމައެކަނި ދެމީހުން އާމްދަނީ ހޯދާ ކަމަށްވަންޏާ، ސަރުކާރުން ވެލްފެއަރގެ ތެރެއިން އެ ޢާއިލާއަކަށް ކޮށްދެވެން އޮތީ ކޮންކަމެއްތޯ ބަލައި، ދެނެގަތުމުގެ މިންގަނޑެއް މި ލިބެނީ ބޯހިމަނައިގެން. އެހެންވީމާ، ބޯހިމެނުމުގެ ހިސާބުގައި ބައިވެރިނުވުމަކީ މައްސަލަތަކަށް ޙައްލެއް ގެނެވޭނެ ކަމެއް ނޫން. ސަރުކާރުގެ ބަޖެޓުން، ރައްޔިތުންގެ ފައިސާއިން ސަބްސިޑީ ދޭ ކަމަށްވަންޏާ، ސަބްސިޑީ މި ދެވެނީ، އެންމެ ތަނަވަސް މީހާއާއި، އެންމެ އާދައިގެ ނިކަމެތި މީހާޔާ އެއްހަމަޔަކުންތޯ އަޅުގަނޑުމެން ދެނެގަންނަން އެބަޖެހޭ. އަޅުގަނޑު ތިޔަބޭފުޅުންނާ ކުރާ ސުވާލު. މިއަދު ކާޑުގެ ތަކެތިން ޑިއުޓީއެއް ނުނަގާ. ޑިއުޓީއަކީ ކާޑުގެ ތަކެތި އިމްޕޯޓް ކުރީމަ، ވިއްކުމުގެ ކުރިން އިމްޕޯޓް ކުރާ މީހާ ސަރުކާރަށް ދައްކާ މައުމޫލު. ނޫނީ ސަރުކާރަށް ދައްކާ ޓެކްސްއެއް. އެ ޓެކްސް ލިބެނީ ކާޑު އިމްޕޯޓްކުރާ ކޮންމެ މީހެއްގެ އަތުން. އެހެންވީމާ، ކާޑު ކިލޯއެއް، ހަނޑޫ ކިލޯއެއް، ފުށް ކިލޯއެއް، ހަކުރު ކިލޯއެއް ގަންނަ ކޮންމެ މީހަކު، އެންމެ ތަނަވަސްމީހާވެސް، އެންމެ ނިކަމެތި މީހާވެސް، ކަންމަތީ ފިހާރައިން ގަތަސް، ހޯލްސޭލް ވިޔަފާރި ތަނަކުން ގަތަސް، ބަސްތާއިން ގަތަސް، މިދެންނެވި މައުމޫލު، އޭނާގެ ހިސާބުގައި، އޭނަ ދައްކާ ބިލުގައި އެބަ ހިމެނޭ. ސުވާލަކީ ސަރުކާރުން ރައްޔިތުންނާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނަމުން ގެންދާއިރު، ނިކަމެތިންނާއި މުއްސަނދިންގެ ތަފާތު އެހާ ބޮޑުވެގެން ދިވެހިރާއްޖޭގައި ދާ ވަގުތެއްގައި، އަޅުގަނޑުމެންނަށް މިކަމަށް އެޑްރެސް ކުރެވިއްޖެހެއްޔޭ؟ ޖަވާބަކީ އެންމެން އެއްވަރަކަށޭ ޑިއުޓީ މިދައްކަނީ. އެންމެން އެއްވަރަކަށޭ ޓެކްސް މިދައްކަނީ. އެހެން ކަމަށްވަންޏާ، އެންމެ މުއްސަނދި މީހާވެސް އެ ދައްކަނީ، ކާޑަށް މިސާލަކަށް 10 ޕަސެންޓް އޮންނަ ކަމަށްވަންޏާ 10 ޕަސެންޓް. ކާޑަށް ޑިއުޓީއެއް ނެތިއްޔާ އޭނަވެސް ޑިއުޓީއެއް ނުދައްކާނެ. ތަނަވަސްކަން ކުޑަ މީހާވެސް ޑިއުޓީއެއް ނުދައްކާނެ. ދެންއޮތީ ކާޑު ގެންނަ ފަރާތަކުން ކާޑު ގެނެސް ވިއްކާ އަގު. ޚަރަދުތައް ހިނގާ. ހޭދަތަކެއް ކުރަންޖެހޭ ކާޑު ގެނެސް ބަހައްޓައިގެން ވިއްކާ ކަމަށްވަންޏާ. ޒަމާނުއްސުރެ އެސް.ޓީ.އޯ. އިން ސަރުކާރުގެ މައި ވިޔަފާރި ކުންފުނިން ކާޑު އެތެރެ މިކުރަނީ. ކާޑު އެތެރެކުރާއިރު، އަމިއްލަ ފަރާތްތަކުންވެސް ކާޑު އެތެރެކުރާއިރު، ބޮޑެތި ހޭދަތަކެއް އެބަ ކުރަންޖެހޭ. އެންމެ ބޮޑު ޢަދަދަކަށް ކާޑު އެތެރެކުރާއިރު، ދޮގަކަށް ނުވާނެ ދަންނަވާނީ، ކާޑު އެތެރެކުރާ އެންމެބޮޑު ޕާޓީއަކީ އެސް.ޓީ.އޯ. ކާޑު މި ވިއްކަންޖެހެނީ ނުއަގުގައި. ހަމަ އަގަކު ނޫން. އޭގެ މާނައަކީ، ކާޑު ގަންނަން ލިބޭ އަގާއި، އެސް.ޓީ.އޯ އިން ކުރަންޖެހޭ ހޭދަތަކުގެ، ޚަރަދުތަކުގެ އަގާ ހިމަނައިގެން، ވިއްކަންޖެހޭ އަގު، އެ އަގުގައި ވިއްކައިފި ކަމަށްވަންޏާ، ރައްޔިތުންގެ އަތްފޯރާ ހިސާބަކު ކާޑެއް ނުގެންގުޅެވޭ. އެހެންވީމާ، ސަބްސިޑައިޒް ކޮށްގެން ވިއްކަން މިޖެހެނީ. އެ ސަބްސިޑީއަކީ ދައުލަތުގެ ބައިތުލްމާލުން ދައްކަންޖެހޭ އެއްޗެއް. ސަރުކާރުގައި މިއޮތް ބައްތިރީސްހާސް މިލިއަން ރުފިޔާގެ ދަރަންޏަކީވެސް ސަރުކާރުގެ ބަޖެޓުން ދައްކަންޖެހޭ އެއްޗެއް. މި ދަރަންޏަކީ އަޅުގަނޑުމެންގެ އެތެރެއިންނާއި ބޭރުން ނަގާފައި ހުރި ފައިސާ. އެތެރޭން ނަގާފައި ހުރި ފައިސާއަކީ ދައްކަންޖެހޭ ފައިސާ. އެއީ، ބޭންކް އޮފް މޯލްޑިވްސް އިން ނެގިކަމުގައިވީނަމަވެސް، ނޫނިއްޔާ އެމް.އެމް.އޭ.އިން އޭރު ލެންޑް ކުރައްވާއިރު، އެމް.އެމް.އޭ. އިން ނެގި ފައިސާ ކަމުގައިވީނަމަވެސް، ސަރުކާރުން ސަރުކާރުގެ ދަރަނި އަދާކުރަންޖެހޭ. ބޭރުގެ ބޭންކަކުން މިފައިސާ ނެގިނަމަވެސް، އެ ފައިސާ އަދާކުރަންޖެހޭ.
 
އެހެންވީމާ، ދެންމެ މެންބަރު ނަޝީދުގެ ވާހަކަފުޅުގައި، އެ ވިދާޅުވިގޮތަށް އަޅުގަނޑުމެން ދަރަނި އަދާކުރުމަށް ކޮންމެ އަހަރަކު ދައުލަތުން ބޮޑު ބައެއް ހޭދަވެގެން އެބަދޭ. ދައުލަތުގެ ސަތޭކަ ރުފިޔާއިން، އެމަނިކުފާނުގެ ވާހަކަފުޅުގައި އެ ވިދާޅުވިގޮތުން ވެއްޖިއްޔާ، ގާތްގަނޑަކަށް ފަނަރަ ޕަސެންޓް ހޭދަވެގެން އެބަދޭ. ބޮޑު ޢަދަދެއް އެއީ. އެހެންވީމާ، މިހާ ހިސާބުން އާ މަސައްކަތްތަކެއް ކުރަންޖެހެނީ. މިހާ ހިސާބުން އަޅުގަނޑުމެން ވިސްނަނީ އާ މަސައްކަތްތަކެއް ކުރާއިރު، ޓުއަރިޒަމަށްވެސް އާ ވިސްނުންތަކެއް އެބަ އަންނަންޖެހެޔޭ. އަތޮޅުތަކުގެ ތަރައްޤީއަށްވެސް އާ ވިސްނުންތަކެއް ގެންނަން އެބަޖެހެޔޭ. އަދި ފަރުދުންގެ ތަނަވަސްކަން އިތުރުކުރުމަށްވެސް އާ ފިކުރުތަކެއް ކުރަން އެބަޖެހެޔޭ. އެހެންވީމާ، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުތަކެއް އުފައްދަން މިޖެހުނީ. އެކަމަކު އޭގެ އަސާސަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެން މަޖިލީހުގެ ތެރޭގައި މި ބިލު ހިންގޭތޯ މަސައްކަތް ކުރިއިރު، އިދިކޮޅު ފަރާތްތަކުން މިކަމާ ދެކޮޅު ހައްދަވައި ވަކާލާތު ކުރައްވަމުން ގެންދެވިއިރު، މި އަންނަ ބަޙުޘްގެ، އޭގެ މަސްދަރަށް ބަލާކަމަށްވަންޏާ، އޭގެ ޖަވާބު ވަރަށް ސާފު. ވަރަށް ސީދާ. ރާއްޖޭގައި ރިޒޯޓްތައް ހެދިގެން އައިއިރު، ކޮންމެ ރިޒޯޓަކީ އަޅުގަނޑުމެންނަށް ވިސްނައިލެވިދާނެ، އަޅުގަނޑުމެންނަށް ވައްތަރުކުރެވިދާނެ، ކޮންމެ ރިޒޯޓަކީ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދެއް ކަމަށް. އެ ރިޒޯޓްތަކަށް އޭރުގެ މިންވަރުން މުދާ ސީދާ ގެންދެވޭގޮތް ހަމަޖައްސައިދިން. އަދި އެ ރިޒޯޓްތަކަށް އޭރުގެ މިންވަރުން ރިޒޯޓް ހަދައި ނިމެންދެން ޑިއުޓީ މާފުކޮށްދިން ސަރުކާރުން. އަދި ރިޒޯޓްގެ އެކްސްޓެންޝަން މަޝްރޫޢަކަށް، ނޫނީ ރިޒޯޓް އިތުރަށް ތަރައްޤީ ކުރަން ބޭނުންވާ ކަމަށްވަންޏާ ބޮޑުކުރަން ބޭނުންވާ ކަމަށްވަންޏާ، އެ މުއްދަތަކަށް، އެ މަޝްރޫޢެއް ނިމެންދެން ޑިއުޓީ މާފުކޮށްދިން. އެއީ، ސަރުކާރުން ނަގާ ޓެކްސްއަކީ.
 
އަޅުގަނޑުމެން ބިޔަ ބޮޑެތި މަޝްރޫޢުތަކެއް ގެނައުމަށްޓަކައި ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުތަކެއްގެ ވާހަކަ ދައްކާއިރު، މީގެ އަސާސަކީ، ނޫނީ މީގެ މަސްދަރަކީ އެ ކުރެވޭ މަސައްކަތަކުން، ބޭރުގެ ފަރާތެއް ކަމުގައިވީނަމަވެސް، އަދި އަޅުގަނޑުމެންގެ އަމިއްލަ ކުންފުނިތަކުން ކަމަށްވީނަމަވެސް، އެކުރެވޭ މަސައްކަތަކުން ކޮންމެވެސް މިންވަރެއްގެ އާމްދަނީއެއް ލިބެންދެން، ސަރުކާރަށް ނަގާ ޓެކްސްތައް ނެގުމުން މަޙްރޫމްވާށޭ. ނޫނިއްޔާ ނުނަގާށޭ. އެންމެ ބޮޑު ޓެކްސްއަކަށް މިއޮންނަނީ، އަޅުގަނޑުމެންގެ ތެރޭގައި ޑިއުޓީ. ދެން މިއޮންނަނީ ޖީ.އެސް.ޓީ. ދެން އޭގެފަހުން މިއަންނަނީ ވިޔަފާރި ކުންފުނިތަކުން ނަގާ ޓަރންއޯވަރ ޓެކްސްއެއް، ނޫނިއްޔާ އެހެން ޓެކްސްއެއް. އެހެންވީމާ، ކޮންމެވެސް ހިސާބަކަށް މަސައްކަތް ގެންދެވެން ޓެކްސް ނުނަގާށޭ. މިއީ، އަޅުގަނޑުމެން ދިވެހިރާއްޖޭގެ ޓުއަރިޒަމް ތަޢާރުފް ކުރިއިރު، ދިވެހިރާއްޖޭގައި ޓުއަރިޒަމުން ސަރުކާރަށް ނަގާ ނަފާ ނެގުމުގައި، ޓުއަރިޒަމް ރިޒޯޓެއް ހެދުމަށްޓަކައި ގެންނަން ހުރިހާ މުދަލެއް، ޑިއުޓީ މާފުވެގެން، އެ އޮންނަ ދެއަހަރުގެ މުއްދަތުން ނުވެއްޖިއްޔާ، ދެއަހަރުގެ މުއްދަތަށް އެދިޔަ، އޭގެ އަޞްލަށް ބަލާކަމަށްވަންޏާ، މަސްދަރަށް ބަލާކަމަށްވަންޏާ ތަފާތު ކަމެއް ނޫން.
 
މި ދާއިރާއަށް އަޅުގަނޑުމެން ޚާއްޞަކޮށްގެން މިއުޅެނީ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ކޮންސެޕްޓް، ނޫނިއްޔާ މަފްހޫމް. އިހަވަންދިއްޕޮޅު އަތޮޅަށް، އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުންނާ ހަމަ ތިމާގެ، ނޫނިއްޔާ ހަމަ ޖެހިގެން އޮތް  އަތޮޅު، ހއ. އަތޮޅު. އިހަވަންދިއްޕޮޅު އަތޮޅަށް މި އަންނަން މިއުޅެނީ މިކަހަލަ ބިޔަ ބޮޑު މަޝްރޫޢެއް. އަޅުގަނޑުމެން މިއަދު ހޯރަފުށީގައި ވާހަކަ ދެއްކިއިރު، ކޮންމެވެސްވަރަކަށް މިކަމާ ބެހޭގޮތުން ވާހަކަ ދެއްކީމު. ކުޅުދުއްފުށްޓަށް އަމާޒުކޮށް، ހދ. އަށް އަމާޒުކޮށް މިރޭ ދައްކާ ވާހަކައެއްގެ މައުޟޫޢަށް މިކަން ނުވެ ހިނގައިދާނެތީ، އަޅުގަނޑު ތަފްޞީލަކަށްދާކަށް ނެތިން. އެކަމަކު ކުރުގޮތަކަށް ދަންނަވާލިޔަދެއްވާ. މި މަޝްރޫޢު ﷲގެ ރަޙްމަތާއެކީ ވުޖޫދަށް އައިއްސި ކަމަށްވަންޏާ، މިއީ ދިވެހިރާއްޖޭގައި ހަމަ ދުވަހަކުވެސް ނުފެންނަވަރުގެ ބޮޑު ބިޔަ މަޝްރޫޢެއް. އެކަމަކު މީގެ މަސްދަރަކީވެސް ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު. ޚާއްޞަ ޢިނާޔަތްތަކެއްދީގެން، ޚާއްޞަ ހުއްދަތަކެއްދީގެން، ޚާއްޞަ ބެލެނިވެރިކަމެއްގެ ދަށުން ގެންދިޔައްޔާ ނޫނިއްޔާ މިކަހަލަ ބިޔަ މަޝްރޫޢުތަކެއް ކާމިޔާބެއް ނުކުރެވޭނެ. ސަބަބަކަށްވަނީ މިކަހަލަ މަޝްރޫޢުތަކަކީ، އޭގެ ޒާތުގައި ބޮޑެތި ޢަދަދުގެ ފައިސާ ހިމެނޭ މަޝްރޫޢުތަކަށްވާތީ. އޭގެ ޒާތުގައި މިއީ ހަތަރުސަތޭކަ މިލިއަން ޑޮލަރުން ފެށިގެން ދެހާސް މިލިއަން ޑޮލަރު، ތިންހާސް މިލިއަން ޑޮލަރުގެ ވާހަކަ މި ދެއްކެނީ. މިއީ، އަޅުގަނޑުމެންގެ ބަޖެޓުގެ، އަހަރެއްގެ ބަޖެޓަށް ބަލާކަމަށްވަންޏާ، ދިހަ ބާރަ އަހަރުގެ ބަޖެޓްގެ ވާހަކަ މިދައްކަނީ.
 
އެހެންވީމާ، މިކަހަލަ ބޮޑެތި ބިޔަ މަޝްރޫޢުތަކެއް، ޤާނޫނީގޮތުން އަޅުގަނޑުމެންގެ ސަރުކާރުން ދޭންވާ ޙިމާޔަތްތެރިކަމެއް ދީގެން، އަދި އިޤްތިޞާދީ ގޮތުން ޓެކްސް ނެގުމުގެ ތެރޭގައި އަޅުގަނޑުމެން ދޭންވާ ރައްކާތެރިކަމަކާއި، އަޅުގަނޑުމެން ދޭންވާ ޙިމާޔަތްތެރިކަން، އަދި އަޅުގަނޑުމެންގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ޓެކްސް ނުނަގައި މިކަން ކޮށްގެން ނޫނިއްޔާ، މިކަހަލަ ބޮޑެތި ބިޔަ މަޝްރޫޢުތަކެއް ރާއްޖެއަކަށް ނުގެނެވޭނެ. ކީއްކުރަންތޯ ރާއްޖެއަށް އަންނަނީ. ރާއްޖެ ނޫން އެހެން ކަރަކަރަ ދުނިޔޭގައި މަދީކީ ނޫން. އަދި މިކަހަލަ ކޮންސެޕްޓް ގެންގުޅޭތަންތަން މަދީކީ ނޫން. އެކަމަކު އަޅުގަނޑުމެންގެ ނިޢުމަތަކީ، އަޅުގަނޑުމެންނަށް ލިބިފައި އޮތް ނިޢުމަތަކީ، އަޅުގަނޑުމެންގެ ތެރޭގައި މިއޮތީ ޤުދްރަތީ ރީތި ރަށްތަކެކޭ. އަދި އަޅުގަނޑުމެންގެ ކައިރީގައި ހުރި އަވަށްޓެރި ބޮޑެތި ޤައުމުތަކަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެން މިތިބަ ޖިއޮގްރަފިކަލް ޕޮޒިޝަނަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެންނަށް މީގެ ޖާއިޒު ފައިދާތަކެއް މީގައި އެބަހުރި. އެހެންވެގެން މި ކޮންސެޕްޓް ތަޢާރުފްކުރީ. އަދި މިކަން ކުރުމުގައި. އެމް.ޕީ ނަޝީދުގެ އެހީތެރިކަން އަޅުގަނޑުމެން މިރޭވެސް ހަނދާނަށް ގެނެސް، އެމަނިކުފާނަށް ޝުކުރު ދަންނަވަން.
 
ކުޅުދުއްފުށީގެ ސަރަޙައްދަށް ބަލާ ކަމަށްވަންޏާ، ހދ.ގެ ސަރަޙައްދަށް ބަލާކަމަށްވަންޏާ އަޅުގަނޑު މިރޭ އިޢުލާނު ކުރަން ބޭނުން، އަޅުގަނޑުގެ އިންތިޚާބުގައި އަޅުގަނޑު ދެންނެވިން، ކޮންމެ އަހަރެއްގެ ތެރޭގައި އަޅުގަނޑުމެން 10 ރިޒޯޓް އިޢުލާނު ކުރާނަމޭ. އަލަށް 10 ރިޒޯޓް ތަޢާރުފް ކުރާނަމޭ. އެހެން ނަމަވެސް، އެއާއެކީވެސް އަޅުގަނޑުމެން ސަރުކާރާ ޙަވާލުވިއިރު، މިދެންނެވި ކަހަލަ ބޮޑެތި ދަރަނިތައް ހުރީމަޔާއެކީ، އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ އިޤްތިޞާދު ކޮންސޮލިޑޭޓް ކުރަން މަސައްކަތްތަކެއް ކުރަން. އެ މަސައްކަތްތަކެއް ނުކުރެވިއްޖެ ކަމަށްވަންޏާ އަހަރުގެ ކުރީކޮޅު އަޅުގަނޑުމެން ސަރުކާރާ ޙަވާލުވެފައި އަދި 10 ރިޒޯޓް ނީލަމަށްލީނަމަވެސް، އަޅުގަނޑުމެންނަށް ފެންނާނީ ދޮލަނގަކަށްފަހު ދޮލަނގެއް، ތަބަކަކަށްފަހު ތަބަކަކަށްލައިގެން، މި މަޝްރޫޢު ހިނގަމުންދާތަން. ވަށާބުރު ޖެހޭއިރު 10 މީހުންގެ އަތުން ވެރިކަން ބަދަލުވެ، މި ރިޒޯޓް ނުހެދި އޮންނަތަން. ހދ.ގެ މިސާލަކީ މިއީ. ހދ.ގެ  2005 ވަނަ އަހަރުން ފެށިގެން ރަށްރަށް ހަދަން، ރިޒޯޓް ހަދަން އެހެރީ ރަށްދެވިފައި. އަދު 9 އަހަރު، 10 އަހަރު ހޭދަކުރާއިރު، މިއިން އެއްވެސް ރަށެއް ހެދިފައެއް ނެތް. އެހެންވީމާ، އަޅުގަނޑުމެންގެ އިޤްތިޞާދުގައި ކޮންމެވެސްވަރެއްގެ ފުދުންތެރިކަން އެބަ ހުންނަންޖެހޭ. އަދި އެއަށްވުރެ ބޮޑަށް ދިވެހި ސަރުކާރަށް ބޭރުގެ ފަރާތްތަކުން، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު އެބަ އޮންނަންޖެހޭ.
 
މި ސަރުކާރަކީ އިޤްތިޞާދީ ކަންތައްތައް ރަނގަޅުކޮށް، މިދެންނެވި ކަހަލަ ޢިނާޔަތްތެރިކަން ޤާނޫނުގެ ތެރެއިންނާއި، އަދި ރާއްޖޭގައި އޮންނަ ހަމަޖެހުމުގެ ތެރެއިން ދެވޭވަރުގެ ސަރުކާރެއްތޯ، މި ސަރުކާރު އައިއިރު ތިބީ ކުޅިބަލަން. ދުވަސްތަކެއް ވަންދެން ކުޅިބަލަން ތިބެފައި، ކޮންމެވެސްވަރެއްގެ ހަމަޖެހުމެއް މިހާރު ﷲގެ ރަޙްމަތާއެކީ ދިވެހިރާއްޖޭގެ އައްސޭރިފަށަށް ފޯރާފައި އޮތުމާއެކީ، މިކަންކަމަށް އިސްނަގާނެ ބޭރުގެ ބޮޑެތި ބިޔަ އިންވެސްޓަރުން އަޅުގަނޑުމެންނާ ހަމަޔަށް އެބައާދޭ. މިއީ، އަޅުގަނޑުމެން ޝުކުރު ކުރަންޖެހޭ ކަމެއް. އަދި މިކަމުގައި އިދިކޮޅު ފަރާތްތަކުން އެ ދައްކަވާ ކެތްތެރިކަމަށްޓަކައި، އެބޭފުޅުންނަށް އަޅުގަނޑު ހަމަ އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. މުޅި ޤައުމުގެ ތަރައްޤީއާއި، ކޮންމެ ފަރުދަކަށް ބޭނުންވާ ތަރައްޤީއަކީ، އަޅުގަނޑުމެންގެ އަމިއްލަ މަޞްލަޙަތު ދޫކޮށްލާފައި، މަޞްލަޙަތުގެ ކުރިއަށް ރާއްޖޭގެ ދުޅަހެޔޮކަން އިސްކުރަންޖެހޭ ކަންކަން.
 
އެހެންވީމާ، ސިޔާސީގޮތުން ޚިޔާލު ތަފާތުވިނަމަވެސް، އަޅުގަނޑުމެން، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންޖެހޭ ޙަޤީޤަތަކީ، މިއަދު ކުޅުދުއްފުށީގެ ކައުންސިލުން އެ ދެއްކެވި ނަމޫނާއަކީ، ސިޔާސީ ފިކުރު ތަފާތުވި ކަމުގައިވީނަމަވެސް، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންތަކާއި، އަތޮޅުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމުގައި ސަރުކާރަށް އެއްބާރުލުންދޭނެކަން. މި ސަރުކާރުން މިކުރާ މަސައްކަތްތަކަކީ، އިޤްތިޞާދީ ގޮތުން ރައްޔިތުން މިހާރު މިއޮތް މަރްޙަލާއިން އެހެން ފަށަލައަކަށް ދެވޭތޯ ކުރާ މަސައްކަތް. އެހެންވީމާ، މިހާރު މި ސަރުކާރާ ދޭތެރޭގައި އިތުބާރުތަކެއް އޮތީމަޔާއެކީ، ބޮޑެތި އިންވެސްޓަރުން އަންނާނެކަމާ ދޭތެރޭގައި އަޅުގަނޑުގެ ހިތުގައި ކުޑަވެސް ޝައްކެއްނެތް. އެހެންވީމާ، އަޅުގަނޑުމެން ބައެއް ދާއިރާތައް ޚާއްޞަކުރީ. މި ސަރަޙައްދުގައި އަޅުގަނޑުމެން ހަމަ މިރޭ އިޢުލާނު ކޮށްލަން ބޭނުންވަނީ، އޭރު ދެންނެވިގޮތަށް، ކޮންމެވެސްވަރެއްގެ ކޮންސޮލިޑޭޝަނަކަށާއި، އަދި ކޮންމެވެސްވަރަކަށް ސަރުކާރާ ދޭތެރޭގައި އަދި ދައުލަތުގައި ހުރި މުއައްސަސާތަކާ އިދިކޮޅު ފަރާތްތަކުން ސިޔާސީ ޙަރަކާތްތައް މަގުމައްޗަށް ގެންދިޔުމާ ހަމައިގައި، ހަމަޖެހުމެއް ރާއްޖޭގައި އޮތްތޯ ބެލުމަށްފަހު، ބޭރުގެ އިންވެސްޓަރުން ގަބޫލުކޮށްފި، ދިވެހިރާއްޖޭގައި މިހާރު މިއޮތީ އިރާދަކުރެއްވިއްޔާ، މިކަހަލަ ކަންތައްތަކަށް އިންވެސްޓް ކުރާނެ ފުރްޞަތު ތަނަވަސްވެފައި ކަމަށް. އެހެންވީމާ، މިހާ ހިސާބުން އަޅުގަނޑުމެންގެ މަސައްކަތް ފެށީ. އެ ހިސާބަށް އަންނަންދެން، އަޅުގަނޑުމެން ސަރުކާރުގައި، ހަމަ ޑެލިބަރޭޓް ޕޮލިސީއެއްގެ ދަށުން އަޅުގަނޑުމެން ނިންމީ، ރިޒޯޓްތައް ހަދަން ރަށްރަށް އިޢުލާނު ނުކުރަން. އެކަމަކު މިރޭ އަޅުގަނޑު މި އިޢުލާނު ކުރަނީ، ރިޒޯޓް ހަދަން ރަށްތަކެއް. އަޅުގަނޑު މިރޭ މި އިޢުލާނު ކުރަނީ ހދ. އިން 5 ރަށް. މިފަހަރު، މިއަހަރުގެ ތެރޭގައި، މިމަހުގެ ތެރޭގައި، އަޅުގަނޑުމެން ޓެންޑަރ ޑޮކިއުމަންޓް ތައްޔާރުކޮށް ވިއްކޭތޯ ބަލާނަން. މި 5 ރަށަކީވެސް، މި 5 ދާއިރާއަކީވެސް ހދ. އަށް އެކަނި ޚާއްޞަކުރެވިގެން ދޫކޮށްލާ 5 ދާއިރާ.
 
އަޅުގަނޑު އޭރު ދެންނެވިން، ތަރައްޤީގެ ނާރެސް ކުޅުދުއްފުށްޓޭ. ހަމަ މިކަން ކުރާއިރު، ކުޅުދުއްފުށްޓާއި، ކުޅުދުއްފުށީގެ ކައިރީގައި ހުރި ރަށްތަކަށް މިހިރީ ރިޢާޔަތް ކުރެވިފައި. އަދި ހަމައެހެންމެ، ރިޒޯޓް ހެދުމަށް އެންމެ އެކަށީގެންވާ ރަށްތަކަކަށްވެސް މިހިރީ ރިޢާޔަތް ކުރެވިފައި. އަދި ކުޅުދުއްފުށި ސަރަޙައްދީ ނާރެހަކަށް ތަރައްޤީ ކުރުމަށްޓަކައި މި ރިޒޯޓްތަކުން ކުޅުދުއްފުށްޓަށް އެހީތެރިކަން ލިބޭނެކަން އަޅުގަނޑު ގަބޫލުކުރަން. އެހެންވެގެން އަޅުގަނޑުމެން މިއަހަރު މި އިޢުލާނުކުރާ 5 ރަށްވެސް، ނޫނިއްޔާ ރިޒޯޓް ހަދަން މިދޫކުރާ 5 ރަށްވެސް އަޅުގަނޑުމެން އިޚްތިޔާރުކުރީ ހދ. އިން އެކަނި ނަގަން. އެހެންވީމާ، މިއީ އަޅުގަނޑުމެންގެ ހދ. އަށް، އަޅުގަނޑުމެން، އަޅުގަނޑުމެންގެ ސަރުކާރުން ކުރާ ހަދިޔާ.
 
މި ރަށްތައް އަޅުގަނޑު ދަންނަވާލާނަން. މި ރަށްތަކަކީ، ދިއްޕަރުފުށި، ވައިކަރަމުރައިދޫ. ވައިކަރަމުރައިދުއަކީ މިހާރު ތިޔަބޭފުޅުންވެސް ގަބޫލުކުރައްވާނެ، އެގްރިކަލްޗަރުން މަސައްކަތްކުރާ ރަށެއް. އެހެންނަމަވެސް، އެއީ ބިޔަ ބޮޑު ރަށެއް. އެގްރިކަލްޗަރުގެ މަސައްކަތްކުރި ނަމަވެސް، ކުރީގެ ސަރުކާރުތަކުންވެސް ނިންމާފައި އޮތްގޮތަށް، ޓުއަރިޒަމަށް މަސައްކަތް ނުކުރެވެންވީ ހަމަ އެއްވެސް ސަބަބެއް ނެތް. ކަނަމަނަ، ކުޑަފަރު، ކުޑަފަރު ފަސްގަނޑު، އަދި ކަނަމަނައާއި ކުޑަފަރު ފަސްގަނޑާ ދޭތެރޭގައި މިއޮންނަ ފަޅަކީ، އަޅުގަނޑުމެން ހަމަ ޓުއަރިޒަމް މަސައްކަތް ތަރައްޤީ ކުރަން ދޫކުރާ ފަޅެއްގެ ގޮތުގައި މި ނިންމަނީ. ހަމައެއާއެކީ، އަޅުގަނޑު ދަންނަވާލާނަން، ކުޅުދުއްފުށްޓާ ދާދި ކައިރީގައި މިއޮތީ ހަމަ ވަރަށްބޮޑު ބިޔަ ރަށެއް. އަޅުގަނޑުމެން ތުނބުރި ކޮންސެޕްޓް، އަޅުގަނޑުމެން ތަޢާރުފް ކުރިއިރު، މީގެ މަސްތަކެއް ކުރިން ތަޢާރުފް ކުރިއިރު، އަޅުގަނޑުމެން ދެންނެވިން، އިންޓަރގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓެއްގެ ވާހަކަ. ކޭލަކުނަކީ މިދެންނެވި ކަހަލަ އިންޓަރގްރޭޓަޑް ޓުއަރިޒަމް ތަރައްޤީ ކުރުމަށް ހަމަ ލާމަސީލު، ވަރަށް އެކަށީގެންވާ ލޮކޭޝަނެއްގައި އޮތް ވަރުގަދަ ބިޔަ ބޮޑު ރަށެއް. މިއީ، ޓުއަރިޒަމްގެ އިންފްރާސްޓްރަކްޗަރގައި ގިނަ ދިވެހިން ބައިވެރިކުރެވޭނެ ކޮންސެޕްޓެއް. އަދި މިގޮތަށް އިންޓަރގްރޭޓަޑް ޓުއަރިޒަމް ކޮންސެޕްޓެއް ކޭލަކުނުގައި ޑިވެލޮޕް ކުރާއިރު، ނޫނީ ތުނބުރީގައި ޑިވެލޮޕް ކުރާއިރު، މިއީކީ ބޮޑެތި ބިޔަ ލާރި ހިފައިގެން އުޅޭ މަހުޖަނުންނަށް އެކަނި ކުރެވޭނެ ކަމެއް ނޫން. މިރަށްރަށުގެ އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓް އަންނައިރު، މި މަޝްރޫޢު ތަޢާރުފްކޮށްދެއްވިއިރު، މިނިސްޓަރ އަދީބާއި މިނިސްޓަރ ސަޢީދު، އަޅުގަނޑުމެންނަށް މި މަޝްރޫޢު ތަޢާރުފްކޮށްދެއްވި، ނަސަންދުރައިގައި އޮތް ޖަލްސާއެއްގައި. މިރަށުގެ އަލިފުން ޔާއަށް ހުރިހާ މަސައްކަތެއް، ޓުއަރިޒަމްގެ ހުރިހާ މަސައްކަތެއް ކުރާނީ އެއް ކުންފުންޏަކުންނެއް ނޫން. މިކުރެވޭ އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓްގެ ތެރޭގައި، ނަރުދަމާގެ މަސައްކަތް ހަމަ ކޮންޓްރެކްޓްއައުޓް ކޮށްގެން އެއްބަޔަކު ކުރާކަމަށްވަންޏާ، ފެނުގެ މަސައްކަތް، އެހެން ބަޔަކު ކޮށްފާނެ. ބަނދަރުގެ މަސައްކަތް އެހެން ބަޔަކު ކޮށްފާނެ. ކަރަންޓް ދިނުމުގެ މަސައްކަތް، މުޅިން އެހެން ކުންފުންޏަކުން ކޮށްފާނެ. އެއީ ހަމަ އޭގެ ޒާތުގައި، އެއިން ނަފާ ހޯދުމަށްޓަކައި އިޤްތިޞާދީ ގޮތުން ދޭ ޚިދްމަތެއްގެ ގޮތުގައި ކުރަނީ.
 
އެހެންވީމާ، އާޚިރުގައި ރިޒޯޓެއްގައި މަސައްކަތް ކުރަން އަދި ރިޒޯޓްގެ ބަދިގެޔަކީވެސް ދޫކޮށްލެވިދާނެ ތަނެއް ކަންނޭނގެ. ނޫނިއްޔާ ރިޒޯޓްގެ ޑައިވިންގ ސްކޫލަކީވެސް ދޫކޮށްލެވިދާނެ ތަނެއް ކަންނޭނގެ. މިހެންހުރި ލޮޖިސްޓިކަލް ބައިބަޔަށް ބަހާފައި، އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓެއްގައި މި ދޫކުރަނީ، އެތައް ބައިވަރު ބަޔަކަށް ޙިއްޞާ ކުރެވޭގޮތަށް. މިއިން ކޮންމެ ކޮމްޕޯނަންޓަކީ، އެކަކު ނޫނިއްޔާ ތިން ހަތަރު ކުންފުނި ބައިވެރިވެގެން، ސިންޑިކޭޓްކޮށްގެން މަސައްކަތް ކުރެވޭގޮތަށް ދޫކޮށްލެވޭ ތަނެއް. އެހެންވީމާ، ކޭލަކުނުގައި އަޅުގަނޑުމެންނަށް މިކަން ތަޢާރުފް ކުރެވިއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެން ގަބޫލުކުރަނީ، މިހާރު ލ. އަތޮޅުގައި ތުނބުރި ޕްރޮޖެކްޓަށް އަޅުގަނޑުމެން ދޫކޮށްލުމާއެކީ، ނަރުދަމާގެ މަސައްކަތް، އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، އެމް.ޑަބްލިޔޫ.އެސް.އީ. އިން ހަވާލުވެގެން ކުރިއަށް އެ ގެންދަނީ. ހަމަ އެގޮތަށް، މި މަޝްރޫޢުތައް އަވަހަށް ފެށުމަށްޓަކައި އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓް މިރަށަށް ގެނައުމުގެ ބޭނުމަކީ، މިދެންނެވި ބޭނުން. އޭރަށް ތިން ދަރަޖައެއްގެ، ރިޒޯޓުގެ ތިން ދަރަޖައެއްގެ އެނދު ހުންނަ ކަމަށްވަންޏާ، ނޫނީ ކޮޓަރި ހުންނަ ކަމަށްވަންޏާ، އެއްގަމު ކޮޓަރިއާއި، މޫދު ކޮޓަރިއާ އަދި އެދޭތެރޭގައި އެކިކަހަލަ ވޯޓަރ ވިލާސް ހުންނަ ކަމަށްވަންޏާ، ތިން ދަރަޖައިގެ ކޮޓަރި އެކަނި ހަދަން އިންވެސްޓްމަންޓް ކުރާ ބަޔަކު އިންވެސްޓް ކުރާނެ. އެރަށަށް ބޭނުންވާ ޓުއަރިޒަމްގެ އިންފްރާސްޓްރަކްޗަރ ލޮޖިސްޓިކަލް، އެހެން ހުރިހާ އިންފްރާސްޓްރަކްޗަރ މި އަންނަނީ ތަފާތު ކުންފުނިތައް މެދުވެރިކޮށްގެން. އެއީކީއެއް މިއިން މަޝްރޫޢެއް ޑިވެލޮޕްކުރާ މީހެއްގެ ބޮލުގައި ރިއްސަންޖެހޭ ކަމެއް ނޫން. އަދި މިކަން ކުރާއިރު އަޅުގަނޑުމެން މި ބަލަނީ، ވީވަރަކުން މި ރިޒޯޓްގެ ބަޔަށް، ވީވަރަކުން ކުޅުދުއްފުށީގެ ރައްޔިތުންނަށް، ހދ.ގެ ރައްޔިތުންނަށް، މިކަމަށް އިސްނަގާކަމަށްވަންޏާ އަދި ފައިސާގެ ކެރުންތެރިކަން ބޭންކް މެދުވެރިކޮށްވެސް ހުރިކަމަށްވަންޏާ، މިކަންކަން ކުރުމުގައި ހދ. ރައްޔިތުންނަށް އިސްކަންދޭން މިއޮތީ އަޅުގަނޑުމެންގެ ސަރުކާރުން ނިންމާފައި.
 
އަޅުގަނޑު މިރޭވެސް ގަބޫލުކުރަނީ ކުޅުދުއްފުށީގައި އެއަރޕޯޓް ހެދެންވާނެ ކަމަށް. އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ވާހަކަ ދައްކަމުންވެސް އަޅުގަނޑު ދެންނެވިން، އަޅުގަނޑު ގަބޫލުކުރާ ގޮތުން ވެއްޖިއްޔާ ކުޅުދުއްފުށީގައި އާބާދީއަށް އެކަނި ބެލިކަމުގައިވީ ނަމަވެސް، ދިހަހާސް ފަހަނަޅައިދިޔައީމަ، ކުޅުދުއްފުށްޓަށް މާލެއިން އަންނަ މީހުން އަންނަންޖެހޭނީ ކޮންމެހެން ހަނިމާދޫ މެދުވެރިކޮށެއް ނޫނޭ. ކުޅުދުއްފުށްޓަށް މާލެއިން އަންނަ މީހުންނަށް، ޚުދު އަޅުގަނޑުމެންގެ ދަތުރަށް ބެލިނަމަވެސް، އަޅުގަނޑުމެންނަށް ލައްކަތަން ފަސޭހަވެގެން ދިޔައީސް، ހަނިމާދޫގައި ނުޖައްސައި ސީދާ ކުޅުދުއްފުށްޓަށް އާދެވުނުނަމަ. އެހެންވީމާ، ކުޅުދުއްފުށްޓަކީ މި ސަރަޙައްދުގެ ނާރެސް ކަމަށްވަންޏާ، އިޤްތިޞާދީ ތަރައްޤީއެއް ގެނެވެން މިއޮތީ، ހަމަ މިތަނުގައި އެއަރޕޯޓެއް ހެދިގެން. ދެން އަޅުގަނޑު ގަބޫލުކުރަން، ކުޅުދުއްފުށީގެ ރައްޔިތުންގެ ކޮންމެވެސްވަރެއްގެ އިޙްސާސްތަކެއް މިކަމުގައި ހުރިކަން.
 
އަޅުގަނޑު ސަރުކާރާ ހަވާލުވުމަށްފަހު، ވަރަށް ކުރީކޮޅު ރައްޔިތުން މިކަމާ ދޭތެރޭގައި ވިސްނަނީ ކިހިނެއްތޯ ބެލުމަށްޓަކައި މިތަނަށް ޓީމެއް ފޮނުވީމު. ދެން އެ ޙާލަތަށް ރިޢާޔަތްކޮށްފައި އަދި މިރޭ ކައުންސިލްގެ މެންބަރުންނާއި އަޅުގަނޑާއި އަދި އަޅުގަނޑުމެންގެ ޓީމާ ދެކެވުނު ވާހަކައަށް ރިޢާޔަތްކޮށްފައި، އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ، ކޮންމެވެސްގޮތަކަށް ސްކޭލްޑައުން ކޮށްލައިގެން، އަޅުގަނޑުމެންނަށް ކުޅުދުއްފުށްޓަށް ބޭނުންވާ އެއަރޕޯޓް ކުޅުދުއްފުށީގައި ހެދޭނެ ކަމަށް. އަދި އެކަން ކުރުމަށްޓަކައި ސަރުކާރުން ބަދަލުދޭންޖެހޭ ހުރިހާ ކަމެއްގައިވެސް ބަދަލުދީފައިވެސް، އަޅުގަނޑު ބޭނުންވަނީ ދިހަހާސް ރައްޔިތުންގެ ޙައްޤުގައި މިއީ ކުރަންޖެހޭ ކަމެއް ކަމަށް. އަދި މިރަށުގެ ތަރައްޤީއަށް ބަލާކަމަށްވަންޏާ، މިދެންނެވި ޓުއަރިޒަމްގެ ދާއިރާތައް، ތަރައްޤީވެގެންދާއިރު، މި 5 އަހަރުގެ ތެރޭގައި އަޅުގަނޑަށް ގަބޫލުކުރެވެނީ، ޓުއަރިޒަމަކީ ހަމަ ޙަޤީޤަތުގައި ދަގަތްފާނުގަނޑަކަށް ވެގެންދާނެ ކަމަށް، މިރަށަށް އާބާދީ އިތުރުވުމަށްޓަކައި.
 
އެހެންވީމާ، ކުޅުދުއްފުށީގެ އާބާދީއަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުން ވެއްޖިއްޔާ، މިހާރު މިއޮތް ދިހަހާހަށްވުރެ ގުނަގުނަ އިތުރުވެގެންދާނެ އާބާދީއަކަށް ވެގެންދާނެ. އެހެންވީމާ، އެކަން ކުރާއިރު، ކުޅުދުއްފުށްޓަށް ލާޒިމް އެބަވޭ، މިދެންނެވި ކަހަލަ އަޅުގަނޑުމެންގެ އެއަރޕޯޓެއް ހަމަޖެހެން. އެހެންވީމާ، އެއަރޕޯޓް ހަމަޖެހިގެންދާނެ، އަޅުގަނޑަށް ގަބޫލުކުރެވޭގޮތުގައި، ކުޅުދުއްފުށީގެ ކައުންސިލަރުންވެސް އަދި ކުޅުދުއްފުށީގެ ރައްޔިތުންގެ ހަމަ ގާތްގަނޑަކަށް ހުރިހާ ބޭފުޅުންވެސް މިކަހަލަ އެއަރޕޯޓެއް މިތާނގައި ބޭނުންވޭ. އެހެންވީމާ، އަޅުގަނޑުމެން މިފަހަރު މާލެ ގޮއްސަ، ސިވިލްއޭވިއޭޝަންގެ ފަރާތުން މިކަހަލަ ރަށްރަށަށް ހެދޭނެ އެއަރޕޯޓްގެ އާ މޮޑެލެއް އަޅުގަނޑުމެން އިޢުލާނު ކުރާނަން. އެއީ ކޮންމެހެން ހަނިމާދޫގައި އޮތް ކަހަލަ އެއަރޕޯޓަކަށް ނުވެ ހިނގައިދާނެ. އެއީ މިތަނުގައި ތިމާވެށްޓަށް ދޭންޖެހޭ ސަމާލުކަމާއެކީ، މި ރަށުގައި އެ އޮންނަ ކުޅިއަށް އަޅުގަނޑުމެން ވިސްނަންޖެހޭތީއާއި، އަދި އެތަނުގައި ހުރި ގެދޮރަށް ވިސްނަންޖެހޭތީއާއެކީ، މިރަށަށް ބޭނުންވާ އެއަރޕޯޓެއް މިރަށަށް ހަދައިދޭން އަޅުގަނޑުމެން އެބަ ބޭނުންވޭ. އެ އެއަރޕޯޓް ހެދުމުން، ރާއްޖޭގައި މިހާރު އެތެރޭގައި އުދުހުންތަކުގައި މިބޭނުންކުރާ ވައިގެ މަތިންދާބޯޓުތައް، އަޅުގަނޑުމެންނަށް މިރަށަށް ބޭނުންކުރެވޭނެ. އެހެންވީމާ، އެ އެއަރޕޯޓް ހެދުމުގެ މަސައްކަތުގައި، އަޅުގަނޑަށް ކުޅުދުއްފުށީގެ ރައްޔިތުން އެއްބާރުލުން ދެއްވާނެ ކަމަށް މިރޭ އަޅުގަނޑަށް ކަށަވަރުވެގެން ހިނގައްޖެ.
 
ކުޅުދުއްފުށީގައި މި އެއަރޕޯޓް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު، އަޅުގަނޑުމެން ކުޅުދުއްފުށިން އެބަ ބޭނުންވޭ، ކައުންސިލަރުން އެއްބަސްވެވަޑައިގަންނަވާ ކަމަށްވަންޏާ، ކުޅުދުއްފުށިން ޒޯނެއް ފާހަގަކޮށްފައި އަޅުގަނޑުމެންނަށް ދެއްވަން އެބަ ބޭނުންވޭ. ކުޅުދުއްފުށިން އެ ފާހަގަކުރެވޭ ޒޯނުގައި އަޅުގަނޑުމެން އަނެއްކާވެސް އެބަ ބޭނުންވޭ، އިންޓަރގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް. އެއީ ހޮޓަލެއް މިތާ އަޅުގަނޑުމެން ހަދަން އެބަ ބޭނުންވޭ. މި ހޮޓާ ހެދުމުގެ ބޭނުމަކީ ކުޅުދުއްފުށްޓަށް ވަޒީފާގެ ފުރްޞަތު އިތުރުވުމާއެކީ، އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކެއް ހެދުން. އެހެންވީމާ، ކުޅުދުއްފުށްޓަށް ވިސްނާ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް ބިން ކަނޑާފައި އަޅުގަނޑުމެންނަށް ޒޯނެއް ދެއްވުމަކީ އަޅުގަނޑުމެން އެދޭ ކަމެއް. މިތަނުގައި އަޅުގަނޑުމެން އެބަ ބޭނުންވޭ ސިޓީ ހޮޓަލެއް ހަދަން.
 
އެއާއެކީ ހަމަ ދަންނަވާލަން ބޭނުންވަނީ، މިއަތޮޅުގެ ހަނިމާދުއާ ދޭތެރޭވެސް އަޅުގަނޑުމެންގެ ވިސްނުންތަކެއް އެބަހުއްޓޭ. ހަނިމާދުއަކީ މި ސަރަޙައްދަށް ވަރަށް އެކަށީގެންވާ ގޮތެއްގައި ދަތުރުފަތުރުގެ ނާރެހަކަށް ވެފައި އޮތް ތަނެއް. އެހެން ނަމަވެސް، ހަނިމާދޫގެ ލޮކޭޝަނާއި، އަދި ދިވެހިރާއްޖެ މިއަދި އައިއްސަ އޮތް ޙާލަތާއި އަދި އަޅުގަނޑުމެންގެ ހުވަފެންތައް ފެންނަލެއް ބޮޑުކަމުންނާއެކީ، އަޅުގަނޑު ބޭނުންވަނީ، ހަނިމާދުއަކީ ބައިނަލްއަޤްވާމީ އެއަރޕޯޓަކަށް ބަދަލުކުރަން. އެހެންވީމާ، ހަނިމާދޫ ބައިނަލްއަޤްވާމީ އެއަރޕޯޓަކަށް ބަދަލުކުރުމުގެ މަސައްކަތްތަކާއި ދިރާސާތައް ކުރުމުގެ މަސައްކަތް މިހާރު ސިވިލްއޭވިއޭޝަނާއި ޓުއަރިޒަމް މިނިސްޓްރީގެ ފަރާތުން އެބަ ކުރަމުންގެންދޭ. އިރާދަކުރެއްވިއްޔާ، ﷲގެ ރަޙްމަތާއެކީ ހަނިމާދޫގެ އެއަރޕޯޓަކީ ދާދި އަވަހަށް ބައިނަލްއަޤްވާމީ އެއަރޕޯޓަކަށް ބަދަލުވެގެންދާނެ.
 
ބަދަލުވެގެންދާއިރު، ތިޔަބޭފުޅުންނަށް މީގެކުރިން ފެނިވަޑައިގެންފައިކަންނޭނގެ އޮންނާނީ، ތްރީ ޑީ އިމޭޖްތަކެއް އަޅުގަނޑުމެން ހެދިން، ހަނިމާދޫ ސަރަޙައްދު ތަރައްޤީވެގެންދާނެ ގޮތް. އެއީ، އަދި ކުޅުދުއްފުށްޓާ ވަކިން ހަނިމާދޫ ސަރަޙައްދު ތަރައްޤީ ވެގެންދާއިރު، އެތަން މި އަންނަނީ އިންޓަރނޭޝަނަލް އެއަރޕޯޓަކާ އެކީ ތަރައްޤީ ވެގެން މިދަނީ. އަޅުގަނޑު ހޯރަފުށީގައިވެސް ދެންނެވިން، ހުވަފެނެއް ނުފެންނަ ކަމަށްވަންޏާ، އުންމީދެއް ނެތް ކަމަށްވަންޏާ ދިރިހުރުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ؟ އެހެންވީމާ، އަޅުގަނޑުމެންނަށް ހުވަފެން ފެނޭ. އަޅުގަނޑުމެންގެ އުންމީދުތަކެއް އެބައޮތް. ދިވެހި ރައްޔިތުން ތަނަވަސްކުރުމަށްޓަކައި އަޅުގަނޑުމެންގެ އުންމީދުތަކެއްވޭ. ދެން އަޅުގަނޑުމެންނަށް ފާޑުވިދާޅުވާ ބޭފުޅުން ފާޑުވިދާޅުވާނެ. އެހެންނަމަވެސް، އަޅުގަނޑުމެން ބޭނުންވަނީ މި ހުވަފެންތައް ޙަޤީޤަތަކަށް ހެދޭތޯ އަޅުގަނޑުމެންނަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަން. އެހެންވީމާ، ކުޅުދުއްފުށީގެ ރައްޔިތުންގެ ފަރާތުން މިކަންކަމަށް އެއްބާރުލުން ދެއްވާނެ ކަމަށް ކައުންސިލްގެ ހަމަ ހުރިހާ މެންބަރުން މިރޭ އަޅުގަނޑު ކައިރީގައި ވިދާޅުވި. އެހެންވީމާ، ﷲގެ ރަޙްމަތުން ކުޅުދުއްފުށީގެ ރައްޔިތުންގެ ހިތްވަރާއި، ސަރުކާރުގެ ވިސްނުމާއި މިޞްރާބާއެކީ މި މަސައްކަތްތައް ކުރުމަށް އަޅުގަނޑުމެން މިރޭ މި ކަނޑައެޅީ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މިކަންކަން ކުރާނަން.
 
ދެންއޮތީ 2005 ވަނަ އަހަރު، 2006 ވަނަ އަހަރު އަދި 2007 ވަނަ އަހަރު ދެވިފައި ހުރި ރިޒޯޓްތަކުގެ ވާހަކަ. މިދާއިރާއިން، މި ސަރަޙައްދުން އަޅުގަނޑުމެންނަށް ހަމަ އެއްވެސް މަސައްކަތެއް، އެކަށީގެންވާ މަސައްކަތެއް ނުކުރެވި އޮތް ދެރަށް އެބައޮތް. އަޅުގަނޑުމެން ސަރުކާރުން މިހާރު ނިންމާފައި މިވަނީ، އިރާދަކުރެއްވިއްޔާ މިއަހަރުގެ ނިޔަލާ ހަމައަށްދާއިރަށް، ޤާނޫނީ ހަމަތަކުގެ މަތިން ދޭންޖެހޭ ބަދަލެއްދީފައި، މިރަށްރަށް ވަކިކުރެވެންޏާ، މިރަށްރަށް ވަކިކުރަން. 7 އަހަރު ވަންދެން، 8 އަހަރު ވަންދެން، ދާއިރާއެއްގައި، ސަރަޙައްދެއްގައި ރިޒޯޓް ހަދަން ދެވިފައި، އެ ރިޒޯޓުން އެއްވެސް މަންފާއެއް، އެ ރިޒޯޓް ނެގި ފަރާތްތަކަށްވެސް އަދި އެ ރިޒޯޓް ހިމެނޭ ސަރަޙައްދަށްވެސް ނުލިބޭ ކަމަށްވަންޏާ، އެ ރަށްރަށް ދީފައި ބޭއްވުމުގެ އެއްވެސް ބޭނުމެއް ނެތް. އެހެންވީމާ، އަޅުގަނޑުމެން މިހާރު މަސައްކަތްތަކެއް ކުރަން ނިންމައިފިން. މިގޮތަށް ދެވިފައި ހުރި ރަށްރަށް، މިއަތޮޅުގައި އެބައޮތް ދެރަށް، އެއްވެސް މަސައްކަތެއް ނުކުރެވި. ތިންވަނަ ރަށަކަށް މިއޮތީ އެމް.ޓީ.ޑީ.ސީ އަށް ދީފައި އޮތް ރަށް. އެމް.ޓީ.ޑީ.ސީ. އަށް ދީފައި އޮތް ރަށުގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި އެބަހުރި. އަޅުގަނޑުމެން ސަރުކާރުން ބަލާނަން، އެމް.ޓީ.ޑީ.ސީ.އާ ވާހަކަ ދައްކައިގެން. އަދި އަޅުގަނޑުމެންގެ ސަރުކާރުން ދޭންވާ ހިތްވަރެއް ދީގެން، އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުގެ ކޮންމެވެސް ހިސާބެއްގެ ތެރޭގައި، އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ އެއީ ނާގޯށި. ނާގޯށި ނިންމުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނަން. އެކަމަކު އަނެއް ދެރަށުގައި އެއްވެސް މަސައްކަތެއް ކުރެވޭނެ އުންމީދެއް އަދިވެސް އަޅުގަނޑުމެންގެ ސަރުކާރާ ހަމަޔަށް އައިސްފައި ނެތީމަ، އެ ދެރަށް ވަކިކުރުން ނޫން ގޮތެއް އޮތް ކަމަކަށް އަޅުގަނޑަކަށް ލަފައެއް ނުކުރެވޭ. އެހެންވީމާ، މިގޮތަށް ދެވިފައި ހުރި ރަށްރަށުގައި އެއްވެސްކަހަލަ މަސައްކަތެއް ނުކުރެވޭ ކަމަށްވަންޏާ، ރަށްރަށް ނެގި ފަރާތްތަކަށްވެސް ހިތްހަމަޖެހޭގޮތަކަށް ބަދަލުދީފައި، ރަށްރަށް ވަކިކޮށްފައި، ރަށްރަށާއިގެން އަޅުގަނޑުމެން އެހެން ގޮތަކަށް، އެހެން މޮޑެލަކަށް ކުރިއަށް ދިޔުން ނޫންގޮތެއް މީގައި އޮތް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ.
 
މިކަންކަން ކުރުމުގެ ނަތީޖާއަކަށް ވެގެންދާނީ، އަޅުގަނޑުމެންނަށް ހިސާބުތަކުން ދައްކާގޮތުން ވެއްޖިއްޔާ، މި ފަސް އަހަރުގެ ތެރޭގައި މިދެންނެވި ރިޒޯޓްތައް ޤާއިމުވެ، މި ރިޒޯޓްތައް ހުޅުވިގެން ދިޔައީމަ، ހަމައެކަނި މި ސަރަޙައްދުގައި ތިންހާސް އެނދު އިތުރުވެގެންދާނެ. އެއީ، މިހާރު މި ދޫކުރާ ރަށްތަކުގެ ނަތީޖާއަކަށް ވެގެންދާނެ. ތިންހާސް އެނދަކީ އެންމެ އާދައިގެ ހިސާބަކުން ވިސްނި ކަމުގައިވީނަމަވެސް، ގާތްގަނޑަކަށް ހަމަ އަލަށް އުފެދޭ ހަތްހާސް ވަޒީފާ. ހަމަ ސީދާ ޓުއަރިޒަމްގެ ދާއިރާއިން، ސީދާ ރިޒޯޓްގެ ދާއިރާއިން އުފެދިގެންދާ ހަތްހާސް ނޫނީ އަށްހާސް ވަޒީފާ. މި ވަޒީފާތަކަށް ނުކުންނަން ތިބީ މި ދާއިރާގެ ޒުވާން ރައްޔިތުން. ޒުވާނުންގެ ވާހަކަ އެހާވަރަށް އަޅުގަނޑު މި ދައްކަނީ، ޒުވާނުންނަށް ހަމަޖެހުމެއް އައިސްގެން، އަޅުގަނޑުމެންގެ މުޖްތަމަޢު ހަމަޖެހުމާއެކީ ނޭވާލާނީ. އަދި އެ ޒުވާނުންގެ މަންމައިން، ބައްޕައިން މުސްކުޅިވީމަ ބަލައި، މުސްކުޅިވީމަ އެމީހުންނަށް އަޅާލައި، އެމީހުން ބަލަހައްޓަން ތިބި ބަޔަކީ ޒުވާނުން. ދިވެހިރާއްޖޭގެ ޒުވާނުންނަކީ ހުޅަނގުގެ ދުނިޔޭގެ ރަށްރަށުގެ ޒުވާނުން ގޮތަކަށް ޢާއިލާ ދޫކޮށްލާފައި، މުޅިން ވަކި ދިރިއުޅުމެއް ފަށްޓާ ބައެއް ނޫން. އަޅުގަނޑުމެންގެ ތެރޭގައި މިއޮތް ބޮންޑަކީ، ނޫނީ އޮންނަ ކުލުނަކީ، އެއަށްވުރެ މާ ގާތް ކުލުނެއް. އެހެންވީމާ، ކޮންމެ މަންމަޔަކު، ބައްޕަޔަކު ދޮށިވެގެން ދިޔައީމަ، ހަމަ ބަލަނީ އެ މަންމައެއްގެ، ބައްޕައެއްގެ ދަރިން. އެހެންވީމާ، އަޅުގަނޑުމެންގެ ވިސްނުމުގައި، އަޅުގަނޑުމެން ގަބޫލުކުރަނީ، މިދެންނެވި ކަހަލަ ޕެޝަނޭޓް ނޫނިއްޔާ އަޅާލާ އޯގާތެރި ސަރުކާރަކުން ރައްޔިތުންނަށް ދޭންވާ ޚިދްމަތް ދޭ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް ކުރެވޭނެ މަސައްކަތަކީ، ޒުވާނުންނަށް ހަމަޖެހޭ ވަޒީފާތަކެއް ހަމަޖެއްސުން. އަދި ހަމައެއާއެކީ ޒުވާނުންނަށް ގެދޮރުވެރި، އަތްފޯރާފަށުގައި ގެދޮރުވެރިކަން އެމީހުންނަށް ލިބޭނެގޮތްތަކެއް ހަމަޖެއްސުން. މީގެ މަޝްރޫޢުތަކެއް ކުޅުދުއްފުށީގައިވެސް އެބަ ހިނގާ. އެކަމަކު މި މަޝްރޫޢުތަކަކީ އެއްވެސް ގޮތެއްގައި ކުޅުދުއްފުށްޓަށް މިވަގުތު ހަމައެކަނި ބޭނުންވާ މަޝްރޫޢު ނޫންކަންވެސް އަޅުގަނޑު ގަބޫލުކުރަން. އެއާއެކީ މުޅި ދިވެހިރާއްޖޭގެ ޒުވާނުންނަށް އަޅުގަނޑުމެންގެ ތަޞައްވުރު އެއޮތީ ހުޅުމާލެއާ ގުޅިފައި. ތަފްޞީލަކަށް ދާކަށް ނެތިން.
 
އެކަމަކު ކުޅުދުއްފުށީގައި ދަންނަވާލަން ބޭނުންވަނީ، މި އުފެދޭ ހަތްހާސް ވަޒީފާއަކީ ހަމަ މިދާއިރާގައި، މައިގަނޑު ގޮތެއްގައި ކުޅުދުއްފުށީގެ ދެން އިތުރަށް މިހިސާބުގެ ނޮޅިވަރަމް، ނޮޅިވަރަންފަރުގެ، މިރަށްރަށުގެ ޒުވާނުންނަށް އޮތް ފުރްޞަތުތަކެކޭ. މިއާ ގުޅިގެން، ޓުއަރިޒަމާ ގުޅިގެން މިދެންނެވި ރިޒޯޓް ތިންހާސް އެނދާ ގުޅިގެން ތަފާތު އެކި މަސައްކަތްތައް އުފެދޭނެ ކަމަކީ ޝައްކެއް އޮތް ކަމެއް ނޫން. އެޔާއެކީ ގެސްޓްހައުސްގެ ވިޔަފާރި ފެށިގެންދާނެ. ސްވެނިއަރ ޝޮޕްތަކުގެ ވިޔަފާރި ފެށިގެންދާނެ. ދަތުރުފަތުރުގެ ވިޔަފާރި ފެށިގެންދާނެ. އަދި އެއާއެކީ ދެންމެ ޑޮކްޓަރ ޝައިނީގެ ވާހަކަފުޅުގައި އެ ވިދާޅުވިގޮތަށް، ދަނޑުވެރިކަމުގެ ލާމަސީލު ތަނަކަށް    ހދ. އެބަވޭ. ދަނޑުވެރިކަމުން އުފައްދާ ތަކެތި، މިތަންތަނަށް މާކެޓް ކުރުމުގެ މަސައްކަތްތަކެއް މިހާރުވެސް ހޯރަފުށީގައިވެސް އެބަ ހިނގަމުންދޭ. ހަމަ އެގޮތަށް ކުޅުދުއްފުށީގައިވެސް ހިނގާނެކަމާ ދޭތެރޭގައި އަޅުގަނޑު ޝައްކެއް ނުކުރަން.
 
ދެން ހަމަ އެޔާއެކީ އަޅުގަނޑު ފަހު ވާހަކައެއްގެ ގޮތުގައި ދަންނަވާލާނަން. އަޅުގަނޑުމެންގެ އަމާޒަކީ، މިދެންނެވި ގޮތަށް މި ސަރުކާރުގައި އެންމެ ފުރަތަމަ މި ދޫކުރާ ޓުއަރިސްޓް ރަށްތައް މި ދޫކުރީ ހަމަ ހދ. އަށް. އޭރު އަޅުގަނޑުމެން ދެންނެވިން، ހއ. ހދ. ށ.އަށް އަމާޒުކޮށްގެން، އަޅުގަނޑުމެން މިދޫކުރާ ރިޒޯޓްތަކުގެ އަދަދު، އަޅުގަނޑުމެން ކަށަވަރު ކުރާނަމޭ، ގާތްގަނޑަކަށް ސަތާރަހާސް ވަޒީފާ އުފެދިގެންދާނެ ކަމަށް. އަޅުގަނޑުމެން މިއަދު މި ކަށަވަރު ކުރަނީ، މިދެންނެވި ފަސް ދާއިރާ އަދި ކުޅުދުއްފުށީގައި މި ހަދާ ސިޓީ ހޮޓަލާ އެކީ ތިންހާސް އެނދު އިތުރުވެގެންދާނެ ކަމަށް. އަދި ހަމައެއާއެކީ އިރާދަކުރެއްވިއްޔާ، މިއަންނަ އަހަރާއި، ޖެހިގެން އަންނަ އަހަރު އަޅުގަނޑުމެން ވިސްނާނަން، އެންމެ ޓުއަރިޒަމަށް އެކަށީގެންވާ ދާއިރާތަކެއް މިހާރު ހުރި ތަންތަނަށް ބަލާފައި، އުތުރަކީ އަޅުގަނޑު ނުދަންނަވާނަން، ކޮންމެހެން އިހުމާލުކޮށްލާފައި އޮތީއެކޭ. އެހެން ނަމަވެސް، އުތުރަކީ މިދެންނެވި ގޮތަށް އިތުރު ތަނަވަސްކަން އަންނަން ބޭނުންވެފައި އޮތް ދާއިރާ. އެހެންވީމާ، އުތުރުގެ މި ތިން އަތޮޅަށް ޚާއްޞަކޮށްގެން، އަޅުގަނޑުމެން އަނެއްކާވެސް ހަމަ ރިޒޯޓްތަކެއް ދޫކުރާނަން. މިދެންނެވި ގޮތަށް، އެންމެ ފުރަތަމަ އަޅުގަނޑުމެންގެ ސަރުކާރުގައި މި ދޫކުރި ރަށްތަކެއް، މި ދޫކުރީ ހަމަ ހދ. އަށް. އެހެންވީމާ، މިއިން ކުޅުދުއްފުށީގެ ރައްޔިތުންނަށް، ހދ.ގެ ބޮޑެތި ރަށްރަށުގެ ރައްޔިތުންނަށް، ޒުވާނުންނަށް ވަޒީފާތަކަކާއި، އިޤްތިޞާދީ ފުރްޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ.
 
ދެން ހަމައެއާއެކީ، މުޅި ޓުއަރިޒަމް އިންޑަސްޓްރީއަށް އަޅުގަނޑުމެންގެ ސަރުކާރުން ދޭން ބޭނުންވާ ޚަބަރެއްވެސް އެބައޮތް. އެ ޚަބަރަކީ، ޓުއަރިޒަމް އިންޑަސްޓްރީއަށް ދިމާވާ އެންމެ ބޮޑެތި މައްސަލަތަކުގެ ތެރޭގައި، މިގޮތަށް ރަށްރަށް ދޫކުރެވުނީމަ، އެ ރަށްރަށް އާރާސްތު ކުރަން، ނޫނިއްޔާ އެރަށްރަށް ޑިވެލޮޕް ކުރަން ބޭނުންވާ ފައިސާ ލިބުމަކީ ފަސޭހަ ކަމަކަށްނުވޭ. އަޅުގަނޑުމެންގެ ވިސްނުމުގައި، އެއްފަހަރާ 10 ރަށް ދޫނުކުރީވެސް މިއީ އެއް ސަބަބު. އެއީ، ދިވެހިރާއްޖޭގެ ބޭންކިންގ ސިސްޓަމަކަށް 10 ރަށް އެއްފަހަރާ ދޫކޮށްގެން، 10 ރަށް ހަދަން ބޭނުންވާ ފައިސާ ދޫކުރެވޭނެ ނިޒާމެއް ނެތް. މިހާރުވެސް ބޭންކްތަކަށް އަޅުގަނޑުމެންގެ ލީޑިންގ އިންޑަސްޓްރިއަލިސްޓުން، ޓުއަރިޒަމް ދާއިރާގެ ލީޑިންގ ބޭފުޅުން އެކްސްޕޯޒްވެފައި ހުރި މިންވަރު އެބަ އެނގޭ. އިތުރަށް ބޭންކްތައް ލެބަރޭޖްކޮށްގެނެއް، އިތުރަކަށް ބޭންކްތަކުން އިތުރު ފައިސާ ދޭކަށް މިވަގުތަކު ބޭނުމެއްނުވޭ. ޤައުމީ އިޤްތިޞާދުވެސް ހަމަޔަކަށް އެޅޭތަން އެމީހުން ދެކެން ބޭނުންވޭ. ބޭންކްތަކުން ދެކެން ބޭނުންވޭ. އެހެންވީމާ، މުޅިން އާ ކެޕިޓަލް ހޯދާނެ ގޮތްތަކެއް ބޭނުންވޭ. އެހެންވީމާ، 10 ރިޒޯޓް ދޫކޮށްގެނެއް، މި 10 ރިޒޯޓް ހޯދާނެ ފައިސާއެއް، ދިވެހި ސަރުކާރުގައި ނޫނީ ދިވެހިރާއްޖޭގައި މިހާރުހުރި ބޭންކްތަކުގެ ތެރެއިން އެއީކީ ކުރަން ފަސޭހަ ކަމަކަށް ނުވާނެ. އެހެންވެގެން އަޖުމަ ބެލުމުގެ ގޮތުންނާއެކީ، އަޅުގަނޑުމެން މިއަހަރު މިދޫކުރަނީ، ފަސް ރިޒޯޓް. އިރާދަކުރެއްވިއްޔާ، މިއަންނަ އަހަރު އަޅުގަނޑުމެންގެ މަޝްރޫޢުތަކާއިގެން ކުރިއަށްދާނަން.
 
އަޅުގަނޑުމެން ޓުއަރިޒަމް އިންޑަސްޓްރީއަށް ފައިސާ ހޯދުމަކީ މިހާ ދަތިކަމަކަށްވާތީއާއެކީ، އަޅުގަނޑުގެ ސަރުކާރުން އަލަށް ތަޢާރުފް ކުރަން ބޭނުންވާ ކަމަކީ، ހަމަ މިބޭފުޅުންނަށް އެހީތެރިވުމަށްޓަކައި، ރިޒޯޓް ހަދަން މި ނުކުންނަ ފަރާތްތަކަށް އެހީތެރިވުމަށްޓަކައި އަޅުގަނޑުމެން ކަނޑައަޅާފައި ހުރި އުޞޫލުތަކެއް އެބަހުރި. ދާދި އަވަހަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މާލެއަށް ދިޔުމާއެކީ، ލަސްތަކެއްނުވެ އިޢުލާނު ކުރާނަން. އެކަމަކު މި ރިޒޯޓް ހައްދަވަން ބޭނުންވާ ފަރާތްތަކުން، ދުނިޔޭގެ އެތަން މިތަނުން ފައިސާ ލިބޭނެ ގޮތްތައް ތަނަވަސްވާ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. ރާއްޖޭގެ ރިޒޯޓް އޯނަރުންވެސް ހަމައެކަނި ބޮރޯ ކުރައްވާފައި ހުރީ، ނޫނިއްޔާ ބޭންކުން ލޯނު ނަންގަވާފައި ހުރީ ރާއްޖޭގެ ބޭންކްތަކަކުންނެއް ނޫން. އަވަށްޓެރި ޤައުމުތަކުން އަދި އެއަށްވުރެ ދުރު ޤައުމުތަކުންވެސް އެބަހުރި ބޭންކް ލޯނު ނަންގަވާފައި. މިހާރު ދުނިޔޭގެ ބާޒާރުގައި ފައިސާ، ނޫނިއްޔާ ބޮރޯ ކުރުމަކީ، ނޫނިއްޔާ ބޭންކްތަކުން ފައިސާ ހޯދުމަކީ އެހާ ޚަރަދު ބޮޑު ކަމެއް ނޫން. ރާއްޖޭގައި ކުރަންޖެހޭ ޚަރަދުތަކާއި އަދި ބޭންކަށް ދައްކަންވާ ފައިސާ ނުދެއްކީމަ، އުފުލަންޖެހޭ ތަކުލީފާއި، ކޯޓުތަކުގެ މަރްޙަލާގައި އުޅެންޖެހޭ ދުވަސްތަކަށް ބަލާފައި، ރާއްޖޭގެ އިންޓްރެސްޓް ރޭޓް މިއޮތީ ގާތްގަނޑަކަށް 8 ޕަސެންޓް، ނޫނީ އެއަށްވުރެ މަތީގައި. އެހެން ނަމަވެސް، ދުނިޔޭގެ އެކިހިސާބުގައި، ދެ ޕަސެންޓާއި ތިން ޕަސެންޓާއި ހަތަރު ޕަސެންޓްގައި، މިކަހަލަ މަޝްރޫޢުތަކަށް ފައިސާ ލިބޭނެ އިންތިޒާމު އެބަހުރި ހަމަޖެހިފައި.
 
އެހެންވީމާ، އަޅުގަނޑު ޓުއަރިޒަމް ދާއިރާގެ ބޭފުޅުންނަށް މިރޭ ދަންނަވާލަން ބޭނުންވަނީ، ޓުއަރިޒަމަށް ބިނާކޮށް އަޅުގަނޑުމެންގެ އިޤްތިޞާދު ފުޅާކުރަން މިކުރާ މަސައްކަތުގައި، އަޅުގަނޑުމެންގެ ސަރުކާރުން ކަށަވަރުކޮށްދޭނަމޭ، ގާތްގަނޑަކަށް ދެ ޕަސެންޓާއި ތިން ޕަސެންޓާ ދޭތެރޭގައި، އެބޭފުޅުންގެ ޤާބިލުކަމާއި ކުޅަދާނަކަމުން ބޭރުގެ ފަރާތްތަކުން ލޯނު ހޯއްދަވާ ކަމަށްވަންޏާ، އެބޭފުޅުންނަށް ބޭންކްތަކުން އެންމެ ފުރަތަމަ ދަންނަވާނީ، ކިހާވަރެއްގެ ކޮލެޓްރެލްއެއް، ނޫނިއްޔާ ރައްކާތެރިކުރުމަށްޓަކައި ކިހާވަރެއްގެ ހަރު މުދަލެއް ބެހެއްޓިދާނެތޯ. އެބޭފުޅުން، އެބޭފުޅުންގެ ކޮލެޓްރަލް ބަހައްޓަވައިދެއްވާނެ. އެއީ އެބޭފުޅުން ހައްދަވާފައި ހުރީ ރިޒޯޓް ކަމަށްވަންޏާ، އެބޭފުޅުން ހައްދަވާފައި ހުރި ރިޒޯޓްތައް ރަހުނުގެ ގޮތުގައި ބަހައްޓަވައިދެއްވާނެ. އެޔާއެކީ ދެން އަހާނީ، ދިވެހިރާއްޖޭގައި މިކަން ކުރާ ކަމަށްވަންޏާ، ދިވެހި ދައުލަތުން ސޮވްރިންގ ގެރެންޓީއެއް ލިބިދާނެތޯ. އަޅުގަނޑުމެންގެ ސަރުކާރުން ނިންމައިފިން، މިގޮތަށް ތިން ޕަސެންޓް، ހަތަރު ޕަސެންޓަށްވުރެ މަތި ނޫން ޢަދަދަކަށް ފައިސާ ހޯއްދެވޭނެ ކަމަށްވަންޏާ، އެބޭބޭފުޅުންނަށް ދިވެހި ޓުއަރިޒަމް އިންޑަސްޓްރީގެ ޙައްޤުގައި އަދި ޒުވާނުންނަށް ވަޒީފާ ހޯދައިދިނުމަށް، އަޅުގަނޑުމެންގެ ރައްޔިތުން ތަނަވަސްކޮށްދިނުމުގެ ޙައްޤުގައި އަޅުގަނޑުމެންގެ ސަރުކާރުން ނިންމައިފިން ސޮވްރިންގ ގެރެންޓީ ދޭން.
 
އެހެންވީމާ، އިރާދަކުރެއްވިއްޔާ، މި ޖާގަ ހޯއްދަވައިގެން، ދެ ޕަސެންޓް، ތިން ޕަސެންޓް، ހަތަރު ޕަސެންޓާ ހަމައިގައި، ލޯނު ކޮމިޓްމަންޓް ލިބިވަޑައިގަންނަވާ، ޓުއަރިޒަމް ދާއިރާގައި އިސްކޮށް އުޅުއްވާ ބޭފުޅުން ވަޑައިގެންފި ކަމަށްވަންޏާ، އަޅުގަނޑުމެންގެ ސަރުކާރުން އިރާދަކުރެއްވިއްޔާ ސޮވްރިންގ ގެރެންޓީ އަރުވާނަން. މިކަންކަން ކުރުމުގެ ބޭނުމަކަށްވަނީ، އަޅުގަނޑު މިދަންނަވާލި ގޮތަށް އަޅުގަނޑުމެންގެ އިޤްތިޞާދު، އާ މަރްޙަލާއަކަށް، އާ ފަށަލައަކަށް ދާންޖެހޭތީ. އަޅުގަނޑުމެންނަށް ކުރެވޭނީ މަސައްކަތް. އަޅުގަނޑުމެންނަށް ފެންނާނީ ހުވަފެން. ޙަޤީޤަތަށް ހެދުމަށްޓަކައި އަޅުގަނޑާއެކީ މަސައްކަތް ކުރައްވަން އަޅުގަނޑުގެ އިދިކޮޅު ފަރާތްތަކަށްވެސް އަޅުގަނޑު މިރޭ ގޮވާލަން. އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތަކީ، އަޅުގަނޑުމެންގެ ރައްޔިތުންގެ މަޞްލަޙަތު އިސްކުރުމާއެކީ، އަޅުގަނޑުމެންގެ ފަރުދީ މަޞްލަޙަތު ކުޑަކޮށް ފަހަތަށް ޖައްސާލަން ދަސްކުރުމަކީ ޙަޤީޤަތުގައިވެސް އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ މިވަގުތަށް ބޭނުންވާ އެންމެ ބޮޑު ރުކުނަކީ، އަޅުގަނޑުމެން މުޅި ޤައުމަށް އިސްކަންދޭނެ ދަރިންތަކެއް އުފެދުން. ސިޔާސީ ވާހަކަތައް އަޅުގަނޑުމެންނަށް ދެއްކިދާނެ. މުޒާހަރާތައް އަޅުގަނޑުމެންނަށް ކުރެވިދާނެ. ރާއްޖޭގެ ކުރިއެރުމަކަށް ހަމަ ހިޔަނިއެޅުން ފިޔަވައި، ވާ އެއްވެސް ކަމެއް ނެތް.
 
އެހެންވީމާ، މިހާރު އޮތް ހަމަޖެހުމާއެކީ، އަޅުގަނޑު ތިޔަ ހުރިހާ ރައްޔިތުންގެ އަރިހުން އިލްތިމާސް ދަންނަވާލަން ބޭނުންވަނީ، ސަރުކާރަށް އިތުބާރުކޮށްގެން، އަޅުގަނޑުމެން މި މަސައްކަތް ކުރުމުގައި، އަދި އަޅުގަނޑުގެ ސަރުކާރަށް މި މަސައްކަތް ކުރުމުގެ ފުރްޞަތު ތަނަވަސްކޮށްދެއްވާށޭ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މި ޖަލްސާގައި ތިއްބެވީމަޔާއެކީ، އަޅުގަނޑު ހަމަ އިލްތމާސް ދަންނަވާލަން ބޭނުންވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންގެ މަންދޫބުންނޭ. ރައްޔިތުންގެ މަންދޫބުންނަކީ، ރައްޔިތުންނަށް ބޭނުންވާ، ރައްޔިތުންގެ މަޞަލަޙަތު ހިމެނޭ ކަންކަމަށް ޖާގަ ހޯއްދަވައިދެއްވާ ބޭފުޅުންނޭ. ސަރުކާރުން އެ ޖާގަ ހޯދައިނުދޭ ކަމަށްވަންޏާ، ސަރުކާރު ޖަވާބުދާރީ ކުރުވައިގެންވެސް އެ ޖާގަ ހޯއްދަވައިދެއްވާ ބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން.
 
އެހެންވީމާ، ރައްޔިތުންގެ ކުރިއެރުމަށް، ރައްޔިތުންގެ މަޞްލަޙަތަށް، އިތުރު ބޮޅެއް އިތުރުކުރަން ސަރުކާރުން ކުރާ ކޮންމެ މަސައްކަތަކަށް، އެބޭފުޅުން ހަމަ އީޖާބީ ޖަވާބެއް ދެއްވުން ފިޔަވައި އެބޭފުޅުންގެ ޤާނޫނީ މަސްއޫލިއްޔަތު އުފުއްލަވާނެ ގޮތެއް އަޅުގަނޑަކަށް ނުފެނޭ. އެހެންވީމާ، އަޅުގަނޑު ގަބޫލުކުރާހިތްވަނީ، މިއަހަރުގެ ބަޖެޓަކީ އިރާދަކުރެއްވިއްޔާ، ތަފާތު ފިލާވަޅުތަކެއް ނަގައިދޭ ބަޖެޓަކަށް ވެގެންދާއިރުވެސް، ބޭނުމަކަށްވަނީ މިދެންނެވިކަހަލަ މަސައްކަތްތަކެއް ކޮށްގެން، ކުޅުދުއްފުށި ކަހަލަ، އައްޑުއަތޮޅު ހިތަދޫ ކަހަލަ، ފުވައްމުލަކު ކަހަލަ އަދި މިނޫންވެސް ބިޔަ ބޮޑެތި ރަށްރަށުގައި، ބިމުގެ ޖާގައިގެ ގޮތުންނާއި އަދި މަސައްކަތް ކުރަން ތިބި އާބާދީގެ ގޮތުންނާއި، މިދެންނެވި ތަންތަނަށް އަޅުގަނޑުމެންނަށް ގެންދެވޭނެ މަސައްކަތްތަކެއް ގެންދިޔުމަށްޓަކައި ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ހަދަންޖެހޭ ކަމަށްވަންޏާ، ދެންމެ އެމް.ޕީ ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވިގޮތަށް، ޚާއްޞަ އިޤްތިޞާދީ އެކި ސަރަޙައްދު ހަދައިގެން، އެނޫން ގޮތަކަށް އެކަން ކުރާ ކަމަށްވަންޏާ، އެނޫން ގޮތަކަށް އެކަން ކުރުމުގެ، އަޖުމަ ބެލުމުގެ ޖާގަ އަޅުގަނޑުގެ ސަރުކާރަށް ދެއްވާށޭ އަޅުގަނޑު ދަންނަވަނީ. އެ ޖާގަ އަޅުގަނޑަށް ދެއްވާފައި، ތިޔަބޭފުޅުން އަޅުގަނޑަށް ރިޕޯޓް ދެއްވާނީ. މިހާރުވެސް އަޅުގަނޑަށް ބައެއް ސިޔާސީ ލީޑަރުން C ރިޕޯޓް ދެއްވަނީ. އެކަމަކު އަޅުގަނޑު ގަބޫލުކުރާ ގޮތުން ވެއްޖިއްޔާ، އަޅުގަނޑުގެ 5 އަހަރެއް ނިމިގެންދާއިރު، އަޅުގަނޑަށް C ރިޕޯޓް ދެއްވައިފި ކަމަށްވަންޏާ، މިއަންނަ 5 އަހަރަކީ އަޅުގަނޑުގެ 5 އަހަރެއް ނޫން. އެއީ ތިޔަބޭފުޅުންގެ 5 އަހަރެއް.
 
 والســّلام عليــكم ورحـمــة اللّـه وبـركاتـه