بســم اللّـه الرّحمـن الرّحيــم

      
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
 
ހޯރަފުށީގެ ލޮބުވެތި އެންމެހާ ރައްޔިތުން، ކައުންސިލްގެ ރައީސް، އަތޮޅު ކައުންސިލްގެ ރައީސް، ނައިބު ރައީސް، މިރަށުގެ ކައުންސިލްގެ އެހެން ޢިއްޒަތްތެރި މެންބަރުން، އަޅުގަނޑާއެކީ ވަޑައިގެންނެވި އެންމެހާ ޢިއްޒަތްތެރިން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه،
 
އާދެ! އަޅުގަނޑުގެ ވާހަކަ ފަށަމުން، އަޅުގަނޑަށް ޚާއްޞަ އުފަލެއް ލިބޭ ކަމުގައި ދަންނަވާލާނަން އަޅުގަނޑާއެކީ ވަޑައިގެންނެވި ޓީމާއި، އަޅުގަނޑުމެން މިރަށަށް އައުމުން، ތިޔަ ވިދާޅުވި އިޚްލާޞްތެރި ހޫނު މަރްޙަބާއަށްޓަކައި އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން އިޚްލާޞްތެރިކަމާއެކީ، ހޯރަފުށީގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް ޝުކުރު ދަންނަވަން.
އާދެ! ޙަޤީޤަތުގައި އަޅުގަނޑުމެން މިކުރާ ދަތުރަކީ، އެއްގޮތަކަށްވެސް ހއ. އަތޮޅަށް ކުރާ ދަތުރެއް ނޫން. މިއީ އަތޮޅު ދަތުރެއް ނޫން. އަދި މި މަންޒިލުން އަޅުގަނޑުމެން ފުރައިގެން ގޮސް، ކުޅުދުއްފުށްޓަށް މިދަނީ ހދ. އަތޮޅަށް ކުރާ ދަތުރެއްގައެއްވެސް ނޫން. އަޅުގަނޑުމެން މިރަށަށް މިއައީ، ވަރަށް ޚާއްޞަ ކަމެއް، މިރަށުގެ ރައްޔިތުން އެދިއެދި ތިބި ކަމެއް، އިންތިޒާރު ދިގުލައިގެންދާތީ، އެ އިންތިޒާރު ޙަޤީޤަތަކަށް ހަދައިދިނުމަށް ކުރާ ދަތުރެއްގެ ފެށުން. އަދި ހަމަ އެހެންމެ، ކުޅުދުއްފުށްޓަށް މިދަނީ ހދ. އަތޮޅުގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުންނަށްވެސް އުފާވެރިކަމުގެ ޚަބަރުތަކެއް ދެވޭތޯ ބެލުމަށް. އެހެންވީމާ، އަޅުގަނޑު މިރަށަށް މިއައީ، ހޯރަފުށީގައި ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރު ކުރަމުން ތިޔަ ގެންދަވާ ނަރުދަމާގެ ނިޒާމުގެ ޢަމަލީ މަސައްކަތް ފަށައިދިނުމަށްޓަކައި ބިންގާ އަޅައިދިނުމުގެ މަސައްކަތް، ތިޔަބޭފުޅުންނަށް ފުރިހަމަކޮށްދިނުމަށް.
 
އާދެ، އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، ނަރުދަމާގެ މަސައްކަތް ހިނގަމުން މިދަނީ. މިއީ ޝައްކެއްވެސްނެތްގޮތުގައި، ހޯރަފުށީގެ ލޮބުވެތި ރައްޔިތުން ދިގު އިންތިޒާރުތަކެއްގައި ތިއްބެވި ކަމެއް. އަޅުގަނޑުމެންގެ މެނިފެސްޓޯގައި، އަޅުގަނޑުމެންގެ ވަޢުދެއްގެ ގޮތުގައި ދަންނަވާފައި އޮންނާނެ، އާބާދީގެ ބޮޑެތި ރަށްރަށް، ޚާއްޞަ ގޮތެއްގައި، ތިންހާސް، ހަތަރުހާހަށްވުރެ މަތީ އާބާދީގެ ބޮޑެތި ރަށްރަށަށް ބޭނުންވާ މުނިސިޕަލް ހުރިހާ ޚިދްމަތެއް، އަޅުގަނޑުމެންގެ ސަރުކާރުގެ 5 އަހަރު ނިމޭއިރު، އިރާދަކުރެއްވިއްޔާ، އެކަން ކޮށް ނިންމައިދޭނަމޭ. އޭގެތެރޭގައި، ނަރުދަމާ، ފެނާއި، ކުނި ނައްތާލުމާއި، މަގުތައް ހެދުމާ، މިކަހަލަ ހުރިހާ މުނިސިޕަލް ޚިދްމަތްތަކެއް ހިމެނޭ. އެގޮތުގެ މަތިން، ގަބޫލު ކުރައްވާ، ހޯރަފުށްޓަކީ މިފަހަރުގެ ސަރުކާރުގެ ބަޖެޓުންނާއި އަދި ބޭރުގެ އެހީއަށް ބަލާކަމަށްވަންޏާ، ވަރަށް ޚާއްޞަ ވަނައެއް ހޯދާ ރަށަކަށް ވެގެން މިދިޔައީ. އާދެ! ހޯރަފުށީގައި މިއަދު ރަސްމީގޮތުން މި ފެށޭ ނަރުދަމާގެ ނިޒާމް، އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، އަންނަ އަހަރުގެ ކޮންމެވެސް ހިސާބެއްގައި، އަހަރު ފަހުކޮޅުގައި ނަމަވެސް ނިމިގެން، ނަރުދަމާ ނިޒާމް ކޮމިޝަން ކުރެވިގެންދާނެ. ޝައްކެއްވެސްނެތްގޮތުގައި، ތިޔަބޭފުޅުން އެދިވަޑައިގެންނެވި ކަމެއް ފުރިހަމަވެގެން މިދަނީ.
 
ދެން ހަމަ އެއާއެކީގައި މިއަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު ދަންނަވާލަން ހުރި ވާހަކަތައް ކުރިއަށް ގެންދާއިރުވެސް، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުން، މީގެ ބައެއް ކަންތައްތައް އަޅުގަނޑު އިޢުލާނު ކުރާނެ ކަމަށް ވިދާޅުނުވެ، މިހާރުވެސް ވަނީ އިޢުލާނު ކޮށްދެއްވާފައި. އެހެންވީމާ، އެކަންކަން އަޅުގަނޑު ހަމަ އިޢުލާންކޮށްލާނަން. އަދި އިޢުލާނުކޮށްލާއިރު، އަޅުގަނޑަށް ހަނދާނުން ކައްސާލައިގެން ދިޔުމުގެ ކުރިން، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުން އަޅުގަނޑާ ދޭތެރޭގައި ވިދާޅުވި އޯގާތެރި ބަސްފުޅުތަކަށް އެންމެހާ ޢިއްޒަތްތެރި ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވާފައި، އަޅުގަނޑު ދަންނަވާނީ، ކޮންމެވެސްވަރަކަށް ތިޔަބޭފުޅުންގެ ކުރިފުޅުމަތީގައި ހުއްޓިހުރެ، ލަދުވެތިކަމާއެކީ އަޅުގަނޑު މި ވާހަކަ ދަންނަވާލަނީ، ޙަޤީޤަތުގައި ބައެއް ބޭފުޅުންގެ ޚިޔާލުފުޅު އަންނަ ކަހަލަ ފުންނާބު އުސް މީހެއް ނޫން އަޅުގަނޑަކީ. އެހެން ނަމަވެސް، ބައެއް ކަހަލަ މަޢުލޫމާތު މުއްސަނދި ކުރުމުގެ މަސައްކަތް ކުރުމާއި، އަދި ސަރުކާރުގެ ވަރަށްގިނަ ދާއިރާތަކުގައި އެކަށީގެންވާ ގިނަ މުއްދަތެއްގައި އުޅެވިފައި ހުރުމާއެކީގައި، އަޅުގަނޑު ކޮންމެވެސް ކަހަލަ މަސައްކަތްތަކެއް ރައްޔިތުންނަށް ކޮށްދެވޭތޯ މި ބަލަނީ.
 
ތަފާތަކަށްވާނީ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ 5 އަހަރު ނިމިގެންދާއިރު، އަޅުގަނޑު ދިވެހިރާއްޖެއާ ދޭތެރޭގައި ދެކެން ބޭނުންވާ ހުވަފެނަކީ، އިޤްތިޞާދީ ގޮތުން ދިވެހިރާއްޖެއަކީ ފުދުންތެރިކަން ބޮޑު އަދި އޭގެ ނަތީޖާއެއްގެ ގޮތުން ވަކިވަކި ފަރުދުންގެ ތަނަވަސްކަން އިތުރުވެގެންދާނެ ދިވެހިރާއްޖެއަކަށް ހަދައިދިނުމަށް ކުރާ މަސައްކަތް. މި މަސައްކަތް ކުރުމުން އޭގެ މާނައަކީ، އެއްވެސް ގޮތެއްގައި އިޖްތިމާޢީ އެކި ދާއިރާތައް މަޙްރޫމްވެގެން ދާނީކީ ނޫން. ހަނދާން ނައްތާލާނީކީ ނޫން. ޝައްކެއްނެތްގޮތުގައި، މިއަދުވެސް މި ބިންގާ އެޅިގެން، މަސައްކަތް ނިމޭ ހިސާބަށް މި ގެންދެވެނީ އިޖްތިމާޢީ ބޮޑު މަޝްރޫޢެއް. ރައްޔިތުންނަށް ބޭނުންވާ ބޮޑު މަޝްރޫޢެއް. އެހެން ނަމަވެސް، މި މަޝްރޫޢުތައް، މިކަހަލަ އާބާދީ ބޮޑެތި ރަށްރަށުގައި ހިންގައިދޭންޖެހޭ ސަބަބަކީ ޙަޤީޤަތުގައިވެސް މިރަށްރަށުގައި ރައްޔިތުން ދިރިއުޅޭ ކަމަށްވަންޏާ، މިއީ ޟަރޫރީ ގޮތުން ރައްޔިތުންނަށް ބޭނުންވާ ކަންކަމަށްވާތީ، ފުއްދައިދޭންޖެހޭ ކަންތައް. އަދި އޭގެއިތުރަށް މިކަންކަމުގެ ބޭނުން ހިފައިގެން، މި ރަށްރަށަށް ބޭނުންވާ އިޤްތިޞާދީ ތަރައްޤީ ގެންނެވުމުގެ މަޝްރޫޢުތައް ރޭވުމަކީ، މިރަށުގެ ރައްޔިތުންގެ މަސައްކަތްޕުޅެއް. އެއާއެކީ އަޅުގަނޑު ދަންނަވާނީ، އަޅުގަނޑަކީވެސް ހުވަފެންތަކެއްގެ މަތީގައި ހުރި މީހަކީމޭ. ދިރުންހުރި ކޮންމެ މީހެއްގެ ދިރުންހުރިކަން އެނގެނީ، ހުވަފެންތަކެއް އެމީހާ ދެކޭ ކަމަށްވަންޏާ. ހުވަފެންތަކެއް ދެކޭ ކަމަށްވަންޏާ، ރައްޔިތަކަށް، ރައްޔިތުން އިންތިޚާބުކުރި މީހަކު ހަދައިދޭންޖެހޭ ގޮތަކީ، މި ހުވަފެންތައް ޙަޤީޤަތަކަށް ހަދައިދިނުމަށް މަސައްކަތް ކޮށްދިނުން. ހުވަފެނެއްނެތި، އެއްވެސް ކަހަލަ އުންމީދެއްނެތި ދާކަމަށްވަންޏާ، އެއްދުވަހު ހޭލާފައި، އަނެއް ދުވަހު ނިދާފައި، އަނެއް ދުވަހު ހޭލުން ފިޔަވައި، އަޅުގަނޑުމެން އިންސާނުން ކުރާނެ ކަމެއް ނޯންނާނެ.
 
އެހެންވީމާ، އަޅުގަނޑުގެ ހުވަފެނަކީ، މި ސަރަޙައްދަށް ބޭނުންވާ ތަރައްޤީ، ﷲގެ ރަޙްމަތާއެކީ މިކަންކަން ފޯރުކޮށްދިނުން. މިއަތޮޅަށް އަންނާނެ އެންމެބޮޑު މަޝްރޫޢެއްގެ ގޮތުގައި މިއޮތީ، އައިހެވަން ޕްރޮޖެކްޓް. އާދެ، އިހަވަންދިއްޕޮޅު އަތޮޅުގައި އަޅުގަނޑުމެން ރާވާފައި އޮތް މަޝްރޫޢު. ބިޔަބޮޑު މަޝްރޫޢެއް ރާއްޖޭގައި ދުވަހަކުވެސް ނުދެކޭވަރުގެ ބޮޑު މަޝްރޫޢެއް. މިމަޝްރޫޢުގެ މަސައްކަތްތައް ފުރިހަމަވެގެން ދިޔައީމަ، ﷲގެ ރަޙްމަތާއެކީ މި އުތުރުގެ ސަރަޙައްދު، ތަރައްޤީގައި ދުވަހަކުވެސް ނުދެކޭފަދަ ވަރުގަދަ ނާރެހަކަށް ވެގެންދާނެ. އަޅުގަނޑުމެން މިދަންނަވަނީ، އަޅުގަނޑާއެކީ މަސައްކަތްކުރައްވާ ހީވާގި އިޤްތިޞާދީ ވަޒީރުންގެ ޓީމުގެ ހުވަފެނަކީ،    މި ޙަޤީޤަތް ތިޔަބޭފުޅުންނާ ހަމަޔަށް ގެނެސްދެވޭތޯ ބެލުން. އަދި މިކަމާ ގުޅިގެން މިވަނީ ތަފާތު އެކިއެކި ޞިނާޢަތްތައް ތަރައްޤީ ކުރުން. އެ ޞިނާޢަތްތަކުގެ ތެރެއިން އެންމެބޮޑު އަމާޒެއް މިއަންނަނީ ޓުއަރިޒަމަށް. އެހެންވީމާ، ޓުއަރިޒަމްގެ ސަރަޙައްދުތަކެއް، އަޅުގަނޑުމެންގެ މިދަތުރުގައި އިޢުލާނު ކުރެވިގެންދާއިރު، ފަހަރުގައި ހއ. އަތޮޅުގެ ރަށްތަކެއް ނުފެނުނު ކަމުގައިވީނަމަވެސް، އެހުރިހާ ރަށަކުން ކުރެވޭ މަސައްކަތަށްވުރެން އަދި އާމްދަނީ ހޯދައިދިނުމަށް ކުރާ މަސައްކަތް ކަމުގައިވީނަމަވެސް، ޒުވާނުންނަށް ވަޒީފާގެ ފުރްޞަތު ތަނަވަސްކޮށްދޭން ހޯދައިދޭ ވަޒީފާ ކަމުގައިވީނަމަވެސް، މިހުރިހާ މަސައްކަތްތަކށް ހިޔަނިއަޅާވަރުގެ ބޮޑު ބިޔަ މަޝްރޫޢަކަށް ވެގެންމިދަނީ އައިހެވަންގެ މަޝްރޫޢު. އަޅުގަނޑުމެންގެ އުންމީދުގައި މިއޮތީ، އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތާއެކީ މިހާރުވެސް އައިހެވަން މަޝްރޫޢަށް ބޭނުންވާ ކަންތައްތައް ކުރުމުގެ ލޮޖިސްޓިކަލް އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން މިގެންދަނީ. މިމަހުގެ ތެރޭގައި، ހުޅުމާލޭގެ ދެވަނަ މަޝްރޫޢު ފެށިގެން ދިޔުމާއެކީ، އައިހެވަންގައި ހިއްކަން ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢު، މިއަތޮޅަށް އައިސް އަޅުގަނޑުމެންނަށް އެ މަސައްކަތްތައް އިހަވަންދިއްޕޮޅުގައި ފެށުމުގެ އިންތިޒާމުތައް ކުރެވެމުން މިދަނީ.
 
އެހެންވީމާ، ﷲގެ ރަޙްމަތާއެކީ މި މަޝްރޫޢު ފުރިހަމަވެގެން، ކާމިޔާބުވެގެން ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން ދިޔުމަކީ، ޚާއްޞަ ގޮތެއްގައި އިހަވަންދިއްޕޮޅު އަތޮޅަށް، އޭގެފަހުން މުޅި ހއ. އަތޮޅަށާއި އުތުރަށް ލިބިގެންދާނެ އެންމެ އުފާވެރިކަމުގެ ޚަބަރު. އެހެންވީމާ، ކެތްތެރިކަމާއެކީ އިންތިޒާރު ކުރައްވާ، އަދި މި ސަރުކާރަށް އެއްބާރުލުން ދެއްވައިގެން، އަޅުގަނޑުމެންގެ މަސައްކަތްތަކުގައި އެހީތެރިވެދެއްވުމަކީ، ހޯރަފުށީގެ ރައްޔިތުންގެ އަރިހުން އަދި ހއ. އަތޮޅުގެ ހުރިހާ ރައްޔިތުންގެ އަރިހުން އަޅުގަނޑު އެދޭ އެދުމެއް.
 
ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑަށް މިއަދު މިހިރީ ހަމަ މަދްރަސާއެއްގައި ވެއްޖިއްޔާ، އަހަރު ރިޕޯޓް އިއްވާކަހަލަ މަޤާމަކަށް އާދެވިފައި. ތިޔަބޭފުޅުންގެ ފަރާތްޕުޅުން ތިޔަބޭފުޅުންގެ ކައުންސިލްގެ ރައީސް ޢަލީ ޢާރިފް ވަރަށްގިނަ ކަންތައްތަކެއް ވިދާޅުވެއްޖެ. ޝައްކެއްވެސްނެތްގޮތުގައި ހަމަ ދިރުންހުރި ބަޔަކު ހުވަފެން ދެކޭ ފަދައިން، ދިރުންހުރި ބަޔަކު އިޙްސާސްކުރާ، ތަޙައްމަލްކުރާ ދަތިތަކެއް ހުންނާނެ. މިއީ، އަޅުގަނޑުމެންގެ ސަރުކާރުން ބަލައިގަންނަ ކަންތައްތައް. އެއާއެކީވެސް މުޤައްދިމާއެއްގެ ގޮތުން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ސަރުކާރު އުންމީދުތަކަކާއެކީއޭ ތިޔަބޭފުޅުން ވޯޓްލައްވައިގެން މި ސަރުކާރު ގެންނަވާފައި މިއޮތީ. އެކަމަކު ދިވެހިރާއްޖޭގެ މަދަނިއްޔަތެއް ފެށިފައި މިއޮތީކީ، އަޅުގަނޑުގެ ސަރުކާރު އައުމާއެކީއެއް ނޫން. ނޮވެންބަރު 17 އަކު ނޫން. ދިވެހިރާއްޖޭގައި މަދަނިއްޔަތަކާއި ތަހުޒީބެއް ފެށިގެން އަންނަތާ އެތައް ޒަމާނެއް ވެއްޖެ. ރައީސް މައުމޫންގެ ރަން 30 އަހަރުގެ ތެރޭގައި، އެތައް ބައިވަރު ގިނަގުނަ ޚިދްމަތްތަކެއް ރައްޔިތުންނަށް، އެކިކަންކޮޅުތަކަށް މިއޮތީ ފޯރުކޮށްދެއްވާފައި. އެހެންނަމަވެސް، އިހުމާލުތަކެއްގެ ތެރެއިން އަޅުގަނޑުމެންނަށް ގެއްލިގެންދިޔަ 5 އަހަރުގެ، ނޫނިއްޔާ 3 އަހަރުގެ ރާސްތާއެއް އެއީ، އަޅުގަނޑުމެން ހަނދާނަށް ގެންނަންޖެހޭ. މިހާރު ކުރެވޭ ވަރަށްގިނަ މަސައްކަތްތަކަކީ، މިގޮތަށް ކުރެވިފައި ހުރި، މިގޮތަށް ހޭދަކުރެވިފައި ހުރި ވަރަށް ބޮޑެތި ޢަދަދުގެ ފައިސާ. ބަޖެޓު ދެކޮޅު ޖެއްސުމުގެ ގޮތުން، އެފައިސާ ހޯދާނެ އިންތިޒާމުތަކެއް ހަމަޖެއްސުމާއި، އާބާތުރަ ފިލުވުމާއި އަދި އަމުދުން އެކި ދިމަދިމާލުގައި ނެތް ވަސީލަތްތައް ޤާއިމުކުރުމަށް ކުރެވޭ މަސައްކަތްތައް. އެއީ، ތަޢުލީމީ ދާއިރާއަށް ބެލިކަމުގައިވީ ނަމަވެސް، ޞިއްޙީ މަރްކަޒަކަށް ބެލިކަމުގައިވީ ނަމަވެސް، އަދި ރީޖަނަލް ހޮސްޕިޓަލަކަށް ބެލި ނަމަވެސް، ބަނދަރަށް ބެލިނަމަވެސް، ބިން ހިއްކުމަށް ބެލިނަމަވެސް، މިއިން ކޮންމެ މަޝްރޫޢަކީ މިދެންނެވި 5 އަހަރުގެ މުއްދަތުގެ ތެރޭގައި، ކޮންމެވެސް ސަބަބެއް މެދުވެރިވެގެން ނަމަވެސް، އެއްގޮތަކަށްވެސް ކުށްވެރިކުރުމުގެ ބަހަކުން އަޅުގަނޑު ދަންނަވާ ޢިބާރާތެއް ނޫން މިއީކީ. އިހުމާލުވެވިފައިވާތީ، އެކަންކަން އެބަ ކުރަންޖެހެޔޭ، އަޅުގަނޑުމެން އިޤްތިޞާދީ ހުވަފެން ޙަޤީޤަތަކަށް ހަދަން މަސައްކަތް ކުރާއިރުވެސް.
 
ކަންކަމަށް އެދޭ ރައްޔިތަކު ބޭނުންވާ ކަންކަން ހުހެއްނުވާނެ. އެއީ ޠަބީޢީ ކަމެއް. އަޅުގަނޑުމެން ބަލައިގަންނަ ކަމެއް. އެކަމަކު އެއާއެކީވެސް އަޅުގަނޑު ހަމަ ރައްޔިތުންގެ އަރިހުގައި ކެތްތެރިކަމާއެކީ އަޅުގަނޑުމެންނާއެކީ ސާބިތުވެ ތިއްބެވުމަށް މިދަންނަވާ ސަބަބަކީ، އަޅުގަނޑުގެ ޚިދްމަތް ދޭންއޮތީ ހަމައެކަނި ހޯރަފުށްޓަކަށްވެސް ނޫނޭ. އަޅުގަނޑުގެ ޚިދްމަތް ދޭން މިއޮތީ ދިވެހިރާއްޖޭގެ ހުރިހާ ރަށަކަށް. އަޅުގަނޑުމެންގެ ތަރައްޤީގެ ބިޔަ ބޮޑު މަޝްރޫޢެއް، ތަޞައްވުރެއް އަޅުގަނޑުމެންގެ ޚިޔާލުގައި އެބައޮތް. އަދި ތިޔަބޭފުޅުންނަށް އަޅުގަނޑުމެންގެ ޚިޔާލުތައް އެކި ސިފަސިފައިގައި ފެނިވަޑައިގެންފައިވާނެ. އަދިވެސް ކުރިއަށް އޮތް ތަނުގައި ފެނިވަޑައިގަންނަވާނެވެސްމެ. އެކަމަކު މީގެ އާޚިރު ނަތީޖާއަކަށް ވެގެންދާނީ، ﷲގެ ރަޙްމަތާއެކީ، އަޅުގަނޑުމެން މި ބޭނުންވާ ގޮތަށް މި މަޝްރޫޢުތައް ކާމިޔާބު ކުރެވިއްޖެ ކަމަށްވަންޏާ، ދިވެހިރާއްޖެ ދުވަހަކު ނުދެކޭވަރުގެ ތަރައްޤީ، ﷲގެ ރަޙްމަތާއެކީ، މި 5 އަހަރު ނިމިގެންދާއިރު، ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ.
 
ހޯރަފުށްޓާ ބެހޭގޮތުން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ސްކޫލެއްގައި އަހަރު ރިޕޯޓް އިއްވާކަހަލަ މަޤާމެއްގައި އަޅުގަނޑު މިހިރީ. އަޅުގަނޑާ ކުރިމަތިކުރެއްވީ ވަރަށްގިނަ މަޝްރޫޢުތަކެއް، ނޫނިއްޔާ ރައްޔިތުންގެ އިންތިޒާރުތަކެއް، ސަރުކާރުގެ ވިސްނުމުގެ މަޝްރޫޢުތަކުގެ ތެރޭގައި އޮތީ ކިހާ ހިސާބެއްގައިތޯ ދަންނަވާލަންޖެހޭތީ. އަޅުގަނޑު އެވާހަކަ ދަންނަވާލާފައި، އަޅުގަނޑު ކުރިއަށް ގެންދާނަން. ވަގުތުގެ ގޮތުން ތަނަވަހެއް ނޫން. އަޅުގަނޑުމެން އަދި ދަތުރު ފަށަންވެސް އެބަޖެހޭ. އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑަށް ހުށަހެޅުއްވި ހުރިހާ އިލްތިމާސްތައް އަޅުގަނޑު ހަމަ އިޚްލާޞްތެރިކަމާއެކީ ބަލައިގަންނަމޭ.
 
އެއާއެކުގައިވެސް އަޅުގަނޑު ދަންނަވާލާނަން، މީގެތެރޭގައި ވަރަށްގިނަ ކަންކަމަކީ، އިރާދަކުރެއްވިއްޔާ، މިއަންނަ އަހަރުގެ ބަޖެޓް، 2015 ވަނަ އަހަރުގެ ބަޖެޓްގެ ތެރެއިން ހަމަޖެހިގެންދާނެ ކަންކަމޭ. އެހެންވީމާ، މިދެންނެވީ މިއަންނަ އަހަރުގެ ބަޖެޓަކީ، އަޅުގަނޑުމެންނަށް އެންމެ ފަސޭހަ ބަޖެޓް ކަމުގައި ނުވިނަމަވެސް، އަދި ބަޖެޓާ ބެހޭގޮތުން ޙާޞިލު ކުރަން ބޭނުންވާ ޤައުމީ ލަނޑުދަނޑިތަކުގެ ވާހަކަ ދެއްކުމުގެ މަރްޙަލާއެއްގައެއް ނޫން އަޅުގަނޑު މިވަގުތު މިހިރީ. އެ ވާހަކަތައް އަޅުގަނޑުމެންގެ އިޤްތިޞާދީ ދާއިރާގެ ވަޒީރުންނާއި އަދި އެހެން ކަންކަމުގެ އެކަށީގެންވާ ބޭފުޅުން، ކުރިއަށް އޮތް ދުވަސްތަކުގައި ޓެލެވިޜަން މެދުވެރިކޮށް، ދިވެހި ރައްޔިތުންނާ ޙިއްޞާ ކުރައްވަމުން ގެންދަވާނެ. އެހެން ނަމަވެސް، މި ބަޖެޓަކީ އަޅުގަނޑުމެން މިދެންނެވި ކަހަލަ މިޞްރާބަކަށް ވާސިލުވުމަށްޓަކައި އުންމީދުތަކެއް ޙާޞިލު ކުރަން އެކުލަވައިލެވިފައި ހުރި ހިސާބު އަކުރުތަކެއް ހިމެނޭ ބަޖެޓެއް. މި ބަޖެޓް ޙަޤީޤަތަކަށް ވެގެންދާނެކަމާ ދޭތެރޭގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުގެ އުންމީދު ހެޔޮ. އެއާއެކުވެސް މިދަންނަވާލަނީ، ދަތި ބަޖެޓެއްދާއިރުވެސް ހޯރަފުށްޓަކީ މި ބަޖެޓުން ޚާއްޞަ ވަނައެއް، ނޫނިއްޔާ ޚާއްޞަ ޤަދަރެއް ހޯދާފައިވާ ރަށެކޭ. އެހެން މިދެންނެވި ސަބަބަކީ، ދެންމެ އިޢުލާނު ކުރެވިގެން މިދިޔައީ، ހަމަ މި މަޝްރޫޢަށް އެކަނިވެސް 60 މިލިއަނަށްވުރެ މައްޗަށް ޚަރަދުވެގެން، ހޭދަވެގެންދާނެކަން.
 
 އެއާއެކީ މިރަށަށް އެންމެ ބޮޑަށް ބޭނުންވެފައި ދެން އޮތް އަނެއް ކަމަކީ، ޝައްކެއްވެސްނެތްގޮތުގައި ބޯފެނުގެ ނިޒާމު ހަމަޖެހިގެން ދިޔުން. އަޅުގަނޑަށް ދެންމެ އެންވަޔަރަންމަންޓް އެންޑް އެނަރޖީ މިނިސްޓަރ ކަށަވަރުކޮށްދެއްވި ގޮތުގައި ވެއްޖިއްޔާ، މި އަންނަ އަހަރު އަޅުގަނޑުމެންނަށް އޯފިޑްގެ އެހީގައި އަޅުގަނޑުމެންނަށް މި ލިބޭ ބޯފެނުގެ މަޝްރޫޢުތައް ހިންގަން މި ލިބޭ ރަށްރަށުގެ ތެރޭގައި، ހޯރަފުށި އޮތީ ހިމަނާފައި. ހޯރަފުށީގެ މި މަޝްރޫޢުގެ ޑިޒައިން މަސައްކަތަކީ، އެންމެބޮޑު މަސައްކަތަކީ ޙަޤީޤަތުގައި ޑިޒައިން މަސައްކަތް ކުރުން. ޑިޒައިން މަސައްކަތް ކުރުމަށް ސަރުކާރުގެ ބަޖެޓުން ހޭދަކޮށްގެން، މިއަހަރުގެ ތެރޭގައި އިޢުލާނު ކުރެވޭނެ. ޑިޒައިން މަސައްކަތްކޮށް ނިމޭނެކަމަށް، މިނިސްޓަރ ޠާރިޤު އަޅުގަނޑަށް ލަފާދެއްވަނީ، ގާތްގަނޑަކަށް ހަތަރު މަހެއްހާ ދުވަސް ނަގާނޭ. އެހިސާބަށްދާއިރު އޯފިޑްގެ އެހީ ފުރިހަމަވެގެން އަޅުގަނޑުމެންނަށް ލިބޭނެކަމުގެ ކަށަވަރުކަން ލިބޭނެ. މިހާރުވެސް އަޅުގަނޑުމެންނަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، މި ކަށަވަރުކަން އަޅުގަނޑުމެންގެ ސަރުކާރަށް އޯފިޑްގެ ފަރާތުން ވަނީ ދީފައި. އޭގެ އެންމެ ކުރީގައި ހިމެނޭ ރަށްތަކުގެ ތެރޭގައި ހޯރަފުށީ އެއޮތީ ހިމެނިފައި. ދެން ﷲގެ ރަޙްމަތާއެކީ، ހޯރަފުށީގެ ފެނުގެ ޢަމަލީ މަޝްރޫޢު، މިއަންނަ އަހަރުގެ ތެރޭގައި ފެށިގެންދާނެ. އަދި 2016 ވަނަ އަހަރުގެ ތެރޭގައި، މި މަޝްރޫޢު މުޅިން ފުރިހަމަވެގެންދާނެ.
 
ދެން އަދި ހަމައެހެންމެ، ހޯރަފުށްޓަކީ ގިރާ ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެއް. ގިރާ ރަށްތައް ވަޒަންކުރުމާއި އަދި ގިރާ ރަށްތަކަށް އިސްކަންދިނުމުގެ ތަރުތީބަށް، އާ އިންތިޒާމުތަކެއް ގެނައުމުގެ ގޮތުން، ގިނަގުނަ މަޝްވަރާތަކެއް، އެނަރޖީ މިނިސްޓްރީން ނޫނީ އެންވަޔަރަންމަންޓް މިނިސްޓްރީއާއެކީ ވާހަކަ ދެއްކުމަށްފަހު، ދިވެހިރާއްޖޭގައި ކުރީގައި އޮތް ޙާލަތަށް ބަލާކަމަށްވަންޏާ، އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ ފަސްދޮޅަސް އެތައް ރަށަކީ އެންމެ ނާޒުކު ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށްތަކެއް. މި ހުރިހާ ރަށްތަކަކީވެސް ގިރާ ރަށްރަށް. އެހެން ނަމަވެސް، ގިރުމުގެ ސަބަބުން އެކި ރަށަށް ދަތިކަން ލިބޭނީ އެކި މިންވަރަށް. ދަތިކަން ފޯރާނީ އެކި މިންވަރަށް. އެހެންވީމާ، އަލުން މި ލިސްޓްވަނީ ތަރުތީބު ކުރެވިފައި. ތަރުތީބުކޮށްފައި، މިއަންނަ އަހަރުގެ ބަޖެޓްގެ ތެރޭގައި، އަޅުގަނޑު ހަނދާންވާ ގޮތުން ވެއްޖިއްޔާ، ސޯޅަވަރަކަށް ރަށް ހިމަނާފައި އޮންނާނެ. އެރަށްތަކުގެ ތެރޭގައި، ލިސްޓްގެ އެންމެ ކުރީކޮޅުގައި ހޯރަފުށި ހިމެނޭނެ ވާހަކަ، ތިޔަބޭފުޅުންނަށް ހަމަ ދަންނަވާލަން ބޭނުން. އެހެންވީމާ، ރަށް ގިރުމުގެ މައްސަލައަށްވެސް، ހޯރަފުށްޓަށް އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ޙައްލެއް ލިބިގެންދާނެ.
 
އުފަލާއެއްކޮށް އަޅުގަނޑު މިއަދު ފާހަގަކޮށްލަން ބޭނުންވަނީ، އަޅުގަނޑުމެންނާއެކީ ފެނަކާ ކުންފުނީގެ މެނެޖިންގ ޑިރެކްޓަރުވެސް ވަޑައިގެން އިންނެވުމާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުން، ދިވެހި ތާރީޚުގެވެސް އެންމެ ފުރަތަމަޔަށް، ފުރަތަމަ ފަހަރެއްގައި، މި ޒަޢާމަތުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް، މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަކަށް ކަރަންޓްގެ ޚިދްމަތް ފުރިހަމަކޮށްދިނުމަށްޓަކައި ޖަނަރޭޓަރުތަކެއް ދެވިގެން މިދަނީ މިއަހަރުގެ ތެރޭގައި. އެއީ  މި ސަރުކާރުގެ ވަޢުދެއް. މި ސަރުކާރު މި ވަޢުދު މި ފުއްދީ، އަޅުގަނޑުމެންގެ ސަރުކާރަށް އިރާދަކުރެއްވިއްޔާ އެއްއަހަރުވެސް ނުވަނީސް. އެގޮތުން، ހޯރަފުށްޓަށްވެސް މިހާރު ކެޕޭސިޓީ މަދުވެގެން އުޅޭ ކަމަށް ގަބޫލުކުރެވޭ މިންވަރަށް ބަލާފައި، ދާދި އިހަކަށްދުވަހަކު މިރަށަށް އެވަނީ 500 ކިލޯ ވޯޓުގެ ޖަނަރޭޓަރެއްވެސް އައިސް. އަދި އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ފެށިގެން އެދަނީ. އެހެންވީމާ، އެގޮތުން، ހޯރަފުށްޓަށް ބޭނުންވާ ޕަވަރ ނޫނިއްޔާ ކަރަންޓް ހަކަތައިގެ ބޭނުންވެސް ތިޔަބޭފުޅުންނަށް ފުދިގެން އެދިޔައީ.
 
ދެން ހަމަމިއާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ޞިއްޙީ ދާއިރާގެ އިލްތިމާސްވެސް ގިނަ. ޝައްކެއްވެސްނެތްގޮތުގައި، މި ސަރުކާރުން މިހާރު އެންމެ އިސްކަމެއްދޭ ކަންތައްތަކުގެ ތެރޭގައި މި ހިމެނެނީ ޞިއްޙީ ދާއިރާ. އިޖްތިމާޢީ ދާއިރާގެ މަސައްކަތަށް ބަލާކަމަށްވަންޏާ، ޞިއްޙީ ދާއިރާ އަލުން ބަލުން އިންތިޒާމް ކުރެވިގެން، ތަންފީޛު ކުރެވިގެން މަސައްކަތް ހިނގަނީ. އަދި އަޅުގަނޑު ދަންނަވާލި ފަދައިން، އަޅުގަނޑަކީ މަސައްކަތް ލުއިވެގެން، މަސައްކަތްތައް އަޅުގަނޑުގެ އަތްމައްޗަށް ނަގާ މީހެއް ނޫން. އަޅުގަނޑަކީ ހަމަ ވަޒީރުންނަށް އިތުބާރުކޮށްގެން، ވަޒީރުންނާ މަސައްކަތް ޙަވާލުކޮށްގެން، އެބޭފުޅުންގެ ޤާބިލުކަމާ ދޭތެރޭގައި ސުވާލު ނުއުފައްދައި، އެ ބޭފުޅުންނަށް ފުރްޞަތުދޭ މީހެއް. އެގޮތުން، އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ ކެބިނެޓްގެ ޓީމަކީ ވަރަށް ހީވާގި، ވަރަށް މުރާލި އަދި ރައްޔިތުންނަށް ޚިދްމަތް ކުރުމުގައި ދެވަނައެއް ނެތްފަދަ ކެބިނެޓް ޓީމެއް. އެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު މިދަންނަވަނީ، އެބޭފުޅުން ކުރައްވާ މަސައްކަތުގެ އަގު ވަޒަންކުރުމާއެކީ، އެ މަސައްކަތްޕުޅުތަކުގެ ނަތީޖާ ރައްޔިތުންނަށް ފެންނަކަން އަޅުގަނޑު ގަބޫލުކުރާތީ. ޞިއްޙީ ދާއިރާއަކީ މިހާރު އެދާއިރާއަށް އެންމެބޮޑު ސަމާލުކަމެއް ދޭންޖެހޭ ދާއިރާ ކަމަށްވާތީ، މީގެކުރީގައި އޮތް އިންތިޒާމު ކުޑަކޮށް އެއްފަރާތަށް ޖައްސާލާފައި، ދުވަސްކޮޅެއް ވަންދެން އެއްފަރާތަށް ޖައްސާލާފައި، ޞިއްޙީ ދާއިރާއަކީ ސީދާ އަޅުގަނޑު ބަލަހައްޓާ ދާއިރާއެއް ކަމަށް މި ހަމަޖެއްސީ، މި ދާއިރާއަކީ އަތޮޅުތެރޭގެ ހުރިހާ ރައްޔިތުންނަށްވެސް، އެއްވެސް އިސްތިސްނާއެއްނެތި ހުރިހާ ރައްޔިތުންނަށް އެންމެ ޚިދްމަތަށް އެދި އޮންނަ ދާއިރާއަކަށް މި ދާއިރާވާތީ.
 
އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު ގަބޫލުކުރަމޭ، ދެންމެ އަޅުގަނޑުމެންނަށް ހުށަހެޅިގެންދިޔަ ޞިއްޙީ ދާއިރާގެ މައްސަލަ. އެއާއެކުވެސް ދަންނަވާލަން ބޭނުންވަނީ، މިކަމަށްވެސް އަޅުގަނޑުމެން ވަގުތު ބޭނުމޭ. މިކަންތައް ޙައްލުކުރުމަށް، މި ދާއިރާއިން މިކަންކަން ޙައްލުކުރުމަށްވެސް އަޅުގަނޑު ވާނީ އިންތިޒާމުތަކެއް ހަމަޖައްސާފައި. ދިއްދޫގައި އެހެރީ އަތޮޅު ހޮސްޕިޓަލް. އަދި މާކަނޑަކުން ދިއްދުއާއި އަދި އިހަވަންދިއްޕޮޅުގެ މި ރަށްތައް ވަކިވެގެންދިޔަ ކަމުގައިވީނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިރަށުގައި މިހިރަ ޞިއްޙީ މަރްކަޒަކީ ހަމަ އަނެއްކާވެސް ދަންނަވާނީ، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދާ ސުވާލު ކުރައްވައިފިއްޔާ، ބަޖެޓްގެ ފޮތްތަކުން މުޙައްމަދު ފީނުއްވާފައި ޢަދަދުތަކެއް ވިދާޅުވެދެއްވާނެ. ހަމަ މިއަންނަ އަހަރުގެ ބަޖެޓްގައި ހޯރަފުށީގެ ޞިއްޙީ މަރްކަޒުގެ ހުރިހާ އިންފްރާސްޓްރަކްޗަރެއްގެ މަސައްކަތް އަޕްގްރޭޑް ކުރުމަށްޓަކައި، މިއަންނަ އަހަރުގެ ބަޖެޓްގައި އެފައިސާ އެވަނީ ހިމަނާފައި. އެހެންވީމާ، އެކަން އިރާދަކުރެއްވިއްޔާ ހޯރަފުށީގައި ފެށިގެންދާނެ.
 
މިއާއެކީ ތިޔަބޭފުޅުން ގަބޫލުކުރައްވާނެ، އަޅުގަނޑުމެން ތަޢާރުފް ކުރާ އިތުރު ދެކަމެއް އެބައޮތް، ޞިއްޙީ ދާއިރާ މުޅި ރާއްޖެއަށް، އަތޮޅުތެރެއަށް ފެތުރިގެންދާއިރު، އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭ ދެމަސައްކަތް. އެއް މަސައްކަތަކީ ބަލިވީމަ، ޕޭޝަންޓުން ނޫނިއްޔާ ފަރުވާއަށް އެދޭ މީހުން ބަލިވީމަ، މިތަންތަނުގައި ހުރިހާ ދާއިރާއެއްގެ ސްޕެޝަލިސްޓުން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޫން. އެއްވެސް ސަރުކާރަކަށް ކުރެވޭނެ ކަމެއް ނޫން. އެހެންވީމާ، އެންމެ މުހިންމު ދާއިރާތަކަށް ބޭނުންވާ ސްޕެޝަލިސްޓުން މިތަނުގައި ތިބުމާއެކީ، ދެން މިކަން ކުރެވެން އޮތްގޮތަކީ ޓެލެމެޑިސިން މިއަށްވުރެ ބޮޑަށް ފުޅާކުރެވިގެން. އާދެ، އެއީ މާލޭގައި އައި.ޖީ.އެމް.އެޗް.ގަޔާއި އަދި އޭ.ޑީ.ކޭ. ހިމެނޭ ކަމަށްވަންޏާ، އޭ.ޑީ.ކޭ ގައި ތިބި ފަންނީ އެންމެ ފުންނާބު އުސް މިދާއިރާގެ ފަންނީ ޑޮކްޓަރުންގެ ޚިދްމަތް، ނޫނީ އެބޭފުޅުންގެ ކޮންސަލްޓަންސީ ލިބޭނެ ވަސީލަތެއް، ވާސިޠާއެއް ޤާއިމުކުރަނީ ޓެލެމެޑިސިންގެ ޛަރީޢާއިން. މިކަންވަނީ ރައީސް މައުމޫންގެ ސަރުކާރުގައި ފަށްޓަވާފައި. އެހެން ނަމަވެސް، އެ އަތޮޅުތެރެއަކަށް ފެތުރިގެން ގޮސްފައެއްނުވޭ. މިރަށަށް، ތިޔަބޭފުޅުން ގަބޫލުކުރައްވާނެ، ޓެލެމެޑިސިން ފުރިހަމަކުރުމަށްޓަކައި ދާދިފަހުން ވަނީ ސާމާނުތަކެއް ގެނެއްސަ. އިކްއިޕްމަންޓްތަކެއް ގެނެއްސަ ވަނީ. އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، ދާދި އަވަހަށް މިމަސައްކަތް ފެށިގެންދާނެ.
 
އެއާއެކީ، ޞިއްޙީ ދާއިރާގައި ހޮސްޕިޓަލެއްގެ ފެންވަރަށް މި ރަށަށް ގެނެވެންދެންވެސް، އަދި އަޅުގަނޑު ތާރީޚެއް ނުދަންނަވަން. ގެނެވެންދެންވެސް ޞިއްޙީ ދާއިރާގެ ކަންތައް ރަނގަޅުކުރުމަށްޓަކައި މިދެންނެވި ގޮތަށް، މިދާއިރާގައި މިހިރަ ޞިއްޙީ މަރްކަޒުގެ އިންފްރާސްޓްރަކްޗަރއަށް ބޭނުންވާ ކަންތައްތައް އަޕްގްރޭޑް ކުރުމަށް މިއަންނަ އަހަރުގެ ބަޖެޓްގައި ފައިސާ ހިމެނުމާއެކީ، ޓެލެމެޑިސިން ޚާއްޞަ ގޮތެއްގައި މި ދާއިރާއަށް، ހޯރަފުށްޓަށް ތަޢާރުފް ކުރުމުގެ މަސައްކަތް ފެށުމާއެކީ، އަޅުގަނޑުމެން މިކުރާ އަނެއް މަސައްކަތަކީ، މިހާރުވެސް ބަލިމީހުން އުފުލުމަށްޓަކައި 45 މިނިޓްގެ އެންމެ ދުރުވެގެން، އެންމެ ދިގުވެގެން 45 މިނިޓާ ހަމައިން ސަރަޙައްދީ ހޮސްޕިޓަލަކަށް، ނޫނީ ހޮސްޕިޓަލަށް ގެންދެވޭނެ އިންތިޒާމު އަޅުގަނޑުމެން އެވަނީ ދަތުރުފަތުރުގެ ނިޒާމުން ކަށަވަރުކޮށްދޭން ފަށާފައި. އަޅުގަނޑުމެންގެ ސަރުކާރަށް މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި، ރާއްޖޭގެ އެކި ހިސާބު މިގޮތަށް ގުޅުވާލުމަށްޓަކައި މިހާރުވެސް އެވަނީ 8 އެމްބިއުލޯންޗްގެ ޚިދްމަތް ތަޢާރުފް ކޮށްފައި. މިހާރުވެސް ދަތުރުފަތުރު ކުރާ އެމްބިއުލޯންޗް، 8 ލޯންޗް ހަމަޖެހިގެން، އެ ދަތުރުފަތުރު ވަނީ ފަށާފައި. މިއިން ކޮންމެ ލޯންޗަކުންވެސް ބަލިމީހުން، އެހެންނޫނީ ޑޮކްޓަރު، މި ދެމީހުން އެއްތަން ކޮށްދިނުމުގެ އިންތިޒާމު މިވަނީ ހަމަޖައްސާފައި. ބަލިވެއިން އަންހަނެކަށް، އޭނަގެ ޙާލަތު ނިޔާކުރާގޮތުން، މިރަށުން ފަރުވާ ލިބެން ނެތްކަމަށްވަންޏާ އަދި އޭނައަށް ދަތުރުކޮށްފައި ދިއްދުއާ ހަމަޔަށް ނުދެވޭ ކަމަށްވަންޏާ، މިތަނަށް މި ޤާއިމުކުރެވޭ އެމްބިއުލޯންޗްގެ ޚިދްމަތުގެ ދާއިރާއިން ގައިނީ ޑޮކްޓަރެއް ދިއްދޫން މިރަށަށް ގެނެސްދޭނެ.
 
އަޅުގަނޑުމެންނަށް މިވަގުތު މަސައްކަތް ކުރެވޭނީ މިގޮތަށް. އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުގެ މެދާ ހަމަޔަށްދާއިރު، އަޅުގަނޑުމެން މި ޚިޔާލުކުރާ 24 އެމްބިއުލޯންޗް، ނޫނީ މުޅި ރާއްޖޭގައި ހުރިހާ ދިމާއަކަށް، ހުރިހާ ދިމާލެއް 45 މިނިޓްގެ ތެރޭގައި، ޞިއްޙީ ފަރުވާދޭން އެކަށީގެންވާ ރަނގަޅު ހޮސްޕިޓަލްތައް ހުޅުވައިދޭނެ ވިއުގައެއް އަޅުގަނޑުމެން ޤާއިމްކޮށް މި ނިންމަނީ. އެކަން ކޮށް ނިންމީމަ، ކޮންމެ ރަށަކަށް ބޭނުންވާ ހުރިހާ ސްޕެޝަލިސްޓުން ނެތް ކަމަށްވީ ނަމަވެސް، އެރަށަކަށް ބޭނުންވާ ފަރުވާ، ދާދި ކައިރީގައި އަތްފޯރާ ހިސާބުގައި، ތިޔަބޭފުޅުންނާ ހަމައިގައި އޮންނާނެ. އަޅުގަނޑުމެން މި މަސައްކަތް މިގޮތަށް ފަށާއިރު، އަޅުގަނޑުމެން މިހާރު ޞިއްޙީ މަރްކަޒުތައް ގްރޭޑްކޮށް މި ނިންމީ. އަދި ޞިއްޙީ މަރްކަޒުތައް ގްރޭޑްކޮށް ނިންމާއިރު، އަޅުގަނޑު ކަށަވަރުކުރި އެއްކަމަކީ، މި ގްރޭޑް ކުރެވުނު އިންތިޒާމުގެ މަތިން، އަންނަ އަހަރުގެ ނިޔަލާ ހަމަޔަށްދާންވާއިރަށް، އެ ގްރޭޑް ކުރެވުނު ދަރަޖަތަކަށް ބޭނުންވާ ހޮސްޕިޓަލްތަކަށް ބޭނުންވާ ހުރިހާ ވަސީލަތެއް އިރާދަކުރެއްވިއްޔާ، މިއަންނަ އަހަރުގެ ތެރޭގައި ހަމަކޮށްދީ ނިންމާނަމޭ. އެއީ އެމް.އާރު.އައި މެޝިނެއް ކަމަށްވީ ނަމަވެސް، ސީޑީ ސްކޭނަށްވި ނަމަވެސް، ލެބް ޓެސްޓް ކުރުން ކަމަށްވީނަމަވެސް އަދި އެނޫން އެހެން ޑައިގްނޯސްޓިކް މަސައްކަތެއް ކުރިނަމަވެސް، އެކަމެއް ދަރަޖަ ކުރެވިފައި ހުރި މިންވަރަކަށް އަޅުގަނޑުމެން އެކަން ކޮށް ނިންމާނަން.
 
އަދި މިއާއެކީ އަޅުގަނޑުމެން މިކުރާ ކަމަކީ، ދިވެހިރާއްޖެއިން އަގުހެޔޮކޮށް ބޭސް ލިބުމުގެ އިންތިޒާމް، ރާއްޖޭގެ ހުރިހާ ރަށެއްގައި، މިއީކީ ވަކިވަރެއްގެ އާބާދީ އޮންނަ ރަށެއް ނޫން. ރާއްޖޭގެ ހުރިހާ ރަށެއްގައި، ސަރުކާރުގެ ފަރާތުން ބޭސް ވިއްކުމުގެ ނިޒާމު ހަމަޖައްސާފައި، އިރާދަކުރެއްވިއްޔާ، މިއަންނަ އަހަރުގެ ނިޔަލާ ހަމައަށްދާންވާއިރަށް، އަޅުގަނޑުމެން އެކަން ޤާއިމުކޮށް ނިންމާނަން. އޭގެ މާނައަކީ، ސަރުކާރުން މިހާރުވެސް އެސް.ޓީ.އޯ.ގެ ފަރާތުން އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ ފަންސާސް އެތައް ރަށެއްގައި މިކަން ކުރެވި ނިމުނީ. އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުގެ ނިޔަލަށްދާއިރަށް، މީހުން ދިރިއުޅޭ ހަމަ ކޮންމެ ރަށެއްގައި، އެސް.ޓީ.އޯ.ގެ ފާމަސީއެއް ހުޅުވި، އެ ފާމަސީން އަގުހެޔޮކޮށް ބޭސް ލިބުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެ. މިއީ މީގެކުރީގައި ދިވެހިރާއްޖޭގައި ވެފައި އޮތް ކަމެއް. އަޅުގަނޑަށް އެނގޭ، މިކަން ކުރުމުގެ ބޭނުމަކީ، އެއްގޮތަކަށްވެސް އަމިއްލަ ފަރާތްތަކުގެ ވިޔަފާރިއަށް ދަތިކުރުމެއް ނޫން. އެކަމަކު އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ، އަމިއްލަ ފަރާތުގެ ވިޔަފާރި، ފާމަސީގެ ތެރެއިން ކުރާއިރުވެސް، މިއީކީ އަޅުގަނޑުމެންނަކަށް ސަރުކާރަކުން އަގު ކޮންޓްރޯލް ކުރަން ފަސޭހަކަމެއް ނޫން. އާދަޔާ ޚިލާފު ބޮޑެތި އަގުތަކުގައި، ރައްޔިތުންނާ ހަމަޔަށް ބޭސް ދިޔުމަކީ، އަޅުގަނޑުގެ ސަރުކާރަށް ގަބޫލުކުރެވޭނެ ކަމެއް ނޫން. އެހެންވީމާ، ދިވެހި ރައްޔިތުންގެ ވިޔަފާރިވެރިންގެ ޙައްޤުތައް ޙިމާޔަތް ކުރުމާއެކީވެސް އަޅުގަނޑު އެންމެ އިސްކަމެއް މިދެނީ، އަޅުގަނޑުމެންގެ ރައްޔިތުންނަށް ބޭނުންވާ މިކަހަލަ މުހިންމު ކަންކަން، އަގުހެޔޮކޮށް، އަގުހެޔޮގޮތެއްގައި ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް. އެހެންވީމާ، މިކަހަލަ ވިޔަފާރީގައި އުޅުއްވާ ވިޔަފާރިވެރިންގެ އަރިހުން މަޢާފަށް އެދެމުންވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ހޯރަފުށީގައިވެސް އަމިއްލަ ވިޔަފާރިތައް ކުރިއަށް ގެންދަވާށޭ. އަމިއްލަ ފާމަސީތައް ކުރިއަށް ގެންދަވާށޭ. އެއާއެކުވެސް އެސް.ޓީ.އޯ.ގެ ފާމަސީތައް، ހޯރަފުށްޓާއި އަދި މީހުން އުޅޭ ކޮންމެ ރަށެއްގައި ޤާއިމުކުރުމުގެ ބޭނުމަކަށްވަނީ، އަގު ހިފެހެއްޓުމާއެކީ ފެންވަރު ރަނގަޅު ބޭސް، ރައްޔިތުންނަށް އަގުހެޔޮކޮށް ލިބުމުގެ ގެރެންޓީ، ނޫނިއްޔާ ޔަޤީންކަން ރައްޔިތުންނަށް ދިނުން. އެހެންވީމާ، އެކަން އިރާދަކުރެއްވިއްޔާ، އަޅުގަނޑުގެ ޓީމާ އެއްކޮށް މަސައްކަތްކޮށް، އެކަން ކޮށްދޭނަން.
 
ކުރުގޮތަކަށް މި ދަންނަވާލެވުނީ، ތިޔަބޭފުޅުން އެދިވަޑައިގެންފައި ހުރި ކަންތައްތައް. ދެން ހަމަ އަޅުގަނޑު ދަންނަވާލާނަން، މިކަންކަމުގެ އިތުރަށްވެސް މިކަންކަން ފުދިގެންދާއިރުވެސް، ޢަޒުމާއެކީ ކުރިއަށް މަސައްކަތްކުރާ ބައެއް ކަމަށްވަންޏާ، ޝައްކެއްވެސްނެތްގޮތުގައި، ހޯރަފުށްޓަކީ މިކަހަލަ ދިރުންހުރި އާބާދީއެއް އޮތް ރަށެއް. ތިޔަބޭފުޅުންގެ އަދިވެސް އެދިވަޑައިގަތުންތައް އިތުރުވެގެންދާނެ. އެހެންވީމާ، އަޅުގަނޑު ޖެހޭނީ ދެންވެސް އަނެއްކާ ދެއަހަރު ނޫނިއްޔާ ތިންއަހަރު ދޫކޮށްލާފައި ކަންނޭނގެ މިރަށަށް އަންނަން. މަޢާފްކުރައްވާ އެހެނެއް ނޫން. އެކަމަކު އަޅުގަނޑު މި ބަލަނީ، ހަމަ މިމަސައްކަތްތައް ފުއްދައިދިނުމާއެކީ، ސަރުކާރުން ކުރަންޖެހޭ މަސައްކަތް ހަމަ މިއަށްވުރެ މާބޮޑުވާނެ ކަމަށް ދަންނަވާލުން. ސަރުކާރުގެ އަމާޒަކީ ހަމައެކަނި އެއްރަށެއް ނޫން. ސަރުކާރުގެ އަމާޒަކީ މަޝްރޫޢުތަކެއް. ސަރުކާރުގެ އަމާޒަކީ ރަށެއް ނޫން. އަޅުގަނޑު ޙައްލު ހޯދަން މިއުޅެނީ، ދިވެހިރާއްޖެއަށް ދަތިވެފައި ހުރި، ދިވެހިރާއްޖެއަށް އެންމެބޮޑެތި ގޮންޖެހުންތައް ހުރި ދާއިރާތަކަށް ޙައްލެއް ހޯދައިދިނުމަށް. ދިވެހިރާއްޖޭގައި މިވަގުތު އޮތް އެންމެބޮޑު ގޮންޖެހުމަކީ، އަޅުގަނޑުމެންގެ އުފެދެމުން، އިތުރުވަމުން މި އަންނަ އާބާދީއަށް، ޒުވާން އާބާދީއަށް ގޮތްތަކެއް ހޯދައިދިނުން. ޒުވާން އާބާދީއަށް ގޮތްތަކެއް ހޯދައިދޭއިރު، މީގެތެރޭގައި ހިމެނޭ ކަންކަމަކީ، ހަމަ ކޮންމެ ޒުވާނަކީ މަސައްކަތަށް ނުކުންނަން ކެރޭ މީހެއް ކަމަށްވަންޏާ، އެ ޒުވާނަކަށް އެކަށީގެންވާ އާމްދަނީ ލިބޭނެ ވަޒީފާ ތަނަވަސްކޮށްދިނުން. މިއީކީ ފަސޭހަ ކަމެއް ނޫން.
 
ޒުވާން އާބާދީއަކަށް ބޭނުންވާ ދެވަނަ ކަމަކީ، ޝައްކެއްވެސްނެތްގޮތުގައި، ޒުވާން އާބާދީއަކަށް ބޭނުންވާނެ ދެވަނަ ކަމަކީ، އަގުހެޔޮކަމާއި ފަސޭހަކަމާއެކީ ދިރިއުޅެވޭނެ ގެދޮރުވެރި އިންތިޒާމެއްގެ ތެރޭގައި އެމީހުންނަށް ފުރްޞަތުތަކެއް ލިބިގެންދިޔުން. މިއީ، އަޅުގަނޑުމެންގެ ސަރުކާރުން ފުއްދައިދޭން ބޭނުންވާ ވަޢުދެއް. މިކަންކަން މިކޮށްދެނީ އެއްގޮތަކަށްވެސް ދުވަސްވީ މީހުންގެ ޙާލަތާއި ޝިކާޔަތާ ދޭތެރޭގައި އަޅުގަނޑުމެން ހަނދާންނެތީމައެއް ނޫން. ދުވަސްވީ ބޭފުޅުންނާއި ޚިދްމަތްތެރިންނަށް ކޮށްދޭ ކަންތައްތައް ބައިވަރު، މަދެއް ނޫން. އެކަމަކު އެޔާއެކީވެސް ޤައުމެއް ކުރިއަށް ގެންދިޔުމުގައި، ޤައުމުގެ ދިރުން މިއޮތީ ޒުވާނުންގެ އަތްމަތީގައި. ޒުވާނުންނަށް ބޭނުންވާ ކަންތައްތަކަކީ، މީގެކުރީގެ ސަރުކާރުތަކުން ކޮށްދެމުން އައި ކަންކަމަށް ވިނަމަވެސް، ފޯކަސް ކުރެވިގެން، މެއިންސްޓްރީމް ކުރެވިގެން ކުރެވިފައި ހުރި ކަންތައްތަކެއް ނޫން. އެހެންވީމާ، ޒުވާން އާބާދީގެ ހަމަޖެހުމަކީ ރައްޔިތުންގެ ހަމަޖެހުން. މަންމައިންނާއި ބައްޕައިންގެ ލޮލުން ހިތްހަމަޖެހުމުގެ ކަރުނަ ފެނިގެންދާ ދުވަސް. ޒުވާން ކުދިންގެ މަންމައިންނާއި ބައްޕައިންގެ މޫނުމަތި ހިނިތުންވެގެން ދިޔުމަކީ، މުޅި ދިވެހިރާއްޖޭގެ މުޖްތަމަޢު ހިނިތުންވެގެންދިޔުން.
 
އަޅުގަނޑުމެން އިއްޔެ އަލްވަދާޢު މިކީ ނަޞްރުގެ ދުވަހާ. ނަޞްރުގެ ދުވަހަކީ އަނިޔާވެރި، ވޭންދެނިވި ކަންތައްތަކެއް ދިވެހި ޚާއިނުންގެ ބަޔަކު ދިވެހިރާއްޖެއަށް މެދުވެރިކުރި ބަދުނަޞީބު ނުރައްކާތެރި ދުވަހެއް. އެކަންކަން ކުރުމުގެ ތެރޭގައި، އޭރުގެ ސަރުކާރުގައި އެކި ފެންވަރު ތިބި ބޮޑުންގެ އަތްޕުޅު ހިމެނިފައި އޮތީ، ނޫނިއްޔާ ލެއިން ތަތްތެޅިފައި އޮތީ ކިހާވަރަކަށްކަން، ތާރީޚު ތިޔަބޭފުޅުންނަށް ކިޔައިދޭނެ. އަޅުގަނޑު އެވާހަކަ ދައްކާކަށް ނެތިން. އަޅުގަނޑުގެ ވާހަކަ ކުރުކޮށްލާފައި ދަންނަވާލަން ބޭނުންވަނީ، އިއްޔެގެ އެ އަނިޔާވެރި ދުވަހަށް 26 އަހަރު ފުރިގެން އެދުވަހަށް އަޅުގަނޑުމެން އަލްވަދާޢު މި ކިޔަނީ، ދެން ދިވެހިރާއްޖެ އެއްވެސް ގޮތަކަށް އަނިޔާވެރިކަމުގެ ތެރެއަށް ދާން ބޭނުންނުވާތީ. އެއީ އެ އަންނަ ސަރުކާރެއްގެ ކުރާ އުނދަގުލުންވެސް އަނިޔާވެރިކަމަށް ދާން ބޭނުންނުވަނީ. އަދި އޭރު އަންނަ ސަރުކާރެއްގެ ފިއްތުމުންވެސް އަނިޔާވެރިކަމުގެ ތެރެއަށް ދިވެހިރާއްޖެ ދާކަށް ބޭނުމެއް ނުވޭ.
 
އެހެންވީމާ، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ދިވެހިރާއްޖެ މިކަހަލަ އުނދަގޫ ކަންކަމުން ސަލާމަތް ކުރުމަށްޓަކައި ކުރާ މަސައްކަތް. އެހެންވީމާ، އަޅުގަނޑު މި ވާދަ ކުރަނީ، ސިޔާސީ އެއިން އެއްވެސް ބޭފުޅަކާ ނޫން. އިންތިޚާބުގެ ތެރޭގައި ތިޔަބޭފުޅުންގެ އަރިހަށް އައިސް، އެކި މަރްޙަލާގައި އެކި ތަންތަނުގައި އަޅުގަނޑު ދެއްކިން، އަޅުގަނޑު މި ވާދަ ކުރަނީ، ސިޔާސީ އަޅުގަނޑުގެ އެކުވެރިންނާއި ނޫނީ އަޅުގަނޑާ ވާދަކުރައްވާ ބޭފުޅުންނަކާ ނޫނޭ. އަޅުގަނޑު މި ވާދަ ކުރަންޖެހެނީ، ދިވެހިރާއްޖެއަށް ދިމާވެފައި ހުރި އެންމެ ބޮޑެތި މައްސަލަތަކާ. އެ މައްސަލަތައް ޙައްލުކުރެވިއްޖެ ކަމަށްވަންޏާ، އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ ޓީމަށް، އެބޭފުޅުން ބޭނުންފުޅުވާ ކަންތައްތައް ރައްޔިތުންނަށް ފޯރުކޮށްދެވުނީ.
 
އެހެންވީމާ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް އަޅުގަނޑު ދަންނަވާނީ، ޝައްކެއްވެސްނެތްގޮތުގައި، މިއަދަކީ ހޯރަފުށްޓަށް އުފާވެރި ދުވަހެކޭ. އުފާވެރިކަން މި އަންނަނީ ހަމައެކަނި މި މަޝްރޫޢުގެ ބިންގާ އެޅި، މި މަސައްކަތް ކުރިއަށްދާތީކީ ނޫން. މިވަގުތު ހޯރަފުށީގެ ރައްޔިތުންނަށް ދަތިވެފައި ހުރި އެތައް ކަމެއް، އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ބަޖެޓްގެ ތެރޭގައި ހަމަޖެހިގެންދާނޭ ކަމުގެ އުފާވެރި ޚަބަރުވެސް އަޅުގަނޑު މި ދަންނަވާލީ. ހަމައެއާއެކީ، މިރަށުގެ ޒުވާނުންނަށާއި، މިއަތޮޅުގެ ޒުވާނުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ޒުވާނުންނަށް ހަމަޖެހުން އައުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި، އަޅުގަނޑު ނެތިން އެއްގޮތަކަށްވެސް ކުޅިވަރުގެ ދާއިރާގެ ވާހަކަ ދައްކާކަށެއް. ވަގުތުވެސް ނެތީމަޔާއެކީ. އެހެންނަމަވެސް، ހަމަޖެހުމަކަށް އަންނާނީ، ދިވެހިރާއްޖޭގެ އިޤްތިޞާދަކީ ވަރުގަދަ އިޤްތިޞާދަކަށްވެފައި، އަދި އަޅުގަނޑުމެން މި ފާހަގަ ކުރާ ޚާއްޞަ ދާއިރާތަކަކީ، ޚާއްޞަ އިޤްތިޞާދީ މަޝްރޫޢުތަކެއް ގެންދެވޭވަރުގެ ދާއިރާތަކަކަށްވެގެން. އެ ދާއިރާތަކުން އުފެދޭ ތަރައްޤީއަކީ ޒުވާނުން ޙިއްޞާކުރާ ތަރައްޤީއަށްވެގެން. ޝައްކެއްވެސްނެތްގޮތުގައި، މިއަތޮޅުގެ އިހަވަންދިއްޕޮޅަކީ މިދެންނެވި ޚާއްޞަ އިޤްތިޞާދީ ސަރަޙައްދެއް. އަދި މި ސަރަޙައްދަށް ކަނޑައެޅިފައި މިއޮތް އައިހެވަން މަޝްރޫޢަކީ، ދިވެހިރާއްޖެއަށް އެވަރުގެ ދެވަނައެއް ދުވަހަކުވެސް ދިވެހިރާއްޖޭގެ ތާރީޚުން ނުދެކޭވަރުގެ ބިޔަ ބޮޑު މަޝްރޫޢެއް.
 
އެހެންވީމާ، މިއަތޮޅުގެ ރައްޔިތުންނަށް އޮތީ ހަމަ މުޅިންވެސް އުފާވެރިކަމުގެ ޚަބަރު. އަޅުގަނޑުމެންނަށް އޮތީ ތިޔަބޭފުޅުންގެ ހިތްޕުޅުހެޔޮކަމާއި އަދި ﷲ އަށް އެކަންކަން ކާމިޔާބުކޮށްދެއްވުމަށް ތިޔަބޭފުޅުން ކުރައްވާ ދުޢާ، ﷲ އިޖާބަކުރެއްވުން. އަޅުގަނޑުމެންގެ ސަރުކާރުން އިރާދަކުރެއްވިއްޔާ އެއްވެސްކަހަލަ ވަރުބަލިވުމެއްނެތި، އަޅުގަނޑުމެން މަސައްކަތް ކުރާނީ، ރައްޔިތުންނަށް އަޅުގަނޑުމެން މިކުރާ އުންމީދު ޙަޤީޤަތަކަށް ހަދައިދިނުމަށްޓަކައި. އަޅުގަނޑުމެންނަށް ކޮށްނުދެވޭވަރުގެ މަސައްކަތްތަކެއްގެ ވާހަކައެއް ނުދައްކާނަން. އެހެންނަމަވެސް، އުންމީދުތަކާއެކީ ހުވަފެންތަކެއް ކުލަޖެހެމުންދާ ވާހަކަ އަޅުގަނޑު މިދަންނަވަނީ، އެއީ އަޅުގަނޑުމެންގެ ރައްޔިތުންނާ ދޭތެރޭގައި، އަޅުގަނޑުމެން ރައްޔިތުންނަށް ކަންތައްތައް ކޮށްދޭން ބޭނުންވާލެއް ބޮޑުކަމުން، ރައްޔިތުންނަށް ދަންނަވާލެވޭ ވާހަކަ. އެހެންވީމާ، އެކަންކަން ކުރުމުގައި، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ސާބިތުކަމާއެކީ ތިބޭނަން. ތިޔަބޭފުޅުން، ތިޔަބޭފުޅުން ހޮއްވެވި ސަރުކާރަށް މިކަންކަމުގެ އިތުބާރު ދެއްވާ. ޒުވާނުންގެ އިތުބާރު ދެއްވާ. ތަފާތު ގޮތަކަށް ދިވެހިރާއްޖޭގެ ކަންކަން ބަދަލުވާން ޖާގަ ނުދެއްވާ. އަޅުގަނޑުމެންގެ 5 އަހަރެއްގެ ޓެސްޓް ޕޭޕަރ މާކް ކުރައްވާ ބޭފުޅުންނަކީ ތިޔަ ރައްޔިތުން. އެހެންވީމާ، އަޅުގަނޑުމެންނަށް A ރިޕޯޓެއް ލިބިއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް ތިޔަބޭފުޅުންގެ ހިތްޕުޅުހަމަޖެހޭވަރަށް މަސައްކަތް ކުރެވުނީ. އެކަމަކު 5 އަހަރުގެ ދައުރެއް ނުނިމެނީސް، އެއީ ގަޑި ހަމަޖެހިގެން އިމްތިޙާނު ކަރުދާސް ބަންދުކޮށްލަންޖެހޭ ވަގުތަށް ނުހެއްދެވުމަކީ، އަޅުގަނޑުމެންގެ ސަރުކާރުން ކުރާ އިލްތިމާސް.
 
والســّلام عليــكم ورحـمــة اللّـه وبـركاتـه