بســم اللّـه الرّحمـن الرّحيــم

 
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
 
ދިވެހިރާއްޖޭގެ ލޮބުވެތި ޒުވާނުން، މި ޖަލްސާއަށް ވަޑައިގެންނެވި އެންމެހާ ޢިއްޒަތްތެރިން، މި ޙަފްލާ ދުރާއި ގާތުން ބައްލަވަމުން ގެންދަވާ އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه،
 
އާދެ، މިރޭ އަޅުގަނޑަށް ލިބޭ އެންމެ ޚާއްޞަ އުފަލަކީ، މިއަހަރުގެ ޒުވާނުންގެ ދުވަހުގެ ތަހުނިޔާ، ދިވެހި ހީވާގި މުރާލި ޒުވާނުންނަށް އަރިސްކުރުން. އަދި ހަމައެޔާއެކީ، މި ތަހުނިޔާ، ޒުވާނުންގެ ކަންތައްތައް ބަލަހައްޓަވައި، ޒުވާނުންނަށް ކުރިމަގު އުޖާލާ ކުރުމަށް، ސަރުކާރުން ޙަވާލުކުރި މަސްއޫލިއްޔަތު އުފުއްލަވަމުން ގެންދަވާ މިނިސްޓަރ އޮނަރަބްލް މަލީހު ޖަމާލަށްވެސް މިރޭ ތަހުނިޔާ އަރިސްކުރަން.
 
އާދެ، ޒުވާނުންގެ އަހަރެއް ފާހަގަކުރަމުންދާއިރު، އަޅުގަނޑުމެންނަށް ކޮންމެ އަހަރަކުވެސް އެބަ ފެނޭ، ފާހަގަކުރެވޭ ރޮނގުތަކަކުން ރަން ވަނަތަކެއް ހާސިލުކުރާ ފަންނީ ޒުވާނުންތަކެއް. 2013 ވަނަ އަހަރުގެ ޤައުމީ އިނާމު ހާސިލުކުރި ހުރިހާ ފަންނާނުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވައި ޝުކުރު ދަންނަވަން. އަދި ހަމަ އެހެންމެ މިރޭ ފާހަގަކުރެވިގެން މިދިޔައީ، މިއަހަރުގެ، 2014 ވަނަ އަހަރުގެ މި ޤައުމީ އިނާމުތައް ހާސިލުކުރި ފަރާތްތައް، ޖަމާޢަތްތައް. އެފަރާތްތަކަށްވެސް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވައި، ތަހުނިޔާ ދަންނަވަން.
 
އާދެ، އަޅުގަނޑަށް ލިބޭ ޚާއްޞަ އުފަލެއް، ވަރަށް އަގުހުރި ޚިދްމަތްތެރިއެއްގެ ނަން މިރޭ ފާހަގަކުރަން ލިބޭ ފުރްޞަތު. އާދެ، މެލޭޝިޔާގައި، މެލޭޝިޔާއިން ބޭރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މިއަހަރުގެ އިނާމު ހާސިލު ކުރައްވާފައިވަނީ، ޢަލީ އަޝްފާޤު، ދަގަނޑޭ. އާދެ، ޢަލީ އަޝްފާޤަށް ހިފެހެއްޓުމެއްނެތް ހޫނު މަރްޙަބާ މި ދަންނަވަނީ، ވަރަށް އިޚްލާޞްތެރިކަމާއެކީ. އަދި މުޅި ދިވެހި ޤައުމު، ޢަލީ އަޝްފާޤުގެ ޚިދްމަތަށް ޝުކުރުވެރިވާ ވާހަކަވެސް ދަންނަވަމުން. އާދެ، ހަމަ ޢަލީ އަޝްފާޤު ފަދައިން، އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، ރާއްޖެއިން ބޭރުގައި ޙަސަން ސާޢިދު ކަހަލަ ކުދިން، އެތްލެޓިކްސްގައި ޙަރަކާތްތެރިވަމުންދާ ތަން. މިހުރިހާ އެތްލީޓުންނަށް، މިހުރިހާ ސްޕޯޓްސް ލީޑަރުންނަށް، ޒުވާނުންގެ ލީޑަރުންނަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
 
އާދެ، ޒުވާނުންގެ ރޭ ފާހަގަކުރާއިރު، ޒުވާނުންނާ މުޚާޠަބުކޮށް ކޮންމެވެސް އެއްޗެއް ބުނާއިރު، އަޅުގަނޑު ހިތަށްއަރަނީ، ދުނިޔޭގައި ޒުވާނުންގެ ކަންތައްތަކާ ދޭތެރޭގައި، ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުން އަދި އެކިއެކި ޖަމާޢަތްތަކުން ދެކެނީ ކިހިނެއްބާވައޭ. އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، ހެޔޮ ބަދަލަކަށް ތެދުވާ ކޮންމެ ފަހަރަކު، ދުނިޔޭގެ އެތަން މިތަނުގައި، ޔުނިވަރސިޓީތަކުގެ ދަރިވަރުން ތެދުވާ ތަން. ސިޔާސީ ލޭންޑްސްކޭޕް ބަދަލުކުރާ ކަމަށްވަންޏާ، ޒުވާން ކިޔަވާ ކުދިންގެ ދައުރު ފުޅާކޮށް ފެނިގެންދޭ. އަދި އެއްވެސް ކަހަލަ އޮޕަރޭޝަނެއްގައި އުޅޭ ކަމަށްވަންޏާ، އެއްވެސް ކަހަލަ ދަތި އުނދަގޫ ކަމެއް ތަޙައްމަލްކުރާ ކަމަށްވަންޏާ، ޒުވާނުންގެ ޙަރަކާތްތައް، ދުނިޔޭގެ އެތަން މިތަނުން އަޅުގަނޑުމެންނަށް މިހާތަނަށް ވަނީ ފެނިފައި. ޒުވާނުންގެ ހަކަތައަކީ، ބުނެވޭގޮތުގައި ވެއްޖިއްޔާ، ހަކަތައިގެ ރާޅުބާނި ނަގައިފި ކަމަށްވަންޏާ، އެ ރާޅުބާނި ގޮސް ހުއްޓެނީ، އެކަމެއް ހާސިލުކޮށްފައި. އަޅުގަނޑުމެންނަށް މަދަކުންނެއް ނޫން، ޒުވާނުންގެ ހަކަތައިގެ ބާރުމިން، އިންޓެންސިޓީ ފެނިފައި ހުރީ. ހުރިހާ ފެންވަރެއްގައިވެސް، ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް، ގަބޫލުކުރެވޭ ގޮތުގައި ވެއްޖިއްޔާ، މިއަދުގެ މުސްތަޤްބަލުގެ އަދި ހުރިހާ އިރެއްގެ، ޤައުމު ބިނާކުރުމުގެ އެންމެ މުއްސަނދި ރައުސްމާލަކީ ޒުވާނުން. ޒުވާނުންނަކީ އެބަޔަކަށްޓަކައި ކޮންމެ ޤައުމެއްވެސް ފަޚްރުވެރިވާ ބައެއް. ޤައުމިއްޔަތެއް ދެމެހެއްޓުމަށްޓަކައި، ޤައުމެއް ބިނާކުރުމަށްޓަކައި ބޭނުންވާ ތަޅުދަނޑިއަކީ ޒުވާނުން. ޒުވާނުންގެ ހަކަތަ.  އެހެންވީމާ، އޮޅުމެއްގެ ތެރެއަކު ނޫން، މި ސަރުކާރުގެ ސިޔާސަތު މިއޮތީ ޒުވާނުންގެ ކުރިމަގާ ލާމެހިފައި.
 
 އ.ދ.ގެ މިހާރުގެ މަސައްކަތުގައިވެސް، އ.ދ.ގެ އެމްބެސެޑަރުންގެ ގޮތުގައި މިފާހަގަކުރަނީ ޒުވާނުންގެ ދައުރު. ޢަލީ އަޝްފާޤަކީ މިކަހަލަ ދިވެހި އެމްބެސެޑަރެއް. އާދެ، ޒުވާނުންނާ ދޭތެރޭގައި މިހާބޮޑު ސަމާލުކަމެއް، ދުނިޔޭގެ ހުރިހާ ހިސާބެއްގައި ދެވެމުންދާއިރު، ޒުވާނުންގެ ޕްލައިޓް، ނޫނިއްޔާ ޒުވާނުންގެ ޝިކާޔަތު އޮތްގޮތާ ދޭތެރޭގައި އަޅުގަނޑު ބަލައިލަމާ ހިންގަވާ. އަޅުގަނޑުމެން ދުނިޔޭގައި ޒުވާނުންގެ ޕްލައިޓާ ދޭތެރޭގައި، ނޫނީ ޒުވާނުންގެ ޝިކާޔަތާ ދޭތެރޭގައި ވިސްނާލަންޖެހޭ ސަބަބަކީ، ދިވެހިރާއްޖޭގެ ޒުވާނުން ކޮމްޕެއަރ ކޮށްލީމަ، އަޅާކިރާލީމަ، އަޅުގަނޑުމެން އެމީހުންނަށްވުރެން، ދުނިޔޭގެ އެހެން ޤައުމުތަކުގެ ޒުވާނުންނަށްވުރެން ކުރީގައިތޯ މިތިބީ. ނޫނިއްޔާ ފައިތިލަ ހަމަކުރެވޭތޯ، ފަހަތަށް ސޮއްސާލާފައިތޯ ތިބީ، އަޅުގަނޑުމެން ހިތާހިތަށް ގެންނަން ފަސޭހަވާނެ. ދުނިޔޭގެ އާބާދީއަކީ ޝައްކެއްވެސްނެތްގޮތުގައި ވަރަށްބޮޑު އާބާދީއެއް.
 
 ޒުވާނުންނަށް މިހާބޮޑު އަހަންމިއްޔަތެއް، ހުރިހާ ސިޔާސީ ލީޑަރުންނާއި، ހުރިހާ ދައުލަތްތަކުން އަދި މުއައްސަސާތަކުން ދެމުންދާއިރުވެސް، ދުނިޔޭގެ ޙާލަތަށް ބަލައިލައިފިކަމަށްވަންޏާ، އަޅުގަނޑުމެން ހިތާމަކުރާ ޙާލަތެއްގައި ޒުވާނުންގެ ޙާލަތު މިއޮތީ. އެއްވެސްކަހަލަ ވަޒީފާއެއްނެތި، މީގެ ދެއަހަރާ ހަމަޔަށް ޖެހިލާކަމަށްވަންޏާ، އެއްވެސްކަހަލަ ވަޒީފާއެއްނެތި މުޅި ދުނިޔޭގައި ތިބި ޒުވާނުންގެ އަދަދަކީ 75 މިލިއަން. މި 75 މިލިއަން ޒުވާނުންނަކީ، އެއް ބައްރަކަށް، އެއް ޤައުމަކަށް ހުސްކޮށްލައިފި ކަމަށްވަންޏާ، އާބާދީގެ ގޮތުން މުޅި ދުނިޔޭގައި އޮތް 18 ވަނަ ޤައުމު. މަހަކު އެއްހާސް ރުފިޔާއަށްވުރެ ކުޑަ އާމްދަނީއެއް ލިބޭ ޒުވާނުންގެ އަދަދަށް ބަލައިފި ކަމަށްވަންޏާ، މި ދައްކަނީ ގާތްގަނޑަކަށް 230 މިލިއަން ޒުވާނުންގެ ވާހަކަ. އެއީ ދުވާލަކު އެމެރިކާ ޑޮލަރު، 2 ޑޮލަރަށްވުރެ ކުޑަ އާމްދަނީއެއް ހޯދާ ޒުވާނުން. އެހެންވީމާ، ޒުވާނުންނާ ބެހޭގޮތުން ވާހަކަ ދައްކާއިރު، ދުނިޔޭގައި ޚާއްޞަކޮށް، މި ޖީލުގައި، މި ޤަރުނުގައި މި ދެއްކޭ ވާހަކައަކީ، މި ޖީލަށްވެސް މި ކިޔަނީ ޖެނެރޭޝަން ޔޫ. ޖެނެރޭޝަން ޔޫއަކީ އަން އެމްޕްލޯއިމަންޓްގެ ޖީލެއްގެ ގޮތުގައި ފާހަގަކުރެވިގެންދާ ދުވަސްކޮޅެއް، އަޅުގަނޑުމެން މިހާރު މި ހޭދަކުރަނީ.
 
ކީއްވެގެންތޯ މިހެންވާން މިޖެހެނީ. ޒުވާނުންނަކީ އަޅުގަނޑުމެންގެ ރައުސްމާލު، އަޅުގަނޑުމެންގެ މުސްތަޤްބަލް، އަޅުގަނޑުމެންގެ ހަކަތަ އަދި އަޅުގަނޑުމެންގެ ޝަރަފާއި ފަޚްރު ކަމަށްވާއިރު، ދުނިޔޭގެ ޙާލަތުގައި ޒުވާނުންގެ ޙާލަތު އޮތީ މިހާ ދަށް ފެންވަރެއްގައި. ޒުވާނުންނާ ގުޅުވައިގެން މިހާރު ބޭނުންކުރާ ސިނޮނިމްސްގެ ތެރޭގައި، ނޫނިއްޔާ މިހާރު ބޭނުންކުރާ، އިޝާރާތްކުރާ އެކިއެކި ބަސްބަހުގެ ތެރޭގައި މި ހިމެނެނީ، ވަޒީފާއެއް ނެތް، ގެދޮރެއް އަމުދުން ނެތް، ދަރަނިވެރިކަން އިންތިހާއަށް އިތުރުވެފައި. މިކަންކަމުގެ ނަތީޖާއަކަށްވަނީ، ޒުވާނުންގެ މެދުގައި މާޔޫސްކަން އުފެދިފައި އޮތުން. މިއީ ދުނިޔޭގައި ޒުވާނުންގެ ޙާލަތަކީ. މިއީ މީގެ ދެއަހަރު ކުރިން އައި.އެލް.އޯ. އިން ޝާއިޢުކުރި ރިޕޯޓްގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ޒުވާނުންގެ ޝިކާޔަތާ ބެހޭގޮތުން ދިރާސާކޮށްފައި ނެރެފައި އޮތް ރިޕޯޓްގައި، ޒުވާނުންގެ ޙާލަތު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި މިންވަރު. އަދި ބައެއް އަވަށްޓެރި ޤައުމުތަކުގެ ރަށްފުށުގެ ސަރަޙައްދުތަކަށް ތިޔަބޭފުޅުން ޒިޔާރާތް ކުރައްވައިފި ކަމަށްވަންޏާ، އަޅުގަނޑު މިދެންނެވި ޙާލަތަށްވުރެ، މާ ނިކަމެތި ޙާލަތުގައި ތިބި ޒުވާނުން މާގިނަވާނެ. އަދުގެ ޒުވާނުން، ދިވެހިރާއްޖޭގެ ޒުވާނުން މިކަންކަމާ ދޭތެރޭގައި ހޭލުންތެރިބާ؟
 
ޒުވާނުންނަކީ، ޒުވާނުންގެ ހަކަތަ ބޭނުންކޮށްގެން، ބޭނުންވާ މިޞްރާބަކަށް ޤައުމުގެ ނައު އަނބުރާލެވޭފަދަ ވަރުގަދަ ޕޯޓެންޓް ބާރެއް، ވަރުގަދަ ހަކަތައެއް، ހަކަތައިގެ ރާޅުބާނިތަކެއް އުފުލެން ފަށައިފި ކަމަށްވަންޏާ، ނަގަން ފަށައިފި ކަމަށްވަންޏާ، ޓު ކޮންޓެންޓް ބޭސް، އެޔާ ދޭތެރޭގައި ވިސްނާލުމަކީ ހަމަ ދެވަނަ ވިސްނުމަކުން ކޮށްލަންޖެހޭ ކަމެއްގެ ގޮތުގައި އޮންނަންޖެހޭ ކަމެއް. އެހެންވީމާ، ޒުވާނުންގެ ހަކަތަ އެބަ އަޅުގަނޑުމެން ހާނެސް ކުރަންޖެހޭ. އަޅުގަނޑުމެން އެބަ ދޯޅު ކުރަންޖެހޭ، އަޅުގަނޑުމެން ބޭނުންވާ ކަންތައްތައް ކުރުމަށް. އަޅުގަނޑުމެންގެ ސަރުކާރުގެ ސިޔާސަތަކީ، ޒުވާނުންނާ ދޭތެރޭގައި، މިދެންނެވި ކަހަލަ އެޖެކްޓިވްސް ނޫނިއްޔާ ނަންއިތުރުތަކެއް ނޫން. ދުނިޔޭގައި ޒުވާނުން، ޚާއްޞަކޮށް، މި ޖީލުގެ ޒުވާނުންނާ ބެހޭގޮތުން މި ބޭނުންކުރެވޭ ބަސްތަކުގެ ތެރޭގައި، ނަންއިތުރުތަކުގެ ތެރޭގައި މިހިރީ. ވަޒީފާ އަދާކުރެވޭނެ ފުރްޞަތު ނެތުން، ގެދޮރުވެރިކަން ނެތުން، ދަރަނި އިންތިހާއަށް ބޮޑުވުން. މީގެ ނަތީޖާއެއްގެ ގޮތުން މާޔޫސްކަން އިންތިހާއަށް ފެތުރިފައިވާ ޒުވާނުން.
 
ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި، އަޅުގަނޑު އިޚްތިޔާރު ކުރިޝިޢާރަކީ، ވެޔަރ ދެޔަރ އިޒް ލައިފް، ދެޔަރ އިޒް ހޯޕް. ދިރުމެއް ވާކަމަށްވަންޏާ، އުންމީދުތަކެއް އެބަވެޔޭ. ދިވެހި ޒުވާނުންނާ ދޭތެރޭގައި، އަޅުގަނޑު ދެކޭގޮތް އަޅުގަނޑު މި ދަންނަވާލީ. ﷲގެ ރަޙްމަތާއެކީ، ޒުވާނުން އަޅުގަނޑަށް އިތުބާރު ކުރެއްވި. އަދި ޒުވާނުންގެ ޙާލަތު ރަނގަޅު ކުރުމަށް ކޮންމެވެސް މިންވަރެއްގެ ޙިއްޞާއެއް އަޅުގަނޑު ދިނުމުގެ ފުރްޞަތު މިއަދު ވަނީ ޒުވާނުން އަޅުގަނޑަށް ދެއްވާފައި. އެހެންވެގެން، މިއަދުގެ ސަރުކާރަކީ ޒުވާނުންގެ ތަރައްޤީއާއި، ޒުވާނުންގެ ކުރިއެރުމާ ލާމެހިފައި އޮތް ސަރުކާރެއް ކަމުގައި މި ދަންނަވަނީ.
 
ދެންމެ ފެނިގެންދިޔަ ވީޑިއޯ އޯޑިއޯ ޕްރެޒެންޓޭޝަންތަކުން އަޅުގަނޑުމެންނަށް ކިތަންމެހާ ރަނގަޅަކަށްވެސް މިކަންކަން ސާފުވެގެން ހިނގައްޖެ. އަޅުގަނޑު އަދަދުތަކެއް ކިޔާކަށް ނެތިން. އަޅުގަނޑު ރާއްޖޭގެ އެކިކަންކޮޅުތަކުގައި، ޒުވާނުންގެ އިންފްރާސްޓްރަކްޗަރ، ނޫނިއްޔާ ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ ހަރުދަނާކުރަން ކުރާ މަސައްކަތުގެ ތަފްޞީލުތަކެއް ދަންނަވާކަށް ނެތިން. އެއަށްވުރެ މާ ޕަވަރފުލްކޮށް، އަޅުގަނޑުމެންނަށް ދެންމެ ވީޑިއޯ ޕްރެޒެންޓޭޝަންތަކުން ފެނިގެން އެދިޔައީ.
 
އެހެންނަމަވެސް، ދަންނަވާލަން ބޭނުންވަނީ، ޒުވާނުންނަށް މިކަންކަން ކޮށްދޭން މިޖެހޭ ސަބަބުތަކާ ދޭތެރޭގައި އަޅުގަނޑުމެން އެބަ ވިސްނާލަންޖެހެޔޭ. ޒުވާނުންނަކީ ޝައްކެއްވެސްނެތްގޮތުގައި، ޤައުމު ބިނާކުރުމުގެ އެންމެ މުހިންމު އަސާސް. ޒުވާނުންގެ ހަކަތައަކީ، ޤައުމު ކުރިއަށް ގެންދިޔުމުގެ ޑައިނަމޯ. އެހެންވެގެން ޒުވާނުންނާ ދޭތެރޭގައި މި ސަރުކާރުން އެހާ އަހަންމިއްޔަތެއް މިދެނީ. އަދި އަޅުގަނޑުމެންގެ ޙާލަތު ނިޔާކުރާގޮތުން، 2006 ގެ ތަފާސް އަދި މިހާރު މިއަހަރު މި ނިންމުނު ތަފާސްއަށް ބަލާކަމަށްވަންޏާ، ދިވެހި ޒުވާނުންނަކީ އާބާދީގެ ގޮތުން، ނޫނީ އާބާދީގެ ނިސްބަތުން ބޮޑު ބައެއް. ދުނިޔޭގައި ޒުވާނުންނަށް ވަޒީފާ ނެތް މިންވަރު، އެއް އަހަރުން އަނެއް އަހަރަށް ބަލާކަމަށްވަންޏާ، މިއަދު އެހެރީ ސަތޭކައަކުން ސާދަ ޕަސެންޓުގައި. މިއީ، ބޮޑު އަދަދެއް. މިއީ، ބޮޑު އަދަދެއް. ދިވެހިރާއްޖޭގައި އަޅުގަނޑުމެން މި އަދަދު ނިސްބަތްކުރާހިތްވަނީ، ވަޒީފާއަކަށް ބޭނުންވާ ޒުވާނަކު، އޭނާގެ ހުނަރުވެރިކަން ހުރެއްޖެ ކަމަށްވަންޏާ، އަޅުގަނޑެއް ގަބޫލެއް ނުކުރަން، ވަޒީފާއެއް ނެތި އޮތް ކަމަކަށެއް. ވަޒީފާއަށް ނުކުންނަން ތައްޔާރަށް ހުރި ޒުވާނަކަށް ވެއްޖިއްޔާ ވަޒީފާގެ ފުރްޞަތު އެބައޮތް. ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ދުވަސް ފާހަގަކުރި ދުވަހު، ނޫނިއްޔާ ނުކުޅެދޭ މީހުންގެ ދުވަސް ފާހަގަކުރި ދުވަހު އަޅުގަނޑު ދިވެހި ރައްޔިތުންނަށް އިލްތިމާސްކޮށްފައި ދެންނެވިން، އަޅުގަނޑުމެން ކޮށްދޭންޖެހޭ ކަމަކީ، މުޅި މުޖްތަމަޢުން ކޮށްދޭންޖެހޭ ކަމަކީ، މި މީހުންނަށް އަޅާލުމޭ.  މި މީހުންނަކީ އަޅުގަނޑުމެންނަށް ތަކުލީފަކަށް، ބުރަޔަކަށްވާ ބައެއް ކަމުގައި އަޅުގަނޑުމެން ދެކިގެނެއް ނުވާނެއޭ. އަޅުގަނޑުމެން ކޮށްދޭންޖެހޭ މަސައްކަތުގައި، ޕްރައިވެޓް ސެކްޓަރުންނާއި، ސަރުކާރުން މި މީހުންނަށް ވަޒީފާ ލިބޭނެ ފުރްޞަތުތަކެއް ހޯދައިދޭންޖެހޭނެއޭ. ހަމަ އެދުވަހުގެ އެ ޖަލްސާއަށްފަހު އަޅުގަނޑު ގޮސް، ސަރުކާރުގެ ކުންފުނިތަކުގެ މެނެޖިންގ ޑިރެކްޓަރުން ހާޒިރުކުރީމު. އަދި އެބޭފުޅުންނާ ކުރެވުނު މަޝްވަރާގައި، ހުރިހާ ބޭފުޅުން އެއްބަސްވެވަޑައިގެންނެވި، ވަޒީފާއަށް ނުކުންނަން ބޭނުންވެފައި ހުރި ޚާއްޞަ އެހީއަށް ބޭނުންވާ، ނޫނީ ނުކުޅެދުންތެރިކަމުގައި އެ ތަކުލީފު އުފުލާ މީހެއް ކަމަށްވަންޏާ، ވަޒީފާގެ ފުރްޞަތު، މި ސަރުކާރުން މިހާރު އެއޮތީ ކަށަވަރުކޮށްދީފައި. އެހެންވީމާ، ނުކުޅެދުންތެރިންވެސް ވަޒީފާ ބޭނުންވެގެން، ވަޒީފާއަށް ނުކުންނަން ބޭނުން ކަމަށްވަންޏާ، އިރާދަކުރެއްވިއްޔާ މި ސަރުކާރުގެ ތެރޭގައި ވަޒީފާ ހަމަޖެހޭނެ.
 
 އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިއަދު ދިވެހިރާއްޖޭގެ ޙާލަތަށް ބަލާކަމަށްވަންޏާ، ތަފާސްގެ ތަފްޞީލުތަކެއް އަޅުގަނޑުމެންނަކަށް އަދި ނުލިބޭ. އެ ތަފްޞީލުތައް އަޅުގަނޑުމެންނަށް ލިބުމަށް ހައެއްކަ މަސްދުވަސް ނަގާނެކަންނޭނގެ. އެހެންވީމާ، އާބާދީގެ ގްރޯތް ރޭޓާއި އަދި ޒުވާނުންގެ ގިންތި އިތުރުވަމުންދާ މިންވަރު ދަންނަވާކަށް އަޅުގަނޑަކަށް ނޭނގެ، އެއްވެސް ކަހަލަ ސާބިތުކަމަކާއެކީއެއް. އެކަމަކު ހަމަ ކަނޑައެޅިގެން ދަންނަވަން އެނގޭ އެއްޗަކީ، އާބާދީގެ ޒުވާނުންގެ ނިސްބަތް، 2006 އަށްވުރެ އެތައް ތަނެއް ގިނަވެގެންދާނެކަން. އެއީ ޝައްކެއްއޮތް ކަމެއް ނޫން. އެކަމަކު އެ ނިސްބަތް އިތުރުވަނީ ކިހާވަރަކުން ކަމެއް ދަންނަވާކަށެއް ނޭނގެ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ދިވެހިރާއްޖޭގައި ވަޒީފާގެ ފުރްޞަތު ބޭނުންހިފަން ތައްޔާރަށް ހުރި ޒުވާނަކަށް ވެއްޖިއްޔާ، ދިވެހިރާއްޖޭގައި ވަޒީފާ މިހާރުން މިހާރަށްވެސް ކަށަވަރު އެބަވެޔޭ. އެކަމަކު ވަޒީފާގައި ދެމިތިބުމުގެ ހިތްވަރު، ދިވެހި ޒުވާނުންގެ ހުންނަން އެބަޖެހޭ. ފަސްއަހަރުގެ ތެރޭގައި ނުވަދިހަ ހަތަރުހާސް ވަޒީފާއެއް އުފައްދާ ވާހަކަ އަޅުގަނޑުމެން ތަކުރާރުކޮށް ދަންނަވަމުން މި އަންނަނީ. އަދި އެކަންކަމަށް ބޭނުންވާ ހުރިހާ ޤާނޫނީ ނިޒާމުތަކާއި، ޤާނޫނުތަކާއި އަދި އެހެނިހެން އިންތިޒާމުތަކާ، މިކަންކަން ސަރުކާރުގެ ފަރާތުން ކުރެވޭތޯ މަސައްކަތް އެބަ ކުރަމު. އިރާދަކުރެއްވިއްޔާ، ﷲގެ ރަޙުމަތާއެކީ މިކަންކަން އަޅުގަނޑުމެންނަށް ހާސިލުވެގެންދާނެވެސްމެ.
 
އެކަމަކު ދުނިޔޭގެ ޙާލަތުގައި، ޒުވާނުންގެ ޝިކާޔަތު، ނޫނިއްޔާ ޒުވާނުންގެ ކެކުޅުން މިއޮތް ހިސާބު އެނގޭއިރު، ދިވެހި ޒުވާނުން މިކަންކަމާ ދޭތެރޭގައި ވިސްނާވަޑައިގަންނަވާތޯ، އަޅުގަނޑު ހަމަ ސުވާލުކޮށްލަން ބޭނުންވޭ. ކޮންމެ ނިޢުމަތެއްވެސް ބީވެގެން ދިޔައީމަ ނޫނިއްޔާ، އެ ނިޢުމަތުގެ އަގު ފުރިހަމައަށް ވަޒަންކުރަން ނޭނގޭނެކަން އެއީ، އަޅުގަނޑުމެން އެންމެން ގަބޫލުކުރާ ވާހަކައެއް. އަޅުގަނޑުމެން މިއަދު މި ދައްކާ ވާހަކައަކީ، ދެހާސް މީހުން އުޅޭ އާބާދީ ހަމަވަންޏާ، ދެހާހަށްވުރެ މަތީގެ އާބާދީއެއް ކަމަށްވަންޏާ، މި އަހަރާއި މި އަންނަ އަހަރުގެ ނިޔަލަށް ސްޕޯޓްސް އެރީނާތައް ޤާއިމުކޮށް ނިންމާނެ ވާހަކަ. ސްޕޯޓްސް އެރީނާތަކުގައި ހިމެނެނީ ހަމައެކަނި ފުޓްސަލް ދަނޑެއްވެސް ނޫން. ދިވެހި ޒުވާނުންނަށް، ދެ ގިންތީގެ ޒުވާނުންނަށް ބޭނުންވާ ހުރިހާ ކުޅިވަރެއް، ޢާންމުކޮށް ކުޅޭ ހުރިހާ ކުޅިވަރެއް ހަމަކޮށްދޭ ވާހަކަ މި ދަންނަވަނީ. އަދި އަޅުގަނޑުމެންގެ ފަސް އަހަރުގެ މުއްދަތުގެ ތެރޭގައި، އަޅުގަނޑު ހަނދާންވާ ގޮތުން ވެއްޖިއްޔާ، ތިންވަނަ އަހަރާއި، ހަތަރުވަނަ އަހަރާ ހަމަޔަށް ދާންވާއިރަށް، އެނޫން އެހެން ހުރިހާ ރަށްރަށެއްގައިވެސް، ޢާންމުކޮށް ދިވެހި ޒުވާނުން ކުޅޭ ހުރިހާ ކުޅިވަރުތަކުގެ އިންފްރާސްޓްރަކްޗަރ ޤާއިމުކޮށް ނިންމާ ވާހަކަ މި ދައްކަނީ. އަދި ޒުވާނުންނަށް ބޭނުންވާ އިޖްތިމާޢީ މަރްކަޒުތައްވެސް ނިންމާ ވާހަކަ މި ދައްކަނީ. ބާވެފައި ހުރި ތަންތަނުގެ އާބާތުރަ ފިލުވައި، އިތުރު ވަޒީފާގެ ފުރްޞަތުދޭ ވާހަކަ މި ދައްކަނީ، އެ ދިވެހި ޒުވާނުންނަށް. ކޮންމެ އަހަރެއްގެ ބަޖެޓްގައި، ސީދާގޮތުން މި އިންފްރާސްޓްރަކްޗަރަށާއި އަދި މިތަންތަނުގައި ޚިދްމަތްކުރާ މީހުންގެ މުސާރަޔަށް ތިންސަތޭކަ މިލިއަން ރުފިޔާ ހިމަނަން މި ޢަޒުމް ކަނޑައެޅީ، މިދެންނެވި ކަންތައްތައް ޒުވާނުންނަށް ކޮށްދިނުމަށްޓަކައި.
 
އެހެންވީމާ، ދަންނަވާލަން ބޭނުންވަނީ މިއީ، ޒުވާނުންނަށް ސީދާކޮށް ފެންނަ ސަރުކާރުގެ ބަޖެޓުން ހޭދަކުރާ މިންވަރޭ. އަޅުގަނޑު ގަބޫލުކުރަނީ، ޚަރަދެއް ނޫން ކަމަށް. އަޅުގަނޑު ގަބޫލުކުރަނީ އެއީ އިންވެސްޓްމަންޓެއް ކަމަށް. އެއީ ހޭދައެއް ކަމަށް. އެކަމަކު ބައްލަވާ ޞިއްޙީ ދާއިރާ. ބައްލަވާ ތަޢުލީމީ ދާއިރާ. ކޮންބައެއްތޯ ސްކޮލަރޝިޕްގައި ދަނީ. ހަމަގައިމުވެސް ސްކޮލަރޝިޕްގައި ދަނީ 18 އަހަރުގެ ކުއްޖެއްގެ މަންމައާއި ބައްޕައާއި ކާފައެއް ނޫން ހަމަގައިމުވެސް. ސްކޮލަރޝިޕްގައި ދާނީ ހަމަ ދިވެހި ޒުވާނަކު. އެހެންވީމާ، ދިވެހި ޒުވާނުންނަށް ސީދާގޮތުންނާއި ނުސީދާގޮތުން މި ދައުލަތުގެ ބަޖެޓުން ހޭދަކުރާ މިންވަރަށް ބަލައިފި ކަމަށްވަންޏާ، އަޅުގަނޑު ގަބޫލުކުރާ ގޮތުން ވެއްޖިއްޔާ، ދައުލަތުގެ ބަޖެޓުގެ ބޮޑު ނިސްބަތެއް ދާނީ، ދިވެހި ޒުވާނުންގެ ކުރިމަގު އުޖާލާކުރުމަށްޓަކައި. އަދި ޒުވާނުންނަށް ބޭނުންވާ ވަޒީފާއަށް ބޭނުންވާ މާކެޓަބަލް ސްކިލްސް، ނޫނީ ހުނަރުވެރިކަން ޒުވާނުންނަށް އިތުރުކޮށްދިނުމަށްޓަކައި ކުރެވޭ މަސައްކަތްތައް ދާނީ.
 
ޒުވާނުންނާ ބެހޭގޮތުން މި ސަރުކާރުން ގަބޫލުކުރާ ދެ މަފްހޫމެއް މިއޮތީ. އެކައްޗަކީ ޒުވާނުންގެ ލީޑަރޝިޕް. އަނެކައްޗަކީ ޒުވާނުންގެ އެމްޕަވަރމަންޓް. ލީޑަރޝިޕަކީ އެމީހެއްގެ ސްކިލްސް، ނޫނިއްޔާ އެމީހެއްގެ ހުނަރުވެރިކަން. ނޫނިއްޔާ ކުޅިވަރުގެ ދާއިރާއިން ނަމަވެސް، އެމީހަކު ހޯދާފައި ހުރި މަޤްބޫލުކަމެއް ބޭނުންކޮށްގެން، ޕޮޒިޓިވް ޗޭންޖަށް މަސައްކަތްކޮށްދިނުމަކީ ލީޑަރޝިޕް. ޢަލީ އަޝްފާޤުގެ މިސާލު. ޢަލީ އަޝްފާޤަކީ، ގިނަ ކަންކަމުގައި، ވަރަށްގިނަ ދިވެހި ޒުވާނުންގެ މަޤްބޫލުކަން ހޯދާފައި ހުރި އެތްލީޓެއް، ކުޅުންތެރިއެއް. އޭނައަކީ ރަނގަޅު އެމްބެސެޑަރެއް. ޢަލީ އަޝްފާޤަށް، ޢަލީ އަޝްފާޤު އުޅުއްވާ ސަރަޙައްދެއްގައި، އަލީ އަޝްފާޤު އުޅުއްވާ ރަށެއްގައި، ޕޮޒިޓިވް ޗޭންޖް ގެނައުމުގެ ހުރިހާ ޤާބިލުކަމެއް، ޢަލީ އަޝްފާޤުގެ ކިބައިގައި އެބަހުރި. އެހެންވީމާ، ޕޮޒިޓިވް ޗޭންޖް ގެންނަ ކޮންމެ ޒުވާން އެތްލީޓަކީ، ލީޑަރޝިޕް ކޮލިޓީ ހުރި އެތްލީޓެއް.
 
މިރޭގެ މި ސްޓޭޖުން އިނާމު ހާސިލުކުރި ކޮންމެ އެތްލީޓަކީ، ކޮންމެ ފަންނުވެރިޔަކީ، ކޮންމެ ލިޔުންތެރިޔަކީ، މިދެންނެވި ސްކިލް ހުރި، ލީޑަރޝިޕް ކޮލިޓީ ހުރި ޒުވާނެއް. އެހެންވީމާ، ތިޔަބޭފުޅުންގެ މަސްއޫލިއްޔަތަކީ، ދައުލަތް ބިނާކުރުމުގައި، ލީޑަރޝިޕް ކޮލިޓީ އެކްސަރސައިޒް ކޮށްދެއްވާށޭ. ޕޮޒިޓިވް ޗޭންޖަށް ތިޔަބޭފުޅުންގެ އެނަރޖީ އަރނަސް ކޮށްދެއްވާށޭ. އަޅުގަނޑުމެންގެ ރާއްޖޭގައި އުޅޭ އެކިއެކި ވިޔާނުދާ ކަންތައްތަކުން ޒުވާން ކުދިން ދުރުކުރުމަށްޓަކައި ކުރެއްވޭނެ މަސައްކަތަކީ ޕޮޒިޓިވް އެނަރޖީ ހާނެސް ކުރުން. ޕޮޒިޓިވް އެނަރޖީ ބޭނުންކުރައްވައިގެން، މި ޙާލަތު ބަދަލުކުރައްވާށޭ. ދެވަނަ ކަމަކީ ޒުވާނުން އެމްޕަވަރ ކުރުން. އެމްޕަވަރ ކުރުމަކީ، ބާރުވެރިކުރުމަކީވެސް ހަމަ މިދެންނެވި ކަހަލަ ޕޮޒިޓިވް ޗޭންޖަށް މަސައްކަތް ކޮށްދިނުމަށްޓަކައި، އެމީހަކަށް ލިބިފައި ހުރި ސްކިލް އިތުރަށް ފުރިހަމަކުރުމާއެކީ، އެމީހެއްގެ ލައިފް، ނޫނިއްޔާ އެމީހެއްގެ ޙަޔާތް އިތުރަށް ފުރިހަމަކުރަން ކުރާ ކޮންމެ މަސައްކަތަކީ އެމްޕަވަރ ކުރުން. އެއީ ވަޒީފާގެ ފުރްޞަތު ލިބުނު ކަމުގައިވިނަމަވެސް، އޭނާގެ ކިޔެވެލި އެއްދަރަޖަ މައްޗަށް ޖެއްސި ކަމުގައިވީނަމަވެސް، ނޫނިއްޔާ އޭނާ ކޮންމެވެސްކަހަލަ ފަންނީ ތަމްރީނެއް ހާސިލުކުރި ކަމުގައިވީނަމަވެސް، އެމްޕަވަރ ކުރުމުގެ ބޭނުމަކަށްވަނީ މި. ސިޔާސީ މަގާމަށް ޒުވާނުން ގެންނަން ކުރާ މަސައްކަތަކީވެސް ޒުވާނުން އެމްޕަވަރ ކުރަން ކުރާ މަސައްކަތް. ބައެއް މަޖިލިސްތަކުގައި، ރައްޔިތުންގެ މަންދޫބުންގެ ތެރެއިން ވަކި އަދަދަކީ އަންހެނުން ކަމުގައި ހިމަނައި އުޅޭ މަޖިލިސްތައް އެބަހުރި. ހަމަ އެގޮތަށް ޒުވާނުންނަކީވެސް ޒުވާނުންގެ ޙާލަތާ ގުޅޭ ދައުލަތުގެ ސިޔާސަތު ބައްޓަން ކުރުމާއި، ޤާނޫނުތައް ބައްޓަން ކުރުމުގައި، މިދެންނެވި ކަހަލަ ލެޖިސްލެޓިވް އެސެމްބްލީތަކުން ވަކި ނިސްބަތެއް ޒުވާނުންނަށް އެމްޕަވަރ ކުރުމަށްޓަކައި ކޮށްދެވިދާނެ. އޭގެ ބޭނުމަކަށްވަނީ، މިދެންނެވި ގޮތަށް ޒުވާނުންގެ ޙާލަތު ރަނގަޅު ކުރުމާއި، ޒުވާނުންނަށް އިތުރު ހުނަރުވެރިކަން ދިނުން، އިތުރު ބާރުވެރިކަން ދިނުން. ދިވެހި ޒުވާނުންނާ ދޭތެރޭގައި، މި ސަރުކާރުން ދެކެނީ، މިދެންނެވި މަފްހޫމްގެ މައްޗަށް ބިނާކުރާ ދިވެހި ޒުވާން މުޖްތަމަޢެއް ދިވެހިރާއްޖޭގައި އޮންނަންވާނެ ކަމަށް.
 
އަޅުގަނޑުމެންގެ ސަރުކާރުގައި އެއްވެސް ޒުވާނަކު ބާކީއެއް ނުވާނެ. އަޅުގަނޑުމެން ގަބޫލުކުރަން، އެހެން ނަމަވެސް، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ޙާލަތު ހުރި މިންވަރުންނާއި، ކުށުގެ ވެށީގެ ކަންތައްތައް ހުރި މިންވަރުންނާއި، އަދި ދަތިކަން ހުރި މިންވަރުން ދާދި ފަސޭހަކަމެއް ކުށަށް އަރައިގަތުމަކީ. އެހެން މީހެއްގެ ޙައްޤަށް އަރައިގަތުމަކީ ދާދި ފަސޭހަކަމެއް. މިވާހަކަ މި ދަންނަވަނީ އެއްގޮތަކަށްވެސް އެއީ ރަނގަޅު ކަމެކޭ ދަންނަވައި، އެކަން ދިފާޢުކުރުމުގެ މާނައަކު ނޫން. އެކަމަކު މި ވާހަކަ މިދަންނަވަނީ، އިންސާނުންގެ ނިކަމެތިކަމާއި، ޟަޢީފުކަމުން މިދެންނެވި ކަހަލަ ޙައްޤުތަކަށް އަރައިގަނެވޭއިރުވެސް، ދެވަނަފަހަރު ވިސްނާލާނެ ފުރްޞަތުވެސް ނުލިބި، މީހުންގެ ޙައްޤުތަކަށް އަރައިގަނެ، އެމީހާގެ ބައުންޑްރީ ހުރަސްކޮށް، އެހެން މީހެއްގެ ތަރަޙައިގެ ތެރެއަށް ދާއިރުވެސް، މިކަންކަން ނޭނގޭ ޒުވާނުން އެބަތިއްބޭ. އެހެންވީމާ، މިއީ ވާ ކަންކަން. އެހެން ނަމަވެސް، އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، މިހެންތިބި ޒުވާނުންނަށްވެސް ކޮންމެވެސް ގޮތްތަކެއް ނެރެދީގެން، މި ޒުވާނުންނަކީ ޤައުމު ބިނާކުރުމުގައި އީޖާބީ ގޮތަކަށް ބަދަލުކުރެވޭނެ ޒުވާނުންނަށް ހެދުމަށްޓަކައި. އެހެންވެގެން އަޅުގަނޑުމެންގެ ސަރުކާރުގެ ސިޔާސަތެއްގެ ގޮތުގައި ކަނޑައަޅާފައި މިއޮތީ، އެއްވެސް ޒުވާނަކީ ބާކީވާނެ ޒުވާނެއް ނޫނޭ. ޒުވާނުންނަށް މިދެންނެވި ކަހަލަ އެމްޕަވަރމަންޓްގެ ކަންތައްތައް ކޮށްދިނުމުގެ ގޮތުން، ހަމަ ދާދި ދެންމެއަކު ހުޅުވިގެން އެދިޔަ އޮންޓްރޮޕްރޮނޯޝިޕް ޕްރޮގްރާމް، ނޫނިއްޔާ ގެޓް ސެޓް ޕްރޮގްރާމަކީވެސް އަޅުގަނޑުމެންގެ މެނިފެސްޓޯގައި ކަނޑައަޅާފައި އޮތް ވަޢުދެއް. ޒުވާނުންނަށް ކޮންމެ އަހަރަކު ތިންސަތޭކަ މިލިއަންހާ ރުފިޔާގެ ބަޖެޓެއް މި ދެނީ، އަދި އެ ބަޖެޓަކީ ކުރިއަށް އޮތް ތަނުގައި އިތުރުކުރެވޭނެ، އަޅުގަނޑުމެންގެ ޙާލަތު ރަނގަޅުވީމަ. އަދި މި ފަންޑް ރަނގަޅު ގޮތެއްގައި ބޭނުންކޮށް، މިއިން ރަނގަޅު ފައިދާތަކެއް ޒުވާނުންނަށް ލިބޭ ކަމަށްވަންޏާ، މި ބަޖެޓަކީ އިތުރުކުރެވޭނެ ބަޖެޓެއް.
 
އެހެންވީމާ، މިކަހަލަ އޮންޓްރޮޕްރޮނޯޝިޕް ފަންޑެއް ލޯންޗް ކުރުމުގެ ބޭނުމަކަށްވަނީ، ދިވެހި ޒުވާނުންގެ ޙާލަތު ރަނގަޅުކުރަން. ދިވެހި ޒުވާނުން އެމްޕަވަރ ކުރަން. އެހެންވީމާ، އަޅުގަނޑުމެން މި ދައްކާ ވާހަކައަށް ޢަމަލީ ސިފަ ގެނައުމަށްޓަކައި އަޅުގަނޑުމެން މިދެންނެވި ކަހަލަ މަސައްކަތްތައް މިކުރަނީ، ދިވެހި ޒުވާނުންނާ ދޭތެރޭގައި، އަޅުގަނޑުމެންގެ ސަރުކާރުގެ ވިސްނުމަކީ، ޒުވާނުންނަކީ އެއްގޮތަކަށްވެސް ވަޒީފާއެއް ނެތް މީހުން ކަމުގައި ގަބޫލުކުރުމެއް ނޫން. ޒުވާނުންނަކީ ގެދޮރު ނެތް ބައެއްގެ ގޮތުގައި ގަބޫލުކުރުމެއް ނޫން. ޒުވާނުންނަކީ އަރައިނުގަނެވޭ ކަހަލަ، ފޫނުބެއްދޭވަރުގެ ބޮޑު ދަރަނީގައި އުޅޭ ދިވެހި ޒުވާނުން ކަމަކަށްވެސް އަޅުގަނޑުމެން ދެކޭކަށް ބޭނުމެއްނުވޭ. އަދި އަމުދުން ދިވެހި ޒުވާނުންނަކީ މާޔޫސްކަންމަތީގައި ތިބި ބައެއް ކަމުގައި ދެކޭކަށް އަޅުގަނޑުގެ ސަރުކާރަކުން ބޭނުމެއްނުވޭ. އެހެންވެގެން، އަޅުގަނޑުމެންގެ ނިދާއެއްގެ ގޮތުގައި، އަޅުގަނޑުމެން ޒުވާނުންނާ ދޭތެރޭގައި މި ކިޔަނީ، ވެޔަރ ދެޔަރ އިޒް ލައިފް، ދެޔަރ އިޒް ހޯޕް.
 
އަޅުގަނޑުމެން ދިވެހި ޒުވާނުންނާ ދޭތެރޭގައި ދެކެން ބޭނުންވަނީ، ޒުވާނުންނަކީ ރިސޯސްފުލް ބައެއް ކަމަށް. ޒުވާނުންނަކީ އިނޮވެޓިވް ބައެއް ކަމަށް. ޒުވާނުންނަކީ ޕްރޮޑަކްޓިވް ބައެއް ކަމަށް. ޒުވާނުންނަކީ އެނަރޖީ ހުރި ބައެއް ކަމަށް. ޒުވާނުންނަކީ ދުޅަހެޔޮ ޞިއްޙަތެއްގެ މަތީގައި ތިބި ބައެއް ކަމަށް. ޒުވާނުންނަކީ މުޖްތަމަޢު ބިނާކުރުމަށް، ޒުވާނުންގެ ޙިއްޞާއަށްވުރެ ބޮޑު ޙިއްޞާއެއް، ނޫނީ އެއަށްވުރެ އަގުބޮޑު ޙިއްޞާއެއް، އެހެން އެއްވެސް ގިންތިއަކަށް ނުދެވޭވަރުގެ ޙިއްޞާއެއް ދެވޭނެ ބައެއްގެ ގޮތުގައި ދިވެހި ޒުވާނުން އަޅުގަނޑުމެން ސިފަކުރަނީ. އެހެންވީމާ، ދިވެހި ޒުވާނުންގެ ހަކަތައަކީ، މިދެންނެވި ގޮތަށް ޤައުމު ބިނާކުރުމަށްޓަކައި ހާނެސް ކުރަންޖެހޭ ހަކަތަ. މި ހާނެސް ކުރަން މިކުރާ މަސައްކަތުގެ ތެރޭގައި ދައުލަތަށް އެއްބާރުލުން ދެއްވަންވީ. ސަރުކާރަށް އެއްބާރުލުން ދެއްވަންވީ، ދެންމެ މި ސްޓޭޖްމަތިން އިނާމު ހާސިލު ކުރެއްވި، ނޫނީ ވަނަތައް ހާސިލު ކުރެއްވި ޒުވާން ލީޑަރުން. އެއީ ލީޑަރޝިޕް ދެއްކެވުމަކީ. ޕޮޒިޓިވް ޗޭންޖަށް މަސައްކަތް ކޮށްދެއްވުމަކީ ލީޑަރޝިޕް ދެއްކުން. އެހެންވީމާ، ޒުވާނުންނަށް މި ސަރުކާރުން ކޮށްދޭ މަސައްކަތުގައި ހުރިހާވެސް އަސާސަކީ، މިދެންނެވި ގޮތަށް އެއްވެސް ޒުވާނަކީ އަޅުގަނޑުމެންގެ ސަރުކާރުގައި ބާކީވެގެންދާނެ ޒުވާނެއް ކަމުގައި އަޅުގަނޑުމެން ގަބޫލުނުކުރާތީ، އަޅުގަނޑުމެން ޒުވާނުންނަށް ރާވައިދޭ ޕްރޮގްރާމްތައް. ކޮންމެ ޒުވާނަކީ ޤާބިލު ޒުވާނެއް.
 
 ކޮންމެ ޒުވާނަކީ ކުށެއްކުރި ނަމަވެސް، އެ ކުށުން އަރައިގަނެ، އޭނަ އަނެއްކާވެސާ ޤައުމު ބިނާކުރުމަށް އޭނަޔަށް ފުރްޞަތުތަކެއް ލިބޭ ޒުވާނުން ކަމުގައި ހެދުން. ދިވެހިރާއްޖޭގެ ޒުވާނުންނާ ދޭތެރޭގައި އަޅުގަނޑުމެން ދެކޭގޮތް އަޅުގަނޑު މި ދަންނަވާލީ. އެހެންވީމާ، ދިވެހިރާއްޖެއަކަށް، އިރާދަކުރެއްވިއްޔާ، ދުނިޔޭގައި އެކި ހިސާބުތަކުގައި މިއުޅޭ ޖެނެރޭޓެޑް ޔޫއަކީ ދިވެހިރާއްޖެއާ ބީރައްޓެހި އެއްޗަކަށްވާނެ. ޖެނެރޭޝަން ޔޫއަކީ، ދިވެހިރާއްޖޭގެ މިހާރުގެ ސަރުކާރު ގަބޫލުކުރާނެ ކަމެއް ނޫން. ދިވެހިރާއްޖޭގައި ވަޒީފާ ނެތް، ނޫނިއްޔާ ވަޒީފާއަށް ނުކުންނަން ނެތް މީހުންނެއް އަޅުގަނޑުމެން ގަބޫލެއް ނުކުރާނެ. ދުނިޔޭގެ އެކި ހިސާބުތަކުގައި، ޢާންމު ޙާލަތެއްގައި އުޅޭ ކަމަށްވަންޏާ، އަހަރެއްގެ މައްޗަށް ވަޒީފާނެތި އުޅޭ ގާތްގަނޑަކަށް ހަތަރުލައްކައެއްހާ މީހުން މިއުޅެނީ. އެކަމަކު އިޤްތިޞާދީ ގޮތުން ދަތި ހާލެއް ކުރިމަތިވާ ކޮންމެ ފަހަރަކު، މި އަދަދު މިދަނީ ގާތްގަނޑަކަށް ހަތަރުގުނަ އިތުރުވެގެން. ނޫނީ ހަތަރުސަތޭކަ ގުނަ އިތުރުވެގެން. މި އަދަދު އެބައަރާ، ހަތަރު މިލިއަނަށް، ނޫނީ އެއަށްވުރެ ބޮޑެތި އަދަދަށް. އެންމެފަހުން 2010، 2011 ގައި އައި އިޤްތިޞާދީ ރިސެޝަންގެ ތެރޭގައި، މިދެންނެވި ހަތަރު ލައްކަ މިއޮތީ ގާތްގަނޑަކަށް 4.5 މިލިއަނަށް އަރާފައި. އެއީ އަހަރެއްގެ އެވްރެޖް ގްރޯތު. އޭގެ ނަތީޖާއަކަށް މިދަނީ، މިދެންނެވި ގޮތަށް މީގެ ދެއަހަރު ކުރިއާ ހަމައަށް ހެދި ތަފާސް ހިސާބަށް ބަލާއިރު، ދުނިޔޭގެ އެކި ހިސާބުގައި އެއްވެސް ވަޒީފާއެއްނެތި 75 މިލިއަން މީހުން އެބަތިއްބޭ. އަދި މަހަކު އެއްހާސް ރުފިޔާ ނުލިބޭ. ދިވެހި ޒުވާނުންނަށް މަހަކު އެއްހާސް ރުފިޔާ ނުލިބެޔޭ ބުނީމަ، މި ވާނީ ހެއްވާ އަދަދަކަށް، ހެއްވާ ވާހަކައަކަށް. މަހަކު އެއްހާސް ރުފިޔާ ނުލިބޭ ދުއިސައްތަ ތިރީސް މިލިއަން މީހުން، ޒުވާނުން، އާދެ، 24 އަހަރުން ދަށުގެ މީހުން، ދުނިޔޭގެ އެކިހިސާބުތަކުގައި އެބައުޅޭ.
 
އެހެންވީމާ، ދިވެހި ޒުވާނުން މިތިބީ ކޮންފަދަ ނިޢުމަތެއްގައިތޯ. ދިވެހި ޒުވާނުންގެ ނަޞީބު ކޮންފަދަ މަތިވެރިތޯ. އަޅުގަނޑުމެން މި ދައްކަނީ ވަޒީފާ އުފައްދާ ވާހަކައިގެ އިތުރަށް، އަޅުގަނޑުމެން މި ދައްކަނީ، ދައުލަތުގެ ބަޖެޓުން ހޭދަކޮށްގެން، މިދެންނެވި ކުރިން ހުރި އިންފްރާސްޓްރަކްޗަރ އުފެއްދުމަށްޓަކައި ކޮންމެ އަހަރަކު ތިންސަތޭކަ މިލިއަން ރުފިޔާ ހޭދަކުރާ ވާހަކަ. އެހެންވީމާ، ދުނިޔޭގެ އެކިހިސާބުގައި، ޒުވާނުންގެ ޝިކާޔަތާއި ދިވެހިރާއްޖޭގެ ޒުވާނުންގެ ޙާލަތާ ކޮމްޕެއަރ ކޮށްލެވޭބާ؟ އެހެންވީމާ، މިކަން ދެމެހެއްޓޭތޯ ބެލުމަކީ ސަރުކާރާއެކީ ދިވެހި ޒުވާނުން ކޮށްދެއްވަންޖެހޭ މަސައްކަތެއް. ދިވެހި ޒުވާނުން މި މަސައްކަތް ކޮށްދެއްވަނީ، ދިވެހި ޒުވާނުންނަކީ ޤައުމު ބިނާކުރުމުގެ ޙިއްޞާދާރުން ކަމުގައި ނުވާނަމަ، މި ޤައުމު ދެން ހިންގާނީ ކޮންބައެއްބާވައޭ؟ އަޅުގަނޑުމެން މަދްރަސާގައި ކުޑަކުދިންގެ ގޮތުގައި ތިބިއިރު، އަޅުގަނޑުމެންނަށް އެކިއެކި މުދައްރިސުންގެ ފަރާތުން ނޫނިއްޔާ ގެސްޓް ލެކްޗަރަރސް ގޮތަށް އޭރު ވަޑައިގަންނަވާ ރާއްޖޭގެ ޢިލްމުވެރިންގެ ފަރާތުން އަބަދުވެސް ވިދާޅުވާނެ، [މިއަދުގެ ޒުވާނުންނަކީ މާދަމާގެ މުސްތަޤްބަލޭ] އެއީ ތެދުފުޅެއްމެ އޭރުގެ ޙާލަތަށް. އެކަމަކު އަޅުގަނޑުވެސް މިނިސްޓަރ މަލީހާ އެއްބަސް. މިއަދުގެ ޒުވާނުންނަކީ މާދަމާގެ މުސްތަޤްބަލެއް ނޫން. މިއަދުގެ ޒުވާނުންނަކީ މިއަދު. އަދި މާދަމާވެސްމެ. އަދި އޭގެފަހުން އަންނަން އޮތް ދުވަސްވެސްމެ. ޒުވާނުން ދިވެހިރާއްޖޭގެ އާބާދީގެ ބޮޑު ނިސްބަތެއް ހިފާއިރު، ޒުވާނުންގެ ޙިއްޞާ، ދިވެހި ދައުލަތް ބިނާކުރަން ނުލިބޭ ކަމަށްވަންޏާ، ދެން ކޮންބައެއްގެ ޙިއްޞާއެއްހޭ ލިބޭނީ. ހަމަގައިމުވެސް ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކުގެ ޙިއްޞާއެއް މިކަމަކަށް ބޭނުމެއް ނުވާނެ.
 
އެހެންވީމާ، ޒުވާން ލީޑަރުން ކޮށްދެއްވަންޖެހޭ މަސައްކަތަކީ، މިދެންނެވި ކަހަލަ ޕޮޒިޓިވް އެނަރޖީ، ނޫނީ ތިޔަބޭފުޅުންގެ އެނަރޖީ، ތިޔަބޭފުޅުންގެ ހަކަތަ، ތިޔަބޭފުޅުންގެ ވިސްނުން، ތިޔަބޭފުޅުންގެ ސްކިލް، ފަންނުވެރިކަން، އެހެން ޒުވާނުންނާ ހަމަޔަށް ގެންގޮސްދެއްވާށޭ. އެ ޒުވާނުން މަގުން ކައްސާލައިގެން ދިޔަނުދޭން. މަގުން ކައްސާލައިގެންދާ ޒުވާނުން އަނބުރާ މުޖްތަމަޢަށް ގެނައުމަށް ސަރުކާރުން މިކުރާ މަސައްކަތުގައި އަދި އެކިއެކި މުއައްސަސާތަކުން މިކުރާ މަސައްކަތުގައި، ތިޔަބޭފުޅުންގެ ޙިއްޞާ އިތުރުވެގެންދޭ. އެއީ، މިރޭ މިކަހަލަ އެވޯޑް ސެރަމަނީއެއްގައި އެވޯޑް ލިބޭ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން އޮތް ވާހަކަ.
 
ހަމައެއާއެކީ އަޅުގަނޑު ދަންނަވާލާނަން. އަޅުގަނޑުވެސް ހަމަ ވަކިވެލުމުގެ ކުރިން، ދިވެހި ޒުވާނުންނާ ދޭތެރޭގައި އަދިވެސް އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވާ އެހެން ވާހަކައެއް. މިއީ، ހަމަ އަޅުގަނޑު ތިޔަބޭފުޅުންނަށްދޭ އެޑްވައިސްވެސްމެ. ތިޔަބޭފުޅުންނަށް ނަޞޭޙަތުގެ ބަހެއް ދަންނަވާލުމުގެ ގޮތުން ދަންނަވާ ވާހަކައެއް. މިހުރިހާ ހޭދައެއްކޮށްގެން، ދިވެހި ޒުވާނުން ބައްޓަން ކުރުމާއި، ދުޅަހެޔޮ ޞިއްޙަތެއްގައި ބޭތިއްބުމަށް މިކުރާ މަސައްކަތާއި އަދި މަލީހާ ކުރެވޭ ސުވާލު އަޅުގަނޑާ ކުރެވުނުނަމަ، އަޅުގަނޑު ޖަވާބުދޭނީ އާއެކޭ ކީއްހެއްޔޭ. ދިވެހި ޒުވާނުންނަށް އެންމެ ބޮޑަށް ބޭނުންވާ ފުރަތަމަ ކަމަކީ ދުޅަހެޔޮ ޞިއްޙަތެކޭ. އެހެންވީމާ، ސަރުކާރުން، ޔޫތު މިނިސްޓްރީން ދުޅަހެޔޮ ޞިއްޙަތެއް ޤާއިމުކުރުމަށްޓަކައި، ދިވެހި ޒުވާނުންނަށް ބޭނުންވާ ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ ޤާއިމުކޮށްދޭނަމޭ. މިއަދުވެސް ކޮށްދޭނަމޭ. މާދަމާވެސް ކޮށްދޭނަމޭ. އަނެއް ދުވަހުވެސް ކޮށްދޭނަމޭ.
 
އިންސާނަކަށް ލިބޭ އެންމެ ބޮޑު ނިޢުމަތަކީ ބުއްދީގެ ނިޢުމަތް. ސަލާމަތް ބުއްދިއެއް، ނޫނިއްޔާ ޞިއްޙަތު ރަނގަޅު ބުއްދިއެއް ހުންނާނީ ދުޅަހެޔޮ ހަށިގަނޑެއްގައި. ދުޅަހެޔޮ ހަށިގަނޑެއް ނެތް މީހެއްގެ ސިކުނޑިއަކީ، އަބަދުވެސް އޭނަގެ ބަލިތަކާ ދޭތެރޭގައި ވިސްނައި ފިކުރުކުރަންޖެހޭނެ. އޭގެ ސަބަބުން އިތުރު ބަލި އުފެދެމުންދާނެ. އެހެންވީމާ، ކީއްވެގެންތޯ، ދިވެހި ޒުވާނުންގެ ޞިއްޙަތު ދުޅަހެޔޮ ޞިއްޙަތަކަށް ހެދުމަށް ސަރުކާރުން ހޭދަނުކުރާނީ. ސިކުނޑީގެ ބޭނުން ހިފަން ބޭނުންވަނީ، މިދެންނެވި ލީޑަރޝިޕާއި އަދި މަގުން ކައްސާލައިގެންދާ ޒުވާނުން މަގަށް އެޅުވުމަށާއި، ދައުލަތް ބިނާކުރުމުގައި އެމީހުންގެ ޙިއްޞާ އިތުރުކުރަން ކަމަށްވާއިރު، މިއީ ސިކުނޑީގެ މަސައްކަތް. މިއީ، މިސާލު ދައްކައިގެން ކުރަންޖެހޭ މަސައްކަތް. މިކަން ކުރަން ދުޅަހެޔޮ ޞިއްޙަތެއް ހުރުމަކީ ލާޒިމު ކަމެއް. އެހެންވެގެން ދިވެހި ޒުވާނުންގެ ކުޅިވަރަށް ސަރުކާރުން އެހާބޮޑު ހޭދައެއް ކުރަނީ. ފުރިހަމަ ސިކުނޑިއެއް ހުންނަ ކަމަށްވަންޏާ، ފުރިހަމަ ސިކުނޑިއަކަށް ހުރެވޭނީ ދުޅަހެޔޮ ހަށިގަނޑެއްގައި.
 
އެހެންވެގެން އަޅުގަނޑު ހަމަ ވަކިވެލަމުން، ތިޔަބޭފުޅުންނަށް އަރުވާ ނަޞޭޙަތަކީ، ވިޔާނުދާ އާދަކާދަތައް ދޫކޮށްލައްވާށޭ. އެ އާދަކާދަތައް އެނގިވަޑައިގަންނަވާ ކަމަށްވަންޏާ، އަމުދުން ކައިރިނުވާށޭ. މަސްތުވާތަކެއްޗަށް [ނޯ] ބުނާށޭ. ޑްރަގްސްއަށް އަމުދުން [ނޫނެކޭ] ބުނާށޭ. އެޗް.އައި.ވީ.އަށް [ނޫނެކޭ] ބުނާށޭ. އަދި މިނޫންވެސް ޒުވާނުންނަށް އަޕްސެޓްވާ، އެހެން ނޫނީ ޞިއްޙަތަށް ގެއްލުންވާ މިކަހަލަ ހުރިހާ ކަމަކަށް ނޫނެކޭ ބުނެފައި، ފުރަގަސްދީފައި، ތިޔަބޭފުޅުން ކުރިއަށް ވަޑައިގަންނަވާށޭ. ސަރުކާރުން ހޭދަމިކުރަނީ، ތިޔަބޭފުޅުންނަކީ ރިސޯސް ކަމުގައި ދެކިގެން. ސަރުކާރުން ހޭދަމިކުރަނީ، ތިޔަބޭފުޅުންގެ މުސްތަޤްބަލް އުޖާލާ ކުރުމަށްޓަކައި. އެހެންކަމަށްވަންޏާ، އަމިއްލައަށް ހަލާކުގެ މަގު އިޚްތިޔާރު ކުރުމަކީ، ބުއްދި ބޭނުންކުރާ ބަޔަކު ކުރާނެ ކަމެއް ނޫން. އެހެންވީމާ، މިކަންކަމުގައި ނޫނެކޭ ވިދާޅުވެފައި އަދި މިކަންކަމުގައި އުޅޭ ޒުވާނުން ސަލާމަތްކޮށްދިނުމަކީ، މިދެންނެވި ޕޮޒިޓިވް ޗޭންޖް. ނޫނިއްޔާ ޕޮޒިޓިވް އެނަރޖީ ހާނެސް ކުރަން، ޒުވާން ލީޑަރުންގެ އެންމެ މުހިންމު ޤައުމީ މަސްއޫލިއްޔަތު.
 
މި ނަޞޭޙަތުގެ ބަސްކޮޅާއެކީ، އަޅުގަނޑު ދިވެހި ޒުވާނުންނަށް އަދަށްވުރެ ފާގަތި މާދަމައެއް އެދެމުން، އަދި އަޅުގަނޑުމެންގެ ސަރުކާރުގައި ދިވެހި ޒުވާނުންނަކީ، ދިވެހި ދައުލަތުގެ އަދި ދިވެހިރާއްޖޭގެ އެންމެ އަގުހުރި، އެންމެ އަގުބޮޑު ރައުސްމާލު ކަމުގައި މިރޭވެސް ދަންނަވާލަން. ޒުވާނުންނަށް ކުރިއަށް އޮތް ތަނުގައި އަޅުގަނޑު އެދެނީ ހުރިހާވެސް ހެޔޮގޮތެއް. އިރާދަކުރެއްވިއްޔާ، މާތްﷲ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، މާތްﷲގެ ދަރުމައާއި ޘަވާބު މިންވަރު ކުރައްވާށި! ދިވެހި ޒުވާނުންނަށް ކެތްތެރިކަމާއި އަދި މިކަހަލަ ވިޔާނުދާ އާދަތަކުން ދުރުވުމުގެ ހިތްވަރާއި ޤާބިލުކަން، ﷲ މިންވަރު ކުރައްވާށި!
 
 والســّلام عليــكم ورحـمــةاللّـه وبـركاتـه