‏ޒުވާނުންނަށް އަމާޒުކޮށްގެން، ޒުވާން ވިޔަފާރިވެރިން އުފެއްދުމުށްޓަކައި 200 މިލިއަން ރުފިޔާގެ ‏‏'ގެޓް ސެޓް' ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިފްތިތާޙް ‏‏ކޮށްދެއްވައިފިއެވެ. މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ، މިއަހަރުގެ ޒުވާނުންގެ ޤައުމީ ދުވަހުގެ ‏‏މުނާސަބަތުގައި ދަރުބާރުގޭގައި ރޭ ބޭއްވި ހާއްޞަ ރަސްމިއްޔާތުގައެވެ.‏

ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ހާއްސަ ކޮށްފައިވާ މި ‏‏ޕްރޮގްރާމުގެ ދަށުން، ވިޔަފާރިއެއް ފަށަން ބޭނުންވާ ދެ ޒުވާނަކު ގުޅިގެން ‏ލޯނަށް ‏ކުރިމަތިލެވޭގޮތަށް ‏‏ވަނީ ހަމަޖެހިފައެވެ. އަދި މީގެއިތުރަށް، ޕްރޮގާރާމުން ހޮވޭ ޒުވާނުންނަށް ވިޔަފާރި ފަށަން ބޭނުންވާ ‏‏ލޯނުގެ އިތުރުން، ފަންނީ އެހީތެރިކަންވެސް ފޯރުކޮށްދޭނެއެވެ.‏

‏ޒުވާނުންގެ ޤައުމީ ދުވަސް ފާހަގަކުރުމަށްޓަކައި ރޭ ދަރުބާރުގޭގައި ބޭއްވި ޚާއްޞަ ‏‏ޖަލްސާގައި، 2013 އަދި 2014 ވަނަ އަހަރުގެ ޒުވާނުންގެ ޤައުމީ އިނާމް ޙާޞިލްކުރި ‏‏ފަރާތްތަކަށް ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިނާމް ޚަވާލުކޮށްދެއްވިއެވެ. ‏‏2013 ވަނަ އަހަރުގެ ޒުވާނުންގެ ޤައުމީ އިނާމު ޙާޞިލުކުރީ ‏ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ‏‏އަތިރީގޭ ޢަބްދުﷲ އަޒްމީނާއި‏، މާފަންނު ޗާލޮޓް އައިމިނަތު އިސްމާޢީލާއި، މާލެ ‏ވިލިނގިލީ ‏‏ރެޑިއަމްވޭވްސް އައިޝަތު އަފްރާ މުޙައްމަދާއި، ‏މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މަންޒިލް އަންވަރު ‏‏އިބްރާހީމާއި، ‏މާލެ ‏ވިލިނގިލީ ‏މާލެއުފާ އިސްމާޢީލް ޙަމީދާއި، ‏ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ‏‏ހިންދޫސް ޖާދުﷲ އިސްމާއިލާއި، ހެންވޭރު ވެހެލި މަރިޔަމް މިރުފަތާއި، މައްޗަންގޮޅީ ޝޭޑީކެބިން ‏‏މުހައްމަދު ފަސީން ރާފިޢު އާއި މާލެހިޔާ 2-01-15 މުޙައްމަދު ޙާޝިމެވެ. ޖަމްޢިއްޔާތަކުގެ ‏‏ތެރެއިން ފާހަގަކުރެވޭ ޚިދްމަތްތަކެއް ކުރި ޖަމްޢިއްޔާގެ އިނާމު ޙާޞިލުކުރީ، މާޅޮސްމަޑުލު ‏‏އުތުރުބުރީ އުނގޫފާރު ޖަމްޢިއްޔަތުލް ސައިފާއި، މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ޖާރނީ ‏‏ޖަމްޢިއްޔާއެވެ. ‏

‏2014 ވަނަ އަހަރުގެ ޒުވާނުންގެ ޤައުމީ އިނާމު ޙާޞިލުކުރީ، ހުވަދުއަތޮޅު ‏‏ދެކުނުބުރީ ވާދޫ ޢަލީ އަބްދުލްކަރީމާއި، ‏މައްޗަންގޮޅި ދުނބުގޭ ޢަލީ އަޝްފާޤާއި، މާލެއަތޮޅު ގާފަރު ‏‏ނިޔަމި ޙަސަން ސާޢިދާއި، ތިލަދުންމަތި ދެކުނުބުރީ މަކުނުދޫ ރޯޒަރީގޭ ޔަޝްފާ އަބްދުލް ޣަނީއެވެ. ‏‏ޖަމްޢިއްޔާތަކުގެ ތެރެއިން ފާހަގަކުރެވޭ ޚިދްމަތްތަކެއް ކުރި ޖަމްޢިއްޔާގެ އިނާމު ޙާޞިލުކުރީ، ‏ ‏‏މާޅޮސްމަޑުލު އުތުރުބުރީ މީދޫ އެކުވެރި ކްލަބް ޖަމިއްޔާއާއި، ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން ‏‏(ޝީ) އަށެވެ‏‎.‎
‏ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިނާމު ‏‏ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ވިދާޅުވެ، ‏‏ހެޔޮއެދުންތައް ފޮނުއްވިއެވެ.‏