ވަޒީފާގެ ފުރުޞަތުތައް ބޭނުންވާ ހުރިހާ ޒުވާނުންނަށް ވަޒީފާ ހަމަޖައްސަވައި ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޒުވާނުންގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޤައުމު ބިނާކުރުމުގެ އެންމެ މުއްސަނދި ރައުސުލްމާލަކީ ޤައުމުގެ ޒުވާނުން ކަމުގައި ބަޔާންކުރައްވަމުން، ޒުވާނުންނަކީ ކޮންމެ ޤައުމެއްވެސް އެބަޔަކަށްޓަކައި ފަޚުރުވެރިވާ ބައެއްކަން ފާހަގަކުރެއްވިއެވެ. އަދި، ޤައުމިއްޔަތެއް ދެމެހެއްޓުމަށާއި، ގަޢުމު ބިނާކުރުމަށްޓަކައި ބޭނުންވާ ތަޅުދަނޑިއަކީ ޒުވާނުންގެ ހަކަތަކަމުގައި ވިދާޅުވިއެވެ.
ދުނިޔޭގައި ޒުވާނުންގެ ޙާލަތު އޮތީ ވަރަށް ދަށް ފެންވަރެއްގައި ފާހަގަކުރައްވަމުން، ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން، ދިވެހި ޒުވާނުންނަކީ ވަޒީފަޢެއްނެތް، މާޔޫސް އަދި ގޮދުރު ނެތް ބައެއްގެ ގޮތުގައި ދެކެން މިސަރުކާރުން ބޭނުންފުޅުނުވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ހާމަކުރެއްވިއެވެ. މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދައްވަމުން، ސަރުކާރުން ޒުވާނުން ސިފަކުރައްވަނީ، މުޖުތަމަޢު ބިނާކުރުމުގެ އެންމެ ބޮޑު އެއް ހިއްޞާދާރުގެ ގޮތުގައިކަން ބަޔާންކުރެއްވިއެވެ. އަދި، ޒުވާނުންގެ އިތުބާރާއެކު އެމަނިކުފާނުގެ ސަރުކާރުން ވެރިކަމާ ޙަވާލުވެ އެހުންނެވީ، ޒުވާނުންގެ ޙާލަތު ރަނގަޅުކޮށް ދެއްވުމަށް ކަމުގައިވެސް ވިދާޅުވިއެވެ.
މީގެއިތުރަށް، ޒުވާނުންނަށް މަސައްކަތްކޮށްދިނުމުގައި ސަރުކާރުގެ އަސާސަކީ އެއްވެސް ޒުވާނެއް ބާކީނުކޮށް، ކޮންމެ ޒުވާނަކީ ކުށެއް ކުރިކަމުގައި ވީނަމަވެސް، އެކުށުން އަރައިގަނެ އެޒުވާނަކަށް ޤައުމު ބިނާކުރުމުގައި ފުރުޞަތުތަކެއް ލިބޭނެ ފަދަ ޒުވާނަކަށް ހެއްދެވުން ކަމުގައި ބަޔާންކުރެއްވިއެވެ. އަދި، މިދަޢުލަތުގެ ބަޖެޓުން ބޮޑު ނިސްބަތެއް ޙަރަދުކުރައްވާނީ، ސީދާގޮތުންނާއި ނުސީދާގޮތުން ޒުވާނުންގެ ކުރިމަގު އުޖާލާކުރުމަށާއި، ޒުވާނުން ވަޒީފާއަށް ބޭނުންވާ ހުނަރުވެރިކަން އިތުރުކޮށްދިނުމަށްޓަކައި ކުރެވޭ މަސައްކަތްތަކަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.