ލިބެން އޮތް ފުރުޞަތެއްގެ ބޭނުން ހިފައިގެން ޢިލްމު ހޯދަން ނުކުތުމަށް، ރާއްޖޭގެ ޒުވާނުންނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދު އިލްތިމާސް ކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ، އާދިއްތަ ދުވަހަރޭ ނޭޝެނަލް އާރޓް ގެލެރީގައި ދިވެހި ބަހުގެ އެކެޑެމީއިން ބޭއްވި ލިޔުންތެރިންގެ ފޮތް މަޢުރަޒުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ޢިލްމު އުނގެނުމުގެ މުހިންމު ކަމުގެ މައްޗަށް އަލި އަޅުއްވައިލެއްވިއެވެ. މިމޭރުމުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ޤައުމެއްގެ ކުރިއެރުން ބިނާވެފައި ވަނީ ޢިލްމުގެ މައްޗަށް ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭއަށް ކުރިއެރުމާއި ތަރައްޤީ އަންނަން ފަށާފައި ވަނީ ޢިލްމު ހޯދަން ދިވެހިން މަސައްކަތް ކުރަން ފެށި ހިސާބުން ކަމުގައި ބަޔާންކުރައްވަމުން، ކިޔަވާކުދިންނަށް ޢިލްމު އުނގަންނައި ދެއްވުމަށް އިތުރު މަސައްކަތްތަކެއް ކޮށްދެއްވުމަށް ވެސް ބެލެނިވެރިންނަށާއި މުދައްރިސުންނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިލްތިމާސް ކުރެއްވިއެވެ.

ދިވެހި ޤައުމިއްޔަތުކުމެގެ އެންމެ މުހިންމު އެއް ރުކުނަކީ ދިވެހި ބަސްކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަކުރެއްވިއެވެ. މިގޮތުން، މިފަދަ ފޮތް މަޢުރަޒެއް ރާއްޖޭގައި ބޭއްވުމަކީ ދިވެހި ބަސްކުރިއެރުވުމަށާއި ރާއްޖޭއިން ނުކުންނަ ދިވެހި ބަހުގެ ފޮތްތައް ދައްކާލުމަށް ލިބޭ ވަރަށް ބޮޑު ފުރުޞަތެއް ކަމުގައި ބަޔާންކުރެއްވިއެވެ. މީގެ އިތުރުން، މިމަޢުރަޒުން ރާއްޖޭގެ ލިޔުންތެރިންގެ ހީވާގި ކަމާއި ދިވެހި ބަހުގެ މުއްސަނދިކަން ފެނިގެންދާ ކަމުގައި ވެސް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދު ވިދާޅުވިއެވެ.