ދިވެހިރާއްޖޭގެ މިއަހަރުގެ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ ޒުވާނުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދެންނެވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ޚާއްޞަ އުފަލެކެވެ. މިއަހަރުން ފެށިގެން ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހަކީ، މި ސަރުކާރު ވެރިކަމާ ޙަވާލުވި ތާރީޚީ ދުވަސް ކަމަށްވުމީ، އަޅުގަނޑު ޚާއްޞަ ގޮތެއްގައި ފާހަގަކުރާކަމެކެވެ. އެހެންކަމުން، މި ސަރުކާރުގެ ފުރަތަމަ އަހަރީ ދުވަހުގެ ތަހުނިޔާވެސް، ދިވެހި ޒުވާނުންނަށާއި ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރިސް ކުރަމެވެ.

 
ސަރުކާރުގެ މެނިފެސްޓޯގައި އެންމެ ޚާއްޞަ އަހައްމިއްޔަތެއް ދީފައިވާ އެއް ދާއިރާއަކީ، ޒުވާނުންގެ ދާއިރާއެވެ. ޚާއްޞަކޮށް، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށްދީ، ޒުވާނުންނަށް ކުރިއަށް ދެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ، ސަރުކާރުގެ ވަރަށް މުހިއްމު ވަޢުދެކެވެ. މި ވަޢުދުތައް ފުއްދައިދިނުމުގެ އަސާސްތައް ގުޅިފައިވަނީ، ޤައުމުގެ އިޤްތިޞާދު ހަރުދަނާވުމާއި، ތަނަވަސްކަމާއި ފުދުންތެރިކަން އިތުރުކުރުމުގެ މައްޗަށެވެ. އަދި، އިޖުތިމާޢީ ހަމަޖެހުމާއި، އަމާން މުޖުތަމަޢެއް ބިނާވެ، ޒުވާނުންނަށާއި އެންމެހައި ރައްޔިތުންނަށް ހިތްފަސޭހަ ދިރިއުޅުމެއް ފޯރުކޮށްދިނުމުގެ މައްޗަށެވެ. އެހެންކަމުން، ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރަމުން މިގެންދަނީ ރައްޔިތުންގެ ހާލަތު ރަނގަޅު ކުރުމަށެވެ. ރައްޔިތުންގެ ހާލަތު ރަނގަޅު ކުރުމުގެ ފުރަތަމަ ފިޔަވަޅަކީ، ޒުވާނުންގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތް ކުރުމެވެ.
 
ރާއްޖޭގެ އާބާދީގެ ބޮޑުބަޔަކީ ޒުވާނުންކަމަށްވާއިރު، ރާއްޖެ ތަރައްޤީގެ މަގުގައި ކުރިއަށް ގެންދިޔުމަށް ބޭނުންވާ ހުރިހާ ދާއިރާއެއްގައި ޒުވާނުންގެ ޙަރަކާތްތެރިކަމާއި، އެމީހުންގެ ހޫނު ލެޔާއި، ޖޯޝާއި، ވިސްނުމާއި، ހަކަތަ ސަރުކާރަށް ބޭނުންވެއެވެ. އަދި، އެކިއެކި ރޮނގުތަކުގައި ޙަރަކާތްތެރިވުމުގެ ޤާބިލިއްޔަތާއި ހުނަރުވެރިކަން ޒުވާނުންގެ ކިބައިގައި އަށަގެންނެވުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން، މި ދެންނެވި މަޤްޞަދު ހާސިލުކުރުމަށްޓަކައި ޒުވާނުންނަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށްްދިނުމަކީ، ސަރުކާރުގެ މުހިންމު އެއް އަމާޒުކަމަށްވުމާއެކު، ޒުވާނުންނަށް ބޭނުންވާ ވަސީީލަތްތައް، ރާއްްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމު ކުރުމުގެ މަސައްކަތް، ސަރުކާރުން ވަރަށް ބާރުމިނުގައި ކުރިއަށް އެބަގެންދެއެވެ.
 
ޒުވާނުންނަކީ، ޤައުމުގެ ތަރައްޤީގައި ވަރަށް މުހިންމު ދައުރެއް އަދާކުރަންޖެހޭ ބަޔަކަށްވާއިރު، އެކަންް އެންމެ ފުރިހަމަ ގޮތުގައި ހާސިލުކުރެވޭނީ، ޒުވާނުންނަކީ އެމީހުންގައި ހަރުދަނާ ސިފަތަކަކާއި، ހަރުދަނާ އަޚްލާޤެއްވެސް ހުރި ބަޔަކަށްވެގެންނެވެ. ޤައުމަށާއި މުޖުތަމަޢަށް ފައިދާާކުރަނިވި މަސައްކަތްތަކެއްް ކުރާ ޒުވާނުން ކަމުގައި ވެގެންނެވެ. އަދި، ޒިންމާދާރު ޚިދުމަތްތެރިއެއްގެ ގޮތުގައި ޒުވާން އުމުރު ހޭދަކޮށްގެންނެވެ. ޒުވާނުންނަކީ، ތަޖުރިބާގެ ފައިދާ ދަންނަ، އެ ތަޖުރިބާއަށް ޙުރްމަތްތެރިކޮށްހިތާ ބަޔަކަށްވެސް ވެގެންނެވެ.
 
ސަރުކާރުން ޒުވާނުންނަށްވެފައިވާ ވަޢުދުތައް އަޅުގަނޑުގެ ރިޔާސީ ދައުރުގައި އިރާދަކުރެއްވިއްޔާ ފުއްދައިދޭނެ ކަމުގެ ޔަޤީންކަން، ރާއްޖޭގެ ހުރިހާ ޒުވާނުންނަށް މި ފުރުޞަތުގައި އަރުވަމެވެ. އަދި، އެ ވަޢުދުތައް ފުއްދައިދިނުމުގައި ޒުވާނުންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ވާހަކަވެސް ދަންނަވަމެވެ.
 
އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ދިވެހި ޒުވާނުންނަކީ، އިސްލާމްދީނަށްް ޙުރުމަތްތެރިކޮށްހިތާ، ދީނީ ކަންކަމަށް އަހައްމިއްޔަތުދޭ ބަޔަކު ކަމުގައި މާތްﷲ މިންވަރު ކުރެއްވުމެވެ. ޒުވާނުންނަކީ، ޤައުމީ ރޫޙުގައި މަތިވެރި ޢަޒުމެއްގައި ޤައުމަށް ޚިދުމަތް ކުރާ ބަޔަކު ކަމުގައި ލެއްވުމެވެ. ޒުވާނުންގެ ތަރައްޤީއަށާއި ކުރިއެރުމަށް ސަރުކާރުން ކުރަމުން މިގެންދާ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ އެކަލާނގެ ދެއްކެވުމެވެ. 
 
24 މުޙައްރަމް 1436
17 ނޮވެންބަރު 2014