بســم اللّـه الرّحمـن الرّحيــم
 
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
 
މި ޖަލްސާއަށް ވަޑައިގެންނެވި އެންމެހައި ޢިއްޒަތްތެރިން، ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه
 
އާދެ، މިއަދު އަޅުގަނޑުގެ އެންމެ އިސް އުފަލެއް ކަމުގައި ދެކެނީ، ދިވެހި ޖުމްހޫރިއްޔާއަށް، އާދެ، ދިވެހި ދެވަނަ ޖުމްހޫރިއްޔާއަށް 46 އަހަރު ފުރޭ މި ޖުމްހޫރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، ތިޔަ އެންމެހައި ބޭފުޅުންނަށް އަދި ދިވެހިރާއްޖޭގެ ލޮބުވެތި ފަޚުރުވެރި އެންމެހައި ރައްޔިތުންނަށް އަރިސްކުރުން. ހަމައެއާއެކު، އަޅުގަނޑުމެންނާއެކީ މިހާރުވެސް އަޅުގަނޑުމެންގެ ޚިދްމަތުގައި، ޤައުމީ ޚިދްމަތުގައި ތިއްބެވި މި ދެވަނަ ޖުމްހޫރިއްޔާގެ ތިން ރައީސުން ކަމުގައިވާ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙަންމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން، މި ތިން ބޭފުޅުންނަށް ދުވަހުގެ ތަހުނިޔާ އަޅުގަނޑު މި އަރިސްކުރަނީ، އެބޭފުޅުން ޤައުމަށް ކޮށްދެއްވި މަތިވެރި އަގުހުރި ޚިދްމަތްތައް އަޅުގަނޑުމެން ހަނދާނަށް ގެންނަމުން.
 
އާދެ، ޖުމްހޫރީ ދުވަހަކީ ރައްޔިތުންގެ ދުވަހެއް. ޖުމްހޫރިއްޔާއަކީ ރައްޔިތުންގެ ފަރާތުން ރައްޔިތުންގެ ބާރުވެރިކަން ފެށޭ ދުވަސް. އަދި މި ނިޒާމަކީ ރައްޔިތުންގެ ޝާމިލުކަން ބޮޑު ނިޒާމެއް. ޤައުމު ބައްޓަން ކުރުމުގައި، ޤައުމަށް ކުރިއެރުން ހޯދައިދިނުމުގައި، ރައްޔިތުންގެ ޚިދްމަތްތައް ގިނަގުނަ. ރައްޔިތުންގެ ޚިދްމަތްތަކުން، ރައްޔިތުންނަށް ކުރިއެރުން ލިބުމާއެކީ، ޤައުމަށް ލިބޭ ކުރިއެރުމަކީ، ޖުމްހޫރިއްޔަތަށް ލިބޭ ކުރިއެރުމެއް. އަޅުގަނޑުމެންގެ ޖުމްހޫރިއްޔަތަކީ، ހަގު ޖުމްހޫރިއްޔަތެއް ކަމުގައިވީނަމަވެސް، ފަޚުރުވެރި ލަނޑުދަނޑިތަކެއް ހާސިލުކޮށްފައިވާ ޖުމްހޫރިއްޔަތެއް. އެހެންކަމުން، ޖުމްހޫރީ ދުވަހަކީ ދިވެހި އެކިއެކި ފަރުދުން، އަމިއްލަގޮތުން އެ ކުރައްވާ މަސައްކަތްޕުޅުގެ އަގު ވަޒަންކުރުމަށް އެންމެ މުނާސަބު ދުވަސް. އަދި ހަމައެހެންމެ، އަޅުގަނޑުމެންގެ ލޮބުވެތި ދަރިން ބޭރުގެ ތަޢުލީމް ޙާޞިލްކުރާ ޔުނިވަރސިޓީތަކަށް ގޮސް، މަތީ ދަރަޖަތަކާއި ޝަރަފު ދިވެހިރާއްޖެއަށް ހޯދައިދިނުން ފާހަގަކުރާ ދުވަހަކީ، ޖުމްހޫރީ ދުވަސް ކަމުގައި އަޅުގަނޑު ގަބޫލުކުރަން. އެހެންކަމުން، އަޅުގަނޑުގެ އިސް އުފަލެއް ކަމުގައި ދެކެނީ، މި ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ދެންމެ ސްޓޭޖްމަތިން ޝަރަފުގެ އެކިއެކި ވަނަތަކާއި، ހިތްވަރު ދިނުމުގެ އެކިއެކި ވަނަތަކާއި، މަތީ ދަރަޖަތަކުން ދިވެހިރާއްޖެއަށް ފަޚްރުވެރިކަމާއި ޝަރަފް ހޯއްދަވައިދެއްވި އެންމެހައި ފަރާތްތަކަށް، ޖުމްލަ ގޮތެއްގައި މަރްޙަބާ ދަންނަވައި، މުބާރަކްބާދީ ދަންނަވައި، ޝުކުރު ދެންނެވުން. އަދި ހަމައެއާއެކީ، ތިޔަ ލޮބުވެތި ރައްޔިތުންގެ އިޚްލާޞްތެރި ޚިދްމަތް، ދިވެހި ދައުލަތް ބިނާކުރުމުގައި، ދިވެހިރާއްޖެ ބިނާކުރުމުގައި ލިބޭނެކަމާ ދޭތެރޭގައި އަޅުގަނޑު އުންމީދުކުރާ ވާހަކަ، ތިޔަ އެންމެހައި ބޭފުޅުންގެ އަރިހުގައި ދަންނަވަން.
 
އާދެ، އަޅުގަނޑު އަވަސްވެގަންނާނަން، މިއަދުގެ ޤައުމީ ޝަރަފުވެރި އިނާމު ގެންދެވި ދެބޭފުޅުންނަށް މަރްޙަބާ ދަންނަވަން. ދިވެހި ދައުލަތުގެ ނަމުގައި، ތިޔަ އެންމެ ބޭފުޅުންގެ ނަމުގައި. އާދެ، ދިވެހި އަދަބިއްޔާތަށް ޚިދްމަތް ކުރެއްވުމުގެ ދާއިރާއިން ޤައުމީ އިނާމު ޙާޞިލު ކުރެއްވި މުޙައްމަދު ޒަކަރިއްޔާއަށް ވަރަށް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވައި ތަޢުރީފް ރައްދުކުރަން. ހަމައެއާއެކީ، ކުޅިވަރުގެ ރޮނގުން ދިގު މުއްދަތެއްގައި ކުޅިވަރަށް ޚިދްމަތް ކުރައްވައި، ހިތްވަރު ދިނުމުގެ އިނާމު ޙާޞިލު ކުރައްވައި އަދި އަދު މި އުފާވެރި ފަޚުރުވެރި ޤައުމީ ޝަރަފުގެ އިނާމު ހޯއްދެވީތީ، ހިޔަލީ މުޙައްމަދު ރަޝީދަށްވެސް ހިފެހެއްޓުމެއްނެތި މުބާރަކްބާދީ އަރިސްކުރަން. ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވަން. އަދި މި މަރްޙަބާގައި، ބޭއިންޞާފަކަށް ނުވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން، ޚާއްޞަ އުފަލެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރަން. ޤުރްއާން ކިޔަވައިދެއްވުމާއި، ޤުރްއާން އުނގަންނައިދެއްވުމުގައި، އަޅުގަނޑުމެންގެ ޢިއްޒަތްތެރި ބޭފުޅަކު ހިތްވަރުގެ އިނާމު ދެންމެ އެ ގެންދެވީ. އާދެ، އަލްޤާރީ އަލްޙާފިޡް ޢަބްދުއްރަޝީދު މުޙައްމަދު. އަލްޤާރީ އަލްޙާފިޡް ޢަބްދުއްރަޝީދު މުޙައްމަދަކީ، ލޯފަން ބޭފުޅެއް. އަޅުގަނޑު ހިތަށްއަރަނީ، ލޯފަން ބޭފުޅުން އަދި ނުކުޅެދުންތެރިކަން ހުރި ބޭފުޅުންނަށް މިއަދު އަލްޤާރީ ޢަބްދުއްރަޝީދު މުޙައްމަދު މި ޙާޞިލު ކުރެއްވި މަތިވެރި ޝަރަފާއި ދަރަޖައިން ހިތްވަރު ލިބި، އެބޭފުޅުންގެ ދާއިރާއިން ދިވެހިރާއްޖެއަށް ޚިދްމަތް ކުރެއްވުމުގެ ދާއިރާ ހުޅުވިފައި އޮތް މިންވަރު، އެބޭފުޅުންގެ ހިތްޕުޅަށް ގެންނެވޭނެއޭ. ދައުލަތުން ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދޭނަން. އަޅުގަނޑު އެދެނީ، މިކަމުން ޢިބްރަތާއި ހިތްވަރު ލިބިވަޑައިގަންނަވައިގެން، ނުކުޅެދުންތެރިކަމާއި ޚާއްޞަ އެހީއަށް އެދިވަޑައިގަންނަވާ ބޭފުޅުން، ނޫނިއްޔާ ޚާއްޞަ އެހީ ލިބެންޖެހޭ ބޭފުޅުންނަށް، މިދެންނެވި ރޮނގުރޮނގުގައި ކުރިއަށް ވަޑައިގަތުމުގެ ހެޔޮ ތައުފީޤު މާތްﷲ މިންވަރު ކުރެއްވުން. އަދި ހަމައެއާއެކީ، ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ޙާޞިލު ކުރައްވައިގެން، އެ ވަޑައިގެންނެވީ ޤުރްއާން ކިޔަވައިދެއްވުމާއި އަދި ޤުރްއާން ހިތުދަސްކުރެއްވި ބޭބޭފުޅުން. މިއީ އަޅުގަނޑުމެންގެ ތެރޭގައި މިހާރު އަށަގަންނަމުން އަންނަ އަދި އަޅުގަނޑުމެންގެ މުޅި މުޖްތަމަޢުގައި ޝައުޤުވެރިކަން އޮންނަ ފަންނެއް. އެހެންކަމުން، މިބޭބޭފުޅުންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވައި ޝުކުރު ދަންނަވަން.
 
ދެން އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، އަޅުގަނޑުމެންނަށް ފާހަގަވެގެން މިދިޔައީ. ރާއްޖެއިން ބޭރުގައި ތަޢުލީމް ޙާޞިލުކުރި ޔުނިވަރސިޓީތަކުން އަދި ރާއްޖޭގެ ޔުނިވަރސިޓީތަކުން މަތިވެރި ދަރަޖައާއި ޝަރަފް ހޯއްދަވައިގެން، ދިވެހިރާއްޖެއަށް ފަޚްރުވެރިކަން ހޯއްދަވައިދެއްވި މުހިންމު ޢިއްޒަތްތެރި ޚިދްމަތްތެރިންތަކެއް. މިބޭފުޅުންނަށް ޖުމްލަ ގޮތެއްގައި މަރްޙަބާ ދަންނަވައި އަޅުގަނޑު ތަކުރާރުކޮށްލާނަން. އަޅުގަނޑު އެދެނީ، ދިވެހިރާއްޖެ ބިނާކުރުމުގައި، ތިޔަ ހުރިހާ ބޭފުޅުންގެ އިޚްލާޞްތެރި ޚިދްމަތް، ދިވެހި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ލިބިގެންދިޔުން.
 
ޖުމްހޫރީ ވެރިކަމެއްގައި، ޤައުމު ބިނާކުރުމުގެ ކޮންމެ މީހެއްގެ ޙިއްޞާއަކީ މުހިންމު ޙިއްޞާއެއް. މިއަދު ކުރަންޖެހޭ ސުވާލަކީ، ޤައުމު ތިމަންނައަށް ކޮށްދޭނީ ކީއްތޯއެއް ނޫން. މިއަދު ކުރަންޖެހޭ ސުވާލަކީ، ތިމަންނައަށް މި ލިބިފައި ހުރި ޢިލްމާއި، ތިމަންނައަށް މި ލިބިފައި ހުރި ކުރިއެރުމަކީ، ޤައުމުން ތިމަންނައަށް ހޯދައިދިން ރައުސްމާލޭ. އެހެންވީމާ، އަދު ޤައުމު ކުރިއަށް ގެންދިޔުމުގައި، ތިމަންނަގެ ޙިއްޞާއަކީ ކޮބައިތޯ؟ ހިތާއި ނަފްސާ، ކޮންމެ ބޭފުޅަކު ސުވާލުކުރައްވަންޖެހޭ.
 
ހަމައެއާއެކީ ދަންނަވާލަން ބޭނުންވަނީ، އިނާމު ޙާޞިލުކުރި ތަޢުލީމް ޙާޞިލުކުރާ ކުދިންގެ ތެރެއިން އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، މަތީ ސާނަވީ އިމްތިޙާނުން މުޅި ދުނިޔެއިން 1 ވަނަ ހޯދައިގެން، އަޅުގަނޑުމެންނަށް ފެނިގެން އެ ދިޔައީ، އެކައުންޓިންގގެ ދާއިރާއިން 1 ވަނަ ދަރަޖަ ހޯދި ދިވެހި ޠާލިބުން. މި ދަރިވަރުންނަކީ، ދިވެހިރާއްޖެއަށް ވަރަށް ފަޚްރުވެރި ވަނަތަކެއް ހޯދައިދިން ކުދިންތަކެއް. އެކުދިންނަށް މަރްޙަބާ މި ދަންނަވަނީ، އެ ކުދިން އެ ދެއްކި މިސާލުން އެހެން ދިވެހި ހުރިހާ ކުދިންވެސް މިސާލު ހޯދައިގެން، ދިވެހިރާއްޖެއަށް ޝަރަފް ހޯދައިދޭން ތިޔަކުދިންގެ އަމިއްލަ ކުރިއެރުން ކުރިއަށް ގެންދިޔުމަށްޓަކައި ކުރާ މަސައްކަތް ދައްކައިދިނުން. މައިންބަފައިންގެ ހިނިތުންވުން ތިޔަކުދިންނާއެކީ ވާނެ މަޤާމު، ތިޔަކުދިން ހޯދައިދިނުން. އާދެ، ތިޔަ ހުރިހާ ކުދިންނަށް އަޅުގަނޑު މަރްޙަބާ މި ދަންނަވަނީ، ދިވެހި ސަރުކާރުގެ ނަމުގައި. 
 
އާދެ، މި ޠާލިބުންގެ މަސައްކަތަކީ، ޝައްކެއްވެސްނެތްގޮތުގައި، ދިވެހިރާއްޖެއަށް ޝަރަފް ހޯދައިދޭ ކަންތައްތަކެއް. އަދި މިކަހަލަ އެތައް ޠާލިބުންނެއް ދިވެހިރާއްޖޭގައި ތިބިކަމާ ދޭތެރޭގައި އަޅުގަނޑުމެން ޝައްކެއްނުކުރަން. މަދްރަސީ ކޮންމެ އަހަރެއް ނިމިގެންދާއިރު، މިކަހަލަ އެތައް ޠާލިބުންތަކެއް އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ. އެހެންވީމާ، މަދްރަސާ ކުދިންނަށް މިއަދުވެސް އަޅުގަނޑުދޭ ނަޞޭޙަތަކީ، މިގޮތަށް މަތީ ވަނަތައް ޙާޞިލުކުރާ ކުދިންގެ ފަހަތުން ތިޔަކުދިން މަސައްކަތް ކުރެވޭތޯ ބަލާށޭ. އިރާދަކުރެއްވިއްޔާ، ކޮންމެ ކުއްޖަކަށްވެސް ކާމިޔާބަކީ އަތްފޯރާފަށުގައި އޮތް އެއްޗެއް ކަމުގައި ތިޔަކުދިންގެ ޚިޔާލަށް ގެންނާށޭ.
 
ހަމައެއާއެކީ، ހިތްވަރު ދިނުމުގެ އިނާމުގައި، އަޅުގަނޑުމެންނަށް ފާހަގަވެގެން މިދިޔައީ ގައިޑަރެއް. އާދެ، ޕްރެޒިޑެންޓްސް ގައިޑް ބެޖް ހޯދި ކުއްޖެއް. އާދެ، މި ދަރިވަރަށްވެސް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ މި ދަންނަވަނީ، މި ދާއިރާގައި އިތުރު ގައިޑަރުން އަޅުގަނޑުމެންނަށް ފެނިގެންދާނެ ކަމުގެ އުންމީދުގައި.
 
އާދެ، ޝައްކެއްވެސްނެތްގޮތުގައި، މިއިން ކޮންމެ ކުއްޖަކީ އަދި މި އިނާމު ހޯއްދެވި ކޮންމެ ބޭފުޅަކީ، އެބޭފުޅެއްގެ މަސައްކަތްޕުޅުގައި މިހާރުވެސް ޝާމިލުކަމާއެކީ ކުރިއަށް ވަޑައިގަންނަވާ ބޭފުޅެއް. އަދި ހަމައެހެންމެ، މިބޭފުޅުން ކުރައްވާ ކޮންމެ މަސައްކަތަކީ، ދިވެހި ދައުލަތަށް އެއިން އެތަކެއް ފައިދާތަކެއް ލިބެމުންދާ މަސައްކަތްތަކެއް، ދާއިރާތަކެއް. އެހެންވީމާ، މިއިން ކޮންމެ ބޭފުޅެއްގެ ކުރިއެރުމަކީ، ޖުމްލަ ގޮތެއްގައި ދިވެހިރާއްޖޭގެ ކުރިއެރުމަށް، ދިވެހި ދައުލަތުގެ ކުރިއެރުމަށް، އޭގައި ޙިއްޞާތަކެއްވާ ކަންކަން.
 
ދައުލަތަކީ ވަކިވަކި ފަރުދުންގެ މައްޗަށް ހިމެނޭ، ވަކިވަކި މުއައްސަސާތަކުގެ މައްޗަށް ހިމެނޭ، އެކިއެކި ކުންފުނިތަކުގެ މައްޗަށް ޝާމިލުވެގެންދާ މުއައްސަސާއެއް. އެހެންވީމާ، ދައުލަތަށް އަންނަ ކޮންމެ ކުރިއެރުމަކީ، ކޮންމެ ދިވެހި ރައްޔިތެއްގެ ފަރާތުން އެއަށް ޙިއްޞާކޮށްދެވޭނެ، އަދި ކޮންމެ ކުންފުންޏެއްގެ ފަރާތުން އިޤްތިޞާދަށް ޙިއްޞާކޮށްދެވޭނެ ކުންފުންޏަކަށް ވެގެންދާނެ. އެހެންވީމާ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވާއިރު، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ކޮންމެ ބޭފުޅަކުވެސް، އެބޭފުޅެއްގެ ދާއިރާއިން، އެބޭފުޅެއްގެ ރޮނގުން އެއީ ސިފައިންގެ މީހެއް ކަމުގައިވީނަމަވެސް، ފުލުސް އޮފިސަރެއް ކަމުގައިވީ ނަމަވެސް އަދި ޕްރެކްޓިސް ކުރަމުންދާ ޤާނޫނީ ވަކީލެއް ކަމުގައިވީނަމަވެސް، އިޤްތިޞާދީ އުފެއްދުންތެރިކަމުގެ ތެރޭގައި ޝާމިލުވާ މީހެއް ކަމުގައިވީނަމަވެސް، އެމީހެއްގެ އުފެއްދުންތެރިކަން، ނޫނީ އެމީހެއްގެ ކުޅަދާނަކަން ދެއްކުމަކީ، ޤައުމަށް އޭގެ ފައިދާ ލިބިގެންދާނެ ކަންކަމޭ. މި ދާއިރާގައި ޝާމިލުކަމާއެކީ، ކެރިވަޑައިގަންނަވައިގެން ކުރިއަށް ވަޑައިގަންނަވާށޭ.
 
އާދެ، ޖުމްހޫރީ ދުވަހެއްގައި، ވަކިވަކި ފަރުދުން ކުރައްވާ މަސައްކަތާއެކީ، ޖުމްހޫރީ ދުވަހެއްގައި ސަރުކާރެއް ރައްޔިތުން އިންތިޚާބުކޮށްފައި އޮންނަ ބޭނުންތަކާ ދޭތެރޭގައިވެސް އަޅުގަނޑު ބަލައިލާނަން. އަޅުގަނޑުމެންގެ ޖުމްހޫރީ ވެރިކަމެއްގައި، މިހާރު މި ހިނގާ ރިޔާސަތަށް އެއް އަހަރު ފުރެން ދާދި ކައިރިވެއްޖެ. ޝައްކެއްވެސްނެތްގޮތުގައި، މި ސަރުކާރު ދިވެހި ރައްޔިތުން ވެރިކަމަށް ގެނައީ، އުންމީދުތަކެއް އޮވެގެން. ދެކޭ ހުވަފެންތަކެއް ހުންނާނެ. އަދި އެ ހުވަފެންތައް، ނޫނީ އެ އުންމީދުތައް ޙާޞިލުވަމުންދަނީ ކިހާވަރަކަށްތޯ، ކޮންމެ ދުވަހަކު އެއްފަހަރު، ޚާއްޞަކޮށް މިކަހަލަ މުހިންމު ދުވަސް ދުވަހު، އަމިއްލަ އަމިއްލައަށް ސުވާލުކުރާނެ. ސައިމޭޒުތަކުގައި ސުވާލު އުފައްދާނެ. އެކިއެކި ކޮފީ ޓޭބަލްތަކުގައި ޒުވާނުން މި ސުވާލު އުފައްދާނެ. އެއްވެސް ގޮތެއްގައި ސަރުކާރުގެ އަހަރު ރިޕޯޓް އިއްވުމަކީ، އަޅުގަނޑު ކުރަން ބޭނުންވާ ކަމެއް ނޫން. އެހެންނަމަވެސް، ޖުމްހޫރީ ދުވަހެއްގައި، ތިޔަބޭފުޅުންގެ އުފަލުގައި ބައިވެރިވުމުގެ ގޮތުންނާއި އަދި ތިޔަބޭފުޅުންގެ ޚިދްމަތުގައި ޝާމިލުވުމުގެ ގޮތުން، އަޅުގަނޑުމެންގެ ސަރުކާރުން މިހާތަނަށް ކުރެވިފައި ހުރި ބައެއް މަސައްކަތްތައް، ކުރުގޮތަކަށް ޖުމްހޫރީ ދުވަހު ދަންނަވާލާނަން. މިހެން މި ދަންނަވަންޖެހޭ ސަބަބަކީ، އަޅުގަނޑުގެ ވާހަކަ ފަށަމުން ދެންނެވި ގޮތަށް، ކޮންމެ ފަރުދެއްގެ މަސައްކަތަކީ، ކޮންމެ މުއައްސަސާއެއްގެ މަސައްކަތަކީ، ކޮންމެ ކުންފުންޏެއްގެ މަސައްކަތަކީ އަދި މުޅި ދައުލަތުގެ މަސައްކަތަކީ، ދިވެހިރާއްޖެ ކުރިއަށް ގެންދިޔުމަށް އެޅޭ ފިޔަވަޅަކަށް ވެގެންދާނެތީ.
 
ޖުމްހޫރީ ދުވަހެއްގައި، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންވީ، ޤައުމު ބިނާކުރާނީ ކިހިނެއްތޯ؟ ޤައުމު ބިނާކުރުމުގައި، ޤައުމުގެ އުފެއްދުންތެރިކަން އިތުރުކުރާނެ ދާއިރާތަކަކާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނާނެ. އެއީ، ހަމައެކަނި މާއްދީ ދާއިރާތަކެއް ނޫން. އެއީ، އަޅުގަނޑުމެންގެ ރޫޙާނީ ބައި އިތުރުކުރުމަށްވެސް ކުރެވޭ މަސައްކަތް. އެހެންވީމާ، މިގޮތަށް ސުވާލު އުފައްދާއިރު، އަޅުގަނޑުމެންނަށް ވޯޓް ދެއްވި އަދި އަޅުގަނޑުމެންނާއެކީ ދިވެހި ސަރުކާރުގައި، ނޫނިއްޔާ ދިވެހިރާއްޖޭގައި ޙިއްޞާ ކުރައްވާ ހަމަ ކޮންމެ ފަރުދަކު މިއަދު ސުވާލު ކުރައްވާނީ، ތިމަންނަމެން މި ސަރުކާރު އިންތިޚާބުކުރި ބޭނުން ތިމަންނަމެންނަށް ފުދިގެން އެބަދޭތޯ؟ ޝައްކެއްވެސްނެތްގޮތުގައި، 5 އަހަރަކަށް ސަރުކާރު އިންތިޚާބު ކުރައްވަނީ. އެހެންނަމަވެސް، ގަޑި ހިނގާގޮތުން، އަޅުގަނޑުމެންގެ ކޮންމެ މަސައްކަތަކީ، ހަފްތާއަކު އެއްފަހަރު، މަހަކު އެއްފަހަރު، އަހަރަކު އެއްފަހަރު މަދުވެގެން ތިޔަބޭފުޅުން އޭގެ މީޒާނާ ދޭތެރޭގައި ވިސްނަވާނެ ކަންކަން.
 
ދިވެހި ސަރުކާރާ ދޭތެރޭގައި، ދިވެހި ރައްޔިތުން ކުރައްވާ އުންމީދާއި، އަދި  މި ސަރުކާރު އައުމަށް، އަޅުގަނޑުމެންގެ ފަރާތުން ދިވެހި ރައްޔިތުންނަށް އަޅުގަނޑުމެން ކޮށްދޭން ބޭނުންވަނީ ކޮން ކަންތައްތަކެއްތޯ އަޅުގަނޑުމެންވާނީ ރިޔާސީ އިންތިޚާބުގެ ކުރިން، ރައްޔިތުންގެ އަރިހުގައި ދަންނަވަމުން ގެންގޮސްފައި. މިއަދު އަޅުގަނޑު ކުރުގޮތަކަށް ބަލައިލާނަން، މިކަންކަމުގެ ތެރޭގައި ކިހާވަރަކަށް އަޅުގަނޑުމެންނަށް މަސައްކަތް ކުރެވުނުތޯ. މިހެން ދެންނެވުމުގެ ބޭނުމަކަށްވަނީ، އަޅުގަނޑުމެންނާ ދޭތެރޭގައި، އިންޞާފުގެ ނަޒަރުން ވިސްނަވާއިރުވެސް ކްރިޓިކުން ތިބޭނެކަމާ ދޭތެރޭގައި އަޅުގަނޑުގެ ޚިޔާލުގައި އެއްވެސްކަހަލަ ވަސްވާހެއް، ނޫނީ ވަހުމެއްނެތި.
 
އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ދިވެހި ސަރުކާރުން ކުރެވޭ މަސައްކަތުގައި، އެންމެބޮޑު އަމާޒެއް ދެވިފައި މިއޮތީ، ދިވެހިރާއްޖޭގެ އިޤްތިޞާދު އޮތް ހިސާބުން، ރަނގަޅު ހިސާބަކަށް ގެނެވޭތޯއޭ. ހުރިހާ ދާއިރާއަކީވެސް މުހިންމު ދާއިރާތައް. އެހެން ނަމަވެސް، ﷲގެ ރަޙްމަތާއެކީ، ދިވެހިރާއްޖޭގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް މިހާރުވަނީ އައިސްފައި. ހެޔޮބަދަލުތައް މި އަންނަނީ، އޭގެ ޒާތުގައި ބަދަލުތަކެއް އަންނާތީކީ ނޫން. ހެޔޮބަދަލުތައް މި އަންނަނީ، ސަރުކާރުގެ ޕޮލިސީ ޑިރެކްޝަނުން ކަންތައްތަކެއް ޙާޞިލުކުރަން ބޭނުންވެގެން، އަމާޒުތަކެއް ހިފަން ބޭނުންވެގެން އެޅޭ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން. އިޤްތިޞާދު ރަނގަޅު ކުރުމުގެ ގޮތުން އެޅުނު ފިޔަވަޅުތަކުގެ ނަތީޖާތައް އަޅުގަނޑުމެންނަށް އެބަ ފެންނަމުންދޭ. ހަމަގައިމުވެސް ރާއްޖޭގައި ހުރި ބޭންކުތަކުގެ ވަށައިގެންނެއް ކިޔުތައް ހެދި، ޑޮލަރު ހޯދަން މީހުން ތިބޭ ތަނެއް އަޅުގަނޑުމެންނަށް އަދަކު ނުފެނޭ. ޝައްކެއްވެސްނެތްގޮތުގައި މިއީ، ދިވެހިރާއްޖޭގެ އިޤްތިޞާދަށް އައި ކުރިއެރުމެއް. ހަމައެއާއެކީ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ދިވެހިރާއްޖޭގެ އިޤްތިޞާދު ރަނގަޅު ކުރުމަށް ކުރާ މަސައްކަތުގެ ނަތީޖާއަކަށް ވެގެންދާނީ، އަޅުގަނޑުމެންގެ މެނިފެސްޓޯގައި، ނޫނީ ދިވެހި ރައްޔިތުންގެ އަރިހުގައި އަޅުގަނޑުމެން ދަންނަވަމުން މިގެންދާ ފަދައިން އަދި ކުރީގައިވެސް ދެންނެވި ފަދައިން، ދިވެހިރާއްޖޭގެ ޒުވާނުންނަށް ވަޒީފާގެ ފުރްޞަތު ތަނަވަސްކޮށްދެމުން ގެންދިޔުމޭ.
މިއަދު އަޅުގަނޑުމެންނަށް ސްޓޭޖްމަތިން ފެނިގެން މިދިޔައީ، މީގެ ކުރީގައި ޤައުމީ އިނާމުގެ ޖަލްސާތަކުގައި، އަޅުގަނޑުމެންނަށް ނުފެންނަވަރުގެ ޅަޢުމުރު ފުރައިގެ ގިނަ ބޭފުޅުންތަކެއް، އިނާމު ޙާޞިލު ކުރައްވައިގެން ވަޑައިގެންނެވިތަން. ޝައްކެއްވެސްނެތްގޮތުގައި، މިއީ ދިވެހިރާއްޖެ އެދޭގޮތް. ޒުވާނުންގެ ހަކަތައިން ދައުލަތެއް ކުރިއަށްދާނީ. ޒުވާނުންގެ ހަކަތައަކީ، ދައުލަތެއް ބިނާކުރުމުގައި އެންމެ މުހިންމު ކަންތައް. އެހެންވީމާ، މިކަހަލަ ޤައުމީ އިނާމުތަކާއި، ހިތްވަރުގެ އިނާމާއި އަދި މަތީ ވަނަތައް ޙާޞިލު ކުރައްވާއިރު، ޒުވާނުންގެ ދައުރު އިތުރުވެގެން ދިޔުމަކީ އަދި އަންހެން ބޭފުޅުންގެ ދައުރު އިތުރުވެގެންދިޔުމަކީ، އަޅުގަނޑުމެންގެ މެނިފެސްޓޯގައި އަދި އަޅުގަނޑުމެންގެ ވަޢުދުގައި އެންމެ ސަމާލުކަންދޭން އަޅުގަނޑުމެން ކަނޑައެޅި ދެ ދާއިރާ، ޒުވާނުންނާއި އަންހެނުން. އެހެންވީމާ، ޖުމްހޫރީ ދުވަސް ފާހަގަކުރެވެމުންދާއިރު، އަދި އަޅުގަނޑުގެ ސަރުކާރަށް އެއް އަހަރު ވެގެންދާއިރު، އަޅުގަނޑުމެން އޭރު އަމާޒުކުރި ކަންތައްތަކުގެ ތެރެއިން ކޮންމެވެސް މިންވަރެއް ޙާޞިލުވާތީ، އަޅުގަނޑު އެކަމާ އުފާކުރާ ވާހަކަ ދަންނަވަން. އަދި އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ އަޅުގަނޑުގެ އަޚުން، ކެބިނެޓްގައި ތިއްބެވި އަޅުގަނޑުގެ ކޮލީގުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ، އެބޭފުޅުންގެ މަސައްކަތްޕުޅު ފާހަގަކޮށް، ތިޔަ އެންމެހައި ބޭފުޅުންނަށް ޝުކުރު ދަންނަވަން.
 
އާދެ، ޞިއްޙީ ދާއިރާގައި، ނޫނިއްޔާ އަޅާލުންތެރިކަން ކުޑަވަމުން މިދާ ބައެއް ކަންތައްތަކުގައި، ދިވެހިރާއްޖޭގައި މިހާރުގެ ސަރުކާރުން ކަންތައްތައްކުރާ ގޮތާއި އަދި އެކަންކަމުން ޙާޞިލުވާ މިންވަރު، ކުރުގޮތަކަށް ދަންނަވާލެވޭތޯ ބަލާނަން. އަޅުގަނޑުމެންނަށް އަބަދުވެސް އެންމެ ދަތިވަނީ، އަޅުގަނޑުމެންގެ ފުދުންތެރިކަން ކުޑަކަމާއެކީ، ބޮޑު ބައްޔެއްގައި ގިނަ ދުވަސްތަކެއްގައި ހޭދަކުރަން ޖެހިއްޖެ ކަމަށްވަންޏާ، އެމީހެއްގެ ފަރާތުން، އެމީހެއްގެ ޢާއިލާގެ ފަރާތުން، އެ ބޭހަކަށް، އެ ބައްޔަކަށް ކުރަންޖެހޭ ހޭދައިގެ ބޮޑުކަމުން. މިއީ، ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެންގެ ތެރޭގައި ނިކަމެތިން ތިބިކަން އަޅުގަނޑުމެން ގަބޫލުކުރާއިރު، މިއީ ކޮންމެހެންވެސް މިކަމަށް ޙައްލެއް އަންނަންޖެހޭ ކަމެއް. ކޮންމެ ސަރުކާރެއް ޚިދްމަތް ކުރަމުން ދިޔަޔަސް، މިކަންކަމަކީ ދިވެހި ރައްޔިތުންގެ ޙައްޤުގައި، ދިވެހި ސަރުކާރުން ކޮށްދެވެން އޮތް މިންވަރަކަށް ތަނަވަސްކޮށްދޭންޖެހޭ ފުރްޞަތުތަކެއް.
 
އަޅުގަނޑުމެންގެ ސަރުކާރުގެ ކުރީކޮޅުގައި، އަޅުގަނޑުމެން ތަޢާރުފްކުރީ، ހުސްނުވާ އާސަންދަ. މި ނިޒާމުގެ ދަށުން، ތިޔަބޭފުޅުންނަށް ގަބޫލު ކުރެއްވޭނެ، ދިގު މުއްދަތަށް ބޮޑެތި ބަލިތަކުގައި އުޅޭ އަދި އަމުދުން ފަރުވާ ހޯދުމަށް މީގެކުރިން ހަމަ މުޅިން ނާޤާބިލުވެފައި ހުރި އެތައް ދާއިރާއެއްގައި އެތަކެއް ބަޔަކަށް އަދު މިދަނީ ފަރުވާ ދެވެމުން. ކިޑްނީ ޓްރާންސްޕްލާންޓް ކުރަމުން މިދަނީ. އަދި އެހެންވެސް އޯގަންތައް ބަދަލުކުރެވެމުން މިދަނީ. ދިގު މުއްދަތަށް ވޭންއަޅާ އަދި މުޅި ޢާއިލާއަށް އެއިން އުނދަގޫ އުފުލަންޖެހޭ އެކިއެކި ދިގު މުއްދަތުގެ ބަލިތަކުގެ ބޭހަށް ސަރުކާރުން މިހާރު މިދަނީ އާސަންދައިގެ ނިޒާމުގެ ތެރެއިން ފަރުވާ ދެވެމުން. އަދި ހަމައެއާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ޞިއްޙީ ދާއިރާގައި އެންމެ މުހިންމު އެއްކަމަކަށް މިއޮތީ، ޝައްކެއްވެސްނެތްގޮތުގައި، ރާއްޖޭގެ އެކި ހިސާބުގައި ޑޮކްޓަރުން އިތުރުވެގެން ދިޔުން. ޑޮކްޓަރުން އިތުރުވެގެން، ހޮސްޕިޓަލްތަކާއި، ޞިއްޙީ ޚިދްމަތުގެ ފެސިލިޓީތައް އިތުރުވާ ކަމަށްވަންޏާ، ޝައްކެއްވެސްނެތްގޮތުގައި އަޅުގަނޑުމެން ކޮންމެ މީހެއްގެ ޖީބުން ކުރަންޖެހޭ ޚަރަދު އިތުރުވެގެންދާނެ. ބޭސްސިޓީ ގިނަވަމުންދާނެ. ބޭސް ސިޓީގައި ލިޔެވޭ ބޭސްތައް އިތުރުވަމުންދާނެ. އެހެން ނަމަވެސް، ހިތާމަޔާއެކީ އަޅުގަނޑުމެން ފާހަގަކުރަންޖެހެނީ، މިހާތަނަށް އަތޮޅުތެރޭގެ އެކި ހިސާބުގައި، ވަރަށް އާބާދީ ބޮޑެތި ރަށްރަށުގައި ނޫނިއްޔާ، ސަރުކާރުގެ ބޭސްފިހާރައެއް ނުހުރޭ. އަމިއްލަ މީހުންގެ ބޭސްފިހާރަތައް މި ހުންނަނީ. އެހެންވީމާ، ސަރުކާރުގެ ޕޮލިސީއަކަށްވީ، ނޫނީ ސަރުކާރުގެ ޑިރެކްޝަނަކަށްވީ، ރާއްޖެތެރޭގައި، އަތޮޅުތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ސަރުކާރުގެ ބޭސްފިހާރައެއް ޤާއިމުކުރުން. އެގޮތުގެ މަތިން، އަޅުގަނޑުމެންގެ ސަރުކާރު ވެރިކަމަށް އައިއިރު، މުޅި ރާއްޖޭގެ އެކި ހިސާބުގައި، މާލެ ނަގާފައި މިވަނީ އަތޮޅުތެރޭގައި އެންމެ 9 ފާމަސީ. މިއަދު އަޅުގަނޑު ވާހަކަ ދައްކަން ތިޔަބޭފުޅުންގެ އަރިހުގައި ހުއްޓިއިރު، ސަރުކާރުގެ 71 ބޭސްފިހާރަ، ރާއްޖޭގެ އެކި ހިސާބުގައި އެބަވޭ. އަޅުގަނޑުމެންގެ އަމާޒަކީ، އިރާދަކުރެއްވިއްޔާ، ﷲގެ ރަޙްމަތާއެކީ، މިއަންނަ އަހަރު މިދުވަހު އަޅުގަނޑަށް ފުރްޞަތު ލިބިއްޖެ ކަމަށްވަންޏާ، ތިޔަބޭފުޅުންގެ އަރިހު އުފާވެރި ޚަބަރެއް ދަންނަވާއިރު، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސަރުކާރުގެ ބޭސްފިހާރަތައް ހުރުމާއި، ހަމައެއާއެކީ ނިކަމެތި ރައްޔިތުންނަށް އަގުހެޔޮކޮށް ބޭސް ލިބޭނޭ ފުރްޞަތުތައް ތަނަވަސްވެގެންދިޔަ ކަމުގެ އުފާވެރި ޚަބަރު، ތިޔަބޭފުޅުންނަށް އަޅުގަނޑު ދަންނަވާނަން.
 
ޞިއްޙީ ދާއިރާގައި، ޝައްކެއްވެސްނެތް، ރާއްޖޭގެ ހުރިހާ ދިމާއެއްގައި އެއްފެންވަރުގެ ހޮސްޕިޓަލްތަކެއް، ނޫނީ ޞިއްޙީ ވަސީލަތްތަކެއް އަޅުގަނޑުމެންނަކަށް ޤާއިމެއް ނުކުރެވޭނެ. އެއީ، ދުނިޔޭގެ އެއްވެސް ތަނެއްގައި އެކަން ކުރެވޭނެ ގޮތެއްވެސް ނޫން. އަޅުގަނޑުމެންނަށް މިކަން އިތުރު ތަކުލީފަކަށް ވެގެން މިދަނީ އަޅުގަނޑުމެންގެ ރާއްޖެ ބޮޑުކަމާއި، އާދެ، ކަނޑުގެ ބޮޑު ސަރަޙައްދެއްގައި އަޅުގަނޑުމެން މިއުޅޭ ޖަޒީރާތައް ގިނަވެގެންދިޔުމާއެކީ، ދަތުރުފަތުރުގެ ނިޒާމުގެ ދަތިކަމުން އަޅުގަނޑުމެންނަށް މިކަން ކުރުން އަމުދުން ދަތިވެގެން މިދަނީ. އެހެންވީމާ، ޞިއްޙީ ދާއިރާގެ ޚިދްމަތްދޭ ފެސިލިޓީތަކަށް އަޅުގަނޑުމެންނަށް ޑޮކްޓަރުން ގެނެވެންދެންވެސް އަޅުގަނޑުމެން ޚިޔާރުކުރީ ބަލިމީހާ ބަލިވެއުޅޭއިރު، ކޮންމެވެސް ކަހަލަ ޝިފާއަކާ ހަމަޔަށް ގެންދެވޭނެ ވަސީލަތްތަކެއް ތަނަވަސްކުރަންޖެހެޔޭ. ސަރުކާރުގެ ވިސްނުމަށް އައީ، ސަރުކާރުގެ ޚިޔާލަށް އައީ، އެންމެ ފަސޭހަކަމާއެކީ މިކަން ކުރެވޭނީ، ބަލިމީހާ ހުރިތަނަކަށް ޑޮކްޓަރު ގެންދިޔުން، ނޫނީ ޑޮކްޓަރު ހުރި ހިސާބަކަށް ބަލިމީހާ އުފުލުމުގެ އިންތިޒާމް ހަމަޖެއްސޭނެ ގޮތްތަކެއް. އެގޮތުން، ސީ އެމްބިއުލެންސް އަޅުގަނޑުމެން ތަޢާރުފްކުރީ. ބޭސިކް ޞިއްޙީ ފަރުވާ ދެވޭނެ އިންތިޒާމާއެކީ ސީ އެމްބިއުލެންސްގައި ބަލިމީހުން އެކި ހިސާބަށް އުފުލަމުން މިހާރު މިދަނީ.
 
އާދެ، މި ނިޒާމު ތަޢާރުފްވުމާއެކީ، 45 މިނިޓްއިރުގެ ތެރޭގައި، ޞިއްޙީ ފަރުވާ، އެންމެ ރަނގަޅު ފަރުވާ ދެވޭ ހިސާބަކަށް، ކޮންމެ ބަލިމީހަކު އުފުލޭނެ ނިޒާމެއް ޤާއިމުކުރެވޭތޯ އަޅުގަނޑުމެން މި މަސައްކަތްކުރީ. މިއަދު ތިޔަބޭފުޅުންގެ އަރިހުގައި އަޅުގަނޑު ވާހަކަ ދައްކަން ހުއްޓި ހުންނައިރު، އަޅުގަނޑު ދަންނަވާލާނީ، މިއަދު މިހާ ހިސާބަށް އަތޮޅުތެރޭގެ 6 އަތޮޅަކަށް ސީ އެމްބިއުލެންސްގެ ޚިދްމަތް ދެމުން އެބަދެޔޭ. އަދި އިރާދަކުރެއްވިއްޔާ، މިއަންނަ އަހަރުގެ މެދެއްހާ ހިސާބަށްދާއިރު، ރާއްޖޭގެ ހުރިހާ ހިސާބެއްގައި، މިދެންނެވި ގޮތަށް 45 މިނިޓްގެ ރޭޑިއަސްގެ ތެރޭގައި ޞިއްޙީ ފަރުވާ ދެވޭނެ ނިޒާމް، މި ސީ އެމްބިއުލެންސްގެ ތެރެއިން އަޅުގަނޑުމެން ހަމަޖައްސާނަން.
 
މާލެ ނަގާފައި، އާބާދީ އެންމެ ބޮޑު ތަނަކަށް މިއޮތީ ހުޅުމާލެ. ހުޅުމާލޭގައިވެސް މިއަދު ތިރީސް ފަސްހާސް، ނޫނީ ސާޅީހަކަށްހާސް މީހުން ވަޒަންވެރިވެ، ދިރިއުޅެމުން އެބަދޭ. އަޅުގަނޑުމެންނަށް ކުރެވުނު މަސައްކަތުގެ ތެރޭގައި، މިއަހަރު މިއޮތީ ސޮއިކުރެވިފައި، ހުޅުމާލޭގައި 50 އެނދުގެ މަލްޓި-ސްޕެޝަލިޓީ ހޮސްޕިޓަލެއް އަޅަން. އިރާދަކުރެއްވިއްޔާ، މިކަން އެކަށީގެންވާ ބާރުމިނެއްގައި ދާކަމަށްވަންޏާ، ތިން އަހަރު ހުސްވާއިރު، އާދެ، މި ޒަޢާމަތުގެ ތެރޭގައި، ހުޅުމާލޭގައި މަލްޓި-ސްޕެޝަލިޓީ 50 އެނދުގެ ހޮސްޕިޓަލެއް އެޅިގެންދާނެ.
 
އަޅުގަނޑުމެން ޒަމާނުއްސުރެ އަހަމުންދާ ވާހަކައަކީ، އަޅުގަނޑުމެންގެ އެންމެ ތުއްތުކުދިން، އެއީ މިއަދަކު ނޫން، މީގެ 30 އަހަރު، ނޫނީ 40 އަހަރު ކުރިން ފުޅިބައްތީގައި، ފާނޫޒުގެ އަލީގައި ކިޔަވަމުންދާ ވާހަކަ. ޚުދު އަޅުގަނޑުމެން މާލޭގައިވެސް މިކަން ހުރީ ދާދި މިކަހަލަ ގޮތަކަށް. މިއަދުގެ ޒުވާނުން، ނޫނިއްޔާ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ހިސާބުގައި ތިއްބެވި ބޭފުޅުންނަށް ހަނދުމަފުޅަށް ގެންނެވޭނެ. އަޅުގަނޑުމެން ކިޔެވީކީވެސް އެންމެ އަލިގަދަ ބޮކީގެ އައްޔަކު ނޫން. އެކަމަކު ﷲގެ ރަޙްމަތާއެކީ، މިކުރެވުނު މަސައްކަތުގެ ތެރޭގައި، މިއަހަރު އަޅުގަނޑުމެންގެ މި ރިޔާސީ ފުރަތަމަ އަހަރު ފުރިހަމަވެގެންދާއިރު، ރާއްޖޭގެ ހުރިހާ ހިސާބަކަށް 24 ގަޑިއިރުގެ ކަރަންޓް މިހާރު އެވަނީ ދިވެހި ސަރުކާރުން ކަށަވަރުކޮށްދީފައި. ހުރިހާ ހިސާބަކަށް އިންޖީނުތައް ގެނެވި، ހުރިހާ ހިސާބެއްގައި އިންޖީނުތައް އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު އެދަނީ ހިނގަމުން. އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، ގާތްގަނޑަކަށް 90 ޕަސެންޓް އިންޖީނު މިހާރު އެހެރީ އަތޮޅުތެރޭގެ އެކި ހިސާބަށް ފޯރުކޮށްދެވިފައި. މިހާރު އެދަނީ އިންސްޓަލޭޝަންގެ މަސައްކަތް. 
 
އާދެ، ދިވެހިރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތައް ގެނައުމަށްޓަކައި  މި ސަރުކާރުން ވަރަށްގިނަ މަސައްކަތްތަކެއް ކުރޭ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަރަށްގިނަ މަސައްކަތްތަކެއް ކޮށްދެއްވާ. ސަރުކާރަށް މިކަމުގައި އެއްބާރުލުން ދެއްވާ. މިކަންކަން ފުރިހަމަވެގެން ދިޔައީމަ، މިއީކީ ސަރުކާރަކަށް ފުރިހަމަވެގެންދާ، މަންފާތަކެއް ލިބިގެންދާ ކަމެއް އެކަންޏެއް ނޫން. ރައްޔިތުންގެ މަންދޫބުންނަކީ، ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ ވިސްނުމާއި، ރައްޔިތުން ކުރިއަށްދާން ބޭނުންވާ މިންވަރުގެ ޢަޒުމު ދައްކަވައިދެއްވަން ތިއްބެވި ބޭފުޅުން. އެހެންވީމާ، މުޅި ރައްޔިތުންނަށް ޢާންމު ގޮތެއްގައި، އެއިން މަންފާ ކުރާނެ ކަންތައްތަކެއް އަންނަ ކަމަށްވަންޏާ، އެއީ ޖުމްހޫރީ ނިޒާމެއްގެ ފުރިހަމަ މަންފާ، ރައްޔިތުންނަށް ލިބިގެންދަނީ. އެހެންވީމާ، މުޅި ރާއްޖެއަށް، މުޅި ރައްޔިތުންނަށް އެއިން ފައިދާތަކެއް ކުރާނެ ހަމަ ކޮންމެ ބިލަކީ، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އެކަމާ ދޭތެރޭގައި ވިސްނާވަޑައިގެންފައި، ގެންނަވަންޖެހޭ އިޞްލާޙަކާއެކީ ނަމަވެސް، އެ މަފްހޫމަށް ތާއީދު ކުރައްވައި، އެކަމެއް ސަރުކާރަށް ފަހިކޮށްދެއްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް.
 
މިގޮތުން އަޅުގަނޑުމެންނަށް މިދިޔަ ދައުރުގެ ތެރޭގައި ފެނިގެން މިދިޔައީ، ދިވެހިރާއްޖެއަށް މިދެންނެވި ކަހަލަ ބޮޑެތި އިޤްތިޞާދީ މަޝްރޫޢުތަކެއް ގެނައުމަށްޓަކައި އެންމެ ފުރަތަމަ އަސާސަކަށް މިވަނީ، މިކަމަށް ބޭނުންވާ ޤާނޫނީ ގިއުގަނޑު އެކުލަވައިލުން. މިކަމަށް ބޭނުންވާ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާބެހޭ ނޫނީ އެސް.އީ.ޒީ ބިލް މިހާރުވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދެއްވާފައި. އަޅުގަނޑުމެންގެ ރާއްޖޭގެ ދޮރޯށިތައް، ބޭރުގެ ބޮޑެތި އިންވެސްޓްމަންޓްތަކަށް މަރްޙަބާ ކިޔުމުގެ ގޮތުން މިހާރު މިވަނީ ހުޅުވައިލެވިފައި. އިރާދަކުރެއްވިއްޔާ، ﷲގެ ރަޙްމަތާއެކީ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، މާތްﷲގެ ބަރަކާތް އިތުރުވެގެންދާނެ. 
 
އާދެ! ދިވެހިރާއްޖޭގެ އަދުގެ އިޤްތިޞާދުގެ މައި ބަދައެއްގެ ގޮތުގައި އަޅުގަނޑުމެން ފާހަގަކުރަނީ، ޓުއަރިޒަމްގެ ޞިނާޢަތު. ޓުއަރިޒަމްގެ ޞިނާޢަތަކީ، މިހާރުވެސް ދިވެހިރާއްޖޭގެ ގިނަ ބަޔަކަށް އޭގެ ފައިދާ ލިބެމުންދާ ކަމެއް. އޭގެތެރޭގައި، ވަރަށް ބޮޑެތި ވިޔަފާރިވެރިންނާއި، މެދުފަންތީގެ ވިޔަފާރިވެރިންނާއި، ތަންކޮޅެއް އާދައިގެ ވިޔަފާރިވެރިން، ނޫނިއްޔާ ތަނަވަސްކަމުގެ ގޮތުން ތަންކޮޅެއް އާދައިގެ ވިޔަފާރިވެރިން ޙަރަކާތްތެރިވެވަޑައިގަންނަވާ. އުފަލާއެކީ ދަންނަވަންޖެހެނީ، ޓުއަރިޒަމްގެ ޞިނާޢަތަކީ، ދިވެހިރާއްޖޭގެ އެންމެ ގިނަ ބަޔަކަށް، އެންމެ ގިނަ ޒުވާނުންނަށް ވަޒީފާ ލިބޭ ދާއިރާއޭ. އެހެންވީމާ، ދިވެހިރާއްޖޭގެ އިޤްތިޞާދު ފުޅާކުރަން މިކުރާ މަސައްކަތުގައިވެސް އަޅުގަނޑުމެން އެންމެބޮޑު އަމާޒު ހިފާ އެއްކަމަކީ، ޓުއަރިޒަމްގެ ޞިނާޢަތު ފުރިހަމަކުރުން، ނޫނިއްޔާ ފުޅާކުރަމުން ގެންދިޔުން.
 
ދާދި އިހަކަށްދުވަހު މިވަނީ މިއަހަރު އިތުރު 5 ދާއިރާއެއް، ނޫނީ 5 ރަށެއް، ޓުއަރިޒަމްގެ ރަށް ގޮތުގައި ތަރައްޤީ ކުރުމަށް އިޢުލާނު ކުރެވިފައި. އަދި އެޔާއެކީ، މި ރަށްރަށް ބިނާކުރަން ބޭނުންވާ މީހުންނަށް، ނޫނިއްޔާ ޢިމާރާތް ކުރަން ބޭނުންވާ ފަރާތްތަކަށް ދައުލަތުގެ ފަރާތުން ސޮވްރިންގ ގެރެންޓީ ދިނުމަށްވެސް އެވަނީ ނިންމާފައި، ޝަރުޠުތަކެއް ފުރިހަމަވާ ފަރާތްތަކަށް. އަޅުގަނޑުމެން ބޭނުންވަނީ، މި ޞިނާޢަތު ތަރައްޤީ ކުރުމުގައި، ދިވެހިރާއްޖޭގެ އިންޑަސްޓްރިއަލިސްޓުންނަށް، ނޫނީ މި ޞިނާޢަތުގެ ފުންނާބު އުސް ބޭފުޅުންނަށް، ދިވެހި ސަރުކާރުން ދެވެން އޮތް ހުރިހާ އެހީތެރިކަމަކާއި ވާގިވެރިކަމެއް އެބޭފުޅުންނަށް އެރުވުން. އަދި ހަމައެއާއެކީ، މެދުފަންތީގެ ދިވެހިންނަށް، ނޫނިއްޔާ ތަންކޮޅެއް އާދައިގެ އަތްމަތި ތަނަވަސް ނޫން، އެހެން ނަމަވެސް، މިދާއިރާގެ ޝައުޤުވެރިކަން ހުރި ޒުވާނުންނަށް ޓުއަރިޒަމްގެ ދާއިރާއަށް ވަދެވުމުގެ ފުރްޞަތު އިތުރުކުރުމަށްޓަކައި އަޅުގަނޑުމެން މިހާރު އެވަނީ ގެސްޓްހައުސް އައިލެންޑް ކޮންސެޕްޓްވެސް ތަޢާރުފްކޮށްފައި. މީގެ މަސައްކަތްތަކެއް، ތުނބުރީގައި ފުރަތަމަ ފެށިގެން އެބަދޭ. މީގެ ތަފްޞީލަކަށްދާކަށް ނެތިން. އެހެން ނަމަވެސް، ދަންނަވާލަން ބޭނުންވަނީ، އިޤްތިޞާދު މިގޮތަށް ފުޅާކުރުމުގެ ބޭނުމަކަށްވާނީ، އެސް.އީ.ޒެޑް ބިލެއް ފާސްކުރުމުގެ ބޭނުމަކަށްވާނީ، އަދި ޓުއަރިޒަމް ޢާންމު ގޮތެއްގައި މިގޮތަށް ފުޅާކުރުމުގެ ބޭނުމަކަށް ޙަޤީޤަތުގައި މިވަނީ، ދިވެހި ޒުވާނުންނަށް ވަޒީފާ ހޯދައިދިނުން. ދިވެހި ޒުވާނުންނަށް ނުވަދިހަ ހަތަރުހާސް ވަޒީފާ ހޯދެނީކީ ދިވެހިރާއްޖޭގެ ސިވިލް ސަރވިސްއަކުންނެއް ނޫން. ދިވެހިރާއްޖޭގެ ސިވިލް ސަރވިސް އަދު އޮތްވަރުން ތިންގުނަ ކޮށްގެން ނޫނިއްޔާ، ނުވަދިހަ ހަތަރުހާހާ ހަމަޔަކަށް ނުދާނެ. އެހެންވީމާ، ދިވެހިރާއްޖޭގެ ޒުވާނުންނަށް ވަޒީފާގެ ފުރްޞަތު ހޯދައިދިނުމުގައި، ސަރުކާރުގެ ޚިޔާލުގައި ފަހަރެއްގައިވެސްނުވޭ، އެއީ ސިވިލް ސަރވިސްގެ ތެރެއިން ހުޅުވާލާ ދޮރަކުން ނުވަދިހަ ހަތަރުހާސް ވަޒީފާ އުފެއްދޭނެ ކަމަކަށް. ސަރުކާރުގެ ވިސްނުން މިހުރީ، އިޤްތިޞާދީ ތަރައްޤީގެ ތެރެއިން، އިޤްތިޞާދީ ވަސީލަތްތައް ފުޅާކޮށްގެން، ދިވެހި ޒުވާނުންނަށް މިދެންނެވި ނުވަދިހަ ހަތަރުހާސް ވަޒީފާ، ނޫނިއްޔާ އެއަށްވުރެ ވަޒީފާގެ އިތުރު ފުރްޞަތު ތަނަވަސްކޮށްދޭނެ މަގުތަކެއް ހުޅުވައިދިނުން.
 
އާދެ، ޒުވާނުންނަށް ބޭނުންވާ ކުޅިވަރުގެ ދާއިރާގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިދިޔަ އަހަރު ނޫނީ މި ހިނގަމުންދާ އަހަރު އަޅުގަނޑު ކަނޑައެޅިން، ސަރުކާރުން ވަޒީރުންގެ މަޖިލީހުން ފާސްކުރައްވައި އަދި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދެއްވި ތިންސަތޭކަ މިލިއަން ރުފިޔާގެ ބަޖެޓެއް ޔޫތު މިނިސްޓްރީއަށް. އާދެ، ޒުވާނުންގެ ކަންތައްތައް ކުރިއަށް ގެންދިޔުމާއެކީ، ޒުވާނުންނަށް ބޭނުންވާ ކުޅިވަރުގެ ދާއިރާގެ އެކި އިންފްރާސްޓްރަކްޗަރ ޤާއިމުކުރެއްވުމަށް. އަދި ހަމަ އުފަލާއެކީ އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، މިހާރު ހުށަހެޅިފައި މިއޮތް މިއަންނަ އަހަރުގެ ބަޖެޓްގައިވެސް ހަމަ މި ޢަދަދަށް މިފައިސާ ހިމަނާފައި މިވަނީ، ދިވެހި ޒުވާނުންނަށް ބޭނުންވާ ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ، މުޅި ރާއްޖޭގެ އެކި ހިސާބުގައި ޢާންމުކުރުމަށް މި ސަރުކާރުން ކުރާ މަސައްކަތުގައޭ. އަދި ހަމައެއާއެކީ، ޒުވާނުންނަށް އުފާވެރިކަމުގެ ޚަބަރެއްވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. އަޅުގަނޑުމެން މިވޭތުކުރާ ނޮވެންބަރު މަހުގައި، ޖުމްހޫރީ ދުވަސް ވޭތުކުރާއިރު، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ޒުވާނުންގެ އުންމީދުތަކާ، އަޅުގަނޑުގެ ހިތުން، އަޅުގަނޑުގެ ސަރުކާރުގެ ހިތުން ގުޅިފައިވާ ޒުވާނުންނަށް ވަޒީފާގެ ވަޒީފާގެ ފުރްޞަތު އިތުރުކުރެވޭނެ އަދި އަގުހެޔޮކޮށް ދިރިއުޅެވޭނޭ ގެވެށި ނޫނިއްޔާ ގެދޮރުވެރިކަން ޤާއިމުކުރެވޭނެ ކޮންމެވެސް ކަހަލަ ޝަހަރެއް، ނޫނީ ކޮންމެވެސް ކަހަލަ ސިޓީއެއް ބިނާކުރުން. ޒުވާނުންގެ އުންމީދު އެކުލެވިފައި މިވަނީ، ހުޅުމާލޭގެ ޔޫތުސިޓީއާ. ﷲގެ ރަޙްމަތާއެކީ، މި ނޮވެންބަރު މަހުގެ ތެރޭގައި، ހުޅުމާލޭގެ ދެވަނަ ފިޔަވަހި، ނޫނިއްޔާ ދެވަނަ ހުޅުމާލެ ހިއްކުމުގެ މަސައްކަތް އަޅުގަނޑު ފަށާނަން.
 
މަސްވެރިންނާއި ދަނޑުވެރިންނަށްވެސް އަޅުގަނޑު ދަންނަވާލަން އޮތް ވާހަކައަކީ، އަޅުގަނޑުމެންގެ ޕްލެޖްތަކުގެ ތެރޭގައި، ނޫނީ އަޅުގަނޑުމެންގެ މެނިފެސްޓޯގައި ހިމެނޭ ވަޢުދުތަކުގެ ތެރޭގައި، މަސްވެރިންނަށާއި ދަނޑުވެރިންނަށް އަޅުގަނޑުމެން ދޭނެކަމަށް ދެންނެވި އިންޝުއަރެންސް ނިޒާމާއި އަދި ސަބްސިޑީގެ މަސައްކަތް މިހާރު އެވަނީ ފެށިފައޭ.
 
ހަމައެއާއެކީ އަޅުގަނޑު ދަންނަވާލިން، އަޅުގަނޑުމެންގެ ތަރައްޤީއަކީ ހަމައެކަނި މާއްދީ ތަރައްޤީއެއް ނޫނޭ. އަޅުގަނޑުމެންގެ ތަރައްޤީއަކީ އަޅުގަނޑުމެންގެ ނަފްސުގެ ތަނަވަސްކަން އިތުރުކުރުމާއި، ނަފްސަށް އަޅުގަނޑުމެން ކުރާ އިތުބާރު އިތުރުކުރުމާއި އަދި އިސްލާމީ ޢަޤީދާގެ މަތީގައި، މި ދިވެހި އުންމަތް، ތާއަބަދަށްމެ ދެމިއޮތުމަށްޓަކައި އަޅުގަނޑުމެން ކުރާ މަސައްކަތް. އާދެ، ރޫޙާނީ ބައި އިތުރުކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް. އެހެންވީމާ، ދިވެހިރާއްޖޭގެ ދީނީއެއްބައިވަންތަކަން ހަރުދަނާ ކުރުމުގައި އާ އިތުރު މަސައްކަތްތަކެއް މިހާރު ފެށިގެން މިދަނީ. އަދި ހަމައެއާއެކީ، ދިވެހި މި ޖީލަކީ، އިސްލާމީ ޝަޚުސުގެ މަތީގައި ތިބޭނެ ޖީލަކަށް ހެދުމަށްޓަކައި އަޅުގަނޑުމެން ސަރުކާރުން އިތުރު މަސައްކަތްތަކެއް މިހާރު އެވަނީ ފަށާފައި. ދިވެހިރާއްޖޭގެ ސްކޫލް ސިސްޓަމްގައި، މިދެންނެވި ކަންތައްތައް ޙާޞިލު ކުރުމަށްޓަކައި އަޅުގަނޑުމެން އާ މަންހަޖެއް އެކުލަވާލައި، އެ މަންހަޖުގެ ކިޔެވުން ފެށި އަދި ﷲގެ ރަޙްމަތާއެކީ އަޅުގަނޑުމެންނަށް މި އަންނަ އަހަރު ފެނިގެންދާނީ އިންޤިލާބީ ބަދަލުތަކެއް.
 
ދިވެހިރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށާއި، ދިވެހިރާއްޖޭގެ ސަރުކާރުގެ ބަޖެޓުގެ ވަސީލަތުން އަދި އިތުރަށް ދިވެހިރާއްޖެއަށް ބޭނުންވާ ކަންތައްތައް ކުރުމަށް ބޮޑެތި އިންފްރާސްޓްރަކްޗަރުގެ މަސައްކަތް ކުރުމަށް އަޅުގަނޑުމެން ވިސްނާފައި، އަޅުގަނޑުމެންނަށް ފެނުނު އެންމެ ރަނގަޅު ގޮތަކީ، ބޭރުގެ ފަރާތްތަކާ ގުޅިގެން އެއީ، އަމިއްލަ ވިޔަފާރިވެރިން ކަމުގައިވީނަމަވެސް، ދައުލަތުން ކަމުގައިވީނަމަވެސް، ނޫނީ މުއައްސަސާތަކުން ކަމުގައިވީ ނަމަވެސް، މިތަންތަނާ ގުޅިގެން މިކަން ކުރެވޭނެ ގޮތްތަކެއް ހަމަޖެއްސުން.
 
ދާދިފަހުން ޗައިނާގެ ރައީސް ޝީ ޖިންޕިންގ ދިވެހިރާއްޖެއަށް ވަޑައިގެން، 21 ވަނަ ޤަރުނުގެ ސިލްކްރޫޓްގައި، ނޫނީ ސިލްކްރޯޑްގައި ބައިވެރިވުމުގެ ފުރްޞަތު ދިވެހި ސަރުކާރަށް ހުޅުއްވައިލެއްވި. މި ފުރްޞަތު ދިވެހި ސަރުކާރުން ބަލައިގަތީ އީޖާބީ ގޮތެއްގައި، އުފާވެރިކަމާއެކީ. ދިވެހި ސަރުކާރުން މި ސިލްކްރޫޓްގައި ބައިވެރިވުމުގެ ބޭނުމަކީ، މިހާރު ދުނިޔޭގައި އެންމެ ވަރުގަދަ އިޤްތިޞާދަކީ ޗައިނާ. މިއީ، ދެބަސްވެވޭނެ ވާހަކައެއް ނޫން. އަދި އެންމެ ބާރަށް ކުރިއަށްދާ އިޤްތިޞާދަކީވެސް ޗައިނާގެ އިޤްތިޞާދު. ޗައިނާގެ އިޤްތިޞާދުގައި އަޅުގަނޑުމެން ދިވެހިރާއްޖޭގައި، އިސްލާމީ ދައުލަތެއްގެ ގޮތުގައި ތިބޭއިރު، ހުޅަނގުގެ އިސްތިޢުމާރީ ބާރުތަކުގައި މިހުންނަށް އިޤްތިޞާދީ ކަންކަމުގައި ބައިވެރިވުމުގައި ހުންނަ ގޮންޖެހުންތަކެއް ނުހުރޭ. އަޅުގަނޑުމެން، އަޅުގަނޑުމެންގެ ކަނޑުފަޅު ފީނައިގެން މި ހޯދާ މަސްކޮޅު އެކްސްޕޯޓް ކުރުމުގައިވެސް، ހުޅަނގަށް އެކްސްޕޯޓް ކުރާ ކަމަށްވަންޏާ، އަޅުގަނޑުމެންނަކީ ވަކި ދީނެއްގެ އަޞްލުތަކުގެ މަތީގައި ތިބެ، އަދި އެކަމަށް އެއްވެސްކަހަލަ ބަދަލެއް ގެންނަން ބޭނުންނުވާ ބައެއް ކަމަށްވަންޏާ، އަޅުގަނޑުމެންނަށް މީގެ ދަތި މިހިރީ ކޮށްފައި. ޗައިނާގެ ވިޔަފާރީގައި ބައިވެރިވުމުގައި، އަޅުގަނޑުމެންނަށް މަޖުބޫރުވާ އެއްވެސް ކަހަލަ ކަމެއް ނޯވޭ. އާދެ، އަޅުގަނޑު ތަފްޞީލަކަށްދާކަށް ނެތިން. އެހެން ނަމަވެސް، ދަޅުމަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް އެނގޭނެ، ޔޫރަޕްގެ އިއްތިހާދުން އަޅުގަނޑުމެންނަށް ކިހާވަރެއްގެ ދަތިކުރުންތަކެއް، އެއީ އަޅުގަނޑުމެން އެއް ނަސްލަކަށް ނިސްބަތްވެފައި، ނޫނީ އެއަށްވުރެ ބޮޑަށް ދަންނަވާ ކަމަށްވަންޏާ، އިސްލާމީ އުޞޫލުތައް އަޅުގަނޑުމެން ބަދަލުކުރަން ބޭނުންނުވާތީ، އަޅުގަނޑުމެން ޓެކްސް ކުރަން، ނޫނިއްޔާ އަޅުގަނޑުމެންނަށް ދަތިކުރަން، ގޮންޖެހުމަށް އަޅާފައި ހުރި ފިޔަވަޅުތަކެއް. އަޅުގަނޑުމެންނަށް އޭގައި ކުރިއަށް ދެވޭނެ ގޮތެއް ހަމަ ނެތް.
 
އަޅުގަނޑުމެންގެ ސަރުކާރުގެ ވިސްނުން މި ބަދަލުވަނީ އިރުމައްޗަށް. އަޅުގަނޑުމެންގެ ސަރުކާރުގެ ވިސްނުން އިރުމައްޗަށް ބަދަލުވާއިރު، ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ދުނިޔޭގައި އެންމެ ބާރުމިނެއްގައި ކުރިއަރާ އިޤްތިޞާދަކީ ޗައިނާކަން. އެހެންވީމާ، ޗައިނާގެ 21 ވަނަ ޤަރުނުގެ ސިލްކްރޫޓްގައި ދިވެހި ސަރުކާރުން ބައިވެރި މިވަނީ، ވިސްނުންތަކެއް ވިސްނުމަށްފަހު. ދިރާސާތަކެއް ކުރުމަށްފަހު. އަދި މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ދިވެހިރާއްޖޭގެ އިޤްތިޞާދު ކުރިއަށް ގެންދަން ބޭނުންވާ މަލްޓި މިލިއަން ޑޮލަރުގެ އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް އަންނާނީ، މި ދޮރުންލާފައި ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭތީ. އަޅުގަނޑުމެންނަށް ޒަމާންވީ ގޮތަށް، ޒަމާންވީ އުޞޫލުތަކާ އެއްގޮތަށް ލާރި ހޯދައިގެން، މިކަން ކުރުމަކީ ފަސޭހަކަމާއެކީ ކުރެވޭނެ ކަމެއް ނޫން. އެހެންވީމާ، ހަމަ ދަންނަވާލަން ބޭނުންވަނީ، ހިތްޕުޅުގައި އެއްވެސްކަހަލަ ވަހުމެއް އުޅުއްވާ ބޭފުޅަކަށް، އެ ވަހުމް ފިލުވައިލައްވާށޭ. ސިލްކްރޫޓްގައި ބައިވެރިވުމަކީ، ދިވެހިރާއްޖޭގެ އިސްތިޤްލާލަށް އެއްވެސްކަހަލަ ބުރުލެއް އަރާނެ ކަމެއް ނޫން. ދިވެހިރާއްޖޭގެ މިނިވަންކަމަކަށް، ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުޞަކަށް އެއަކުން އެއްވެސްކަހަލަ ގެއްލުމެއްވާނެ ކަމެއް ނޫން. އަދި ކީއްތޯ، މުޅި ދިވެހިރާއްޖޭގެ އިޤްތިޞާދަށް ހުޅުވައިލެވިގެންދާ ފުޅާ ދޮރަކަށް، މި ސިލްކްރޫޓް ވެގެންދާނީ. އެހެންވީމާ، ދިވެހި ސަރުކާރުން މި ސިލްކްރޫޓްގައި މި ބައިވެރިވަނީ، ޗައިނާ ސަރުކާރުން ދެއްވި ދަޢުވަތު އުފަލާއެކީ ގަބޫލުކުރުންމަތީ ތިބެގެން. 
 
އާދެ، އަޅުގަނޑުމެންގެ އުންމީދުތައް ޙާޞިލު ކުރުމަށްޓަކައި ރައްޔިތުން ދިރިއުޅޭއިރު އެކިރަށްރަށުގައި، އެމީހުންނަށް ބޭނުންވެފައި ހުރި ބޮޑެތި މަޝްރޫޢުތައް ހިންގުމަށްޓަކައި، ނަރުދަމާވިޔަސް، ބިން ބޮޑުކުރުންވިޔަސް، ފަޅުގެ ދަތިކަމަށް ޙައްލެއް ގެނައުން ކަމުގައިވީނަމަވެސް، މަދްރަސާ، ސްކޫލް ޢިމާރާތް ކުރުން ކަމުގައިވީނަމަވެސް، މިއިން ކޮންމެ ކަމަކީ ސަރުކާރުގެ ނޫނީ ދައުލަތުގެ ބަޖެޓުން ފައިސާ ހިނގާނެ ކަންކަން. ދައުލަތުގެ ބަޖެޓަކީ، ރައްޔިތުންގެ އުންމީދުތައް ކަރުދާހުގައި، އަކުރުތަކުގެ ސިފައިގައި، ހިސާބު އަކުރުތަކުގެ ސިފައިގައި އެކުލަވައިލެވިފައި އޮންނަ ޑޮކިއުމަންޓެއް. ދައުލަތުގެ ބަޖެޓުގައި ޖަހާ ކޮންމެ ފައިސާއެއް ލިބޭތޯ، ސަރުކާރަކުން މަސައްކަތް ކުރަންޖެހޭނެ. ދައުލަތުގެ ބަޖެޓަކީ، ދައުލަތުގެ ބަޖެޓުން ވަކި މަޝްރޫޢަކަށް ހޭދަކުރަން ބުނެފި ކަމަށްވަންޏާ، އެ މަޝްރޫޢު ރައްޔިތުންނާ ހަމަޔަށް ގެނެސްދިނުމަށްޓަކައި ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރުމުގެ މަޤްޞަދުގައި އެކުލަވައިލެވޭ ބަޖެޓެއް. ދައުލަތުގެ ބަޖެޓަކީ އަކުރުތަކެއްގެ މައްޗަށް ހިމަނާލާފައި، ރައްޔިތުންގެ މަޖިލީހުން ފާސްވުމާއެކީ، ބަޖެޓް އެއްފަރާތުގައި ބާއްވާފައި، ސަރުކާރުން ތަފާތުގޮތަކަށް ޢަމަލުކުރަންޖެހޭ ޑޮކިއުމަންޓެއް ނޫން. އެހެންވީމާ، ރައްޔިތުންގެ އުންމީދުތައް، ސަރުކާރުން ރައްޔިތުންނާ ހަމަޔަށް ގެނެސްދޭން ބޭނުންވާ ބޮޑެތި މަޝްރޫޢުތަކާއި، އަދި ރައްޔިތުންނަށް ދަތިވެފައި ހުރި އަސާސީ ބޮޑެތި ކަންތައްތައް ފިލުވައިލުމަށްޓަކައި ދައުލަތުގެ ބަޖެޓް އެކުލަވައިލެވެނީ. އަދި ދައުލަތުގެ ބަޖެޓްގެ ތެރެއިން މިއަހަރުގެ ބަޖެޓްގައި ވަކި މިކަން ޚާއްޞަވެގެންދާ ވާހަކަ ދަންނަވާކަށް ނޫން. އެކިއެކި މުއައްސަސާތަކަށް، އެކިއެކި ޞިނާޢަތްތަކުގައި މަސައްކަތްކުރާ އެކި މީހުންގެ މުސާރަ، ކުރިއެރުން ލިބެނީ ކިހާވަރެއްތޯވެސް އެކުލެވިގެން މިދަނީ ދައުލަތުގެ ބަޖެޓުން. އެހެންވީމާ، ދައުލަތުގެ ބަޖެޓަކީ 12 މަސްދުވަހަށް ރައްޔިތުންގެ އުންމީދުތައް ލާމެހި އެކުލެވިފައިވާ ހިސާބުގެ އަކުރުތައް ހިމެނޭ ޑޮކިއުމަންޓެއް.
 
2015 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް އަޅުގަނޑުމެން މިފޮނުވީ ބޮޑެތި އުންމީދުތަކަކާއެކީ. އަޅުގަނޑުމެންގެ ރިޔާސީ ވަޢުދަކަށްވީ، ދިވެހިރާއްޖޭގެ އިޤްތިޞާދު މިހާރު އޮތް ހިސާބުން ރަނގަޅު ހިސާބަކަށް ގެންދިޔުމަށްޓަކައި ބަޖެޓް ބެލެންސް ކުރެވޭތޯ އަޅުގަނޑުމެން ބަލާނަމޭ، އަޅުގަނޑުމެންގެ ސަރުކާރެއްގެ ދެއަހަރާ ތިންއަހަރާ ދޭތެރޭގައި. ހަމަ އުފަލާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން 2015 ވަނަ އަހަރަށް ފޮނުވާފައި އެއޮތް ދައުލަތުގެ ބަޖެޓްގައި، ޕްރައިމަރީ ބެލެންސް ސަރޕްލަސްއެއް އުޅޭ ވާހަކަ. ބަޖެޓްގެ އަކުރުތަކަށް ބަލާކަމަށްވަންޏާ، އެއޮތީ އަޅުގަނޑުމެންނަށް ފޫނުބެއްދޭވަރުގެ ޑެފިސިޓެއް ނޫން. ޑެފިސިޓަކީ ކުޑަކުޑަ ޢަދަދެއް. އަދި އެ ޑެފިސިޓް، ޑެފިސިޓެއްގެ ގޮތުގައި އޮތީ 2015 ވަނަ އަހަރުގެ ޚަރަދުތަކާ ގުޅިގެން ހިންގަންޖެހޭނެ ޚަރަދުތަކަކާ ގުޅިފައެއް ނޫން.
 
އަޅުގަނޑުމެން މިދިޔަ 5 އަހަރުން ފެށިގެން ރައްޔިތުން ލައްވައި އެކިއެކި މަސައްކަތް ކުރުވައި އަދި އެ ފައިސާ ނުދެއްކި ހުރީމަ، އެ ފައިސާ އަދާކުރުމަށްޓަކައި ބޮޑު ޢަދަދުގެ ފައިސާއެއް މިފަހަރު ވަނީ ދައުލަތުގެ ބަޖެޓްގައި ހިމަނާފައި. އެ ޢަދަދުން މިއަހަރުގެ ދައުލަތުގެ ބަޖެޓް، ނޫނިއްޔާ މި އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓް ޑެފިސިޓް އެވަނީ. އެހެންވީމާ، މިއަންނަ އަހަރު، 2015 ވަނަ އަހަރު އަޅުގަނޑުމެން ކުރާ ހޭދައަކާ ގުޅިގެނެއް ނޫން، ބަޖެޓަށް ފައިސާ އިތުރުވެ، ބަޖެޓް ދަރަނިވެފައި އެއޮތީކީ. ކުރީގެ ފައިސާތަކެއް ދެއްކުމުގެ ގޮތުން. އެހެންވީމާ، އަޅުގަނޑުގެ ފޮތުގައި، 2015 ވަނަ އަހަރުގެ ބަޖެޓަކީ ބެލެންސް ބަޖެޓެއް. މި އުފާވެރިކަމުގެ ޚަބަރު ތިޔަބޭފުޅުންނަށް މި ދަންނަވަނީ، ބެލެންސް ބަޖެޓެއް އައުމާއެކީ، އަޅުގަނޑުމެންގެ އިޤްތިޞާދު ކޮންސޮލިޑޭޓް ކުރުމާއި، ދިވެހި ފައިސާގެ އަގު ހިފެހެއްޓުމާއި، އަދި ދިވެހިރާއްޖެއިން ބޭރުން ނަގާފައި ހުރި ފައިސާއާއި، ދިވެހިރާއްޖެއިން އެތެރޭގެ ބޭންކްތަކުން ނަގާފައި ހުރި ފައިސާ އަދާކުރުމުގެ ޤާބިލުކަން ސަރުކާރަށް ލިއްބައިދޭކަން، އެ ބަޖެޓުން ލިބޭކަން، އަދި ސަރުކާރުގެ ކެޕޭސިޓީ ހުރިކަން ދައްކައިދޭ ޑޮކިއުމަންޓަކީ ބަޖެޓް ކަމުގައިވާތީ. އެހެންވީމާ، ބަޖެޓް ބެލެންސް ކުރުމާއެކީ، ބަޖެޓް ސަރޕްލަސްއަކަށް ދިޔުމަކީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް.
 
ބަޖެޓް ބެލެންސް ކުރާއިރު، އުފަލާއެކީ އަޅުގަނޑު ހަމަ ދަންނަވާލަންޖެހެނީ، ރައްޔިތުންގެ އުންމީދުތައް ގުޅިފައި މިހިރީ ރަށްރަށުގެ ކުނިކޮށިތަކާއި، ރަށްރަށުގެ ފެނާއި ނަރުދަމާއާއި އަދި ރަށްރަށުގެ ބަނދަރު ހެދުމާއި، ރަށްރަށުގެ ބިން ބޮޑުކުރުމާއި، ބިން މުއްސަނދި ކުރުމަށް ކުރެވޭ މަސައްކަތްތަކާ. މިކަމާ ގުޅިގެން އަޅުގަނޑު ދަންނަވާލާނީ، މިފަހަރު 2015 ވަނަ އަހަރަށް އަޅުގަނޑުމެން ދައުލަތުން މި ހުށަހަޅާ ބަޖެޓްގައި، މިއިން ޒަމާނަކު މިފަހުގެ ތާރީޚެއްގައި ހުށަނާޅާވަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓެއް އެ އޮތީ ހުށަހަޅާފައި. ޢާންމު ގޮތެއްގައި، މިދިޔަ ފަހުގެ އަހަރުތަކުގެ ތެރޭގައި، ޕީ.އެސް.އައި.ޕީ.އަށް ހުށަހެޅިފައި މިއޮންނަނީ ގާތްގަނޑަކަށް ތިން ބިލިއަން، ނޫނީ ތިންހާސް މިލިއަނެއްހާ ރުފިޔާ. އެކަމަކު އިރާދަކުރެއްވިއްޔާ، މިއަހަރު އަޅުގަނޑުމެން ބަޖެޓްގައި، ބަޖެޓުން ހޭދަކޮށްގެން ޕީ.އެސް.އައި.ޕީ.އަށް އެއޮތީ ހުށަހަޅާފައި، ޕީ.އެސް.އައި.ޕީ.ގެ މަޝްރޫޢުތަކަށް ހޭދަކުރުމަށް އަޅުގަނޑުމެން ހުށަހަޅާފައި އެ އޮތީ، ގާތްގަނޑަކަށް މީގެ ހަމަ ދެގުނަ ޢަދަދެއް. 6.3 ބިލިއަން. އެހެންވީމާ، މީގެ ނަތީޖާއަކަށް ވެގެންދާނީ، ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރެވޭނީ ހަމައެކަނި ހޯރަފުށީގައި ނޫންކަން، ރާއްޖޭގައި މީހުން ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށްވެސް އެނގިގެންދިޔުން. އެހެންވީމާ، ހިނިތުންވުމުން ހިނިތުންވާނީ ހޯރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު އެކަންޏެއްވެސް ނޫން. ރައްޔިތުންގެ މަޖިލީހުގެ އެހެން މެންބަރުންނަށްވެސް ހަމަ މި ހިނިތުންވުން އަންނަންޖެހޭނެ. އެހެންނަމަވެސް، ހަމައެއާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑުމެންގެ ބަޖެޓް އެކުލަވާލާފައި އެއޮތީ ވިސްނުންތެރިކަމާއެކީ. ހުރިހާ އެންމެންވެސް ގަބޫލުކުރާނެ، ކޮންމެ ދިވެހި ރައްޔިތަކުވެސް ގަބޫލުކުރާނެ، ހުރިހާ ރަށަކަށް ހުރިހާ ކަމެއް، އެއް އަހަރުގެ ތެރޭގައި ކޮށްދިނުމަކީ މުސްތަޙީލު ކަމެއް. އެހެންނަމަވެސް، އެ ރަށްރަށުގެ ރައްޔިތުންނަށް އެންމެ ބޭނުންވެފައި ހުރި ކަންތައްތައް، އިސްކަންދޭ ތަރުތީބަކާއެކީ، އަދި ސަރުކާރުގެ މުޅި ވިސްނުމާއެކީ، ޒުވާނުންނަށް ވަޒީފާ ހޯދައިދިނުމާއި އަދި އަމިއްލަ ފައިމައްޗަށް ތެދުވެވޭނެވަރުގެ މުޖްތަމަޢެއް ޤާއިމުކުރުމަށްޓަކައި އެކުލަވައިލެވޭ އެއްޗެއް ބަޖެޓަކީ. އެހެންވީމާ، ބަޖެޓަކީ ރައްޔިތުންގެ އުންމީދުތައް، އޭގައި އެކުލެވިފައިވާ ހިސާބު އަކުރުތަކެއްގެ މައްޗަށް ހިމެނޭ ޑޮކިއުމަންޓެކޭ މިދެންނެވީ އެ ސަބަބަށްޓަކައި. އަޅުގަނޑު ދަންނަވަން، ޕީ.އެސް.އައި.ޕީ.ގެ ބަޖެޓަކީ މުޅި ބަޖެޓްގެ 26 ޕަސެންޓް. މިއީކީ މިފަހުގެ ތާރީޚުގައި ދިވެހިރާއްޖޭގައި ވެފައި އޮތް ކަމެއް ނޫން. އަދި މިއާއެކީ ޕީ.އެސް.އައި.ޕީ. ޒާތުގެ މަޝްރޫޢުތަކަށް ބޭރުން އަޅުގަނޑުމެން ހިލޭ އެހީއާއި އަދި ސޮފްޓް ލޯނު ނޫނިއްޔާ ކޮންސެޝަން ލޯނު އެހީގެ ވާހަކަ ނުހިމަނައި، އަޅުގަނޑު މިދެންނެވީ ހަމަ ބަޖެޓުން ކުރާ ހޭދައަކީ، ގާތްގަނޑަކަށް ހަހާސް މިލިއަން ދިވެހި ރުފިޔާ. އަޅުގަނޑުމެންގެ އަމާޒަކަށް މިވަނީ، މި ބަޖެޓްގެ ތެރެއިން، ރައްޔިތުންނަށް ބޭނުންވެފައި ހުރި ގިނަ ކަންތައްތަކެއް ފުއްދައިދިނުން.
 
 އެއާއެކީ އަޅުގަނޑު ދަންނަވާލާނަން، ބަޖެޓް ރަނގަޅުކޮށް، އިޤްތިޞާދު ރަނގަޅުކުރާއިރު، އަޅުގަނޑުމެން ކުރަންޖެހޭ ބައެއް އެހެން ކަންތައްތައްވެސް ހުރޭ. އޭގެތެރޭގައި، އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ، އަޅުގަނޑުމެންގެ ސަރުކާރަކީ، ނޫނިއްޔާ ދިވެހިރާއްޖޭގެ ސަރުކާރަކީ، ދެންމެ އަޅުގަނޑުމެން ގަބޫލުކުރި ގޮތުން، ޖުމްހޫރީ ވެރިކަމަކީ، ދިވެހި ރައްޔިތުންގެ ފަރާތުން ފެށިގެން އަންނަ ވެރިކަމެއް. އެހެންވީމާ، ދައުލަތެއް ހިންގަންވާނީ ދިވެހި ރައްޔިތުން އެދޭގޮތަށް. ޤާނޫނު ތަންފީޛު ވެގެންދާނީ ދިވެހި ރައްޔިތުން އެދޭގޮތަށް. އެކަންކަން އެހެރީ ޤާނޫނުއަސާސީގަޔާއި ޤާނޫނުތަކުގައި އެކަށައަޅާފައި. ރައްޔިތުންގެ އުންމީދުތަކަކީ، ރައްޔިތުން ފުއްދަން ބޭނުންވާނެ ކަންކަމޭ. އެ ފުއްދަނީ ރައްޔިތުންގެ ފަރާތުން އިންތިޚާބު ކޮށްފައި އޮންނަ ސަރުކާރެއްގެ ވަސީލަތްތަކުގެ ތެރެއިން. އަދި ޢަދުލު އިންޞާފު ޤާއިމު ކުރެވިގެންދާއިރުވެސް، ހަމަ އެކަންވެސް ވެގެން މިދަނީ، ރައްޔިތުން އެކަމަށް އިންތިޚާބުކުރާ، އިޚްތިޔާރުކުރާ ބައެއްގެ ތެރެއިން. ޤާނޫނުތަކުގައި ކަނޑައަޅާފައި އޮންނަ ހަމަތަކުގެ ތެރެއިން. އެހެންވީމާ، ދަންނަވާލަން މިއުޅޭ ވާހަކައަކީ، އަޅުގަނޑުމެން ދިވެހި ދައުލަތުން، ދިވެހި ސަރުކާރުން އަދި ދިވެހި ރައްޔިތުން ގަބޫލުކުރަންވާނެ، ދިވެހިރާއްޖޭގައި ދިރިއުޅެނީކީ އެހެން ކަރަކަރައިގައިވެސް މިކަން އޮންނަގޮތަށް، އެއް ފެންވަރެއްގެ، އެއް ގިންތިއެއްގެ، އެއް ތަނަވަސްކަމެއްގެ އަހުލުވެރިންތަކެއް ނޫންކަން. ދިވެހިރާއްޖޭގައި ތަނަވަސްކަން ކުޑަ އެތަކެއް މީހުން އެބައުޅޭ. ޚާއްޞަ އެހީއަށް ބޭނުންވާ އެތަކެއް ފަރާތްތަކެއް އެބައުޅޭ. އަދި މުސްކުޅިވީމަ، ދުވަސްވީމަ އެމީހުންނަށް ޚާއްޞަ ޢިނާޔަތްތަކެއް ދޭންޖެހޭ އެތަކެއް މީހުން ދިވެހިރާއްޖޭގައި އެބައުޅޭ. ދައުލަތުގެ ބަޖެޓް ބިނާވެފައި މިއޮތީ، މިފަރާތްތަކަށް ދޭން ބޭނުންވާ ވެލްފެއަރގެ އެހީވެސް ދެވޭނެގޮތަށް. އެހެންވީމާ، މިއަދުވެސް އަޅުގަނޑު ހަމަ ދަންނަވާނީ، އަޅުގަނޑުމެން އިންތިޚާބުގެ ތެރޭގައި ދެންނެވި ގޮތަށް، އަދި މިއަހަރު ހޭދަމިވަނީ ދުވަސްވީ މީހުންނަށް ފަސްހާސް ރުފިޔާގެ ޢިނާޔަތެއް ދެމުން. ﷲގެ ރަޙްމަތާއެކީ މިއަންނަ އަހަރުވެސް މިއަށް ބަދަލެއް ނައިސް، ހަމަ ފަސްހާސް ރުފިޔާގެ ޢިނާޔަތް ދެވޭނެ. އަދި އެއާއެކީ، މިދެންނެވި ގޮތަށް ފުދުންތެރިކަން ކުޑަ ފަރާތްތަކަށް ދޭންވާ ސަބްސިޑީތަކެއް، ޓާގެޓްކޮށްފައި ދޭންވާ ސަބްސިޑީތަކަކީ، އަޅުގަނޑުމެންގެ ނިޒާމުގެ ތެރެއިން އެކަމަށް ޖާގަ ހޯދެންޖެހޭ ކަންކަން. ހުރިހާ އެންމެންނަށް އެއްފެންވަރަކަށް ސަބްސިޑީ ދިނުމަކީ ބުއްދި ގަބޫލުކުރާ ހަމައެއް ނޫން. ތަނަވަސްކަން ހުރި މީހުންގެ އަތުން ޓެކްސް މި ނަގަނީ، ތަނަވަސްކަން ނެތް މީހުންނަށް، އެ ޓެކްސްގެ ލާރި ފޯރުކޮށްދިނުމަށްޓަކައި. އެއްވަނަ ދުނިޔޭގައި ކަންކުރާ އުޞޫލަކީވެސް މިއީ. އެހެންވީމާ، މި ނިޒާމުގެ ތެރެއިން އަޅުގަނޑުމެން ޖާގަ އެބަ ހޯދަންޖެހޭ. ތަނަވަސްކަން ނެތް މީހުންނަށް، ނޫނީ ތަނަވަސްކަން ކުޑަ މީހުންނަށް. އެމީހުންނަކީވެސް މި ޖުމްހޫރީ ދުވަހުގެ އުފަލުގަޔާއި، މިނިވަން 50ގެ އުފަލުގައި ބައިވެރިވެވޭ، އަޅުގަނޑުމެންނާ އެއްފަދަ، ދިވެހިރާއްޖެއަށް ޙިއްޞާއެއް އޮންނަ ދިވެހި ރައްޔިތެއްކަން، އެ އުފަލާއި، އެ ކަށަވަރުކަމާއި، އެ ޔަޤީންކަން އެމީހުންނަށް ދިނުމަށް އަޅުގަނޑުމެންގެ ސަރުކާރުން މަސައްކަތް ކުރާނީ. މި ސަރުކާރުގެ މިފަހަރުގެ ބަޖެޓް އެކުލެވިގެން މިދަނީ، މިކަހަލަ ވިސްނުންތަކަކަށް ވިސްނާފައި.
 
ޖުމްހޫރީ ދުވަހަކީ ދިވެހި ދައުލަތުން ފާހަގަކުރާ ކޮންމެ އުފާވެރި ދުވަހަކީ، ޝާމިލްގޮތެއްގައި މުޅި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، އެ އުފާ އެއް މިންވަރަކަށް އިޙްސާސް ކުރެވެންޖެހޭ އުފަލަކަށްވާންޖެހޭނެ. އަދި އެފަދަ މުނާސަބު ދުވަހަކަށްވެސްވާންޖެހޭނެ.
 
އަޅުގަނޑުގެ އެދުމަކީ، އަޅުގަނޑުމެންގެ ސަރުކާރުން މި ފޮނުވާފައި އޮތް ބަޖެޓާ ދޭތެރޭގައި، ރައްޔިތުންގެ މަންދޫބުން ދީލަތިކަމާއެކީ ވިސްނާވަޑައިގެންފައި، ރައްޔިތުންނަށް އެދެވޭ ކުރިއެރުމެއް، މި ބަޖެޓްގެ ފައިސާގެ ތެރެއިން، ނޫނިއްޔާ ބަޖެޓްގައި ޖާގަ ހޯދަން މަސައްކަތްކޮށްފައި ހުރި ކަންކަމުގެ ތެރެއިން ކުރެވޭ ކަމަށްވަންޏާ، ތިޔަބޭފުޅުން އެބަޖެޓް ދިރާސާ ކުރައްވާފައި، ގެންނަވާ އިޞްލާޙަކާއެކީ، ސަރުކާރަށް ކުރިއަށް ދެވޭނެ މަގު ތަނަވަސްކޮށްދެއްވުން.
 
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް އަޅުގަނޑު ދަންނަވަން ބޭނުންވަނީ، އަޅުގަނޑުމެން ދާން ބޭނުންވަނީ ހަމައެކަނީ މާއްދީ ދާއިރާތަކަކުން ކުރިއަކަށެއް ނޫން. އަޅުގަނޑުމެން ބޭނުންވޭ، ތަޢުލީމް ޙާޞިލު ކުރަމުން މިގެންދާ ތުއްތު ކުދިންނަކީވެސް އިސްލާމީ ހިދާޔަތުގެ މަތީގައި ތިބޭނެ، މި ޖީލުގެ ކުދިންތަކެއް ކަމަށް ވެގެންދިޔުން. ޖުމްހޫރީ ދުވަހު، ތިޔަ ހުރިހާ ބޭފުޅުންނަށް މަރްޙަބާ ދަންނަވަމުން، އަދި ޖުމްހޫރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރައްދުކުރަމުންވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ބަޖެޓުން ޙާޞިލު ކުރަން މިއުޅެނީ، ދިވެހި ކޮންމެ ރައްޔިތަކަށް، އިތުރު ކުރިއެރުމާއި، އިތުރު އުފާފާގަތިކަން ލިބޭނެ ޖާގަތަކެއް ހޯދަން ކުރާ މަސައްކަތޭ. އަޅުގަނޑުމެންގެ އިޤްތިޞާދު ރަނގަޅުކުރަން ކުރާ މަސައްކަތަކީ، ޝައްކެއްވެސްނެތްގޮތުގައި، މިގޮތުގެ މަތިން ކުރެވޭ މަސައްކަތްތަކެއް.
 
އަންނަ އަހަރަކީ އަޅުގަނޑުމެން މިނިވަންކަމުގެ ރަހަ، އަޅުގަނޑުމެންގެ ކަރުތެރޭގައި އަށަގެންތާ 50 އަހަރު ފުރޭ އަހަރު. މިއަދު މިއީ ދެވަނަ ޖުމްހޫރިއްޔާއަށް 46 އަހަރު ފުރުން ފާހަގަކުރާ ދުވަސް. އެހެންވީމާ، ދިވެހިރާއްޖެއަކީ، ޅަފަތުގައި އޮތް ޤައުމެއް ކަމުގައި ބުނި ނަމަވެސް، 50 އަހަރާ، 46 އަހަރާ މިއީކީ ޅަޢުމުރެއްވެސް ނޫން. އަޅުގަނޑުމެންގެ ތެރޭގައި މުއައްސަސާތަކެއް ހުންނަންވާނީ ތަރައްޤީވެފައި. އަޅުގަނޑުމެންގެ ވިސްނުމަށް ބަދަލުތަކެއް އަންނަން އެބަޖެހޭ. ޖުމްހޫރީ ވެރިކަމެއްގައި، ދައުލަތުން ކުރާ ހުރިހާ މަސައްކަތަކީ، ރައްޔިތުން ކުރާ ހުރިހާ މަސައްކަތަކީ، ގަބޫލުކުރަންޖެހޭނެ، ޤައުމު އެއްކޮށް ކުރިއަށް ގެންދެވޭނީ، ކޮންގޮތަކަށް މަސައްކަތް ކޮށްގެންތޯ. އަޅުގަނޑުމެން ކޮންމެ ފަރުދެއްގެ ކެރުންތެރިކަން ހުންނަންވާނެ، ޤައުމު ކުރިއަށް ގެންދަން، ތަނަވަސްކަން އިތުރުކުރަން. އަދި އިސްލާމީ ޝަޚްޞިއްޔަތެއްގެ ގޮތުގައި، ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތީގައި ތިބުމުގެ ޢަޒުމު، ކޮންމެ މަންމައެއްގެ، ކޮންމެ ބައްޕައެއްގެ ހިތުގައި އޮންނަންވާނެ. އެހެންވީމާ، އުންމީދުތަކަކާއެކީ ޖުމްހޫރީ ދުވަހެއް އަންނަނީ، އަނެއް ޖުމްހޫރީ ދުވަހާ ހަމަޔަށް އަޅުގަނޑުމެން ވާސިލުވަނީ. ބަޖެޓް ފޮނުވަނީ، މިދެންނެވި ކަހަލަ އުންމީދުތަކަކާއެކީ. އެކަމަކު ކޮންމެ ފަރުދެއްގެވެސް ހުންނަންޖެހޭނެ ޑްރައިވަކީ، ހުންނަންޖެހޭނެ މޯޓިވޭޝަނަކީ، ޤައުމު އެއްކޮށް ކުރިއަށް ގެންދިޔުމުގެ ވިސްނުން. ސިޔާސީ ފިކުރު ތަފާތުވިނަމަވެސް، އަދި ސިޔާސީ ތަފާތު ޕާޓީތަކެއްގެ މައްޗަށް އަޅުގަނޑުމެން އެކުލެވުނު ކަމަށްވިޔަސް، ޤައުމަށް ދަތިވާ ކަމެއް، މުޅި ޤައުމަށް ގެއްލުންވާ ކަމެއް ކުރުމަކީ، ދިވެހި ޖުމްހޫރީ ދުވަހެއް ފާހަގަކުރާއިރު، ދިވެހި މިނިވަންދުވަހެއް ފާހަގަކުރާއިރު، އަޅުގަނޑުމެންގެ ގިނަ ރައްޔިތުން، އެކަމަށް މާފުކުރާނެ ކަންކަމެއް ނޫން.
 
މުޅި ދައުލަތަށް، މުޅި ދިވެހި ރައްޔިތުންގެ ޙާލަތު ކުރިއަށްދާ ކަމަށްވަންޏާ، އެއީ، ޖުމްހޫރީ ދުވަހެއްގައި އަޅުގަނޑުމެންގެ ހިތުގައި އަށަގަންނަންޖެހޭ އެއްސިފަ. އަޅުގަނޑުމެންގެ ތެރޭގައި، ވަކިވަކި ފަރުދުންގައި ހުންނަންވާނެ، ކުރިއަށް ދިޔުމުގެ ރޫޙު. ތަނަވަސްކަން އިތުރުކުރުމުގެ ރޫޙު ހުންނަންވާނެ. ވިޔަފާރިން ފައިސާ ލިބޭ ކަމަށްވަންޏާ، އަޅުގަނޑުމެން ދާން ބޭނުންވާ އެންމެމަތީ މަންޒިލާ ހަމަޔަށް ވާސިލުވުމުގެ ޖާގަ، އަޅުގަނޑުމެންގެ ސަރުކާރު، ޤާނޫނުތަކުގެ ތެރެއިން ކޮންމެ މީހަކަށްވެސް ލިބެންވާނެ. އެހެންވީމާ، ޖުމްހޫރީ ދުވަހެއްގައި، މިކަހަލަ ޚިޔާލުތައް އަޅުގަނޑުމެންގެ ހިތަށް އަންނައިރު، ހަމައެއާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތާއެކީ ދިވެހި ދައުލަތަކީ، ތާއަބަދުމެ އިސްލާމީ ހިދާޔަތުގެ މަތީގައި އޮންނާނެ އަދި އަޅުގަނޑުމެންނަށް އިސްލާމީ އުޞޫލުތަކާއި، ދިވެހިންގެ ރިވެތި އާދަކާދައިގެ މަތީގައި ތިބެވޭނެ ބައެއްގެ ގޮތުގައި މާތްﷲ ލަހައްޓަވާށި! ﷲ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ބަރަކާތް އިތުރުކުރައްވާށި!
 
والســّلام عليــكم ورحـمــة اللّـه وبـركاتـه