‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ‏ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ‏‏ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (މ) އާއި، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ‏‏ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ 10 ވަނަ ނަންބަރުގައިވާ ގޮތުގެމަތީން، ‏‏ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް އަރިއަތޮޅު އުތުރުބުރީ މަތިވެރި، ފިނިވާގޭ ‏‏އަލްއުސްތާޛާ ލަޠީފާ ޤާސިމް ހަމަޖައްސަވައިފިއެވެ. އަލްއުސްތާޛާ ލަޠީފާ ޤާސިމަކީ، ވަކީލުންގެ ‏‏ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކުރެއްވި ޤާނޫނީ ވަކީލެވެ.‏

‏‏އަލްއުސްތާޛާ ލަޠީފާ ޤާސިމް‏، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރު ކަމަށް ‏‎ ހަމަޖެއްސެވިކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ޙަވާލު ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ‏‏މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ‏‎.‎

‏މިރަސްމިއްޔާތުގައި ލިޔުން ޙަވާލު ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ‏‏އަލްއުސްތާޛު ޢަބްދުﷲ ޢަރީފުގެ ކުރިފުޅުމަތީގައި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ‏‏ހުވައި، ‏އަލްއުސްތާޛާ ލަޠީފާ ޤާސިމް ކުރެއްވިއެވެ.‏