‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަރިހަށް، ރަޝިޔާގެ ‏‏ޕްރޮސެކިއުޓަރ ޖެނެރަލް، ޔޫރީ ޔަކޮވްލެވިޗް ޗަކްޔާ، މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ‏‏ކުރައްވައިފިއެވެ.‏

‏މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ‏‏ރާއްޖެއާއި ރަޝިޔާއާ ދެމެދު ޤާއިމްވެފައިވާ ހަރުދަނާ ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ‏‏ކުރިއަށް އޮތްތާނގައި މިގުޅުން އިތުރަށް ބަދަހި ކުރެއްވުމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާ ‏‏ކުރެއްވިއެވެ.‏

‏ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރަޝިޔާއިން އަބަދުވެސް ރާއްޖެއަށް ‏‏އެކި ދާއިރާތަކުން އެއްބާރުލުން ލިބެމުންދާ ކަމުގައި ވިދާޅުވެ، އެކަމަށްޓަކައި ޝުކުރު ‏‏އަދާކުރެއްވިއެވެ. ރާއްޖޭގެ އާ ޤާނޫނު އަސާސީގެ ދަށުން، ޕްރޮސެކިއުޓަރ ޖެނެރަލަށް ވަރަށް ‏‏މިނިވަން އިޚްތިޔާރެއް ލިބިފައިވާކަން ފާހަގަ ކުރައްވައި، ރާއްޖޭގެ މިނިވަން މުޢައްސަސާތައް ‏‏ހަރުދަނާކުރުމުގެ މަސައްކަތުގައި، އެކި ދާއިރާތަކުން މީހުން ބިނާކުރުމަކީ ސަރުކާރުން ވަރަށް ބޮޑު ‏‏އިސްކަމެއް ދެއްވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ރަޝިޔާގެ ‏‏ޕްރޮސެކިއުޓަރ ޖެނެރަލްގެ މި ދަތުރުފުޅުގެ ސަބަބުން، ރާއްޖޭގެ ދައުލަތުގެ ވަކީލުންނަށް ވަރަށް ‏‏ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.‏

‏މި ބައްދަލުކުރެއްވުމުގައި ރަޝިޔާގެ ޕްރޮސެކިއުޓަރ ޖެނެރަލް ދެއްކެވި ‏‏ވާހަކަފުޅުގައި، ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކުން، އެޤައުމުން އަބަދުވެސް ‏‏އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ. މިގޮތުން، އެހީތެރިކަން ބޭނުންވަނީ ‏‏ކޮން ދާއިރާތަކުންތޯ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އޮޅުން ފިލުއްވިއެވެ. އަދި، ‏‏ރަޝިޔާގެ އެކެޑެމީ އޮފް ދަ ޕްރޮސެކިއުޓަރ ޖެނެރަލްސް އޮފީސްގެ ފަރާތުން، ރާއްޖޭގެ ދައުލަތުގެ ‏‏ވަކީލުންނަށް ތަމްރީންގެ ފުރުޞަތު ފަހިކޮށްދެއްވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާ ‏‏ކުރެއްވިއެވެ.‏

‏ރަޝިޔާގެ ޕްރޮސެކިއުޓަރ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި، ޖިނާޢީ ކުށްތަކުގެ ‏‏ދަޢުވާ އުފުލުމުގެ އިތުރުން ރަޝިޔާގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރަމުން ގެންދާ ‏‏މުހިންމު އެކިއެކި މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވިއެވެ. ‏‏އަދި، މި ދާއިރާއިން ރާއްޖެއަށް ބޭނުންވާ ލަފާދިނުންފަދަ، އެކިއެކި ދާއިރާތަކުން ރާއްޖެއަށް ‏‏އެއްބާރުލުން ދެއްވަން ރަޝިޔާއިން ތައްޔާރަށް އޮތް ކަމުގައިވެސް ރަޝިޔާގެ ޕްރޮސެކިއުޓަރ ‏‏ޖެނެރަލް ވިދާޅުވިއެވެ. ‏

‏މިބައްދަލުކުރެއްވުމުގައި، ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު މުހުތާޒް ‏‏މުޙުސިނާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ ‏‏އޮފީހުގެ މިނިސްޓަރ މުޙައްމަދު ޙުސައިން ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.‏