‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ‏ތިލަދުންމަތި އުތުރުބުރީ ‏‏ކުޅުދުއްފުއްޓަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ރޭ ބައްދަލުކުރައްވައިފިއެވެ. ކުޅުދުއްފުށީ ‏‏ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކުޅުދުއްފުއްޓަކީ ‏‏އާބާދީގެ ގޮތުން ބޮޑު، އަދި ‏ރާއްޖޭގެ ގިނަ ރަށްރަށަށް ވުރެން ތަރައްޤީގެގޮތުން ކުރިއަރަފާއިވާ ‏‏ރަށެއްކަން ފާހަގަކުރެއްވިއެވެ. ‏އަދި، އިޤްތިޞާދީ ތަރައްޤީއާއި އެހެނިހެން ގޮތްގޮތުން ‏‏ބެލިކަމުގައިވީނަމަވެސް، އުތުރުގެ ތަރައްޤީގެ ‏‏ނާރެހަކީ ކުޅުދުއްފުށިކަމުގައި ފާހަގަކުރައްވަމުން، ‏‏އެމަނިކުފާނުގެ ސަރުކާރުން ތިލަދުންމައްޗަށް ‏‏އަމާޒުކުރައްވައިގެން ހިންގެވުމަށް ހަމަޖެހިފައިވާ ‏‏ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ‏‏އަލިއަޅުއްވައިލެއްވިއެވެ. ‏

‏މިސަރުކާރުން ކުރައްވާ މަސައްކަތްތަކީ އިޤްތިޞާދީގޮތުން ރައްޔިތުން މިހާރު އޮތް ‏‏‏ހަމައިން އެހެން ‏‏ފައްތަރަކަށް ގެންދިއުންކަމުގައި ބަޔާންކުރައްވަމުން، ޓުއަރިޒަމް ކުރިއެރުވުމަށާއި، ‏‏އަތޮޅުތަކުގެ ތަރައްޤީއަށާއި، ފަރުދުންގެ ތަނަވަސްކަން އިތުރުކުރުމަށް އިޤްތިޞާދީ އާ ‏‏ވިސްނުންތަކެއް ގެނައުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ‏‏މިމޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ޤައުމުގެ އިޤްތިޞާދު ‏‏އާރާސްތުކުރުމަށްޓަކައި، ‏ސަރުކާރުން ޚާއްޞަ އިޤްތިޞާދީ ސަރަހައްދުތަކެއް ޤާއިމުކުރުމަށް ‏‏ނިންމަވާފައިވާކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން، ހދ. އަތޮޅުގެ ތަރައްޤީއަށް އަމާޒުކޮށްގެން ‏‏އެއަތޮޅުން ފަސް ރިސޯޓު ހަދަން ސަރުކާރުން ނިންމާފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ‏‏ވާހަކަފުޅުގައި އިޢުލާނު ކުރެއްވިއެވެ. ރިސޯޓު ތަރައްޤީކުރުމަށް ސަރުކާރުން އިޢުލާނުކުރެއްވި ފަސް ‏‏ރަށަކީ ދިއްޕަރުފުށްޓާއި، ވައިކަރުމުރާދޫއާއި، ކަނަމަނައާއި ‏‏ކުޑަފަރުގެ އިތުރުން ކޭލަކުނެވެ. ‏

‏މިސަރުކާރުގެ ވައުދުތަކުގެ މައްޗަށް ބައްލަވާލައްވަމުން، ކުޅުދުއްފުށީގައި އެއަޕޯޓެއް ‏‏އެޅުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި، ‏‏ކުޅުދުއްފުއްޓަކީ އުތުރުގެ ނާރެހަށް ވުމާއެކު، އަތޮޅަށް އިޤްތިޞާދީ ކުރިއެރުން ލިބެންއޮތީވެސް ‏‏އެރަށުގައި އެއަރޕޯޓެއް އެޅިގެންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.‏

‏‏‏ޒުވާނުންނަށް ފަހި ‏‏‏މުޖުތަމަޢެއް ބިނާކުރުމުގެގޮތުން ސަރުކާރުން ކުރައްވަމުން ‏‏ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށްވެސް ‏‏‏ރައީސުލްޖުމްހުރިއްޔާގެ ވާހަކަފުޅުގައި ‏‏ބައްލަވައިލެއްވިއެވެ‏‎.‎‏ މިގޮތުން ޓުއަރިޒަމް ކުރިއެރުވުމަށް ސަރުކާރުން މިކުރައްވާ މަސައްކަތްޕުޅުގެ ‏‏ސަބަބުން، ‏ޒުވާނުންނަށް ވަޒީފާތަކާއި، އިޤްތިޞާދީ ފުރުޞަތުތައް އިތުރުވެގެންދާނެކަން ‏‏ބަޔާންކުރެއްވިއެވެ. ‏ ‏