ރައްޔިތުން ބޭނުންވާ ކަންކަން ހުހެއް ނުވާނެ ކަމަށާއި، އެހެންނަމަވެސް، ހުރިހާ ރައްޔިތުންވެސް ކެތްތެރިކަމާއެކު ސަރުކާރާއެކީ ސާބިތުވެ ތިބުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ، ތިލަދުންމަތި އުތުރުބުރީ ހޯރަފުށީ ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީ ގޮތުން ފަށްޓަވައިދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުގެ ޚިދުމަތްތަކަކީ ވަކި ރަށަކަށް ޚާއްޞަ ކުރެއްވިފައިވާ ޚިދުމަތްތަކެއް ނޫން ކަމަށާއި، އެއީ މުޅި ދިވެހިރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދެއްވަންޖެހޭ ޚިދުމަތްތަކެއް ކަމުގައި ވިދާޅުވިއެވެ. އަދި، މި ސަރުކާރުގެ އަމާޒަކީ، މާތް ﷲގެ ރަޙްމަތާއެކީ، ދިވެހިރާއްޖެ ދުވަހަކުވެސް ނުދެކޭ ވަރުގެ ތަރައްޤީއެއް، މި 5 އަހަރު ނިމިގެންދާއިރު ރައްޔިތުންނަށް ފޯރުކޮށްދެއްވުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހޯރަފުށީ ރައްޔިތުންނާ މުޚާތަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެރަށުގެ ތަރައްޤީއަށްޓަކައި ސަރުކާރުން ރާއްވަވާފައިވާ އެކިއެކި މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، ހޯރަފުށީގެ އާންމު ޙާލަތު ރަނގަޅު ކުރެއްވުމަށް ސަރުކާރުން އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކާއި، އިހަވަންދިއްޕޮޅު ޞަރަޙައްދަށް ޚާއްޞަކުރެވިފައިވާ "އައިހޭވަން" މަޝްރޫޢާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ޙިއްސާ ކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި، އެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ. މިގޮތުން، ޞިއްޙީ ޚިދުމަތްތައް މުޅި ރާއްޖެއަށް ފެތުރިގެންދާއިރު ސަރުކާރުން ތަޢާރަފްކުރައްވާ "ޓެލެމެޑިސިން"ގެ ޚިދުމަތާއި، ސީ-އެމްބިޔުލެންސްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ގޮތެއްގައި ފާހަގަ ކުރެއްވިއެވެ. އަދި، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އަގުހެޔޮކޮށް ބޭސް ލިބޭނެ އިންތިޒާމު، އެސް.ޓީ.އޯ މެދުވެރިކޮށް ސަރުކާރުން ކުރައްވަމުން ގެންދަވާކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.