ހިޖުރީ އާ އަހަރެއް ފެށުމާ ގުޅިގެން، ދިވެހިރާއްޖޭގެ ލޮބުވެތި އުޚުތުންނަށާއި އަޚުންނަށް، މި އުފާވެރި މުނާސަބަތުގެ ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް މަތިވެރި އުފަލެކެވެ. ހަމައެޔާއެކު، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމާޢަތްތަކުގެ ވެރިންނަށްވެސް މިމުނާސަބަތުގެ ތަހުނިޔާ ދަންނަވައި، ހެޔޮއެދުންތައް އަރިސްކުރަމެވެ.
 
ހިޖުރީ ތާރީޚުގެ ފެށުން ގުޅިފައިވަނީ، އިސްލާމީ ތާރީޚުގެ ވަރަށް ޢިބްރަތްތެރި ހާދިސާއެއް ކަމަށްވާ ކީރިތި ރަސޫލާ مُحَمَّـدرســول اللّـه صـلّى الله علـيـه وسـلّم، މައްކާ ދޫކުރައްވައި މަދީނާއަށް ކުރެއްވި މަތިވެރި ހިޖުރައިގެ ހާދިސާއާއެވެ. ހިޖުރައިގެ އެ ހާދިސާއަކީ، މުސްލިމް އަޚުންނާއި އުޚުތުންގެ މެދުގައި ޤާއިމްކުރެވިފައި އޮންނަންޖެހޭ ލޯތްބާއި، އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގާތް ގުޅުން ހަނދާންކޮށްދޭ މުހިންމު ހާދިސާއެކެވެ. މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އަޚުވަންތަކަމުގެ ގާތް ގުޅުން ބަދަހިކުރުމަށް އިސްލާމްދީން ގޮވާލާފައިވާ މިންވަރު، ހިޖުރައިގެ ހާދިސާއިން ހަނދާނަށް ގެނުވައެވެ.
 
ހިޖުރީ އާ އަހަރަކާ ކުރިމަތިލާއިރު، އިސްލާމީ އުންމަތަށް މިއަދު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ނުރައްކާތަކުގެ މަތިންވެސް އަޅުގަނޑުމެން ހަނދާންކުރަން ޖެހެއެވެ. އަދި އެކަންކަމުން ޢިބްރަތް ޙާޞިލްކޮށް، އަޅުގަނޑުމެންގެ މެދުގައި މިއޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުމަށް އެއްވެސް ބުރުލެއް އެރިޔަނުދީ، އެއްބައިވަންތަ ބައެއްގެ ގޮތުގައި އަބަދުވެސް ދެމިތިބުމުގެ ޢަޒުމް ކަނޑައަޅަން އެބަޖެހެއެވެ.
 
އިސްލާމްދީނަކީ އެކުވެރިކަމަށާއި އިންސާނީ ކަރާމާތަށް ގޮވާލާ ދީނަކަށް ވުމާއެކު، އެހެން މީހުންގެ ޙައްޤުތަކަށް ރައްކާތެރިވެވަޑައިގެން، އެ ކަންކަމަށް އިޙްތިރާމް ކުރުމުގެ ޢަޒުމް ކަނޑައެޅުއްވުމަށް މި މުނާސަބަތުގައި، ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ. އަދި އަޅުގަނޑުމެންގެ މެދުގައި މިއޮތް އުޚުއްވަތްތެރި ކަމުގެ ގުޅުމަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ނުވަތަ އެއްވެސް ޢަމަލެއް، އެއްވެސް ފަރާތަކުން ނުހިންގުމަށާއި، ޤައުމީ މަޞްލަޙަތަށްވުރެ އަމިއްލަ މަޞްލަޙަތު ކުރިއަށް ނުނެރުއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ. ހަމައެހެންމެ، ހިޖުރައިގެ މަތިވެރި ހާދިސާއިން ޢިބްރަތް ލިބިގަނެ، އިސްލާމީ އުޚުއްވަތްތެރި ކަމުގެ ރިވެތި ނަމޫނާ ދެއްކެވުމަށްވެސް އަޅުގަނޑު ގޮވާލަމެވެ.
 
މާތްﷲ، މި ފެށުނު 1436 ވަނަ އަހަރަކީ، ދިވެހިރާއްޖެއަށާއި، ދިވެހިރާއްޖޭގެ ލޮބުވެތި އަޚުންނަށާއި އުޚުތުންނަށް، ބާއްޖަވެރި އުފާވެރި އަހަރެއް ކަމުގައި ލައްވާށިއެވެ! އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ސާބިތުކަމާއެކު ދެމިތިބުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށިއެވެ! އަޅުގަނޑުމެންގެ މެދުގައި އެއްބަނޑުއެއްބަފާކަމާއި އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރައްވާށިއެވެ! އިސްލާމީ ޤައުމުތަކުގެ މެދުގައި ޞުލްޙައާއި އަމާންކަން ޤާއިމުކުރައްވާށިއެވެ!
 
1  މުޙައްރަމް 1436
25 އޮކްޓޫބަރު 2014