بســم اللّـه الرّحمـن الرّحيــم

 
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى مَن لا نبي بعده.
 
މިނިސްޓަރ އޮފް ލޯ އެންޑް ޖެންޑަރ، އެޓަރނީ ޖެނެރަލް އަލްއުސްތާޛު މުޙަންމަދު އަނިލް، ދައުލަތުގެ ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، މިނިސްޓަރ އޮފް ލޯ އެންޑް ޖެންޑަރގެ ވަޒީރުން، މިނިސްޓްރީގެ އިސްވެރިން، އެ މިނިސްޓްރީގެ ވަރަށް މުރާލި، ހީވާގި، ފަޚްރުވެރި ސްޓާފުން، މިރޭގެ މި އުފާވެރި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހައި ޖަލީސުން، މި މުހިންމު އިޙްތިފާލު، ދުރާއި ގާތުން ބައްލަވައި އަދި އަޑުއައްސަވަމުން ގެންދަވާ ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه،
 
އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ކަމަށް އަޅުގަނޑު ދެކެނީ، މިދިޔަ ކުރު މުއްދަތުގެ ތެރޭގައި، ރާއްޖޭގެ ރައްޔިތުން ފަޚްރުވެރިވާފަދަ ގޮތަކަށް، ގިނަ އަދި މުހިންމު ދާއިރާތަކާ ގުޅޭގޮތުން ވޭތުވެދިޔަ ދުވަސްކޮޅުގެ ތެރޭގައި، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ފަރާތުން އެޓަރނީ ޖެނެރަލް މުޙަންމަދު އަނިލް އިސްވެ ހުންނަވައިގެން، އެ މިނިސްޓްރީ ހިންގުމާ ޙަވާލުވެވަޑައިގެން ތިއްބެވި އަދި މިނިސްޓްރީގެ ހީވާގި ވެރިންނާއި މުވައްޒަފުން ހިމެނޭގޮތުން އެކުލަވައިލެވި، މިރޭ އަޅުގަނޑުމެންނަށް ފެނިގެންދިޔަ މުހިންމު ޕްރޮގްރާމްތައް ރާވައި އިންތިޒާމުކޮށް، ކުރިއަށް އޮތް ދުވަސްތަކުގައި، މި ޕްރޮގްރާމް ރާއްޖޭގައި ހިންގުމަށް ހަމަޖައްސަވައިދެއްވި ކަމަށްޓަކައި މިނިސްޓަރަށާއި، މިނިސްޓްރީގެ ހީވާގި ވެރިންނަށް އަދި އެންމެހާ މުވައްޒަފުންނަށް އައްސަރިބަހާއި، ސާބަހާއި ޝުކުރު އަދާކުރުން.
 
މިރޭ މި އުފާވެރި އިޙްތިފާލުގައި، އަޅުގަނޑުމެން އިށީނދެ ތިބިއިރުގައި، ފެނިގެން މިދިޔައީ ވަރަށް ގިނަގުނަ މަސައްކަތްތަކެއް، މިނިސްޓްރީން ރާވައި އިންތިޒާމު ކުރިތަން. ގިނަ މަސައްކަތްތަކެއް، އާ ހިތްވަރަކާ އެކީގައި ފެށިގެން މިދިޔައީ. ޝައްކެއްނެތްގޮތުގައި، މިރޭ މިފެށުނު މަސައްކަތްތަކުގެ މުހިންމު މަޤްޞަދުތަކެއްވޭ. އަޅުގަނޑު ދެކޭގޮތުގައި އެންމެ މުހިންމު އެއް މަޤްޞަދަކީ، އަޅުގަނޑުމެން ތަހުޒީބީ މުޖުތަމަޢަކަށް ވާސިލުވުމަށްޓަކައި ފަށްޓާފައިވާ މަސައްކަތުގެ ތެރެއިން، މިރޭ މި އިޙްތިފާލުގައި އިފްތިތާޙު ކުރެވިގެންދިޔަ ޕްރޮގްރާމްތައް ވެގެންދާނީ، މިދެންނެވި މަންޒިލަށް ވާސިލުވުމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅުތަކަކަށް. މިއަދު މި މަސައްކަތުގެ އަމާޒަކީ، ޝައްކެއްނެތްގޮތުގައި، ދިވެހި މުޖުތަމަޢަކީ އެންމެން އެކީގައި، އެކަކު އަނެކަކަށް އަޅާލާ މުޖުތަމަޢަކަށް ވުމުގެ އިތުރުން، ޙައްޤުތައް ކުރިއެރުވުމުގައި މި ސަރަޙައްދުގައި ނަމޫނާ މުޖުތަމަޢަކަށް ހެދުން. މިއީ އިރާދަކުރެއްވިއްޔާ، ރާއްޖެ ދަތުރުކުރަމުންދާ މަންޒިލް. އަދި މިއީ ﷲގެ އިރާދަފުޅާއެކީގައި، އަޅުގަނޑުމެންނަށް ޙާޞިލުވާނެ މަޤާމެއް.
 
ޢިއްޒަތްތެރި ޖަލީސުން، ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން.
 
އެކަކު އަނެކަކަށް އަޅާލުމާއި، ކުލުނާއި އޯގާތެރިކަމާއި، އުޚުއްވަތްތެރިކަމުގެ ގުޅުން އިތުރަށް އާލާކުރުމަކީ، މިއަދު ހުރިހާ މުޖުތަމަޢެއްގައިވެސް އިތުރު ހިތްވަރެއް ކޮށްގެން ކުރިއަށް ގެންދާ މަސައްކަތެއް. އަންހެނުންނަށާއި، ކުޑަކުދިންނަށާއި އަދި ޢުމުރުން ދުވަސްވީ ފަރާތްތަކުގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭންޖެހޭ ސަމާލުކަން އިތުރުކުރަންޖެހޭ ސަބަބުތައް އެބަހުރިކަން މިއަދު މުޅި ދުނިޔެވެސް ގަބޫލުކުރާ ފަދައިން، އަޅުގަނޑުމެންގެ މި ދިވެހިރާއްޖެއިންވެސް އެކަން ގަބޫލުކުރަން އެބަޖެހޭ. ޚާއްޞަ ގޮތެއްގައި، މިރޭ އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، މިރޭގެ މި އިޙްތިފާލުގެ ތެރެއިން ވަރަށްގިނަ މަސައްކަތްތަކެއް އިންތިޒާމު ކުރެވިފައި ވަނީ، ރާއްޖޭގެ ކުޑަކުދިންނަށް، އަންހެން ބޭކަނބަލުންނަށް، ޢުމުރުން ދުވަސްވީ ފަރާތްތަކަށް އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން.
 
އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ކުޑަކުދިން ދެކެ ލޯބިވުމަކީ، ކުޑަކުދިންނަށް ދޭންޖެހޭ ޞިއްޙީ އެއްވެސް ޚިދްމަތަކުން އެ ކުޑަކުއްޖާ މަޙްރޫމް ނުކުރުން. ކުޑަކުދިން ދެކެ ލޯބިވުމަކީ، ކުޑަކުދިންނަށް ލިބެންޖެހޭ ތަޢުލީމީ އެއްވެސް ފުރްޞަތަކުން އެ ކުޑަކުއްޖާ މަޙްރޫމް ނުކުރުން. ކުޑަކުދިން ދެކެ ލޯބިވުމަކީ، ކުޑަކުދިންނަށް ދޭންޖެހޭ ރައްކާތެރި މާޙައުލު، އެކުދިންނަށް އަޅުގަނޑުމެން ފަހިކޮށްދިނުން. ކުޑަކުދިން ދެކެ ލޯބިވުމަކީ، ކުޑަކުދިންގެ ތެރޭގައި، ޖިންސުގެ މައްޗަށް ބިނާކޮށް ތަފާތުނުކުރުން. ކުޑަކުދިން ދެކެ ލޯބިވުމަކީ، ތުއްތު އަންހެންކުއްޖާއަށް އިސްލާމީ ތަރުބިއްޔަތުގެ ނަމުގައި، ޖިންސީ ގޯނާތައް ނުކުރުން. ކުޑަކުދިން ދެކެ ލޯބިވުމަކީ، ޘަޤާފީ ކަންތައްތަކުގެ ތެރެއިން ތުއްތު އަންހެން ކުއްޖާއަށް ޖިސްމާނީ އަނިޔާ ލިބޭފަދަ ޢަމަލުތައް، ދީނުގެ ނަމުގައި ކުރުން ހުއްޓުވުން.
 
ތުއްތު ކުދިންނަށާއި، ޢުމުރުން ދުވަސްވީ ފަރާތްތަކަށާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، މި ސަރުކާރުން ވަނީ ޚާއްޞަ ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް ފަށާފައި. ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ޚާއްޞަ ގޮތެއްގައި ރާއްޖޭގެ ކުޑަކުދިންގެ ޙައްޤުތައް ކުރިއެރުވުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ފަށްޓަވައި ދެއްވާފައިވޭ. މި މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި، އެއްވެސް ކުއްޖަކު ތަޢުލީމީ ޙަޔާތުން ބާކީނުކުރުމުގެ ސިޔާސަތަކީ ފާހަގަކޮށްލެވޭ މަސައްކަތެއް. ރާއްޖޭގެ އަންހެން ބޭކަނބަލުންގެ ޙައްޤުތައް ކުރިއެރުވުމަށްޓަކައި ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފަށްޓަވާފައިވާ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި، ސަރުކާރުގެ މަތީ ވަޒީފާތަކަށާއި، ސަރުކާރުގެ ކުންފުނިތަކަށާއި، އެ ކުންފުނިތަކުގެ ބޯޑުތަކަށް އަންހެން ބޭކަނބަލުން ޢައްޔަނު ކުރުން ހިމެނިގެން ގޮސްފައި ވަނީ، އަންހެން ބޭކަނބަލުން އިޤްތިޞާދީ ދާއިރާއިންނާއި، އިޖުތިމާޢީ ދާއިރާއިންނާއި، ހިންގުމުގެ ދާއިރާއިން އަދި ހަމައެޔާއެކީ ސިޔާސީ ދާއިރާއިން ބާރުވެރިކުރުވުމަށްޓަކައި އެޅުއްވި މުހިންމު ފިޔަވަޅަކަށް.
 
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒު ކުރައްވައިގެން، ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ފަށްޓަވާފައިވާ ޚާއްޞަ މަސައްކަތްތަކުގެ ތެރޭގައި، ބޯހިޔާވަހިކަމުގެ ތަނަވަސްކަން ފޯރުކޮށްދިނުމުގެ ގޮތުން، މިފަދަ ޢާއިލާތަކަށް ޚާއްޞަ ސަމާލުކަމެއް ދީގެން މިހާރުވަނީ މަޝްރޫޢެއް ފަށްޓަވައިދެއްވާފައި. އެހެންކަމުން، ޖުމްލަ ގޮތެއްގައި މިދެންނެވި މަޝްރޫޢުތަކަށް، މިދެންނެވި ޕްރޮގްރާމްތަކަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން، ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ފަށްޓަވާފައިވާ ޕްރޮގްރާމްތަކަށް، މިރޭ ތިޔަ ހުރިހާ ބޭފުޅުންގެ ނަންފުޅުގަޔާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި އެމަނިކުފާނަށް ވަރަށް ޚާއްޞަ ޝުކުރެއް އަރިސްކުރަން.
 
އަޅުގަނޑުމެން މިއަދު މި ކުރަމުންދާ މަސައްކަތަކީ، އެއްވެސް ހާލެއްގައި އާ މަސައްކަތެއް ނޫން. މިއަދު އެކިއެކި ބައިނަލްއަޤްވާމީ މުޢާހަދާތަކާއި އަދި އޭގެއިތުރުން، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ފަރުދުންނާއި، ޝަޚުޞުންނާއި، އެކިއެކި ޤައުމުތަކާއި، މުޖުތަމަޢުތަކުން، އަންހެނުންނާއި ކުޑަކުދިންނާއި، ޢުމުރުން ދުވަސްވީ ފަރާތްތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ފަށާފައިވާ މަސައްކަތަކީ، އެއްވެސް ހާލެއްގައި އާ މަސައްކަތްތަކެއް ނޫން. މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢު، މި މަސައްކަތް ބަލައިގަންނަންވީ، އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން. އަޅުގަނޑުމެން އެ ދީނަކަށް ތަބަޢަވާ އިސްލާމްދީން، މިދެންނެވި ހުރިހާ ދާއިރާތަކުން ވަނީ އަޅުގަނޑުމެންނަށް ކުރިއަށްދާނެ މަގު ގެނެސްދީފައި. އެކަމުގެ އިރުޝާދުތައް ގެނެސްދީފައި ވަނީ. މި އުޞޫލުތަކާއި، މި ހަމަތަކާއި، މި ޤާނޫނުތައް އަޅުގަނޑުމެންނާ ހަމަޔަށް، މި ކުލުނާއި މި އަޅާލުން އަޅުގަނޑުމެންނަށް ވަނީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގެ ތެރެއިން ގެނެސްދީފައި.
 
އަޅުގަނޑު ފާހަގަކުރަން، މިއަދުގެ ސަރުކާރުން، ޢުމުރުން ދުވަސްވީ ފަރާތްތަކަށް އަމާޒުކޮށްގެން ކޮށްފައިވާ މަސައްކަތަކީ، މިއަދު އަޅުގަނޑުމެން އެކަމަކަށް ޙަޤީޤަތުގައި ޝުކުރު އަދާކުރަންޖެހޭ ކަމެއް. މިއަދުގެ ސަރުކާރު ވުޖޫދަށް އައީ، ޚާއްޞަ ވަޢުދެއްވެގެން. އެއީ، ޢުމުރުން ދުވަސްވީ ކޮންމެ މީހަކަށް ފަސްހާސް ރުފިޔާގެ ޚާއްޞަ ޢިނާޔަތެއް ދިނުމަށް ވަޢުދުވެގެން. މިއަދު ރާއްޖޭގެ ކޮންމެ ޢުމުރުން ދުވަސްވީ ފަރާތަކަށް، މިދެންނެވި ޢިނާޔަތްތައް ދަނީ ލިބެމުން. މިއީ ހަމަ ޔަޤީނުންވެސް ރާއްޖޭގެ އެތަކެއް ޢާއިލާތަކަށް، އެކަމުގެ ސަބަބުން ފިނިކަން ލިބިގެންދާނެ ކަމެއް. މިއީ އިސްލާމީ ޝަރީޢަތުގައި، ޤައުމެއްގެ މައްޗަށް ލާޒިމުކުރާ ކަންތައްތައް. މިއީ ޤައުމެއްގެ ވެރިން، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދްމަތްތަކެއް.
 
މިރޭ އެޓަރނީ ޖެނެރަލް އަދި އެ މިނިސްޓްރީގެ ޢިއްޒަތްތެރި ވެރިން، ހީވާގި މުވައްޒަފުން މި ފެށި މަސައްކަތަކީ، ވަރަށް މަތިވެރި އިސްލާމީ ތަރުބިއްޔަތުގެ ތެރެއިން އައިސްފައިވާ ކަންތައްތަކެއް. މި މަސައްކަތް ކުރެވޭނީ، ހިތުގައި ކުލުނު އޮވެގެން. މި މަސައްކަތް ކުރެވޭނީ، ލޯތްބާ އެކީގައި. މި މަސައްކަތް ކުރެވޭނީ، މިކަން ކުރާހިތުން. ތިމާގެ ހިތުން މިކަން ގަބޫލުކޮށްގެން. ކީރިތި ރަސޫލާ ޙަދީޘްފުޅު ކުރައްވާފައިވަނީ، السَّاعِي علَى الأَرْمَلَةِ وَالمِسْكِينِ كَالمُجاهِدِ في سبيلِ اللَّه މި މަތިވެރި ޙަދީޘްފުޅުގައި، ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވަނީ، ހުވަފަތް އަންހެނާއާއި މިސްކީނަކު ބެލެހެއްޓުމަށް ކުރިމަތިލައި އެކަމުގައި ދެމިހުރެއްޖެ މީހާ ދަންނާށެވެ. (ދަރުމައިގެ ގޮތުން) އޭނާއެކޭ ﷲގެ މަގުގައި ޖިހާދުކުރާ މުޖާހިދެކޭ އެއްވަރުވެގެންވެއެވެ.
 
މިއީ މިއަދު އަޅުގަނޑުމެން ދެނެގަންނަންވީ ދަރުސް. މިއީ މިއަދު އަޅުގަނޑުމެން ގަބޫލުކުރަންވީ ޙަޤީޤަތް. މި މަތިވެރި އުޞޫލުތައް އައިސްފައިވަނީ، އަޅުގަނޑުމެންނާ ހަމަޔަށް، ހަމައެކަނި ބައިނަލްއަޤްވާމީ މުޢާހަދާތަކަކުންނެއް ނޫން. މި މަތިވެރި ދަރުސްތަކާއި ހަމަތައް އަޅުގަނޑުމެންނަށް އެއަށް ތަބަޢަވުމަށް ލާޒިމް މިކުރަނީކީ، އެއްވެސް ހާލެއްގައި މިހާރު ވުޖޫދަށް އައިސްފައި ހުރި ޤާނޫނުތަކާއި، ވަކި މުޢާހަދާތަކުގެ ތެރޭގައި އެކަންޏަކު ނޫން.
 
ކީރިތި ޤުރްއާނުގައި اللّـه سبحـانـه وتعـالىވަޙީކުރައްވާފައިވަނީ، وَمَا لَكُمْ لَا تُقَاتِلُونَ فِي سَبِيلِ اللَّـهِ وَالْمُسْتَضْعَفِينَ مِنَ الرِّ‌جَالِ وَالنِّسَاءِ وَالْوِلْدَانِ الَّذِينَ يَقُولُونَ رَ‌بَّنَا أَخْرِ‌جْنَا مِنْ هَـٰذِهِ الْقَرْ‌يَةِ الظَّالِمِ أَهْلُهَا وَاجْعَل لَّنَا مِن لَّدُنكَ وَلِيًّا وَاجْعَل لَّنَا مِن لَّدُنكَ نَصِيرً‌ا ﴿النساء: ٧٥﴾ މިއާޔަތުގައި، އަޅުގަނޑުމެންނާ ހަމަޔަށް އައިސްފައިވަނީ އަޅާލުމުގެ ފުރިހަމަ އުޞޫލު. اللّـه سبحـانـه وتعـالىވަޙީކުރައްވަނީ، ﷲގެ މަގުގައްޔާއި، އަދި ފިރިހެނުންނާއި، އަންހެނުންނާއި، ކުޑަކުދިންގެ ތެރެއިން، ނިކަމެތިވެގެންވާ މީހުން ސަލާމަތްކުރުމުގެ މަގުގައި، ތިޔަބައިމީހުން ހަނގުރާމަ ނުކުރާންވީ ކީއްވެގެން ހެއްޔެވެ؟ އެއުރެންނީ، (މިފަދައިން) ދުޢާކުރާ މީހުންނެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! އެރަށުގެ އަހުލުވެރިން އަނިޔާވެރިވެގެންވާ މިރަށުން އަޅަމެން ނެރުއްވައިފާނދޭވެ! އަދި އިބަރަސްކަލާނގެ ޙަޟްރަތުން ވާގިވެރިޔަކު އަޅަމެންނަށް ލައްވައިފާނދޭވެ! އަދި އިބަރަސްކަލާގެ ޙަޟްރަތުން ނަޞްރުވެރިޔަކު އަޅަމެންނަށް ލައްވައިފާނދޭވެ!
 
 މިއީ މިއަދު އަޅުގަނޑުމެން މިކުރަމުންދާ މަސައްކަތް. ކުޑަކުދިންނަށް، އަންހެނުންނަށް، ނިކަމެތިންނަށް، ޢުމުރުން ދުވަސްވީ ފަރާތްތަކަށް، ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް އަޅާލުމަކީ، އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ދީން ވާޖިބުކުރާ ކަމެއް. އަޅުގަނޑުމެންގެ އަޚްލާޤިއްޔާތު އަޅުގަނޑުމެންނަށް ލާޒިމްކުރާ ކަމެއް. އަޅުގަނޑުމެންގެ ދިރިއުޅުމުގެ ހަމަތަކުގެ ތެރެއިން އަޅުގަނޑުމެން ޢަމަލުކުރާ ކޮންމެ ކަމެއް، އެ މައްޗަށް އަޅުގަނޑުމެންނަށް ލާޒިމްކުރާ ކަމެއް. ކީރީތި ރަސޫލާއަށްފަހުގައި، ޢުމަރު ބުނުލް ޚައްޠާބު އަދި ޢުމަރު ބުނުލް ޢަބްދުލްޢަޒީޒް، މިދެބޭކަލުންގެ ޒަމާނުގައިވެސް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން، އިޖުތިމާޢީ ރައްކާތެރިކަން ވަނީ ކުރިއަށް ގެންގޮސްފައި. ޢުމަރު ބުނުލް ޚައްޠާބު ކުރެއްވި ކަންތައްތަކުގެ ތެރޭގައި، ލޯފަން މީހުންނާއި، ނުކުޅެދުންތެރިކަން ހުރި މީހުންނަށް ޚިދްމަތް ކުރުމަށްޓަކައި ފައިސާދީގެން މުވައްޒަފުން ގެންގުޅުއްވި ކަމަށް ވާރިދުވެފައިވޭ. އަދި އޭގެއިތުރުން، ދަތުރުފަތުރު ކުރުމުގެ އިންތިޒާމް އެމީހުންނަށް ހަމަޖައްސަވައިދެއްވާފައިވޭ.
 
މިރޭ ފެށިގެން މިދިޔަ ޕްރޮގްރާމްގެ ތެރޭގައި، އަޅުގަނޑުމެން މި ފަށަނީ، ޞިއްޙީ ޚިދްމަތް، ޚާއްޞަ ގޮތެއްގައި، އުމުރުން ދުވަސްވީ މީހުންނަށް ވަކި އިންތިޒާމެއްގެ ދަށުން ގޭގައި ތިބެގެންވެސް ލިބިދެވޭނެގޮތް. މިދެންނެވި އިންތިޒާމްތަކަކީ އަޅުގަނޑުމެންނަށް އިސްލާމީ ޘަޤާފަތުގެ ތެރެއިން މާކުރިން ހަމަޖެހިގެން ޢަމަލުކުރަމުން އައިސްފައި ހުރި ކަންތައްތަކެއް. ޢުމަރު ބިން ޢަބްދުލްޢަޒީޒްގެ ޒަމާނުގައި، ޒުވާނުންގެ ތެރެއިން ކައިވެނިކުރުމަށް ނުކުޅެދިފައިވާ ފަރާތްތަކަށް، ކައިވެނި ކުރުމަށް ހިތްވަރު ދިނުމަށްޓަކައި ފައިސާގެ އެހީވެސް ފޯރުކޮށްދެއްވާފައިވޭ. މިފަދަ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމު ވަނީ އިސްލާމީ ޘަޤާފަތުގެ ތެރެއިންނާއި، ޙަޟާރަތުގެ ތެރެއިން އަޅުގަނޑުމެންނާ ހަމަޔަށް ގެނެސްދީފައި. އެހެންވީމާ، ކީރިތި ރަސޫލާ ޙަދީޘްފުޅު ކުރައްވާފައިވަނީ، ވަރަށް މުހިންމު ބަސްފުޅެއް. އެކަލޭގެފާނު ޙަދީޘްފުޅު ކުރައްވާފައިވަނީ، ابْغونِي في الضُّعَفَاءَ، فَإِنَّمَا تُنْصرُونَ، وتُرْزقون بضُعفائِكُمْ ވަރަށް މުހިންމު ޙަދީޘްފުޅެއް. އެކަލޭގެފާނުޙަދީޘްފުޅު ކުރައްވަނީ، ތިމަންކަލޭގެފާނުގެ އަރިހަށް ބަލިކަށި ދެރަ މީހުން އަރިސްކުރާށެވެ! ބަލިކަށި ދެރަ މީހުން އަރިސްކުރާށެވެ! ސަބަބަކީ ކޮބައިތޯ؟ ފަހެ، ހަމަކަށަވަރުން ތިޔަބައިމީހުންނަށް ނަޞްރު ދެއްވަނީ، އަދި ތިޔަބައިމީހުންނަށް ރިޒުޤު ދެއްވަނީ ތިޔަބައިމީހުންގެ ތެރޭގައި ތިބި ދެރަ ނިކަމެތި މީހުންގެ ސަބަބުންނެވެ. މިއީ އަޚްލާޤީ ފިލާވަޅަކީ. އެއްވެސް ހާލެއްގައި، އެއްވެސް ހާލެއްގައި، އަޅުގަނޑުމެންގެ މުޖުތަމަޢުގައި ތިބި ނިކަމެތި މީހުން، ބަލިކަށި މީހުން، ނުކުޅެދުންތެރިކަން ހުރި މީހުން، އިޖުތިމާޢީ ރައްކާތެރިކަމަށް ބޭނުންވެފައި ތިބި މީހުންނަކީ، އެއީ ބުރައެއް ކަމަށް އަޅުގަނޑުމެން ދެކިގެން ނުވާނެ. އަޅުގަނޑުމެންގެ ތަނަވަސްކަމާއި، އަޅުގަނޑުމެންގެ ފުދުންތެރިކަމާއި، އަޅުގަނޑުމެންގެ ތަރައްޤީއާއި، އަޅުގަނޑުމެންގެ މުޖުތަމަޢުގެ ކުރިއެރުން ޙަޤީޤަތުގައި ބިނާވެފައި މިއޮތީ، އެމީހުންގެ ސަބަބުންކަން އަޅުގަނޑުމެންނަށް، އިސްލާމީ ދަރުސްތަކުން މިއޮތީ ވަރަށް ސާފުކޮށް އެނގެން.
 
އަޅުގަނޑު އުންމީދު ކުރަނީ، މާތްﷲގެ ތަނަވަސް ރަޙްމަތާ އެކީގައި، ރާއްޖޭގައި މިއަދު މިފެށޭ ޕްރޮގްރާމްތަކަކީ، އިރާދަކުރެއްވިއްޔާ، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާ ޕްރޮގްރާމްތަކަކަށް ވެގެންދާނެ ކަމަށް. އަޅުގަނޑުމެންގެ މުޖުތަމަޢަކީ، އަޅުގަނޑުމެން އެންމެންނަށް ރައްކާތެރިކަން ފޯރުކޮށްދޭ މުޖުތަމަޢަކަށް ވެގެންދާނެ ކަމަށް. އަދި އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللّـه سبحـانـه وتعـالىގެބަރަކާތާއި ތައުފީޤު މިންވަރު ކުރެއްވުން އެދި އަޅުގަނޑު ދުޢާކުރަން.
 
والســّلام عليــكم ورحـمــة اللّـه وبـركاتـه.