އެއްވެސް ޙާލެއްގައި، އަޅުގަނޑުމެންގެ މުޖުތަމަޢުގައި ތިބި ނިކަމެތި މީހުންނާއި، ބަލިކަށިމީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އިޖްތިމާޢީ ރައްކާތެރިކަން ނުލިބިފައި ތިބި މީހުންނަކީ ބުރައެއްކަމުގައި ދެކިގެން ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ޚާއްޞަ ޚިދުމަތްތަކާއި، މަސައްކަތްތައް އިފްތިތާޙު ކުރުމަށް މިރޭ ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އަޅުގަނޑުމެންގެ ތަނަވަސްކަމާއި، ފުދުންތެރިކަމާއި، އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތަރައްޤީއާއި، ކުރިއެރުން ޙަޤީޤަތުގައި ބިނާވެފައި މިއޮތީ އެފަދަ ފަރާތްތަކުގެ ސަބަބުންކަން އިސްލާމީ ދަރުސްތަކުން ވަރަށް ސާފުކޮށް އެނގޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. އަދި، އަންހެނުންނާއި، ކުޑަކުދިންނާއި، ނިކަމެތިންނާއި، އުމުރުން ދުވަސްވީ ފަރާތްތަކާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ޙައްޤުގައި ކުރެވެމުންދާ މަސައްކަތްތަކަކީ، އިސްލާމީ އަޚުލާޤިއްޔަތު ލާޒިމް ކުރާ ކަމެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، މިރޭ އިފްތިތާޙު ކުރެވިގެން ދިޔަ ޚާއްޞަ ޚިދުމަތްތަކާއި، މަސައްކަތްތައް ވެގެންދާނީ، ތަހުޒީބީ، ރިވެތި އަޚްލާޤެއްގެ ވެރި މުޖުތަމަޢަކަށްވުމަށް ރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކަކަށް ކަމުގައި ވިދާޅުވިއެވެ. އަދި، މިއަދު މި މަސައްކަތުގެ އަމާޒަކީ، ދިވެހި މުޖުތަމަޢަކީ އެންމެން އެކީގައި، އެކަކު އަނެކަކަށް އަޅާލާ މުޖުތަމަޢަކަށް ވުމުގެ އިތުރުން، ޙައްޤުތައް ކުރިއެރުވުމުގައި މި ސަރަޙައްދުގެ ނަމޫނާ މުޖުތަމަޢަކަށް ވުން ކަމުގައިވެސް އެމަނިކުފާނު ބަޔާން ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ކުޑަ ކުދިންނަށާއި، އުމުރުން ދުވަސްވީ ފަރާތްތަކަށާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ސަމާލުކަމެއް ދީގެން މި ސަރުކާރުން ފަށްޓަވާފައިވާ މަސައްކަތްޕުޅުތަކުގެ މައްޗަށްވެސް ބައްލަވައިލެއްވިއެވެ.