[ބަރަކާތްތެރި އަޟުޙާ ޢީދު އަޅުގަނޑުމެންނާ ބައްދަލުކުރާ މި އުފާވެރި މުނާސަބަތުގައި، މި މަތިވެރި މުޤައްދަސް ބިމުގައި ހުރެ، ދިވެހިރާއްޖޭގެ ލޮބުވެތި އަޚުންނަށާއި އުޚުތުންނަށާއި، މުޅި އިސްލާމީ އުންމަތަށް، މި ޢީދުގެ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް މަތިވެރި އުފަލެކެވެ.  މި ތަހުނިޔާގައި، މިއަހަރު ރާއްޖެއިން ޙައްޖަށް ވަޑައިގެން ތިއްބެވި ހުރިހާ ދިވެހި ލޮބުވެތި އަޚުންނާއި އުޚުތުން އަޅުގަނޑު ޝާމިލު ކުރަމެވެ. އަދި މި ފުރްޞަތުގައި މުޅި އިސްލާމީ އުންމަތަށްވެސް މި ޢީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެކެވެ.
 
އަޟުޙާ ޢީދަކީ މުސްލިމުންގެ މެދުގައި ހިތްހެޔޮކަމުގެ ޝުޢޫރުތައް ފާޅުކޮށް، މުސްލިމުންގެ މެދުގައި އޮންނަ އުޚުއްވަތްތެރި ކަމުގެ ގުޅުން ބަދަހިކޮށް، އެކަކު އަނެކަކަށް ހެޔޮއެދުމާއި ތަހުނިޔާގެ ޝުޢޫރުތައް ފާޅުކޮށް، އެކަކު އަނެކަކަށް އެހީތެރިވެދިނުމުގެ އުފާ ޙާޞިލްކުރާ ޢީދެކެވެ. އަޟުޙާ ޢީދުގެ ދުވަސްތަކާއި ޙައްޖުގެ މަތިވެރި އަޅުކަމާ މިވަނީ ވަރަށް ބޮޑަށް ގުޅި ލާމެހިފައެވެ. ޙައްޖަކީ އަޅުގަނޑުމެންގެ މެދުގައި އުޚުއްވަތްތެރި ކަމުގެ ގުޅުމާއި އެއްބަނޑުއެއްބަފާ ކަމުގެ ގުޅުންތައް ޤާއިމުކޮށް ދެމެހެއްޓުމުގެ މުހިންމުކަން އަޅުގަނޑުމެންގެ ހިތަށް ގެނެސްދޭ އަޅުކަމެކެވެ. އަޟުޙާ ޢީދު އަޅުގަނޑުމެންނަށް ދަސްކޮށްދޭ އެންމެ މުހިންމު ފިލާވަޅަކީ، ޤުރުބާނީގެ މަތިވެރި ފިލާވަޅެވެ. ހަމައެޔާއެކު، ތިމާގެ މަޞްލަޙަތަށްވުރެ އަނެކުންގެ މަޞްލަޙަތު ކުރިއަށް ނެރުމުގެ ޢިބްރަތްތެރި ފިލާވަޅެވެ. ކޮންމެ ކަމެއްގައިވެސް ތިމާގެ މަޞްލަޙަތަށްވުރެ، ޤައުމުގެ މަޞްލަޙަތަށް އިސްކަން ދިނުމުގެ އަގުހުރި ފިލާވަޅެވެ.
 
މިފަދަ މަތިވެރި އުފާވެރި ޢީދެއް އަޅުގަނޑުމެންނާ ބައްދަލުކުރަމުންދާއިރު، އަޅުގަނޑުމެންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް، މި ފުރްޞަތުގައި ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ. އަދި އަޅުގަނޑުމެންގެ މެދުގައި ހަމަޖެހުން ޤާއިމުކުރުމަށާއި، ހުރިހާ ކަމެއްގައިވެސް ޤައުމުގެ މަޞްލަޙަތަށް އިސްކަން ދެއްވުމަށްވެސް މި ފުރްޞަތުގައި ދިވެހި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ.
 
އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، މި ޢީދުގެ ބަރަކާތްތެރި ދުވަސްތަކަކީ، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާވެރި ދުވަސްތަކެއް ކަމުގައި اللّـه سبحـانـه وتعـالىލެއްވުމެވެ. މުޅި އިސްލާމީ އުންމަތަށް އުފާވެރި ދުވަސްތަކެއް ކަމުގައި މާތްﷲ ލެއްވުމެވެ. ރާއްޖޭގެ އަމަންއަމާންކަން ރައްކާތެރިކޮށްދެއްވައި، ރާއްޖޭގެ ރައްޔިތުންނަށް ތަރައްޤީއާއި ކުރިއެރުން މާތް ﷲ މިންވަރުކޮށްދެއްވުމެވެ.]
 
10 ޛުލްޙިއްޖާ 1435
4 އޮކްޓޫބަރު 2014