بســم اللّـه الرّحمـن الرّحيــم

                           
اَلحَمْـدُ لِلّـهِ وَالصّـلاة وَالسّلام علـى مَن لا نبي بعده.
 
މި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު، އަޅުގަނޑުގެ އަޚު ފަލާޙު، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޖަޢުފަރު ދާއޫދު، މިއަތޮޅު އަތޮޅު ކައުންސިލްގެ ރައީސް، މިރަށު ރަށު ކައުންސިލްގެ ރައީސް، ރަށު ކައުންސިލްގެ މެންބަރުން، ސްކޫލްގެ އިސްވެރިން، މިރަށުގެ ލޮބުވެތި ރައްޔިތުން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه
 
އާދެ! އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ކަމަށް ދެކެނީ، މިއަދުގެ މިއުފާވެރި ވަގުތުކޮޅު ތިޔަބޭފުޅުންނާއެކީ ހޭދަކުރުމުގެ ފުރްޞަތު، މިދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުގެ ބުރަ މަސައްކަތާއެކީގައި އަޅުގަނޑަށް ހޯއްދަވައިދެއްވި ކަމަށްޓަކައި އަދި މިއަދު މިރަށަށް އަޅުގަނޑު މިކުރި ޒިޔާރަތުގައި، އެއްވެސް ޝައްކެއްނެތް، ރާއްޖޭގެ އެއްވެސް ހިސާބަކުން ހަމަ ފެނިގެން ނުދާވަރުގެ ވަރަށް އިޚްލާޞްތެރި، ލޯބިން ފުރިފައިވާ ހޫނު މަރްޙަބާއެއް އަޅުގަނޑުމެންނަށް ދެއްވި ކަމަށްޓަކައި މިރަށުގެ ތިޔަ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާ އެކީގައި ޝުކުރު ދަންނަވަން.
 
ވަރަށްގިނަ ވާހަކަތަކެއް އަޅުގަނޑާ ހަމަޔަށް ތިޔަބޭފުޅުން އިއްވަވައިފި. މިއަދުގެ ޖަލްސާގެ ވަގުތު ޙަޤީޤަތުގައި ވަރަށް ކުރު. އަޅުގަނޑަށް މިޖަލްސާއަށް އައިއިރުގައި މިހާރު ގާތްގަނޑަކަށް ހަތަރުގަޑި ބައިން ފެށިގެން އުނގޫފާރު ރައްޔިތުން ބަނދަރުމަތީ އެބަތިއްބެވި. އެހެންވީމާ، ޙަޤީޤަތަކަށް ދަންނަވާ ކަމުގައިވާނަމަ، އަޅުގަނޑު ދަންނަވާނީ، ތިޔަބޭފުޅުންނާއެކީގައި ވަރަށްގިނަ ވާހަކަތައް ދައްކަން އަޅުގަނޑު އެބައޮތޭ. ކޮންމެވެސް އެހެން ވަގުތެއް އަދި އަޅުގަނޑު ބޭނުންވޭ، ދެންމެ އަޅުގަނޑާ ވަކީލެއްގެ ޙައިޘިއްޔަތުން މިރަށުގެ ޒިންމާދާރު ވެރިޔާ އެ އިއްވެވި ވާހަކަފުޅުތަކަށް ޖަވާބުދޭން. އެހެން ނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިއަތޮޅުގެ ރައްޔިތުންނަށް ޚާއްޞަ ގޮތެއްގައި، މި ރ. އަތޮޅަކީ ވަރަށް ފަޚްރުވެރި ރައްޔިތެއް ދިރިއުޅޭ އަތޮޅެއް. މިއަތޮޅަށް ތަފާތު އެތަކެއް ފަހަރު މަތިން އަޅުގަނޑަށް ޒިޔާރަތް ކުރެވިއްޖެ. އަދި މީގެތެރެއިން ދެންމެ ފާހަގަކުރެވުނު ފަދައިން، މިރަށަކީ ވަރަށް މަސައްކަތްތެރި، ވަރަށް ހީވާގި، ވަރަށް ފަންނުވެރި، ވަރަށް މުރާލި ރައްޔިތެއް ދިރިއުޅޭ ރަށެއް އާބާދީއެއް، މިރަށަކީ. އެއްވެސް ޝައްކެއްނެތްގޮތުގައި، ރ. އަތޮޅަށް ތަރައްޤީ ޙައްޤު. އެއްވެސް ޝައްކެއްނެތްގޮތުގައި، މިރަށަށް ތަރައްޤީ ޙައްޤު. ރާއްޖެ އެކި ހިސާބަށް ދެކެމުންމިދާ ތަރައްޤީ މިއަތޮޅަށް ވަންނަންޖެހޭ. މިއަތޮޅަކީ ބޮޑު ބިޔަ އަތޮޅެއް. މިއަތޮޅަކީ އަބަދުވެސް ސަރުކާރަށް ވަރަށް ފުރިހަމައަށް ތާއީދު ދެއްވާ ރަށެއް. މިފަހަރު ބެލިކަމުގައިވީނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، ރިޔާސީ އިންތިޚާބު، މިދެއިންތިޚާބުން މިއަތޮޅުގެ ރައްޔިތުން ހާމަކޮށްދީފި، އެއްވެސް އެއްއަތޮޅަކަށް ތަރައްޤީ ޙައްޤު ކަމުގައިވާނަމަ، މިއަތޮޅަށް ތަރައްޤީ ޙައްޤުކަން.
 
އެހެންވީމާ، އަޅުގަނޑު ތިޔަބޭފުޅުންގެ ތިޔަ ވިދާޅުވި ޝަކުވާތަކަށް ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑުގެ ހިތް ތިޔަބޭފުޅުންނާ އެކީގައި ވާނެޔޭ. އަޅުގަނޑު ނޭވާލާނީ ތިޔަބޭފުޅުންނާ އެކީގައޭ. ތިޔަ ވިދާޅުވި ކަންތައްތަކަށް އަޅުގަނޑު ހުރީ ކޮންމެ އިޝާރާތެއް، ގަބޫލުކުރައްވާށޭ، ތަޢުލީމީ ދާއިރާއިން ފެށިގެން، ޞިއްޙީ ދާއިރާއިން ފެށިގެން، ރަށުގެ ބަނދަރުން ފެށިގެން ނަރުދަމާޔާ ހަމަޔަށް އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް، ވީ އެންމެ އަވަހަކަށް ތިޔަބޭފުޅުންގެ ހުވަފެންތަކުގައި ކުލަޖެއްސުމަށްޓަކައި އަޅުގަނޑު ކޮށްދޭނަން.
 
މިރަށުގެ ޒިންމާދާރު ވެރިޔާއަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އެއްގޮތަކަށްވެސް ބިރުވެރި ޚަބަރެއް ދޭކަށް އަޅުގަނޑު ބޭނުމެއްނުވޭ. މާޔޫސް ޚަބަރެއް ދޭކަށް ބޭނުމެއްނުވޭ. ކީރިތި ރަސޫލާ ޙަދީޘްފުޅު ކުރައްވާފައިވާ ޙަދީޘްފުޅެއް އަޅުގަނޑު ހަމަ ހަނދާނަށް އަންނަނީ، އެކަލޭގެފާނު ޙަދީޘްފުޅު ކުރައްވާފައިވަނީ، يَسِّرُواوَلاَ تُعَسِّرٌوا، بَشِّرُوا وَلاَ تُنَفِّرُوا ތިޔަބައިމީހުން މީސްތަކުންނަށް ކަންތައްތައް ލުއިކޮށްދޭށޭ، ފަސޭހަކޮށްދޭށޭ، ކަންތައްތައް އުނދަގޫނުކުރާށޭ، بَشِّرُوا ކަންތައްތަކުގެ އުފާވެރި ޚަބަރުދޭށޭ، وَلاَ تُنَفِّرُوا ތިޔަބައިމީހުން އޭގެ އިދިކޮޅު، ނަފްރަތު، އުނދަގޫ ޚަބަރުތައް މީސްމީހުންނަށް ނުދޭށޭ. މިރަށުގެ ކައުންސިލްގެ ފަރާތުން އަދި އަތޮޅު ކައުންސިލްގެ މެންބަރުންގެ ފަރާތްޕުޅުންވެސް ވަރަށް ތަފްޞީލުކޮށް އެވާހަކަފުޅު ދައްކަވައިފި. އަޅުގަނޑު ތަޢުލީމީ ދާއިރާގައި ޙަރަކާތްތެރިވާ މީހެއް އަޅުގަނޑަކީ. ހަމައެޔާއެކީގައި، މިހާރު ރާއްޖޭގައި އަޅުގަނޑު އަދާކުރާ މަޤާމުގެ ޙައިޘިއްޔަތުން މިދާއިރާތަކަށް އެބަ އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރައްވާ މިންވަރަކުން ކަންތައްތައް ކުރިއަށް އެބަ ގެންދަން.
 
ތިޔަބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑަށް ހަމަ ވަރަށް ގަބޫލުކުރެވެޔޭ ތިޔަބޭފުޅުން ދެއްކި ހުރިހާ ވާހަކައެއް. ޚާއްޞަ ގޮތެއްގައި، އަޅުގަނޑު އުންމީދު ކުރަން، ތަޢުލީމީ ދާއިރާގައި، މިރަށުގެ ސްކޫލަށް ތިޔަބޭފުޅުން ތިޔަ ވިދާޅުވި ފަދައިން، ލަސްތަކެއްނުވެ އެމަސައްކަތް މިހާރުވެސް ފެށެން ވެއްޖެ ކަމަށް. އިރާދަކުރެއްވިއްޔާ، އަޅުގަނޑު އެނބުރި ގޮއްސަ ކަމާގުޅޭ ވުޒާރާއަށް މިހާރުއްސުރެ އެމަސައްކަތް ފަށައިދިނުމުގެ އިރުޝާދުދޭނެ ވާހަކަ ތިޔަބޭފުޅުންނަށް އަޅުގަނޑު މިއަދު ދަންނަވާލަން.
 
ވަކި ކަންތައްތަކުގެ ތަފްޞީލެއް އަޅުގަނޑު ނުދެންނެވި ކަމުގައިވިޔަސް، އެވާހަކަތަކަށް އަޅުގަނޑު ޖަވާބުދީފިން. އެޔާއެކީގައި ތިޔަބޭފުޅުންނަށް ނިންމާލަމުން އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، މިއަދު މިރަށުން މިފެނުނީ، ފެނުނު މަންޒަރު އަޅުގަނޑަށް ޔަޤީން އެބަކޮށްދޭ، މިރަށަށް ތަރައްޤީ އަންނާނެ. މިއަތޮޅަށްވެސް ތަރައްޤީ އަންނާނެ. އެއީ ކޮބައިތޯ ތިޔަބޭފުޅުން ސުވާލުކޮށްލަން އެބަޖެހޭ. އެ އަޅުގަނޑަށް ފެނިގެން މިދަނީ، މިއަތޮޅު މިއަތޮޅު ތެދުވެއްޖެ މަންޒަރު އަޅުގަނޑަށް ފެނިގެން މިދަނީ. ހަމައެކަނި މިދާއިރާއެއް ނޫން، މުޅި މިއަތޮޅު ތެދުވެއްޖެ. މިއަތޮޅުގެ ރައްޔިތުންގެ މަޖިލީހަށް އެކި ދާއިރާތަކަށް އިންތިޚާބުވެވަޑައިގެންފައިވާ މެންބަރުންނަކީ، އަޅުގަނޑު އެބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން ތިއްބެވީމަކާ ދަންނަވާ ވާހަކައެއް ނޫން. އަޅުގަނޑު ރާއްޖޭގެ މަސައްކަތް ކުރަން ފެށި ހިސާބުން ފެށިގެން އެކިއެކި މީސްމީހުންނާ އެކީގައި، ވަރަށް ތަފާތު މީސްމީހުންނާ އެކީގައި މަސައްކަތް ކޮށްފިން. ތެދަށް މިދަންނަވަނީ. މިއަތޮޅުން އިންތިޚާބުވެފައި ތިބި މެންބަރުންގެ ތެރެއިން، ހަމަ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ މެންބަރުންކޮޅެއް މިއަދު ތިޔަބޭފުޅުންނާ އެކީގައި، މިދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ފަލާޙާއި، އުނގޫފާރު ދާއިރާގެ މެންބަރު ޖަޢުފަރު ދާއޫދާ، ހަމައެއާއެކީގައި އެހެން ދާއިރާތަކުން އަމީތުން ފެށިގެން އާދެ، އެހެން ބޭފުޅުންނާ ހަމަޔަށްވެސް މިބޭފުޅުންގެ މުރާލިކަމާއި، ވިސްނުމާއި، މިބޭފުޅުންގެ އިޚްލާޞްތެރިކަން އެއީ، އަޅުގަނޑަށް މިދިޔަ ދުވަސްތަކުގެ ތެރޭގައި، ރާއްޖޭގެ އެކި ސަރަޙައްދުތަކުން މަސައްކަތް ކުރަން ފެނުނު ތަފާތު އެތަކެއް މީސްމީހުންނާ އަޅާބަލާއިރު، ވަރަށް ބޮޑުތަން ތަފާތު.
 
އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިބޭފުޅުންނާ އެކީގައި އިރާދަކުރެއްވިއްޔާ، މިދާއިރާގެ ތަރައްޤީ ތިޔަބޭފުޅުންނާ ހަމަޔަށް އަންނާނެ ކަމަށް ގަބޫލު ކުރައްވާށޭ. އެކަން ތިޔަބޭފުޅުންނަށް ފޯރުކޮށްދިނުމުގައި، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހީވާގިކަމާއެކީގައި މަސައްކަތް ކޮށްދޭނަމޭ. މާތް ﷲގެ ތަނަވަސް ރަޙްމަތާފުޅާއެކީ.
 
ޝައްކެއްނެތް، އަޅުގަނޑުގެ ވާހަކަ ނިންމާލަމުންވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިއަދު އަޅުގަނޑު ބޭނުންވޭ ވަރަށް ޚާއްޞަ ޝުކުރެއް ތިޔަބޭފުޅުންނަށް ދަންނަވާލަން. އެއީ، ކީރިތި ރަސޫލާ ޙަދީޘްފުޅު ކުރައްވާފައިވަނީ من لا يشكر الناس لا يشكر الله  [މީސްތަކުންނަށް ޝުކުރުވެރިނުވާ މީހާ ﷲ އަށް ޝުކުރުވެރިއެއް ނުވާނެ.] އެހެންވީމާ، ތިޔަބޭފުޅުންނަށް އަޅުގަނޑު އަދާކުރަންޖެހޭ ޙައްޤު ޝުކުރެއް އެބައޮތް. ރިޔާސީ އިންތިޚާބުގައި، ހަމަ ބުރަ މަސައްކަތްތަކެއް މިރަށުގައި އަޅުގަނޑުމެންނަށްޓަކައި ކުރެއްވި ރައްޔިތުން އެބަ ތިއްބެވި. ޚިޔާލު ތަފާތުވި ރައްޔިތުންތަކެއްވެސް ތިއްބެވި. އެހެން ނަމަވެސް، އެއަށްފަހު ޖެހިގެން އައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުން ފެށިގެން މިއަދާ ހަމަޔަށް އަޅުގަނޑުމެންނަށްޓަކައި ތިޔަކޮށްދެއްވި ބުރަ މަސައްކަތްތަކަށް ތިޔަބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަނީ، މިއަދު ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރިޔާސަތާ ޙަވާލުވެވަޑައިގަތީ، އެއްވެސް ޝައްކެއްނެތްގޮތުގައި، މިއަތޮޅުން ވަރަށްބޮޑު ތާއީދެއް ލިބިގެން. އެހެންވީމާ، ތިޔަބޭފުޅުންގެ ތިޔަ ހުވަފެންތައް އަޅުގަނޑު ޝައްކެއްނުކުރަން، ރައީސް އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެހުވަފެންތަކުގައި ކުލަ ޖައްސަވައިދެއްވާނެކަމާމެދުގައި އެއްވެސް ޝައްކެއް އަޅުގަނޑު ނުކުރަން. އަޅުގަނޑު މިދަނޑިވަޅުގައި ތިޔަބޭފުޅުންގެ ނަންފުޅުގައި، ރައީސް އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިހާރު ރާއްޖޭގެ ޞިއްޙީ، ތަޢުލީމީ އަދި އިޖުތިމާޢީގޮތުން ދިމާވެފައިވާ ކަރަންޓާއި އަދި އެހެނިހެން ބަނދަރު، ނަރުދަމާފަދަ މައްސަލަތަކަށް ޙައްލު ފޯރުކޮށްދިނުމުގައި، އެމަނިކުފާނު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް އަދި ޚާއްޞަ ގޮތެއްގައި ރައްޔިތުންގެ މަޖިލީހުގައި މިދާއިރާތަކުގެ މެންބަރުން ގުޅިވަޑައިގެން ކުރައްވާ މަސައްކަތްތަކަށް އެހުރިހާ ބޭފުޅުންނަށް އިޖުމާލީ ގޮތެއްގައި އަޅުގަނޑު އައްސަރިބަހާއި ސާބަހާއި ޝުކުރު އަދާކުރަން.
 
އަޅުގަނޑުގެ ދުޢާއަކީ، މިރަށަށް ލަސްނުވެ ތަރައްޤީ އައުން. މިރަށުގެ ބަނދަރު އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ބާވީސް ބަނދަރުގެ ޕްރޮގްރާމްގެ ތެރޭގައި ވަނީ ހިމެނިފައި. އަޅުގަނޑު ޔަޤީންކުރަން، ދެންމެ މިދާއިރާގެ މެންބަރުވެސް އެ ވިދާޅުވިފަދައިން، އެއްވެސް އެއްރަށަކަށް އެއްވެސް އެއްކަމެއް އެއްވެސް ބާރުމިނަކަށް ގެންދަން އެއްވެސްވަރަކަށް ބޭނުންވާ ކަމަށްވާނަމަ، އެއީ މިރަށުގެ ބަނދަރުކަން އަޅުގަނޑު ހަމަ ގަބޫލުކުރަން. އިރާދަކުރެއްވިއްޔާ އެކަން އަވަސްކުރުމަށްޓަކައި މި ދާއިރާގެ މެންބަރާއެކު އަޅުގަނޑުވެސް މަސައްކަތް ކޮށްދޭނަން. އަދި އެއާއެކު ހަމަ އެކަން ކުރިއަށްދާގޮތް މިރަށުގެ ކައުންސިލާ ހަމަ ލަސްތަކެއްނުވެ ޙިއްޞާކުރާނެ ވާހަކަވެސް ދަންނަވަން.
 
اللّـه سبحـانـه وتعـالى އަޅުގަނޑުމެން މި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ތަރައްޤީ މިންވަރު ކުރައްވާށި! އަދި އިރާދަކުރެއްވިއްޔާ މިއަތޮޅަށް، މިރަށަކީ އުފާފާގަތިކަމުގައި ދިރިއުޅޭ އެކުވެރި ބައެއް ކަމުގައި އެކަލާނގެ މިންވަރު ކުރައްވާށި! އާމީން.
 
والســّلام عليــكم ورحـمــة اللّـه وبـركاتـه