ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި، މިނިސްޓަރ އޮފް ޓޫރިޒަމް އަޙްމަދު އަދީބު ޢަބްދުލްޣަފޫރަށާއި، އެ މިނިސްޓްރީއާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހީވާގިކަމާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ އެންމެހައި މުވައްޒަފުންނަށާއި، މި ޞިނާޢަތު ކުރިއެރުވުމަށް މަސައްކަތް ކުރައްވާ ހުރިހާ ޖަމްޢިއްޔާތަކާއި، ޖަމާޢަތްތަކުގެ ހީވާގި ހިންގުންތެރިންނަށާއި އަދި މި ޞިނާޢަތާ ސީދާގޮތުންނާއި ނުސީދާގޮތުން ގުޅި ލާމެހިފައިވާ ހުރިހާ ފަރާތްތަކުން ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތައް ފާހަގަކޮށް، އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، ހެޔޮއެދުންތައް އަރިސްކުރަމެވެ.
 
މިއަހަރުގެ ފަތުރުވެރިކަމުގެ ޝިޢާރު ކަމަށް، ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމްޢިއްޔާއިން ކަނޑައަޅުއްވާފައިވާ ޝިޢާރަކީ، [ފަތުރުވެރިކަމާއި މުޖުތަމަޢުގެ ތަރައްޤީ] އެވެ. 1972 ވަނަ އަހަރު ވަރަށް ކުޑަގޮތަކަށް ރާއްޖޭގައި ފެށުނު މި ޞިނާއަތު މިއަދު މިވަނީ ދުނިޔޭގެ ފެންވަރުގައި ގުނާލެވޭފަދަ ޞިނާޢަތަކަށް ވެފައެވެ. ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުން މުޖުތަމަޢަށް ތަރައްޤީ ލިބޭކަން ހާމަކޮށްދޭ ލާމަސީލު މިސާލެއްގެ ގޮތުގައި، މި ޞިނާޢަތުގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ. ރާއްޖޭގެ އުފެއްދުންތެރިކަމުގެ ބޮޑު ޙިއްޞާއެއް އަދާކުރާ އެއް ޞިނާޢަތަކީ ފަތުރުވެރިކަމެވެ. އަޅުގަނޑުމެންގެ އަމާޒަކީ، ފަތުރުވެރިކަމުން މުޖުތަމަޢަށް ކުރާ ހެޔޮ ލާބައާއި މަންފާ އިތުރަށް ފުޅާކުރުމެވެ. މިގޮތުން މިހާރު ސަރުކާރުން މިދަނީ ފަތުރުވެރިކަން ފުޅާކޮށް، ޑައިވަރސިފައި ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރަމުންނެވެ. މިގޮތުން އަލަށް ހަދަންޖެހޭ ޤާނޫނުތަކާއި ގަވާއިދުތައް އެކުލަވައިލައި އަދި މިހާރު ޢަމަލުކުރެވެމުންދާ އޮނިގަނޑުތަކަށްވެސް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް މިގެންދަނީ ކުރަމުންނެވެ.
 
ފަތުރުވެރިކަމުން ސީދާގޮތެއްގައި ފައިދާ ލިބިދޭ ފަރާތްތައް އިތުރުކުރުމުގެ ގޮތުން އަމިއްލަ ފަރުދުންނަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިވަނީ ފުރްޞަތުތަކެއް ހުޅުވައިލެވިފައެވެ. މިގޮތުން ތުނބުރި ގެސްޓްހައުސް އައިލެންޑް ޕްރޮޖެކްޓް ތަޢާރުފްކޮށް، ތަރައްޤީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާކަން، މި ފުރްޞަތުގައި އުފަލާއެކު ފާހަގަކުރަމެވެ. އަދި މިގޮތުގެ މަތިން ތަފާތު ޕްރޮޖެކްޓްތަކެއް މުސްތަޤްބަލުގައި އިތުރަށް ތަޢާރުފް ކުރުމުގެ މަސައްކަތްތައް މިދަނީ ކުރަމުންނެވެ.
 
ފަތުރުވެރިކަމަކީ އެތަކެއް ވަޒީފާގެ ފުރްޞަތު އުފައްދާ ޞިނާޢަތެކެވެ. ނަމަވެސް، މި ފުރްޞަތުތަކުގެ ބޭނުން އަޅުގަނޑުމެންނަށް އެންމެ ފުރިހަމައަށް ހޯދުމަށް ގިނަގުނަ މަސައްކަތްތަކެއް މިވަނީ ކުރަން ޖެހިފައެވެ. މިދާއިރާއިން ހުޅުވައިލެވޭ ވަޒީފާގެ ފުރުޞަތުތަކުގެ ބޭނުން، އެންމެ ފުރިހަމަ ގޮތުގައި ހިފުމަކީ ވަރަށް މުހިންމު ކަމެކެވެ. ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހިންނަށް ވަޒީފާގެ ފުރުޞަތު އިތުރުކުރުމަށް، ކަމާބެހޭ އެންމެހައި ފަރާތްތަކަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ.
 
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިއަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. ޚާއްޞަކޮށް ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރަނީ ޗައިނާއިން ކަމަށްވާއިރު، އެޤައުމުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިދަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންނެވެ. އަދި ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިހާރަށްވުރެ އިތުރުކުރުމަށްޓަކައި ރާއްޖޭގެ ޤައުމީ އެއަރލައިނުން ކައިރި މުސްތަޤްބަލެއްގައި ޗައިނާގެ އިތުރު މަންޒިލުތަކަކަށް ދަތުރުތައް ކުރުމަށް މިހާރުވަނީ ހަމަޖެހިފައެވެ. ޝައްކެއްނެތްގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގަޔާއި ފަތުރުވެރިކަން ކުރިއެރުވުމުގައި ދިވެހި ޤައުމީ އެއަރލައިންގެ ދައުރު ވަރަށް ބޮޑުވާނެއެވެ. އެހެންކަމުން، ޤައުމީ އެއަރ ލައިން އިތުރަށް ތަރައްޤީކޮށް، ވާދަވެރި ވިޔަފާރީގައި ފައި ހަމަކުރުމަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރިމަގަށްޓަކައި ކުރަންޖެހޭ ވަރަށް މުހިންމު ކަމެކެވެ.
 
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން ދިޔުމަކީ، ރާއްޖޭގެ އިޤްތިޞާދަށާއި، ރާއްޖޭގެ އިޖުތިމާޢީ ތަރައްޤީއަށް އެކަމުގެ އަސަރު ހެޔޮގޮތުގައި ކުރަމުންދާނެ ކަމެއްކަން ޔަޤީނެވެ. އަދި އެއީ، ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ އަދަދު އިތުރުވެ، ވަޒީފާގެ އިތުރު ފުރުޞަތުތައް ތަނަވަސްވެގެންދާނެ ކަމެއްވެސް މެއެވެ.
 
ދިވެހި ޒުވާނުން، އާހިތްވަރަކާއެކު ފަތުރުވެރިކަމުގެ ދާއިރާއަށް ނުކުތުމަށް އަޅުގަނޑު ގޮވާލަމެވެ. ވިޔަފާރިކުރުމަށް ވިޔަސް ނުވަތަ ވަޒީފާއަށް ކަމަށްވިޔަސް ފަތުރުވެރި ކަމުގެ ދާއިރާއަކީ ޒުވާނުންނަށް ފުރުޞަތު އޮތް ދާއިރާއެއްކަން ކަށަވަރުކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެއެވެ. ފަތުރުވެރިކަމަކީ ޒުވާނުންގެ ޞިނާޢަތެކެވެ. ރާއްޖޭގެ އިޤްތިޞާދީ ދާއިރާގައި އަދި ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުންނަށް ކުރިއަށް ދެވޭނެ މަގުތައް ތަނަވަސްކޮށްދީ، ވަޒީފާގެ ފުރުޞަތުތައް އިތުރަށް ހުޅުވާލަދިނުމަކީ ސަރުކާރުގެ އަމާޒެވެ. މިގޮތުން، ރާއްޖޭގެ އުތުރުގައި އާމްދަނީއާއި ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށްޓަކައި، މި ޞިނާޢަތުގެ ތެރެއިން އިރާދަކުރެއްވިއްޔާ އިތުރު 5 ރިޒޯޓެއް މިއަހަރުގެ ތެރޭގައި ބީލަމަށް ލައި، އެ ރިޒޯޓުތައް ތަރައްޤީ ކުރުމަށްޓަކައި ބަޔަކާ ހަވާލުކުރެވޭނެއެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ފަތުރުވެރިކަން ޢާންމުކުރުމަށް ސަރުކާރުން މިދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.
 
ރާއްޖޭގެ ފަތުރުވެރިކަމުގެ މައިގަނޑު ރައުސްމާލަކީ، މި ރާއްޖޭގެ ޤުދްރަތީ މުއްސަނދިކަމެވެ. ރާއްޖޭގެ ރަށްތަކާއި ފަރުތަކާއި ފަޅުތަކާ، މިތަންތަނުގެ ދިރުން ގުޅިލާމެހިފައިވަނީ މި މުޖުތަމަޢާއި މި ޞިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރުމާއެވެ. ވީމާ، އަޅުގަނޑުމެން ކޮންމެ ފަރުދަކުވެސް މި ދިރުންތައް ދެމެހެއްޓުމަށާއި، ރާއްޖޭގެ ޤުދްރަތީ ރީތިކަން، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމަށް، މި ފުރްޞަތުގައި އަޅުގަނޑު އިލްތިމާސް ކުރަމެވެ.
 
އަޅުގަނޑުގެ ދުޢާއަކީ، މާތް ﷲ ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުން ދެއްވައި، އޭގެ ހެޔޮ ލާބައާއި މަންފާ، އެންމެހައި ދިވެހިންނަށް ލިބުމުގެ މަގު ފަހިކޮށްދެއްވުމެވެ. އަދި ރާއްޖެއަށް ފާގަތިކަމާއި އުޖާލާ މުސްތަޤްބަލެއް މިންވަރު ކުރެއްވުމެވެ.
 
3  ޛުލްޙިއްޖާ 1435
27 ސެޕްޓެންބަރު 2014