بســم اللّـه الرّحمـن الرّحيــم

 
ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރުކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـدرســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން! 
 
މި ޙަފްލާއަށް ވަޑައިގެންނެވި އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުން، އެންމެހާ ޢިއްޒަތްތެރިން، ދުރާއި ގާތުން މި ޙަފްލާ ބައްލަވަމުން، އަޑުއައްސަވަމުން ގެންދަވާ އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުން، އަދި މި އިންޖީނުތައް، އެ ރަށްރަށާ ހަމަޔަށް ފޯރުމުގެ އިންތިޒާރުގައި ތިއްބެވި އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه،
 
އާދެ، މިރޭ މި ޙަފްލާގައި އައިޓަމްތައް ހިނގަމުންދިޔައިރު، އަޅުގަނޑު ހިތަށްއެރި ކުންފުނިތައް ހިންގުމަކީ ހާދަހާ އުފާވެރި ކަމެކޭ. އެއްގޮތަކަށްވެސް ހިތަކަށްނާރާ، އިންޖީނުގެ ހޫނުގެ އިޙްސާސް ކުރަންޖެހޭ ބަޔަކު ކުންފުނި ހިންގާ ކަމަކަށް. އިންޖީނުގެތަކާއި ނޫނިއްޔާ ކަރަންޓް ދިނުމުގެ ކުންފުނިތަކާ، އަޅުގަނޑުގެ ޕްރޮފެޝަނަލް ލައިފާވެސް ގުޅިފައިވަނީ 1993 ވަނަ އަހަރުން ފެށިގެން. އޭރު ރާއްޖޭގައި އިންޖީނުގެ ޚިދްމަތް ދެމުން ގެންދަނީ ސްޓެލްކޯ. ދެން ސްޓެލްކޯގެ ނަން ބަދަލުވެގެން އައީ.
 
އެހެންވީމާ، ރަށްރަށުގެ ރައްޔިތުން ކުރައްވަމުން ގެންދެވީ ކިހާވަރެއްގެ އިންތިޒާރީއެއްކަން އަދި އެކަންކަން ޙާޞިލުކޮށްދިނުމަށްޓަކައި، މަގުފަހިކޮށްދިނުމަށްޓަކައި ކިހާވަރެއްގެ ފައިސާއެއް ބޭނުންވާކަމާއި، އަދި އެފައިސާ ހޯދުމަށް ސަރުކާރުގެ މާލިއްޔަތުގެ ތެރެއިން، މިނިސްޓަރ އޮފް ފިނޭންސާ ވާހަކަ ދައްކައިގެން، އެ ފައިސާ ހޯދުމަކީ އަދި ބޭރުގެ އެހީ ހޯދައިގެން، އެ ފައިސާ ހަމަކުރުމަކީ، ކިހާވަރެއްގެ އުނދަގޫތަކެއް ތަޙައްމަލް ކުރަން ޖެހުނު ކަމެއްކަން އަޅުގަނޑަށް ހަމަ ވަރަށް ކައިރިން އިޙްސާސް ކުރެވުނު. އަޅުގަނޑުމެން އޭރު މަސައްކަތް ފަށާފައި، ސްޓެލްކޯގެ އިންޖީނުތައް، ނޫނީ އިންޖީނުގެތައް ރާއްޖޭގެ އެކި ހިސާބުގައި އާރާސްތު ކުރަމުން ގެންދިޔައީ. އަޅުގަނޑު ހަނދާންވާ ގޮތުން ވެއްޖިއްޔާ، ރައީސް މައުމޫންގެ ސަރުކާރުގައި 1993 ވަނަ އަހަރާ ހަމަޔަށް އައިއިރު، ބޮޑެތި ރަށްރަށުގައި، މުޅި ޖުމްލަ 5 ރަށެއްގައި ކަންނޭނގެ މާލެ ހިމެނޭގޮތަށް، އިންޖީނުގެތައް ސަރުކާރުގެ ޚަރަދުގައި ހިނގާފައި ހުރީ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ އެ މަސައްކަތް ނިންމާލާފައި ނުކުތްއިރު، ރާއްޖޭގެ އާބާދީގެ ތެރެއިން ދެހާހަށްވުރެ މަތިން އާބާދީހުރި ހުރިހާ ރަށެއްގައި ސްޓެލްކޯގެ ކަރަންޓް އޭރުވަނީ ޤާއިމުކޮށް ނިމިފައި. އަދި އެހެން ރަށްރަށުގައި ރައްޔިތުންގެ ކަރަންޓްގެ ގޮތުގައި ކަރަންޓް ދެވެމުން އައީ. ފަހަކަށްއައިސް، މި ކަރަންޓް ދޭ އިންތިޒާމް ހަމަޖެހިގެން މިދިޔައީ، ސްޓެލްކޯއިން ދެއްވާ ކަރަންޓް، ސްޓެލްކޯއިން އެ ދެއްވަމުން ގެންދަވަނީ. ދެން ރާއްޖޭގެ އެކި ހިސާބުތަކުގައި، އަތޮޅުތެރޭގެ އެކިހިސާބުތަކުގައި ކަރަންޓާއި، ނަރުދަމާއާއި، ފެނުގެ ޚިދްމަތަށް މިއޮތީ [ފެނަކަ] ކުންފުންޏެއް އުފައްދާފައި.
 
ފެނަކާގެ މަސައްކަތްތައް އާރާސްތު ވަމުން މިއަންނަނީ، ފެނަކައަކީ ރާއްޖޭގައި މިހާރު އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، 170 ރަށަށް ކަރަންޓްގެ ޚިދްމަތް ފޯރުކޮށްދިނުމުގެ ޒިންމާ، މަސްއޫލުވެގެން ޙަވާލުވެފައި އޮތް ކުންފުނި. އެހެންވީމާ، ޝައްކެއްވެސްނެތްގޮތުގައި، ރައްޔިތުންގެ ގިނަ ބައެއްގެ އުންމީދުތަކަށް، މި އުފާވެރިކަން ގެނެސްދޭ ޙަފްލާއަކީ އުފާވެރި ޙަފްލާއަކަށް، އިޙްތިފާލަކަށް ވެގެން މިދަނީ. އެހެންވީމާ، އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ، އެންމެ ތުއްތު ކުދިންނާ ހަމައިން މި އުފާވެރިކަމުގެ ޝުޢޫރުތައް، އެކުދިން ބަންޑުންޖަހާލި ތަން. އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، މި އުފަލުގައި އަޅުގަނޑަށާއި އަޅުގަނޑުގެ އަންހެނުންނަށް ބައިވެރިވުމުގެ ދަޢުވަތު ދެއްވި ކަމަށްޓަކައި ފެނަކާގެ އިސްވެރިންނަށް، އާދެ، ސީ.އީ.އޯ ނިމާލަށް އަދި ކުންފުނީގެ އިސްބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަމޭ.
 
އުފާވެރިކަމުގެ އަސަރުތައް އަޅުގަނޑުމެން އެންމެންނަށް ކުރުވަމުން ގެންދިޔަ، މި ޙަފްލާ ބަލަމުންދިޔައިރު، އަޅުގަނޑުވެސް ހަމަ ލަވަކީ މަޖީދިއްޔާ ކުދިންނަށްވެސް ހަމަ ބުނެލަން އޮތީ، ހަމަ ކޮންމެ ކުއްޖެއްގެވެސް ޑްރީމެއް އޮންނަންވާނެޔޭ. އަދި މިވާހަކަތަކާއި ދެން ފެނުނު މަންޒަރުތަކުން ހަމަ އަޅުގަނޑު ހިތަށް އައީ، ހަމަ މީގެ ގާތްގަނޑަކަށް ދެއަހަރެއްހާ ދުވަހުގެ ކުރީގެ ދުވަސްތަކުން ފެށިގެން އަޅުގަނޑުގެ ހަނދާންތައް އާވެގެންދިޔައީ. އަޅުގަނޑުމެން މި ޤައުމަށް ގެންނަން ބޭނުންވާ ބަދަލު ހޯދައިދިނުމަށްޓަކައި، ބަދަލުގެނެސްދިނުމަށްޓަކައި، ރައްޔިތުންގެ އުންމީދުތައް، ރައްޔިތުންގެ ވަޢުދުތައް، ނޫނިއްޔާ ރައްޔިތުން ބޭނުންވާ ކަންތައްތައް، ވަޢުދުތަކެއްގެ ސިފައިގައި ހުށަހަޅައިގެން، މިކަންކަން ކޮށްދިނުމަށްޓަކައި އަޅުގަނޑާއެކީ އޭރު ވަރަށް ވަރުގަދަ ޓީމެއް، އަތޮޅުތެރޭގައި މާލޭގައި މަސައްކަތް ކުރަމުން ގެންދެވި. އަޅުގަނޑުމެންގެ ހަނދާނަށް އައީ، މި ޚިޔާލުތައް. ހަމަ އިނގިރޭސިބަހުން  ދަންނަވާ ކަމަށްވަންޏާ ހަމަ "ފީލިންގ އޮފް ނޮސްޓެލްޖިއާ." "އައި ހޭވް އަ ޑްރީމް" ނޫނިއްޔާ އުންމީދެއް އޮންނަންޖެހޭ. އުންމީދެއް އޮވެގެން ނޫނިއްޔާ، އަޅުގަނޑުމެން މިކުރާ އިންތިޒާރުތަކަކަށް އެއްވެސްކަހަލަ ޙަޤީޤީ ސިފައެއް ނާންނާނެކަން މިއީ، އަޅުގަނޑުމެން ހަމަ އޭރު ދައްކަމުން ގެންދިޔަ ވާހަކަ. މިއީ، އަޅުގަނޑުމެންގެ ތެރޭގައި އެކަނި ދެއްކި ވާހަކަތަކެއް ނޫން. އެންމެ ފުރަތަމަ، އައި ހޭވް އަ ޑްރީމް، މިކަން މިއަންނަނީ ހަމަ ވަރަށް ވަރުގަދަ ޚިޠާބެއްގެ ތެރެއިން، އެމެރިކާގެ ފްރީޑަމް ފައިޓަރެއް، މަރޓިން ލޫތަރ ކިންގ. އެމެރިކާގައި ދިރިއުޅޭ އެފްރިކާގެ ނަސްލުގެ މީހުންނަށް ޙައްޤުތައް ހޯދައިދިނުމަށްޓަކައި އޭނަ ވެވަޑައިގެންނެވި މަތިވެރި ޖިހާދުގެ ތެރެއިން އައި ވަރަށް ވަރުގަދަ އަދަބީ ފިލާވަޅެއް ނޫނީ އަދަބީ ލެކްޗަރއެއްގެ ގޮތުގައި އައި ކަމެއް، މި [އައި ހޭވް އަ ޑްރީމް] މިއީ.
 
ދެން ހަމަ ތިޔަ ކުދިންނަށް އަޅުގަނޑު ބުނެލަން އޮތީ، ތިޔަ ކުދިންނަށް ހަމަ ބުނެލަން އޮތީ، ހޯލްޑް ދަ ޑްރީމޭ. އަޅުގަނޑުމެން މި މަސައްކަތް ކޮށްދެނީ، ޒުވާން ކުދިންގެ، ތުއްތު ކުދިންގެ އުންމީދުތައް ޙާޞިލުކޮށްދިނުމަށްޓަކައި. އަޅުގަނޑުމެން ކުރާ މަސައްކަތަކީ، ފެނަކާގެ ޛަރީޢާގެ ތެރެއިން، ސްޓެލްކޯގެ ޛަރީޢާގެ ތެރެއިން އަދި އެހެން ކުންފުނިތަކުން މި ކޮށްދޭ މަސައްކަތާއި، ޚިދްމަތްތަކުގެ ތެރެއިންވެސް ހަމަ ދިވެހި ޒުވާނުންނަށާއި، މުޅި ދިވެހިރާއްޖެއަށް ބޭނުންވެފައި ހުރި ކަންތައްތަކެއް ފޯރުކޮށްދެވޭތޯ ކުރާ މަސައްކަތް. ޝައްކެއްވެސްނެތްގޮތުގައި، މިރޭ އަޅުގަނޑުމެންނަށް އެނގިގެންދިޔަ މިދިޔަ ފަދައިން، މި 70 ޖެނަރޭޓަރާއި އަދި ދާދި އިހަކަށްދުވަހަކާ ހަމަޔަށް ފެނަކާއިން ކުރި މަސައްކަތުން 60 ޖަނަރޭޓަރު ހޯދާފައި މިވަނީ. މިހާ ހިސާބުން އަޅުގަނޑުމެންނަށް ކަށަވަރުވެގެން މިދަނީ، ﷲގެ ރަޙްމަތާއެކީ އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު، މި ހުރިހާ އިންޖީނުތައް ކޮމިޝަންވެ ނިމި، އަދި މި އިންޖީނުތަކަށް، ޑިސްޓްރިބިއުޝަން ނެޓްވާރކަށް ބޭނުންވާ ސާމާނާއި އަދި އެހެންވެސް ސާމާނުތައް މިހާރު މިވަނީ ގެނެވިފައި. މި އިންޖީނުތައް ދާންވާ މަންޒިލްތަކާ ހަމައަށް ގޮސް، މިއަންނަ އަހަރުގެ މެދަކާ ހިސާބަށް ދާންވާއިރަށް، އަޅުގަނޑުމެންނަށް ކަށަވަރުވެގެން މިދަނީ، ދިވެހި ތާރީޚުގައި ފުރަތަމަފަހަރު، އަޅުގަނޑުގެ ފުރަގަހުން މިފެންނަ ގޮތަށް ކަމެއް ޔަޤީންވެގެންދާތަން. އާދެ، ސައުވީސް ގަޑިއިރުގެ ކަރަންޓް، މުޅި ދިވެހިރާއްޖެއަށް ޔަޤީންވެގެންދިޔައީ. މިއީ، ރައްޔިތުންނަށް ލިބޭ ހިތްހަމަޖެހުން. ދެން އެހެން ހުރި ބޮޑެތި ރަށްރަށަކީ ސްޓެލްކޯގެ ކަރަންޓް މިހާރުވެސް ސައުވީސް ގަޑިއިރު ކަށަވަރުކޮށްފައިވާ ރަށްރަށް. އެހެންވީމާ، ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް، ދިވެހިރާއްޖޭގައި ފުރަތަމަފަހަރަށް ހުރިހާ ހިސާބެއްގައި ސައުވީސް ގަޑިއިރު ކަރަންޓްގެ ޚިދްމަތް ދެވޭގޮތަށް މި ހަމަޖެހިގެން ދިޔައީ. މިއީކީ ކުޑަކުޑަ އެކޮމްޕްލިޝްމަންޓެއް ނޫން.
 
މި އުފާވެރި މުނާސަބަތުގައި، މި އިޙްތިފާލުގައި އަޅުގަނޑު ބޭނުންވޭ، ފެނަކާގެ މެނޭޖްމަންޓް ޓީމަށް، ވަރަށް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވައި ޝުކުރު ދަންނަވަން. ޚާއްޞަ ގޮތެއްގައި ފެނަކާގެ ސީ.އީ.އޯ މުޙަންމަދު ނިމާލަށް، ތިޔަ ކޮށްދެއްވި އަގުހުރި އަގުބޮޑު އަގު ވަޒަންކުރަންޖެހޭ މަތިވެރި ޚިދްމަތަށް ނިމާލަށާއި، ނިމާލްގެ މެނޭޖްމަންޓް ޓީމަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަދި ހަމައެޔާއެކީ، ފެނަކާގެ ބޯޑުގެ ހުރިހާ މެންބަރުންނަށް، ބޯޑުގެ ޗެއަރ ނަދީމަށްވެސް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަދި އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ، އިންޖީނުގެތައް ހިންގާ ކުންފުނިތައް، ނޫނިއްޔާ ދަތުރުފަތުރުގެ ޚިދްމަތްދޭ ކުންފުނި، ނޫނިއްޔާ ޢިމާރާތް ކުރުމުގެ މަސައްކަތްކުރާ ކުންފުނި، އަޅުގަނޑުމެންނަށް ބޭނުންވާ ކާބޯތަކެތި ރާއްޖެއަށް އެތެރެކުރާ ކުންފުނި، މިހެންގޮސް ސަރުކާރުން ރައްޔިތަކަށް ބޭނުންވާ އެކިއެކި ޚިދްމަތްދޭން މިހިރީ އުފެދިފައި ކުންފުނިތަކެއް. އެއީ، ވިޔަފާރީގެ އުޞޫލުން ހިންގުމަށްޓަކައި. އެހެން ނަމަވެސް، މި ކުންފުނިތަކަކީ ސަރުކާރުގައި މެއިން ފްރޭމް، ޕޮލިސީއަށް އިންޓަރގްރޭޓް ވާންޖެހޭ ކުންފުނިތައް. އެހެން ނޫން ކަމަށްވަންޏާ، މިދިޔަ ކުރު ތާރީޚުގެ ތެރޭގައި އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، ކޮންމެ ކުންފުންޏަކީ، އެ ކުންފުންޏެއްގެ ބޯޑުން އަމިއްލަ އަމާޒެއް ކަނޑައަޅައިގެން، އެ ދާންވާ ހިސާބަކަށް ދެވޭތޯ މަސައްކަތް ކޮށްފައި ހުރި ކުންފުނިތައް.
 
އެހެންވީމާ، އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، މި ކުންފުނިތައް، މި ޤައުމީ މިޞްރާބެއްނެތި، ވަރަށްގިނަ ތަނަކަށް، ވަރަށް ދިގު ރާސްތާއަށް ދަތުރުކުރިތަން. ކުންފުނިތައް، ސަރުކާރުގެ ކުންފުނިތައް، ޚާއްޞަ ގޮތެއްގައި ނޫނީ ސަރުކާރުގެ ބޮޑު ޢަދަދެއްގެ ޙިއްޞާ ހިމެނޭ ކުންފުނިތައް މި މަސައްކަތް ކުރަނީ، ސަރުކާރުގެ މައިގަނޑު ސިޔާސަތު ތަންފީޛު ކުރަން. ސަރުކާރުގެ އޮފީސްތަކުގެ ތެރެއިން، ޤާނޫނުގެ ތެރެއިން އަޅުގަނޑުމެންނަށް ތަންފީޛުވެގެން މިދަނީ ގިނަ ސިޔާސަތުތަކެއް. އެހެން ނަމަވެސް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދްމަތްތައް ފޯރުކޮށްދިނުމާއި، ދަތުރުފަތުރުގެ ފަސޭހަކަން ކަށަވަރުކޮށްދިނުމާއި، ޢިމާރާތް ކުރުމަށް ބޭނުންވާ ސާމާނު ރާއްޖޭގައި ހުންނާނެކަން ޔަޤީންކޮށްދިނުމާއި، ކާބޯތަކެތި ރާއްޖެއިން ހުސްނުވާނެކަން ކަށަވަރުކޮށްދިނުމާ، މިކަހަލަ އެތައް ބައިވަރު ކަންތައްތަކަކީ، އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ މެނިފެސްޓޯ، ކޮންމެ ސިޔާސީ ލީޑަރެއްގެ މެނިފެސްޓޯގައި ބޮޑު އަކުރުން އެކަށައަޅާފައި ހުރި ކަންކަން. މިކަންކަން ޙާޞިލުވެގެން މިދަނީ، ކުންފުނިތަކުގެ ސިޔާސަތު ބައްޓަން ކުރެވޭގޮތުން. މިދިޔަ ކައިރި މާޒީގައި، އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، ކުންފުނިތަކަކީ ސަރުކާރުގެ ޓޯޓަލް ޕޮލިސީއަށް އިންޓަރގްރޭޓަޑްނުވެ، މިދެންނެވި ގޮތަށް ކުންފުނީގެ ބޯޑުން ނިންމާ ކަންތައްތަކެއް ތަންފީޛު ކުރަމުން ގެންދާ ކުންފުނިތަކެއްގެ ގޮތުގައި. އިދިކޮޅަށް މަސައްކަތްކުރާ، ވާދަވެރި މާޙައުލެއްގައި އިދިކޮޅަށް މަސައްކަތްކުރާ ކުންފުނިތަކެއް، މިދެންނެވި އޮޕަރޭޝަނަލް އެންވަޔަރަންމަންޓްގެ ތެރޭގައި އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ. މިކަމަކުންނެއް ކުންފުނިތަކަކަށްވެސް، ރައްޔިތުންނަކަށްވެސް، ސަރުކާރަކަށްވެސް ވީފައިދާއެއް ނެތް. އެހެން ނަމަވެސް، ކުންފުނިތަކަކީ، ކުންފުނިތަކުން ކުރާ މަސައްކަތުގައި، ސަރުކާރުގެ މައިގަނޑު ޕޮލިސީއާ ކަނެކްޓްވެ، އިންޓަރގްރޭޓްވެ އަދި އެއް ކުންފުނިން ކުރާ މަސައްކަތަށް އަނެއް ކުންފުނިން އެހީތެރިވެވޭ ޙާލަތެއްގައި އޮންނަ ކުންފުންޏެއް ކަމަށްވަންޏާ، ރައްޔިތުން ސަރުކާރެއް އިންތިޚާބުކޮށް، ކުންފުނިތައް ހަދައިގެން، ކުންފުނިތަކުގެ ވާސިޠާއެއްގެ ތެރެއިން ރައްޔިތުންނަށް ބޭނުން ޚިދްމަތްތައް ފޯރުކޮށްދިނުން އެއީ، ރައްޔިތުންގެ އަމާޒަކީ.
 
އަޅުގަނޑުމެންގެ ސަރުކާރުން މިކުރި މަސައްކަތަކީ، ކުންފުނިތަކުގައި އޭރުހުރި އިންހެރަންޓް މައްސަލަތައް ދެނެގަނެ، އަދި ކުންފުނިތައް، އެއްކުންފުނި އަނެއް ކުންފުނި އިންޓަރފޭސްވާ ގޮތް، އަޅުގަނޑުމެންނަށް އެއީ އެހާ ހިތްގައިމު ގޮތަކަށް ނުވާތީ، ކުންފުނިތަކަކީވެސް ސަރުކާރުގެ މައި ޕޮލިސީއާ ވިލަރެސްވެގެން ހިނގާ ކުންފުނިތަކަކަށް ހެދުމަށް ކުރި މަސައްކަތްތަކެއް އަޅުގަނޑުމެން ކުރަމުން މިގެންދިޔައީ. ކުންފުނިތައް ހިންގުމަށް އެ އޮންނަ  އޮޓޮނޮމީ ނޫނިއްޔާ މިނިވަންކަން ބޯޑްރޫމްތަކަށް އަޅުގަނޑުމެން ދޫކޮށްލިން. އެހެން ނަމަވެސް، ކުންފުނީގެ މައިގަނޑު ސިޔާސަތަކީ، ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކުގެ ތެރެއަށް ފެތޭ ސިޔާސަތަށް ހެދުމަށްޓަކައި އަޅުގަނޑުމެންގެ ސަރުކާރުން ހަމަޖެއްސި މި ކުންފުނިތައް، މިދެންނެވި ގޮތަށް ސަރުކާރުގެ މައިގަނޑު ސިޔާސަތަށް ވިލަރެސް ކުރުމަށްޓަކައި ކުންފުނިތައް ވިލަރެސްކޮށްދެއްވުމަށް ކުންފުނީގެ ޗެއަރމަންގެ މައްޗަށް އަދި ސީ.އީ.އޯ.ގެ މައްޗަށް ވަޒީރަކު ޢައްޔަނުކުރީ، ނޫނީ ވަޒީރުންކޮޅެއް ޢައްޔަނުކުރީ. އެހެންވީމާ، މިހާރު ކުންފުނިތައް، މިދެންނެވި ކަހަލަ ސަރުކާރުގެ ލަނޑުދަނޑިތައް، ނޫނިއްޔާ ޕީ.ޕީ.އެމް.ގެ އަދި އަޅުގަނޑުގެ މެނިފެސްޓޯގައި ހުރި އަމާޒުތަކާ ހަމައަށް ވާސިލުވުމަށްޓަކައި ކުންފުނިތަކުގެ ރާސްތާ އެކަށައަޅައި، އެއިން ނަތީޖާ ހޯދައިދިނުމަށްޓަކައި ވިލަރެސް ކުރަން ވަޒީރުންކޮޅެއް ހަމަޖެހުމާއެކީ، އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، މިދެންނެވި ގޮތަށް އަނެއްކާވެސް ކުންފުނިތަކަކީ، ސަރުކާރުގެ މައި ޕޮލިސީއާ ކަނެކްޓްވެގެން، އިންޓަރގްރޭޓް ވެގެން ހިނގާ ކުންފުނިތަކެއްގެ ގޮތުގައި. ފެނަކާއިން ކުރައްވާ މަސައްކަތްތައް ވިލަރެސް ކުރެއްވުމަށްޓަކައި އަޅުގަނޑު އެކަށައެޅި ބޭފުޅަކީ، ޑިފެންސް މިނިސްޓަރ މުޙަންމަދު ނާޒިމް. ވަރަށް އެކަށީގެންވާ، ވަރަށް ޤާބިލު މަސައްކަތްތަކެއް އެމަނިކުފާނު ކޮށްދެއްވި. އަދި ހަމައެހެންމެ ވަރަށް އެކަށީގެންވާ، ވަރަށް ޤާބިލު މަސައްކަތްތަކެއް ނިމާލް ކުރައްވަމުން އެ ގެންދެވީ، އޭގެކުރިންވެސް. އަދި މިހާރު ނިމާލް ކޮށްދެއްވަމުން އެ ގެންދަވާ މަސައްކަތްތަކުން ކަށަވަރުކޮށް މިދެނީ، ދިވެހިރާއްޖޭގައި ފުރަތަމަފަހަރަށް ސައުވީސް ގަޑިއިރު ހުރިހާ ރަށެއްގައި، ކަރަންޓް ޔަޤީންވާނެ ކަމާއި އަދި މިކަމުން ލިބޭ އެކި ހިތްހަމަޖެހުމާއި އަދި އެކި އުފާތައް ރައްޔިތުން ޙާޞިލުކުރާ މިންވަރު ނިމާލް އެ ކަށަވަރުކޮށްދެއްވީ. އެހެންވީމާ، ދިވެހިރާއްޖޭގެ ތާރީޚުގެ ތެރެއަށް ފެނެކާގެ ނަން އެ ވަންނަނީ ފަލައަކުރުން. އަދި ހަމަ އެހެންމެ، ނިމާލްގެ ނަންފުޅާއި، ނިމާލްގެ ޓީމްގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންގެ ނަންފުޅު މި ވަންނަނީ، ހަމަ ޚިދްމަތުގެ ރަން އަކުރުން ފަވާލެވިގެން. އަޅުގަނޑު ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކީ، ވަރަށް ހޫނު މަރްޙަބާއެއް ނިމާލަށް ދަންނަވަން.
 
އާދެ، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ދިވެހި ރައްޔިތުންގެ އުންމީދުތަކެއް، ނޫނިއްޔާ ދިވެހި ރައްޔިތުންގެ ހުވަފެންތަކެއް، ނޫނިއްޔާ އިންތިޒާރުތަކެއް ޙަޤީޤަތަކަށް ހަދައިދިނުމަށްޓަކައި ކުރާ މަސައްކަތް. މި މަސައްކަތް ކުރުމުގައި ވަރަށްގިނަ ގޮންޖެހުންތައް އެބަހުރި. ޝައްކެއްވެސްނެތްގޮތުގައި، ނިމާލްގެ އެންމެ އަރިހުގައި އިންނެވީ، ފިނޭންސް މިނިސްޓަރުވީމަ، އަޅުގަނޑަށް އެނގޭ، އަޅުގަނޑު މި ދައްކަން އުޅޭ ވާހަކަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. އެހެންނަމަވެސް، އަޅުގަނޑުމެންގެ މިއަދުގެ ފިނޭންސް މިނިސްޓަރަކީ ވަރަށް އިޚްލާޞްތެރިކަމާއެކީ ސަރުކާރުން އަދި ކުންފުނިތަކުން ބޭނުންވާ މިކަހަލަ ކަންކަން، ސަރުކާރުން ޑިރެކްޝަން ދައްކައިފި ކަމަށްވަންޏާ، ވަރަށް އިޚްލާޞްތެރިކަމާއެކީ ކުންފުނިތަކަށް އެ ޚިދްމަތް، ނޫނިއްޔާ އެމަނިކުފާނުގެ ފަސޭހަކަން، މިނިސްޓްރީގެ ފަސޭހަކަން ފޯރުކޮށްދެއްވަމުން، ވަރަށް އިޚްލާޞްތެރިކަމާއެކީ މަސައްކަތް ކުރައްވާ ބޭފުޅެއް. އަޅުގަނޑުމެންނަށް މިގެނެވުނު ޖެނެރޭޓަރުތަކާއި އަދި ޖެނެރޭޓަރުތަކާއެކީ ގެނެވުނު ޑިސްޓްރިބިއުޝަނަށް ބޭނުންވާ ސާމާނު ގެނައުމުގައި، މާލީ ކަންތައްތައް ފަސޭހަކޮށްދިނުމަށް އެންމެ އިސް ދައުރެއް، ޝައްކެއްވެސްނެތްގޮތުގައި އަދާކުރެއްވީ އަޅުގަނޑުމެންގެ ފިނޭންސް މިނިސްޓަރ ޖިހާދު. އެކަމަށްޓަކައި އެމަނިކުފާނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ، މި އިޙްތިފާލުގައި ބައިވެރިވެވަޑައިގަންނަވާތީ، ހަމަ ޝުކުރު ދަންނަވަން. އާދެ، އަޅުގަނޑުމެން މިރޭ މި ފާހަގަކުރާ އިޙްތިފާލުގައި، އަޅުގަނޑުމެންނަށް ޔަޤީން ކުރެވިގެން މިދަނީ ސައުވީސް ގަޑިއިރުގެ ކަރަންޓް.
 
ދެން ހަމަ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މެނިފެސްޓޯގައި ހުރި ރައްޔިތުންނަށް ބޭނުންވާ އެކިއެކި ކަންތައްތަކަކީ، ބޮޑެތި ކަންކަމަކީ، އަޅުގަނޑުމެންގެ ޓީމުން ޔަޤީންކޮށްދޭން ބޭނުންވާ ކަންކަމޭ. މިހާރު މިއޮތް ކެބިނެޓްގެ ޓީމާއި ކުންފުނިތަކުގެ ޓީމާ، އަދި ސިޔާސީގޮތުން އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ ޓީމުން ޔަޤީންކޮށްދޭން ބޭނުންވަނީ، މިހެންހުރި ބޮޑެތި ކަންތައްތައް ޔަޤީންކޮށްދޭން ބޭނުންވޭ. ސިނިކްސް، ކްރިޓިކްސް، އަޅުގަނޑުމެން ކުރާ މަސައްކަތާ ދޭތެރޭގައި ފާޑުކީނަމަވެސް، އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ޙަޤީޤަތްތަކެއް އެބަހުރި. މެނިފެސްޓޯގައި ހުރި ވަޢުދުތަކެއް ފުދެމުން އެބަދޭ. މިޔަކާ ދޭތެރޭގައި ދިވެހިން ދެބަހެއް ނުވާނެ. ހަމަގައިމުވެސް މިއަދު 65 އަހަރުން މަތީގެ ޢުމުރުފުރައިގެ އަޅުގަނޑުމެންގެ ދޮށީ ރައްޔިތަކު ކުރެން އެބޭފުޅުން މިހާރު އަޅުގަނޑުމެންގެ މުޖްތަމަޢުގައި ހަމަޖެހިގެންތޯ އުޅުއްވަނީ، ސުވާލު ދެންނެވިއްޖެ ކަމަށްވަންޏާ، އެބޭފުޅުން އާނއެކޭ ނޫން އެއްޗެއް ވިދާޅެއް ނުވާނެ. މިއީ ޙަޤީޤަތެއް. މި އަންނަ އަހަރުގެ މެދާ ހިސާބަށްދާއިރު، މިދެންނެވި ރަށްރަށުގައި މީގެކުރީގައި ފުޅިބައްތީގައި، ފާނޫޒުގައި ކިޔަވަމުންދިޔަ ކުދިން އަދި ނިމާލްގެ ވާހަކަފުޅުގައި ވަރަށް ތަފްޞީލުކޮށް އެ ގެންނެވީ، ކަރަންޓްނެތި ދިޔައީމަ، އަޅުގަނޑުމެން ތަޙައްމަލްކޮށްފައި ހުރި އުނދަގޫތައް. މިއަންނަ އަހަރުގެ މެދަކާ ހިސާބަށްދާއިރު، މިރަށްރަށުގައި ކޮންމެ ކަހަލަ ސަރވޭއެއް ހެދިކަމުގައިވީ ނަމަވެސް، މިއަށް އާނއެކޭ ނޫން ޖަވާބެއް ނާންނާނެ.
 
އެހެންވީމާ، އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ، މިހެން ބަލައިލައިފި ކަމަށްވަންޏާ، ހަމަ ބަލައިލި ކޮންމެ ދިމާއަކުން އަޅުގަނޑުމެންނަށް ފެންނަނީ، އަޅުގަނޑުމެންގެ މެނިފެސްޓޯގައި، ރައްޔިތުންނަށްޓަކައި، އިޖުތިމާޢީ ދާއިރާއަށް ބެއްޔަސް އަދި އިޤްތިޞާދީ ދާއިރާއަށް ބެއްޔަސް، ނޫނީ ރަށްވެހިކަމުގެ ނޫނީ ރަށްވެހިވުމުން ލިބެންޖެހޭ ފަސޭހަތަކަށް ބެއްޔަސް، މިދެންނެވި ކަހަލަ ވަޢުދުތަކެއް ފުއްދަން އަޅުގަނޑުގެ ކެބިނެޓުން ރެޔާދުވާލު ހީވާގިކަމާއެކީ މަސައްކަތް ކުރައްވާ ތަން. މި ކެބިނެޓަކީ އަމާޒަށް ވާސިލުވުމަށްޓަކައި އަދި އަމާޒު ކަށަވަރުކޮށް ޔަޤީންކުރުމަށްޓަކައި އަވަދިނެތި މަސައްކަތް ކުރައްވާ ޚިދްމަތްތެރި ކެބިނެޓެއް.
 
އެހެންވީމާ، އަޅުގަނޑު އެންމެ އެދެނީ މިރޭވެސް، އަޅުގަނޑު އެންމެ އެދެނީ މިރޭވެސް އަޅުގަނޑުމެންގެ ކެބިނެޓްގެ ތެރޭގައި މިއޮތް އެކުވެރިކަމާއި އަދި އަމާޒަށް ވާސިލުވުމަށް އެބޭފުޅަކާ ޙަވާލުވެފައި އޮތް މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ވާދަވެރިވެވަޑައިގަންނަވަން. ކެބިނެޓުގެ ތެރޭގައިވެސް. މިއީ އެކަމަކު ޕޮޒިޓިވް ކޮމްޕެޓިޝަން. މިއީ ކޮންމެ ބޭފުޅަކާ ޙަވާލުކުރެވޭ މަސްއޫލިއްޔަތު، އެބޭފުޅެއްގެ ޒިންމާ ރައްޔިތުންނާ ހަމައަށް، އަނެއް ވަޒީރަށްވުރެ ކުރިން ގެނެސް ދެއްވޭތޯ އޮންނަ ވާދަވެރިކަމެއް. މިއިން އަންނާނީ ޕޮޒިޓިވް ސިނަރޖީ. ޓީމް އެއްކޮށް މި އަމާޒަށް މަސައްކަތް ކުރައްވާ ކަމަށްވަންޏާ، މިރޭ މި ފެނިގެން މިދާކަހަލަ އުފާވެރި މަންޒަރުތައް، އަޅުގަނޑުމެންގެ ހަމަ ކޮންމެ ދާއިރާއަކުން ފެނިގެންދާނެ.
 
އަޅުގަނޑުމެންނަށް މިރޭ ކަށަވަރުވެގެން މިދާ އަނެއް ކަމަކީ، އަޅުގަނޑުމެންގެ ރާއްޖޭގައި ހަކަތައަކީ، އަޅުގަނޑުމެންގެ އިޤްތިޞާދުގެ މައި ނާރު. ނޫނިއްޔާ އިޤްތިޞާދީ ގޮތުން އަޅުގަނޑުމެންގެ ދުވެލި ހަލުވިކުރަން ބޭނުންވާ ކަމަށްވަންޏާ، ހަކަތައަކީ ފޯރ ފްރޮންޓަށް އެންމެ ކުރިއަށް ނުކުންނަންޖެހޭ ކަންތައް. އަޅުގަނޑުމެން އަތޮޅުތެރޭގައި، މާލޭގައި ކަރަންޓް މި ޔަޤީންކުރަނީ. މިރޭ އަޅުގަނޑުމެން މި ކަށަވަރުކުރާ ގޮތަށް، ރާއްޖޭގެ ހުރިހާ ދިމާއެއްގައި ސައުވީސް ގަޑިއިރުގެ ކަރަންޓް ހިނގަމުންދާނެ ކަމަށް އަޅުގަނޑުމެން ކަށަވަރުކޮށް، އެ އުފާވެރި ޚަބަރު ރައްޔިތުންނަށް ދޭއިރު، އަޅުގަނޑުމެން މި ތިބީކީ، މާލޭގައި ސްޓެލްކޯއާ މާދުރަކުވެސް ނޫން. އަޅުގަނޑުމެންނަށް ދެންމެ ފެނިގެން މި ދިޔައީ، އައްޑުއަތޮޅުގައި އަނެއްކާވެސް ޕަވަރ ޑިސްޓްރިބިއުޝަނަށް ބޭނުންވާ އިތުރު ޖެނެރޭޓަރުގެ ނަމުގައި އެގްރީމަންޓް ސޮއިކުރެވިގެން ދިޔަތަން. މާލެއަކީ ޙަޤީޤަތުގައި އެންމެ ބާރުމިނެއްގައި ކަރަންޓް ބޭނުންކުރާ، ނޫނިއްޔާ ކަރަންޓް ކޮންސިއުމް ކުރާ ރޭޓް އެންމެ މަތިކޮށް އޮތް ރަށް. އާބާދީ އެންމެބޮޑީ މިތަނުގައި. އިޤްތިޞާދީ އެންމެ ގިނަ މަސައްކަތްތައް މިއޮތީ މިތަނުގައި. މާލޭގެ ޙާލަތާ ދޭތެރޭގައި ވިސްނާ ކަމަށްވަންޏާ، އަޅުގަނޑު ދެންމެ ދަންނަވާލިހެން، އަޅުގަނޑުމެން މިތިބީ ސްޓެލްކޯއަކާ މާދުރަކު ނޫން.
 
އެހެން ނަމަވެސް، ސްޓެލްކޯގެ މަތިންވެސް މިރޭ ހަނދާންކޮށް، އަޅުގަނޑު އެއްޗެއް ދަންނަވާލަން. މާލޭގެ ރައްޔިތުންނަށް ބޭނުންވޭ، އަދި ބައެއްފަހަރު އަޅުގަނޑުމެންގެ ސިނިކްސް، ނޫނިއްޔާ ކްރިޓިކްސް، އަޅުގަނޑުމެން މިކުރާ ކަންކަމުގައި ފާޑުކިޔާއިރު އަދި ނޫސްތަކުންވެސް މިދޭތެރެއިން ވަރަށްގިނަ މަސައްކަތްތަކެއް ކުރެއްވި، މާލެއާއި އަތޮޅުތެރެއާ ދޭތެރޭގައި ކޮންމެވެސްވަރެއްގެ ތަފާތެއް ގެންނަން. އަޅުގަނޑުގެ ސަރުކާރަކީ، މާލެއާއި އަތޮޅުތެރޭގައި ތަފާތެއް އޮންނަ ކަމަށް ދަންނަ ސަރުކާރެއް ނޫން. އަޅުގަނޑަށް ދިވެހި ރައްޔިތަކީ، ކޮންމެތާކު ހުއްޓަސް، ހަމަ ލޮބުވެތި ދިވެހި ރައްޔިތެއް. އެހެންވީމާ، ނޫސްތަކުން މިދޭތެރެއިން މިކުރެއްވި މަސައްކަތުގައިވެސް އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އެކުރައްވަނީ ބޭކާރު މަސައްކަތެކޭ. އެކަން މާޒީވެ ހިނގައްޖެ. އަތޮޅުތެރެއާއި މާލޭގެ ތަފާތެއް އަޅުގަނޑުމެން ނުކިޔަމު. އެހެންވީމާ، އެއީ މާޒީވެފައި އޮތް ކަމެއް. އެހެންވީމާ، މިހާރު އަލުން ފެޝަނަބްލް ކުރައްވައިގެން، އަޅުގަނޑުމެންގެ ރައްޔިތުންނާއި ސަރުކާރާ ދޭތެރޭގައި        މި ހިތްހަމަނުޖެހުން އުފައްދަވަން މަސައްކަތް ކުރެއްވުމަކީ، އަޅުގަނޑު ދަންނަވާލާނީ، ހަމަ ފިޔުޓައިލް މަސައްކަތެކޭ. ބޭކާރު މަސައްކަތެކޭ. މާލޭގައި ދިރިއުޅެނީކީ މާލޭގެ ރައްޔިތުން އެކަންޏެއް ނޫން. ހުޅުމާލޭގެ ތަރައްޤީއަކީ ހަމައެކަނި މާލޭގެ ރައްޔިތުންނަށް އޮތް ކަމެއް ނޫން. މިއަދު ކައުންޓެއް ނެގިނަމަވެސް، މިހާރު މި ހިނގަނީ، އަޅުގަނޑުމެންގެ ބޯހިމެނުމުގެ ޙަޤީޤަތް. ބޯހިމެނުމުގެ މަސައްކަތްތައް. ޙަޤީޤަތްތަކެއް ފާޅުވެގެންދާނެ. މިތަނުގައި މި ދިރި އުޅުއްވަނީ، އަތޮޅުތެރޭގެ އެކި ހިސާބުން ވަޑައިގެން އުޅުއްވާ ހަމަ ދިވެހި ލޮބުވެތި ރައްޔިތުން. ދިވެހިރާއްޖޭގައި އަޅުގަނޑުގެ ސަރުކާރެއްގައި، އެއްވަނަ ދަރަޖައިގެ ރައްޔިތުންނާއި ދެވަނަ ދަރަޖައިގެ ރައްޔިތުންނެއް ނުތިބޭނެ. ހުރިހާ ރައްޔިތުންނަކީ އެއްވަނަ ދަރަޖައިގެ ރައްޔިތުން.
 
އެހެންވީމާ، މާލޭގައި މިކުރެވޭ ކަންކަމަކީވެސް، މާލޭގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދްމަތް. ހުޅުމާލެއާއި މާލެއާ ދޭތެރޭގައި ބުރިޖެއް އެޅުމަކީ، މުޅި މި ހިސާބުގައި ދިރިއުޅުއްވާ ހުރިހާ ބޭފުޅުންނަށް ކޮށްދޭ ކަމެއް. އެއީ، މާލޭގެ ރައްޔިތުންނަށް އެކަ ނި ކޮށްދޭ ކަމެއް ނޫން. އަޅުގަނޑުމެން މި އިންތިޒާރު ކުރަނީ، އުންމީދު މިކުރަނީ، ހުޅުމާލެއާއި މާލެއާ ދޭތެރޭގައި މިދެންނެވި ކަނެކްޓިވިޓީ އިތުރުވެގެން ހިނގައްޖެ ކަމަށްވަންޏާ، ގާތްގަނޑަކަށް ދެލައްކައަށްވުރެ ބޮޑު އާބާދީއެއް، މި ދެރަށުގެ ތެރޭގައި، ނޫނިއްޔާ މިގޮތަށް ގުޅާލެވޭ ބޮޑު އެއްރަށަށް ވެގެން ދިޔައީމަ، މި ހިސާބުގައި ދައުރު ކުރާނެ ކަމަށް. މިއީ، އިޤްތިޞާދުގައި ބޭނުންވާ މަސައްކަތް ކުރާ ގޮތަކީ. މިކަހަލަ ސިނަރޖީ ހޯދަން މަސައްކަތް ކުރެވޭ.
 
އެހެންވީމާ، ދަންނަވާލަން މިއުޅެނީ، މި ފެނަކާގެ ވާހަކަ ދައްކައި، އަތޮޅުތެރޭގައި ސައުވީސް ގަޑިއިރު ކަރަންޓް ޔަޤީންކުރާއިރު، މާލޭގެ ކަރަންޓުގެ ޙާލަތާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ. ބޮޑެތި މަސައްކަތްތަކެއް މިދޭތެރެއިން މިދިޔައީ ނުކުރެވި. އެއީ ސަރުކާރުގައި، މާލިއްޔާގައި ފައިސާވެސް ނެތީމަ. އަދި އިސްކަން ދިނުމުގައި، ތަރައްޤީގެ މަޝްރޫޢުތަކަށް އިސްކަން ދިނުމުގައި ގެންގުޅުނު ފޯމިއުލާވެސް ތަފާތު ގޮތަކަށް އޮތީމަ ކަމަށްވެދާނެ. އަޅުގަނޑު އެކަމަށް ކްރިޓިސައިޒް ކުރާކަށް ނެތިން. އެކަމަކަށް ފާޑުކިޔާކަށް ނެތިން. އަޅުގަނޑަށް އެނގޭނީ އަޅުގަނޑުގެ ސަރުކާރުން ކަންކުރާނެގޮތް. އަޅުގަނޑަށް އެނގޭނީ، އަޅުގަނޑުމެން ރައްޔިތުންގެ އިޙްސާސްތައް އަޅުގަނޑަށް ގަބޫލުކުރެވޭގޮތް. އިޙްސާސް ކުރެވޭގޮތް.
 
އެހެންވީމާ، ކަރަންޓަކީ އެންމެ އަސާސީ ޚިދްމަތް. މާލެއަށް ބެލި ކަމުގައިވީނަމަވެސް، އެކަން އޮތީ އެގޮތަށް. އެ ޙަޤީޤަތަކަށް ބަދަލެއް ނާދޭ. އެހެންވީމާ، މާލޭގެ ކަރަންޓަށް މިހާރު ބޭނުންވެފައި މިއޮތް ދިރުން ކޮންމެހެން ގެނައުމަށްޓަކައި މި އަންނަ އަހަރު އިރާދަކުރެއްވިއްޔާ މާލޭގައި 8 މެގަވޮޓްގެ ޖަނަރޭޓަރ އިންސްޓޯލް ކުރެވޭނެ. އޭރަށް މިހާރު މާލެއަށް މި ބޭނުންވެފައި އޮތް ކަރަންޓް، ނޫނިއްޔާ ދަތިވަމުންމިދާ ކަރަންޓްގެ މައްސަލަ ޙައްލުވެގެންދާނެ، އަނެއްކާވެސް އަޅުގަނޑުމެން އިންވެސްޓް ކުރަންދެން. އެހެން ނޫން ކަމަށްވަންޏާ، މާލޭގައި މި އަންނަ އަހަރު މި އިންވެސްޓްމަންޓް ނަހަދައިފި ކަމަށްވަންޏާ، އެކި ހިސާބުން ކަރަންޓް ކެނޑުމަކީ ހަމަ ވަރަށް ކައިރި ކަމެއް. އެހެންވީމާ، ދަންނަވާލަން ބޭނުންވަނީ މިކަން އެބަދެޔޭ.
 
 ކަރަންޓް ދިނުމަކީ، ނޫނިއްޔާ ހަކަތައަކީ، އަޅުގަނޑުމެންގެ އިޤްތިޞާދުގެ މައިނާރު ކަމަށްވާއިރު، ހަމަ މިކަމާ ދޭތެރޭގައި އިޤްތިޞާދީ ގޮތުން، ނޫނިއްޔާ އަޅުގަނޑުމެންގެ ސަރުކާރުގެ ވިސްނުން އޮތްގޮތްވެސް ދަންނަވާލާނަން. އަޅުގަނޑުމެން މި ބޭނުންކުރަނީ ވަރަށް އަގުބޮޑު ހަކަތައެއް. ޑީސަލް ޕަވަރ ޓަރބައިންއަކީ ވަރަށް އަގުބޮޑު ހަކަތައެއް. އެހެންވީމާ، ގިނަ މަސައްކަތްތަކެއް މި ކުރެވެނީ. މިއީކީ މި ސަރުކާރުން އެކަނި ކުރާ މަސައްކަތެއް ނޫން. މީގެ ޙައްޤު ޝުކުރު، ކުރީގެ ސަރުކާރުތަކަށްވެސް އަޅުގަނޑު ހަމަ ދަންނަވަން. ކުރީގެ ސަރުކާރުތަކުން ފެށިގެން އަޅުގަނޑުމެންނާ ހަމަޔަށް އަންނަ ކަމެއް. އެހެން ނަމަވެސް، މިހާރު މި ކުރެވޭ މަސައްކަތް، ޝައްކެއްވެސްނެތްގޮތުގައި، މިދާއިރާގައި އިންޓެންސިފައި އެބަ ކުރެވޭ. އިންޓެންސިފައި ކުރެވެމުން އެބަގެންދޭ. މިތަނުން އަޅުގަނޑުމެންނާއެކީ ހަމަ ޖެހިގެން ހުރި މޭޒުގައި އިންނެވީ އަޅުގަނޑުމެންގެ އެނަރޖީ މިނިސްޓަރ. ވަރަށް ގިނަ މަސައްކަތްތަކެއް މި ކުރެވެނީ، އަޅުގަނޑުމެން ޑީސަލް، ކަރަންޓާއެކީ ކޮމްޕްލިމެންޓް ކުރެވޭތޯ، އެހެން ރިނިއުބަލް ހަކަތަ އުފައްދާނެ ގޮތްތައް. މިސާލަކަށް، އަވީގެ ހޫނުކަމުން، ނޫނީ އިރުގެ ހޫނުކަމުން ހަކަތަ އުފެއްދުން. ސޯލަރ ޕެނަލް އިންސްޓޯލްކޮށްގެން. އަދި ހަމަ އެހެންމެ، ހަކަތަ އުފައްދާ ތަފާތު އެހެން ނިޒާމުތަކުގެ ތެރެއިން ހަކަތަ ލިބޭތޯ. އަޅުގަނޑުމެންނަށް އެންމެ ކާމިޔާބުކަމާއެކީ މިކަން ކުރެވޭނެ ކަމަށް މިހާތަނަށް މި ގަބޫލުކުރެވެނީ، އިރުގެ ހޫނުން އުފައްދާ ހަކަތަ. ސަރުކާރުން މިހާރު މިހިންގާ މަޝްރޫޢުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ، މިއަންނަ އަހަރު، 2015 ވަނަ އަހަރު، މާލޭގައި ނިމިގެންދާނެ، މާލޭގައި މި ޑީސަލުން އުފައްދާ ކަރަންޓްގެ އިތުރަށް، މާލޭގައި އެކަނި މި އަންނަ އަހަރު އުފެދިގެންދާނެ، އިތުރު 4 މެގަވޮޓް، މިދެންނެވި ގޮތަށް ސޯލަރ ޕެނަލް ބޭނުންކޮށްގެން. ނޫނިއްޔާ އިރުގެ ހަކަތަ ހަރނޭސް ކޮށްގެން. ނޫނީ އިރުގެ ހަކަތަ ބޭނުންކޮށްގެން. ޙަޤީޤަތުގައި ވަރަށްބޮޑު ކުރިއެރުމެއް މި އަންނަނީ. އެއީ މި ސަރުކާރުގެ އެފަރޓް މިދެންނެވި ގޮތަށް، ޑީސަލާއެކީ ކޮމްޕްލިމެންޓް ކުރަން، ނޫނިއްޔާ ޑީސަލުން މަޑުމަޑުން ދުރަށް ދިޔުމަށްޓަކައި ކުރާ މަސައްކަތް.
 
ހަމަ މިއާއެކީ މިއަންނަ އަހަރު އިރާދަކުރެއްވިއްޔާ، ރާއްޖޭގެ އެކިހިސާބުގައި، އިތުރު 5 ރަށެއްގައި، ހަމަ މިދެންނެވި ގޮތަށް، އިރުގެ ހަކަތައިން ކަރަންޓް އުފެއްދުމުގެ މަޝްރޫޢުތަކެއް އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު ފެށޭނެ. އަދި މި މަޝްރޫޢުތަކުން އެ ރަށްރަށަށް ބޭނުންވާ ކަރަންޓްގެ ކޮންމެވެސް ބައެއް ހަމަޖެހިގެންދާނެ. ހަމަ މިދެންނެވި ގޮތަށް، މިރޭ އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، އައްޑޫގެ، އައްޑޫސިޓީގެ ބައެއް ދިމަދިމާއަށް ކަރަންޓް ހޯދައިދިނުމަށްޓަކައި ނޫނިއްޔާ ކަރަންޓްގެ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ޖެނެރޭޓަރު ގެނައުމުގެ މަސައްކަތް ކުރެވިގެންދިޔަ، ސޮއިކުރެވިގެންދިޔަ ފަންކްޝަނެއް އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ. މި އަންނަ އަހަރު އައްޑޫސިޓީގައި، މިދެންނެވި 5 މެގަވޮޓްގެ އިތުރުން، އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، 5 މެގަވޮޓްގެ ތެރޭގައި، ގާތްގަނޑަކަށް 1.6 މެގަވޮޓަކީވެސް އައްޑޫސިޓީގައިވެސް، އައްޑޫސިޓީން މިހާރު އަޅުގަނޑު މި ރިފަރ ކުރަނީ، އައްޑުއަތޮޅު ހިތަދޫން ފެށިގެން ފޭދޫގެ ބައްރާ ހަމަޔަށް. ހުޅުދޫމީދޫ މީގެތެރޭގައި ނުހިމަނާ. ހަމަ ސޯލަރ ޕެނަލް ޖަހައިގެން، ނޫނިއްޔާ ކަރަންޓް، ނޫނިއްޔާ އިރުގެ ހޫނުގެ ހަކަތައިން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، އިރާދަކުރެއްވިއްޔާ ހަމަ މީގެތެރެއިންވެސް 1.6 މެގަވޮޓް އައްޑޫސިޓީގައި އަޅުގަނޑުމެންނަށް އުފެއްދޭނެ ކަމަށް. މި މަޝްރޫޢު ކާމިޔާބު ވެއްޖެ ކަމަށްވަންޏާ، ދުވާލުގެ ގަޑީގައި، ޕީކް ގަޑީގައި، ކަރަންޓުގެ ބޭނުން އެންމެ އިތުރުވެގެންދާ ގަޑީގައި، ގާތްގަނޑަކަށް މި އުފައްދައިދެވެނީ، މުޅި އައްޑޫސިޓީއަށް ބަލާކަމަށްވަންޏާ، އައްޑޫސިޓީގެ ޑޭޓައިމް ކޮންސެޕްޝަނަށް ބަލައިފި ކަމަށްވަންޏާ، ތިންބައިކުޅަ އެއްބައި ހަކަތަ މި އުފެއްދެނީ، މިދެންނެވި ކޮމްޕްލިމެންޓްރީ އެނަރޖީގެ ތެރެއިން، ސޯލަރ ޕެނަލްގެ ތެރެއިން.
 
އަޅުގަނޑުމެންގެ އަމާޒަކީ، މި ހަކަތަ އައްޑޫސިޓީގައިވެސް އަދި އިތުރުކުރުން. މީގެ ނަތީޖާއަކަށްވާނީ، މީގެ ބޭނުމަކަށްވާނީ އަޅުގަނޑު ހަމަ ދަންނަވާލާނަން. މީގެ ބޭނުމަކަށް ވެގެންދާނީ، ޙަޤީޤަތުގައި ރައްޔިތުންނަށް ކަރަންޓް ލިބޭ އަގު ހެޔޮވެގެންދިޔުން. އަޅުގަނޑަށް އަދި މިރޭ ތިޔަބޭފުޅުންގެ އަރިހުގައި ހުއްޓިހުރެ ދަންނަވަން އުނދަގޫ، މިއަންނަ އަހަރުގެ ނިޔަލަށްދާއިރަށް، ކިހާވަރަކަށްތޯ ކަރަންޓް އަގުހެޔޮވެގެންދާނީ. މިހާރުވެސް މިކުރެވޭ މަސައްކަތުގެ ތެރޭގައި، ކަރަންޓް މިދަނީ ވަރަށްބޮޑުތަން ސަބްސިޑައިޒްކޮށްގެން. މިއީ މިހާރު މިއޮތްގޮތުން، އެއްގޮތަކަށްވެސް ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރެވޭނެ ގޮތެއް ނޫން. އެންސްޕާރގެ ބަޖެޓުގެ އެލޮކޭޝަންގެ ތެރެއިން ބޮޑުބައި މިދަނީ ކަރަންޓްގެ ސަބްސިޑީ ދޭން. އަދި މި ސަބްސިޑީއަކީ މިދެންނެވި ގޮތަށް، އެއްވެސްކަހަލަ އަމާޒެއް އޮވެގެން، ނޫނީ އެއްވެސް ކަހަލަ ރެޝަނަލް ވިސްނުމެއްގައި ކުރެވޭ ކަމެއް ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން.
 
އެހެންވީމާ، މި ސަބްސިޑީ ދިނުމުގެވެސް އުޞޫލުތަކަށް ބަދަލުތަކެއްވެސް އެބައާދޭ. އެކަމަކު މިހުރިހާ ކަމެއް ހަމަޖެހިގެންދާއިރު، ކަރަންޓްގެ އަގު އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް މުސްތަޤްބަލްގެ ތެރޭގައި، އަޅުގަނޑު މިދަންނަވަނީ މިއަހަރު ކަރަންޓަށްވާނެ ގޮތެއް ދަންނަވާކަށް ނޫން. އަތޮޅުތެރޭގައި، ޢާންމު ފަރުދުންނަށް ބަލާކަމަށްވަންޏާ ހެޔޮވެގެންދާނެ. ހަމަ އެގޮތަށް، ރާއްޖެއަށް ޑީސަލް ގެނައުމުގައި އަޅުގަނޑުމެން ކުރިއެރުންތަކެއް ހޯދަން މަސައްކަތްތަކެއް އެބަ ކުރެވޭ. ދެން އެ މަސައްކަތްތަކުގެ ތެރޭގައި، އަޅުގަނޑުމެންގެ އަވަށްޓެރިން އިންޑިއާގެ ފަރާތުން އަޅުގަނޑުމެންނަށް އެ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައި މިވަނީ. އެހެން ނަމަވެސް، އެކަން ޙަޤީޤަތަކަށް ހެދުމަށް އެބަ ވަގުތުތަކެއް ނަގާ. އަޅުގަނޑުމެން މިކުރާ މަސައްކަތުގެ އަމާޒު ޔަޤީން އެހާ އަވަހަކަށް މިކަހަލަ ކަންތައްތަކެއް ނުކުރެވޭނެ. އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ކުންފުނިތަކުގައި މަސައްކަތް ކުރައްވަން ތިއްބެވި ބޭފުޅުންގެ ސްޓެމިނާ، ހަކަތަ އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ. މިއާއެކީ ރާއްޖޭގެ އެކިހިސާބުތަކަށް، ރާއްޖެތެރޭގެ އެކިހިސާބުތަކަށް ޑީސަލް ފޯރުކޮށްދިނުމަށްޓަކައި، އެސް.ޓީ.އޯ.ގެ ސަބްސިޑިއަރީ ކުންފުންޏެއް، ފިއުލް ސަޕްލައި މޯލްޑިވްސް، އެފް.އެސް.އެމް.ގެ ފަރާތުންވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަން މިހާރުވަނީ ނިންމާފައި.
 
އަޅުގަނޑު މިއަދު ކަށަވަރު ކުރިން، އެސް.ޓީ.އޯ.ގެ މެނެޖިންގ ޑިރެކްޓަރާ ވާހަކަ ދައްކައިގެން، އެސް.ޓީ.އޯ.ގެ ޗެއަރމަންކަމުން އަޅުގަނޑު ވަކިވިއިރު، އެފް.އެސް.އެމް އަކީ ފިއުލް ސަޕްލައިއަކީ ރާއްޖޭގެ އެކި ހިސާބަށް ޑީސަލް އުފުލާ، މާލޭގެ އެކި ހިސާބަށް އެއްގަމުގެ މަގުން ޑީސަލް އުފުލައިދޭ ބައެއް. އަދި އޭގެ ބޭނުމަކަށްވަނީ ޔޫސަރަށް، އެއީ ރަށްރަށުގައި ހުރި އިންޖީނުގެތަކަށް ބަލާކަމަށްވަންޏާ، އިންޖީނުގެތަކަށް، ނޫނިއްޔާ ރަށްރަށުގައި ތިބި މަސްވެރިންނަށް ބަލާކަމަށްވަންޏާ، މަސްވެރިންނާ ހަމަޔަށް، އެސް.ޓީ.އޯ އިން ތެލުގެ އަގަށް މި ގެނެސްދޭ ހެޔޮ ބަދަލު، ހަމަ އިރާދަކުރެއްވިއްޔާ މި ހިސާބުތަކުގައި ތިބި މީހުންނާ ހަމައަށްވެސް ފޯރުކޮށްދިނުން.
 
އެކަމަކު އަދު އެ ޙާލަތު އޮތީ ބަދަލުވެފައި. މި މެނޭޖްމަންޓަށް އައި ބަދަލާއި، ސަރުކާރު ހިންގުމަށް އައި ބަދަލާ ގުޅިގެން، ޙަޤީޤަތުގައި ފިއުލް ސަޕްލައި ކުންފުނި މިވަނީ ހަމަ ބަނގުރޫޓްވުމާ ހަމަ ދާދި ކައިރީގައި. އެތަނުގެ އިންފްރާސްޓްރަކްޗަރ ލޮޖިސްޓިކްސްތައް އެހެރީ އިންވެސްޓް ނުކުރެވި. މުޅި އުޅަނދުފަހަރު އެހެރީ ބާވެފައި. އެހެން ނަމަވެސް، އަޅުގަނޑަށް މިއަދު ކަށަވަރުކަން ލިބުނު، އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދެއަހަރުގެ ތެރޭގައި، މި އިންފްރާސްޓްރަކްޗަރ އަލުން ޤާއިމުކުރެވި، އާ އުޅަނދުފަހަރު ހޯދުމާއެކީ، އަޅުގަނޑުގެ ވިސްނުމުގައި، ނޫނިއްޔާ އެފް.އެސް.އެމް އޭރު އުފެއްދި ވިސްނުމާ އެއްގޮތަށް، އެފް.އެސް.އެމް.ގެ މަސައްކަތްތައް އަލުން ބައްޓަންވެގެންދާނެ ކަމަށް. އެހެންވެއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް ހަކަތަ، ނޫނިއްޔާ ހަކަތަ އުފައްދާ ތެޔޮ، އެސް.ޓީ.އޯ އިން އަގުހެޔޮކޮށްދިނުމާއެކީ، އެ ރަނގަޅު ފައިދާ ރައްޔިތުންނަށް، ރާއްޖެތެރޭގައި ދިރިއުޅުއްވާ، އެކިހިސާބުގައި ދިރިއުޅުއްވާ ރައްޔިތުންނަށް ފޯރާނެ. މިހުރިހާ ކަމެއް ބޭނުންވެގެން މިދަނީ މިގޮތަށް ހަކަތައަކީ، އަޅުގަނޑުމެންގެ އިޤްތިޞާދުގެ މައިނާރު ކަމަށްވާތީ. ހަކަތަ ފަސޭހަކަމާއެކީ ލިބެންޖެހޭ. ކަށަވަރުކަމާއެކީ އެ ލިބެން އެބަޖެހޭ. އަދި އެއާއެކީ އަތްފޯރާ ހިސާބުގައި ބެހެއްޓޭތޯ މަސައްކަތް އެބަ ކުރަންޖެހޭ. އެކަމަކު އެހެން ދެންނެވިޔަސް، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލުތަކާއެކީ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން، އަޅުގަނޑަކީ އެހެން ބޭފުޅުން ވިދާޅުވާގޮތަށް، ކުރިއަށް އޮތް މުސްތަޤްބަލް އަޅުގަނޑަށް ދާނެގޮތެއް ނޭނގި، ތެލުގެ އަގު ބޮޑުނުވާނެ ކަމަކީ، ތިމަންނަ ކޮށްދޭ ކަށަވަރު ކަމެކޭ ބުނާކަހަލަ މީހެއް ނޫން. އަޅުގަނޑު ދަންނަވާނީ، ދުނިޔޭގެ ވެށްޓަށް، ދުނިޔޭގެ މާޙައުލަށް އަންނަ ބަދަލުތަކާއެކީ، އަންނަ ބަދަލުތަކެއް އަންނާނެޔޭ.
 
މިއަދު ފެނަކާއިން ރާއްޖޭގެ އެކި ހިސާބަށް، 170 ރަށަށް، ސައުވީސް ގަޑިއިރުގެ ޔަޤީންކަމުގެ ކަރަންޓްގެ މެސެޖްތައް ފޮނުވާއިރު، ފެނަކާގެ ހުރި ގޮންޖެހުންތައް މަދެއް ނޫން. އަދި މިގޮންޖެހުންތައް އަންނަނީ ހަމައެކަނި ފެނަކާގެ މެނޭޖްމަންޓާއި، ފެނަކާއަށް ދިމާވެފައި ހުރި މައްސަލަތަކަކުންވެސް ނޫން. އަޅުގަނޑުމެން އަތޮޅުތެރޭގައި، ރަށްރަށުގައި ކަރަންޓްގެ ޚިދްމަތް ދެމުންދިޔައިރު، ފެނަކާގެ އިންޖީނުގެ އަޅަންވެސް ހަމަ ބިން ދެއްވީ ސަރުކާރުން. ރައްޔިތުންނާ ވާހަކަ ދައްކާފައި ބިން ދެއްވާފައި އެހެރީ. ރައްޔިތުންގެ އާބާދީއާ ދުރު ހިސާބުތަކުން އޭރު ފެނަކާގެ އިންޖީނުގެތަކަށް ބިން ދެއްވީ. އެކަމަކު މިދެންނެވި ގޮތަށް، މިދިޔަ ކުޑަދުވަސްކޮޅުގެ ތެރޭގައި، އެއްވެސް ކަހަލަ އަރބަން ޕްލޭނިންގ، ނޫނިއްޔާ އަރބަން ޕޮލިސީއެއް ނެތީމަ، މިވީގޮތަކީ، ފެނަކާޔާ ޖެހިގެން، ފެނަކާގެ އިންޖީނުގެޔާ ޖެހިގެން އިންވެގެން އެހެރީ މިހާރު މީހުން ދިރިއުޅޭ ގޭގެ. ޝައްކެއްވެސްނެތް، މިހާ ހިސާބަށް ގެތައް، ނޫނިއްޔާ މީހުންގެ ދިރިއުޅުން ފެނަކާޔާ ކައިރިވެއްޖެ ކަމަށްވަންޏާ، ހަމައެކަނި ހޫނެއްވެސް ނޫން ވާނީ. ގެދަބުޅިވެސް ބުރާނެ. އަދި އެހެން އުނދަގޫތައްވެސް އިޙްސާސް ކުރަންޖެހޭނެ.
 
 މިއަދު އަންނަ އެންމެބޮޑު ޝަކުވާއަކީ، މި ސައުވީސް ގަޑިއިރުގެ ކަރަންޓް ހަމަޖެހިގެން ދިޔައީމަ، އަންނަ އެންމެބޮޑު ޝަކުވާއަކީ، އަޅުގަނޑަށް ފާހަގަކުރެވިފައި އޮތް ގޮތުން ވެއްޖިއްޔާ، އެތަކެއް ރަށުގެ އިންޖީނުގެތައް މިހާރު މިވަނީ އާބާދީއާ އަނެއްކާ ދުރަށްލާން ޖެހިފައި. މިއީކީ ކުދިކުދި ޚަރަދެއް ނޫން. މިއީ ވަރަށް ބޮޑެތި ޚަރަދު. ފެނަކާވެސް އަދި މިއޮތީ ހަމަ ނުމިޔަ ނުދިރި އޮތް ކުންފުންޏެއްގެ ގޮތުގައި. ފެނަކާގެ ބެލެންސް ޝީޓަށް ބަލާކަމަށްވަންޏާ، ފެނަކާގެ އެސެޓް ހުރެދާނެ. އެކަމަކު ފެނަކާގެ ލިކުއިޑިޓީ ޕޮޒިޝަނަށް ބަލާކަމަށްވަންޏާ، ފެނަކާއަކީވެސް އެތައް ބައިވަރު ފައިސާއެއް ސަރުކާރުން ލިބެންޖެހޭ އަދި އެތައް ބައިވަރު ޚަރަދުތަކަކަށް، ފައިސާއަށް، ހިނގާފައި ހުރި ޚަރަދުތަކަށް ބިލްތައް އަދާވެސް ކުރަން ޖެހިފައި އޮތް ކުންފުންޏެއް. މި ޙާލަތުގައި އަނެއްކާވެސް މިޖެހެނީ، މިދެންނެވި ގޮތަށް ރައްޔިތުންނަށް ކަރަންޓް ކަށަވަރުކޮށްދިނުމަށްޓަކައި ޖަނަރޭޓަރާއި ޑިސްޓްރިބިއުޝަން ނެޓްވަރކް އިންވެސްޓް ކުރުމާއެކީ، މިޖެހެނީ އަނެއްކާވެސް ހަމަ ސިވިލް ވަރކްސް އެތައް މަސައްކަތްތަކެއް، ބޮޑެތި ޢަދަދުގެ ފައިސާ ކޮމިޓްކުރަން. މިއީކީ އަޅުގަނޑުމެންނަށް ފަސޭހަ ކަންކަމެއް ނޫން. އެހެން ނަމަވެސް، އަޅުގަނޑުވެސް ގަބޫލުކުރަން، ރައްޔިތުންނަށް ދަތިވާ ކަންކަން ކުރުމުގައި، ސަރުކާރުން ޖެހޭނެ، ރައްޔިތުންނަށް ފަސޭހަވާ ގޮތަށް ކަންކަން ކުރަން. އެކަމަކު އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، މިއަދުގެ ކުދިންނަށް، މިއަދުގެ ޒުވާނުންނަށް، ފެނަކާއިން އަމިއްލައަށް ހޯދައިގެން އުޅޭ ހިސާބުތަކަކު ނޫން ފެނަކާގެ އިންޖީނުގެތައް އެ ހުރީ. ފެނަކާގެ އިންޖީނުގެތައް، ސްޓެލްކޯގެ އިންޖީނުގެތައް އޭރު އާރާސްތުވެފައި ހުރީ އާބާދީއާ ދުރުގައި. އެކަމަކު އަދު އެ ރަށްރަށް ތޮއްޖެހެމުންދާތީ، އަދި އަރބަން ޕްލޭނިންގގައި އެއްވެސްކަހަލަ ސަމާލުކަމެއް ފެނަކާގެ އިންޖީނުގެތަކަށް، ސްޓެލްކޯގެ އިންޖީނުގެތަކާ ވަކި ދުރުމިނެއް ހުންނަންޖެހޭނެ ކަމަށް ކަނޑައަޅައި ތަންފީޛު ނުކުރެވުމުގެ ސަބަބުން މިއަދު މިޖެހެނީ މި ކުންފުނިތަކަށް އަނެއްކާވެސް އެތައް ބައިވަރު ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން.
 
އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، މިރޭ މިއުފާވެރިކަމުގެ ރޭ، އަޅުގަނޑު ނެތިން މިކަހަލަ ވާހަކަ އިތުރަށް ދައްކާކަށް. އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ މާތްﷲގެ ރަޙްމަތާއެކީ އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ހަމަ ދެންމެ ތުއްތުކުދިންކޮޅެއް، ނޫނިއްޔާ އަޅުގަނޑުމެންގެ ވަރަށް ލޯބި މަދްރަސާ ދައުރުގެ، ނޫނީ މަދްރަސާ ކުދިންތަކެއް ހުށަހަޅައިދިން ގޮތަށް، އަޅުގަނޑުމެން ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ މި ޓީމުގައި އަޅުގަނޑުމެންގެ އުންމީދުތަކެއް އެބައޮތޭ. އަޅުގަނޑުމެންގެ ޑްރީމްތައް އެބަހުއްޓޭ، ހުވަފެންތައް އެބަހުއްޓޭ، އިންތިޒާރުތަކެއް އެބަހުއްޓޭ. ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންތައްތަކެއްގެ ޗާޓްތަކެއް، އަޅުގަނޑުމެންގެ ތެރޭގައި އެބަހުއްޓޭ. އޭގެތެރޭގައި އެސް.އީ.ޒެޑް އެކަންޏެއް ނޫން. އޭގެތެރޭގައި، ހުޅުމާލެ ބްރިޖް އެކަންޏެއްވެސް ނޫން. އަދި އޭގެތެރޭގައި ސައުވީސް ގަޑިއިރުގެ ކަރަންޓް ޔަޤީންކުރުން އެކަންޏެއްވެސް ނޫން. މީގެތެރޭގައި މިހިރީ ރައްޔިތުންނަށް، ޒުވާނުންނަށް އެތައްހާސް ވަޒީފާތަކެއް ހޯދައިދޭ ވާހަކަ. މި ވަޒީފާތަކަކީ އޭގެ ޒާތުގައި، އިޤްތިޞާދުގެ ޕްރޮޑަކްޓެއް، ނޫނިއްޔާ ބައި ޕްރޮޑަކްޓެއް. ވަޒީފާއަކީ އެއްދުވަހު އަޅުގަނޑު ނިދާ ހޭލާފައި، ސޮއިކޮށްލާ ގަލަމުން ސޮއިކޮށްލާ އެންގުމަކުންނެއް ރާއްޖޭގެ ނުވަދިހަ ހަތަރުހާސް މީހުންނަށް ވަޒީފާ އުފެދިގެންދާނެ ކަމެއް ނޫން. މިއީވެސް އަޅުގަނޑު ހަމަ މިރޭ އަޅުގަނޑުގެ ކްރިޓިކުންނަށް ދަންނަވާލާ ވާހަކައެއް. ވަޒީފާ އުފެއްދުމަކީ، ވަޒީފާގައި މީހުން ހަރުލެއްވުމަކީ، މުއްދަތެއްގެ ތެރޭގައި ކުރެވޭނެ ކަމެއް. އަޅުގަނޑުމެން މިކުރާ އިޤްތިޞާދީ މަސައްކަތަކީ، މިދެންނެވި ގޮތަށް ދާއިމީ އެތައްހާސް ވަޒީފާއެއް އުފައްދައިދިނުމުގެ މަޤްޞަދުގައި، އުފައްދައިދިނުމުގެ ނިޔަތުގައި ކުރާ މަސައްކަތްތަކެއް. އެންމެ ފަސޭހަ ކަމަކަށް ވެދާނެ ކަމަކީ، ފަހަރުގައި ވެދާނެކަންނޭނގެ، އެ ވަޒީފާތައް އުފައްދަން އެކި ކުންފުނިތަކުން، ސަރުކާރުގެ އެކި ދާއިރާތަކުން މީހުން ކަނޑާފައި އެހެން މީހުން ވަޒީފާއަށް ވެއްދުން. ކޮންކަމެއްތޯ ޙައްލުވީ؟ ބަދަލެއް މިއަންނަނީ. އެކުރެވެނީ ބަދަލެއް. އޭރަށް ވަޒީފާއިން އެތައްބަޔަކު ގެއްލުނީ. އާ ވަޒީފާ އުފެއްދުނީކީ ނޫން. އެހެންވީމާ، ވަޒީފާތަކެއް އުފެދެން މިޖެހެނީ، އިޤްތިޞާދީ ޙަރަކާތްތަކެއް ބައި ޕްރޮޑަކްޓެއްގެ ގޮތުގައި. އެހެންވީމާ، މިކަން ކުރެވޭނީ، ރާއްޖެއިން ބޭނުންވާ، އިޤްތިޞާދަށް ބޭނުންވާ ދިރުން އައިސްގެން.
 
އަޅުގަނޑު ހަމަ މިރޭވެސް އަޅުގަނޑުގެ ކްރިޓިކުންނަށް ދަންނަވާލަން ބޭނުންވަނީ، މިކަންކަން ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި އެންމެ ބޮޑަށް ހުރަސްއެޅުއްވީ ކޮންކޮން ބޭފުޅުންނެއްތޯއޭ؟ ރައްޔިތުންނަށް ވަޒީފާ ހޯދައިދޭން، ރައްޔިތުންގެ ޖީބު ތަނަވަސްކޮށްދޭން، ރައްޔިތުންނަށް ބޭނުންވާ ޚިދްމަތްތައް ފޯރުކޮށްދޭން އަދި ރައްޔިތުންނަށް ބޭނުންވާ އުފާފާގަތި މުސްތަޤްބަލެއް އާރާސްތުކޮށްދިނުމަށްޓަކައި ސަރުކާރުން މިކުރާ މަސައްކަތުގެ ތެރޭގައި، އެންމެ ބޮޑަށް މަޖިލީހުގެ ތެރެއިން ހުށަހެޅުއްވީ ކޮންކޮން ބޭފުޅުންނެއްތޯއޭ؟ އެހެންވީމާ، ރައްޔިތުންނަށް މިއަދު ވިސްނޭނެ. ރައްޔިތުންނާ ކައިރިޔާ ދުރުގައި މިއަދު ތިބީ ކޮންކޮން ބައެއްކަން. ޕީ.ޕީ.އެމް.ގެ މެނިފެސްޓޯއަކީ އަދުގެ ސަރުކާރުގެ ސިޔާސަތަކީ، ރައްޔިތުންނާ ކައިރިން ރައްޔިތުން އެދޭ ޚިދްމަތްތަކެއް، ރައްޔިތުން ގަބޫލުކުރާ މިންވަރެއްގައި، ރައްޔިތުން ގަބޫލުކުރާ ފެންވަރެއްގައި ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދިނުން. އަދި މިކަން ކޮށްދިނުމުގައި އަޅުގަނޑުގެ ޓީމް، އަޅުގަނޑުގެ ކެބިނެޓް ޓީމް މިދެންނެވި ގޮތަށް ވަރަށް ހީވާގިކަމާއެކީ މަސައްކަތް ކުރައްވަނީ. އަޅުގަނޑު، އަޅުގަނޑުގެ ކެބިނެޓް ޓީމަށްވެސް މިރޭވެސް އިލްތިމާސް ކުރަން ބޭނުންވަނީ، އަޅުގަނޑު ބޭނުންވެޔޭ ތިޔަބޭފުޅުންގެ ތެރޭގައި ހަމަޖެހުން އޮންނަން. އަޅުގަނޑު ބޭނުންވެޔޭ ތިޔަބޭފުޅުންގެ ތެރޭގައި އެކުވެރިކަން އޮންނަން. މިއީ، ވަރަށް އިލީޓް ކްލަބެއްގެ ގޮތުގައި ގަބޫލުކުރައްވާށޭ. މިއީ، ދިވެހިރާއްޖޭގެ މުސްތަޤްބަލް، ދިވެހި ރައްޔިތުން ބޭނުންވާ ގޮތަށް، އެމީހުންގެ ހުވަފެން ޙަޤީޤަތަކަށް ހަދައިދިނުމަށްޓަކައި ދެންމެ އަޅުގަނޑުމެންގެ ކުރިމަތީގައި އެ ކުޑަކުދިން އެ ހުށަހެޅި ލަވަތަކުން، ނޫނިއްޔާ އެކުދިންގެ ހިތްގައިމު ޝޯތަކުން އަޅުގަނޑުމެންނަށް އެ ގެނެސްދިން މެސެޖަކީ، ކޮންމެހެން އަޅުގަނޑުމެންނެއް ނިއުޔޯކަށް، އަޅުގަނޑުމެން ދިވެހި ހުރިހާ ކުދިން އެއްކޮށްގެން ސޮއިކޮށްފައި ގެންދާ ޕެޓިޝަނެއްގައި ގެންނަ އިޤްރާރެއް ނޫނޭ. އެކުދިންގެ އުންމީދުތައް އެކުދިން އެ ހުށަހެޅީ. އެކުދިންގެ އުންމީދުތަކަކީ އަދި އިޤްރާރެއްގެ ސިފައިގައި ސޮއިނުކުރިޔަސް، އަޅުގަނޑުމެން ބަލައިގަންނަން ލާޒިމް އެއްޗެހި. ކޮންމެ ކުއްޖެއްގެވެސް ހުވަފެނެއް އޮންނާނެ. ކޮންމެ ޢާއިލާއެއްގެވެސް ހުވަފެންތަކެއް ހުންނާނެ. ކޮންމެ ޢާއިލާއަކުން ބޭނުންވާ ކަންތައްތައްވެސް ހުންނާނެ. މިއަދު ހެނދުނު ނޫންތޯ، އަޅުގަނޑުމެން ނުކުޅެދޭ ކުދިންނަށް، ނުކުޅެދޭ ކުދިން ކުރާ މަސައްކަތް، އެކުދިންނަކީ މުޖްތަމަޢުގެ ބައެއްގެ ގޮތުގައި މެއިން ސްޓްރީމް ކުރަން ކުރާ މަސައްކަތުގެ ޖަލްސާ މިއަދު ނޫންތޯ އަޅުގަނޑުމެން އިފްތިތާޙު ކުރީ. އެއީވެސް އަޅުގަނޑުމެންގެ މުޖުތަމަޢުގެ ބައެއް. އެމީހުންގެވެސް އުންމީދުތަކެއް އޮންނާނެ. އެމީހުންގެވެސް ހުވަފެންތަކެއް އޮންނާނެ.
 
 އެހެންވީމާ، އަޅުގަނޑުމެންގެ ސަރުކާރުން މިކުރާ މަސައްކަތުގައި، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އެންމެ މަތިވެރި މަސްއޫލިއްޔަތަކާއި، އެންމެ މަތިވެރި ޒިންމާއަކާއި، އަދި އެންމެ މަތިވެރި އިތުބާރެއް މިއަދު ޙަވާލުވެފައި ތިބި ބަޔަކީ، އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ ކެބިނެޓްގައި ތިއްބެވި މިނިސްޓަރުންނޭ. ކޮންމެ މިނިސްޓަރަކު ކުރައްވާ މަސައްކަތުގައި، ސަރުކާރުގެ މެނިފެސްޓޯ، ޕީ.ޕީ.އެމް.ގެ މެނިފެސްޓޯ، ނޫނިއްޔާ އަޅުގަނޑުމެންގެ ކޯލިޝަންގެ މެނިފެސްޓޯ ތަންފީޛު ކޮށްދިނުމުގައި ފަސްޖެހިވަޑައިނުގަންނަވާށޭ. މިކަން އަޅުގަނޑުމެންނަށް ކުރެވޭ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް ހަމަޖެހުން އޮތީ. އަދި ރައްޔިތުން ތިޔަބޭފުޅުންނާ ދޭތެރޭގައި އިންސާނީ ކަރާމާތް އެއީ، އޮންނަންޖެހޭ އެއްޗެއް ކަމަށް މިއަދުގެ ޖަލްސާއިންވެސް އަޅުގަނޑުމެންނަށް އެނގިގެންދިޔަ. އަޅުގަނޑުމެންނާ ދޭތެރޭ އިޙްތިރާމްކޮށް، އެމީހުންގެ ކަރާމާތް، އަޅުގަނޑުމެންގެ ރައްޔިތުންގެ ކަރާމާތް އަނބުރާ އެމީހުންނަށް ހޯދައިދޭން މިކުރާ މަސައްކަތުގައި، އަޅުގަނޑުމެން އަރުތަތަކެއް ޙާޞިލުކުރާކަން ރައްޔިތުން ގަބޫލުކުރާނެ އެހިސާބުން.
 
އެހެންވީމާ، މިރޭވެސް އަޅުގަނޑު އިލްތިމާސްކޮށްލަން ބޭނުންވަނީ، އަދި ދުވަސްކޮޅަކަށް ތިޔަބޭފުޅުންނާ ވަކިވާންވެސް ކައިރިވެފައި އޮތީމަޔާއެކީ ހަމަ އިލްތިމާސްކޮށްލަން ބޭނުންވަނީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ހީވާގިކަމާއެކީ އެކަތިގަނޑެއްގެ ގޮތުގައި، އެއް ކްލަބެއްގައި މަސައްކަތް ކުރައްވާ ބޭފުޅުންކޮޅެއްގެ ގޮތުގައި ތިއްބަވާށޭ. އެ ތިއްބަވައިފި ކަމަށްވަންޏާ، ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް އަޅުގަނޑުމެންނަށް ކޮށްދެވޭނެ.
 
ވަރަށް އުފާވެރި ޙަފްލާއެއް. އަދިވެސް އަދި އުފާވެރިކަމުގެ އިތުރު ކަންތައްތައް ހުރީމަޔާއެކީ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ހުރިހާ ޒުވާން ކުދިންގެ އުންމީދުތައް، އަދި އެކި ގިންތިތަކާއި އެކި ފަންތީގެ މީހުންގެ، ދިވެހި ރައްޔިތުންގެ އުންމީދުތައް، ނޫނިއްޔާ އެމީހުންގެ ވިސްނުމާއި، އެމީހުންގެ އަމާޒުތައް އެއީ އަޅުގަނޑުމެން ސަރުކާރުން ބަލައިގަންނަ ކަންކަމޭ. އެކަންކަން ޑެލިވަރ ކުރުމުގައި، އެކަންކަން ޙާޞިލުކުރުމަށް ކުރާ މަސައްކަތުގައި، އަޅުގަނޑުމެންގެ ސްޓްރެޓެޖީ، އެހެން ސަރުކާރެއްގެ ސްޓްރެޓެޖީއާ ތަފާތުވެދާނެ. އެހެން ނަމަވެސް، ކާކުތޯ ދެބަސްވާނީ މިއަދު އަޅުގަނޑުމެން ޖީބަށްލާ އާމްދަނީ، ފަސްހާސް ފައްސަތޭކަ އެމެރިކާ ޑޮލަރު ބޮލަކަށްޖެހޭ ކަމަށްވަންޏާ، ކާކުތޯ ދެބަސްވާނީ މިޢަދަދު ބާރަހާހަށް ހަދަން. އެއްވެސް މީހަކު ދެބަހެއް ނުވާނެ. އެކަން ކޮށްދެވޭތޯ އަޅުގަނޑުމެންގެ ބޭނުމަކީ. އެއީ، އަޅުގަނޑުމެންގެ ތުއްތުކުދިން ދެންމެ ހުށަހެޅިގޮތަށް، އެކުދިންގެ ޑްރީމުން ހަމަ އެންމެ ތަންކޮޅެއް އެއީ. އެ ޕަޒްލްގެ ހުރިހާ އެއްޗެއް އަޅުގަނޑުމެންނަށް ފިޓްކޮށްދެވޭ ކަމަށްވަންޏާ، ވީ ހޯލްޑް ދަ ޑްރީމް. އެކުދިންގެ ޑްރީމް، އަޅުގަނޑުމެން އެންމެން އިރާދަކުރެއްވިއްޔާ ޙާޞިލުކޮށްދެވޭތޯ މަސައްކަތް ކުރާނީ.
 
والســّلام عليــكم ورحـمــة اللّـه وبـركاتـه.