بســم اللّـه الرّحمـن الرّحيــم

 
ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ އަދި އިންސާނިއްޔަތަށް ނިޢުމަތްތައް މިންވަރު ކުރެއްވި اللّـه سبحـانـه وتعـالىގެ ޙަޟުރަތަށް ޙަމްދުކޮށް ޝުކުރުކުރަން. މި އުންމަތުގެ ނަބިއްޔާ مُحَمَّـدرســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަން.
 
އާދެ، މި ރަސްމިއްޔާތުގެ ޝަރަފުވެރި ޙައްޤުވެރިން، ނުކުޅެދުންތެރިކަން އިޙްސާސް ކުރަމުންގެންދާ އެކިއެކި މީހުންނާއި ކުދިން، އަދި އިންސާނިއްޔަތުކަމަށް ލޯބިކުރާ އެކިއެކި ފަރާތްތަކުންނާއި އެހީތެރިވަމުންދާ ޖަމްޢިއްޔާތަކާއި ފަރުދުން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه،
 
އާދެ، މިއަދުގެ މި ރަސްމިއްޔާތަށް، މިކަހަލަ ރަސްމިއްޔާތަކަށް އައިސް، އަޅުގަނޑުމެން ޙިއްސުތައް ސަލާމަތުން ތިބި މީހުން، މި ޖަލްސާތަކަށް އައީމަ، އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަންތައްތަކެއް ހުރިކަމަށް، ދެންމެ ފާއިތުވެގެންދިޔަ އިވެންޓުތަކުން އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ. އާދެ، މިއީ ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެން ހަންބްލް ވާންޖެހޭ ފަންކްޝަނެއް ކަމަށް، ނޫނިއްޔާ ރަސްމިއްޔާތެއް ކަމަށް ގަބޫލުކުރަން އެބަޖެހޭ.
 
އާދެ، އެންމެ ފުރަތަމަ އަޅުގަނޑު އުފަލެއް ކަމުގައި ދެކެނީ، މިކަންތައް، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އިޙްސާސްތައް އަޅުގަނޑުމެންގެ މުޖްތަމަޢުގެ ސަމާލުކަމަށް ގެނެވި އަދި އެކުދިންނާ ދޭތެރޭގައި އަޅާލެވޭނެ އިންތިޒާމްތަކެއް ހަމަޖެހިގެން ދިޔައީ، ތަފާތު އެކިއެކި ފަރާތްތަކުގެ މަސައްކަތުން ކަމަށް ގަބޫލުކުރެވޭތީ، އެ ހުރިހާ ފަރާތްތަކަށް ޝުކުރު ދެންނެވުން.
 
އާދެ، ޤާނޫނުއަސާސީގައި ލިޔެވިފައި އޮތް މާއްދާއަކުން ފެށިގެން އަދި 2002 ވަނަ އަހަރު ފާސްކުރެވުނު ޤާނޫނަކުން ހަވާސާވެގެން މިދާ ނުކުޅެދުންތެރިކަން ހުންނަ ކުދިން، އަޅުގަނޑުމެން ޢާންމު ޙާލަތަށް ގެނެވޭތޯ ކުރެވޭ މަސައްކަތްތައް ހަމަޖެހިގެން ދިޔުމަކީ، ޝައްކެއްވެސްނެތްގޮތުގައި މި ދާއިރާއަށް ލިބިގެންދާ ކުރިއެރުމެއް. އެކަމަކުވެސް އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ، ކުރިން ވާހަކަފުޅު ދެއްކެވި ހުރިހާ ބޭފުޅުން، ތަފާތު އެކިއެކި ކަންތައްތައް، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަޖެހޭ، ނޫނިއްޔާ ކޮންމެވެސް މިންވަރެއްގެ ހަމަޖެހުމަކާ ހަމަޔަށް ގެނައުމަށް ހުރި ކަންތައްތަކުގެ ވާހަކަފުޅު ދައްކަވައިފި.
 
ޝައްކެއްވެސްނެތްގޮތުގައި، ދައުލަތުގެ ޒިންމާ، ނޫނީ ސަރުކާރުގެ ޒިންމާ ކިތަންމެހާވެސް ބޮޑު. އެކަމަކު އެޔާއެކީވެސް ހަމަ ދަންނަވާލަން ބޭނުންވަނީ ޒިންމާތައް މިއޮތީ ހަމައެކަނި ދައުލަތުގައެއް ނޫނޭ. މިއީ، އަޅުގަނޑުމެންގެ މުޖުތަމަޢަށް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ، އަޅުގަނޑުމެން ބަލައިގަންނަންޖެހޭ ބައެއްކަން. މަންމައިންނާއި ބައްޕައިން އަދި އެކުވެރިން، ރަޙްމަތްތެރިން އަދި އަޅާލަންޖެހޭ އެހެން ފަރުދުން. މިއީ މުޅި މުޖުތަމަޢުގެ ޒިންމާއެއް. މިއީ ވަކި ފަރުދެއްގެ ޒިންމާއެއް ނޫން. ވަކި މުއައްސަސާއެއްގެ ޒިންމާއެއް ނޫން. އެހެން ނަމަވެސް، މިކަހަލަ ހުރިހާ ކަމެއްގައި، ހަވާސާވެގެންދާ ނޫނީ ޙައްޤުތައް މަޙްރޫމްވެގެންދާ ހުރިހާ ފަރާތްތަކަށް، ޙައްޤުތައް ހޯދައިދިނުމުގެ އެންމެ އިސް ޒިންމާއެއް އަދާކުރަންޖެހެނީ، ޝައްކެއްވެސްނެތްގޮތުގައި ދައުލަތުން. އެހެންވީމާ، ޤާނޫނުތަކުގައިވެސް ދައުލަތުން އެ ޒިންމާ އަދާކުރުމަށް އެކަށައަޅާފައި މިއޮންނަނީ. ދެން އޮތީ ޤާނޫނުގެ ޑެފިޝަންސީ ނޫނިއްޔާ ޤާނޫނުގެ ފުރިހަމަކަން. ކިތަންމެ ފުރިހަމަ ޤާނޫނެއް އެކުލަވައިލެވުނު ކަމުގައިވީނަމަވެސް، ދެންމެ އަޅުގަނޑުމެންނަށް މިތަނުގައި އިވިގެންދިޔަ ފަދައިން، މީގެ އެންމެ މުހިންމު ކަމަކީ، ޙަޤީޤަތުގައިވެސް އަޅުގަނޑުމެންގެ ތެރޭގައި މި ކުލުނާއި، މި ލޯތްބާއި ކޮމްޕެޝަން އެބައޮތްތޯއޭ؟ މިކޮމްޕެޝަން އޮތް ކަމަށްވަންޏާ، އަޅުގަނޑުމެން އުފައްދާ ކާޑަކުންނެއް ނޫން، ޚިދްމަތް ލިބެންވާނީ އަމިއްލަ ފަރާތްތަކުންނެއް. މިއީ މުޖުތަމަޢުގެ ފަރުދުން އަޅާލަންޖެހޭ ކަމެއް ކަމަށް އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކަށް، އަޅުގަނޑުމެންގެ އަމިއްލަ ހިތްތަކަށް ބަލައިގަނެވެން އެބަޖެހޭ. ބަލައިގަނެވިގެން ނޫނިއްޔާ، މިކަހަލަ ކަންކަމުގައި، މަޙްރޫމްވެފައިވާ ނޫނިއްޔާ އެކިއެކި ކަންތައްތަކުން މަޙްރޫމްވެފައިވާ މީހުންނަށް އަޅާލުމަކީ، އަޅުގަނޑުމެންގެ މުޖުތަމަޢުގައި އަށަގެންނެވޭނޭ ސިފައެއް ނޫން. ޤާނޫނުތައް ފުރިހަމައަށް ލިޔެވިދާނެ. ޤާނޫނުތައް ކިތަންމެ ވަރުގަދަޔަށްވެސް ފާސްކުރެވިދާނެ. އެހެން ނަމަވެސް، މުޅި މައްސަލައަށް އަހުލުވެރިވުމާއި، ޤާނޫނުތަކުގައި މި ހޯދައިދޭން އުޅޭ ޙައްޤުތަކާއި ޙިމާޔަތްތަކަށް އަހުލުވެރިވުމަކީ، ޝައްކެއްވެސްނެތްގޮތުގައި، މިކަމުގައި އޮތް އެންމެބޮޑު ފަރުވާ. އަޅުގަނޑުމެން ކުރަން މިއުޅޭ ކަމަކީ، ދެންމެ ޢާޠިފުގެ ވާހަކަފުޅުގައި އެ ވިދާޅުވި ގޮތަށް، ޢާންމު ޙާލަތުގައި، ނުކުޅެދުންތެރިކަން ހުރި ކަމަށް ގަބޫލުކުރެވޭ މީހުން، އެންމެ ކުރީކޮޅުގައި، އެކަންކަމަށް އެޓެންޑް ކުރެވިއްޖެ ކަމަށްވަންޏާ، އަޅާލެވިއްޖެ ކަމަށްވަންޏާ، ޢާންމު ޙާލަތުގައި ދިރިއުޅުމަކާ ހަމަޔަށް، މި ނުކުޅެދުންތެރިކަން ހުންނަ ކުދިން، ނޫނިއްޔާ ހުންނަ މީހުން ގެނެވޭކަން އެއީ އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ކަމެއް.
 
ލޮލުގެ ފެނުންވެސް ޕަރމަނަންޓްލީ އިމްޕެއަރ ނުވާކަމަށްވަންޏާ، ރަނގަޅު ކުރެވޭކަން އަޅުގަނޑުމެން ގަބޫލުކުރަން. އިވުމުން މަޙްރޫމްވެފައިވާ ފަރާތްތައްވެސް، ހިޔަރިންގ އެއިޑް ލެއްވިގެން ނޫނީ އެހެން ކަންކަން ކުރެވިއްޖެ ކަމަށްވަންޏާ، ޢާންމު ޙާލަތަށް ގެނެވޭ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން. އަދި ބޭރުގެ ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުން ވެއްޖިއްޔާ، މިއީ ނުކުޅެދުންތެރިކަމަކީ ކޮންޑިޝަނެއް. ކުޅެދޭ މީހުންނަށް، ނޫނީ ޢާންމު ޙާލަތަށް ރުޖޫޢަވެވޭ ކަންތައްތައް، މުޖުތަމަޢުގެ ފަރާތުން ކޮށްދެވިއްޖެ ކަމަށްވަންޏާ، ޢާންމު ޙާލަތުގައި ދިރިއުޅުމާއެކީ އުޅެވޭ ބަޔަކަށް ހަދައިދެވޭ. މިއީ، މުޅި މުޖުތަމަޢުގެ ޒިންމާއަކީ. ސަރުކާރުގެ ޒިންމާއަކީ. އަދި ކަންކަމަށް އަހުލުވެރިވުމާއެކީ، އަޅާލުންތެރިކަން ފޯރުކޮށްދޭ ބައެއްގެ ޒިންމާއަކީ މިއީ. މިކަންކަން އެއްބަޔަކު މިކުރަނީ ޒިންމާއެއްގެ ގޮތުގައި ދެކިގެން. އަނެއްބަޔަކު މިކުރަނީ އައުޓް އޮފް ކޮމްޕެޝަން. ހަމަ އިޙްސާންތެރިކަމާއި ކުލުނުގެ މައްޗަށް ބިނާކޮށް. އޯޓިޒަމް ސޮސައިޓީއެއް އުފެދިއްޖެ. ކެއަރ ސޮސައިޓީއެއް އުފެދިއްޖެ. އަދި މަދްރަސާތަކުގައި މިކަން ކުރެވޭތަން އަޅުގަނޑުމެންނަށް ފެނިގެން މިވަނީ ގޮސްފައި. އެހެންވީމާ، މިކަން އަޅުގަނޑުމެންގެ ތެރޭގައި އަށަގަނެވޭނީ، ޙަޤީޤަތުގައިވެސް މިދެންނެވި ގޮތަށް އަޅުގަނޑުމެން ހިތާހިތުން މިކަމަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި އުޅޭ އަޅުގަނޑުމެންނަށްވުރެ ނިކަމެތިކޮށް އުޅޭ ބަޔަކު އުޅޭކަން އަޅުގަނޑުމެންނަށް ގަބޫލުކުރެވިގެން.
 
މިއަދު އެންސްޕާރގައި ފަހަރުގައި ވެދާނެ، 5400 ކުދިން ރަޖިސްޓްރީ ކުރެވިފައި އޮތް ކަމަށް. އެކުދިންނަށް ދައުލަތުން ލިބެންވާ އެހީތެރިކަން ފޯރުކުރަމުން އެބަ ގެންދެވޭ. އެހެން ނަމަވެސް، އެ އެހީތެރިކަމަކީ ފަހަރުގައިވެސް އެކުދިން ޢާންމު ޙާލަތަށް ގެންދިޔުމަށް ފޯރުކޮށްދެވޭ އެންމެ އެކަށީގެންވާ އެހީތެރިކަމަށް ނުވެ ހިނގައިދާނެ. އެހީތެރިކަން ބޭނުންވަނީ ހަމައެކަނި ފައިސާގެ ނޫނީ މާއްދީ އެހީތެރިކަމަކުންނެއް ނޫން. އޮފީސްތަކަށް އަންނައިރު، ވީލްޗެއަރގައި، ފުރޮޅުލީ ގޮނޑީގައި އަންނަ ކުދިންނަށް ރޭމްޕެއް އަޅާލަދީފި ކަމަށްވަންޏާ، އެކުދިންނަށް އެހީތެރިވެވުނީ. އެކުދިންނަށް ދެވޭ ދެހާސް ރުފިޔާއަކުންނެއް، ރޭމްޕެއްނެތި އެކުދިންނަށް އެހީތެރިކަން ދެވުނީކަމަކަށް ނުވޭ. އެހެންވީމާ، ބައެއް މުޖުތަމަޢުތަކުގައި ގަބޫލުކުރާގޮތުން މިކަހަލަ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، މިދެންނެވި ކަހަލަ ވަސީލަތްތައް ފޯރުކޮށްދެވިއްޖެ ކަމަށްވަންޏާ، އެއީ ޢާންމު ޙާލަތަށް ގެނެވެނީ ކަމަށް ދެކެވޭ. ނޫނިއްޔާ ދެކޭ.
 
އެހެން ނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިއަދު އަޅުގަނޑުމެންގެ ޙާލަތަށް އަންނަމުންމިދާ ބަދަލަށް ބަލާއިރު، ހަވާސާގައި މިހެން ތިބި އެތައް ބަޔަކު، އަޅުގަނޑުމެން ޢާންމު ޙާލަތަށް ގެނައުމަށް، އެކި ފަރާތްތަކުން އެބަ މަސައްކަތް ކުރެޔޭ. މިކަމަށްޓަކައި މި މަސައްކަތް ކޮށްދެއްވާ ހުރިހާ ފަރާތްތަކަށް، ދެންމެ ސްޓޭޖްމަތިން އެކިއެކި ހިތްވަރުގެ އިނާމާއި، ޝަރަފުގެ އިނާމު ލިބިވަޑައިގެންނެވި ހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކީ އަޅުގަނޑު މަރްޙަބާ ދަންނަވަން. އަދި ވަރަށް ޚާއްޞަ ޝުކުރެއް، އެހެން ޙަފްލާތަކުގައި ނުދަންނަވާ ކަހަލަ، ހިތުގެ އެންމެ ފުންމިނުން ދަންނަވާ ޝުކުރެއް އަޅުގަނޑު މިއަދު ދަންނަވަން. އެއީ މިދެންނެވި ގޮތަށް، އަޅުގަނޑު ގަބޫލުކުރާ ގޮތުން ވެއްޖިއްޔާ މިއީ އައުޓް އޮފް ކޮމްޕެޝަން. ނޫނީ ހިތުގެ ލޯބިން ކުރަންޖެހޭ ކަމަކަށް ގަބޫލުކޮށްގެން މިކަން ކުރާތީ. މިއީކީ މަޖުބޫރު ކަމެއް އޮވެގެން، ނޫނިއްޔާ މިއީ އެކަހަލަ އެއްވެސް ކަހަލަ ޒިންމާއެއް އުފުލަން ޖެހިގެން ކުރާ ކަމެއް ނޫން. މިކަން އެންމެ އެދެވޭގޮތެއްގައި ކުރެވިގެން، އަޅުގަނޑުމެން މުޖްތަމަޢުގެ ތެރޭގައި ޢާންމު ޙާލަތަށް މިމީހުން ގެނެވޭތޯ، ނޫނިއްޔާ މިކުދިން ގެނެވޭތޯ ކުރާ މަސައްކަތް ކުރެވޭނީ، މިދެންނެވި ގޮތަށް ގަބޫލުކުރާ ބަޔަކު އަޅުގަނޑުމެންގެ މުޖްތަމަޢަށް އިތުރުވެގެން. އެހެންވީމާ، އެ ހުރިހާ ފަރާތްތަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަދި ހަމައެހެންމެ، މިޝުކުރުގައި، ރަސްމީ ޒިންމާގެ އިތުރުން، މަސްއޫލިއްޔަތުގެ އިތުރުން، ޓީޗަރުން އަމިއްލަ މަސައްކަތްތަކެއް އެބަ ކޮށްދެއްވާ. އަޅުގަނޑުމެންގެ ތެރޭގައި ލޯފަން ޙާފިޡުން އެބަ ތިއްބަވާ. ލޯފަން ޤާރީން އެބަ ތިއްބަވާ. މިހުރިހާ ބޭފުޅުން ވަރަށްގިނަ މަސައްކަތްތަކެއް މި ކޮށްދެއްވަނީ. ޤާނޫނު، މިދެންނެވި ކަހަލަ ހެންޑިކެޕް ނޫނިއްޔާ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާ ހަމަޔަށް ގެނެސްދިނުމަށް ކުރެއްވި މަސައްކަތްތައް އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން ހިނގައްޖެ. އެހެންވީމާ މިހުރިހާ ފަރާތްތަކުން މިކޮށްދެއްވަނީ، އަޅުގަނޑު މިދެންނެވި ގޮތަށް މި ހަވާސާވެފައި ތިބި ބަޔަކު މިއަދު މެއިން ސްޓްރީމް ކުރުމަށްޓަކައި ނޫނީ މުޖުތަމަޢުގެ ޢާންމު ޙާލަތަށް ގެނައުމަށްޓަކައި މިއީ މުޖުތަމަޢުގައި އުޅޭ ބައެއް ކަމަށް، މުޖުތަމަޢުގައި ހިމެނޭ އެހެން މީހުންނަށް އަންގައިދިނުމަށްޓަކައި ކުރެވޭ މަސައްކަތް. ޝައްކެއްވެސްނެތްގޮތުގައި، މިއީ ވަރަށް އަގުހުރި މަސައްކަތްތަކެއް. މި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ﷲގެ ހެޔޮ ރަޙްމަތް މިންވަރު ކުރައްވާނެކަމާ ދޭތެރޭ އަޅުގަނޑުގެ ހިތުގައި ސުވާލެއް ނުއުފައްދަން.
 
އާދެ، ދެންމެ ދަންނަވާލި ގޮތަށް، ސަރުކާރުގެ ރަޖިސްޓްރީގައި މިހާރު މިވަނީ 5400 ވަރަކަށް މީހުން. އެހެން ނަމަވެސް، މި ހަފްތާގެ ތެރޭގައި މި ކުރެވެމުންދަނީ ވަރަށް ވަރުގަދަ މަސައްކަތެއް. މިދެންނެވި ކަހަލަ ނުކުޅެދުންތެރިކަން ހުރި މީހުން ދެނެގަތުމަށާއި އަދި ނުކުޅެދުންތެރިކަން ހުރި ޢާއިލާ ދިރިއުޅެމުންދާގޮތް ދެނެގަތުމަށާއި، އެތަންތަނުގެ ޙާލަތު ހުރިގޮތް ދެނެގަތުމަށް ކުރަމުންގެންދާ ސެންސަސް މަސައްކަތްތަކެއް، ބޯހިމެނުމުގެ މަސައްކަތްތަކެއް ހިނގަމުން އެބަދޭ.
 
އަޅުގަނޑު މިއަދު އެއްގޮތަކަށްވެސް ސިޔާސީ ވާހަކަ ދައްކާކަށް ނެތިން. އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، މިދެންނެވި ގޮތަށް މިއީ، މުޅި މުޖުތަމަޢުގެ ޒިންމާއެއް ކަމުގައި، ނޫނީ މުޅި މުޖުތަމަޢުން އަޅާލަންޖެހޭ ކަމެއް ކަމަށް ދެނެގަތުމަށްޓަކައި ދަންނަވާލާ ވާހަކައެއް މިއީ. އަޅުގަނޑަށް އެނގޭ، އަޅުގަނޑު ފަހަރުގައިވެސް މިހިރީކީ ސިޔާސީ ޕޯޑިއަމް ފަހަތަކު ނޫން. އަޅުގަނޑުމެންގެ ތެރޭގައި އެއްބަޔަކު ގަބޫލުކުރާ ގޮތުން ވެއްޖިއްޔާ، ބޯހިމެނުމުގައި ބައިވެރިވުމަކީ ރަނގަޅު ކަމެއް ނޫން. އެކަމަކު ކަންތައްތައް، ޚިދުމަތްތައް ފޯރުކޮށްދޭން ހުރި ސަރުކާރުގެ މުއައްސަސާތަކަށާއި އަދި މިހެން ހުރި އެކިއެކި ސޮސައިޓީތަކަށް، އަޅުގަނޑުމެންނަށް ޞައްޙަ ގޮތުގައި މި މަޢުލޫމާތު ނުލިބި، ކިހިނެއްތޯ އަޅުގަނޑުމެން މިކަން ކުރާނީ؟ އަޅުގަނޑުމެންނަށް މިކަން ކޮށްދެވޭނެ ގޮތެއް ނޯންނާނެ. އެހެންވީމާ، އަޅުގަނޑުމެންނަށް މި މަޢުލޫމާތު އެބަ އެނގެންޖެހޭ.
 
 އަޅުގަނޑު ދެންމެ ބަންޑާރަ ނައިބު އަރިހުގައި އަހާލިން. އަދި ލޯ އެންޑް ޖެންޑަރ މިނިސްޓަރ އަރިހުގައި އަހާލިން، އަޅުގަނޑުމެން ދައުލަތުންދޭ ކަންތައްތަކުގެ ތެރޭގައި، ފަސޭހަތަކުގެ ތެރޭގައި، ނޫނީ ޢިނާޔަތްތަކުގެ ތެރޭގައި، މީގެކުރިންވެސް މިވަނީ ޚާއްޞަ ކުރެވިގެން، 15 ފްލެޓެއް ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ޢާއިލާއަށް ސަރުކާރުން ދީފައި. އަދި މިއަހަރުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ އިތުރު 15 ފްލެޓް ދެވޭނެ. އެހެން ނަމަވެސް، އަޅުގަނޑުމެން މެއިން ސްޓްރީމް ކުރަން މިކުރާ މަސައްކަތުގައި، އަޅުގަނޑުމެން ދެންމެ ދަންނަވާލި ސުވާލުގެ ޖަވާބު، އަޅުގަނޑު މިއަދު ތިޔަބޭފުޅުންނަށް ހަމަ ދަންނަވާލަން ބޭނުންވޭ. އަޅުގަނޑުގެ ސަރުކާރެއްގައި އަޅުގަނޑު ބޭނުންވޭ، މި ދޫކުރެވޭ ހުރިހާ ހައުސިންގ ސްކީމްތަކެއްގެ ދަށުން ޢާންމު އުޞޫލުން މާކްސް ދެވޭއިރު، ނުކުޅެދުންތެރިކަން ހުންނަ ޢާއިލާތައް އެކަހެރިކޮށްފި ކަމަށްވަންޏާ، މިދެންނެވި ޚާއްޞަކޮށް ދެވޭ ފްލެޓްތަކުގެ އިތުރުން، އެމީހުންނަށް އިސްކޮށް، އެމީހުންނަށް މާކްސް ދެވޭނެ އުޞޫލެއް، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިއަދުން ފެށިގެން ޤާއިމުކުރާނަން. ހުރިހާ ފަރާތެއްގެ އެހީތެރިކަން ބޭނުންވާ ބައެއް މިއީ. އެކަމަކު މިޔާއެކީވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިއަދުގެ ޖަލްސާއަކީ އުފާވެރި ޖަލްސާއެއް. އެއްގޮތަކަށްވެސް މިއަދުގެ ޖަލްސާއަކީ، ނުކުޅެދުންތެރިކަން ހުރި ކުދިން، ނޫނިއްޔާ މީހުން ފާހަގަކޮށް، އެއްގޮތަކަށްވެސް އެކަމާ ދޭތެރޭގައި ހިތާމަކުރަންވީ ޖަލްސާއެއް ނޫން.
 
އަޅުގަނޑުމެންނަށް މިއަދުގެ ޖަލްސާއިންވެސް ފާހަގަވެގެން ހިނގައްޖެ، ވަރަށް އެދެވޭ މަސައްކަތްތަކެއް ކުރައްވާ ބޭފުޅުންކޮޅެއް. އެއީ ލޯފަން ބޭފުޅުން ކަމަށް ވެދާނެ. ކަންފަތްޕުޅަށް ނީވޭ ބޭފުޅުން ކަމަށްވެދާނެ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަވާ! ދުނިޔޭގައި އުފައްދާފައިވާ އެންމެ ވަރުގަދަ ސައިންޓިސްޓުން ތިބީ ކޮން ދިމާލަކުތޯ؟ މިއީ އަޅުގަނޑު ދަންނަވާލަން ބޭނުންވާ ޕޮޒިޓިވް ވާހަކަތަކެއް. މިވާހަކަ ދެންނެވުމުގެ ބޭނުމަކަށް މިވަނީ، މުޖުތަމަޢުގެ ފަރާތުން، ސަރުކާރުގެ ފަރާތުން އަޅާލައި، ކަންތައްތަކެއް ކޮށްދިނުމުގެ އިތުރަށް، އެކިއެކި ނުކުޅެދުންތެރިކަން ހުންނަ އެކިއެކި މީހުންގެ އަމިއްލަ ފަންނުތައް ދެނެގަނެ އަދި އެ ފަންނުތައް ތަރައްޤީކުރަން މަސައްކަތްތަކެއް ކޮށްދެވިއްޖެ ކަމަށްވަންޏާ، ހިޔަރިންގ އެއިޑްގެ އިތުރަށް އަދި ލޯފަން ކުދިންނަށް ފެނުމުގެ ކަންތައް ފަސޭހަކޮށްދިނުމުގެ އިތުރަށް މިއީ، ވަރަށް ވަރުގަދަ މަސައްކަތެކޭ.
 
އަޅުގަނޑުމެން އެބަ ގަބޫލުކުރަންޖެހޭ، މަދްރަސާގައި، މަދްރަސީ ޙަޔާތުގައި އުޅޭއިރު، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްޞަ އެހީ އެބަ ބޭނުންވޭ. ޓީޗަރުން އެބަ ހޯދައިދޭންޖެހޭ. އަދި މިކަމުގެ ޚާއްޞަ ފަންނު، ނޫނިއްޔާ މިފަންނުގެ ޚާއްޞަ މީހުން ދިވެހިރާއްޖޭގައި މަދުކަންވެސް އެބަ ގަބޫލުކުރަންޖެހޭ. މި ފަންނުގެ މީހުން ތަމްރީނުކޮށް، އިތުރު މީހުން ހޯދޭތޯ ދައުލަތުން މަސައްކަތް ކުރެވޭނެ. ދެންމެ އެޓަރނީ ޖެނެރަލް، ނޫނިއްޔާ ލޯ މިނިސްޓަރުގެ ވާހަކަފުޅުގައިވެސް އެކަން ފާހަގަކުރައްވައިފި. އަދި ޞިއްޙީ ދާއިރާއިންވެސް މަސައްކަތްތަކެއް ކުރެވޭނެ. ޞިއްޙީ ދާއިރާއިން އިރާދަކުރެއްވިއްޔާ، މިކަހަލަ ފަންނީ މީހުންތަކެއް ތަމްރީނު ކުރެވޭތޯ. އެކަމަކު އެއާއެކީވެސް އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، މާލޭގައި އެއް ސްކޫލެއްގައި ވަރަށް ވަރުގަދަޔަށް މި މަސައްކަތް އެބަ ކުރެވެޔޭ. އެހެން ނަމަވެސް، ހަމަ އެއާއެކީ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން މިއަދު ވާހަކަ ދައްކަމުން މިގެންދާއިރުވެސް، އަޅުގަނޑުމެންގެ މެނިފެސްޓޯގައި އެކަށައަޅާފައި އޮތްގޮތަށް، ރާއްޖެތެރޭގައި، އެކި ހިސާބުގައި ފަސް މަދްރަސާއެއްގައި، ފަސް ސްކޫލެއްގައި މިހާރު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދިނުން، ޢާންމު ޙާލަތެއްގައި ކިޔަވައިދިނުމުގެ ނިޒާމު މިހާރުވަނީ ތަޢާރުފް ކުރެވިފައި. އަޅުގަނޑުމެންގެ ބޭނުމަކަށްވަނީ، މިދެންނެވިހެން މަދްރަސީ ދައުރުން ފެށިގެން، މިކުދިންނަކީ ޢާންމު ޙާލަތަށް ގެނެވޭ ބަޔަކަށް ހަދައިދިނުމަށް ކުރާ މަސައްކަތް. އެކަމަކު އެޔާއެކީވެސް ގަބޫލުކުރަންޖެހެނީ، ޚާއްޞަ ފަންނުތަކެއް ދެނެގަނެގެން، މި ކުދިންގެ ހުންނަ ޚާއްޞަ ފަންނުތަކެއް ދެނެގަންނަން އެބަޖެހޭ. އެއް ޙިއްސުން މަޙްރޫމްވާ ކަމަށްވަންޏާ، އަޅުގަނޑަށް ގަބޫލުކުރެވެނީ، އެހެން ޙިއްސު ޝާރޕަންވެގެން އެބަދޭ. ނޫނީ އެހެން ޙިއްސުތައް އެއަށްވުރެ ވަރުގަދަވެގެން އެބަދޭ. ޚިޔާލަށް ގެންނަވާ! ޚިޔާލަށް ގެންނަވާ! އަޅުގަނޑުމެން މި ފަހުޒަމާނުގައި، ދުނިޔެ ދުށް އެންމެ ވަރުގަދަ ސައިންޓިސްޓަކީ އަލްބަޓް އައިންސްޓެން. ބުނެވޭގޮތުން ވެއްޖިއްޔާ، އައިންސްޓެންއަކީ ތިން އަހަރު ވަންދެން އަޑުނީވޭ، އަށް އަހަރު ވަންދެން ވާހަކަ ނުދެއްކުނު މީހެއް. ތިން އަހަރު ވަންދެން އަޑުނީވޭ، އަށް އަހަރު ވަންދެން ވާހަކަ ދެއްކުމުން މަޙްރޫމްވެފައިވާ މީހެއް. އެހެން ނަމަވެސް، އޭނާއަކީ މި ފަހުޒަމާނުގައި ދުށް އެންމެ ވަރުގަދަ ސައިންޓިސްޓް. އުފެއްދި އެންމެ ވަރުގަދަ ސައިންޓިސްޓް. އެހެންވީމާ، މިހެން ހުންނަ އިންޑިވިޖުއަލް ސްކިލްސް އެބަޖެހޭ އަޅުގަނޑުމެންނަށް ދެނެގަނެވެން.
 
އަޅުގަނޑު މިވާހަކަ ދަންނަވާލުމުގެ ބޭނުމަކީ، މިފެންވަރަށް އަޅުގަނޑުމެންގެ މީހުން އަންނާނެ ވާހަކަ ދަންނަވާކަށެއް ނޫން. އެހެން ނަމަވެސް، ކޮންޓެކްސްޓްގައި ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ތެރޭގައި ހަމަ ލޯފަން ޙާފިޡުން އެބަ ތިއްބެވި ނޫންތޯއޭ؟ އަޅުގަނޑުމެންގެ ތެރޭގައި  ލޯފަން ޙާފިޡުން އެބަ ތިއްބެވިއޭ. އަޅުގަނޑުމެންގެ ތެރޭގައި އެބަ ތިއްބެވިއޭ، ހަމަ ފަންނުވެރިންގެ ތެރޭގައިވެސް، ޝާޢިރުންގެ ތެރޭގައިވެސް ލޯފަން ބޭފުޅުން. ކީއްވެގެންތޯ [މިލްޓަން] އެންމެ ވަރުގަދަ ޝާޢިރެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފެނިގެން މިދަނީ؟ މިލްޓަންގެ އެންމެ ވަރުގަދަ ލިޔުއްވުމަކަށް މިއޮތީ، ނޫނީ އެންމެ ވަރުގަދަ ޕޮޔަމަކަށް މިއޮތީ، [ޕެރަޑައިސް ލޮސްޓް] މިތާ ކައިރީގައި އޮތް ޕެރަޑައިސްއެއް ނޫން. [ޕެރަޑައިސް ލޮސްޓް] އޭނަގެ ފެނުން، މިލްޓަންގެ ފެނުން މަޙްރޫމްވީ، ޕެރަޑައިސް ލޮސްޓް ލިޔުމުގެ ކުރިން. އެކަމަކު އޭނަގެ ޢަޒުމަކަށް ބަދަލެއް ނާދެޔޭ. އޭނަގެ ޢަޒުމަކަށް ބަދަލެއް ނާދޭ. އެންމެ ވަރުގަދަ އެންމެ ވަރުގަދައަށް މިގޮތަށް ލިޔެވުނު މަޒުމޫނު، ނޫނިއްޔާ ޝާއިޢު ކުރެވުނު ޅެންފޮތެއްގެ ގޮތުގައި، އަދަބިއްޔާތުގެ ފޮތެއްގެ ގޮތުގައި ޝާއިޢު ކުރެވުނު ފޮތް ލިޔެވިފައި މިއޮތީ، ލޯފަން މީހެއްގެ ގޮތުގައި، ނޫނީ ފެނުމުން މަޙްރޫމްވެފައިވާ މީހެއްގެ ގޮތުގައި މިލްޓަން ހުރެގެން.
 
 މިހެން ދަންނަވާ ކަމަށްވަންޏާ، ހަމަ މިކަހަލަ އެތަކެއް މިސާލު އެބަހުރި އިނގޭތޯ. އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން އެހީތެރިވާ ޖަމްޢިއްޔާތަކުން އަދި އަޅުގަނޑުމެން އެހީތެރިވާ ފަރުދުންގެ ފަރާތުން މިދެންނެވި ގޮތަށް، ނުކުޅެދުންތެރިކަން ހުންނަ އެކިއެކި މީހުންނާއި، އެކިއެކި ކުދިން، ޚާއްޞަކޮށް އެކިއެކި ކުދިންގެ އެ ހުންނަ ޚާއްޞަ ފަންނުތައް، ނޫނީ ޚާއްޞަ ޙިއްސުތައް އަޅުގަނޑުމެން ދެނެގަންނަން އެބަޖެހެޔޭ. މިއީ މިމީހުންނަށް އެންމެ ބޮޑަށް އެހީތެރިވެވޭނެ އެއްކަމަކީ. ޢާންމު ޙާލަތެއްގައި، ކޮކްލިއަރ، ހިޔަރިންގ އެއިޑް، ނޫނިއްޔާ ނަންބަރު އައިނު، މިކަހަލަ ހުރިހާ ކަމެއް ދައުލަތުން ފަސޭހަކޮށްދެވިދާނެ. ފަސޭހަކަމާއެކީ ފޯރުކޮށްދެވިދާނެ. އެކަމަކު އެންމެބޮޑު މައްސަލައަކަށްވަނީ ދިރިއުޅުމުގައި، ދިރިއުޅުމުގައި ޖަވާޖީ ޙަޔާތެއް ފަށާ ހިސާބަށްދާއިރު، ޢާއިލާއެއް ބިނާކުރުމާ ހިސާބަށްދާއިރު، ކިހިނެއްތޯ އާމްދަނީ ހޯދައިގެން އުޅެވޭނީ. އަބަދަކު ދައުލަތުގެ ހޭންޑްއައުޓްސްގައި ނޫޅެވޭނެކަން ގަބޫލުކުރަން އެބަޖެހޭ. އަދި އެ ހޭންޑްއައުޓަކީ އަގުތައް އުފުލެމުންދާ މުޖުތަމަޢެއްގައި، އެއްވެސް ގޮތެއްގައި ދެކޮޅުޖެއްސޭ ވަރަށް ދެވޭ އެއްޗަކަށް ނުވެ ހިނގައިދާނެ. އަދި އެކަން ކިތަންމެވަރަކަށް އޮގްމަންޓް ކުރަން އަޅުގަނޑުމެން މަސައްކަތް ކުރިނަމަވެސް، އެއީކީ ވާނެ ކަމެއް ނޫން. އެހެން ނަމަވެސް، އަމިއްލަ ހުނަރުތަކަކާއެކީ ކަންތައްތަކެއް އެބަ ދަސްވާންޖެހޭ. ނޫނީ އެ ހުނަރުތައް އަޅުގަނޑުމެން ދެނެގަންނަންޖެހޭ. ހުރިހާ ބޭފުޅުންވެސް ފާހަގަކުރެއްވި ގޮތުގައި، އެންމެބޮޑު ކަމަކަށް މިވަނީ ވަޒީފާގެ ފުރްޞަތު ތަނަވަސްވެގެން ދިޔުން.
 
ވަޒީފާދޭ ފަރާތްތަކަށް އަޅުގަނޑު މިއަދު އިލްތިމާސް ކުރަން، އެއީ ސަރުކާރުގެ މުއައްސަސާތަކަށްވެސް އަދި އެހެން އަމިއްލަ ފަރާތްތަކަށްވެސް އަޅުގަނޑު އިލްތިމާސް އެބަ ކުރަން، މިކަހަލަ ކުދިންނަށް، މިކަހަލަ މީހުންނަށް ވަޒީފާ ދެވޭނެ ގޮތްތަކެއް އަޅުގަނޑުމެން އެބަޖެހެޔޭ އިސްވެ މިކަމުގައި ނެރެވޭތޯ ބަލަން. މަސައްކަތްތައް އެބަ ކުރަންޖެހޭ. އަދި ޑިސްއެބިލިޓީގެ މަސައްކަތްތައް ބައްލަވާ ބޭފުޅުންނަށްވެސް އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ، ޚާއްޞަ މަސައްކަތްތަކެއް އެބަ ކުރެވެންޖެހޭކަންނޭނގެ، މި މީހުން މަސައްކަތުގެ ޢުމުރުފުރަޔަށް ދިޔައީމަ، ނޫނީ މަސައްކަތް ކުރެވޭ ހިސާބަށް ދިޔައީމަ، މިމީހުން މަސައްކަތުގައި ގެންގުޅެވޭނެ ގޮތްތަކެއް ހޯދަން ކުރެވޭނީ ކޮން މަސައްކަތްތަކެއްތޯ؟ ޝައްކެއްވެސްނެތްގޮތުގައި، ވިޔަފާރިކުރާ އެކިއެކި ފަރާތްތަކާ އަޅުގަނޑުމެންނަށް ސަރުކާރުގެ ފަރާތުން ވާހަކަ ދެއްކިދާނެ. އަދި ސަރުކާރުގެ ކުންފުނިތަކުގައި، މިކުދިންނަށް ޖާގަ ހޯދުމަށް ދެން މިއަދު އަޅުގަނޑު އެކަށައަޅައިފިން. އަޅުގަނޑު މަސައްކަތްތަކެއް ކުރާނަން. އިރާދަކުރެއްވިއްޔާ، ސަރުކާރުގެ ކުންފުނިތަކުގައި، މިގޮތަށް މަސައްކަތް ކުރެވޭ ކުދިންނަށް، ނޫނީ މަސައްކަތް ކުރަން ތައްޔާރަށް ތިބި ކުދިންނަށް، އަޅުގަނޑުމެންގެ ސަރުކާރުން ޖާގަ ހޯދައިދޭނަން. އެކަމަކު އެޔާއެކީވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ޕްރައިވެޓް ސެކްޓަރަކީ ރާއްޖޭގެ ނިސްބަތުން، ރާއްޖޭގެ ޖީ.ޑީ.ޕީ.ގެ ނިސްބަތުން އަޅުގަނޑުމެންގެ ޕްރައިވެޓް ސެކްޓަރަކީ ވަރަށް މުހިންމު މަސައްކަތްތަކެއް ކުރާ، ނޫނީ ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ވިޔަފާރިއާއި އިޤްތިޞާދީ މަސައްކަތްތަކެއް ކުރާ ބަޔެކޭ. ކޮބައިތޯއޭ އަޅުގަނޑުމެންގެ އެބަ ކޮމްޕެޝަން އަޅުގަނޑުމެން އެބަ އެޕީލް ކުރަންޖެހޭ. އަޅުގަނޑުމެން މަސައްކަތްތަކެއް އެބަ ކުރަންޖެހޭ. މުޖްތަމަޢުގެ ކެއަރ ސޮސައިޓީ، އޯޓިސްޓް ކުދިންނަށް މަސައްކަތް ކޮށްދެއްވާ ސޮސައިޓީ. ހަމަ އެގޮތަށް މަސައްކަތްތައް އުފެއްދެން އެބަޖެހޭކަންނޭނގެ، މިކުދިންނާއި ވަޒީފާދޭ ފަރާތްތަކާ ދޭތެރޭގައި ހިނގާނެ ބައެއް، އެކުދިން އެބަޖެހޭ މިތަންތަނުގައި އެސްޓެބްލިޝް ކުރެވެން. އަޅުގަނޑަށް ކޮށްދެވޭ ގިނަ މަސައްކަތްތަކެއް، ނޫނީ ސަރުކާރުގެ ފަރާތުން ކޮށްދެވޭ ގިނަ މަސައްކަތްތަކެއް، މިދެންނެވި ގޮތަށް އަޅުގަނޑުމެންގެ ސަރުކާރު ކުންފުނިތަކުގައި އަދި ސަރުކާރުގެ އެކި އޮފީސްތަކުގައި ކޮށްދެވޭތޯ އިރާދަކުރެއްވިއްޔާ އަޅުގަނޑު ބަލާނަން. އަޅުގަނޑު މިއަދު އޮފީހަށް ދިޔުމާ އެކީގައި، ހަމަ ހުރިހާ ކުންފުނިތަކަށްވެސް މިއަދު އެކަން އަންގާނަން. މިއީ ސަރުކާރުން ކޮށްދެވިދާނެ ކަންތައްތަކެއް. އެހެން ނަމަވެސް، މިދެންނެވި ގޮތަށް، މުޅި މުޖްތަމަޢަށް ބަލާކަމަށްވަންޏާ، މިފަހަރުގެ ތަފާސް ހިސާބު ނިމިގެންދާއިރު، އަޅުގަނޑަށް ގަބޫލުކުރެވޭ، 5400 ކުދިންނެއް ނޫން، މިދެންނެވި ކަހަލަ ހެންޑިކެޕް ކުދިންގެ ގޮތުގައި ތިބޭނީ.
 
މި ހެންޑިކެޕް ކުދިންގެ އިތުރަށް، ޚާއްޞަ އެހީއަށް ބޭނުންވާ އެހެން ދާއިރާތައް އެބަހުރި. ސައިކޭޓްރިކް، ނޫނީ ނަފްސާނީ ބަލިތަކުގެ މީހުން އެބަތިބި. އަދި މިނޫން އެހެން ފަރުވާ، ދާއިމީ ފަރުވާ ބޭނުންވާ މީހުން އެބަތިބި. އަމިއްލަ ޙާލައިގެން، ނޫނިއްޔާ އެހެން މީހެއްގެ އަޅާލުންތެރިކަމެއްނެތި، އެމީހުންގެ ދިރިއުޅުމަށް ދަތިވާ މީހުން އެބަތިބި. މިކަހަލަ ހުރިހާ ބައެއް އެބަ ހިމެނޭ. އެހެން ނަމަވެސް، މިއަދުގެ މި ޖަލްސާ ޚާއްޞަ މިވަނީ، މިދެންނެވި ކަހަލަ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް. އިރާދަކުރެއްވިއްޔާ، މިކުދިން ރީހެބިލިޓޭޓް ކުރުމަށް ކުރާ މަސައްކަތުގެ ތެރޭގައި، އިތުރަށް ކުރަންޖެހޭ ކަމަކީ، މިކުދިންނަށް ވަޒީލާ ލިބޭނެ ފުރްޞަތުތަކެއް ހަމަޖެހިގެން ދިޔުން. އެހެން ނޫނީ މިދެންނެވި ކަހަލަ ކަންކަމަކަށް ޙައްލެއް އަންނާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ.
 
ހަމައެޔާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، މިއަދު ދަންނަވާލި ގޮތަށް، މިއަދުގެ އަޅުގަނޑުމެންގެ މެސެޖަކީ، ނޫނިއްޔާ އަޅުގަނޑުމެން މިދައްކާ ވާހަކަޔަކީ، މިކުދިންނަށް، މިމީހުންނަށް ހިތްވަރު ދިނުމަށް ބޭއްވޭ ޖަލްސާއެއް. މިކުދިންނަށް އެހީތެރިވާ ފަރާތްތަކަށް، އެއީ ސޮސައިޓީއެއްގެ ނަމުގައި ކަމުގައިވީ ނަމަވެސް، ނޫނިއްޔާ ފަންނީ، ނޫނިއްޔާ މާއްދީ އެހީތެރިކަން ފޯރުކޮށްދޭ ބައެއް ކަމުގައިވީނަމަވެސް، މިއީ އަޅުގަނޑުމެންގެ މުޖުތަމަޢު، އެމީހުންގެ ޚިދުމަތް ބަލައިގަންނަ ދުވަސް. އެގޮތުން، މިއަދު މި އެވޯޑް ގެންދެވި ހުރިހާ ބޭފުޅުންގެ ޚިދްމަތް، ދިވެހި ސަރުކާރުގެ ފަރާތުން ހަމަ ޤައުމީ ފެންވަރުގައި ބަލައިގަންނަ ވާހަކަ އަޅުގަނޑު ދަންނަވަން. އެ އެވޯޑް ލިބިވަޑައިގަތީ. މިކަހަލަ ބޭފުޅުން އަޅުގަނޑުމެންގެ މުޖުތަމަޢު ތެރޭގައި އިތުރުވާންވީ.
 
މިކަހަލަ ބޭފުޅުން އިތުރުވުމަށްޓަކައި އަޅުގަނޑުމެންވެސް އެބަޖެހޭ ޚާއްޞަ މަސައްކަތްތަކެއް ކުރަން. އެކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި އަޅުގަނޑު ހިތަށްއަރަނީ، މި ހުންނަ ޚާއްޞަ ފެކަލްޓީތައް، ނޫނިއްޔާ ޚާއްޞަ ޙިއްސުތައް، އަޅުގަނޑުމެން ހައިޑްން ކުރަން ކުރާ މަސައްކަތް އެއީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެކޭ. އަޅުގަނޑުމެންގެ ތެރޭގައި ފަހަރުގައި އަލްބަޓް އައިންސްޓަން ފަހަރުގައި ނުއުފެއްދިދާނެ. އަދި އަޅުގަނޑުމެންގެ ތެރޭގައި ފަހަރުގައި ކަރަންޓް ބޮތްކާއި، ޓެލެފޯނުގެ ޚިދްމަތާއި، ޓެލެގްރާފްގެ ޚިދްމަތް އުފެއްދި ކަހަލަ މީހުން އަޅުގަނޑުމެންނަށް ނުއުފެއްދިދާނެ. އަދި އެންމެފަހުގެ މިހާރުގެ ސައިންޓިސްޓުންގެ ތެރޭގައި، އަޅުގަނޑު ހަމަ މި ރިސަރޗްކޮށްލީ، މިއަދުގެ މަސައްކަތަށް މިކުދިންނަށް ހިތްވަރު ދިނުމުގެ ގޮތުން، ސްޓެފަން ހޯކިންގއަށް ބަލާކަމަށް ވަންޏާ މިއީ 20 ވަނަ ޤަރުނު އުފެއްދި އެންމެ ވަރުގަދަ މެތެމެޓިޝަން. އެންމެ ވަރުގަދަ ސައިންޓިސްޓް. ބިގްބޭންގް ތިޔަރީ، ބްލެކްހޯލް ތިޔަރީ، މިހުރިހާ ތިޔަރީތަކަކީ ސްޓެފަން ހޯކިންގގެ ތިޔަރީތައް. މީނަ މަސައްކަތް ކުރިއިރު، މީނައަކީ ހަމަ ގާތްގަނޑަކަށް ނިޔަރ ޕެރަލިސިސްގައި މަސައްކަތްކުރި މީހެއް. ޕެރަލައިޒްވެފައި ހުރި މީހެއް. އެހެން ނަމަވެސް، އޭނަގެ ވިސްނުމުގެ ފެކަލްޓީއަށް، އޭނަގެ ސިކުނޑިއަކަށް މި ބަދަލެއް ނާދޭ. ސިކުނޑިއަށް ބަދަލު ނާންނާތީ، އެ ޢަޒުމުގައި، އެ ސާބިތުކަން ހުރީމަ، އެ ވަރުގަދަކަން ހުރީމަ، މިކަން ކުރެވިއްޖެ.
 
އަޅުގަނޑުމެންގެ މުޖުތަމަޢުގައި، މިކަހަލަ ކުދިންގެ ޙިއްސުތަކެއް ހުރިކަން، އަޅުގަނޑުމެން އެބަ ގަބޫލުކުރަންޖެހޭ. ޚާއްޞަ ހިއްސުތަކެއް، ނޫނީ ﷲގެ ޚާއްޞަ ރަޙްމަތްތަކެއް މިކުދިންނަށް ހުރިކަމަށް އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ. މި އަޅުގަނޑުމެން އެބަޖެހޭ ޓެގް ކުރަން. މި އަޅުގަނޑުމެން ދެނެގަންނަންޖެހޭ. މިއީ ކޮންމެވެސް ބަޔަކު ކޮށްދޭންޖެހޭ ކަމެއް. މިކަން ދެނެގަންނާނެ ހުނަރު އަޅުގަނޑުމެންގެ ތެރޭގައި އަދު ނެތި ހިނގައިދާނެ. އެހެން ނަމަވެސް، މިކުދިންނާއެކީ މަސައްކަތްކުރާ، ނޫނީ މިމީހުންނާއެކީ މަސައްކަތްކުރާ މީހުންނަށް، އެކުދިންގެ ޚާއްޞަ ސްކިލެއް، ނޫނީ ޚާއްޞަ ކުރިއެރުމެއް، ނޫނިއްޔާ ޚާއްޞަ ޤާބިލުކަމެއް ހުރެދާނެކަން ގަބޫލުކުރެވޭ ކަމަށްވަންޏާ، އަޅުގަނޑުމެން އެބަޖެހޭ ޚާއްޞަ މަސައްކަތްތަކެއް ކުރަން. އަޅުގަނޑުމެންނަށްވެސް މިދެންނެވި ކުދިން މެއިން ސްޓްރީމް ކުރުމަށްޓަކައި، ނޫނިއްޔާ މިކުރެވޭ މަސައްކަތް މެއިން ސްޓްރީމް ކުރުމަށްޓަކައި އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަކީ، ރާއްޖޭގައި އެންމެ ވަރުގަދަ ފަންނާނުންގެ ތެރޭގައި އުފެދޭ ފަންނާނަކަށް، ލަވަކިޔުންތެރިޔަކަށް މިސާލަކަށް މީގެ ކުއްޖަކު ވެއްޖެ ކަމަށްވަންޏާ، ޝައްކެއްވެސްނެތްގޮތުގައި، މިދެންނެވި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ޙާލަތު، ނޫނީ އެކުދިންގެ ޝިކާޔަތު ރާއްޖޭގައި އެ ފާހަގަކުރެވުނީ، މެއިން ސްޓްރީމް ކުރެވުނީ. ނޫނިއްޔާ އެންމެ މޮޅަށް މަޒުމޫނު ލިޔާ، ނޫނީ އެންމެ މޮޅަށް ޅެންހަދާ ކުއްޖެއްގެ ތެރޭގައި، މިއިން ކުއްޖަކު ހިމަނައިދެވިއްޖެ ކަމަށްވަންޏާ، އެކަން އެ މެއިން ސްޓްރީމް ކުރެވުނީ. ޝައްކެއްވެސްނެތްގޮތުގައި، މިކަހަލަ ޖަލްސާތަކުގައި މިކުދިން މެއިންސްޓްރީމް ކުރެވޭ. ނޫނީ މިކުދިންގެ ޝިކާޔަތު، އެކުދިންގެ ޕްލައިޓް އެބަ މެއިން ސްޓްރީމް ކުރެވޭ. އެކަމަކު ގޭގެ ޓެލެވިޜަން ސްޓޭޝަނާ ހަމައިން، އެންމެ ތުއްތު ކުދިންނާއި، މަންމައިންނާއި ބައްޕައިންނާ ހަމަޔަށް، މިއީ އުޅޭ ބައެއްކަން، މިއީ ޚާއްޞަ ފަންނުތަކެއް، ޚާއްޞަ ހުނަރުތަކެއް، ޚާއްޞަ ޤާބިލިއްޔަތުތަކެއް ހުރި ބައެއްކަން އެނގޭ މީހުންގެ ތެރޭގައި، މިސާލަކަށް، ލޮލުގެ ޙިއްސުން މަޙްރޫމްވެފައި ހުންނަ މީހަކު، އެއީ ދިވެހިރާއްޖޭގެ ޕޮޕް ޗާޓުގައި އެންމެ ވަރުގަދައަށް އެންމެ މަތީގައި އުޅެވޭ މީހަކަށް ވެއްޖެކަމަށްވަންޏާ ޝައްކެއްނެތް މި ދާއިރާ މެއިން ސްޓްރީމް ކުރެވިގެން އެދިޔައީ.
 
އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް، ކާކުތޯއޭ ގަބޫލުކުރާނީ، އެންމެ ވަރުގަދަ ކޮމްޕޯޒަރުންގެ ތެރޭގައި ހިމެނުނު ބީތޯވަން ދޮއެއްތޯ. ބީރުމީހެއް. ޕަރމަނަންޓް ޑެފްނަސް. ބީތޯވަން، އެންމެ ވަރުގަދަ ކޮމްޕޯޒަރ. އެހެންވީމާ، ދުނިޔޭގެ ތާރީޚު އެބަ ދައްކާ، މިހެން ތިބި ވަކިވަކި މީހުން. ބީތޯވަންއަށް ވިޔަސް، މިލްޓަނަށް ވީ ނަމަވެސް، ނޫނިއްޔާ މިދެންނެވި ގޮތަށް ސްޓީވަން ވޯކިންގއަށް ވީނަމަވެސް، ނޫނިއްޔާ އައިންސްޓަނަށް ވީނަމަވެސް، މިތިބީ ފާހަގަކުރެވޭ އަދި އެންމެ ވަރުގަދަ އީޖާދުތަކާއި، އެންމެ ވަރުގަދަ ކަންތައްތައް ދުނިޔެއަށް ދޫކޮށްލާފައި ތިބި ވަރުގަދަ ސައިންޓިސްޓުން އަދި ވަރުގަދަ އާޓިސްޓުން. ފަހަކަށްއައިސް އަޅުގަނޑުމެން ބަލާކަމަށްވަންޏާ، މި ޕޮޕް ސިންގަރުން ތެރޭގައި ހިމެނޭ މީހުންތައް އަޅުގަނޑުމެންނަށް އެބަ ފެނޭ. ފެނުމުގެ ޙިއްސުން ދާއިމީކޮށް މަޙްރޫމްވެފައި ތިބި މީހުން.
 
އެހެންވީމާ، ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ޚާއްޞެ އެހީތެރިކަން، ޚާއްޞަ އަޅާލުންތެރިކަން ބޭނުންވުމާއެކުވެސް، ޚާއްޞަ ޤާބިލުކަމަކާއި، ޚާއްޞަ ހުނަރުތަކެއް މިކުދިންގައި ﷲ މިންވަރުކުރައްވާފައި، ލައްވާފައިވާކަމާ ދޭތެރޭގައި އަޅުގަނޑުމެން ޝައްކުކުރާނެ ޖާގައެއް ނެތް. އެކަން އަޅުގަނޑުމެން ދެނެގަންނަން އެނގެންވީ. އެކަން އަޅުގަނޑުމެންނަށް ދެނެގަނެގެން، އެނގިގެން، އެ ސްކިލްތައް އަޅުގަނޑުމެންނަށް ހައިޑްން ކޮށްދެވިއްޖެ ކަމަށް ވަންޏާ، އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތާއެކީ މިކުދިންނަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ހަމަ ފާހަގަކުރެވޭ ޚިދްމަތްތަކެއް ކުރާނެ ކުދިންތަކެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ހެދޭނެ.
 
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް އަޅުގަނޑު ދަންނަވާލާނީ، އައުޓް އޮފް ކޮމްޕެޝަން، އަޅުގަނޑުމެން އިޙްސާންތެރިކަމުގެ ގޮތުން މިކުދިންނަށް އަޅާލައި، މިކުދިންނާ ދޭތެރޭގައި ހަމްދަރުދީވެ، މިކުދިންނަށް ރަނގަޅު ގޮތްތައް ހޯއްދަވައިދެއްވަން މަސައްކަތް ކުރައްވާ ހުރިހާ ޖަމްޢިއްޔާތަކަށް، ޓީޗަރުންނަށް، މަދްރަސާތަކަށް އަދި ވިޔަފާރިވެރިންނަށް، އަދި ސަރުކާރުގައި މިކަމުގައި އުޅުއްވާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު މިއަދު ޚާއްޞަ ޝުކުރެއް ދަންނަވަމޭ. އަޅުގަނޑުމެން އެންމެންގެ އެހީތެރިކަން ބޭނުންވާ ބަޔެކޭ، މި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަކީ. އަޅުގަނޑުމެން ހުރިހާ އެންމެންގެ އެހީތެރިކަމާއެކީ ނޫނިއްޔާ، މި ނުކުޅެދުންތެރިކަން ހުންނަ ކުދިން، އާންމު ޙާލަތަކަށް ގެނެވޭނެ ގޮތެއް ނެތޭ. އެހެން ނަމަވެސް، ހަމަ ނިންމާލަމުންވެސް ދަންނަވާނީ، ވަރަށް އާދައިގެ ކުދިކުދި ކަންތައްވެސް ކޮށްލަދީގެން، މިދެންނެވި ކުދިން، ޢާންމު ޙާލަތަކަށް ގެނައުމުގެ ޖާގަ އެބައޮތޭ. ކީއްވެގެންތޯއޭ މި ފުރްޞަތު އަޅުގަނޑުމެން ދޫކޮށްލަންވީ؟
 
އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ޙިއްސުތައް ސަލާމަތުން ތިބި ބަޔަކު، މިއަދު އައިސް މިކަހަލަ ޖަލްސާއެއްގައި، މިކަހަލަ ފަންކްޝަނެއްގައި ބައިވެރިވާ ކަމަށްވަންޏާ، އަޅުގަނޑުމެން އެބަ ހަމްބްލް ވާންޖެހެޔޭ. އަޅުގަނޑުމެންނަށް ﷲ މިންވަރު ކުރެއްވި ނިޢުމަތްތަކުގެ މަތިން، އަޅުގަނޑުމެން މިއަދު އެބަ ހަނދާންކުރަންޖެހޭ. ޝައްކެއްވެސްނެތްގޮތުގައި، ނިޢުމަތްތަކުގެ މަތިން ހަނދާންކުރަންޖެހޭނީ މިއަދަކު އެކަންޏެއް ނޫން. އަޅުގަނޑުމެން ކުރިމަތީގައި މިނިސްޓަރ ޝަހީމް މި އިންނެވީ. އެހެން ނަމަވެސް، ދަންނަވާލަން ބޭނުންވަނީ، ކޮންމެ ކަމަކުންވެސް މަޙްރޫމްވީމާ، މަޙްރޫމްވެގެންދާ ބަޔަކަށް، މި ވިސްނެނީ ކިހާވަރެއްގެ ނިޢުމަތަކުންކަން މި މަޙްރޫމްވެގެން މިދަނީ. އެހެންވެގެން، ޙިއްސުތައް ސަލާމަތުން ހުންނަ މީހުންނަށް އަޅުގަނޑު މިދެންނެވި މިއަދު މި ނަގައިދެނީ ވަރުގަދަ ފިލާވަޅެކޭ. އެހެންވީމާ، މިކަހަލަ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަޅާލުމުގެ އަތެއް މިއަދު ފޯރުކޮށްދޭން އަޅުގަނޑުމެން އެބަޖެހޭ.
 
والســّلام عليــكم ورحـمــةاللّـه وبـركاتـه