ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުޤައްޔޫމް، ސްރީލަންކާއަށާއި، ސިންގަޕޫރަށް ‏ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު މެންދުރުކުރީގައި މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް މިކުރެއްވި ދަތުރުފުޅަކީ، އިންޓަރނޭޝަނަލް ކޮންފަރެންސް އޮފް އޭޝިޔަން ޕޮލިޓިކަލް ޕާޓީސް (އައި.ސީ.އޭ.ޕީ.ޕީ)ގެ 8 ވަނަ އާންމު މަޖިލިސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. އަދި، ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅަށްފަހު، ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ސިއެން ލޫންގގެ ދަޢުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރިވަޑައިގެން، އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއާޕޯޓުގައި ރާއްޖޭގެ ޚަބަރުފަތުރާ ބައެއް ވަޞީލަތްތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، އައި.ސީ.އޭ.ޕީ.ޕީ ބައްދަލުވުމުގެ ހަވާސާގައި، ސްރީލަންކާގެ މިނިސްޓަރ އޮފް ހެލްތާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ.

މިގޮތުން، ރާއްޖޭގައި އެކި ދާއިރާތަކުން ޚާއްޞަ ޑޮކްޓަރުން ލިބުމުގެ ދަތިކަން ހައްލުކުރެއްވުމަށް، ހޭނައްތާ ޑޮކްޓަރުންނާއި، އަންހެނުންގެ ބަލިތަކުގެ ޑޮކްޓަރުންނާއި، ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރުން ހޯދުމުގައި ސްރީލަންކާގެ އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން އެޤައުމުގެ ހެލްތް މިނިސްޓަރ ދެއްވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ސްރީލަންކާގެ އިތުރު ހޮސްޕިޓަލްތަކުން ދިވެހިންނަށް މިހާރަށްވުރެ ފުޅާކޮށް "އާސަންދަ"ގެ ޚިދުމަތް ފޯރުކޮށްދިނުމާ ބެހޭގޮތުންނާއި، ސްރީލަންކާގެ ހޮސްޕިޓަލްތަކުން ޚިދުމަތްހޯދާ ދިވެހިންނަށް ޚާއްޞަ އަގުތަކެއް ކަނޑައެޅުމާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.