‏މިއަހަރުގެ ނޮވެމްބަރުމަހު ނޭޕާލުގައި ބޭއްވުމަށް ހަމަޖެހިފައިވާ 18 ވަނަ ސާކް ‏‏ސަމިޓުގައި ބައިވެރިވެވަޑައިގެން ދެއްވުން އެދިވަޑައިގެން، ނޭޕާލުގެ ބޮޑުވަޒީރު ސުޝިލް ކޮއިރަލާ، ‏‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ދަޢުވަތު އަރުއްވައި، ސިޓީފުޅެއް ‏‏ފޮނުއްވައިފިއެވެ.‏

މިސިޓީފުޅު، ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވީ، ނޭޕާލުގެ ބޮޑުވަޒީރުގެ ޚާއްޞަ ‏‏މަންދޫބެއްގެ ޙައިސިއްޔަތުން އެޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް މިސްޓަރ މަހެންދްރާ ‏‏ބަހާދުރު ޕާންޑޭއެވެ.

‏‎ ‎މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ‏‏ދިވެހިރާއްޖެއާއި ނޭޕާލާ ދެޤައުމުގެ ‏ދެމެދުގައި އުފެދިފައިވާ ގާތް ގުޅުމުގެ މައްޗަށް ދެބޭފުޅުން ‏‏ރައީސް ޔާމީނާއި ނޭޕާލުގެ ފޮރިން މިނިސްޓަރ ‏ބައްލަވައިލެއްވިއެވެ.‏ ‏ވަކިން ޚާއްޞަކޮށް، ‏‏ތަޢުލީމާއި، ވިޔަފާރީގެ ދާއިރާގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ‏‏ދެބޭފުޅުން ‏މަޝްވަރާކުރެއްވިއެވެ. ‏

މިގޮތުން، ‏ގިނަ އަދަދެއްގެ ދިވެހި ކިޔަވާކުދިން ‏‏ނޭޕާލުގައި މިހާރުވެސް ތަޢުލީމު ‏‏ޙާސިލުކުރަމުންދާކަން ‏‏ފާހަގަކުރައްވަމުން، މެޑިސިންގެ ދާއިރާއިން ‏‏ކިޔަވަން ބޭނުންވާ ދިވެހި ‏‏ކުދިންނަށް ނޭޕާލުގެ ޔުނިވަރސިޓީތަކުން އިތުރު ފުރުޞަތުތައް ހޯއްދަވައިދެއްވުމަށް ‏‏‏މަސައްކަތްކުރައްވާނެކަމުގައި ފޮރިން މިނިސްޓަރ ‏މަހެންދްރާ ބަހާދުރު ޕާންޑޭ ވިދާޅުވިއެވެ.‏

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރަޙައްދީ ‏‏ގުޅުންތައް ބަދަހިކޮށް، ‏ސާކުގެ ހިންގުން އިތުރަށް ހަރުދަނާކުރެއްވުމަށްޓަކައި ނޭޕާލުން ‏‏އަދާކުރައްވަމުން ގެންދަވާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި، ‏ސާކުގެ ‏‏ހިންގުން އިތުރަށް ހަރުދަނާކޮށް، ބައިނަލްއަޤްވާމީ މަޝްރަޙުގައި ސާކުގެ ރޯލު ‏އިތުރަށް ‏‏ފުޅާކުރުމަށްޓަކައި އެޅުއްވިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންވެސް މިބައްދަލުކުރެއްވުމުގައި ‏‏‏ރައީސުލްޖުމްހޫރިއްޔާއާއި ނޭޕާލުގެ ފޮރިން މިނިސްޓަރ މަޝްވަރާ ކުރެއްވިއެވެ. ‏

ނޭޕާލުގެ ފޮރިން މިނިސްޓަރުގެ ވާހަކަފުޅުގައި، ވޭތުވެދިޔަ އަހަރު ސާކުގެ ޗެއަރގެ ‏‏ޙައިސިއްޔަތުން ދިވެހިރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކަށް ތަޢުރީފުކުރެއްވިއެވެ. އަދި ‏‏ދިވެހިރާއްޖެއިން ބޭނުންވާ ކަންތައްތަކުގައި ނޭޕާލް ސަރުކާރުގެ އެހީތެރިކަމާއި އެއްބާރުލެއްވުން ‏‏އަބަދުވެސް ދެއްވަމުން ގެންދަވާނެކަމުގެ ޔަޤީންކަންވެސް ‏ރައީސުލްޖުމްހޫރިއްޔާއަށް ނޭޕާލުގެ ފޮރިން ‏‏މިނިސްޓަރ ދެއްވިއެވެ.‏

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ޙުސައިން ޝަރީފާއި، ފޮރިން ސެކްރެޓެރީ ‏‏ޑޮކްޓަރ ޢަލީ ނަޞީރު މުޙަންމަދު ބައިވެރިވެވަޑައިގެންނެވިއެވެ.‏