ދިވެހިރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވައިފިއެވެ. ރަސްމީ ވާހަކަފުޅުތައް އޮތީ، ހޯމަދުވަހު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ރަސްމީ ވާހަކަފުޅުތަކުގައި ބައިވެރިވި ދިވެހި ވަފުދުގެ އިސްވެރިޔަކަށް ހުންނެވީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. ޗައިނާގެ ވަފުދުގެ އިސްވެރިޔަކަށް ހުންނެވީ، އެޤައުމުގެ ރައީސް ޝީ ޖިންޕިންގއެވެ.

ރަސްމީ ވާހަކަފުޅުތަކުގައި، ޗައިނާގެ ރައީސާއި، އެމަނިކުފާނުގެ އަނބިކަނބަލުންނާއި، ޗައިނާ ވަފްދުގެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވިއެވެ. އަދި، ޗައިނާގެ ރައީސް ރާއްޖެއަށް މި ކުރެއްވި ޒިޔާރަތަކީ، ޗައިނާގެ ނަންޖިންގގައި ބޭއްވުނު ދެވަނަ ޔޫތު އޮލިމްޕިކް ގޭމްސްގެ ހަވާސާގައި ދެބޭފުޅުން ބައްދަލުވެވަޑައިގަތުމުގެ އެއްމަސްދުވަސް ފަހުން ކުރެއްވި ޒިޔާރަތެއް ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. ޗައިނާގެ ރައީސްވެސް މިކަން ފާހަގަ ކުރައްވައި، މިކަމުން ދޭހަކޮށްދެނީ ރާއްޖެއާއި ޗައިނާއާ ދެ ޤައުމުގެ ދެމެދުގައި ބަދަހިވެފައިވާ ގާތް ގުޅުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޗައިނާއާ ދެ ޤައުމުގެ ދެމެދުގައި ޤާއިމްވެފައިވާ 42 އަހަރުވީ ގުޅުމުގެ ސަބަބުން، ކުދި ޤައުމުތަކާއި ބޮޑެތި ޤައުމުތަކުން ގުޅިގެން، ދެ ޤައުމަށް ފައިދާހުރި ގޮތެއްގައި މަސައްކަތްކުރެވޭނެ ގޮތުގެ ފުރިހަމަ މިސާލެއް ދުނިޔެއަށް ދައްކުވައިދީފި ކަމުގައި ވިދާޅުވިއެވެ. އަދި، ވިޔަފާރިއާއި، ފަތުރުވެރިކަންފަދަ، ޗައިނާއާއި ރާއްޖެއާ ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިވެފައިވާ ދާއިރާތަކުގެ މައްޗަށް އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

ޗައިނާގެ ރައީސްގެ ވާހަކަފުޅުގައި، ރާއްޖެއަށް މި ކުރެއްވި ޒިޔާރަތުގެ ސަބަބުން، ރާއްޖޭއަށް އަންނަމުންދާ ތަރައްޤީއާއި ކުރިއެރުން އަމިއްލަފުޅަށް އިޙްސާސް ކުރެއްވިއްޖެ ކަމުގައި ވިދާޅުވިއެވެ. އަދި، ދެޤައުމުގެ ދެމެދުގައި ޤާއިމްވެފައިވާ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ޗައިނާއިން ރާއްޖެއާއެކު މަސައްކަތް ކުރުމަށް އަބަދުވެސް ތައްޔާރަށް އޮތް ކަމުގައިވެސް ޗައިނާގެ ރައީސް ވިދާޅުވިއެވެ. މިގޮތުން، ޗައިނާ ސަރުކާރުގެ މެރިޓައިމް ސިލްކް ރޯޑް މަޝްރޫޢުގައި ރާއްޖޭގެ އެއްބާރުލުމާއެކު މަސައްކަތްކުރުމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ޗައިނާގެ ރައީސް ވިދާޅުވިއެވެ.

މާލެ-ހުޅުލެ ބްރިޖަކީ ރާއްޖޭ ތަރައްޤީއަށްޓަކައި ވަރަށް މުހިންމު މަޝްރޫޢެއްކަން ފާހަގަ ކުރައްވައި، މި މަޝްރޫޢަށް ޗައިނާގެ ފުރިހަމަ އެއްބާރުލުން ރާއްޖެއަށް ލިބޭނެކަމުގެ ޔަޤީންކަން ޗައިނާ ރައީސް ދެއްވިއެވެ. އަދި، މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް، ރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުމަށް ރައީސް ޝީ މަރުޙަބާ ވިދާޅުވިއެވެ. މީގެ އިތުރުން، ހުޅުމާލޭގައި ތަރައްޤީކުރާ ޔޫތު ސިޓީއާއި، އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢަށާއި، ރާއްޖެއިން އެންމެ އިސްކަންދޭ އެހެނިހެން ދާއިރާތަކުންވެސް ޗައިނާއިން އެހީތެރިކަން ފޯރު ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ޝީ ދެއްވިއެވެ.

ޗައިނާގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ އިންޑިޔާ ކަނޑުގައި އަތުރާލެވިފައިވާ މުތްތަކެއް ފަދައިން ސިފަކުރައްވަމުން، ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް ޗައިނާ ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވާނެކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ވައިގެ ދަތުރުފަތުރުގެ ދާއިރާއިންނާއި، އެހެނިހެން ދާއިރާތަކުން ފަތުރުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ތަރައްޤީކުރުމުގައި ޗައިނާއިން އެހީތެރިވެދެއްވާނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ. މީގެ އިތުރުން، ތިމާވެށީގެ ދާއިރާއިންނާއި، ކަނޑުގެ ސަލާމަތާއި، ޤުދުރަތީ ކާރިޘާތަކުން ސަލާމަތްވުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް ކުރެވެމުންދާ މަސައްކަތުގަޔާއި، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިންނާއި، ފަތުރުވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށާއި، އިންސާނީ ތަރައްޤީއާއި، ތަޢުލީމީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ޗައިނާ ރައީސް ދެއްވިއެވެ.

ރަސްމީ ވާހަކަފުޅުތަކުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން އެންމެ މުހިންމު ކަމެއް ދެއްވާ ދާއިރާތަކާބެހޭ މަޢުލޫމާތު ޗައިނާގެ ރައީސާއި، ޗައިނާ ވަފްދުގެ ބޭފުޅުންނާ ޙިއްސާ ކުރެއްވިއެވެ. މިގޮތުން، ރާއްޖޭގެ އިޤްތިޞާދު ފުޅާ ކުރެއްވުމާއި، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ހޯއްދަވައިދެއްވުން ޚާއްޞަ ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މާލެ-ހުލެ ބްރިޖްގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ޗައިނާ ސަރުކާރުން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި، މި ބްރިޖަކީ، ރާއްޖެއާއި، ޗައިނާއާ ދެޤައުމުގެ ދެމެދުގައި އޮންނަ ރަޙުމަތްތެރި، ގާތް ގުޅުން ރަމްޒުކޮށްދޭނެ ހަނދާނީ ބިނާއަކަށް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޗައިނާއަކީ ރާއްޖޭގެ އެންމެ ގާތް، އެންމެ އިތުބާރުކުރެވޭ، އަދި އެންމެ ބޮޑަށް އެހީތެރިވެދޭ އެއްޤައުމުކަމުގައި ސިފަ ކުރައްވަމުން، ރައީސް ޝީގެ މި ދަތުރުފުޅަކީ، ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރު ދާއިރާތަކުން ބަދަހިކުރުމަށާއި، ދެޤައުމުގެ ދޭތެރޭގައި ގުޅުން އިތުރަށް ވަރުގަދަވުމަށް ލިބިފައިވާ ރަނުގެ ފުރުޞަތެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އެންމެ ބޮޑު ނިސްބަތަކީ ޗައިނާގެ ފަތުރުވެރިންކަން ފާހަގަ ކުރައްވަމުން، ވޭތިވެދިޔަ އަހަރުތަކުގެ ތެރޭގައި ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިޖްތިމާޢީ ދާއިރާއިންނާއި، އިޤްތިޞާދީ ދާއިރާއިން ވަރަށް ބޮޑަށް ބަދަހިވެގެން ގޮސްފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ދެޤައުމަށް ފައިދާ ހުރި ދާއިރާތަކުން ކުރެވިފައިވާ މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާ ކަމަށާއި، ރާއްޖޭގެ ތަރައްޤީގެ ވަރަށް މުހިންމު ލަނޑުދަނޑިތަކެއް ހާސިލްވަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ޗައިނާއިން ރާއްޖެއަށް ވެދެއްވަމުންގެންދަވާ ދީލަތި އެހީތެރިކަމާއި، ފުރިހަމަ އެއްބާރުލެއްވުމަށްޓަކައި، ދިވެހި ސަރުކާރާއި، ރާއްޖޭގެ ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ޗައިނާގެ ރައީސާއި، ޗައިނާގެ ސަރުކާރާއި، އެ ޤައުމުގެ ރައްޔިތުންނަށް ވަރަށް ޚާއްޞަ ގޮތެއްގައި ޝުކުރު އަދާ ކުރެއްވިއެވެ.

ރަސްމީ ވާހަކަފުޅުތަކުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދުނިޔޭގެ އަމާންކަމާއި ފާގަތިކަމަށްޓަކައި ރާއްޖެއާއި ޗައިނާއިން ގެންގުޅެނީ އެއްގޮތް ސިޔާސަތުތަކެއްކަން ފާހަގަ ކުރެއްވިއެވެ. އަދި، ދެޤައުމުން ބައިވެރިވާ ބައިނަލްއަޤްވާމީ އެކިއެކި ޖަމްޢިއްޔާތަކުގައި ކުރާ މަސައްކަތުގަޔާއި، ޓެރަރިޒަމާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތަކާއި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރެވޭ އެކިއެކި މަސައްކަތްތަކުގައި ރާއްޖެއިން އަބަދުވެސް ޗައިނާއާއެކު މަސައްކަތް ކުރުމަށް ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ޗައިނާގެ ރައީސް ޝީ އިސްނަންގަވައިގެން ފެށްޓެވި މެރިޓައިމް ސިލްކް ރޫޓް މަޝްރޫޢަށް މަރުޙަބާ ވިދާޅުވެ، މިއީ އޭޝިޔާގެ އެހެން ޤައުމުތަކާ ޗައިނާ އިތުރަށް ގާތްކޮށްދޭނެ ޒަމާނީ ވަޞީލަތެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. އަދި، މި މުހިންމު މަޝްރޫޢުގައި ބައިވެރިވުމަށް ރާއްޖެއަށް ދެއްވި ފުރުޞަތަށްޓަކައި ޝުކުރު އަދާ ކުރައްވައި، ރާއްޖެއިން މި މަޝްރޫޢުގައި ޗައިނާއަށް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރާއްޖެއާއި، ޗައިނާއާ ދެ ޤައުމުގެ ދެމެދުގައި ބޭއްވެވި ރަސްމީ ވާހަކަފުޅުތަކަށްފަހު، ދެ ޤައުމުގެ ގުޅިފައިވާ ރަސްމީ ބަޔާން ނެރުއްވިއެވެ.