ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ދަޢުވަތަކަށް، ޗައިނާގެ ރައީސް ޝީ ޖިންޕިންގާއި، އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ޕެންގް ލިޔުއާން ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. ޗައިނާގެ ރައީސްގެ ދެކަނބަލުންނަށް އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުން އަލްވަދާޢު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގ ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވިއެވެ. މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މާލެ-ހުޅުލެ ބްރިޖް މަޝްރޫޢު ކުރިޔަށް ގެންދިއުމުގައި ޗައިނާ ސަރުކާރުން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށްޓަކައި ޝުކުރުއަދާ ކުރެއްވިއެވެ. ޗައިނާގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، އެއްގޮތް ސިޔާސަތުތަކާއި، ގުޅިގެން ކުރެވިފައިވާ މަސައްކަތްތަކުގެ ސަބަބުން ޗައިނާއާއި ރާއްޖެއާ ދެމެދު ޤާއިމްވެފައިވާ ގުޅުން އައު އުސްމިންތަކަކަށް ގެންދެވިއްޖެ ކަމުގައި ވިދާޅުވިއެވެ.

ރަސްމީ ވާހަކަފުޅުތައް ފެށްޓެވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާއާއި ޗައިނާގެ ރައީސާއި ވަކިން ބައްދަލުކޮށްލެއްވިއެވެ. މިބައްދަލުކުރެއްވުމުގައި، ރައީސް ޝީގެ ޒަޢާމަތުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ވަރަށް ފުޅާ ދާއިރާއެއްގައި ބަދަހިވެފައިވާކަން ފާހަގަކުރައްވައި، ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް އަބަދުވެސް ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖެއަކީ ޗައިނާގެ ގާތް އަވަށްޓެރި ޤައުމެއް ކަމުގައި ވިދާޅުވެ، މެރިޓައިމް ސިލްކް ރޯޑްގެ ސަބަބުން، ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެކަން ޔަޤީންކުރައްވާ ކަމުގައި ޗައިނާގެ ރައީސް ވިދާޅުވިއެވެ.

ރައީސް ޝީގެ މި ދަތުރުފުޅުގައި ޗައިނާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި ޚާރިޖީ، ސިއްޙީ، އަދި ވަޒީފާގެ ގުޅުން ބަދަހިކުރުމާބެހޭ މުހިންމު 9 އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. މިސޮއިކުރެއްވުމުގެ ރަސްމިއްޔާތަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޚަބަރު ފަތުރާ ވަޞީލަތްތަކަށް މަޢުލޫމާތު ދެއްވަމުން، ޗައިނާއާއި ދިވެހިރާއްޖޭގެ ގުޅުން ތަފާތު ދާއިރާތަކުގައި އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާއާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި، ޗައިނާގެ ރައީސްގެ ދެކަނބަލުންގެ ޝަރަފުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރަސްމީ ޖާފަތެއް ހޯމަ ދުވަހުގެ ރޭ ވަނީ ބާއްވަވާފައެވެ.