‏ޗައިނާގެ ރައީސް ޝީ ޖިންޕިންގއާއި ‏އެމަނިކުފާނުގެ އަނބިކަނބަލުން ‏މެޑަމް ޕެންގ ‏‏ލިއުއާން‏ގެ ޝަރަފުގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ‏‏އަނބިކަނބަލުން، އަލްފާޟިލާ ފާތިމަތު އިބްރާހީމް ފުރަމާނަ ޖާފަތެއް ބާއްވަވައިފިއެވެ. މި ޖާފަތް އޮތީ މިރޭ ‏‏ކުރުނބާ މޯލްޑިވްސްގައެވެ. ‏

‏ފުރަމާނަ ޖާފަތަށް ޗައިނާގެ ރައީސް ކުރުނބާ މޯލްޑިވްސަށް ވަޑައިގަތުމުން، ‏‏އެތަނުގެ ‏‏ވީ.އައި.ޕީ މާލަމުން އެމަނިކުފާނަށް މަރްޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނެވެ. އަދި، ‏މި ‏‏ޖާފަތުގައި، ޗައިނާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ޤައުމީ ސަލާން ‏‏ކުޅުނެވެ. ‏

‏ރަސްމީ ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙައްމަދު ޖަމީލު އަޙުމަދާއި ކުރީގެ ‏‏ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދުގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރަށް، ރައްޔިތުންގެ ‏‏މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙު މުޙަންމަދާއި، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ‏‏ފާއިޒު ޙުސައިންގެ އިތުރުން ދަޢުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި، ‏‏ބައެއް މިނިވަން މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ‏

‏ޗައިނާ ރައީސްގެ އަރިހުގައި މިދަތުރުފުޅުގައި ރާއްޖެ ވަޑައިގެންނެވި ވަފްދުގެ ބޭފުޅުންވެސް ‏‏މިޖާފަތުގައި ‏ބައިވެރިވެވަޑައިގެންނެވިއެވެ.‏