‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ޗައިނާގެ ރައީސް ޝީ ‏‏ޖިންޕިންގއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.‏

‏މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، މިއީ ޗައިނާގެ ‏‏ރައީސަކު ދިވެހި ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވި ފުރަތަމަ ފަހަރުކަން ފާހަގަ ކުރައްވައި، ‏‏މިދަތުރުފުޅު ކުރެއްވިކަމަށްޓަކައި ދިވެހި ސަރުކާރާއި، ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ ‏‏އަމިއްލަ ނަންފުޅުގައި، ރައީސް ޝީއަށް ވަރަށް ހޫނު މަރްޙަބާއެއް ވިދާޅުވެ، ޝުކުރު އަދާކުރެއްވިއެވެ. ‏‏ދިވެހިރާއްޖެއާއި ޗައިނާއަކީ، ވަރަށް ޒަމާންވީ ގާތް ގުޅުމެއް އުފެދިފައިވާ ދެޤައުމު ކަމަށާއި، ދެޤައުމުގެ ‏‏ރައްޔިތުންގެ މެދުގައިވެސް މިފަދަ ގާތް ގުޅުމެއް އޮންނަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.‏

‏ ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޗައިނާ ސަރުކާރުގެ މެރިޓައިމް ސިލްކް ‏‏ރޯޑްގައި ބައިވެރިވުމަށް ރާއްޖެއަށް ދެއްވި ދަޢުވަތަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. ރައީސް ޝީގެ ‏‏ޒަޢާމަތުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ވަރަށް ފުޅާ ދާއިރާއެއްގައި ބަދަހިވެފައިވާކަން ‏‏ފާހަގަކުރައްވައި، ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް އަބަދުވެސް ދެއްވަމުން ގެންދަވާ ‏‏އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. އަދި، މި ގުޅުން ކުރިއަށް ‏‏އޮތްތާނގައި އިތުރަށް ބަދަހިވެގެންދާނެކަން ޔަޤީންކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ‏‏ވިދާޅުވިއެވެ.‏

‏ ރައީސް ޝީގެ ވާހަކަފުޅުގައި، ޗައިނާއާއި ރާއްޖެއާ ދެމެދު ޒަމާނުއްސުރެ އުފެދިފައިވާ ‏‏ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، އެމަނިކުފާނާއި، އެމަނިކުފާނުގެ ވަފްދުގެ ބޭފުޅުންނަށް ‏‏ރާއްޖެއިން ބެހެއްޓެވި މެހެމާންދާރީއަށްޓަކައި، ރައީސުލްޖުމްހޫރިއްޔާއަށާއި، ދިވެހި ސަރުކާރަށާއި، ‏‏ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، ރާއްޖެއަކީ ޗައިނާގެ ގާތް އަވަށްޓެރި ޤައުމެއް ކަމުގައި ‏‏ވިދާޅުވެ، މެރިޓައިމް ސިލްކް ރޯޑްގެ ސަބަބުން، ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެކަން ‏‏ޔަޤީންކުރައްވާ ކަމުގައިވެސް ޗައިނާގެ ރައީސް ވިދާޅުވިއެވެ.‏

‏މި ބައްދަލުކުރެއްވުމުގައި، ޗައިނާއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ‏‏ރައީސުލްޖުމްހޫރިއްޔާއަށް ޗައިނާގެ ރައީސް ދަޢުވަތު ދެއްވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ އެ ‏‏ދަޢުވަތު ގަބޫލުފުޅު ކުރައްވައި، އެކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.‏

‏ރައީސް ޝީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މި ކުރެއްވި ޒިޔާރަތުގައި، ‏‏ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި އެމަނިކުފާނު ސޮއިކުރެއްވިއެވެ. ‏