ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރު ގުޅިގެން ދިވެހިރާއްޖޭގައި ކުރިއަށްގެންދާ ބޯހިޔާވަހިކަން ފޯރިކޮށްދިނުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވައްސާއި، ހައްދުންމަތީ ފޮނަދުއާއި ގަން ގުޅުވައިދޭ މަގު ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢު، ޗައިނާގެ ރައީސް ޝީ ޖިންޕިންގއާއި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު އިފްތިތާޙް ކޮށްދެއްވައިފިއެވެ. މި ދެ މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ، މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ބޯހިޔާވަހިކަން ފޯރިކޮށްދިނުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން އިމާރާތްކުރެވޭ 1500 ހައުސިންގ ޔުނިޓަކީ ޗައިނާ ސަރުކާރުގެ އެހީގައި ކަނޑައެޅޭ ލުއި ލޯނެއްގެ ދަށުން، ޗައިނާގެ ކުންފުންޏެއްކަމުގައިވާ ޗައިނާ މެޝިނަރީ އެންޖިނިއަރިންގ ކޯޕަރޭޝަން (ސީ.އެމް.އީ.ސީ) އިން ކުރިއަށްގެންދެވޭ މަޝްރޫޢެކެވެ.

ހައްދުންމަތީ ފޮނަދުއާއި ގަން ގުޅުވައިދޭ 15.1 ކިލޯމީޓަރުގެ މިމަގު ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި، ޗައިނާގެ ޖިއަންގްޒޫ ޕްރޮވިންޝަލް ޓްރާންސްޕޯޓް އިންޖިނިއަރިންގ ގްރޫޕުން ކުރިއަށްގެންދެވޭ މަޝްރޫޢެކެވެ.