ޗައިނާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާބެހޭ 9 އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ސޮއިކުރެއްވުމުގެ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ޗައިނާގެ ރައީސް ޝީ ޖިންޕިންގ ބައިވެރިވެވަޑައިގެންނެވިއެވެ.

ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދުގައި މިއަދު ސޮއިކުރެވުނު މިއެއްބަސްވުންތަކުގެ ތެރެއިން ދެޤައުމުގެ ދެމެދުގައި އޮތް ޚާރިޖީ ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުން، "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ސްޓްރެންތަނިންގ ދަ ކޯޕަރޭޝަން" ގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލާ ދުންޔާ މައުމޫނާއި، ޗައިނާގެ ފޮރިން މިނިސްޓަރ ވަންގ ޔީއެވެ.

ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އިޤްތިޞާދީ ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުން، "އެގްރީމަންޓް އޮން އެސްޓެބްލިޝިންގ ދަ ޖޮއިންޓް ކޮމިޓީ އޮން ޓްރޭޑް އެންޑް އިކޮނޮމިކް ކޯޕަރޭޝަން" ގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް އަލްފާޟިލް މުޙައްމަދު ސަޢީދާއި، ޗައިނާގެ މިނިސްޓަރ އޮފް ކޮމާރސް ގައޯ ހޫޗެންގއެވެ.

މާލެއާއި ހުޅުލެއާ ދެމެދު އެޅޭ ބްރިޖްގެ މަޝްރޫޢާ ބެހޭ އެއްބަސްވުން، "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ޕްރޮމޯޓިންގ ދަ ކޮންސްޓްރަކްޝަން އޮފް ދަ މާލެ-ހުޅުލެ ބްރިޖް ޕްރޮޖެކްޓް" ގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އަލްފާޟިލް އަޙްމަދު އަދީބް ޢަބްދުލްޤަފޫރާއި، ޗައިނާގެ މިނިސްޓަރ އޮފް ކޮމާރސް ގައޯ ހޫޗެންގއެވެ.

"މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން މެރިން ކޯޕަރޭޝަން" ގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވައިރަމަންޓް އެންޑް އެނެރޖީ އަލްފާޟިލް ޠާރިޤް އިބްރާހިމާާއި، ޗައިނާގެ ސްޓޭޓް އޯޝެނިކް އެޑްމިނިސްޓްރޭޝަންގެ އެޑްމިނިސްޓްރޭޓަރ ލިއު ސިގުއިއެވެ.

ދެޤައުމުގެ ދެމެދުގައި އޮތް ޞިއްޙީ ގުޅުން ބަދަހިކުރުމާ ބެހޭ އެއްބަސްވުން، "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ހެލްތް ކޯޕަރޭޝަން" ގައި ސޮއިކުރެއްވީ މިނިސްޓްރީ އޮފް ހެލްތާ ވަގުތީ ގޮތުން ޙަވާލުވެ ހުންނެވި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވައިފާ ހުންނަވާ ސަފީރު ވަންގ ފޫކަންގއެވެ.

ޗައިނާގެ ޓޫރިސްޓުންގެ ސަލާމަތާ ބެހޭ އެއްބަސްވުން، "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ދަ އެސްޓެބްލިޝްމަންޓް އޮފް އަ ޖޮއިންޓް މީޓިންގ މެކޭނިޒަމް ޓު ޑީލް ވިތް ދަ އިޝޫ އޮފް ސޭފްޓީ އޮފް ޗައިނީސް ޓޫރިސްޓްސް އިން ދަ މޯލްޑިވްސް" ގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލާ ދުންޔާ މައުމޫނާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވައިފާ ހުންނަވާ ސަފީރު ވަންގ ފޫކަންގއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޢުމްރާނީ ތަރައްޤީއާ ބެހޭ އެއްބަސްވުން، "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ދަ ޓޫރިޒަމް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ޕޮރެޖްޓް" ގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އަލްފާޟިލް އަޙްމަދު އަދީބް ޢަބްދުލްޤަފޫރާއި، ޗައިނާ ހާރބަރ އިންޖިނިއަރިންގް ކުންފުނީގެ ޗެއަރމަން މޯ ވެންހީއެވެ.

އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމާ ބެހޭ އެއްބަސްވުން، "ޕްރިލިމިނެރީ ކްރޮންޓެކްޓް އެގްރީމެންޓް ފޯ އެކްސްޕޭންޝަން އެންޑް އަޕްގްރޭޑިންގ އޮފް އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް" ގައި ސޮއިކުރެއްވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓަޑްގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހިމް ސަލީމާއި، ޗައިނާގެ ބީ.ޔޫ.ސީ.ޖީ ކުންފުނީގެ 'އޯވަރސިސް ބިޒްނަސް' ޑިޕާރޓްމަންޓްގެ ޖެނެރަލް މެނޭޖަރ ލީ ޑައޮސޮންގއެވެ.

"މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ދަ ގްރޭޓަރ މާލެ ސެންޓްރަލް ޕަވަރ ސްޓޭޝަން ޕްރޮޖެކްޓް" ގައި ސޮއިކުރެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޢަބްދުއްޝަކޫރު ޞާލިޙާއި، ޗައިނާގެ ސައިނޯ-ހައިޑްރޮޕް ކޯޕަރޭޝަންގެ ނައިބު ރައީސް ހޯ ސިއަތުންނެވެ.