ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްގެ ދަޢުވަތަކަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ، ‏ޗައިނާގެ ރައީސް ޝީ ޖިންޕިންގއާއި އަނބިކަނބަލުން މެޑަމް ޕެންގ ލިއުއާން އަށް ރަސްމީގޮތުން މަރުޙަބާ ދަންނަވައިފިއެވެ. ރަސްމީ ގޮތުން މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ، ‏މިއަދު ހެނދުނު ޖުމްހޫރީ މައިދާނުގައެވެ.

‏ރައީސް ޝީ ޖިންޕިންގެ ދެކަނބަލުން މާލެއަށް ފައިބާވަޑައިގަތުމާއެކު، ބިއުގަލް ކޯލެއް އެރުވުނެވެ. ރަސްމީ ފާލަމުން މަރްޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިނކަނބަލުން ފާޠިމަތު އިބްރާހީމެވެ.

މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާއާއި ޗައިނާގެ ރައީސް ޑަޔަސްއަށް އަރާވަޑައިގަތުމާއެކު، 21 ބަޑީގެ ސަލާމެއް އެރުވުނެވެ. އަދި ޗައިނާއާއި، ދިވެހިރާއްޖެއާ ދެޤައުމުގެ ޤައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު، ޗައިނާގެ ރައީސްގެ ޝަރަފްގައި އޮތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ގާޑް އޮފް އޮނަރެއް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި، ދިވެހި ދައުލަތުގެ ވަޒީރުންނާއި، އެ ފެންވަރުގެ ބޭފުޅުންނާއި، ސަރުކާރުގެ އިސް ބައެއް ބޭފުޅުން، ޗައިނާގެ ރައީސަށް ތަޢާރުފުކޮށް އެރުވިއެވެ. އަދި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފްދުގައި ހިމެނިވަޑައިގަންނަވާ އިސްބޭފުޅުން، ރައީސުލްޖުމްހޫރިއްޔާއަށް ތަޢާރުފުކޮށް އެރުވިއެވެ.