ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންގއާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ޕެންގ ލިއުއާން، މިއަދު ހަވީރު ރާއްޖެ ވަޑައިގެންފިއެވެ. ޗައިނާގެ ރައީސްގެ ދެކަނބަލުންނަށް، އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއާޕޯޓުން މަރްޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނެވެ. އަދި، ޗައިނާގެ ރައީސަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ގާޑް އޮފް އޮނަރއެއް އެރުވުނެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ އެކު ރަސްމީ ގޮތުން ބައްދަލުކުރެއްވުން މާދަމާ އޮންނާނެއެވެ. އަދި، ދެ ޤައުމުގެ އެންމެ މަތީ ފެންވަރުގެ ވަފްދުތަކުގެ މެދުގައި ރަސްމީ ވާހަކަތައްވެސް މާދަމާ ބާއްވަވާނެއެވެ. މީގެ އިތުރުން، ޗައިނާ ސަރުކާރުގެ އެހީގައި، ރާއްޖޭގައި ހިންގޭ ތަރައްޤީގެ ދެ މަޝްރޫޢެއް އިފްތިތާޙް ކުރެއްވުމާއި، ދެޤައުމުގެ ދެމެދުގައި ތަފާތު ދާއިރާތަކުން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރުންވެސް ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ މިދަތުރުފުޅުގެ ތެރޭގައި ހިމެނިފައިވެއެވެ.

މިދަތުރުފުޅަކީ ޗައިނާގެ ރައީސަކު ދިވެހި ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާ ފުރަތަމަ ފަހަރެވެ.