‏އައްޑޫ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ‏‏ނަރުދަމާ ނިޒާމް ‏‏ހަމަޖެއްސުން ކަމަށާއި، ‏މުޅި އަތޮޅަށް ބޭނުންވާ ނަރުދަމާގެ ނިޒާމުގެ މަސައްކަތް މިއަހަރު ‏‏ފެށިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ‏‏ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އައްޑޫސިޓީގެ ހިތަދޫ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ‏‏ވާހަކަފުޅު ދައްކަވަމުންނެވެ. މިގޮތުން، އޮޕެކް ފަންޑް ފޮރ ޑިވެލޮޕްމަންޓް (އޮފިޑް) ގެ ތެރެއިން ‏‏ލިބޭ ފައިސާއިން 17 މިލިޔަން ޑޮލަރު އައްޑޫ ސިޓީގެ ނަރުދަމާގެ މަސައްކަތަށް ޚަރަދު ކުރުމަށް ‏‏ނިންމަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.‏

‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އައްޑޫސިޓީއަކީ، ތަރައްޤީގެ ފުރުޞަތު ބޮޑު ‏‏އަތޮޅެއް ‏‏ކަމުގައި ‏‏ފާހަގަކުރައްވަމުން، ޤައުމުގެ އިޤްތިޞާދީ މަސައްކަތްތަކާއި ކުރިއެރުމަށް ކުރާ ‏‏މަސައްކަތްތަކުގައި ‏‏އެއަތޮޅަށް އަބަދުވެސް ޚާއްޞަ އިސްކަމެއް ދެއްވަވާނެ ‏‏ކަމުގެ ޔަޤީންކަންވެސް ‏‏އައްޑޫސިޓީގެ ރައްޔިތުންނަށް ‏‏ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. ‏

‏‏އައްޑޫސިޓީގެ ތަރައްޤީއަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ ‏‏މަސައްކަތްޕުޅުތަކުގެ ‏‏މަޢުލޫމާތާއި، ކުރިއަށް ފަށްޓަވަން ހަމަޖެހިފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ ‏‏މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. މިގޮތުން އަތޮޅު ‏‏ހޮސްޕިޓަލުން ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތާއި، ތަޢުލީމީ ނިޒާމުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ‏‏ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށް ބައްލަވައިލެއްވިއެވެ. މީގެއިތުރަށް، ‏‏މަގުހެދުމުގެ މަޝްރޫޢާއި، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށްޓަކައި ‏‏ސަރުކާރުން ކުރައްވާ މަސައްކަތްތައްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއްވެއެވެ. ‏

‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން ހިންގުމާ ޙަވާލުވެހުރީ، ‏ފަސް އަހަރުގެ ‏‏ތެރޭގައި ދިވެހިރާއްޖެއަށް ތަފާތުތަކެއް ގެނެސްދެއްވުމަށް ކަމުގައި ބަޔާންކުރައްވަމުން، ‏‏ސަރުކާރުން ‏‏މަސައްކަތްކުރައްވަނީ ރައްޔިތުންނަށް ބޭނުންހުރި، ނުވަތަ ރައްޔިތުންނަށް ނުފުދި ‏‏ލަސްވެފައިހުރި ‏‏ކަންތައްތަކެއް ފުއްދައިދެވޭތޯ ބެއްލެވުމަށް ކަމުގައި ވިދާޅުވިއެވެ. މީގެއިތުރަށް، އެމަނިކުފާނުގެ ‏‏ސަރުކާރުން އިސްކަމެއް ދެއްވާނީ ސިޔާސީ ހަލަބޮލިކަމެއް އުފެއްދުމުގެ ބަދަލުގައި، ރައްޔިތުންނަށް ‏‏ޚިދުމަތްކުރެއްވުމަށް ކަމުގައިވެސް ބަޔާންކުރެއްވިއެވެ.‏

‏މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓޫރިޒަމް އަޙްމަދު އަދީބު ‏‏ޢަބްދުލްޣަފޫރާއި، ރައްޔިތުންގެ ‏‏މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ‏‏ބައިވެރިވެވަޑައިގެންނެވިއެވެ.‏