ރައީސުލްޖުމްހޫރިއްޔާ، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް 5 މެންބަރަކު އަންގާރަ ދުވަހު ޢައްޔަނު ކުރައްވައިފިއެވެ. އެ 5 މެންބަރުންނަކީ، އައްޑު އަތޮޅު ހިތަދޫ ރަންފަސް އަލްފާޟިލް ޙަސަން ލުޠުފީއާއި، ހުވަދު އަތޮޅު ދެކުނުބުރި ތިނަދޫ ގަޒީރާ އަލްއުސްތާޛު މުޢައްވިޒު ރަޝީދާއި، މިލަދުންމަޑުލު ދެކުނުބުރި ހޮޅުދޫ ބޮޑުވަޅުދަށުގެ އަލްފާޟިލާ އާމިނަތު މިންނާއާއި، ހުވަދު އަތޮޅު އުތުރުބުރި ވިލިގިނލި ވައިޖެހޭގެ އަލްފާޟިލް ޔަޒުމީދު މުޙައްމަދާއި، ހުވަދު އަތޮޅު ދެކުނުބުރި ވާދޫ ސަދަންވިލާ އަލްފާޟިލް ޞަފްވަތު މުޙައްމަދެވެ.
މެންބަރުކަމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން، މިބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވީ، އެކަމަށްޓަކައި އަންގާރަ ދުވަހުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މިބޭފުޅުންނަށް ހުވާލައިދެއްވީ، ސުޕުރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފެވެ.