بســم اللّـه الرّحمـن الرّحيــم

 
ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރުކުރަން. މި އުންމަތުގެ ނަބިއްޔާ مُحَمَّـدرســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި، މިތުރު ޞަޙާބީން ޝާމިލުކުރަން.
 
ޓީ.ސީ ހެންވޭރު ޒުވާނުން އަދި މިތަނަށް ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން
 
السّــلام عليــكم ورحـمــة اللّـه وبـركاتـه،
 
އާދެ! ޒުވާނުން ކުޅިވަރުގެ ތެރެއިން ދައްކައިދޭން ބޭނުންވަނީ ޓީމް ވަރކް. ކޮންސްޓްރަކްޓިވް އެންގޭޖްމަންޓް ދެން ލީޑަރޝިޕާއި ސްކިލް. މީގެ ބޭނުމަކަށްވަނީ، ކޮންމެ މަސައްކަތެއްވެސް ކުރިބޯށްޓާ ހަމައަށް ގެންނަން ބޭނުންވާ ކަމަށްވަންޏާ، އެކުލެވޭ މުހިންމު ކަންތައްތަކެއް މިއީ ޓީމް ވަރކް. އެއްވެސް މީހަކަށް ސޯލޯ އޮޕަރޭޓަރއެއްގެ ގޮތަކަށެއް ގޮއްސަ، މުޅި ޓީމެއް ކުރިބޯށްޓާ ހަމަޔަކަށް ނުގެންދެވޭނެ. އެހެންވީމާ، ޓީމް ވަރކް ވަރަށް މުހިންމު. ހަމަ އެގޮތަށް ޒުވާނުން، މި އެންގޭޖްމަންޓް މި ދައްކައިދެނީ، އަޅުގަނޑުމެންގެ މާލެ މިހާރު ހަލަބޮލިވެފައި މިއޮތްވަރުން، އަޅުގަނޑުމެން ގަބޫލުކުރަން ބޭނުންނުވި ނަމަވެސް، އަޅުގަނޑުމެންގެ ތެރޭގައި އެކިއެކި ނޭބަރހުޑްގެ ތެރޭގައި އެކިކަހަލަ މައްސަލަ އެބަ ދިމާވޭ. އަޅުގަނޑު ބޭނުންވަނީ، މި ދަނޑު ހުޅުވުމާއެކީ، މި ފެށޭ ކުޅިވަރުގެ ޙަރަކާތްތަކުގެ ތެރެއިން ހަމަ މިކަހަލަ ކުޅިވަރު މުބާރާތްތަކަށް އެހެން ނޭބަރހުޑްތަކަށް ދަޢުވަތުދީގެން، އަޅުގަނޑުމެންގެ ތެރޭގައި މިހުރި ނުތަނަވަސްކަން، ކޮންމެވެސްވަރަކަށް ނިންމުމަކަށް ގެނައުމަށް މަސައްކަތްކުރުން. އަޅުގަނޑު ކޮންމެހެން ބޭނުންކުރާކަށް ބޭނުމެއް ނޫން، އެއްވެސްކަހަލަ ލޭބަލްތަކެއް. އަޅުގަނޑު ބޭނުންކުރަން ބޭނުންވަނީ، ޒުވާނުން އެކުވެގެން ގްރޫޕެއް ހޯދަން. ނޭބަރހުޑެއްގެ ގޮތަށް މަސައްކަތް ކުރާ ކަމަށްވަންޏާ، އެކިކަހަލަ ސްޓްރެސްއާއި، އެކިކަހަލަ ސްޓްރެއިން، އެ ނޭބަރހުޑަކަށް އަންނާނެ. އޭގެތެރޭގައި، އެތައް ސަބަބުތަކެއް ހިމެނޭނެ. އެހެން ނަމަވެސް، ކުޅިވަރުގެ ތެރެއިން މިކަހަލަ މުބާރާތެއްގެ ތެރެއިން، ނޫނިއްޔާ މި ފެށޭ އެންގޭޖްމަންޓްގެ ތެރެއިން، އަޅުގަނޑަށް ކޮށްދޭންވީ މަސައްކަތަކީ، ދިވެހި ރައްޔިތުންނަށް ކޮށްދޭންވީ މަސައްކަތަކީ، ކުޅިވަރުގެ ތެރެއިން ޓީމް ވަރކާއެކީ ކޮންސްޓްރަކްޓިވްލީ އެންގޭޖްވާކަން ދައްކައިދޭންވީ. އެއިރަށް މިކަން ނެތި މިހާރު އޮންނަ ޙާލަތުގެ ތެރޭގައި، މިދާ އެކިއެކި އުނދަގުލުގެ ތެރޭގައި، މި އަންނަ ސްޓްރެއިންގެ ތެރޭގައި، ސްޓްރެސްގެ ތެރޭގައި، އަޅުގަނޑުމެންގެ ތެރޭގައި މި ދިމާވާ ހިތްދަތި ކަންތައްތަކަށް ޙައްލުތަކެއް ގެނެވޭނެ. ކޮންމެހެންނެއް ހުރިހާ ކަމަކީ، ވާހަކަ ދައްކައިގެން ޙައްލުކުރާ ކަންތަކެއްވެސް ނޫން. ވަރަށްގިނަ ކަންތަކަކީ ވާހަކަ ދައްކައިގެން ޙައްލުކުރާ ކަންތައް. އަނެއްބައި ކަންތައްތަކަކީ، ޕްރޮޑަކްޓިވްލީ އެބައެއްގެ އެނަރޖީ، މިކަހަލަ ކަންކަމުގައި ބޭނުންކޮށްގެން، އޭގެ ޒާތުގައި މައްސަލަތައް ޙައްލުވެގެންދާ ކަންކަން. އެހެންވީމާ، މިހާރު މިކުރެވޭ ކަންތައްތަކުގެ ތެރެއިން ކޮންސްޓްރަކްޓިވްލީ އެންގޭޖްވެވޭނެ ޖާގަ މި ލިބިގެންދަނީ. ކުޅިވަރަކީ ހުރިހާ ތަފާތު ޚިޔާލުތަކެއް އެއް މޭޒެއްގެ ކައިރިއަށް، ނޫނީ އެއް ޕިޗެއްގެ މަތިން އެ ޙައްލު ކުރެވޭނެ ކަންތައް. މިއީ ރަގުބީއެއް ނޫން، އެއްގޮތަކަށްވެސް ޙަސަދަ ފިލުވައިލާކަށް. ފުޓްބޯޅައަކީ ހަމަ ވަރަށް ރީތި ކުޅިވަރެއް. ހަމަ ހުރިހާ އެންމެންގެ ސްކިލް ދައްކައިދޭ ކުޅިވަރެއް.
 
އެހެންވީމާ، އަޅުގަނޑު ނެތިން ހަށިގަނޑުގެ ތަރުބިއްޔަތުގެ ވާހަކަ ދައްކާކަށް، ސަރޓްންލީ އެއީ ހަމަ ގިވަންއެއް. އެއެއް ނޫން، އަޅުގަނޑަށް ބޮޑަށް މުހިންމުވެގެން މިއުޅެނީ، އަޅުގަނޑުމެންގެ ތެރޭގައި ހަމަޖެހުން. ހަމަޖެހުން ގެނެސްގެން، ދެން އަޅުގަނޑުމެން ބޭނުންވާ އެހެން ކަންތައްތައް ކުރެވެން މި އަންނަނީ. އެހެންވީމާ، މިއީ ވަރަށް ވަރުގަދަ ފުރުޞަތަކަށް ވެގެންދާނެ، މިހާރު އެސް.ޓީ.އޯ.ގެ ފަރާތުން އަދި އެހެން ސްޕޮންސަރުންގެ އެހީތެރިކަމާއެކީ، ޓީ.ސީ އަށާއި، ކުޑަ ހެންވޭރަށާއި، މި ހަދިޔާ ކުރެވިގެންދާ މި ފެސިލިޓީއަކީ، އަޅުގަނޑު މިދެންނެވި ކަހަލަ ކަންތައްތައް ޙައްލުކުރަން ހަމަ ލިބޭ ވަރަށް ރަނގަޅު ފުރްޞަތެއް. މިއީކީ ވަކި ގަޑިއަކު ނޫން. ހުރިހާ ގަޑިއަކުވެސް ކުރެވޭނެ. އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، މިއީ އަޅުގަނޑުމެންގެ ތެރޭގައި މި ކުޅިވަރަށް ޝައުޤުވެރިކަން ހުރި ވަޒީރުން ވަރަށްގިނަ. އެބޭފުޅުންވެސް ހަމަ މިކަހަލަ އެންގޭޖުމަންޓްތަކުގެ ތެރޭގައި ބައިވެރިވެވަޑައިގަންނަވާނެ. އެހެންވީމާ، އަޅުގަނޑަށް މިކަމުން ލިބޭނެ އެންމެބޮޑު އުފަލަކަށް މިވަނީ، ޙަޤީޤަތުގައިވެސް މިދެންނެވި ގޮތަށް، މި ޕިޗުން، މި ޕާކުން އަޅުގަނޑު މިދެންނެވި ކަންތަކަށް އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން.
 
ނޭބަރހުޑެއްގެ ތެރޭގައި މަސައްކަތް ކުރާއިރު، ޓީ.ސީ ނޫނިއްޔާ އެހެން ބައެއް، ކުޅިވަރުގެ ތެރޭގައި އޮންނަ ވާދަވެރިކަމުގެ ތެރެއިން މިތަނުން، މި ވާދަވެރިކަމުގެ ތެރެއިން އެންގޭޖްވެގެން ކުރިއަށްދާ ކަމަށްވަންޏާ، އަޅުގަނޑަށް ހީވަނީ ނުތަނަވަސްކަން އަންނަ އެހެން ކަންކަމަށް ހަމަ ވަރަށްބޮޑު ޙައްލެއް ހޯދޭނެ ކަމަކަށް، މިކަން ވެގެންދާނެ. ބައިބަލާ ކުޅޭއިރުވެސް ހަމަ އެކަހަލަ ގޮތްގޮތް މިވަނީ. ބައިބަލާ ކުޅޭއިރުވެސް ހަމަ ބައިބަލާގެ ޓީމުތަކުގެ ތެރެއިން، މި ވާދަވެރިކަމުގެ ތެރެއިން ހަމަ މިކަހަލަ އެތައް ގިނަ ކަންތައްތަކެއް ޙައްލުވެގެންދޭ. މުބާރާތުގެ ތެރޭގައި ހުރިހާ އެންމެންނަކީ އެކުވެރިކޮށް މަސައްކަތްކުރާ މީހުން. އެހެންވީމާ، މިތަނުގައި އަބަދު ކުޅެވޭ ކަމަށްވަންޏާ، އަޅުގަނޑަށް ގަބޫލުކުރެވެނީ، މާލެ ކަހަލަ މި ތޮއްޖެހިފައި އޮތް ތަނެއްގައި އަދި އިޖުތިމާޢީ އެކިކަހަލަ ސްޓްރެސްފުލް ކަންތައްތަކާ ހެދި އުފެދޭ މައްސަލަތަކަށް ވަރަށްބޮޑު ޙައްލުތަކެއް އަންނާނެ، މިކަމުގެ ތެރެއިން. އެކަމަކު މިއީ އެއްގޮތަކަށްވެސް މިކަމުން ހުރިހާ ޙައްލެއް އަންނާނެ ވާހަކައެއް ބުނާކަށްވެސް ނޫން. އެކަމަކު މި ދަނޑުން It would go a long way މިކަހަލަ މައްސަލަތައް ރިޒޯލްވް ކުރަން.
 
އެހެންވީމާ، އަޅުގަނޑަށް އެންމެބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނީ، މި ފެށޭ ޒުވާނުންގެ ޙަރަކާތްތަކަށް މިކަހަލަ ޖާގައެއް ހަމަޖެހިގެން ދިޔައީމަ، މިކަހަލަ ކަންތައްތަކަށް ޙައްލުތަކެއް އަންނާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. އެއީ، އަޅުގަނޑަށް ހަމަ ޙަޤީޤަތުގައިވެސް ލިބޭ ވަރަށްބޮޑު އުފަލެއް.
 
ދެން އަޅުގަނޑަށް ޔަޤީން، މި ޕިޗް އަޅައިދެއްވީ އެސް.ޓީ.އޯ.ގެ ފަރާތުން. މި ޕިޗް ހަލާކުވިޔަނުދީ، އެސް.ޓީ.އޯ. އިން ބަލަހައްޓަވާނެކަމާ ދޭތެރޭގައި، އަޅުގަނޑުގެ ހިތުގައި ހަމަ ކުޑަވެސް ޝައްކެއްނެތް. ދެން އެޔާއެކީ ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ތެރޭގައި މިދޭތެރެއަކުން ފެށިގެން މިދިޔަ ބައެއްކަހަލަ ކަންތައްތައްވެސް މިހާރު އެހެރީ ހުއްޓިފައި. ޒުވާނުން ނޭބަރހުޑެއްގެ ތެރޭގައި މަސައްކަތް ކުރާއިރު، ޒުވާނުން ގެދަރވާ، ކޮންގްރިގޭޓްވާ ތަންތަން. ދެން ކޮންމެވެސް ވިސްނުމެއްގެ ތެރެއިން ހަމަ ރަނގަޅު ވިސްނުންތަކެއް ވިސްނާފައި، ބައެއްކަހަލަ ކަންތައްތައް، މިދޭތެރެއިން ކުރެވިގެން ދިޔައީ. އެހެން ނަމަވެސް، މުޅި މައްސަލަ ދިރާސާކޮށްފައި، އެކަމަށް ޙައްލެއް ހޯދެންދެން، އަޅުގަނޑުމެންގެ ސަރުކާރުން މިހާރު މިއޮތީ ނިންމާފައި، އެކަންކަން އިތުރަށް ކުރިއަށް ނުގެންދަން. އެންމެ އާދައިގެ ބަހުރުވައިން ކަމަށްވަންޏާ، މި ހަޓުތައް ރޫޅާލުމުގެ ކަންތައްތަކެއް މިދޭތެރެއިން ފެށިގެން ދިޔައީ. އެކަމަކު އޭގައި ހަމަ ގަބޫލު ކުރައްވާ، ވަރަށް ރަނގަޅު މަޤްޞަދެއްގައި، އެއްވެސް ކަހަލަ ގޯސް މަޤްޞަދެއް އޮވެގެނެއް ނޫން، ސަރުކާރުގެ ފަރާތުން އެކަން ފެށިގެން ދިޔައީ. އެހެން ނަމަވެސް، އެކަމަކުން އެކަނި މި ޙައްލުކުރަން އުޅޭ މައްސަލަ ޙައްލުނުވާކަން އަޅުގަނޑުމެންނަށް އެބަ ގަބޫލު ކުރެވޭ. އަނެއްކާ މިގޮތަށް ކޮންގްރިގޭޓުވާ އެކިއެކި ނޭބަރހުޑްގެ ކްލަބްތައް ވިޔަސް، ނޫނިއްޔާ މިކަހަލަ ޙަރަކާތްތެރިކޮށް އުޅޭ ކުދިން ކަމަށްވިނަމަވެސް، މި ކޮންގްރިގޭޓުވާ ކޮންމެ ފަހަރަކު، އަޅުގަނޑު ހަމަގައިމުވެސް ގަބޫލެއް ނުކުރަން، މިވަގުތު މި ޙަވާލުވެހުރި މަޤާމުގެ ޙައިޘިއްޔަތުންވެސް ދަންނަވާ ވާހަކައެއް. އަޅުގަނޑެއް ހަމަގައިމުވެސް ގަބޫލެއް ނުކުރަން، މިކަހަލަ ހުރިހާ ފަހަރެއްގައި ގޯސްތަކެއް ހިނގާނެ ކަމަށް. އެހެންވީމާ، އެއަށްވުރެ ޕޮޒިޓިވްލީ، އަޅުގަނޑުމެންގެ ސައިޑުންވެސް އެބަ އެންގޭޖްވާންޖެހޭ މިކަހަލަ ކަންކަމަށް. އެހެންވީމާ، މުޅި މައްސަލަ ދިރާސާ ކުރެވެންދެން، ދެން މިހާރު އެ އޮތީ އޭރު ކުރި މަސައްކަތްވެސް، ހަމަ ހޯމް މިނިސްޓަރުވެސް ހަމަ ގަބޫލު ކުރައްވައިގެން، މިހާރު އެއޮތީ ހުއްޓާލާފައި.
 
އެހެންވީމާ، ދަންނަވަން މިއުޅެނީ، ކޮންމެ ކަމެއްގައިވެސް ލޯ އެންފޯސް ކުރަން ތިބޭ ބަޔަކަށް، ނޫނީ އެ ފިޔަވަޅު އަޅަން ތިބޭ ބަޔަކަށް، ފުރުޞަތު ނުދިނުމޭ އެންމެ ރަނގަޅު ކަމަކީ. އެއީ ޒުވާނުންނަކީ ޙަރަކާތްތެރިކަމާއެކީ، ކޮންސްޓްރަކްޓިވްލީ މަސައްކަތް ކުރަން ތިބި ބައެއް. މި ދަނޑުތަކުގައި، ސްޓްރީޓް ސޮކަރގެ ތެރެއިން ބްރެޒިލްގައިވެސް އުފެދިގެން މިދަނީ ހަމަ ނޭޝަނަލް ޓީމަށް އަރާ ކުޅުންތެރިން. ސްޓްރީޓް ސޮކަރގެ ތެރެއިން ބޭބެ ދެން މިހާރު ޢުމުރު ކަޓައިފިކަންނޭނގެ. އެކަމަކު މިތާ އެބަތިބި ހަމަގައިމުވެސް ސްޓްރީޓް ސޮކަރގެ ތެރެއިން ހަމަ ނޭޝަނަލް ލެވެލްގައި ސްކިލް ޑިސްޕްލޭ ކުރެވޭވަރުގެ ކުޅުންތެރިން އެބަތިބި. މިރޭ މިތަނުންވެސް އަޅުގަނޑުމެންނަށް ހަމަ އޭގެ ކުޅުންތެރިންވެސް ފެނިގެންދާނެ. ޓޮމްވެސް މިރޭ އެބަ ކުޅުއްވާ. އެހެންވީމާ، އަޅުގަނޑުމެންނަށް ފެނިގެންދާނެ.
 
އެހެންވީމާ، ދަންނަވަން މިއުޅެނީ، ކުޅިވަރަކީ ނޫނިއްޔާ މިކަހަލަ ސްކިލް ދެއްކުމުގެ ޑިސްޕްލޭ ހުރިހާ ކަމަކީ، ވަކި ފެންވަރެއްގެ، ވަކި ޢުމުރުފުރައެއްގެ، ނޫނީ ވަކި ގިންތިއެއްގެ ބަޔަކަށް އޮތް އެއްޗެއް ނޫނޭ. މިހާރު މިތިބީ ޕޮލިޓިޝަނުން. ރައްޔިތުންގެ ކަންކަން ނިންމައިދިނުމާއި، ރައްޔިތުންގެ އަޑު މަޖިލީހުގައި އުފުލާ މެންބަރުން، ޓޮމްމެން ކުދިން މިއީ. ޙުސައިންވެސް މިއީ. ހަމަ ކުޅިވަރު ކުޅޭ ވަރުގަދަ ކުޅިވަރު ސްޓާރުން މިއީ. އެހެންވީމާ، ހިންގަވާށޭ، އޭޒް އެމްބެސެޑަރސް، މަސައްކަތްތަކެއް ކުރަން، މިހާރު އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި، ޚާއްޞަކޮށް، މާލޭގައި، މިއުޅޭ ޒުވާނުންގެ ތެރޭގައި އުޅޭ މައްސަލަތައް، ޕޮޒިޓިވްލީ އެންގޭޖުވެގެން އެކަން ޙައްލުވޭތޯ ބަލަމާ ހިނގާށޭ. އެ ޙައްލުވާ ކަމަށްވަންޏާ، ލޯ އެންފޯސް ކުރަން ތިބޭ ވަރަށްގިނަ ބަޔަކަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެ. މި ފެސިލިޓީއަކީ ހަމަގައިމުވެސް މިކަން ކުރުމަށްޓަކައި މަގުފަހިކޮށްދޭނެ ފެސިލިޓީއެއް. މިކަހަލަ އެހެން ފެސިލިޓީތައް އަޅުގަނޑުމެން ގިނަކުރަން މިކުރާ މަސައްކަތަކީވެސް ހަމަ މިދެންނެވި ގޮތަށް މިކަންކަން ޙައްލުކުރަން ކުރެވޭ މަސައްކަތް.
 
މިއަދު އަޅުގަނޑަށް ޔޫތު މިނިސްޓަރ މަލީހު އެސް.އެމް.އެސް ކުރެއްވި. އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި، އެކި އަތޮޅުތެރޭގަޔާއި، އެކިތަންތާނގައި 10 ފުޓްސަލް ދަނޑު ޕިޗް، ހަމައެކަނި މިމަހުގެ ތެރޭގައި ނިމޭނެ. އެހެންވީމާ، ވަރަށްގިނަ މަސައްކަތްތަކެއް މި ކުރެވެނީ، ހަމަ ޒުވާނުން އެންގޭޖުކޮށްގެން، ޒުވާނުންގެ ހުސްވަގުތު މިގޮތަށް ޕްރޮޑަކްޓިވްލީ އެންގޭޖުވެގެން ކަންތައްތައް ކުރަން. އެހެންވީމާ، ސަރުކާރުން މިކުރާ މަސައްކަތުގައި، އަޅުގަނޑު ބޭނުންވަނީ، މިރޭ މިތަނަށް ވަޑައިގެން ތިއްބެވި ހަމަ ހުރިހާ ގިންތިއެއްގެ ބޭފުޅުން މިކަމުގައި އެހީތެރިވެދޭށޭ. އަޅުގަނޑުމެންނަކަށް އެއްވެސް ކަމެއް ޙައްލެއްނުވާނެ، ހަމައެކަނި ޙައްލުކުރަން އޮތް ވަސީލަތަކީ، ހިތްހަމަނުޖެހިގެން، އަޅުގަނޑުމެންގެ ނެގެޓިވް އެނަރޖީ ބޭރުކޮށްލުމަކީ، ކަންކަން ޙައްލުވާ ކަމެއް ނޫން. ނެގެޓިވް އެނަރޖީ ބޭރުކުރީމަ، އެއަށްވުރެ ބޮޑެތި ޑިސްޓްރަކްޓިވް ކަންތައްތައް އަޅުގަނޑުމެންގެ ތެރެއަށް އަންނާނެ. އައިމަ ހަމަ އަނެއްކާ އިތުރު ބްލަޑާއި އިތުރު ނެގެޓިވް އެނަރޖީއަށް ޖާގަ އެ ލިބެނީ. އެކަމަކު ކޮންސްޓްރަކްޓިވްލީ އެއީ ވާހަކަ ދައްކައިގެން ކަމަށްވީނަމަވެސް، ޕިޗްގެ މަތީގައި މި ކުޅެވޭ ކުޅިވަރުގެ ތެރެއިން ނަމަވެސް، މިކަން ޙައްލުވާ ކަމަށްވަންޏާ، Everybody is better off. Everybody is a happier person.
 
އެހެންވީމާ، މިއީ އަޅުގަނޑުމެން ކުރަން މި ބޭނުންވާ ކަމަކީ. ދެން މިޔާއެކީ އިތުރަށް ޒުވާނުންނަށް ކޮށްދޭން ހުރި ކަންތައްތަކުގެ ވާހަކަ، ތަފްޞީލުކޮށް ދަންނަވާކަށް ނެތިން. އެހެން ނަމަވެސް، ދަންނަވަން ބޭނުންވަނީ، ޒުވާނުންނަށް ދަތިވެފައި ހުރި ކަންތައްތައް ޙައްލުކޮށްދިނުމަށްޓަކައި ހަމަ ކުރަންހުރި މަސައްކަތްތަކެއް ބައިވަރު. ސަރުކާރުން އޭގެ މަސައްކަތްތައް ހަމަ ފަށައިގެން މިގެންދަނީ. އޭގެތެރޭގައި ހަމަ ޒުވާނުންނަށް ވަޒީފާ ހޯދައިދިނުމުގެ ފުރްޞަތު އަދި މިކަހަލަ ހުރިހާ ކަންތައްތަކެއް އެބައުޅޭ. ދެން ކްރިޓިކުން، ކްރިޓިކުން މިހާރުވެސް އެބަ ބުނޭ، ކޮބައިހޭ ހޯދައިދޭން ބޭނުންވި ވަޒީފާތައް. ވަޒީފާއަކީ އެއްދުވަހު ނިދާފައި، އަނެއް ދުވަހު ހެނދުނު ހޭލާއިރު، ޑަޒަނުން، ސަތޭކައިން، ހާހުން އުފެއްދޭ އެއްޗެއް ނޫން. ވަޒީފާއަކީ އޭގެ ޒާތުގައި، އިޤްތިޞާދުގެ ފަންކްޝަނެއް. އިޤްތިޞާދީ ޙަރަކާތްތައް އިތުރުވީމަ، ވަޒީފާގެ ފުރްޞަތު އިތުރުވެގެން މިދަނީ. އެހެން ނޫން ކަމަށްވަންޏާ، ވަޒީފާ ލިބެން އަންނަނީ، ކުންފުނިތަކުން ހޯދައިދޭ ވަޒީފާ، ސަރުކާރުގެ މަޤާމުތަކުން ހޯދައިދޭ ވަޒީފާ. މި ވަޒީފާތަކަށް ބަލައިފި ކަމަށްވަންޏާ، އަޅުގަނޑު ހަމަ ކެރިގެން ދަންނަވާނަން، ވަރަށްގިނަ ވަޒީފާތައް މިހާރުވެސް ހޯދައިދެވިއްޖެ. އެކަމަކު މިއީކީއެއް ދިވެހިރާއްޖޭގެ ޒުވާނުން، ވަޒީފާ ނުލިބިފައި ތިބި ޒުވާނުންގެ ތެރެއިން އެކަށީގެންވާ ޢަދަދަކާ ކައިރިއަށްވެސް އެމީހުންނަކަށް ޖާގަ ދެވޭނެ ޙަރަކާތެއް ނޫން، ސަރުކާރުގެ ކުންފުނިތަކަށް ވެއްދުން، ނޫނިއްޔާ ސަރުކާރުގެ އޮފީސްތަކަށް ވެއްދުން. ސަރުކާރުގެ އޮފީސްތަކަށް ވައްދާއިރުވެސް، ހަމަ ސިވިލް ސަރވިސްގައިވެސް އޮންނަ އުޞޫލުތަކެއް އެބައޮވޭ. އެކަމަކު ތަފާތު އެކިއެކި އިޤްތިޞާދީ ޙަރަކާތްތައް އިތުރުވެގެން ދިޔައީމަ، އެ އުފެދެނީ ވަޒީފާގެ ފުރުޞަތު.
 
އެހެންވީމާ، އެސް.އީ.ޒެޑް.ގެ ބިލްގެ ވާހަކަ ދެއްކި ނަމަވެސް، މާލޭގައި ހަދަން މިއުޅޭ ސްޕޯޓިންގ ކޮމްޕްލެކްސްގެ ވާހަކަ ދެއްކި ނަމަވެސް، ހުޅުމާލޭގައި މި އުފައްދަން މިއުޅޭ ޔޫތުސިޓީގެ ވާހަކަ ދެއްކި ކަމަށްވިނަމަވެސް، މި އުފެދެނީ އެތައް ބައިވަރު މަސައްކަތެއް ކުރެވޭނެ ޖާގަތަކެއް. އަޅުގަނޑު ހަމަ މިސާލެއް ދަންނަވާނަން. މިއަދާ ހަމައަށް ޖެހެންދެން، އަޅުގަނޑުމެންގެ ސަރުކާރު އައިއިރުވެސް، އައްޑުއަތޮޅުގައި އޮންނަ ހިތަދޫގެ ޕޯޓް، ކުޅުދުއްފުށީގައި އޮންނަ ކުޅުދުއްފުށީގެ ޕޯޓް. މިއީ ވަކިވަކި ދެ ކުންފުންޏަކުން ހިންގާ ދެ ޕޯޓްގޮތަށް މި އޮންނަނީ. އޭގެ ޒާތުގައި އެތަންތަނަކީ ފައިދާ ލިބޭ ތަންތަނެއް ނޫން. މާލޭގައި މިއޮންނަ ޕޯޓްސް އޮތޯރިޓީ ސަބްސިޑައިޒް ކޮށްގެން މި ހިންގަނީ. މި ސަރުކާރުން މި ނިންމީ ހަމަ ޒުވާނުންނަށް ވަޒީފާ ހޯދައިދިނުމަށްޓަކައި، މި ދެ ޕޯޓަކީވެސް މާލޭގައި މިއޮންނަ އެމް.ޕީ.އެލް.ގެ ޕޯޓުގެ މެނޭޖްމަންޓްގެ ތެރޭގައި ހިމެނޭ އަނެއް ދެ ޕޯޓް ކަމަށް ހަދަން. އެޔާއެކީ މި އަންނަނީ، އައްޑޫ ހިތަދޫ ޕޯޓްވެސް، ކުޅުދުއްފުށީ ޕޯޓްވެސް. އެހިސާބުން ޕޯޓްގެ ބޭނުން ހިފައިގެން ރަށުތެރެއަށް ތަރައްޤީ އައުމަށްޓަކައި، ފުރަތަމައިނުންވެސް އެމް.ޕީ.އެލް.އިން އެކުރާ މަސައްކަތުގެ ތެރޭގައި، މިއަހަރު ފަށާނެ، ކޮންމެވެސް ފެންވަރެއްގެ އެކޮމޮޑޭޝަން ފެސިލިޓީއެއް އެ ހަދަނީ. ޓޫ ސްޓާރ ނޫނީ ތްރީ ސްޓާރގެ އެކޮމޮޑޭޝަން ފެސިލިޓީ ހަދަނީ. އޭގެ ބޭނުމަކަށްވަނީ، އެތަނުގެ ހުރިހާ މަސައްކަތެއް ޙަވާލުވެގެންދާނެ، އައްޑޫގައި ކަމަށްވަންޏާ، އައްޑޫ ހިތަދޫގައި ކަމަށްވަންޏާ، އައްޑޫގެ ރައްޔިތުން އެތާ އުޅޭނީ. އެތަނަކަށްވެސް އެއްވެސް މަސައްކަތަކަށް ބޭރު މީހެއް ގެންނާކަށް ނޫން ޚިޔާލުކޮށްފައި އޮތީކީ. މިއީ އޭގެ ޒާތުގައި، މިހާރު ވަޒީފާއެއް ނެތި ތިބޭ އެތައް ކުދިންނަކަށް ވަޒީފާ އުފައްދައިދެވޭނެ ކަމެއް. އެކަމަކު މިކަހަލަ މަސައްކަތް ޑުޕްލިކޭޓް، ނޫނިއްޔާ ރެޕްލިކޭޓް ކުރެވޭ ހުންނަނީ ބައެއް ކަންތައްތައް. ޖެނެރަލީ ބޮޑު ޢަދަދެއްގެ ބަޔަކަށް ވަޒީފާގެ އެތައްހާސް ފުރުޞަތެއް އުފެދިގެންދާނެ، ހަމަ އިޤްތިޞާދު ވަރުގަދަވީމަ. އެހެންވެގެން، އަޅުގަނޑާއެކީ އަޅުގަނޑުގެ ޓީމުގގައި މަސައްކަތް ކުރައްވާ ހުރިހާ އެމް.ޕީންވެސް އެހާ ވަރުގަދަ ސަމާލުކަމެއް ދެއްވައިގެން، އެސް.އީ.ޒެޑްގެ ބިލް ފާސްކޮށްދެއްވީވެސް. އަދި އިޤްތިޞާދީ އެޖެންޑާއަކަށް މަސައްކަތް ކޮށްދެއްވަނީވެސް އެ ރީޒަނަށްޓަކައި.
 
އަޅުގަނޑުގެ ވާހަކަ ކުރުކޮށްލާނަން. މިރޭ ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެން މި އިޙްތިފާލުގައި މި ބައިވެރިވަނީ، މިއީ ވަރަށް ހަމަ ހެޕީ، ވަރަށް އުފާވެރި ފަންކްޝަނެއްގައި އަޅުގަނޑުމެން މި ބައިވެރިވަނީ. މީގެތެރެއިން ތިޔަކުދިންނަށް ބޭނުންވާ މުނިފޫހިފިލުވުމުގެ އައިޓަމްގެ އިތުރަށް، ކޮންޝަންސްލީ ދެން ވިސްނާ، މިކުރެވޭ މަސައްކަތުގެ ތެރޭގައި، ފުޓްބޯޅައިގެ ތެރޭގައި، އެހެންޏާ އެހާ އެކުވެރި ނޫން ޓީމްތަކާއެކީ، އެކުވެރިކަމާއެކީ ހަމަ ސްކިލް ޑިސްޕްލޭ ކޮށްލެވޭނެ ފެސިލިޓީއެއް މި ޤާއިމުވެގެން ދިޔައީ. މިކަންކަން ގިނައިން ކުރެވޭ ކަމަށްވަންޏާ، ގިނައިން މިކަންކަން ކުރެވޭ ކަމަށްވަންޏާ، ހަމަ ޝައްކެއްވެސްނެތްގޮތުގައި، އެހާ ބޮޑަކަށް މިއޮންނަ ދެބައިމީހުންގެ ދޭތެރޭގައި އޮންނަ ގުޅުން ސްޓްރެއިން ވެގެނެއް ނުދާނެ. ސްޓްރެއިން ވެގެން ނުދާކަމަށްވަންޏާ، ކުށް މަދުވާން ލިބޭ ހަމަ ބޮޑު ފުރްޞަތެއް އެއީ. އެހެންވީމާ، މިކަހަލަ ހަމަ ކޮންމެ ޕޮސިބިލިޓީއަކުން އަޅުގަނޑުމެން ސަރުކާރުން ބޭނުންވާ މިދެންނެވި ގޮތަށް ޒުވާނުންނަށް ހަމަޖެހުން. އަދި ޒުވާނުންގެ ހަމަޖެހުމުގެ ތެރެއިން މުޅި މުޖުތަމަޢަށް އަންނަ ހަމަޖެހުމަށް، ހަމަ ވަރަށްބޮޑު ދޮރޯށްޓެއް ހުޅުވިގެންދާނެ، މި ފެސިލިޓީގެ ތެރެއިންވެސް.
 
އެހެންވީމާ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. ހަމަ ވަރަށް އެންޓެޓެއިނިންގ މެޗެއް، ކުރިއަށް އޮތީ. އަޅުގަނޑަށް އެނގޭ، އަދީބުވެސް އަދީބުގެ ސްކިލް ހަމަ ދައްކަވައިލައްވާނެ. ހަމަ އެގޮތަށް ތައްތިވެސް، ތައްތިގެ ސްކިލް ދައްކާލާނެ. އަދި މޮނައްކޯއާއި، ކޮއްކޮއާ، ދެންވެސް ތިބި ކުދިން، އެކުދިންގެ ސްކިލް ދައްކާލާނެ. އަޅުގަނޑު ހަމަ މިރޭ މި ކޯޗަކަށް މި މަޑުކޮށްލީ، ހަމަ ސްކިލް ބަލައިލުމަށްޓަކައި. އެނީވޭ މި ފެސިލިޓީގެ ބޭނުން، ތިޔަބޭފުޅުން ރަނގަޅު ގޮތުގައި ހިއްޕަވާ. އަޅުގަނޑު ޝައްކެއްނުކުރަން، ހަމަ ފެސިލިޓީގެ ބޭނުން ރަނގަޅު ގޮތުގައި ހިފައިގެން، ހަމަ މިކަހަލަ އެކިއެކި ކުޅިވަރު ޙަރަކާތްތަކުގެ ތެރެއިންވެސް ސަފީރުންތަކެއް ނޫނީ އެމްބެސެޑަރުންތަކެއް މި އުފެދެނީ. ޕީސް އެމްބެސެޑަރސް ގޮތަށް، ނޫނިއްޔާ އެންގޭޖިންގ އެމްބެސެޑަރސް ގޮތަށް މި އުފެދެނީ. މިއުޅޭ ސޮސައިޓީގެ ތެރޭގައި މިއުޅޭ ސްޓްރެއިނަށް ކޮންމެވެސްވަރެއްގެ ލުޔެއް ހޯދައިދިނުމަށްޓަކައި.
 
ދެން ހިންގަވާ އަޅުގަނޑުމެން މި ގޭމް ބަލައިލަން. ހުރިހާ ކުދިންނަށް ވަރަށް ބޮޑަށް މަރްޙަބާ ކިޔަން. އަނެއްކާ ޓީ.ސީ އާއި ކުޑަ ހެންވޭރުގެ ކުދިންނަށް، ޝައްކެއްވެސްނެތްގޮތުގައި، މުނިފޫހިފިލުވުމަށް އެކުދިން މިހާތަނަށް ބަލަހައްޓަމުން އައި ދަނޑު، ދެން އިރާދަކުރެއްވިއްޔާ އެކުދިން ދެކޭ ހުވަފެނާ އެއްގޮތަށް މިހާރު މިއޮތީ ދަނޑު ޑިވެލޮޕްކޮށްދެއްވާފައި. އެސް.ޓީ.އޯ އަށް، އެސް.ޓީ.އޯ.ގެ މެނެޖިންގ ޑިރެކްޓަރ އާދަމް މިއީ މިކަހަލަ ހުރިހާ އިޖުތިމާޢީ ކަންކަމެއްގައި، ހަމަ އައުޓްސްޓޭންޑިންގލީ ކޮންޓްރިބިއުޓް ކުރައްވާ ލީޑަރެއް އާދަނަކީ. އާދަނަށްވެސް ހަމަ މިފުރްޞަތުގައި ފަށްފަށުން ޝުކުރު ދަންނަވަން. އަދި ހަމައެއާއެކީ، މިކަމަށް ސްޕޮންސަރޝިޕް ދެއްވި ހަމަ ހުރިހާ ބޭފުޅުންނަށްވެސް ހަމަ ވަރަށް ބޮޑަށް ޝުކުރު ދަންނަވަމުން، ހަމަ ޒުވާނުންގެ މިކަހަލަ ހުރިހާ ޙަރަކާތްތަކެއްގައި، ސަރުކާރުގެވެސް ހަމަ ހުރިހާ ކުންފުނިތަކުން އަދި ޕްރައިވެޓް ސެކްޓަރުގެވެސް ހުރިހާ ކުންފުނިތަކުންވެސް ސްޕޮންސަރޝިޕް ލިބިގެން ދިޔުމަކީ އަޅުގަނޑު އެދޭގޮތް. ވަރަށް ބޮޑަށް ޝުކުރިއްޔާ!
 
والســّلام عليــكم ورحـمــة اللّـه وبـركاتـه