بســم اللّـه الرّحمـن الرّحيــم

          
اَلحَمْـدُ لِلّـهِ وَحْدَهُ وَالصّـلاة وَالسّلام علـى مَن لا نبي بعده.
 
މި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ލޮބުވެތި މެންބަރު ޙުސައިން މަނިކު ދޮންމަނިކު، މިއަތޮޅު ކައުންސިލްގެ ނައިބު ރައީސް، އަތޮޅު ކައުންސިލްގެ މެންބަރުން، މިރަށުގެ ކައުންސިލްގެ ލޮބުވެތި މެންބަރުން، އަޅުގަނޑުމެންގެ ލޮބުވެތި އުޚުތުންނާއި އަޚުން.
 
السّــلام عليــكمورحـمــة اللّـه وبـركاتـه
 
އާދެ! އަޅުގަނޑު ދަންނަވާނީ މިއީ ވަރަށް އުފާވެރި ވަގުތުކޮޅެކޭ. އަޅުގަނޑަށް މިރަށަށް، ތަފާތު ފަހަރުފަހަރު މަތިން ޒިޔާރަތް ކުރެވިއްޖެ. އަދި މިރަށުގެ ރައްޔިތުންނާއެކީގައި މީގެކުރިންވެސް ވަގުތުވަނީ ހޭދަކުރެވިފައި. މި ފުރްޞަތުގައި އަޅުގަނޑު ބޭނުންވޭ ފާހަގަކުރަން، ނިމިގެންދިޔަ ދުވަސްތަކުގެ ތެރެއިން ޚާއްޞަ ގޮތެއްގައި ރިޔާސީ އިންތިޚާބުގަޔާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ތެރޭގައި، މިރަށުގެ ލޮބުވެތި ހީވާގި ރައްޔިތުން، އަޅުގަނޑުމެންނާއެކީގައި މި ދެއިންތިޚާބުގެ ތެރޭގައި ކުރެއްވި މަސައްކަތް ފާހަގަކޮށް، އެ މަސައްކަތުގެ ތެރޭގައި އަޅުގަނޑުމެންނާ ޚިޔާލު އެއްގޮތްވި ފަރާތްތަކުން އަޅުގަނޑުމެންނާއެކީގައި ކުރެއްވި ބުރަ މަސައްކަތަށާއި އަދި އަޅުގަނޑުމެންނާ ޚިޔާލު ތަފާތުވި ފަރާތްޕުޅުތަކުންވެސް، އެބޭފުޅުންގެ ނަޒަރުގައި އެބޭފުޅުންވެސް އެކުރެއްވި އަގުހުރި މަސައްކަތަށްޓަކައި މިއަދު އަޅުގަނޑު ބޭނުންވޭ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަންފުޅުގަޔާއި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ރައްޔިތުންގެ މަޖިލީހުގަޔާއި، ރިޔާސީ އިންތިޚާބުގައި، ތިޔަބޭފުޅުން ކުރެއްވި ބުރަ މަސައްކަތަށް އައްސަރިބަހާއި ސާބަހާއި ޝުކުރު އަދާކުރަން.
 
އެނގިވަޑައިގަންނަވާނޭ ފަދައިން، ދެންމެ އަޅުގަނޑަށް ވަރަށް ތަފްޞީލީ ލިސްޓެއް ހުށަހަޅުއްވައިދެއްވައިފި. ފައިބައިވަޑައިގަންނަވަމުންވެސް އަދި ބައެއް ވާހަކަ ވިދާޅުވެފައި ހުރީ. އަޅުގަނޑު ގަބޫލު މިކުރަނީ، އަދި ރަށުން ދިޔުމުގެ ކުރިންވެސް ބައެއް ވާހަކަ ޙިއްޞާ ކުރައްވާނެ ކަމަށް. އެއީކީ އެއްވެސް ހާލެއްގައި މައްސަލައެއް ނޫން. އަޅުގަނޑަށް މިއަދު އިޙްސާސްވެގެން މިދަނީ، އަޅުގަނޑުމެން މި ސަރުކާރު އައުމަށްފަހުގައި، ވަކި އާމްދަނީގެ ގޮތުން އިތުރު އާމްދަނީއެއް ސަރުކާރުގެ ޚަޒާނާއަށް ނުވަން ކަމުގައިވީ ނަމަވެސް، ރައްޔިތުންނަށް ދިމާވެފައި ހުރި ބޮޑެތި މައްސަލަތަކަށް، ﷲގެ ރަޙްމަތާއެކީގައި ޙައްލު ހޯދައިދިނުމަށްޓަކައި އެކަށީގެންވާ މަސައްކަތްތަކެއް އަޅުގަނޑުމެންނަށް ކުރެވެމުން އެބަގެންދެވޭ.
 
އަޅުގަނޑު ފާހަގަކުރަން، ރައްޔިތުންނަށް ދިމާވެފައިވާ އެންމެބޮޑު އެއް ގޮންޖެހުމަކީ، ޞިއްޙީ މައްސަލަ. އިޖުތިމާޢީ މައްސަލަތަކުގެ ތެރެއިން ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާއަކީ، އެއީ ކޮންމެ ރައްޔިތެއްގެ އިޙްސާސްތަކާއި، ކޮންމެ ދުވަހެއްގެ ދިރިއުޅުމާ ގުޅިފައި ހުރި ކަންތައްތަކެއް. އަޅުގަނޑުމެން، މި ސަރުކާރު ވުޖޫދަށް އައިސް ބެލިއިރު، އިތުރު އާމްދަނީއެއް ޚަޒާނާގައި ބަހައްޓާފައެއް ނޫން، ދައުލަތް އަޅުގަނޑުމެންނާ ޙަވާލުކުރީކީ. އެހެން ނަމަވެސް، އެންމެ ފުރަތަމަ ކަމަކަށް ޙަވާލުކުރީ، އެންމެ އާދައިގެ ރައްޔިތަކަށްވެސް ބޮޑުކަމެއް ދިމާވެއްޖެ ކަމުގައިވާނަމަ، އެމީހާއަށް ތަކުލީފުނުވާ ގޮތަށް، ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން. އެއީ، އަޅުގަނޑުމެން ވީވަޢުދެއް.
 
އަޅުގަނޑު މިއަދު އުފަލާއެކީ ފާހަގަކުރަން، މި ނިމޭ އަހަރުގެ ބަޖެޓުގައި ދައުލަތުން ކަނޑައަޅާފައިވަނީ، ހުސްނުވާ އާސަންދައަށް ހަސަތޭކައެއްހާ މިލިއަން ރުފިޔާ. އެކަމަކު މިއަހަރު މިހާ ހިސާބަށް އައިއިރުގައި، އެ ޢަދަދު މިވަނީ ގާތްގަނޑަކަށްހެން ހުސްވެފައި. ހަސަތޭކަ ފަންސާސް މިލިއަނަށްވުރެ ބޮޑަށް ޚަރަދުވެފައި މިވަނީ. އެބަހުރި ބައެއްފަހަރު އެންމެ ފަރުދަކަށް ފަސްލައްކަ، ތިންލައްކަ، ހަތަރުލައްކައިން ޚަރަދުވެފައި. އެއްފަހަރު، ދެފަހަރު، ތިންފަހަރު ރާއްޖެއިން ބޭރަށް ދަތުރުކުރުމަށްޓަކައި އެބަހުރި ޚަރަދު ކުރެވިފައި. އަޅުގަނޑުމެންގެ އެބަތިބި މިތާނގައި، ދޮށީ ޢުމުރުގެ ރައްޔިތުންވެސް. ހަމަ ހަނދުމަފުޅު ހުންނާނެ، މީގެކުރީގައި ކަމެއް ދިމާވެއްޖެ ކަމުގައިވާނަމަ، ދިހަހާސް ރުފިޔާވެސް އެއްފަހަރާ ހޯދުމަކީ، އަޅުގަނޑުމެންގެ ޢާންމު ރައްޔިތެއްގެ ދިރިއުޅުމުގެ ތެރޭގައި ވަރަށް އުނދަގޫ ކަމެއް އެއީ ކުރަން. މިއަދު ކަމެއް ދިމާވެއްޖެ ކަމުގައިވާނަމަ، ރަށުން އެކަމަކަށް ބޭސްފަރުވާ ކުރެވެން ނެތް ކަމުގައިވާނަމަ، މާލެއަށް. މާލެއިން ރާއްޖެއިން ބޭރަށް މުޅިން ދައުލަތުގެ ޚަރަދުގައި، ބޭސްފަރުވާއަށްޓަކައި ރައްޔިތުން އުފުލުމުގެ އިންތިޒާމެއް، ﷲގެ ރަޙްމަތާއެކީގައި  މިއަދު މިވަނީ ހަމަޖެހިފައި. އަޅުގަނޑު ދެކޭގޮތުގައި އެއީ اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް މިންވަރު ކުރެއްވި ވަރަށްބޮޑު ނަޞީބެއް، ވަރަށްބޮޑު ނިޢުމަތެއް.
 
ދެވަނަ ކަމަކަށް، އަޅުގަނޑުމެންނަށް ޞިއްޙީ ދާއިރާއަށް އޮތް އެންމެބޮޑު ގޮންޖެހުމަކީ، ޑޮކްޓަރުން ނުލިބުމުގެ މައްސަލަ. އެނގިވަޑައިގަންނަވާނެ މިއީ ވަރަށްބޮޑު މައްސަލައެއް. ކޮންމެ އަތޮޅެއްގެ، ކޮންމެ ރަށެއްގެ ރައްޔިތުންނާ ގުޅިފައި އޮންނަ މައްސަލައެއް. އެކަމަކު މީގައިވެސް އަސާސަށް ބަލަންޖެހޭ، ކީއްވެގެންތޯ މިކަން މިހެންނުވެ އޮތީ. ކޮބައިތޯ މީގެ ސަބަބަކީ. އަޅުގަނޑުމެން ބެލި ބެލުމުގައި ރާއްޖޭގައި ޑޮކްޓަރުން މަސައްކަތް ކުރަން ބޭނުންނުވަނީ މުސާރަ ކުޑަކަމުން. އެކި ތަންތަނުން އަންނަ ޑޮކްޓަރުންނަކީ، އެމީހުންގެ ދިރިއުޅުމުގެ ކަންތައްތަކާ އަޅާބަލާއިރު، ކުޑަ ރަށެއްގައި، ކުޑަ އަތޮޅެއްގައި އެ ހުރިހާ ކަންތައްތަކެއް ދޫކޮށްފައި، އެހާ ކުޑަ މުސާރައެއްގައި އުޅެން ބޭނުންނުވާ ޑޮކްޓަރުން. މުދައްރިސުންނާއި ސަރުކާރުގެ އެހެން ދާއިރާތަކާ، ހުރިހާ ކަމެއް އެއްފަރާތުގައި ބާއްވާފައި، އަޅުގަނޑުމެން ހަމަ މިއަހަރުގެ ތެރޭގައި، އިތުރަށް ދައުލަތުން ބަޖެޓް ފާސްނުކޮށް، ބަޖެޓުގެ ތެރެއިން އެހެން މިހެން ހަދާފައި، ހަމަ ބޮޑު ޢަދަދެއް، ގާތްގަނޑަކަށް ހަތަރުސަތޭކައެއްހާ މިލިއަނަށްވުރެ ގިނަ ރުފިޔާ، އެކަމަށްޓަކައި އަޅުގަނޑުމެން އެއްކޮށް، އިރާދަކުރެއްވިއްޔާ، ޑޮކްޓަރުންގެ މުސާރަ ބޮޑުކޮށް އޮނިގަނޑު އެއޮތީ ތަޢާރުފްކޮށްދީފައި. މިއީ ކުޑަކަމެއް ނޫން. ﷲގެ ރަޙްމަތާއެކީގައި މިއަދު ރާއްޖެއިން ބޭރުން، އިންޑިއާއިން، ބަންގްލަދޭޝުން، އަދި މިޞްރުންވެސް އަޅުގަނޑުމެންނަށް މިހާރުވަނީ ޑޮކްޓަރުން ރާއްޖެ އައުމަށްޓަކައި އެބޭފުޅުން ޝައުޤުވެރިކަން ފާޅުކޮށްފައި. އަޅުގަނޑު އުންމީދު ކުރަނީ، އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް މަހެއް، ދެމަހެއްގެ ތެރޭގައި، އަޅުގަނޑުމެންނަށް ބޭނުންވާ ވަރަށް، ހަމަ ޚާއްޞަ ބަލިތަކުގެ ޑޮކްޓަރުންނާއި، ޢާންމު ބަލިތަކުގެ ޑޮކްޓަރުންވެސް ލިބިގެންދާނެ ކަމަށް. މިއީވެސް اللّـه سبحـانـه وتعـالىއަށް ޙަމްދާއި ޝުކުރު އަދާކުރަންޖެހޭވަރުގެ ބޮޑު ކަމެއް.
 
ދެންއޮތީ ބޭސް ލިބުމުގެ މައްސަލަ. އެއީކީވެސް ކުޑަ މައްސަލައެއް ނޫން. ރައްޔިތުންނަށް ރަށުގައި ތިބެގެން ބޭސްނުލިބޭ ޝަކުވާއަކީ، މިދިޔަ ދުވަސްތަކުގެ އެންމެބޮޑު ޝަކުވާ. މިއަދު ސަރުކާރުގެ އެންމެބޮޑު އެއް ކުންފުނި ކަމަށްވާ އެސް.ޓީ.އޯ.އާ، މި މަސައްކަތް ވަކި އިންތިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިޔުމަށްޓަކައި ވަނީ ޙަވާލުކުރެވިފައި. އެހެންވީމާ، ނިމިގެންދިޔަ ދުވަސްތަކުގައި އަޅުގަނޑުމެންނަށް މިއޮތީ އިރާދަކުރެއްވިއްޔާ، ޢާންމުކޮށް ޖުމްލަކޮށް، މުޅި ރާއްޖޭގެ ރައްޔިތުންގެ ފައިދާއަށްޓަކައި ބޮޑެތި ކަންތައްތަކެއް ކުރެވިފައި.
އަޅުގަނޑުމެން އައިއިރު، ތަޢުލީމީ ދާއިރާއިން އޮތް ޝަކުވާއަކީ، ރާއްޖޭގެ ތަޢުލީމީ ނިޒާމު ބައްޓަންވެފައިވަނީ، ރާއްޖޭގެ ކުދިންގެ އަޚްލާޤިއްޔާތާއި، އަޅުގަނޑުމެންގެ ޢަޤީދާ، އެ ނިޒާމުގެ ތެރެއިން ހަރުދަނާވާގޮތަކަށެއް ނޫނޭ. މިއީ، އޮތް ޝަކުވާއަކީ. އަޅުގަނޑުމެންނަކީ ސައްތައިންސައްތަ މުސްލިމް ޤައުމަކަށްވާތީ، ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރެއިން ނުކުމެގެންދާ ކުއްޖާގެ އަޚްލާޤިއްޔާތާއި، ދީނީ ޢަޤީދާ ހަރުދަނާވާނެ ގޮތަކަށް އެކަން ކޮށްދޭށޭ ރައްޔިތުން އެދުނީ. އަޅުގަނޑު ފާހަގަކުރަން، ﷲގެ ރަޙްމަތާ އެކީގައި، 100 ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގެ ހުރިހާ ސްކޫލަކަށް އަޅުގަނޑުމެންނަށް ޤުރްއާން މުދައްރިސުން ހަމަޖައްސައިދެވުނު. މިއަދު ރާއްޖޭގެ ތަޢުލީމީ މަންހަޖު، އެއީ ކިޔަވައިދޭ މާއްދާތައް އެކުލެވިފައިވާ ގޮތް އެވަނީ، މުޅި އިސްލާމީ އަޚްލާޤިއްޔާތުގެ ތެރެއަށް ފަހިވާގޮތަށް ފާސްކުރެވިފައި. މިއީ ނިމިދިޔަ 15، 20 އަހަރުގެ ތެރޭގައި ނުވެ އޮތް މަސައްކަތެއް. އެ މަސައްކަތް ﷲގެ ރަޙްމަތާއެކީގައި ނިންމާލެވިފައި އެވަނީ. މިއަންނަ އަހަރުން ފެށިގެން، ދިރާސީ އާ އަހަރުން ފެށިގެން މި މަންހަޖަށް ކިޔަވައިދޭން ފަށާނެ.
 
ރާއްޖޭގައި އިމާމުން ތަމްރީނު ކުރުމާއި، ރާއްޖެއަށް ބޭނުންވާ ޤުރްއާން މުދައްރިސުންނާއި، ރާއްޖޭގެ ސައްތައިންސައްތަ މުސްލިމް އާބާދީއަށް ބޭނުންވާ ދީނީ ތަޢުލީމު އުނގަންނައިދިނުމަށްޓަކައި ރާއްޖޭގައި ޤާއިމުކުރެވިފައި ހުރި މަރްކަޒު، މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާ، މިޒަމާނުގެ ޔުނިވަރސިޓީގެ ފެންވަރަށް ބަދަލުކުރުމަކީ، އެއީ އަޅުގަނޑުމެން ވީވަޢުދެއް. އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުންވޭ، އެކަމަށް ބޭނުންވާ ހުރިހާ މަސައްކަތެއް އެވަނީ ކޮށް ނިމިފައި. އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންގެ މިދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަސައްކަތާއެކީގައި، ކުރިއަށް އޮތް ދައުރަށް އަޅުގަނޑުމެން ޤާނޫނެއް ހުށަހަޅައި، އެ ޤާނޫނު ފާސްވުމާ އެކީގައި، އިރާދަކުރެއްވިއްޔާ، މަޢުހަދު، ރާއްޖޭގެ ފުރަތަމަ އިސްލާމީ ޔުނިވަރސިޓީއަކަށް ބަދަލުވެގެންދާނީ. މިއީ ވަރަށް ބޮޑެތި މަސައްކަތްތަކެއް.
 
އަޅުގަނޑަށް އެނގޭ، އަޅުގަނޑުމެން ހަމަ ކޮންމެ ރަށަކަށްވެސް އެބަހުރިކަން، އެރަށަކަށް ބޭނުންވާ ކަންތައްތައް. މިރަށުގެ ރައްޔިތުން އަޅުގަނޑުމެންނާ ދޭތެރޭގައި ވަރަށް ގާތް ކުލުނެއް ބެހެއްޓިކަން އަޅުގަނޑު ފާހަގަކުރަން. ރިޔާސީ އިންތިޚާބުގައި ވަރަށް ހަލަބޮލި ދުވަސްކޮޅުވެސް މިރަށަށް އައިއިރުގައި، އަޅުގަނޑުމެންނާއެކު މަސައްކަތްކުރި ކުދިންކޮޅު، ހަމަ އަޅުގަނޑު ދަންނަވާނީ، ވަރަށްބޮޑު ހިތްވަރެއް ނެރެފައި އަޅުގަނޑުމެންނަށްޓަކައި ވަރަށް ބޮޑެތި ޤުރްބާނީތަކެއްވި. ރައްޔިތުންގެ މަޖިލީހުގެ މި ދާއިރާގެ އަޅުގަނޑުމެންގެ މެންބަރު ހޮއްވަވައިދެއްވުމަށްޓަކައި، އެންމެންހެން އެކައްޗެއް ކިޔައި، މިރަށުގެ ޚިޔާލު ތަފާތު ބޭފުޅުންވެސް އެއްގަލަކަށް އަރުއްވައިގެން ކުރެއްވި މަސައްކަތް އަޅުގަނޑުމެން ފާހަގަކުރަން.
 
އެހެންވީމާ، އަޅުގަނޑުމެން ބޭނުންވޭ، މިރަށުގެ މި ދާއިރާގެ ރައްޔިތުންނަށް ދިމާވެފައި ހުރި ގޮންޖެހުންތަކަށްވެސް ހަމަ ތިޔަބޭފުޅުން އަޅުގަނޑުމެންނަށްޓަކައި މަސައްކަތް ކޮށްދެއްވި ބީދައިން އެކަމަށް ޙައްލެއް ފޯރުކޮށްދެން. އެންމެބޮޑު އެއް މައްސަލައަކަށް އޮތީ ނަރުދަމާގެ މައްސަލަ. އެ މަސައްކަތް އިރާދަކުރެއްވިއްޔާ އެއޮތީ ނިމިފައި. ކުރިއަށް ގެންދިޔުމަށްޓަކައި ސަރުކާރުން ކުރަންޖެހޭ މަސައްކަތްތައް ކުރެވިފައި އެއޮތީ. އެވޯޑްކޮށް ނިމިފައި އެއޮތީ. މާނައަކީ ބަޔަކަށް އެ މަސައްކަތް ޙަވާލުކުރެވިފައި އެއޮތީ. މިހާރު އެދަނީ އެ މަސައްކަތް ފެށުމަށްޓަކައި ކުރަން ބޭނުންވާ ކަންތައްތައް ކުރަމުން. އަޅުގަނޑަށް މިހާރު މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އިރާދަކުރެއްވިއްޔާ މިއަހަރު އެ މަސައްކަތް ފެށިގެންދާނެ. އަދި ކުރިއަށް އޮތް އަހަރު، އެއީ 2015 ވަނަ އަހަރުގެ މާޗް މަހުގެ ކުރިން ﷲގެ ރަޙްމަތާ އެކީގައި މި ރަށުގެ ނަރުދަމާ ނިންމާލެވޭނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަނީ.
 
ހަމަ އެޔާއެކީގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ދެންމެ ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވިފަދައިން، އަޅުގަނޑުމެންވެސް ބޭނުމެއްނުވޭ، މިރަށުގެ ރައްޔިތުންގެ ފިނިކުރާ އައިސް އަލަމާރި ހަލާކުވާކަށް އިރުއިރުކޮޅާ. އެއަކީ ފަސޭހަކަމެއް ނޫން. ސްކޫލްގައި ހުރި ކޮމްޕިއުޓަރ ހަލާކުވާކަށް ބޭނުމެއް ނޫން. އެކަމަކު ގަބޫލުކުރައްވާ، ހަމަ ދެންމެ މިދެންނެވި ފަދައިން، ސަރުކާރު އައިއިރުގައި، މުޅި ރާއްޖޭގެ ޢާންމު ޙާލަތު އޮތީ މިކަހަލަ ގޮތަކަށް. މުޅި ރާއްޖޭގެ ރައްޔިތުންގެ ކަރަންޓް ގެތަކުގެ ޙާލަތު އޮތީ ހަމަ ޞިއްޙީ ދާއިރާއެކޭ އެއް ޙާލަތެއްގައި. ހުވަދުއަތޮޅުން ފެށިގެން ރާއްޖޭގެ އުތުރާ ހަމަޔަށް ކޮންމެ ރަށެއްގައިހެން ގާތްގަނޑަކަށް ރައްޔިތުން ހަމަ ކަނުއަނދިރީގައި ހޭދަކުރަންޖެހުނު ވަގުތު ވަރަށްގިނަ. ވަރަށްގިނަ. މިއަދު ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، ކަރަންޓަކީ ކޮންމެ ދުވަހެއްގެ އަސާސީ އެންމެބޮޑު ޟަރޫރަތްކަން. އެންމެ ބޮޑު ނީޑުކަން. އެހެންވީމާ، ސަރުކާރުން އަނެއްކާވެސް މިދެންނެވިހެން ބައިތުލްމާލަށް އިތުރު ފައިސާތަކެއް ނުހޯދައި އަދި ވަންނާކަށް ނުވެސް ނެތް. ހަމަ ސަރުކާރުގެ ކުންފުނިތަކުންނާއި، އެހެން މިހެން ސަރުކާރުގެ ތެރޭގައި ހުރި ފައިސާކޮޅު އެއްކޮށްގެން، އިރާދަކުރެއްވިއްޔާ ޖަނަރޭޓަރުތައް ހޯދުމުގެ މަސައްކަތް އެވަނީ އަޅުގަނޑުމެން ފަށާފައި. މިއަތޮޅަށް އަޅުގަނޑު ފާހަގަކުރަން ބޭނުންވާ ޖަނަރޭޓަރުތައް މިހާރު ވަނީ ހޯދާފައި. އަދި މިރަށަށް 160 ކިލޯ ވޯޓްގެ ޖަނަރޭޓަރ މިހާރުވަނީ ގަނެފައި. އަޅުގަނޑު ފާހަގަކުރަން، މިހާރު މިރަށުގެ އިންޖީނުގެތަކުގެ ކޭބަލްގެ މަސައްކަތް ބަޔަކާ ޙަވާލުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް. ޖަނަރޭޓަރު އެވަނީ ގަނެވިފައި. އެހެންވީމާ، އަޅުގަނޑު އުންމީދު މިކުރަނީ، ލަސްތަކެއްނުވެ ދެންމެ ތިޔަ ވިދާޅުވި ޝަކުވާއަށް އަޅުގަނޑުމެންނަށް، މިރަށުގެ ރައްޔިތުންނަށް ފުރިހަމަ ޙައްލެއް ހޯދައިދެވޭނެ ކަމަށް ﷲގެ ވާފިފުޅާއެކީގައި.
 
އަޅުގަނޑު ހަމައެއާއެކީގައި ދަންނަވާލަން ބޭނުންވޭ، މިރަށަށް އެބަހުރި، އެހެނިހެން ކަންތައްތައްވެސް، މި ނިމިދިޔަ ދުވަސްކޮޅުގެ ތެރޭގައި ކުރެވިފައި. ދެންމެ ފާހަގަކުރައްވައިފި، މިރަށަކީ އެކަހެރިކޮށް، ލަފާފުރުން ދަތި ރަށެއްގެ ގޮތުގައި، މާޒީގައި މިރަށުގެ ރައްޔިތުން ދުވަސްތަކެއް ހޭދަކުރިކަން. ކިތަންމެ ދުރުގައި ހުރެފައި މިރަށަށް އައި ކަމުގައިވީ ނަމަވެސް، އަޅުގަނޑުގެ ހިތަށް ހަމަ ވަރަށް އާދަޔާ ޚިލާފު އުފާތަކެއް ލިއްބައިދޭ، މިރަށުގެ ފަސްގަނޑުގައި ފައިޖެހޭ ކޮންމެ ވަގުތަކު. އެއީ، ކާބަފައިން ކިތަންމެ ދުރުގައި ތިބި ކަމުގައިވީ ނަމަވެސް، ކާބަފައިންގެ ހިސާބު މިރަށާ އަޅުގަނޑުމެންނާ ވަނީ ގުޅިފައި. އަޅުގަނޑާވެސް ވަނީ ގުޅިފައި. އެއީ، އަޅުގަނޑަށް ލިބޭ އާދަޔާ ޚިލާފު ބޮޑު އުފަލެއް. އަޅުގަނޑުމެން މިއަދު މިރަށުގެ ތަރައްޤީއަށް އިތުރަށް ހުރި ކަންތައްތަކަށް، މިރަށުގެ ރައްޔިތުންގެ މަޖިލީހުގެ މި ދާއިރާގެ މެންބަރާއެކީގައި ވާހަކަ ދައްކައި، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި، އަޅުގަނޑު އުންމީދު ކުރަން، މިރަށަށް ވަނީ މިސްކިތެއްވެސް އެޅުމަށް ސަރުކާރުން ނިންމާފައި. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، އިރާދަކުރެއްވިއްޔާ، ކުރިއަށް މިއޮތް އަހަރުގެ ތެރޭގައި އެ މަސައްކަތަށްވެސް އަޅުގަނޑުމެންނަށް އީޖާބީ ގޮތެއްގައި ރައްޔިތުންނާ ހަމައަށް ޖަވާބެއް އިރާދަކުރެއްވިއްޔާ ފޯރުކޮށްދެވޭނެ ކަމަށް، މާތްﷲގެ ރަޙްމަތާއެކީގައި.
 
އެއާއެކީގައި އަޅުގަނޑުގެ ވާހަކަ ނިންމާލާނީވެސް އަދިވެސް އެއްފަހަރު މިރަށުގެ ރައްޔިތުންނާއި މިރަށުގެ ޒުވާނުންނަށް ދިމާވެފައި ހުރި ކަންތައްތަކަށް، މިރަށުގެ ކައުންސިލާއި، ރަށުގެ އިސްނަގައިގެން އުޅުއްވާ ބޭފުޅުން، ރައްޔިތުންގެ މަޖިލީހުގެ މި ދާއިރާގެ މެންބަރަކީ، ވަރަށް އިޚްލާޞްތެރިކަމާއެކީގައި، ގިނަ ދުވަސްތަކެއް ވަންދެން ސަރުކާރަށް ޚިދުމަތް ކުރައްވާފައިވާ މިއަތޮޅުގެ ވަރަށް އަގުހުރި ދަރިއެއް. އަޅުގަނޑުމެން މި ސަރުކާރު ގެނައުމަށްޓަކައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް. އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި، އެހެން މެންބަރުންނަށް ލިބިފައި ނުވާފަދަ ހުނަރުވެރިކަމެއް ލިބިވަޑައިގެންފައިވާ ބޭފުޅެއް. ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއް. އެހެންވީމާ، އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ، މި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު ޙުސައިންމަނިކު ދޮންމަނިކާ އެކީގައި ތިޔަބޭފުޅުންގެ ހުރި އިޙްސާސްތައް އަޅުގަނޑުމެންނާ ހަމަޔަށް ފޯރުކޮށްދޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އަދި އެކިއެކި ކަންތައްތަކުގައި އެ މަސައްކަތް އިރާދަކުރެއްވިއްޔާ، އެބޭފުޅާއާއި މިރަށުގެ ކައުންސިލާއި އަދި އަތޮޅު ކައުންސިލާއެކީގައި، އަޅުގަނޑުމެންނަށް މިދާއިރާއަށް ކޮށްދެވޭނެ ކަމުގެ ޔަޤީންކަންވެސް އަޅުގަނޑުމެންނަށް އެބައޮތް. މިއީ އިރާދަކުރެއްވިއްޔާ، މި ދާއިރާއަށް ލިބިގެންދިޔަ ވަރަށްބޮޑު ކުރިއެރުމެއް. މިހާ ތަޖުރިބާ ހުރި ބޭފުޅަކު މި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އިންތިޚާބުވެގެން ދިޔުމަކީ، މުޅި ދާއިރާއަށް، މުޅި އަތޮޅަށް އަޅުގަނޑު ދެކޭގޮތުގައި ލިބިގެންދާނެ ވަރަށްބޮޑު ކުރިއެރުމެއް. އެކަން މިހާރުވެސް ފެނިގެން އެބަދޭ. ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ފާސްވެގެން މިދިޔަ އިޤްތިޞާދީ ގޮތުން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރުމަށްޓަކައި ފާސްވެގެންދިޔަ ޤާނޫނު، މި ޤާނޫނު ފާސްކުރުމުގެ މަރްޙަލާގައިވެސް މި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުވަނީ ވަރަށް ބުރަ މަސައްކަތްތަކެއް ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި، ޚިޔާލު ތަފާތު ބޭފުޅުން، އެމް.ޑީ.ޕީ.ގެ މެންބަރުންނާވެސް  އެކީގައި ކުރައްވައި، މި ބިލު ޤާނޫނަކަށް ހެދުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރައްވާފައި. އަދި ކެނޑިނޭޅި މި ދާއިރާގެ ރައްޔިތުންނަށްޓަކައި މިރަށުގެ ނަރުދަމާއާއި އަދި އެހެނިހެން ރަށްރަށުގެ ކަރަންޓާއި، އެ ދާއިރާއަށް އަންނަން ބޭނުންވާ ތަރައްޤީއަށްޓަކައި ކެނޑިނޭޅި އަޅުގަނޑުމެންނާ ހަމަޔަށް އެބޭފުޅާ ސީދާ ވަޑައިގަންނަވައި، ހަމައެކަނި ކޯލެއް ނޫން ކުރައްވަނީކީ، ބައްދަލުކުރައްވައި އެކަމަށް އިލްތިޖާ ކުރައްވައި، އާދޭސް ކުރައްވައި، އެކަމަށްޓަކައި ކެނޑިނޭޅި މަސައްކަތް ކުރައްވާ. ވަރަށްގިނަ ބޭފުޅުންނަށް އަމިއްލަގޮތުން، ތިމާގެ އަމިއްލަ ޖީބުންވެސް ވަރަށްބޮޑު ދީލަތި އެހީއެއް ވެވަޑައިގަންނަވާ ބޭފުޅެއްކަން އަޅުގަނޑަށް މި އެނގެނީ. ހަމައެކަނި މިދާއިރާގެ ރައްޔިތުންނަކަށް ނޫން. އެހެންވީމާ، އަޅުގަނޑު ދެކޭގޮތުގައި، މިފަދަ މެންބަރަކާ އެކީގައި، މި އަތޮޅުގެ ކައުންސިލާއި ތިޔަބޭފުޅުން މަސައްކަތް ކުރައްވައިގެން، އަޅުގަނޑުމެންނާ ހަމަޔަށް މިހެންހުރި ކަންތައްތައް ގެނެސްދެއްވާ ކަމުގައިވާނަމަ، އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދުވަސްތަކުގައި އެކަންކަންވާނެ.
 
ޒުވާނުން މިތާނގައިވެސް އެބަ ތިއްބެވި، ތަންކޮޅެއް ދުރުގައިވެސް. އަޅުގަނޑު ދަންނަވާލަން ބޭނުންވޭ އިރާދަކުރެއްވިއްޔާ، މިއަތޮޅުގެ، މިރަށުގެވެސް ޒުވާނުންގެ މަރްކަޒަށާއި އަދި ޒުވާނުންނަށް ދިމާވެފައި ހުރި ގޮންޖެހުންތަކަށް ކުރިއަށް އޮތް ދުވަސްކޮޅުގައި، މިރަށުގެ ކައުންސިލާ އެކީގައި އަޅުގަނޑުމެންނާ ހަމަޔަށް އެހުރި ކަންތައްތައް ފޯރުކޮށްދޭށޭ. އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ދުވަސްތަކުގައި އެކަންތައްތައް، ޒުވާނުންގެ ދާއިރާއިން ކުރެވެން ހުރި ކަންތައްތައްވެސް، އަޅުގަނޑުމެން އެކަންތައްތައް ކޮށްދޭނަމޭ.
 
މިއަދުގެ ޒުވާނުންގެ ކަންތައްތަކާބެހޭ ވަޒީރަކީވެސް ސަރުކާރުގެ ތެރެއިން ވަރަށް ހީވާގިކަމާއެކީގައި މަސައްކަތް ކުރައްވާ، އަދި މި ދާއިރާއަށް ޚާއްޞަކޮށް، މިދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރާއެކީގައި ވަރަށް ގާތް ގުޅުމެއް، އެބޭފުޅާގެ ރަޙްމަތްތެރިކަމުގެ ވަރަށް ގާތް ގުޅުމެއް އޮންނަ ބޭފުޅަކަށްވާތީވެސް އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ އެފަދަ ކަންތައްތައް މިދާއިރާއަށް ކޮށްދިނުމަށް ފަސޭހަވެގެންވެސްދާނެ.
 
އަޅުގަނޑުގެ އިލްތިމާސަކީ، ރަށުގެ ހުރިހާ ރައްޔިތުންވެސް އެކުވެރިކަމާއެކީގައި އުޅުއްވުން. އަބަދަކު ހުރިހާ ވަގުތަކީ އަޅުގަނޑުމެން ވާދަވެރި މާޙައުލުގެ ތެރޭގައި، މޫނު ދިމާނުވާ ގޮތަށް އުޅެންޖެހޭ ވަގުތު ކަމުގައި ވެގެނެއްނުވާނެ. ދުނިޔޭގެ އެހެން ތަންތާނގައި މުސްލިމުން އުޅެމުންދާ ނިކަމެތި ޙާލަކީ، މިއަދު އަޅުގަނޑުމެން، އަޅުގަނޑުމެންގެ ޢާންމު ޙާލަތަށް ވިސްނައިފިއްޔާ ޝުކުރުވެރިވާންޖެހޭނެކަމެއް. އެހެންވީމާ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް ދެއްވި އެންމެ މަތިވެރި ނިޢުމަތަކީ، އަޅުގަނޑުމެންނަކީ إِنَّ الدِّينَ عِندَ اللَّـهِ الْإِسْلَامُ، ﷲގެ ޙަޟުރަތުގައިވާ ދީނަކީ ހަމައެކަނި އިސްލާމްދީން ކަމުގައިވި މަތިވެރި ދީނުގައި ހިފަހައްޓައިގެން ތިބި ބަޔަކަށްވާތީ، ހުރިހާ ރައްޔިތުންނަކީ އެގޮތުގައި ފައިތިލަ ސާބިތުކޮށްގެން ތިބި ބަޔަކަށްވާތީ.
 
އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް އެކީގައި އުޅުމުގެ ތައުފީޤު اللّـه سبحـانـه وتعـالى މިންވަރު ކުރެއްވުން. މިރަށަށާއި މިއަތޮޅަށް ތަރައްޤީއާއި އަދި ތަމައްދުނުގެ ގޮތުން އިތުރު ކުރިއެރުންތަކެއް اللّـه سبحـانـه وتعـالى މިންވަރު ކުރެއްވުން. އާމީން.
 
 
والســّلام عليــكم ورحـمــة اللّـه وبـركاتـه