بســم اللّـه الرّحمـن الرّحيــم


اَلحَمْـدُ لِلّـهِ وَحْدَهُ وَالصّـلاة وَالسّلام علـى مَن لا نبي بعده.

 

ތ. އަތޮޅު ގުރައިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް ޙުސައިން މަނިކު ދޮންމަނިކު، ތ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް އަލްފާޟިލް މުޙަންމަދު ޙަނީފް، ޑެޕިއުޓީ ޕްރިންސިޕަލް އަލްފާޟިލް ތައުފީޤު ޢަލީ، އަތޮޅު ކައުންސިލްގެ މެންބަރުން، ރަށު ކައުންސިލްގެ މެންބަރުން، އަޅުގަނޑުމެންގެ ވަރަށް ހީވާގި ލޮބުވެތި ޓީޗަރުން އަދި ދަރިންނަށްޓަކައި ރެޔާ ދުވާލު ބުރަ މަސައްކަތް ކުރަމުންދާ، އަޅުގަނޑުމެންގެ އެންމެ އިޙްތިރާމް ލިބިގެންވާ ބެލެނިވެރިން، މިރޭގެ ފަޚުރުވެރި ވަނަތައް ޙާޞިލުކޮށްގެން މިތަނަށް ވަޑައިގެންނެވި ދަރިވަރުންނާއި، މިތަނަށް ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ލޮބުވެތި ދަރިވަރުން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه
 
އާދެ! އެއްވެސް ޝައްކެއްނެތްގޮތުގައި، މިރޭގެ މި އިޙްތިފާލަކީ، މިރަށް، އާދެ، ގުރައިދުއަށް ލިބިގެންދާ ވަރަށް އާދަޔާ ޚިލާފު އުފާވެރި އިޙްތިފާލެއް. މިރަށަކީ އަޅުގަނޑާ ވަރަށްގިނަ ގޮތްގޮތުން ގާތް ރަށެއް. ނިމިގެންދިޔަ ދުވަސްތަކުގައި، ތަފާތު އެތައް ފަހަރެއްގެ މަތިން މިރަށަށް ޒިޔާރަތް ކުރުމުގެ ނަޞީބު އަޅުގަނޑަށް ވަނީ ލިބިފައި. މިފަދަ ޙަފްލާއެއްގައި ނޫން ކަމުގައިވީނަމަވެސް، މި ސްކޫލްގެ މި ހޯލުގެ ތެރޭގައި، މިރަށުގެ ރައްޔިތުންނާ މުޚާޠަބުކޮށް ވާހަކަ ދެއްކުމުގެ ފުރްޞަތު، ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގަޔާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ތެރޭގައި އަޅުގަނޑުމެންނަށް ލިބިފައިވޭ. އެދުވަސްކޮޅުގެ ތެރޭގައި، މިރަށުގެ ރައްޔިތުން އަޅުގަނޑަށް ދެއްވި ލޯތްބާއި އިޙްތިރާމާއި އަދި މިރަށުން ދިވެހި ސަރުކާރަށާއި، މިއަދުގެ ރާއްޖޭގެ ވެރިކަމުގައި ތިއްބެވި ބޭފުޅުންނަށް ދެއްވި އިޙްތިރާމާއި އަދި އެއްބާރުލުމަށްޓަކައި މިއަދު މިފުރްޞަތުގައިވެސް މިރަށުގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް، އަޅުގަނޑުގެ ހިތުގެ އެންމެ އަޑިން ވަރަށް ލޯތްބާއެކީގައި ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.
 
ޝައްކެއްނެތް، ވަރަށް ކެތްތެރިކަމާއެކީގައި، މިތަނުގެ ގިނަ ދަރިވަރުންތަކެއް، މިރޭގެ މި އިޙްތިފާލު އަޑުއަހަން ތިބިކަން އަޅުގަނޑު ފާހަގަކުރަން. އެއާއެކީގައި ވަރަށްގިނަ ބެލެނިވެރިންވެސް އެބަ ތިއްބެވި. އެއީ، ވަރަށް ބޮޑެތި އުފާވެރި އިޙްސާސްތަކެއް އެ ބެލެނިވެރިން ކުރަމުންދާ ވަގުތުކޮޅެއް. މި ރަށުގެ މި ސްކޫލަކީ، ފަންސާސް ހަތެއް ވަރަކަށް މުވައްޒަފުންނާ އެކީގައި، ގާތްގަނޑަކަށް ދުއިސައްތަ ފަންސާހެއްހާ ދަރިވަރުން ތިބި ސްކޫލެއް. އެހެން ނަމަވެސް، އެންމެ ބޮޑަށް އަޅުގަނޑަށް ފާހަގަވެގެންދިޔައީ، މިރޭ މި ސްކޫލް، ރާއްޖޭގެ ތަޢުލީމީ ޙަޔާތުގައި ހޯދަމުންދާ އަދި ހޯދާފައިވާ ފަޚުރުވެރި މަޤާމުތައް. އެގޮތުން، 2011، 2012 އަދި 2013 ވަނަ އަހަރު މި މަދަރުސާއިން ވަނީ އެޗީވްމަންޓް އެވޯޑް ޙާޞިލުކޮށްފައި. ހަމައެޔާއެކު، 2011 އަދި 2013 ވަނަ އަހަރު ޕްރޮގްރެސް އެވޯޑް ޙާޞިލު ކުރައްވާފައިވާކަންވެސް އަޅުގަނޑު ފާހަގަކުރަން. އޯލެވެލްގައި ޖުމްލަ ފަސް މާއްދާއިން ފާސްވި ކުދިންގެ ނިސްބަތް މިއޮތީ ރާއްޖޭގެ ނިސްބަތުން އަޅުގަނޑު ދަންނަވާނީ، ވަރަށް ފަޚުރުވެރި މަޤާމެއްގައޭ. 88 ޕަސެންޓް، މި ސްކޫލުން ޙާޞިލު ކުރުމަކީ، ޝައްކެއްނެތްގޮތުގައި މިރޭ މިތަނަށް ޙާޒިރުވެ ތިއްބެވި އަޅުގަނޑުމެންގެ ބެލެނިވެރިން އަދި ޚާއްޞަ ގޮތެއްގައި ސްކޫލްގެ ދަރިވަރުން، މިރޭ މި ފަޚުރުވެރި މަޤާމު މިތަނުން ޙާޞިލު ކުރައްވައިގެން ވަޑައިގެންނެވި ގިނަ ދަރިވަރުން، ޝުކުރުވެރިކަމާއެކީގައި، މި ސްކޫލްގެ ޓީޗަރުންނަށް މިރޭ އެ އިޙްސާސް ފޯރުކޮށްދޭންޖެހޭ ރެއެއްކަން އަޅުގަނޑު ގަބޫލުކުރަން. އެހެންކަމުން، މި މަތިވެރި މަޤާމު މިރަށުގެ ދަރިވަރުންނަށް، މިރަށުގެ ބެލެނިވެރިންނަށް ފޯރުކޮށްދިނުމުގައި، މި ސްކޫލްގެ ހީވާގި ޓީޗަރުން އަދާކޮށްފައިވާ މަސައްކަތް އަދި ޚާއްޞަ ގޮތެއްގައި ޕްރިންސިޕަލް މި ސްކޫލާއިގެން ކުރިއަށް ވަޑައިގަތުމުގައި އަދާކޮށްފައިވާ ހީވާގި ދައުރަށް އަޅުގަނޑުމެން ފަށްފަށުން ޝުކުރު އަދާކުރަން.
 
އާދެ، މިރޭ މި ސްޓޭޖުމަތިން ވަރަށްގިނަ ތުއްތު ދަރިވަރުންތަކެއް، ވަރަށް ފަޚުރުވެރި ވަނަތަކެއް ޙާޞިލުކޮށްގެން ހިނގައްޖެ. އެއާއެކީގައި ވަރަށްގިނަ ދަރިވަރުންތަކެއް ރާއްޖޭގެ ނިސްބަތުންވެސް ފާހަގަކޮށްލެވޭ ވަނަތަކެއް ޙާޞިލުކޮށްފި. އެހުރިހާ ކުދިންނަށް ސާބަހާއި ޝުކުރާއި ތަޢުރީފު އަދާކުރަން. ހަމައެއާއެކީގައި މި ސްކޫލުން ނެޝަނަލް ލެވެލުން 1 ވަނަ ހޯދި ދަރިވަރު، އާދެ، އާމިނަތު ޝަމްހާ އަދި ނެޝަނަލް ލެވެލުން 8 ވަނައިގައި ހިމެނުނު ދަރިވަރު ފާޠިމަތު ނިޝްމާ، އެ ދެދަރިވަރުން ރާއްޖޭގެ ނިސްބަތުން ޙާޞިލުކޮށްފައިވާ ފަޚްރުވެރި ވަނަ ފާހަގަކޮށް، އެދަރިވަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީގައި ތަޢުރީފާއި ސާބަހާއި ޝުކުރު އަދާކުރަން.
 
މި ޖަލްސާގައި ތިބިއިރުގައިވެސް އަޅުގަނޑުމެންގެ ހިތްތަކަށް ވަރަށް އުފާވެރި އިޙްސާސްތަކެއް ގެނެސްދިން، ސްކޫލްގެ ރިޕޯޓް އަޑުއިއްވިއިރުގައި. އެއަށްވުރެ ބޮޑަށް، ދެންމެ ހަމައެއާއެކީގައި އަޅުގަނޑުމެންނަށް އާދަޔާ ޚިލާފު އިޙްސާސްތަކެއް ވެގެންދިޔަ، އާމިނަތު ޝަމްހާ އަދި ފާޠިމަތު ނިޝްމާ، ރާއްޖޭގެ ޤައުމީ ފެންވަރުގައި މި ހާޞިލުކުރި ކާމިޔާބީގެ އަޑު، އަޅުގަނޑުމެން އަހަމުންދިޔައިރު. މިރޭ ޝައްކެއްނެތްގޮތުގައި، މި ދެދަރިވަރުންގެ މަންމައާއި ބައްޕަ ވަރަށް އުފާވާނެ. ޢާއިލާއިން އާދަޔާ ޚިލާފު އުފާތަކެއް މިހާރު އިޙްސާސް ކުރާނެ. ވަރަށްގިނަ މައިންބަފައިންގެ މޫނުމަތިން މިރޭ އުފާވެރިކަމުގެ އިޙްސާސްތައް ފެނިގެންދާނެ. ލޮލުން ކަރުނަ ފޭދިގެންދާނެ. އެއީ ވަރަށް ފަޚުރުވެރި ވަނަތަކެއް، ޙަޤީޤަތުގައި މި ދެދަރިވަރުން މި ހާޞިލުކުރީ.
 
އަޅުގަނޑުމެންގެ ދުޢާއަކީ، ރާއްޖެ ތަރައްޤީގެ މަގުގައި ކުރިއަށްދާއިރުގައި، ރާއްޖޭގެ ދަރިވަރުންނަކީ މައިންބަފައިން، މިދިޔަ ދުވަސްތަކުގައި އެކުދިންނަށްޓަކައި އެތަކެއް ޤުރްބާނީއެއްވެގެން، ތިމާމެންނަށް މުޖުތަމަޢުގައި ހޯދައިނުގަނެވުނު މަޤާމު، ތިމާމެންގެ ދަރިންނަށް ހޯދައިދިނުމަށްޓަކައި ޤުރްބާންވާ މައިންބަފައިންނަށް ޝުކުރު އަދާކުރާ، އެ މައިންބަފައިންނަށް އިޙްތިރާމް އަދާކުރާ، އެ މައިންބަފައިންނަށް ލޯބިދޭ، ޓީޗަރުންގެ މަސައްކަތް ގަބޫލުކުރާ، ބަލައިގަންނަ ދަރިވަރުންތަކަކަށް، އަޅުގަނޑުމެންގެ މި ދަރިވަރުން ވެގެންދިޔުން.
 
މިފަދަ ޙަފްލާއެއްގެ ތެރޭގައި، އަޅުގަނޑަށް ފެނިގެން ހިނިގައްޖެ ވަރަށް އުފާވެރި މަންޒަރުތައް. ބައެއް ދަރިވަރުން ވަރަށް ރީއްޗަށް މަރްޙަބާއާއި ޝުކުރު އަދާކުރިތަންވެސް އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ. ވަރަށް ރީއްޗަށް އެ ދަރިވަރުން ހެދުން އަޅާފައި ތިބީ. ހަމައެއާއެކީގައި އެއަށްވުރެ ރީއްޗަށް، އެ ދަރިވަރުން މަރްޙަބާއާއި ޝުކުރު އަޅުގަނޑުމެންނަށް ފޯރުކޮށްދިނީ. ހުނަރު، ފަންނު، ރާއްޖޭގައި މަދެއް ނޫންކަން، ބަލައިލި ކޮންމެ ދިމާއަކުން އަޅުގަނޑުމެންނަށް އެބަ އެނގޭ. ތަޢުލީމީ ގޮތުން ކުރިއަށް ދިޔުމުގައި، ރާއްޖޭގެ ދަރިވަރުންނަށް ފުރްޞަތު އޮތްކަންވެސް އަޅުގަނޑުމެންނަށް އެބަ އެނގޭ. ﷲގެ އިރާދަފުޅުން، މިރަށުން މިރޭ މިޖަލްސާއިން، މި އިޙްތިފާލުން ފެނިގެން މިދިޔައީ، މިއީ ވަރަށް ފަޚުރުވެރި އަތޮޅެއްކަން. ވަރަށް ފަޚުރުވެރި ރަށެއްކަން. ވަރަށް ފަޚުރުވެރި ރައްޔިތެއް ދިރިއުޅޭ ރަށެއްކަން. އެއީ، ތަޢުލީމަށްޓަކައި، ރަނގަޅު މުސްތަޤްބަލެއް ބިނާކުރުމަށްޓަކައި ބުރަ މަސައްކަތްކުރާ ރައްޔިތުން ދިރިއުޅޭ ރަށެއްކަން.
 
އެހެން ނަމަވެސް، މިއަދު އަޅުގަނޑު ބޭނުންވޭ، ތިޔަބޭފުޅުންގެ ވިސްނުން ގެންދަން، އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، ކޮންކަމެއް ޙާޞިލު ކުރަންތޯ. މި ދަރިވަރުންނަށް ފަޚުރުވެރި މަޤާމުތަކެއް އަޅުގަނޑުމެން ޙާޞިލުކޮށްދޭން ބޭނުންވޭ. މުޅި ރާއްޖެއިން 1 ވަނަ ހޯދި ދަރިވަރު އެބަ ހުންނެވި. 8 ވަނަ ހާސިލުކުރި ދަރިވަރުވެސް މިތާނގައި އެބަ ހުންނެވި. އެކުދިންގެ ބެލެނިވެރިންވެސް އެބަ ތިއްބެވި. އެހެން ނަމަވެސް، ތަޢުލީމާއެކީގައި، މުޖުތަމަޢެއްގެ ތަރުބިއްޔަތުގައި، އަޅުގަނޑުމެން ޚާއްޞަ ގޮތެއްގައި ސަމާލުކަންދޭންޖެހޭ ކަންތައްތަކެއް ހުރިކަން، މިފަދަ ރެއެއްގައި ހަނދާނަށް ގެނައުމަކީ، ވަރަށް މުނާސިބު ކަމެއް ކަމަށް އަޅުގަނޑު ދެކެން. ކުއްޖެއްގެ ޙަޔާތުގައި، ކުއްޖަކު ވިހޭއްސުރެ ފެށިގެން، މައިންބަފައިން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރޭ. އަޅާލުންތަކެއް އެކުއްޖާއަށްދޭ. އެންމެ ތުއްތުއިރުގައި، ކުއްޖާ އަތަށް ނަގައިގެން އެންމެ ފުރަތަމަވެސް އަޅުގަނޑުމެން ހިނގައިގަންނަނީ ހެލްތް ސެންޓަރާ ދިމާއަށް. ނޫނިއްޔާ ހޮސްޕިޓަލާ ދިމާއަށް. ކީއްކުރަންތޯ؟ އެއީ ތުއްތުއިރުގައި އެކުއްޖާއަށް ރަނގަޅު ޞިއްޙަތެއް ފޯރުކޮށްދިނުމަށްޓަކައި. އެތަކެއް ނަމެއް ކިޔާ ވެކްސިންތަކެއް އަޅުގަނޑުމެން އެކުއްޖާއަށް އެބަދެން. އޭގެ ވަރަށްގިނަ ބޭނުންތަކެއް އެބައޮތް. އެއީ ކުއްޖާއަކީ ރަނގަޅު ޞިއްޙަތެއްގައި ބޮޑުވާ ކުއްޖަކަށް ހެދުމަށްޓަކައި. އެއްވެސް މަޔަކު، އެއްވެސް ބަފަޔަކު ދެކެން ބޭނުންނުވާ މަންޒަރަކީ، ތިމާގެ ދަރިފުޅު ވޭނުގައި އުޅޭ ތަން ދެކުން. ތިމާގެ ދަރިފުޅު ރަނގަޅު ޞިއްޙަތެއްގައި ބޮޑުވާތަން ދެކެން ބޭނުންވާތީ، ކޮންމެ މަޔަކުވެސް، ކޮންމެ ބަފަޔަކުވެސް މިދެންނެވި މަސައްކަތް ކުރޭ. ތުއްތުއިރުން ފެށިގެން މިވެކްސިންތައްދޭ. ބަލިވެއްޖިއްޔާ ބޭސްފަރުވާ ކޮށްދޭ.
 
ވިސްނާލަންވީ، މިއީ ކުއްޖެއްގެ ތަރުބިއްޔަތުގައި އަޅުގަނޑުމެން އަޅާ ފުރަތަމަ ފިޔަވަޅު. އެއަށްފަހުގައި ތަޢުލީމީ މަރްޙަލާ އަންނަނީ. އެކަމަކު މި ތަޢުލީމީ މަރްޙަލާގެ ތެރޭގައި، އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި، ކޮންމެ މަޔަކުވެސް، ކޮންމެ ބަފަޔަކުވެސް މިއަދު ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، ކުއްޖާއަށް ރީތި އަޚްލާޤިއްޔަތެއް ދަސްކޮށްދިނުމަށް. އެ އަޚްލާޤިއްޔާތުގެ ތެރޭގައި، ޚާއްޞަ ގޮތެއްގައި ވަކި ކަންތައްތަކެއް މުހިންމުވެގެންދޭ. މިއަދު ތިޔަބޭފުޅުންގެ ސަމާލުކަންދޭން އަޅުގަނޑު ބޭނުންވަނީ، މިދެންނެވި އުޞޫލުން އިސްލާމީ ޝަރީޢަތުގައި، އިސްލާމީ ޢަޤީދާގެ ތެރޭގައި، ކުއްޖަކު ތަރުބިއްޔަތު ކުރުމުގައި، ޚާއްޞަ ގޮތެއްގައި ސަމާލުކަންދޭންޖެހޭ މުހިންމު ކަންތައްތަކެއް އަޅުގަނޑުމެންނަށް ބަޔާންކޮށްދީފައިވާކަން. އެގޮތުން، އަޅުގަނޑަށް އެނގޭ، މިތިއްބެވި ހުރިހާ ދަރިވަރުން މާދަމާ ބޮޑެތި މީހުންނަށްވެ، ޤައުމުގެ ވަރަށް ފަޚުރުވެރި މަޤާމުތަކެއް ޙާޞިލުކޮށްގެންދާނެ.
 
ދެންމެ ސްކޫލްގެ ޕްރިންސިޕަލް އަޅުގަނޑާ އެކީގައި މިހޭދަކުރި ވަގުތުގައި ދެއްކި ވާހަކަފުޅުތަކުގައި އެބަ ވިދާޅުވޭ، މިރަށުގެ ކައުންސިލްގައި ތިއްބެވި ބޭފުޅުންނާއި، މިރަށުގެ އެކި މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، މިރަށުގެ ޕޮލިސް ސްޓޭޝަން ހިންގަވަން ތިއްބެވި ބޭފުޅުންނަކީވެސް މި ސްކޫލަށް ނިސްބަތްވާ، މި ސްކޫލުން ކިޔެވުން ޙާޞިލު ކޮށްފައިވާ ދަރިވަރުން ކަމަށް. އަދި ޚުދު ޕްރިންސިޕަލަކީވެސް އެއް މަރްޙަލާގައި މި ސްކޫލުން ތަޢުލީމު ޙާޞިލު ކުރައްވާފައިވާ ދަރިވަރެއް. އެހެން ނަމަވެސް، މުޖުތަމަޢަކާއިގެން ކުރިއަށްދާއިރުގައި، އެންމެ މުހިންމު ކަންތައްތަކަކީ، ތަޢުލީމާއެކީގައި ކުއްޖެއްގެ ގައިގައި އަށަގަންނަ ސިފަތައް. މިއަދު އެ ކުއްޖާ ވަކި ހިސާބަކަށް ދިޔުމަށްޓަކައި ބޭނުންވާ ވެކްސިން ހުރި ފަދައިން، އިސްލާމީ ޝަރީޢަތުގައިވެސް އެކުއްޖާގެ ގައިގައި ހަރުލަންޖެހޭ ސިފަތަކެއް އެބަހުރި. އެގޮތުން، އެންމެ މުހިންމު އެއްކަމަކީ، ކޮންމެ ކުއްޖަކުވެސް ތިމާގެ އަމިއްލަ މަސައްކަތުން ކުރިއަށްދާން ދަސްކުރުން. ތިމާކުރާ މަސައްކަތަކުން، ތިމާއަށް ލިބޭ ކުރިއެރުމަކީ، އެއީ އެންމެ މުހިންމު ކަމެއް ކަމަށް ދުށުން. އޭގެ އަނެއްކޮޅުވެސް އެބައޮތް. މިއަދު 1 ވަނަ ޙާޞިލުކުރި ދަރިވަރު، މިއަދު 8 ވަނަ ޙާޞިލުކޮށްގެންދިޔަ ދަރިވަރު، މުޅި ރާއްޖެއިން ފަޚުރުވެރި މަޤާމުތަކެއް ޙާޞިލުކޮށްގެންދިޔަ ދަރިވަރުން، އަދި އެނޫންވެސް ވަނަތައް ޙާޞިލުކޮށްގެންދިޔަ ކުދިން، އެކުދިން އެ ހާޞިލުކުރީ އެކުދިންގެ މަސައްކަތުން. އެކަމަކު އެއާއެކީގައި ދެން ތިބި ކުދިން މަސައްކަތް ކުރަންވީ، އެއާ އެއް ހިސާބަކަށް ދަތުރުކުރެވޭތޯ. އެ މަޤާމަށް ވާސިލުވެވޭތޯ.
 
އެހެންވީމާ، އިސްލާމްދީނުގައި ކަނޑައެޅިގެން ކުއްޖެއްގެ ތަރުބިއްޔަތުގައި ޙަސަދައިން ސަލާމަތްވުމަށް ވަރަށް ބޮޑަށް ބާރުއަޅާފައިވޭ. ޙަސަދަޔަކީ ނުވަތަ ޙަސަދަވެރިވުމަކީ، އަނެކުންނަށް ލިބޭ ކުރިއެރުމާއި މޮޅަށް ބަލައިނުގަނެވުން. ޙަސަދަވެރިކަމަކީ އެއްވެސް ޙާލެއްގައި، ތިމާއަށް ނުލިބުނު މޮޅު އަނެކާއަށް ލިބުމުން، އެކަމަށް ނަފްރަތު ކުރުން. މިއީ، އިސްލާމްދީން ވަރަށް ބޮޑަށް މަނާކުރާ ކަމެއް. މިކަމުގެ ވަރަށް ސާފު ސަބަބުތަކެއް އޮންނާތީ. ޙަސަދައެއް ފެތުރިގެން ހިނގައްޖެ މުޖުތަމަޢެއް، ޙަސަދައެއް ފެތުރިގެން ހިނގައްޖެ ޢާއިލާއެއް، ޙަސަދައެއް ވެރިވެގެން ޤައުމެއް، ކާމިޔާބު ޙާޞިލެއް ނުކުރެވޭނެ. މިއީ އަޅުގަނޑުމެންނަށް މިއަދާ ހަމަޔަށް ފެނިފައި ހުރި މަންޒަރުތައް. މިއަދު ދުނިޔޭގެ އެކިކަންކޮޅުތަކުން އަޅުގަނޑުމެންނަށް އަޑުއިވިގެން ދަނީ، ތުއްތުކުދިން ޝަހީދުވަމުންދާ އަޑު. މައިންބަފައިންގެ ގެދޮރު ނެތިގެންދާ އަޑު. ހަނގުރާމައިގެ ތެރޭގައި ބޮޑެތި ގެއްލުންތައް ވެގެންދާ އަޑު. މިތިބަ ހުރިހާ ކުދިންވެސް، މިދިޔަ ދުވަސްކޮޅުތަކުގައި އަޑުއަހާފައި ހުންނާނީ، ޣާޒާގައި ތިބި މުސްލިމުން ހޭދަކުރަމުންދާ ހިތްދަތި ދުވަސްތަކުގެ ވާހަކަ. އެހެން ނަމަވެސް، އަޅުގަނޑުމެން، އަޅުގަނޑުމެންގެ މި ކުޑަ ރާއްޖޭގައި ތަރައްޤީއާ އެކީގައި ކުރިއަށްދާއިރުގައި، އިސްލާމީ ޝަރީޢަތުގެ ތެރެއިން، އަޚްލާޤިއްޔާތުގެ ތެރެއިން މިދެންނެވި ސިފަޔަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ.
 
ކީރިތި ޤުރްއާނުގައި اللّـه سبحـانـه وتعـالىވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް މިކަމުގެ ސަބަބު އަންގަވައި ބަޔާންކުރައްވާފައިވޭ. އާދެ، އެކަލާނގެ ވަޙީކުރައްވަނީ، أَمْ يَحْسُدُونَ النَّاسَ عَلَىٰ مَا آتَاهُمُ اللَّـهُ مِن فَضْلِهِ  މި އާޔަތުގެ މާނައަކީ، [ﷲގެ ފަޟުލުވަންތަވެރިކަމުން އެކަލާނގެ މީސްތަކުންނަށް ދެއްވާފައިވާ ކަންތަކާމެދު، އެއުރެން، އެބަހީ، ޔަހޫދީން މީސްތަކުންނަށް ޙަސަދަވެރިވަނީ ހެއްޔެވެ.] އެކަން އަޅުގަނޑުމެންނަށް ފެނިގެން ގޮސްފައިވޭ. ފަންސާހަކަށް ދުވަސް ވަންދެން ކުރި ހަނގުރާމައިގެ ތެރޭގައި، ގާތްގަނޑަކަށް ދެހާހަށްވުރެ މުސްލިމުން މިވަނީ ޝަހީދުވެގެން ގޮސްފައި. އެއީ މުސްލިމުންނާ ދޭތެރޭގައި ޔަހޫދީންގެ މިއަދުވެސް އެދުވަހުވެސް އޮތް ޙަސަދައިގެ ސަބަބުން. އެ ސިފަ އަޅުގަނޑުމެންގެ ތެރެއިން ދާންޖެހެނީ، އެއީ އޭގެ ސަބަބުން މުޖުތަމަޢެއް ހަލާކުވެގެންދާތީ، ނެތިގެންދާތީ. ވަނަތައް ޙާޞިލުކޮށްގެން ދަރިވަރުން ހިނގައްޖެ. މައިންބަފައިން ވަރަށް އުފާވެފައި މިރޭ އެބަ ތިއްބެވި. އަޅުގަނޑުމެންނަށް އެބަ ފެނޭ، މިކުދިން ވަރަށް ފަޚުރުވެރިކަމާއެކީގައި މި އިނާމުތައް ޙާޞިލުކުރި ތަން. އެކަމަކު އެއާއެކީގައި، ގެޔަށް ދިޔުމަށްފަހުގައި، މުޖުތަމަޢުގައި ޙަރަކާތްތެރިވާއިރުގައި، ތިމާގެ ގައިގައި އަށަގަނެފައި ހުރި ސިފައެއްގެ ސަބަބުން މުޅި ހުރިހާ ކަމެއް ނެތިގެންދޭ. ޢާއިލާތަކުގެ ތެރޭގައި ޞުލްޙަވެރިކަން ގެއްލިގެންދޭ. މުޖުތަމަޢުގެ ތެރޭގައި ނާމާންކަން ފެތުރިގެންދޭ. އަޅުގަނޑުމެންގެ ޤައުމުތައް ކުރިއެއްނާރާ. ސިޔާސީ ގޮތުންނާއި، އިޖުތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން ކުރިއެރުމުގައި، ޤައުމެއްގެ ތެރޭގައި ޙަސަދަވެރިކަން ފެތުރިގެން ހިނގައްޖެ ކަމުގައިވާނަމަ، އެ ޤައުމެއް ދާނީ ފަހަތަށް. އެ ޤައުމަށް ވެރިވާނީ ބަނަކަން. އެ ޤައުމަށް މެދުވެރިވާނީ ހިތާމަވެރިގޮތް.
 
އެހެންވީމާ، ކީރިތި ރަސޫލާ ޙަދީޘްފުޅު ކުރައްވާފައިވަނީ، إِيَّاكُمْ وَالْحَسَدَ، فَإِنَّ الْحَسَدَ يَأْكُلُ الْحَسَنَاتِ كَمَا تَأْكُلُ النَّارُ الْحَطَبَ މި ޙަދީޘްފުޅުގެ މާނައަކީ، [ތިޔަބައިމީހުން ޙަސަދަވެރިކަމާ ދުރުހެލިވާށެވެ. އެހެނީ، ހަމަކަށަވަރުން އަލިފާނުން ދަރު އަންދާ ފަދައިން، ޙަސަދަވެރިކަމުން ހެޔޮކަންތައް ނެތިގެންދެއެވެ.] ޢާއިލާއެއްގެ ތެރޭގައި ކަމުގައިވީ ނަމަވެސް، ރަޙްމަތްތެރިންގެ ތެރޭގައި ކަމުގައިވީ ނަމަވެސް، އެކަކަށް ކުރިއެރުމެއް ލިބިއްޖެ ކަމުގައިވާނަމަ، އެކަމަށް ތިމާ ކުރަންވީ ނަފްރަތެއް ނޫން. އެކަމަށް ތިމާ ޙަސަދަވެރިވާންވީކީ ނޫން. އެމީހާ އެ ހޯދި މަސައްކަތުން ހޯދި ކަންތައް، ނުވަތަ މަޤާމު ޙާޞިލު ކުރުމަށް ތިމާވެސް މަސައްކަތް ކުރަންވީ. އެހެންވީމާ، އަޅުގަނޑުމެންނަށް ޢަރަބި ހަރުބަހެއްގައިވެސް އައިސްފައި ވަނީ، مَنْ جَدَّ وَجَدَ  [ގަދައަޅައި މަސައްކަތް ކޮށްފި މީހަކު، އެ މީހަކު އެކަން ދެކޭނެއެވެ. އެ މީހަކު މަސައްކަތް ކުރި ކަމެއް، އެމީހަކަށް ލިބޭނެއެވެ.]
 
 ބައެއް ކުދިން، ބައެއް ދަރިވަރުން މިރޭ ހިތަށްއަރާފާނެ، ތިމަންނައަށް އަނެއް ކުއްޖާ ހޯދި މަޤާމު ނުލިބުނީ ކީއްވެގެންބާވައޭ. ތިމަންނަވެސް ބޭނުމޭ، 1 ވަނަ ހޯދި ދަރިވަރު، އެ ފަޚުރުވެރި މަޤާމު ހޯދި ފަދައިން ހޯދަން. ޝައްކެއްނެތް، މިއަދު ގްރޭޑް 9 ގައި ތިބި ކުދިންނަށް، މާދަމާ އެ މަޤާމު ޙާޞިލު ކުރުމުގެ ފުރްޞަތު އެބައޮތް. އެއީ، އެއްވެސް ހާލެއްގައި ނަފުރަތު ކޮށްގެނެއް ނޫން. ޙަސަދަވެރިވެގެނެއް ނޫން. އަނެކާއަށް ލިބުނު މަޤާމު ހޯދުމަށްޓަކައި ތިމާ މަސައްކަތް ކޮށްގެން. مَنْ جَدَّ وَجَدَ ޙަސަދަވެރިކަމުން ސަލާމަތްވެ، އެކުވެރިކަމާއެކީގައި މުޖުތަމަޢެއް ދަތުރުކޮށްފި ކަމުގައިވާނަމަ، އެ މުޖުތަމަޢަކަށް އޮތީ ކުރިއެރުން. އެއީ، އަޅުގަނޑުމެންނަށް ކީރިތި ޤުރްއާނުގައި اللّـه سبحـانـه وتعـالىވަޙީކުރައްވާފައިވާ ގޮތް. އެކަލާނގެ ވަޙީކުރައްވާފައިވަނީ، وَاعْتَصِمُوا بِحَبْلِ اللَّـهِ جَمِيعًا وَلَا تَفَرَّقُوا وَاذْكُرُوا نِعْمَتَ اللَّـهِ عَلَيْكُمْ إِذْ كُنتُمْ أَعْدَاءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِ إِخْوَانًا وَكُنتُمْ عَلَىٰ شَفَا حُفْرَةٍ مِّنَ النَّارِ فَأَنقَذَكُم مِّنْهَا  كَذَٰلِكَ يُبَيِّنُ اللَّـهُ لَكُمْ آيَاتِهِ لَعَلَّكُمْ تَهْتَدُونَ. މިއީ ވަރަށް މުހިންމު އާޔަތެއް. އެއްކޮޅުން މުޖުތަމަޢުގައި ޙަސަދަވެރިކަމުން ސަލާމަތްވުމަށް އަޅުގަނޑުމެންނަށް އަންގަވާފައިވަނީ ވަރަށްގިނަ ސަބަބުތަކަށްޓަކައި. އަނެއްކޮޅުން، އެއްވެސް ޝައްކެއްނެތްގޮތުގައި، ޢާއިލާއެއްގެ ތެރޭގައި ނަމަވެސް، އަވަށެއްގެ ތެރޭގައި ނަމަވެސް، ރަށެއްގައި ނަމަވެސް، އަތޮޅެއްގެ ތެރޭގައި ނަމަވެސް، ކުރިއެރުން ފަހަތަށް ޖައްސާލައި، ޙަސަދަވެރިކަން ކުރިއަށް ނެރޭ ކަމުގައިވާނަމަ، އެތަނެއް ކުރިއަކަށް ނާރާނެ. އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި ކުރިއަރާހެން ހީވެދާނެ. އަޅުގަނޑުމެންނަށް އެ މަންޒަރު، ފަހަރެއްގައި އެގޮތަށް ތަޞައްވުރު ވެދާނެ. އެހެން ނަމަވެސް، އެ މުޖުތަމަޢެއް، އެ ޤައުމެއް، އެބައެއް، އެ ޢާއިލާއެއް ކުރިއަކަށް ނުދާނެ. ސަބަބަކީ ކޮބައިތޯ! ޙަސަދަވެރިކަން، އަޅުގަނޑުމެންގެ ތެރެއަށް ގެނެސްދޭނީ ބައިބައިވުން، ތަފާތުވުން.
 
އެހެންވީމާ، اللّـه سبحـانـه وتعـالى ވަޙީކުރައްވަނީ، [ތިޔަބައިމީހުން އެންމެން ﷲގެ ވާފަށުގައި (އެބަހީ: ﷲގެ ދީނުގައި) ހިފަހައްޓާށެވެ! އަދި ވަކިވަކިވެނުގަންނާށެވެ! ތިޔަބައިމީހުން (އެއްބަޔަކު އަނެއްބަޔަކަށް) ޢަދާވާތްތެރިން ކަމުގައި ވަނިކޮށް، ﷲ ތިޔަބައިމީހުންނަށް ދެއްވި ނިޢުމަތް ތިޔަބައިމީހުން ހަނދުމަކުރާށެވެ!] އަޅުގަނޑުމެން މުސްލިމުންނަށްވުމުގެ ކުރިން، ބައިބައިވެފައި ވަނީ، އެކުވެރިއެއްނުވޭ. އަޅުގަނޑުމެން، އެއްބަޔަކަށް ހަދައިދިނީ އިސްލާމްދީން. އެހެންވީމާ، ބައިބައިވެނުގަންނާށެވެ. އެކަލާނގެ ތިޔަބައިމީހުންގެ ހިތްތައް އެކުވެރި ކުރެއްވިއެވެ. ދެން، އެކަލާނގެ ދެއްވި ނިޢުމަތުގެ ސަބަބުން ތިޔަބައިމީހުންނީ އަޚުންތަކެއް ކަމުގައި ވެއްޖައީމުއެވެ. އަދި، ތިޔަބައިމީހުން ނަރަކައިގެ ވަޅުގަނޑެއްގެ ތުންފަތްމަތީގައި ވީމުއެވެ. ދެން، އެކަލާނގެ ތިޔަބައިމީހުން އެއިން ސަލާމަތް ކުރެއްވިއެވެ. ﷲ، އެކަލާނގެ އާޔަތްތައް ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވަނީ، އެފަދައިންނެވެ. (އެއީ) ތިޔަބައިމީހުން ތެދުމަގު ލިބިގަތުމަށްޓަކައެވެ.
 
އާދެ! އަޅުގަނޑުގެ ވާހަކަ މިރޭ ނިންމާލާނީ، ތިޔަބައިމީހުން، އަޅުގަނޑުމެން، އަޅުގަނޑުމެންގެ ހުރިހާ ރައްޔިތުން މިކުރާ މަސައްކަތަށް ސާބަހާއި ޝުކުރު އަދާކުރަމުން. އެކަމަކު މިރޭ މި ހޯލުގެ ތެރޭގައި މި ތިއްބެވީ، މުޅިންވެސް ތަރުބިއްޔަތު ކުރުމުގަޔާއި، ކުދިން ރަނގަޅު މަގަށް ގެނައުމުގައި މަސައްކަތްކުރާ ހީވާގި ބޭބޭފުޅުން، ބެލެނިވެރިން، މުޢައްލިމުން، މުދައްރިސުން، މުދައްބިރުން، ރަށުގެ ފަޚުރުވެރި މުވާޠިނުން. އަޅުގަނޑު މިދެއްކި ވާހަކައަކީ، މިއަދު ތަރުބިއްޔަތުގައި އަޅުގަނޑު ދެކޭގޮތުގައި، ތިޔަ ހުރިހާ ބެލެނިވެރިން ސަމާލުކަންދޭންޖެހޭ ވަރަށް މުހިންމު އިސްލާމީ އަޚްލާޤީ ފިލާވަޅެއް. މީގެ ސަބަބު، އަޅުގަނޑު ވަކިވަމުން ދަންނަވާފާނަން. މިއީ، ހަމައެކަނި އަޅުގަނޑުމެންނަށް މިއަދު ދިމާވާ މައްސަލައެއް ނޫން.
 
އަންހެން ބޭފުޅުން ތިއްބެވުމާއެކީގައި އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. އަންހެން ބޭފުޅެއްގެ ތެރެއިން މިސާލު ނަގަން އަޅުގަނޑު ބޭނުންވޭ. عائشة رضي الله عنها ކީރިތި ރަސޫލާގެ އަނބިކަނބަލުން.ދުނިޔެމަތީގައި އެކަނބަލަކަށް، ދުނިޔޭގައި ހުންނަވަނިކޮށް، އެންމެ އުފާވެރި ޚަބަރު ލިބިވަޑައިގެން އެއް ބޭފުޅާ. އެއީ، ސުވަރުގެވަންތަވެރިއެއްކަމުގެ އުފާވެރިކަމުގެ ޚަބަރު އެކަމަނާއަށް ލިބިވަޑައިގެން. މުޅި މުސްލިމް އުންމަތުން ދެކެވަޑައިގެން އެންމެ ވަރުގަދަ އެއް ޢިލްމުވެރި ކަމަނާ. އެންމެ ގިނަ ޙަދީޘްފުޅު ރިވާކުރެއްވި އެއް ބޭފުޅާ. އަދި އެންމެ ވަރުގަދަ، އެއް މުޖުތަހިދާ. އެކަމަކު ވިސްނާވަޑައިގަންނަވާ، އިސްލާމީ ސިޔަރަތުން އަޅުގަނޑުމެންނަށް އެނގިފައި އެބަވޭ، ދެންމެ މި ދެއްކި ވާހަކައިގެ ތެރެއިން، ޙަސަދަވެރިކަމާއި ނަފުރަތުން އެކަމަނާވެސް ސަލާމަތްނުވީ. އެކަމަނާ ހިޖުރައިން 5 ވަނަ އަހަރު ޝަޢުބާން މަހު ކީރިތި ރަސޫލާއާ އެކީގައި ކުރެއްވި ދަތުރުފުޅަކީ، އެއީ ވަރަށް މަޝްހޫރު ދަތުރުފުޅެއް. އެއީ، އެ ދަތުރުފުޅުގައި މުސްލިމުންގެ ޖަމާޢަތް ވަރަށް ކުޑަ ހަނގުރާމައަކާ ކުރިމަތިލާން ޖެހުނު. މި ހަނގުރާމަ ކުރުމަށްފަހުގައި، ހަނގުރާމަ ނިމިގެން، ޤާފިލާ އެނބުރި އައިއިރުގައި، عائشة رضي الله عنها އެ ޤާފިލާގެ ތެރެއަކު ހިމެނިވަޑައެއްނުގެން. އޭގެ ސަބަބަކަށްވީ އެކަމަނާ، އެކަމަނާގެ ހާރުކޮޅު ގެއްލިގެންނާއި އަދި އެހެން ޙާޖަތަކަށް ވަޑައިގެންފައި ލަސްވުން. އޭރު ހަނގުރާމައިގެ ކަންތައްތައް އޮންނަ ގޮތުން، ފަހަތުން މީހަކު ގެއްލިއްޖެ ކަމުގައިވާނަމަ، ނުވަތަ އެއްވެސް މީހަކު ޖަމާޢަތުގައި ނުހިމެނި ހިނގައްޖެ ކަމަށްވާނަމަ، އެމީހަކު ހޯދުމުގެ ޒިންމާ، ކޮންމެވެސް އެއް ޞަޙާބީއަކު ނަންގަވާ. އެގޮތުން، އެކަމަނާ ހޯއްދެވުމަށްޓަކައި ޞަޙާބީއަކު މަޑުކުރެއްވި. އެހެން ނަމަވެސް، މި ޙާދިޘާއާ ގުޅިގެން އޭރު އެކިއެކި ފިތުނަތައް އުފައްދައި، އެކިއެކި ފަސާދަ އުފެއްދުމަށް މަސައްކަތް ކުރަމުންދިޔަ މީހުންނަށް ލިބުނީ ފުރުޞަތެއް. އެމީހުން ވާހަކަ ދައްކަން ފެށި. އޭގެތެރޭގައި އެންމެ އިސްކޮށް ޙަރަކާތްތެރިވީ ޢަބްދުﷲ ބިން އުބައްޔު ބިން ސުލޫލު ކިޔާ މީހެއް. އޭނާ ވާހަކަ ފަތުރަން ފެށީ، عائشة رضي الله عنها އަށް ނިސްބަތްކޮށް. ފަސާދައިގެ ވާހަކަތަކެއް، ފިތުނަވެރި ވާހަކަތަކެއް. އެކަމަނާގެ އަބުރުފުޅަށް ހުތުރުވާ ވާހަކަފުޅެއް. އެކަމާ ހިތާމަ ކުރައްވައި، އެކަމަނާ، އެކަމަނާގެ ބައްޕާފުޅުގެ ގެޔަށް ވަޑައިގަތީ. ކީރިތި ކުރައްވައި ތިން ދުވަސް ވަންދެން މަޑުކުރެއްވި. رســول اللّـه صـلّى الله علـيـه وسـلّم އެކަމަނާގެ އަރިހަށް ވަޑައިގެން، ޙަދީޘްފުޅު ކުރެއްވި، [ކަމަނާއޭ، ކަމަނާއާ ބެހޭގޮތުން ދެކެވޭ ވާހަކަޔާ ބެހޭގޮތުން ވިދާޅުވަނީ ކީކޭހެއްޔެވެ. އެކަމުގެ ޙަޤީޤަތް ބަޔާންކުރައްވާށެވެ.] އެކަމަނާ އެހިނދު ވިދާޅުވި ބަސްފުޅު، އަޅުގަނޑު ބޭނުންވޭ، މިރޭ މިތާނގައި ތިއްބެވި ދައްތައިންނާއި، މަންމައިންނާއި އަދި ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުންގެ ސަމާލުކަމަށް ދަންނަވާލަން. އެކަމަނާ ވިދާޅުވަނީ، [ތިމަން ކަމަނާގެ ކުށެއް ނެތެވެ. ތިމަން ކަމަނާ މިހެން ވިދާޅުވި ކަމުގައިވީ ނަމަވެސް، މިކަން ގަބޫލެއް ނުކުރާނެޔޭ ބަޔަކު. ތިމަން ކަމަނާ، ތިމަން ކަމަނާ މަޢުޞޫމް ކަމުގައި ދެންނެވި ކަމުގައިވީ ނަމަވެސް، މިކަން ގަބޫލުކުރާނޭ ބަޔަކު ނެތެވެ. އެހެން ނަމަވެސް، اللّـه سبحـانـه وتعـالى ދެނެވޮޑިގަންނަވާނެއޭ، ކަމުގެ ޙަޤީޤަތަކީ ކޮބައިކަން.] އެހިނދު اللّـه سبحـانـه وتعـالى ސޫރަތުއް ނޫރުގެ 11 ވަނަ އާޔަތުން ފެށިގެން 21 ވަނަ އާޔަތާ ހަމަޔަށް މިވާ އާޔަތްތައް ބާވައިލެއްވި. މި ޙާދިޘާއަށް އިސްލާމީ ސިޔަރަތުގައި ނަން ދީފައިވަނީ [އުފުކު] ޙާދިޘާގެ ނަމުން. އެކަމަނާގެ ކުށެއް ނެތްކަމާއި، ހަދައިގެން ދެއްކި ވާހަކަތަކެއްކަން، އެ އާޔަތްތަކުގައި اللّـه سبحـانـه وتعـالى ބާވައިލެއްވި.
 
މިއަދު އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ، ޤައުމުގެ މާއްދީ ތަރައްޤީއާއި، ކުދިންނަށް މޮޅުގޮތް ހޯދައިދިނުމުގައި، ސިޔާސީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން ޤައުމު ކުރިއަށް ދަތުރުކުރާއިރުގައި، ތިމާ އަނެކުންނަށް ޙަސަދަވެރިވުމާއި، މުޖުތަމަޢުގެ ކުރިއެރުމަކީ، ތިމާއަށް ހޯދުނު ގޮތަކުން ހޯދާ ކުރިއެރުމެއް ކަމަށް ހެދުމަކީ، އެއީ އިސްލާމީ ޝަރީޢާ ގަބޫލުކުރާ ހަމަތަކެއް ނޫނޭ. އެފަދަ ކޮންމެ ކަމަކުން، އެ މުޖުތަމަޢަކަށް، އެ ޢާއިލާއަކަށް، އެ ސިޔާސީ ފިކުރަކަށް، އެބައެއްގެ ތެރެއަށް ވެރިވެގެންދާނީ ނިކަމެތިކަން. ވެރިވެގެންދާނީ ބަނަކަން.
 
އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالىއަޅުގަނޑުމެން މުސްލިމުންނަކީ، އިސްލާމްދީނުގައިވާ ހަމަތަކުގެ ތެރެއިން ކުދިން ތަރުބިއްޔަތުކުރާ ބައެއް ކަމުގައި ލެއްވުން. އަޅުގަނޑުމެންގެ މުޖުތަމަޢަކީ، ފިތުނަފަސާދައިން ސަލާމަތްވެފައިވާ މުޖުތަމަޢެއް ކަމުގައި اللّـه سبحـانـه وتعـالىމިންވަރު ކުރެއްވުން. އަދި އަޅުގަނޑުމެންގެ މައިންބަފައިންނާއި، ބެލެނިވެރިންނަކީ، ކުދިން ތަރުބިއްޔަތު ކުރުމުގައި، އިސްލާމީ ހަމަތަކާއި ޝަރުޢީ ހަމަތަކުގެ ތެރޭގައި އައިސްފައިވާ އުޞޫލުތަކުގައި ހިފަހައްޓާ ބައެއް ކަމުގައި އެކަލާނގެ ތައުފީޤު މިންވަރު ކުރެއްވުން. މި ރަށަށާއި،  މި އަތޮޅަށާއި، ދިވެހި ޤައުމަށް އަބަދުވެސް ފާގަތި ދުވަސްތައް މިންވަރު ކުރައްވައި، އަޅުގަނޑުމެންނަކީ ޢިލްމުގެ ނޫރު ލިބިފައިވާ ބައެއް ކަމުގައި اللّـه سبحـانـه وتعـالىމިންވަރު ކުރެއްވުން. އާމީން.
 
والســّلام عليــكم ورحـمــة اللّـه وبـركاتـه