بســم اللّـها لرّحمـن الرّحيــم
          
اَلحَمْـدُ لِلّـهِ وَحْدَهُ وَالصّـلاة وَالسّلام علـى مَن لا نبي بعده.
 
 ވޭމަންޑޫ ކައުންސިލްގެ ޢިއްޒަތްތެރި މެންބަރުން، މިއަތޮޅުގެ އަތޮޅު ކައުންސިލްގެ މެންބަރުން، އަތޮޅު ކައުންސިލްގެ ނައިބު ރައީސް، މިރަށުގެ ލޮބުވެތި ރައްޔިތުން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه
 
އެންމެ ފުރަތަމަ އަޅުގަނޑުގެ ވާޖިބެއް ކަމުގައި ދެކެނީ، އަޅުގަނޑު މިކުރި ޒިޔާރަތާ ގުޅިގެން، މިރޭގެ މިފަދަ ވަގުތެއްގައިވެސް މިރަށުގެ ރައްޔިތުން، މިރަށުގެ ކައުންސިލް އަދި އަތޮޅު ކައުންސިލްގެ ފަރާތުންވެސް ތިޔަ ދެއްވި މެހްމާންދާރީއާއި، ބެހެއްޓެވި އޯގާތެރިކަމަށްޓަކައި އިޚްލާޞްތެރިކަމާއެކީގައި ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދެންނެވުން. ވަރަށް ބޮޑަށް ޝުކުރިއްޔާ.
 
އެއަށްފަހުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިއަދު ރާއްޖޭގެ އެކިކަންކޮޅުތަކަށް އަޅުގަނޑުމެން މިކުރާ ޒިޔާރަތަކީ، މިއަދުގެ ސަރުކާރު ވުޖޫދަށް އައުމަށްފަހުގައި، ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދްމަތް އަދި އެ ޚިދްމަތް ލިބެމުންދާ މިންވަރާއި، އެ ޚިދްމަތް ފޯރުކޮށްދިނުމުގައި، ތިޔަބޭފުޅުންނަށް ކުރިމަތިވާ ދަތިތަކަކީ ކޮބައިތޯ ދެނެގަތުމަށްޓަކައި ކުރަމުންދާ ދަތުރެއް. އަދި އެނގިވަޑައިގަންނަވާނޭ ފަދައިން، ވަރަށް ބުރަ މަސައްކަތްޕުޅުތަކެއް، ރާއްޖޭގެ ރައްޔިތުން ދެ މަރްޙަލާއެއްގައި ކޮށްފި. އެއް މަރްޙަލާއަކީ، ނިމިގެންދިޔަ ރިޔާސީ އިންތިޚާބު. އަޅުގަނޑު ހަނދާން އެބަހުރި، މިރަށަށް އަޅުގަނޑު ޒިޔާރަތް ކުރިން، ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި. އަދި މިއަތޮޅަކީ އަޅުގަނޑު ދަތުރުކުރި އަތޮޅެއް. އަދި ބައެއްފަހަރު ވަރަށްބުރަ ޙާލަތުގައި، ވަރަށްދަތި ޙާލެއްގައި މިދަތުރުތެރޭގައި ދަތުރުކުރަންޖެހުނީ. އަޅުގަނޑު ހަނދާން އެބަހުރި، ދިޔަމިގިއްޔަށް ކުރި ދަތުރަކީވެސް ވަރަށްގަދަ ދުވަހެއްގައި އަޅުގަނޑު ކުރި ދަތުރެއް. އެހެންނަމަވެސް، ރާއްޖޭގެ ރައްޔިތުން ރިޔާސީ އިންތިޚާބުގެ ތެރޭގައި، ވަރަށް ބުރަކޮށް މި އިންތިޚާބުގައި ރާއްޖެއަށް ރަނގަޅު ވެރިކަމެއް ގެނެސްދިނުމަށްޓަކައި މަސައްކަތްތަކެއް ކުރެއްވި. މިތާނގައި މި ތިއްބެވީވެސް މި މަސައްކަތުގައި ވަރަށް އިސް ސަފުގައި ޙަރަކާތްތެރިވި ދެބޭފުޅުން. ރިޔާސީ އިންތިޚާބުގައި ތިޔަބޭފުޅުން ގުޅިގެންނާއި އަދި ވަކިވަކިން މިއަދު މިއޮތް ސަރުކާރު ވުޖޫދަށް ގެނައުމަށްޓަކައި ކޮށްދެއްވި މަސައްކަތް އަޅުގަނޑު ފާހަގަކޮށް، އެކަމަށްޓަކައި ރައީސް އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަންފުޅުގަޔާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި، ތިޔަބޭފުޅުން ކުރެއްވި މަސައްކަތަށް ޝުކުރު އަދާކުރާ ހާލު. ހަމައެޔާއެކީގައި އޭގެފަހުން ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް ވަރަށްބުރަ މަސައްކަތްޕުޅުތަކެއް، މި ދާއިރާގެ މެންބަރުން ކުރެއްވި. މުޅި އަތޮޅުގެ މެންބަރުން ކުރެއްވި. މި މަސައްކަތުގައި، އަޅުގަނޑުމެންނާ އެކީގައި މަސައްކަތް ކުރެއްވި ބޭފުޅުންނާއި އަދި ވަކިން އަޅުގަނޑުމެންނާ ޚިޔާލު ތަފާތުވެ، އެ މަސައްކަތް ކުރެއްވި ބޭފުޅުންވެސް ޙަޤީޤަތުގައި އެ މަސައްކަތްޕުޅު ކުރެއްވީ، އެބޭފުޅުންގެ ނަޒަރުގައިވެސް ހެޔޮ ގޮތްތަކެއް ހޯއްދެވުމަށްޓަކައި. އެހެންވީމާ، ތިޔަ ހުރިހާ ބޭފުޅުން ކުރެއްވި ބުރަ މަސައްކަތް ފާހަގަކޮށް، އަޅުގަނޑު ތިޔަބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު އަދާކުރަން.
 
އެއަށްފަހުގައި އެނގިވަޑައިގަންނަވާނޭ ފަދައިން، މިއަދު އަޅުގަނޑުމެންގެ ސަރުކާރު ވުޖޫދަށް އައުމަށްފަހުގައި، ރައްޔިތުންނަށް ބޭނުންވާ މުހިންމު ކަންތައްތަކެއް ހުރިކަން ދަނެ، އެ ކަންތައްތަކަށް ޙައްލު ހޯދުމަށްޓަކައި ޙަޤީޤަތުގައި ޕީ.ޕީ.އެމް.ގެ މެނިފެސްޓޯ، ރައީސް ޔާމީންގެ މެނިފެސްޓޯ، އަޅުގަނޑުމެންގެ މެނިފެސްޓޯގައި ތިޔަބޭފުޅުން ހުށަހަޅުއްވާފައިވޭ. މުހިންމު ކަންތައްތަކެއް ހުރިކަން އަޅުގަނޑަށް އެނގޭ. ވަރަށް ބޮޑެތި އިޙްސާސްތަކެއް ހުރިކަންވެސް އެނގޭ. އެހެންނަމަވެސް، ރާއްޖޭގެ ޙާލަތާއި، ރާއްޖެ ދަތުރުކުރަމުންދިޔަ ގޮތަށް ބަލާއިރުގައި، މިވޭތުވެދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި، އަޅުގަނޑު ދަންނަވާނީ، ވަރަށްގިނަ ކަންތައްތަކެއް ޙާޞިލު ކުރުމަށްޓަކައި ބުރަ މަސައްކަތްތަކެއް މިވަނީ ފެށިފައޭ. ރަނގަޅު ވާހަކައެއް، ހުރިހާ ރައްޔިތުން، ހުރިހާ ފަރުދުން، އެންމެން ހިތްހަމަޖެހޭ ފެންވަރަކަށް ހުރިހާ ކަމެއް ނުވެދާނެ. އެހެންނަމަވެސް، އަޅުގަނޑުމެން ވިސްނަންޖެހެނީ ރާއްޖޭގެ ޙާލަތަށް. ލިބޭ އާމްދަނީން، އަޅުގަނޑުމެން އޮތް ޙާލަތާ އަޅާބަލާއިރުގައި، ކުރެވުނު ކަންތައްތައް ކިހިނެއްތޯ އަޅުގަނޑުމެން ވަޒަންކުރާނީ. އަޅުގަނޑުމެންގެ މެނިފެސްޓޯގައި، ޕީ.ޕީ.އެމް.ގެ މެނިފެސްޓޯގައި، ރައީސް ޔާމީންގެ ވަޢުދުގައި، އެންމެ މުހިންމު ކަންތައްތަކަކަށް މިއޮތީ، މީހުންނަށް ދިމާވާ އެންމެ މުހިންމު ކަންތަކަށް ޙައްލު ހޯދައިދިނުން،
 
މީގެކުރީގައި، ހަމަ ތިޔަބޭފުޅުންނަށް، އަޅުގަނޑުމެންގެ ލޯކުރިމަތީގައި، މީހަކަށް ކަމެއް ވެއްޖެނަމަ ގޮތްހުސްވޭ. ކުރާނެ ކަމެއްނޯވޭ. ދާނެ ދިމާއެއްނޯވޭ. އަޅުގަނޑުމެންގެ ތެރެއިން ޢާންމު ރައްޔިތެއްގެ ޖީބުގައި ނުހުންނާނެ، ބޮޑުކަމެއް ދިމާވީމަ، ދިހަހާސް، ވިހިހާސް، ކުއްލިއަކަށް ފަންސާސްހާސް ޚަރަދުކުރާނެ ފައިސާ. މިމައްސަލަ މިއީ ވަރަށްބޮޑު މައްސަލައެއް އެންމެންގެ ކުރިމަތީގައި. ﷲގެ ރަޙްމަތާއެކީގައި، މި މައްސަލައަށް މިވަނީ މިއަދު ޙައްލު ފޯރުކޮށްދެވިފައި. މިއަދު ޙަޤީޤަތަކީ ކިތަންމެ ބޮޑު ބައްޔެއްވީ ކަމުގައިވީ ނަމަވެސް، ހަމަ މިއަތޮޅުން ލިބެން ނެތް ކަމުގައިވާނަމަ، އެ ޚިދްމަތް މާލެއިން ފޯރުކޮށްދިނުމަށްޓަކައި، މާލެއަށް ސަރުކާރުގެ ޚަރަދުގައި ގެންދެވޭ. ސަރުކާރުން މާލެއަށް ގެންދިޔުމަށްފަހުގައި، މާލެއިން އެ ބައްޔަށް ފަރުވާ ފޯރުކޮށްދެވެން ނެތް ކަމުގައިވާނަމަ، ރާއްޖެއިން ބޭރަށް އެމީހާއަށް ދެވޭނެގޮތް ސަރުކާރުން ހަމަޖައްސައިދޭނެ. މިއީ ޙަޤީޤަތުގައި އަޅުގަނޑުމެން ކަހަލަ ނިކަމެތި ރައްޔިތުންތަކެއް، ވަރަށް ބޮޑަށް ޝުކުރު އަދާކުރަންޖެހޭނެ ކަމެއް. މި ވޭން، މީގެކުރީގައި، މީގެ 5 އަހަރު، 10 އަހަރު ކުރީގައި މިފަދަ ކަންތައްތަކާ ކުރިމަތިލެއްވި ބޭފުޅުން ތިއްބަވާނެ މިތަނުގައިވެސް. އިޙްސާސްވާނެ، އޭރު އުޅުއްވަންޖެހޭ ޙާލު. އެހެންވީމާ، [ހުސްނުވާ އާސަންދަ]އިގެ ނަމުގައި ޕީ.ޕީ.އެމް.އިން ރައީސް ޔާމީން އިޢުލާނު ކުރެއްވި  އެ މަޝްރޫޢުގެ ދަށުން މިއަދު އަޅުގަނޑު ފާހަގަކުރަން، ﷲގެ ރަޙްމަތާއެކީގައި، ވަރަށް ފުޅާ ދާއިރާއެއްގައި އެ މަސައްކަތް އެބަދޭ. އެހެނިހެން ކަންތައްތައް ހުރެދާނެ، އަޅުގަނޑުމެން ހިތްހަމަނުޖެހޭ. އެހެން ނަމަވެސް، މިއީ ވަރަށްބޮޑު ކަމަކަށް ޙައްލު ފޯރުކޮށްދެވުނީ ﷲގެ ރަޙްމަތާއެކީގައި.
 
މިއަދު ޙަޤީޤަތަކީ މިއަހަރު އާސަންދަގެ ބަޖެޓަށް، މިއަހަރަށް އޮތީ 600 މިލިއަން ދިވެހި ރުފިޔާ. އެކަމަކު ބައްލަވާ، މިއަހަރުގެ މިހާ ހިސާބަށް އައިއިރުގައި، 550 މިލިއަން ހުރީ ހުސްވެފައި. މިއިން ދޭހަކޮށްދެނީ މިކަމަށް ހޭދަވެގެންދިޔަ މިންވަރު. މިއަހަރު އަދި ބާކީ އެބައޮތް ހަތަރު ފަސްވަރަކަށް މަސް. އެކަމަކު މިހާ ހިސާބަށް 550 މިލިއަން ރުފިޔާ ހޭދަވީ، އަތޮޅުން މާލެއަށް ދަތުރުކުރަން، މާލެއިން ރާއްޖެއިން ބޭރަށް ދަތުރުކުރުމަށްޓަކައި. ބައެއްފަހަރު އެބަހުރި، އެންމެ ފަރުދަކަށް އެކަނިވެސް ހަތަރުލައްކަ ފަސްލައްކަ ރުފިޔާ، އެމީހާ ރާއްޖެއިން ބޭރަށް ގެންދިޔުމަށްޓަކައި ދައުލަތުން ހޭދަކޮށްފައި. އެއް ފަރުދަކު އެބަހުރި، އެއްފަހަރު، ދެފަހަރު، ތިންފަހަރު ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި. ހަމަ ދައުލަތުން މި ހޭދަކުރަނީ. އެހެންވީމާ، އަޅުގަނޑުމެން މިއަދު ޙަޤީޤަތުގައި، ހުރިހާ ކަންތައްތަކުގެ ޝަކުވާ ހިތްޕުޅުގައިވީ ނަމަވެސް، އަޅުގަނޑުމެންގެ ޙާލަތަށް ބަލާއިރު، އަޅުގަނޑުމެން ޝުކުރު އަދާކުރަން އެބަޖެހޭ، މިކަންތައްތައް މިގޮތަށް އިންތިޒާމުވެގެން ދިޔަކަމަށްޓަކައި. އެއީ، އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. އަޅުގަނޑުމެން، މުސްލިމުންގެ ޙައިޘިއްޔަތުން އެ ޝުކުރު އަޅުގަނޑުމެން އަދާކުރަންޖެހޭ.
 
ކީރިތި ޤުރްއާނުގައި اللّـه سبحـانـه وتعـالىވަޙީކުރައްވަނީ، لَئِن شَكَرْتُمْ لَأَزِيدَنَّكُمْ  وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ މުސްލިމުން، ތިޔަބައިމީހުންނަކީ ޝުކުރު އަދާކުރާ ބައެއް ކަމުގައި ވެއްޖެނަމަ، ތިމަން ﷲ ތިޔަބައިމީހުންގެ މައްޗަށް ނިޢުމަތްތައް އިތުރުކުރައްވާހުށީމެވެ. އަދި ނިޢުމަތްތަކަށް އުރެދިއްޖެ ކަމުގައިވާނަމަ، ތިމަން ﷲގެ ޢަޛާބު އިތުރުވެގެންވެއެވެ. 
 
ހަމައެޔާއެކީގައި، ޞިއްޙީ ދާއިރާއަށް ބަލާއިރު، ދެވަނައަށް އޮތް އެންމެބޮޑު އެއް މައްސަލައަކީ، ގޮންޖެހުމަކީ ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، ޑޮކްޓަރުން ލިބުމުގެ މައްސަލަ. އަޅުގަނޑަށް އެނގޭ، މިއަތޮޅަށްވެސް ދިމާވެފައި އޮތް އެންމެބޮޑު މައްސަލައަކީ އެއީ. އެކަމަކު ބައްލަވާ. އަޅުގަނޑުމެން އައިއިރު، މި ޙާލަތު އޮތީ ކިހިނެއްތޯ. މިއަދު ސަރުކާރުން މި މައްސަލައަށް ޙައްލު ފޯރުކޮށްދިނުމަށްޓަކައި ހިނގައިގެން މަގަކީ ކޮބައިތޯ. އެކަން ތިޔަބޭފުޅުން ބައްލަވަންޖެހޭނެ. އަޅުގަނޑުމެން އައިއިރުގައި އޮތް އެންމެބޮޑު މައްސަލައަކީ، ޑޮކްޓަރުން ނުލިބުން. ޑޮކްޓަރުން ބޭނުމެއް ނޫން، ރާއްޖޭގައި މަސައްކަތް ކުރަން. ކީއްވެތޯ އެކަން އެހެންވީ. ﷲގެ ރަޙްމަތާއެކީގައި އެކަމުގެ ޙައްލު އަޅުގަނޑުމެން ވަނީ ފޯރުކޮށްދީފައި. އެއީ ރާއްޖޭގެ އެހެން ހުރިހާ ދާއިރާއަކުން އެދިއެދި ހުއްޓައި، ތިޔަބޭފުޅުންގެ ޙައްޤުގައި ޑޮކްޓަރުންގެ މުސާރަ ބޮޑުކޮށްދީ އޮނިގަނޑެއް އަޅުގަނޑުމެން އެކުލަވައިލިން. އެހެން ހަމަ މުދައްރިސުންވެސް ބޭނުންވޭ މުސާރަ ބޮޑުކުރަން. ކައުންސިލަރުންވެސް ބޭނުންވޭ، ކައުންސިލްގައި މަސައްކަތް ކުރައްވާ ބޭފުޅުންވެސް ބޭނުންވޭ، އަދި އެހެން ބެފުޅުންވެސް ބޭނުންވޭ. އެކަމަކު މުޅި ރައްޔިތުންގެ ޙައްޤުގައި، ޑޮކްޓަރުން ރާއްޖޭގައި މަސައްކަތްކުރާހިތްވާ، މަސައްކަތް ކުރަން ޝައުޤުވެރިވާފަދަ މުސާރައިގެ އޮނިގަނޑެއް މިއަދު މިވަނީ ތަޢާރުފްކޮށްދީފައި. އެއަށްފަހުގައި، މި ހިނގަމުންދާ ދުވަސްކޮޅުގައި މިއަދު މި ލިބޭ ވަގުތަކީ ޙަޤީޤަތުގައި ޑޮކްޓަރުން ހޯދުމަށްޓަކައި ދާވަގުތު. އަޅުގަނޑަށް އެނގޭ، މިއަތޮޅުންވެސް އެބަ ބޭނުންވޭ، މިއަތޮޅުގެ އެކި ރަށްތަކަށްވެސް ޑޮކްޓަރުން އެބަ ބޭނުންވޭ. ﷲގެ ރަޙްމަތާއެކީގައި މިހާރު އެ މަސައްކަތް އެދާ ސްޕީޑަށް ބަލާ ކަމުގައިވާނަމަ، އަޅުގަނޑަށް އުންމީދު ކުރެވޭ، ކުރިއަށް އޮތް ގިނަވެގެން، ދެމަހެއް، ތިންމަހެއްގެ ތެރެއިން، އެއަށްވުރެ އަވަސްވާނެ ކަމަށް މި އުންމީދު ކުރަނީ. އިރާދަކުރެއްވިއްޔާ މިރަށުން ފެށިގެން މިއަތޮޅަށްވެސް އަދި ރާއްޖޭގެ ހުރިހާ ތަނަކަށް ބޭނުންވާ ޑޮކްޓަރުން އަޅުގަނޑުމެންނަށް ލިބޭ މިންވަރަށް މިހާރު އެބަހުރި، ދުނިޔޭގެ އެކި ތަންތަނުން ރާއްޖެއަށް އަންނަން ޑޮކްޓަރުން ޝައުޤުވެރިކަން ފާޅުކޮށްފައި. އަވަސްކުރުމަށްޓަކައި މިހާރު އަޅުގަނޑުމެން މިވަނީ ޑޮކްޓަރުން އެމީހުންގެ ކަރުދާސްތައް މިކޮޅަށް ހުށަހަޅައިގެން، މުއްދަތު ނަގައިދީ، މިކޮޅުން ޓީމު މިހާރު ފުރައިގެން އިރާދަކުރެއްވިއްޔާ ބަންގްލަދޭޝް އަދި މިޞްރުފަދަ ބައެއް ޤައުމުތަކަށް މިހާރު ދަތުރު އެކުރަނީ. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަނީ، އިރާދަކުރެއްވިއްޔާ މި މަސައްކަތްވެސް އަވަސްވެގެންދާނެ ކަމަށް. މިވެސް ހަމަ ތިޔަބޭފުޅުންގެ ޙައްޤަށްޓަކައި، އަޅުގަނޑު ދެކޭގޮތުގައި، ސަރުކާރުން ރައީސް ޔާމީންގެ ފަރާތްޕުޅުން އެޅުއްވި ވަރަށް ހަރުދަނާ ފިޔަވަޅެއް.
 
ތިންވަނައަށް މި ދާއިރާއަށް އޮތް އެންމެބޮޑު އެއް ގޮންޖެހުމަކީ، ބޭސް ލިބުމުގެ މައްސަލަ. މިއީ، އަޅުގަނޑުމެން މުޅި ރާއްޖޭގެ ހުރިހާ ދިމާއަކަށް ބެލި ކަމުގައިވީނަމަވެސް، އަޅުގަނޑުމެންނަށް އޮތް ވަރަށްބޮޑު ގޮންޖެހުމެއް. ބޭސް ލިބުން. މި މައްސަލައަށްވެސް، ޙައްލު ހޯދުމަށްޓަކައި، މި މައްސަލައަށް ވާސިލުވިގޮތް ޙަޤީޤަތުގައި އެއީ ރައްޔިތުން މިއަދު ޝުކުރުވެރިކަމާއެކީގައި، އަޅުގަނޑު ދެކޭގޮތުގައި ބަލައިގަންނަންޖެހޭ ކަމެއް. މިއަދު މިވަނީ ސަރުކާރުގެ އެންމެބޮޑު އެއް ކުންފުނި ކަމަށްވާ، އެސް.ޓީ.އޯ. އަށް މި މަސައްކަތް ޙަވާލުކޮށްފައި. އެސް.ޓީ.އޯ. އިން މުޅި ރާއްޖޭގެ ހަމަ ހުރިހާ ރަށަކަށް އިރާދަކުރެއްވިއްޔާ، ފާމަސީ ބަލައިގެން، ފާމަސީ ނެތް ތަންތާނގައި އަދި ކުދިކުދި ރަށްރަށުގައި ސެންޓަރުތަކުގެ ތެރޭގައި، ބޭސް ބަހައްޓައިގެން ބޭސް ލިބޭނެ އިންތިޒާމު އިރާދަކުރެއްވިއްޔާ މިހާރު އެ މަސައްކަތް މިދަނީ ފެށިގެން. އަދި ރަށްރަށުގެ ހޮސްޕިޓަލްތަކަށް، ސެންޓަރުތަކަށް، ހެލްތް ސެންޓަރުތަކަށް ބޭނުންވާ ބޮޑެތި ވަސީލަތްތައް، އެތަކެތި ހޯދުމުގެ މަސައްކަތް މިހާރު ފެށި، އެ ތަކެތި ހޯދުމަށް އިޢުލާނު ކުރެވި، ތަކެތި ހޯދުމުގެ މަސައްކަތް މިހާރު އިރާދަކުރެއްވިއްޔާ ކުރިއަށް އެ ދަނީ.
 
އެހެންވީމާ، މިދިޔަ ދުވަސްތަކަކީ، ސަރުކާރު ޙަވާލުވެގެން އައިއިރުގައި އޮތް ލޮޅުން، ތިޔަބޭފުޅުންނަށްވެސް އިޙްސާސް ކުރެއްވޭނެ. ދާއިރާ އޮތް ޙާލަތު ތިޔަބޭފުޅުން، މިރަށްރަށުގައި ތިޔަބޭފުޅުން ތިޔަ އުޅުއްވަނީ، މި ތިއްބެވީ ކައުންސިލަރުން. އޭރު އޮތް ޙާލަތާއި، މި މަސައްކަތް ރަނގަޅު ކުރުމަށްޓަކައި މިހާރު ކުރަމުންދާ މަސައްކަތް، އަޅުގަނޑަށް ހީވަނީ އެއީ، ހަމަ ތިޔަ ހުރިހާ ބޭފުޅުންވެސް ވަރަށް ރަނގަޅަށް ދެކެވަޑައިގަންނަވާނެ މަންޒަރެއްހެން.
 
ސަރުކާރު ޙަވާލުވެގެން އައިއިރު، އިތުރު އާމްދަނީއެއް އަޅުގަނޑުމެންނާ ޙަވާލެއްނުކުރޭ. ހަމަ އޭރު އޮތް ފައިސާފޮއްޗާ އެކީގައި ސަރުކާރު ޙަވާލުވީ. ނިކަން ބައްލަވާ، މުޅި ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައި އޮތީ، ގާތްގަނޑަކަށް ކަނުއަނދިރީގައި އުޅެން ޖެހިފައި އޮތް ޙާލަތެއް. އެކި ރަށްރަށުގައި. ހަމައެކަނި މިއަތޮޅެއް ނޫން. ހުރިހާ އަތޮޅެއް އޮތީ މި ޙާލަތުގައި. ހުވަދުއަތޮޅުން ފެށިގެން ރާއްޖޭގެ އެންމެ އުތުރާ ހަމަޔަށް، ހުރިހާ ދިމާއެއްގައި ހަމަ މި ޙާލަތު. އެކަމަކު މާތްﷲގެ ތަނަވަސް ރަޙްމަތާއެކީގައި، އަޅުގަނޑުމެން ޚަޒާނާގައި ހުރި ފައިސާކޮޅު، އެތަން މިތަނުން، އެހެން މިހެން، ސަރުކާރުގެ ކުންފުނިތަކުންނާ، އެހެން މިހެން ނަގައިގެން ކުރި މަސައްކަތުގެ ނަތީޖާއަކީ، މިއަދު ﷲގެ ރަޙްމަތާއެކީގައި، ޖަނަރޭޓަރުތައް ރާއްޖޭގެ ރަށްރަށަށް އަތުވެއްޖެ. ކުރީގައި އިރުއިރުކޮޅާ އިރުއިރުކޮޅާ ކަރަންޓްގެ މައްސަލަތައް ދިމާވަމުންދިޔަ ރަށްތަކަށް އިރާދަކުރެއްވިއްޔާ ޙައްލު މިދަނީ ފޯރުކޮށްދެމުން. މިއަތޮޅު މިއީވެސް ހަމަ އޭގެ އަތޮޅެއް. ހަމަ ކަރަންޓްގެ މައްސަލަ ވަރަށްބޮޑުވެފައި އޮތް އަތޮޅެއް. ގުރައިދޫން ފެށިގެން، މިރަށުން ފެށިގެން ހުރިހާ ދިމާއެއްގައި މި މައްސަލަ އޮތީ މިހެން ދިމާވެފައި. އެކަމަކު އިރާދަކުރެއްވިއްޔާ، އެ މައްސަލަވެސް މިދަނީ ދާއިމީ ޙައްލަކާ ދިމާއަށް ދަތުރުކުރަމުން. މިއީ ބަޔަކު ކުރި ބުރަ މަސައްކަތެއް. ގަބޫލު ކުރައްވަންޖެހޭ ޙަޤީޤަތަކީ، ޚަޒާނާއަށް އިތުރު ފައިސާތަކެއް ވަދެގެނެއް ނޫނޭ، މިކަންތައްތަކަށް ޙައްލު ފޯރުކޮށްދެނީކީ. މިއީ ހަމަ ރޭވުންތެރިކަމާއި އިންތިޒާމުތަކެއްގެ ތެރެއިން ތިޔަބޭފުޅުންނާ ހަމަޔަށް މި ޚިދްމަތް އަޅުގަނޑުމެން ގެނެސްދިނުމަށްޓަކައި އަޅުގަނޑުމެން ކުރި މަސައްކަތްތަކުގެ ތެރެއިން މިކަން ފުރިހަމަވެގެން މިދިޔައީ.
 
އަޅުގަނޑު ތިޔަބޭފުޅުންނަށް އިތުރަށް ދަންނަވާލަން ބޭނުންވަނީ، މިރަށަށް ދިމާވެފައި ހުރި އިތުރު މައްސަލަތަކަށްވެސް ﷲގެ ރަޙްމަތާއެކީގައި ޙައްލު ފޯރުކޮށްދެވޭނެއޭ. މިރަށުގެ ގިރުމުގެ މައްސަލަ އެއީ މިރަށަށް ދިމާވެފައި އޮތް މައްސަލައެއް، އަޅުގަނޑަށް އެނގޭ. އިރާދަކުރެއްވިއްޔާ މިހާރު އެ މަސައްކަތް ޓެންޑަރ ކުރެވި، އެ މަސައްކަތަށް ބަޔަކު ހޯދި، ވަރަށް އަވަހަށް އެ މަސައްކަތް ފެށިގެންދާނެ. އެއީ ހަމަ އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންގެ ޙައްޤަށްޓަކައި އަޅުގަނޑުމެން ކުރާނެ ކަމެއް. މިއަދު ހުރިހާ ރަށެއްގައިވެސް، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އޮތް މައްސަލައެއް އެއީ ކުނި އަންދާލުމުގެ މައްސަލަ. ކުނީގެ މައްސަލަ. މި ރަށުގެވެސް އެ މައްސަލަ ބަޔަކާ ޙަވާލުކުރެވިފައި ވަނީ. އެ މަސައްކަތުގެ 15 ޕަސެންޓަށްވާ ފައިސާވެސް ވަނީ ޙަވާލުކުރެވިފައި. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، އުންމީދު މިކުރަނީ، ކުރިއަށް މިއޮތް އަހަރުގައި، އެ މަސައްކަތް ހަލުއިކަމާއެކު ކުރިއަށްދާނެ ކަމަށް. ކައުންސިލާ އެކީގައި އެ ވާހަކަ އަޅުގަނޑު ދައްކާނަން. އެމަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި ކައުންސިލުން ގުޅިގެން، މިނިސްޓްރީއާ ގުޅިގެން އެމަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް އަޅުގަނޑު އުންމީދު ކުރަން.
 
ހަމައެއާއެކީގައި ހެލްތް ސެންޓަރަށް ޑޮކްޓަރުންގެ މައްސަލަ، ކުރީގައި މިދެންނެވީ. މިރަށުގައިވެސް އެ މަދުވާ ޑޮކްޓަރުން އިރާދަކުރެއްވިއްޔާ ހަމަ އެންމެ އަވަހަށް ޑޮކްޓަރުން އެ އަންނަ ބެޗް، ނޫނިއްޔާ އެ އަންނަ ނިސްބަތުން މިރަށަށް އިރާދަކުރެއްވިއްޔާ ޑޮކްޓަރުން ހަމަޖެހުމުގެ އިންތިޒާމު އަޅުގަނޑު ތިޔަބޭފުޅުންނަށްޓަކައި ހަމަޖައްސައިދޭނެ ވާހަކަވެސް ހަމަ ދަންނަވަން.
 
އެހެންވީމާ، މިހުރިހާ ކަމެއް، މިހުރިހާ ކަމަކާ އެކީގައިވެސް އަޅުގަނޑު މިރޭ އިތުރަށް ދަންނަވާލަން ބޭނުންވަނީ، މިއަދު މި މަސައްކަތަކީ، ޚިދްމަތުގެ މަސައްކަތަކީ އެއީ ހަމަ ޔަޤީނުންވެސް ކޮންމެ ރައްޔިތަކުވެސް ބޭނުންވާނެ. އަސާސީ ޚިދްމަތް ލިބިގަންނަން ބޭނުންވާނެ. މި މަސައްކަތް، މި ޚިދްމަތް ފޯރުކޮށްދިނުމުގައި އެއްވެސް ތަފާތެއް ނޯންނާނެ. އެހެން ނަމަވެސް، މިއަދު އެއަށްވުރެ މަތިން އަޅުގަނޑުމެން ވިސްނަންޖެހޭ ކަންތައްތަކެއް އެބަހުރި. ހަމަ ތިޔަބޭފުޅުންނާ މިގޮތަށް ދިމާވީމަ، މިވާހަކަވެސް ދަންނަވާލުމަކީ މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެން. އެއީ، އަޅުގަނޑުމެން ހަނދާންކުރަން އެބަޖެހޭ، މި ހޯލުގައި މިރޭ، އަޅުގަނޑަށް އެނގޭ، މަދު މީސްކޮޅެއް މިތިބީ. އެއީ އެހެން ނަމަވެސް، މި މަދު މީސްކޮޅުގެ ތެރެއިންވެސް ތިޔަބޭފުޅުން ގަބޫލުކުރައްވަންޖެހޭ ޙަޤީޤަތްތަކެއް އެބަހުރި، މިރަށުގެ ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދޭންޖެހޭ. އެއީ، ކިހާ ދުވަހެއް ވަންދެންތޯ، އަޅުގަނޑުމެން އެކަކު އަނެކަކަށް މޫނު ދިމާނުވެ އުޅޭނީ. ކިހާ ދުވަހެއް ވަންދެންތޯ، އަޅުގަނޑުމެން ޚިޔާލު ތަފާތުވުންތަކުގައި، ހަމަ އަޑުވެސް އަހަން ބޭނުންނުވާނީ. ކިހާ ދުވަހެއް ވަންދެންތޯ، އަޅުގަނޑުމެން މިއޮންނަ ސިޔާސީ ވާދަވެރިކަމުގައި އަޅުގަނޑުމެންގެ ގާތްތިމާގެ ކަމުގެ ގުޅުމާއި، އެއްބަނޑުއެއްބަފާ ކަމުގެ ގުޅުމާއި، އަޅުގަނޑުމެންގެ މެދުގައި މިއޮންނަ ރަޙްމަތްތެރި ކަމުގެ ގުޅުން ދޫކޮށްލައިގެން ތިބޭނީ ކިހާ ދުވަހެއް ވަންދެންތޯ. ކޮބައިތޯ މިއިން އަޅުގަނޑުމެންނަށް ލިބޭނެ ފައިދާއަކީ. ރާއްޖެ 2004ން ފެށިގެން މި މަސައްކަތުގެ ތެރޭގައި އަޅުގަނޑުމެން މިއުޅެނީ. އެއް އިންތިޚާބަށްފަހު އަނެއް އިންތިޚާބު އެބަ އާދޭ ރާއްޖެއަށް. ކޮންމެ ފަހަރަކުވެސް ހަމަ ވަޢުދުތަކަކާ އެކީގައި، ރައްޔިތުންނަށް ހެޔޮ ކަންތައްތަކެއް ކުރުމަށް ސަރުކާރުތައް މި އަންނަނީ. މި މަސައްކަތްތައް ރާއްޖޭގައި ކުރިއަށްދާނެ. ހަމަ މި 5 އަހަރުވެސް ނިމިގެން، ދެންވެސް އަންނާނެ މިވާހަކަ. ސުވާލަކީ ހަމަ އަޅުގަނޑުމެން ރައްޔިތުން، މި ކުދިކުދި އާބާދީތަކުގައި ދިރިއުޅޭ ރައްޔިތުން، މި ވާދަވެރިކަމުގެ ތެރޭގައި ފިތިގެން ތިބެންވީތޯ؟ އަޅުގަނޑުމެން މިއަށްވުރެ ބޮޑަށް ސިކުނޑި ހުޅުވައިގެން އަޅުގަނޑުމެންގެ އޮންނަ ގާތްކަމާއެކު ހަމަ ގުޅުމަށް ޖާގަ ނުދޭނަންތޯ. އަޅުގަނޑުމެން މިއަށްވުރެ ބޮޑަށް ސިކުނޑި ހުޅުވައިގެން އަޅުގަނޑުމެންގެ އޮންނަ ރަޙްމަތްތެރި ކަމަށް ޖާގަ ނުދޭންވީތޯ. އަޅުގަނޑުމެންގެ އެއްބަނޑުއެއްބަފާ ކަމުގެ ގުޅުމަށް އަޅުގަނޑުމެން ޖާގަ ނުދޭންވީތޯ. މި ސުވާލު އަޅުގަނޑުމެން ކުރަންޖެހެނީ ސަބަބަކަށްޓަކައި. ސަބަބަކީ މިއަދު މި ހޯލުގެ ތެރޭގައިވެސް އަޅުގަނޑުމެން މިތިބެނީ ވަރަށް ހަމަޖެހިގެން. މި ކުދިކުދި ރަށްތަކުގައި އަދި ކިތަންމެ ނިކަމެތި ޙާލުގައި އުޅެން ޖެހުނު ކަމުގައިވިޔަސް، މި ތިބެނީ ތަސައްލީއާ އެކީގައި. ހިތްހަމަޖެހުން އެބައޮތް. އެއީ، އަޅުގަނޑުމެން ހަދާނެ އެއްޗެއް ހަދަންވެސް ތިބެނީ އަޅުގަނޑުމެން. ހަމަ މި ކައުންސިލަރުން ތިބޭނީ. ހަމަ މުޙަންމަދާއި އިބްރާހީމާއި، ޙައްވާއާއި ޢާއިޝަތާ، މި މީސްމީހުން މިތާ ދިރިއުޅޭނީ. އިތުރު ބަޔަކު ނާންނާނެ، އަޅުގަނޑުމެންނަކަށް އުނދަގޫކުރާކަށެއް. އެ ހިތްހަމަޖެހުން އަޅުގަނޑުމެންނަށް އޮވޭ.
 
އެކަމަކު ބައްލަވާ، މިވާހަކަ އަޅުގަނޑު މިހެން މިދަންނަވާއިރު، ދުނިޔޭގެ އެހެން ތަންތަނުގައި، ހަމަ ތިބީ އަޅުގަނޑުމެން ކަހަލަ މުސްލިމުންނޭ. ހަމަ ޝަހާދަތް ކިޔައި، ފަސްވަގުތު ނަމާދު ކުރަމުންދާ މުސްލިމުން. ﷲ އަށް އީމާންވެ، ރަސޫލާ ގަބޫލުކޮށްގެން ތިބި މުސްލިމުން. ކޮބައިތޯ އެމީހުންގެ ޙާލަތު މިއަދު. އަޅުގަނޑުމެންނަށްވުރެ މާ ހަށިގަނޑުން ބިޔަ ބޮޑު، މާގިނަ ވަސީލަތްތައް اللّـه سبحـانـه وتعـالىއެ ބިންތަކަށް މިންވަރު ކުރައްވާފައި ތިބި މުސްލިމުން އެ ތިއްބެވީ. ދުނިޔޭގެ އެތަންތަނުން، މެދުއިރުމަތީގައި، ފަލަސްޠީނުގައި، ޢިރާޤުގައި، ލީބިޔާގައި، ސީރިޔާގައި. ކޮންފަދަ ބޮޑެތި ޤައުމު. ކޮންފަދަ ގިނަ ވަސީލަތްތައް. އެތައް ރަސޫލު ބޭކަލުންނެއް އެ ފަސްގަނޑަށް ފޮނުއްވި. ޤުރްއާނުންނާއި ކީރިތި ރަސޫލާގެ ޙަދީޘްފުޅުން އެމީހުންނަށް އެތަކެއް ނިޢުމަތެއް މިންވަރު ކުރައްވާނެ ކަމަށް ވަޢުދު ލިބިފައިތިބި މީސްމީހުން އެއީ. އެކަމަކު ބައްލަވާ، މިއަދު އެމީސްމީހުން އުޅޭ ނިކަމެތި ޙާލު. އެ މުސްލިމުން ތަޙައްމަލު ކުރަމުންދާ ހިތްދަތިކަން. ފަލަސްޠީނަށް ބެލި ކަމުގައިވީނަމަވެސް، މިއީ މިއަދު މިވަގުތުކޮޅުގައި އަޅުގަނޑު ބޭނުންވީ، ތިޔަބޭފުޅުން މިކަންތައްތަކުގެ މަތިން ހަނދާންކޮށްލަން. މި ވާދަވެރިކަން އޮވެދާނެ. އެކަމަކު މިއަށްވުރެ ބޮޑު ނިޢުމަތެއް اللّـه سبحـانـه وتعـالىއަޅުގަނޑުމެންނަށް މިންވަރުކޮށްދެއްވާފައިވޭ. އެއީ މިނިވަންކަމާއެކީގައި އުޅުމުގެ ނިޢުމަތް. އަޅުގަނޑުމެންނަށް އަމިއްލަ ފަސްގަނޑެއް ލިބުމުގެ ނިޢުމަތް. އަޅުގަނޑުމެން އެއްދީނަކަށް ތަބަޢަވާ، އެއް ނަސްލަކަށް ނިސްބަތްވާ، އެއްބަހަކުން ވާހަކަ ދައްކާ ބަޔަކަށްވުމުގެ މަތިވެރި ނިޢުމަތް. އެއްވެސް އެހެން ބަޔަކު މި ފަސްގަނޑުގައި ނެތްކަން، މުސްލިމުން، ދިވެހިން ފިޔަވައި. އެކަމުގެ މަތިވެރި ނިޢުމަތް. އެ ނިޢުމަތް ލިބުނީމާ އަޅުގަނޑުމެން ފަހަތުން ޖެހިގެން އަންނަ ސިޔާސީ ވާދަވެރި ކަމެއްގައި، ޤައުމުގެ އިންތިޚާބެއްގައި، ޕާލަމެންޓްގެ އިންތިޚާބެއްގައި، މަޖިލީހުގެ އިންތިޚާބެއްގައި ހީހީފައި، އެކަކު އަނެކަކަށް މަލާމާތްކޮށް ފުރައްސާރަކޮށް، ވާދަވެރިކަން ބޮޑުވެގެން ގޮސް، އަޅުގަނޑުމެން އެކަކު އަނެކަކާ މޫނު ދިމާނުވާ ހިސާބަށް ދިޔައީމަ، އެއީ އަޅުގަނޑުމެން ހިތާމަކުރަންޖެހޭ ކަމެއް. އެކަމުގެ ހިތްދަތިކަން ތަޙައްމަލް ކުރާނީ އެހެން ބައެއް ނޫން. އަޅުގަނޑުމެން އެކަމުގެ ހިތްދަތިކަން ތަޙައްމަލް ކުރާނީ.
 
ކީރިތި ރަސޫލާ ޙަދީޘްފުޅު ކުރައްވަނީ، اِنَّ الْحَسَدَ يَأْكُلُ الْحَسَنَاتِ كَمَا تَأْكُلُ النَّارُ الْحَطَبَ އަލިފާނަށް ދަރުތަކެއްލީމަ، އެ ދަރުތައް އަނދައިގެންދާ ފަދައިން، އެންމެ ނުރައްކާތެރި އެއްޗަކީ، މުސްލިމުންގެ ހިތުގައި އޮންނަ ޙަސަދަވެރިކަން. އެ ޙަސަދަ އޮތީވިއްޔާ ހުރިހާ ހެޔޮކަމެއް، ނަމާދު ކުރިޔަސް، ރޯދަ ހިފިޔަސް، ޙައްޖުވިޔަސް، ޞަދަޤާތް ދިނަސް، އެ ހެޔޮ ކަންތައްތައް ކާލަޔޭ ޙަސަދަ. ހަމަ އަލިފާނަށް އެ ދަރު އެޅީމަ، ދަރުތައް އަނދައިގެންދާ ބީދައިން، ޙަސަދަވެރިއެއް ކުރާ ހުރިހާ ހެޔޮކަމެއްވެސް ހަމަ އެގޮތަށް އަނދައިގެންދެއޭ.
 
މިއީ އަޅުގަނޑުމެން މިވަގުތުކޮޅު ވިސްނަންޖެހޭ ކަމެއް. މި ޙަސަދައާއި، މި ފިތުނައާއި، މި ނުރުހުމާ، އެކަކު އަނެކަކަށް މި އޮންނަ ނަފްރަތު، މި ނިންމަންޖެހޭ. މި ނިންމަންޖެހޭ. މި ނިންމައިގެން އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނީ. އަޅުގަނޑުމެން މި ބިލްޑިންގތައް އަޅާފާނެ. މި ސެންޓަރުތައް އަތުވެދާނެ. ގައިނީ ޑޮކްޓަރުވެސް އަތުވެދާނެ. ހަމަ ތިޔަބޭފުޅުންގެ ކުރިމަތީގައި މި ތަރައްޤީތައް މި އަންނަނީ. އިއްޔެ ނެތް ބަނދަރު މިއަދު އަތުވެއްޖެ. އިއްޔެގެ ޖަނަރޭޓަރު މައްސަލަ މިއަދު ޙައްލުވަނީ. އިއްޔެ އެއަރޕޯޓެއް ނެތް. މިއަދު މަތިން އައިސް ޖައްސާފައި، ތިމަރަފުށިން 5 މިނިޓުން މި ދަތުރުކުރަނީ. އިއްޔެ ރިޒޯޓެއްވެސް ނެތް. މާދަމާ އަޅުގަނޑުމެންގެ ދަރިން އެހެން ތަރައްޤީއެއްވެސް ދެކޭނެ. އެކަމަކު  އެ ތަރައްޤީއަކީ ވަރަށްކުޑަ އެއްޗެއް. އަޅުގަނޑުމެން މާއްދީ ތަރައްޤީއަށް އެކަނި ވިސްނާ ކަމުގައިވަންޏާ، އެއަށްވުރެ މާބޮޑު އެއްޗެއް، ކީރިތި ޤުރްއާނާއި، ކީރިތި ރަސޫލާގެ ޙަދީޘްފުޅުން އަޅުގަނޑުމެންނަށް މިންވަރު ކުރައްވާފައި މިއޮތް މަތިވެރި ނިޢުމަތް. އަޚުވަންތަކަމުގެ ނިޢުމަތް. މައިންބަފައިންނަށް އޮންނަންވާ ގާތްކަން. އެއްބަނޑު ތިމާގެ މީހުންނަށް އޮންނަންޖެހޭ ރަޙުމުގެ ގުޅުން. ކީރިތި ރަސޫލާގެ ޙަދީޘްފުޅުން އައިއްސަ އޮންނަ، މުސްލިމުން އެކަކު އަނެކަކާ މުޢާމަލާތް ކުރަންވާ ގޮތް. އެކަލޭގެފާނު ޙަދީޘް ކުރައްވަނީ، اَتَّبَسُم صَدَقَة  [މުސްލިމަކު އެކަކު އަނެކަކާ ބައްދަލުވެ ހިނިތުންވުމަކީވެސް އެއީ ޞަދަޤާތެކޭ.] [ހިނިތުންވުން] މިއަދު ނުފެނޭ، އެ މަންޒަރެއް. ރުޅި އައީ. އެމް.ޑީ.ޕީ މީހެއް އޭނައަށް ފެނުނީމަ ހޭކަށްނުވާނެ. ޕީ.ޕީ.އެމް މީހެއް އޭނައަށް ފެނުނީމަ ހޭކަށްނުވާނެ. ސަލާން ކުރުން، އަޅުގަނޑުމެންގެ ނެތް. އެހާ ހިސާބަށް ގޮސްފައި މިވަނީ. މިއަދު މި ނިޢުމަތުގެ މައްޗަށް ޝުކުރު އަދާކުރަންޖެހޭ. އެއްބައެއްގެ ގޮތުގައި ތިބުމުގެ ނިޢުމަތް. ފަލަސްޠީނުގެ މުސްލިމުން އުޅޭ ހާލު، ނިކަމެތި ހާލު. އެމީހުންގެ ވަޒަނުން އެމީހުން ބޭރުވެފައި އެތިބީ އެއޮއް ބޮޑު ފަސްގަނޑުގައި. އެމީހުންގެ އަމިއްލަ ވަޒަން އެއީ. އެއްވެސް ބައެއްގެ ތަނެއް ނޫން އެއީކީ. ފަލަސްޠީނު ރައްޔިތުންގެ އެކަނި ތަނެއް. ދުނިޔޭގެ ހުރިހާ ޤައުމެއް ހުރީ އެގޮތަށް. އެކަމަކު ކާކުތޯ މިއަދު އެކަން ގަބޫލުކުރަނީ. އެހެންވީމާ، އަޅުގަނޑުމެން މިއަދު ޝުކުރު އަދާކުރަން އެބަޖެހޭ، މިފަސްގަނޑުގައި އަޅުގަނޑުމެންނަށް މި މަތިވެރި ނިޢުމަތް اللّـه سبحـانـه وتعـالىމިންވަރު ކުރެއްވީތީ.
 
އަޅުގަނޑު ތިޔަބޭފުޅުންނަށް ކުރާ އިލްތިމާސަކީ، އެކުވެރިކަމާ އެކީގައި އުޅެން ހިނގާށޭ. ކުރިއަށް މިއޮތް އަހަރަކީ އަޅުގަނޑުމެންގެ މިނިވަންކަމުގެ 50 އަހަރު ފުރޭ ދުވަސް، އަޅުގަނޑުމެންނާ ކުރިމަތިވާއިރުގައި، އަޅުގަނޑުމެން މިއަދު އެބަޖެހޭ އެކުވެރިވާން، އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށް ވެގެންމެ. ސިޔާސީ ވާދަވެރިކަން އައިއްސަ ދާނެ. އެކަމަކު އެއަށްވުރެ ބޮޑު އެއްޗެއް އަޅުގަނޑުމެންގެ އަޚުވަންތަކަމުގެ ގުޅުމަކީ.  
 
اللّـه سبحـانـه وتعـالىއަޅުގަނޑުމެން އެންމެން މިކުރާ މަސައްކަތުގައި، ތައުފީޤާއި ބަރަކާތް މިންވަރު ކުރައްވާށި! އަޅުގަނޑުގެ ދުޢާއަކީ، މިއަތޮޅަށާއި މިރަށަށް އަދި ދިވެހިރާއްޖޭގެ ރައްޔިތުންނަށް اللّـه سبحـانـه وتعـالىހެޔޮ ދުވަސްތަކެއް މިންވަރު ކުރައްވައި، އަޅުގަނޑުމެންނަކީ އަޚުވަންތަ، އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރާ، ލޯބިވާ ބަޔަކަށް، އެކަލާނގެ މިންވަރު ކުރެއްވުން. އާމީން. 
 
والســّلام عليــكم ورحـمــة اللّـه وبـركاتـه