ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ހެންވޭރު ޓާރފް ދަނޑު ރަސްމީކޮށް މިރޭ ހުޅުއްވައިދެއްވައިފިއެވެ.
 
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ޒުވާނުންނަށްޓަކައި ޤާއިމުކޮށްދެވޭ މިފަދަ ކޮންމެ ވަޞީލަތަކުން ވެސް ޤައުމަށް ލިބިގެން ދަނީ ހަމަޖެހުމާއި ކުރިއެރުންކަން ފާހަގަކުރައްވަމުން، ކުޅިވަރުގެ މައިދާންތަކުގައި އަދި ކުޅިވަރުގެ ދަނޑުގައި ޒުވާނުން ވަރަށް ގިނަ ކަންކަމުގެ ޙައްލު ހޯދާކަން ފާހަގަކުރެއްވިއެވެ.
 
ސަރުކާރުން، ޒުވާނުންގެ ދުޅަހެޔޮ ކަމަށްޓަކައި ޤާއިމުކޮށްދެއްވާ ފުޓްސަލް ދަނޑުތަކަށް ޢިޝާރާތް ކުރައްވަމުން، މިމަހުގެ ތެރޭގައި އެކަނިވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ދިހަ ފުޓްސަލް ދަނޑު ޒުވާނުންނަށްޓަކައި ހުޅުވިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ޒުވާނުންނަކީ ޙަރަކާތްތެރިކަމާއެކީ މަސައްކަތްކުރަން ތިބި ބައެއްކަން ފާހަގަކުރައްވަމުން، ފުޓްސަލް ދަނޑުތަކުން ނުވަތަ ސްޓްރީޓް ސޮކަރގެ ސަބަބުން އެޅިގެން ދަނީ،  ޒުވާނުން ޤައުމީ ޓީމުތަކުގައި ޙަރަކާތްތެރިވުމަށް މުހިއްމު ބިންގަލެއްކަން ފާހަގަކުރައްވަމުން މިމޭރުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޒުވާނުންގެ ތެރޭގައި ހުރި މައްސަލަތައް ކުޅިވަރުގެ ތެރެއިން ޙައްލުކޮށް، ޤައުމުގެ ހަމަޖެހުން ދެމެހެއްޓުމުގެ މުހިއްމުކަމުގެ މައްޗަށް ބައްލަވައިލެއްވިއެވެ. އަދި ޒުވާނުންނަށް ވަޒީފާ ހޯއްދަވައިދެއްވުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށް ކަމަށާއި، ގިނަ ވަޒީފާތަކެއް މިސަރުކާރުން އުފައްދަވައިދެއްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.
 
މިރަސްމިއްޔާތުގައި ހެންވޭރު ޓާރފް ދަނޑަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވާފައިވާ ފަރާތްތަކަށް ހަނދާނީ ލިޔުން ބައްސަވައިދެއްވުން ވެސް އޮތެވެ. ހަނދާނީ ލިޔުން ބައްސަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.
 

ގިނަ ޢަދަދެއްގެ ޒުވާނުން ބައިވެރިވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަލްފާޟިލާ ފާޠިމަތު އިބްރާހީމްގެ އިތުރުން މިނިސްޓަރ އޮފް ޓޫރިޒަމް އަލްފާޟިލް އަޙުމަދު އަދީބް ޢަބްދުއްޤަފޫރާއި، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯރޓްސް އަލްފާޟިލް މުޙައްމަދު މަލީޙް ޖަމާލާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް ޢިއްޒަތްތެރި މެންބަރުންނާއި، އެސް.ޓީ.އޯގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލްް އާދަމް ޢާޒިމް ބައިވެރިވެވަޑައިގެންނެވިއެވެ.