ސަރުކާރުން ހިންގާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ރާވައި ހިންގާ ގޮތަށް ބައެއް ބަދަލު ގެންނެވުން

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށުން ވަކި އޮފީހެއްގެ ގޮތުގައި ހިނގަމުންދިޔަ އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސް (އޯ.ޕީ.ޕީ) 2014 އޮގަސްޓް 7 ވަނަ ދުވަހު އުވާލައްވައި، އެއޮފީހުން ކުރަމުން ގެންދިޔަ މައިގަނޑު މަސައްކަތްތައް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ކުރާގޮތަށް ވަނީ ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައެވެ. މިގޮތަށް ހަމަޖެއްސެވުމުގެ އިތުރުން، ސަރުކާރުން ހިންގަވާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް އެކުލަވައިލައި ހިންގައި، އެ މަޝްރޫޢުތައް ހިނގާ ނުހިނގާ ގޮތް ބެލުމުގެ ކަންކަން މިހާތަނަށް ކުރަމުން ގެންދިޔަގޮތަށް ބައެއް ބަދަލު ގެންނަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގެންނެވި ބަދަލާ ގުޅިގެން ސަރުކާރުން ހިންގާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ރާވައި ހިންގާ މައިގަނޑު އިދާރާތަކުގެ ދައުރު ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
 
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދައުރު:
1. ސަރުކާރުގެ ސިޔާސަތުތަކާއި ވަޢުދުތައް ހާސިލުވާގޮތަށް ފަރުމާކޮށްފައިވޭތޯ ނުވަތަ ނޫންތޯ ބެލުމަށްޓަކައި، ސަރުކާރުގެ އޮފީސްތަކުން ހިންގުމަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން 5 މިލިއަން ރުފިޔާއަށްވުރެ ބަޖެޓް ބޮޑު މަޝްރޫޢުތައް އެ އޮފީސްތަކުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅުމުން، އެ މަޝްރޫޢުތައް ބަލައި އެ މަޤްޞަދުތައް ހާސިލުވާގޮތަށް ފަރުމާކޮށްފައިވާ މަޝްރޫޢުތައް ހިންގުމަށް ހުއްދަދިނުން.
 
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދައުރު:
1. ސަރުކާރުގެ އޮފީސްތަކުން ހިންގުމަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ތައްޔާރުކުރާނެ މިންގަނޑުތަކާއި އެ މަޝްރޫޢުތަކުގެ ސްޓްރަކްޗަރަލް ކުރެހުންތައް ތައްޔާރުކުރާނެ މިންގަނޑުތަކާއި ސްޓޭންޑާރޑްތައް އެކުލަވައިލައި އާންމުކުރުން.
2. ސަރުކާރުގެ އޮފީސްތަކުން ހިންގުމަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން 5 މިލިއަން ރުފިޔާއަށްވުރެ ބަޖެޓް ބޮޑު މަޝްރޫޢުތަކުގެ ޑިޒައިނާއި ސްޓްރަކްޗަރަލް ކުރެހުންތައް ބަލައި މިންގަނޑުތަކަށް ފެތޭ ހުށަހެޅުންތައް ފާސްކުރުން.
3. ސަރުކާރުގެ އޮފީސްތަކުން ހިންގުމަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް އިންޖިނިއަރުންނާއި ކޮންސަލްޓެންޓުންގެ ގޮތުގައި ޢައްޔަންކުރާނެ ޕްރައިވެޓް ސެކްޓަރުގައި ހަރަކާތްތެރިވާ ކުންފުނިތަކާއި ފަރުދުންނާއި ސަރުކާރުގެ އޮފީސްތަކުގެ ވަޒީފާގައި ތިބި މިފަދަ ފަރާތްތަކުގެ ރަޖިސްޓަރީއެއް އެކުލަވައިލައި އެ ރަޖިސްޓަރީ ގަވާއިދުން ބަލަހައްޓަމުން ގެންދިއުން.
4. ސަރުކާރުގެ އޮފީސްތަކުން ހިންގުމަށް ބޭނުންވާ މަޝްރޫޢުތައް ހިންގުމަށް ހުށަހަޅާފައިވާ އަގުތަކަކީ، ބާޒާރުގެ އަގުތަކާ އަޅާބަލާއިރު އެކަށީގެންވާ އަގުތަކެއްތޯ ނުވަތަ ނޫންތޯ ބަލައި ޗެކުކުރާނެ އުސޫލުތަކާއި މިންގަނޑުތައް އެކުލަވައިލައި އާންމުކުރުން.
5. ސަރުކާރުގެ އޮފީސްތަކުން ހިންގުމަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ޢައްޔަންކުރެވޭނެ އިންޖިނިއަރުންނާއި ކޮންސަލްޓެންޓުންގެ ކިބައިގައި ހުންނަންޖެހޭ ފެންވަރާއި އެފަރާތްތަކުގެ މަސްއޫލިއްޔަތު އެކުލަވައިލައި އާންމުކުރުން.
6. ސަރުކާރުގެ އޮފީސްތަކުން ހިންގުމަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ޢައްޔަންކުރެވޭ އިންޖިނިއަރުންނާއި ކޮންސަލްޓެންޓުން ގިންތިކުރުމާއި ގްރޭޑްކުރުމާއި، އެފަރާތްތަކަށް ދެވޭނެ އުޖޫރައިގެ މިންގަނޑުތައް ކަނޑައަޅައި އާންމުކުރުން.
7. ސަރުކާރުގެ އޮފީސްތަކުން ހިންގުމަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ކޮންސަލްޓެންޓުންނާއި އިންޖިނިއަރުން އައްޔަންކުރުން.
8. ސަރުކާރުގެ އޮފީސްތަކުން ހިންގުމަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ޢައްޔަންކުރެވޭ ކޮންސަލްޓެންޓުންނާއި އިންޖިނިއަރުންނާ ހަވާލުކުރެވޭ މަސްއޫލިއްޔަތު އަދާނުކުރާނަމަ، ނުވަތަ މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާ ކުޑަކުރާނަމަ، ނުވަތަ ހިންގަން ހަވާލުކުރެވޭ މަޝްރޫޢުތައް ހިންގުމަށް އެއްބަސްވެވޭ މިންވަރަށް ނުހިނގާނަމަ، ކޮންސަލްޓެންޓުންނާއި އިންޖިނިއަރުންނާމެދުއަޅާނެ ފިޔަވަޅުތައް ކަނޑައަޅައި އާންމުކުރުން.
 
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ދައުރު:
1. ސަރުކާރުގެ އޮފީސްތަކުން ހިންގާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ކޮންޓްރެކްޓް އެގްރީމްންޓްތަކުގައިވާ މިންވަރަށާއި ފެންވަރަށް އަދި އެއްބަސްވެފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތްތައް ނިންމާފައިވާކަމަށް މަޝްރޫޢުގެ ކޮންސަލްޓެންޓުން ނުވަތަ އިންޖިނިއަރުން ސޮއިކުރާ ލިޔުމުގެ މައްޗަށް ރިޢާޔަތްކޮށް، ފައިސާ ދޫކުރުމަށް ކޮންޓްރެކްޓް އެގްރީމަންޓްގައި އެއްބަސްވެފައިވާ ޝެޑިއުލްގައިވާ ގޮތުގެމަތިން މަޝްރޫޢުގެ ކޮންޓްރެކްޓަރަށް ފައިސާ ދޫކުރުން.
ނޯޓު: (ހ) ސަރުކާރުގެ އޮފީސްތަކުން ހިންގަން ބޭނުންވެގެން ހުށަހަޅާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުއްދަ ލިބި އަދި، އެ މަޝްރޫޢު ހިންގުމަށް ބަޖެޓަށް ފައިސާ ލިބިފައިވާ މަޝްރޫޢުތަކުގެ ބަޖެޓްގެ ބޮޑުކަމުން ނުވަތަ އެ މަޝްރޫޢަކީ، ސަރުކާރުން ހިންގަވަން ރަނގަޅުނޫން މަޝްރޫޢެއްކަމަށް ފެންނާތީ ނުވަތަ އިޤްތިޞާދީ ހާލަތަށް ރިޢާޔަތްކޮށް މަޝްރޫޢެއް ހިންގުން ރަނގަޅުނޫން ކަމަށް ބަޔާންކޮށް މަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވާ ފައިސާ، ކަމާބެހޭ އޮފީހަށް ދޫނުކުރުމުގެ އިޚުތިޔާރު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ލިބިގެން ނުވެއެވެ.
(ށ) މަޝްރޫޢު ހިންގާނެ ކޮންޓްރެކްޓަރަކު ޓެންޑަރ އިވެލުއޭޝަން ބޯޑުން ކަނޑައެޅުމުން، މަޝްރޫޢު ހިންގުމަށް ކަނޑައެޅުނު ކޮންޓްރެކްޓަރުގެ ވޭތުވެދިޔަ ދުވަސްތަކުގެ ރިކޯޑަށް ބެލުމަށްފަހު ނުވަތަ އެކޮންޓްރެކްޓަރަކާ ހިންގަން ހަވާލުކުރެވޭ މަޝްރޫޢުތަކުގެ އަދަދު ގިނަވުމުގެ ސަބަބުން ޓެންޑަރ އިވެލުއޭޝަން ބޯޑުން ކަނޑައަޅާ ކޮންޓްރެކްޓަރަކާ މަސައްކަތް ހަވާލުނުކުރުމަކީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ލިބިގެންވާ އިޚުތިޔާރެއް ނޫނެވެ.
 
މަޝްރޫޢު ހިންގުމަށް ބޭނުންވާ ސަރުކާރުގެ އޮފީސްތަކުގެ ދައުރު:
1. ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް އެކުލަވާލައި، މަޝްރޫޢުތަކާ ގުޅޭގޮތުން ފުރިހަމަ ކުރަންޖެހޭ ހުރިހާ އިޖުރާއުތައް ފުރިހަމަކޮށްފައިވާ 5 މިލިއަން ރުފިޔާއަށްވުރެ ބަޖެޓް ބޮޑު މަޝްރޫޢުތައް ހިންގުމުގެ ހުއްދައަށް އެދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅުން.
2. ސަރުކާރުގެ އޮފީސްތަކުން ހިންގުމަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގައި ބެލެހެއްޓުމަށް ޢައްޔަންކުރެވޭ އިންޖިނިއަރުންނާއި ކޮންސަލްޓެންޓުންނަށް ދޭންޖެހޭ ފީ، މަޝްރޫޢުގެ ބަޖެޓް އެކުލަވައިލާ މަރުޙަލާގައި ބަޖެޓުގައި ހިމެނުން.
3. ސަރުކާރުގެ އޮފީސްތަކުން ހިންގުމަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން 5 މިލިއަން ރުފިޔާއަށްވުރެ ބަޖެޓް ބޮޑު ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ޑިޒައިން ތައްޔާރުކޮށް ސްޓްރަކްޗަރަލް ކުރެހުންތައް ކުރަހައި އެ ކުރެހުންތަކުގެ ޑިޒައިނާއި ސްޓްރަކްޗަރތައް ފާސްކުރުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރަށް ހުށަހެޅުން.
4. 5 މިލިއަން ރުފިޔާއަށްވުރެ ބަޖެޓް ކުޑަ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ އެޑްމިނިސްޓްރޭޓިވް އެންމެހައި ކަންކަން އެ އޮފީހެއްގެ ބަޖެޓާއި ފައިސާއާ ބެހޭ ކަންކަން ބަލަހައްޓާ ޑިޕާޓްމަންޓް ނުވަތަ ސެކްޝަނުން ކުރުން.
 
ޓެންޑަރ އިވެލުއޭޝަން ބޯޑުގެ ދައުރު:
1. ސަރުކާރުގެ އޮފީސްތަކުން ހިންގަން ބޭނުންވެގެން ހުށަހަޅާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ދައުލަތުގެ މާލިއްޔަތު ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހިންގައިދޭނެ ފަރާތްތައް ހޯދުމަށް އިޢުލާނުކޮށް ހުށަހެޅޭ ހުށަހެޅުންތައް ބަލައި، ކުރިން ކަނޑައެޅިފައިވާ މިންގަނޑުތަކުގެ ބޭނުންކޮށްގެން މަޝްރޫޢުތައް ހިންގާނެ ކޮންޓްރެކްޓަރުން ކަނޑައަޅައި މަޝްރޫޢުތައް ހަވާލުކުރާނެ ކޮންޓްރެކްޓަރުންނާ ބެހޭ މަޢުލޫމާތު، މަޝްރޫޢުތައް ހިންގަން ހުށަހަޅާފައިވާ ސަރުކާރުގެ އޮފީސްތަކަށް އެންގުން.
ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ރާވައި ހިންގާގޮތަށް މިގެންނެވި ބަދަލާ ގުޅިގެން، އެ މަޝްރޫޢުތައް ރާވައި ހިންގުމުގައި ސަރުކާރުގެ އޮފީސްތަކުގެ ދައުރު މިހާރަށްވުރެ ފުޅާކުރައްވާފައިވީ ނަމަވެސް، އެ މަޝްރޫޢުތައް ހިންގުމަށްޓަކައި ސަރުކާރުގެ އޮފީސްތަކުގައި ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް ނުވަތަ ޑިޕާޓްމަންޓް ނުވަތަ ސެކްޝަން ފަދަ ތަންތަން ނުހެއްދެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ވީމާ، ސަރުކާރުގެ އޮފީސްތަކުން ހިންގުމަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް އެކުލަވައިލެއްވުމާއި، އެ މަޝްރޫޢުތައް ހިންގެވުމުގެ މަސައްކަތްތައް މަތީގައި ދަންނަވާފައިވާ ގޮތުގެމަތިން ކުރައްވަމުން ގެންދެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މަތީގައިވާ ގޮތަށް ކަންކަން ހިންގެވުމުގައި އަސާސްއަކަށް ބައްލަވާނެ ޗާޓެއް މިދެންނެވުމާއެކު އެވަނީއެވެ.
 
އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގެ މަރުޙަލާތައް
       
   
ސަރުކާރުގެ ސިޔާސަތުތަކާއި ވަޢުދުތައް ހާސިލުވާގޮތަށް އަދި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބައްލަވާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތަށް، ސަރުކާރުގެ ވުޒާރާތަކުން އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް އެކުލަވައިލުން.
 
 
 
5 މިލިއަން ރުފިޔާއަށްވުރެ ބަޖެޓް ބޮޑު ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގެ ހުއްދައަށް އެދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ކަމާބެހޭ މިނިސްޓްރީތަކުން ހުށަހެޅުން.
 
 
 
ހުށަހެޅޭ މަޝްރޫޢުތަކުގެ ތެރެއިން ހުއްދަދިނުމަށް ކަނޑައެޅޭ މަޝްރޫޢުތަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުއްދަ ދިނުން.
 
 
 
5 މިލިއަން ރުފިޔާއަށްވުރެ ބަޖެޓް ބޮޑު މަޝްރޫޢުތަކުގެ ޑިޒައިނާއި ސްޓްރަކްޗަރަލް ކުރެހުންތައް ފާސްކުރުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ކަމާބެހޭ އޮފީހުން ހުށަހެޅުން.
 
 
 
ކަމާބެހޭ އޮފީހުން ހުށަހަޅާ ޑިޒައިނާއި ސްޓްރަކްޗަރަލް ކުރެހުންތައް ބަލައި މިންގަނޑުތަކަށްފެތޭ ހުށަހެޅުންތައް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ފާސްކުރުން.
 
 
 
މަޝްރޫޢުތައް ހިންގައި ބަލަހައްޓާނެ ކޮންސަލްޓެންޓުންނާއި އިންޖިނިއަރުން ޢައްޔަން ކޮށްދިނުމަށް އެދި މަޝްރޫޢު ހިންގާ އޮފީހުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ހުށަހެޅުން.
 
 
 
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކޮންސަލްޓެންޓުންނާއި އިންޖިނިއަރުން އައްޔަންކުރުމަށްފަހު، އެމަޝްރޫޢުތައް ހިންގުމަށް ކަމާބެހޭ އޮފީހާ ހަވާލުކުރުން.
 
 
 
ކޮންސަލްޓެންޓުންގެ ބެލުމުގެ ދަށުން ކަމާބެހޭ އޮފީހުގެ ބަޖެޓް/ފިނޭންސް ސެކްޝަނުން މަޝްރޫޢުތައް ހިންގައި ބެލެހެއްޓުން.
 
 
 
މަޝްރޫޢުތަކުގެ އެކި މަރުޙަލާތައް ނިމެމުންދާ ވަރަކަށް ކޮންޓްރެކްޓަރަށް ފައިސާ ދޫކުރަން މަޝްރޫޢު ހިންގާ އޮފީހަކުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ހުށަހެޅުން.
 
 
 
މަޝްރޫޢުގެ ޕްރޮޖެކްޓް ޑޮކިއުމަންޓްގައިވާ މިންވަރަށާއި ފެންވަރަށް އަދި، އެއްބަސްވެފައިވާ މުއްދަތުތަކަށް މަޝްރޫޢުގެ މަރުޙަލާތައް ނިންމަވާފައިވާކަމަށް ބަޔާންކޮށް މަޝްރޫޢުގެ ކޮންސަލްޓެންޓުން ލިޔުން ދީފައިވޭތޯއާއި ފުރިހަމަކުރަންޖެހޭ ހުރިހާ އިޖުރާއުތައް ފުރިހަމަކޮށްފައިވޭތޯ ބަލައި، އެކަންކަން ފުރިހަމަކޮށްފައިވާ ނަމަ، ކޮންޓްރެކްޓް އެގްރީމަންޓްގައިވާ ގޮތުގެމަތިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން ކޮންޓްރެކްޓަރަށް ފައިސާ ދޫކުރުން.